ހަމަ އެއްވެސް މިސްރާބެއް ނެތް!

ބައެއް ފަހަރު މީޑިއާގައި ހުންނަ ސުރުޚީތައް ފެނިފައި ބޯ އަނބުރައި ގަންނަ ގޮތް ވެ އެވެ. އެފަދަ ސުރުޚީތައް ފެނިފައި ހިތަށްއަރަ އެވެ. މިއީ ކޮން މިސްރާބަކަށް ހިންގާ ސަރުކާރެއް ހެއްޔެވެ؟ ކަމެއް ކުރަން ނިންމާއިރު އެ ކަމެއްގެ ދެކޮޅު ބަލަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޕްލޭން ކުރަނީ ކިހިނެއް ހެއްޔެވެ؟ ބޮޑެތި ސިންގާ ކަންކަން އިއުލާން ކޮށްލާއިރު، އެ ކަމެއް ނިންމާނެ މުއްދަތު ގުނަނީ ކޮން ގޮތަކަށް ހެއްޔެވެ؟


މި ސުވާލުތައް ނުއުފެދެންވީ ސަބަބެއް ނެތެވެ. މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނަގަން ނިންމައި ނޯޓިސް ދީފި ކަމަށް އެއް ދުވަހު ސުރުޚީއަކުން ފެނިދާނެ އެވެ. މަސް ދުވަސް ވެސް ނުވަނީސް އަނެއްކާ މި ފެންނަނީ އެ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި ކަމަށް ބުނާ ސުރުޚީއެކެވެ. ނުވަ މަސް ފަހުން އިއްޔެ މި ފެނުނީ "ކާނިވާ ސަރަހައްދުގެ ހުރިހާ ތަނެއް ހުސްކުރަން ނޯޓިސް ދީފި" ކަމަށް ބުނާ ވާހަކައެކެވެ.

މި މައްސަލަ އަށް އެކަނި ބެލިޔަސް ސަރުކާރުގެ ބައެއް ކަހަލަ ސިޔާސަތުތައް ރޭވުމުގައި އެއްވެސް އުސޫލެއް އޮތް ތަނެއް ނުފެނެ އެވެ. ހުރިހާ ވާހަކައެއް ވެސް ދައްކަނީ ހަމަ އެއް މިނިސްޓްރީއަކުންނެވެ. އެ ސިޔާސަތުތައް ރާވަނީ ވެސް ހަމަ އެ މިނިސްޓްރީގެ ވެރިންނެވެ. އެބޭފުޅުންގެ ހިޔާލާ އެކު ކަންކަން ނިންމާއިރު، އަނެއްކޮޅުން މި ފެންނަނީ ހަރުދަނާ ކަމެއް ނެތް ކަމެވެ.

ކާނިވަލުގެ ކެފޭތައް ނަގަން ނޯޓިސް ދިން އަދަދެއް ނޭނގެ އެވެ. ކިންގް ސަލްމާން މިސްކިތުގެ ބައެއް ކާނިވަލުގެ ކެފޭތަކަށް އަރާފާނެތީ އެ ކެފޭތައް ނަގަން ޖެހޭ ކަމަށް އެއް ފަހަރު ބުނެފާނެ އެވެ. އަނެއް ފަހަރު ބުނާނީ ކާނިވާ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ކެފޭތައް ނަގަން ޖެހިއްޖެ ކަމަށެވެ. އެކަން ދުވަހަކު ކާމިޔާބުވާ ކަމަކަށް ނުވެ އެވެ. ބައެއް ކެފޭތަކަށް ނޯޓިސް ދީ، ނެގުމަށް ފަހު، އެހެން މެނޭޖްމަންޓަކުން ހަމަ އެ ތަނުގައި ކެފޭ ހިންގަން ފަށާ ތަން ވެސް ފެނިފައި އެބަ ހުއްޓެވެ. ސަރުކާރަކުން ކުރާ ކަމެއްގައި ނަމަ ހަރުދަނާ ކަމެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު ދެރައީ އެކަން މިކަހަލަ ކަންކަމުން ނުފެންނާތީ އެވެ.

މީގެ ނުވަ މަސް ކުރިން ހައުސިން މިނިސްޓްރީން ބުނީ އާ ހާބަރު ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި އެތަނުގައި ހުރި ކެފޭތައް ނަގާފައި ވަނިކޮށް، އަނެއްކާ ކާނިވަލުގެ ތަންތަން ހުސްކޮށްފި ނަމަ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ކާނިވަލުގެ ކެފޭތައް ނެގުމުގެ ނޯޓިސް މި މަހު ދިނުމަށް ފަހު، ސަބަބެއް ކަމަށް މި ބުނަނީ އެ ސަރަހައްދު ތަރައްގީ ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވުމެވެ. ހައިރާނެއް ނުވާނެ ހެއްޔެވެ؟ އެ ބަޖެޓުގައި އެހެން ޖަހާފައި އޮއްވައި ކާނިވަލުގައި ބައެއް ކެފޭތައް ހަދަން ހުއްދަ ވެސް ދީފި އެވެ. އަދި ބައެއް ކެފޭތަކުގެ ޖާގަ ބޮޑު ކުރުމަކީ ވެސް މައްސަލައަކަށް ނުވި އެވެ. އެ ހުއްދައާ އެކު ބައެއް ތަންތަނުން ބޮޑެތި އިންވެސްޓްމަންޓް ވެސް ކޮށްފި އެވެ.

އޭގެ އެއް މިސާލަކީ ކާނިވާ ސަރަހައްދުގައި އާންމުކޮށް އުދައަރާ ދިމާލުގައި ކެފޭއެއް ހަދަން ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ހުއްދަ ދިނުމެވެ. މި ކެފޭ އަށް ހުއްދަ ދިން އިރު، ކާނިވާ ސަރަހައްދު ތަރައްގީ ކުރަން ބަޖެޓުގައި ޖަހަން ނިންމާފައިވާ ކަމެއް ހަމަ ސަރުކާރަށް ނޭނގޭ ކަމަށް ބުނެފައި ނިންމާލަންވީ ހެއްޔެވެ؟

ޑޮންފިން ކެފޭ އާއި ކުރީގެ ލިލީސްއާ ދެމެދު އޮތް ހުސް ބިމުގައި ހަދަމުން އަންނަ ކެފޭ.---މިހާރު ފޮޓޯ: ނިޝާން އަލީ

ޑޮލްފިން ކެފޭ އާއި ކުރީގެ ލިލީސް ކެފޭއާ ދެމެދު އޮތް ހުސް ސަރަހައްދުގައި މި ބުނާ ކެފޭ ހަދަން ކުއްލި ގޮތަކަށް މިދިޔަ އަހަރުގެ ޖުލައިމަހު އިއުލާން ކުރި ސަބަބެއް ވެސް ނޭނގެ އެވެ. ފެނުނީ އެ ސަަހައްދުގައި ކެފޭއެއް ހަދަން ހައުސިން މިނިސްޓްރީން ބޭނުންވި ތަނެވެ. އެންމެ ހައިރާންވި ކަމަކީ އެ ތަން ހިންގުމަށް ކަނޑައަޅާފައި އޮތީ އެންމެ ދޮޅު އަހަރު ކަމެވެ. މިއީ ވެސް ވަރަށް މަޖާ ކަމެކެވެ. ހުރިހާ ކަމެއް ހުއްޓާލާފައި ކާނިވަލުގެ ސަރަހައްދުން ބަޔަކަށް ރަނގަޅު ފެންވަރުގެ ކެފޭއެއް ހަދަން އެންމެ ދޮޅު އަހަރުގެ މުއްދަތަށް ހުއްދަ ދޭން ޖެހުމަކީ ހަމަ ހިނި އަންނަ ޒާތުގެ ކަމެކެވެ. ފަހަތުގައި ދެން ފޮރުވިފައި އޮތް ކަމެއް ނޭނގެ އެވެ. އިވެނީ މިނިސްޓްރީން ބުނާ ވާހަކަތަކެވެ.

މިފަދަ ބައެއް ކަންކަމުގައި ސަރުކާރުގެ ސީދާ މިސްރާބެއް ނެތް ކަމަށް މި ބުނަނީ މިހެންވެ އެވެ. މި ބުނި ކެފޭ އަދި ހަދައި ނުނިމެ އެވެ. މިހާރު އެ އޮތީ ނޯޓިސް ދީފަ އެވެ. އެތަން ދިނީ ސަރުކާރާ ގުޅުން ހުރި ބަޔަކަށް ކަމަށް ވިޔަސް ނުވަތަ އެ ނޫން ބަޔަކަށް ނަމަވެސް އެ މީހުން ވެސް ފައިސާތަކެއް ހޭދަ ކުރާނެ އެވެ.

ކާނިވަލުގައި ހިންގަމުން އައި ޗިލެކްސް ކެފޭ: ސިވިލް ކޯޓުގެ ހުކުމާ އެކު އެތަން ހުސްކުރަން ހައުސިން މިނިސްޓްރީން ވަނީ އަންގާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކާނިވަލުގެ ކެފޭތައް ހުސްކުރުމުގެ ތެރެއިން މަޝްހޫރުވި "ޗިލެކްސް" ކެފޭގެ މައްސަލަ އަށް އެކަނި ބެލި ނަމަވެސް ފެންނަނީ ނަމަކަށް ކަންތައް ކޮށްލާ ކަމެވެ. ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން ޗިލެކްސް ހިންގާ ބިން، ކުރިން ދީފައި އޮތް މީހާގެ އަތުން ސަރުކާރުން ނަގާފައި ވަނީ ގާނޫނާ ޚިލާފަށެވެ. އެ މީހާއާ ދެމެދު ސަރުކާރުން އޭރު ހެދި އެއްބަސްވުން އަދިވެސ އެބައޮތް ކަމަށް ހުކުމުގައި އޮތީ ބުނެފަ އެވެ. މީގެ ނަތީޖާ އަކީ ޗިލެކްސް މިހާރު ހިންގާ މީހުން އެތަނުން ކުއްލި ގޮތަކަށް ނުކުންނަން ޖެހުމެވެ. ހަމަ ސަރުކާރުން ކަންކަން ކުރުމުގައި ގާނޫނުތަކާއި އެއްބަސްވުންތަކަށް ނުބެލުމުގެ ނަތީޖާ އެވެ.

ކާނިވާ ސަރަހައްދު ތަރައްގީ ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެތަނުގެ ތެރޭގައި ހަމައެއް ލަމައެއް ނެތެވެ. ބައެއް ފަހަރު އެއީ ޕާކިން ޒޯނެކެވެ. ހަލާކުވެ، ބާވެފައި ހުންނަ ވެހިކަލްތަކުގެ މަރުކަޒެކެވެ. އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ކެއުން ބުއިމުގެ ޚިދުމަތް ހޯދާ މި ތަނުގައި ވެހިކަލްތައް ޕާކްކުރުމުގައި އެއްވެސް އުސޫލެއް ނެތެވެ. ވިއްސާރަ ދުވަސްވަރެއްގައި ހިނގާފައެއް ނޫޅެވޭނެ އެވެ. ފެންބޮޑުވެ، ކިސަޑު ހެދެ އެވެ. އެތަނުގެ ފަސްގަނޑަށް ދިރުމެއް އަންނަނީ ވެރިކަން ކުރާ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާ ފަހަރަކު އެވެ. ވެލި އަޅައި ފަސްގަނޑު އެއްވަރުކޮށް ހަދަ އެވެ. އޭގެ ފަހުން ދެން ކިތަންމެ ގިނަ ބަޔަކަށް އުނދަގޫވިޔަސް ސަރުކާރަށް ވަރިހަމަ އެވެ.

ކާނިވަލެކޭ އެއްފަދައިން މާލޭގެ ހުޅަނގު ދެކުނު އާ ހާބަރު ސަރަހައްދުގެ ވާހަކަ ވެސް ދައްކަމާ ހިނގާށެވެ. އެއީ އަދި މާ ހިތާމަވެރި ވާހަކައެކެވެ. އެތަން ނިމޭނެ އިރެއް އަދިވެސް ނޭނގެ އެވެ.

އާ ހާބަރުގެ ފުޑްކޯޓުތައް ހަދާ ސަރަހައްދުގައި ޓިނުން ފެންސް ޖަހާފައި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

އާ ހާބަރުގައި ޒަމާނީ ފެންވަރަށް، އެއް ފެންވަރެއްގެ ފުޑް ކޯޓު ހަދަން ހައުސިން މިނިސްޓްރީ އާއި އެސްޓީއޯއާ ދެމެދު ސޮއިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އާ ފުޑް ކޯޓުތައް ހުޅުވަން ކަނޑައަޅާފައި އޮތަކަސް، ނަތީޖާ އަދި ނުފެނެ އެވެ. އޭގެ އަމަލީ މަސައްކަތް އެސްޓީއޯ އިން ބަޔަކާ ހަވާލުކޮށް ނިންމަން ދިން މުއްދަތު ވެސް ފާއިތުވެ މި އޮތް ހިނގަނީ އެވެ. ފުޑް ކޯޓުތަކުގެ މަސައްކަތް މި އަހަރުގެ މާޗް ގެ ނިޔަލަށް ނިމޭނެ ކަމަށް ބުންޏަސް އެކަމެއް ނުވި އެވެ.

އާ ހާބަރު ސަރަހައްދުގައި ހުރި ކެފޭތަކުން އެތައް ބަޔަކަށް ބޮޑެތި ފަސޭހަތަކެއް ލިބެމުން ދިޔަޔަސް، އާ ފުޑް ކޯޓުތަކުގެ މަސައްކަތް ފެށުމުގެ ނަމުގައި، އެތަނުގައި ހުރި ކެފޭތައް ނެގުމުން އޭގެ އުނދަގޫ ބޮޑެވެ. ސަރުކާރުން ކަނޑައެޅި ތާރީޚު ދެ ފަހަރު ވެސް މިވަނީ ފަސްވެފަ އެވެ.

އާ ހާބަރު ސަރަހައްދަށް ރަށްރަށުން ގިނަ އަދަދެއްގެ އޮޑިދޯނިފަހަރު އާދެ އެވެ. ސިނާއީ މަސައްކަތްތައް ހިނގަ އެވެ. އަދި ވިލިމާލެ ފެރީ ޓާމިނަލް ވެސް އެ ހިސާބުގައި ހުރިއިރު، ފަސޭހައިން ކެއުންބުއިމުގެ ޚިދުމަތް އެ ސަރަހައްދުން ލިބެން ނެތުމުގެ ޝަކުވާ ބޮޑެވެ.

މިފަދަ އެތައް ކަމެއް އަދިވެސް ދެއްކިދާނެ އެވެ. ރަސްފަންނުގައި ހަދަން ނިންމި ޕެވިލިއަން ވެސް ހަމަ މިހެންނެވެ. ހަ މަސް ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޕެވިލިއަން ތަރައްގީކޮށް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ދުރުގައި ބަލަން ތިބި މީހުންނަށް މިއިން ކޮންމެ ކަމަކުން ފެންނަނީ ކުއްލިކުއްލި އަށް ބަދަލުވާ ސިޔާސަތުތަކުގައި މައްސަލަ ހުރި ކަމެވެ. ކަންކަން ރަނގަޅަށް ނުކުރެހުމުގެ ސަބަބުން ނުވަތަ ބައްޓަން ނުކުރެވުމުން، ބޮއްސުންލާ ތަނެވެ. ވަކި ކަމެއް ކިޔާނެ ކަމެއް ނެތެވެ. ސިޔާސަތުތައް ދެއިރު ދެ ދަޅަ އަށް ބަދަލުވާތީ އަމާޒާ ހަމައަށް ވާސިލްވާން އުނދަގޫ ވަނީ އެވެ. އެއް ކަމެއްގެ ސިޔާސަތު ބަދަލުވާ ގޮތުގެ ސުރުޚީތައް ފެނުމުން ހައިރާންވަނީ އެހެންވެ އެވެ.