އިހަވަންދޫ ކައުންސިލުން ބިދޭސީންނާ ދެކޮޅަށް އިއުލާންކުރި "ކާފިއު"

މިދިޔަ ހުކުރު ދުވަހު ހއ. އިހަވަންދޫގައި މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލާއާ އެކު ދެން އައީ މާ ހައިރާން ކުރުވަނިވި ޚަބަރެކެވެ. އެއީ އެރަށު ކައުންސިލުން ބިދޭސީންނާ ބެހޭ ގޮތުން ނިންމި ނިންމުމެވެ. އެ މަރުގައި އަމަލީ ގޮތުން ބިދޭސީން ބައިވެރިވާކަން ހާމަވުމުން އެ ކައުންސިލްގެ "ރުޅިގަނޑު" އެރަށުގައި ތިބޭ އެހެން ބިދޭސީންނަށް އަމާޒުވީ އެވެ.


ކައުންސިލްގެ ޖަލްސާއެއްގައި ނިންމީ ވަކި ކަންތައްތަކެއް އެރަށުގައި ތިބޭ ބިދޭސީން ކުރުން މަނާ ކަމަށެވެ. އެ ނިންމުން ބައެއް މީހުންނަށް ކަމުދިޔަ އިރު އަނެއް ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އިހަވަންދޫ ކައުންސިލްގެ ނިންމުމުގައި މައިގަނޑު ހަ ކަމެއް ބިދޭސީންނަށް ވަނީ މަނާކޮށްފަ އެވެ. އެއީ ރޭގަނޑު 10:00 ގެ ފަހުން ގެއިން ބޭރުގައި އުޅުމާއި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން 5:30 އާ ދެމެދު ފިޔަވައި އެހެން ގަޑިތަކުގައި ބިދޭސީން ގްރޫޕް ހަދައިގެން އުޅުމާއި ކައުންސިލްގެ ބާރު ހިނގާ ސަރަހައްދުން މަސްވެރިކަން ކުރުމާއި ރަށުގެ ވަލުން ކާށްޓާއި ދަރާއި ފަން ފަދަ ތަކެތި ހޮވުމާއި ކުނި އުކާލަން ފިޔަވައި އެހެން ބޭނުމަކު ބިދޭސީން ރަށުގެ ކުނިގޮނޑަށް ދިއުމާއި ދައުވަތު ނުދޭ ހަފުލާތަކަށް ދިއުމެވެ.

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ބިދޭސީން އިސްތިސްނާވާ ގޮތަށް، އެ ނިންމުން އެގޮތަށް ނިންމަން ޖެހުނު ސަބަބެއް ކަމަށް އެރަށު ކައުންސިލުން ބުނަނީ ރަށުގައި އާދަޔާ ޚިލާފަށް ބިދޭސީން ގިނަވެ، އޭގެ ސަބަބުން ރައްޔިތުންނަށް އުނދަގޫ ފޯރަމުން ދިއުމެވެ. އޭގެ މިސާލެއްގެ ގޮތުން ކައުންސިލުން ދެއްކީ މިދިޔަ ހުކުރު ދުވަހު އެރަށުގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) މަރާއި 2002 ގައި އެރަށުގެ 16 އަހަރުގެ އަންހެން ކުއްޖަކު މަރާލުމުގައި ވެސް ބިދޭސީން ބައިވެރިވެފައި އޮތުމެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެރަށުގައިި ގިނަވުމަކީ ވެސް ކައުންސިލްގެ ކަންބޮޑުވުމެކެވެ. އެކަމަކު ގަވާއިދާ ޚިލާފަށް ބިދޭސީން އުޅުމާއި ބައެއް ބިދޭސީންގެ ފަރާތުން އާންމުންނަށް އުނދަގޫތައް ކުރިމަތިވުމުން އޭގެ ޒިންމާ ހުރިހާ ބިދޭސީން އުފުލަން ޖެހޭ ގޮތަށް ސިޔާސަތެއް ބައްޓަން ކުރުމުން، އެއް ބަޔަކު ނެގީ ތަންކޮޅެއް ބޮޑުވަރުގެ ކަމެއްގެ ގޮތުގަ އެވެ.

ބިދޭސީންގެ ފަރާތުން އާންމުންނަށް އުނދަގޫވާ ނަމަ ފިޔަވަޅު އަޅަންވީ އެވެ. ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ ނަމަ އެކަން އިމިގްރޭޝަނަށް ވެސް އަންގައިގެން ގައުމަށް ފޮނުވާލަންވީ އެވެ. އެކަމަކު އޭގެ ބަދަލުގައި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް ޝާމިލްވާ ގޮތަށް، "އުގޫބާތެއް" ދޭން ޖެހެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. މަދަނީ ބައެއް ޖަމްއިއްޔާތަކާއި ވަކިވަކި ފަރުދުން ވެސް ދަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިހަވަންދޫ ކައުންސިލްގެ ނިންމުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ބާތިލްކޮށްފަ އެވެ.

އިމާރާތެއް އެޅުމުގެ މަސައްކަތް ބިދޭސީން ކުރަނީ: ބިދޭސީންނާ މެދު އިހާނެތިކޮށް އަމަލު ކުރުން ރާއްޖޭގައި އާންމު - ފޮޓޯ: މިހާރު

ރާއްޖޭގައި ލައްކައެއްހާ ބިދޭސީން އުޅޭއިރު އެ މީހުންނާ މެދު އިިހާނެތިކޮށް ނުވަތަ ލާއިންސާނީ ގޮތްގޮތަށް އަމަލު ކުރުމަކީ ކުރިންސުރެ އޮތް އާދައެކެވެ. މުސާރަ ނުދިނުމާއި ދިރިއުޅޭ ތަނުން ބޭރުކޮށްލުމާއި އަނިޔާ ކުރުމާއި ޖެއްސުން ކުރުން ފަދަ އެތައް ކަމެއް ދިވެހިން ހިންގަ އެވެ. އެފަދަ ކަންކަމާ މެދު ކަމާ ބެހޭ މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކުރިޔަސް މާ ބޮޑެތި ފިޔަވަޅުތަކެއް ނޭޅެ އެވެ.

އިހަވަންދޫ ކައުންސިލްގެ ނިންމުމަކީ ދައުލަތުގެ މުއައްސަސާއަކުން ބިދޭސީންނާ މެދު އެފަދަ "ލާއިންސާނީ" ފިޔަވަޅެއް ރަސްމީކޮށް އެޅި ފުރަތަމަ ފަހަރެވެ. އެއް ނަޒަރަކުން ބަލާއިރު އެއީ "ޖަޒްބާތީ" ނިންމުމެކެވެ. އޭގެ ސަބަބުން ބައެއްގެ ހައްގުތައް ހިމާޔަތްވުމަށް ވުރެ ބޮޑަށް، ބިދޭސީންގެ ހައްގު ނިގުޅައިގަތުމަށް ހިތްވަރު ލިބޭކަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ.

"އެ މީހުންގެ ބާރުގެ ދަށުގައި ތިބި ބައެއް ވީމަ ބޭނުން ގޮތެއް ހަދައި، ކުޑައިމީސް ކުރީ. އެއީ އިންސާނުންނާ ދޭތެރޭ އަމަލުކުރާ އުސޫލެއް ނޫން،" ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލްގެ ނިންމުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު އެއީ ބިދޭސީންގެ މައްޗަށް ހިންގާފައި އޮތް "ކާފިއު"އެކެވެ. ކައުންސިލްގެ އެ ނިންމުމުގައި އަންގާފައި އޮތީ އާންމުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އިމަޖެންސީ) ކުރިމަތިވުމުން އަންގާ ފަދަ އެންގުންތަކެކެވެ. ބައެއް ހައްގުތައް ހިފެހެއްޓުމުގެ ބާރު ލިބިގެންވާ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނު އަސާސީ ބުނާ ގޮތުން، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވޭނެ ހާލަތެކެވެ. އެއީ އެއްވެސް ކައުންސިލަކަށް ނުވަތަ އެހެން މުއައްސަސާއަކަށް އޮންނަ ބާރެއް ނޫނެވެ.

އެފަދަ ނިންމުމެއް ނިންމުމުގެ ބާރު ކައުންސިލަށް ލިބިގެންނެއް ވެސް ނުވެ އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ރަށު ކައުންސިލްތަކުގެ ބާރުތަކުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބަޔާން ކޮށްފައި އޮތީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދިނުމާއި ތަރައްގީގެ ކަންކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރުމާއި ރަށުގެ ބިމާ ބެހޭ ކަންކަން ބެލެހެއްޓުމާއި އާންމު ތަންތަން ބެލެހެއްޓުން ފަދަ ކަންކަމެވެ.

ކުށްކުރުން ހުއްޓުވުމާ ބެހޭ ގޮތުން އެ މާއްދާގައި ބުނަނީ ރަށުގައި އަމާން ވެއްޓެއް ގާއިމްކުރަން ފުލުހުންނާ ގުޅިގެން ކުރެވެން ހުރި ކަންކަން ކުރުމާއި އެއްވެސް މީހަކު ގާނޫނާ ޚިލާފް ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގު ކުރަން ފުލުހުންނަށް އެހީވުމެވެ. އޭގެ ބަދަލުގައި އެއްވެސް ކަމެއް މަނާކުރުމާއި ކަންކަން ހުއްދަ ކުރުމުގެ ބާރު އެ ގާނޫނުން ކައުންސިލްތަކަށް ދީފައެއް ނެތެވެ.

ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނެއްގައި މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކު ވެސް ހުރަސް އަޅައި، ހުއްޓުވައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާއިން ސާފުކޮށް އެނގޭ އެއް ކަމަކީ މީހަކު ނުވަތަ ބަޔަކު ކުރާ ކަމެއް ހުއްޓުވޭނީ ނުވަތަ މަނާ ކުރެވޭނީ ގާނޫނަކުން ބާރު ލިބިގެން ކަމެވެ. އެ ނޫން ގޮތަކަށް ކަންކަން ހުއްޓުވައި، މަނާކުރުމަކީ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ނޫނެވެ. އެހެނަސް، ކައުންސިލްގެ އެ ނިންމުމުގައި ބިދޭސީންނަށް މަނާކުރީ މިހާރު ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ބިދޭސީންނަށް މަނާކޮށްފައި އޮތް ކަންތައްތަކެއް ނޫނެވެ.

ގާނޫނު އަސާސީގެ 20 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނު ހިންގުމުގައްޔާއި ގާނޫނުން ލިބިދޭ މަންފާތަކާއި ރައްކާތެރިކަން ލިބުމުގައި އެންމެން ވެސް ހަމަހަމަ ވެގެން ވެ އެވެ. އަދި ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނަނީ އެ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާ ބެހޭ ބާބުގައި ބަޔާންކުރާ ކޮންމެ ހައްގެއް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެންނަށް ލިބިގެންވާ ކަމަށެވެ. އެ ހައްގުތައް ދިނުމުގައި އެ މީހަކު އުފަންވީ ގައުމަކަށް ނުވަތަ އެ މީހެއްގެ ނަސްލަކަށް ނުވަތަ އެހެން އެއްވެސް ކަމަކަށް ބަލައިގެން ނުވާނެ ކަމަށް އެ މާއްދާގައިވެ އެވެ.

އެ ދެ މާއްދާ އަށް ޖުމްލަ ގޮތެއްގައި ބެލުމުން ސާފުވާ ކަމަކީ ގާނޫނު ހިންގުމުގައި އަދި ގާނޫނުގެ މަންފާތައް ލިބިދިނުމުގައި މުއްސަނދިންނާއި ފަގީރުން ތަފާތު ނުކުރެވޭ ބީދައިން ދިވެހިންނާއި ބިދޭސީން ވެސް ތަފާތު ނުކުރެވޭނެ ކަމެވެ. އެކަމަކު ކައުންސިލްގެ އެ ނިންމުމުގައި އެ އޮތީ ވަރަށް ސާފުކޮށް، ބިދޭސީންނާއި ދިވެހިން ތަފާތުކޮށްފަ އެވެ. އަދި އެ ތަފާތުކުރީ ވެސް އެކަށީގެންވާ ސަބަބެއް ނެތި އަދި ގާނޫނީ ބާރެއް ވެސް ނެތި އެވެ.

ބިދޭސީންގެ މައްސަލަ ހަގީގަތުގައި ވެސް ރާއްޖޭގައި ވަރަށް ބޮޑެވެ. އެހެންވިޔަސް، ބިދޭސީންނާ މެދު ވެސް އަމަލު ކުރެވެން ޖެހޭނީ އިންސާނީ ހައްގުތަކުގެ އުސޫލުތަކާ ޚިލާފް ނުވާނެ ގޮތެއްގެ މަތިންނެވެ.