ސާރާ:
03 ސެޕްޓެމްބަރ 2017 - 06:52
ކިރިޔާ މަރުނުވި ހާދިސާއަކުން ކުރި ފުރަތަމަ ތަޖުރިބާ އަށް ފަހު ސާރާ މުހައްމަދު ހީކުރީ އެއީ އޭނާ ރާޅަށް ދާނެ ފަހު ފަހަރު ކަމަށެވެ. ފައިގެ ވާގަނޑު ގަލެއްގައި އަޅައިގަނެ ސާފް ބޯޑާ އެކު ބިޔަ ރާޅުތަކާ ލައި ތަޅަތަޅައި އޮތް ދުވަހު ބޮޑެތި އެތަކެއް އަނިޔާތަކެއް ލިބުނެވެ. އެކަމަކު ހަފްތާއެއް ފަހުން އަނެއްކާވެސް ބޯޑު ހިފައިގެން ގޮސް އޭނާ އޮތީ މޫދުގަ އެވެ. ރާޅުތައް ސާރާ، 25، ގެ ހިތް ދަމައިގަނެގެން ގެންދިޔައީ އެވެ.
މަޝްހޫރު "ބްލޫ ބޯލްސް" ރާޅުގަނޑު އޮންނަ ގދ. ވާދޫގައި ތިން ކުދިންގެ މަންމަ ދުވަސްތައް ހޭދަކުރަނީ އެތައް ކަމެއްގައި އަވަދިނެތި އެވެ؛ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މަގު ދައްކައިދިނުމެވެ. ބައެއް ފަހަރު އެ މީހުންނަށް ކައްކާފައި ކާން ދިނުމާއި އެ މީހުން އުޅޭ ތަން ސާފުކޮށްދިނުމެވެ. ރަށުގެ އިޖުތިމާއީ ހަރަކާތްތަކެވެ. އަހަރަކު އެއްފަހަރު އޭނާ އިންތިޒާމްކުރާ ރާޅާއެޅުމުގެ މުބާރާތެވެ.
މާލޭގައި ސެކަންޑްރީ ތައުލީމް ހާސިލްކުރި ސާރާ އަށް، ރަށުގެ ހިތްގައިމު މާހައުލާ ވަތްކެއް ނުވެވޭނެ އެވެ. އަދި ރާޅާއެޅުމަކީ ދުރު ނުވެވޭ ވަރަށް އޭނާގެ ލެއާ ގުޅިލާމެހިފައިވާ ކަމެކެވެ.
"ވަރަށް ދެވިހިފާ ކަހަލަ ކަމެއް މިއީ. އެއް ރާޅު ވެސް ދުއްވާލެވިއްޖެއްޔާ ހުރިހާ ފިކުރުތަކެއް ފިލައިދިޔައީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ،" ކުދިން ވެސް ގޮވައިގެން ރާޅަށް ދާ ޒުވާން މަންމަ ބުނެލި އެވެ.
ސާރާ ރާޅާއަޅަން ދަސްކުރަނީ: އޭނާ ބުނަނީ "އަދިވެސް މޮޅެއް ނޫން" ކަމަށް.
ސާރާ މިހާރު އަންނަނީ އޭނާ ފަދައިން ކުޑައިރުއްސުރެ ރާޅާއަޅަން ބޭނުންވެފައި ތިބި ކުޑަކުދިންނަށާއި ޒުވާނުންނަށް އެ މަގު ކޮށައިދެމުންނެވެ. އޭނާގެ ފުރާވަރުގައި އެ ރަށަށް ރާޅާއަޅަން ޓޫރިސްޓުން މަދުމަދުން ގޮސް އުޅުނު އިރު އެކަން ކުރާ ހިތުން ހުރި ވަރު ސާރާ ހަނދާން އެބަހުއްޓެވެ. މިހާރު ޓޫރިސްޓުން އިތުރުވެ "ބްލޫ ބޯލްސް"ގެ މަގްބޫލުކަން ބޮޑުވެފައި އޮތް އިރު ވެސް ރަށު މީހުންނަށް ރާޅުގަނޑުގެ އެންމެ އެދެވޭ ބޭނުމެއް ނުހިފެ އެވެ. އެކަން ދަސްކޮށްދޭނެ މީހަކު ނެތިފައި ބޭނުންވާ އެއްޗެހި ވެސް ނުލިބެނީ އެވެ.
ރަށަށް ގޮސް އުޅޭ ޓޫރިސްޓުންގެ ބޯޑުގައި ފިރިހެންކުދިން ރާޅަށް ގޮސް އުޅުނު ގޮތަށް ދާން ސާރާ ކިތަންމެ ބޭނުންވިޔަސް ބައިވެރިވާނެ އަންހެންކުއްޖަކު ނެތި އެންމެ ފުރަތަމަ މާޔޫސްވެފައި ހުރީ އެވެ. އެކަމަކު ފަހުން ރައްޓެހި އަންހެންކުދިންތަކަކާ އެކު، ފިރިހެންކުދިންގެ އެހީތެރިކަން ލިބިގެން، ދަސްކުރަން ފެށި އެވެ. ތިން ފޫޓާއި އަށް ފޫޓާ ދެމެދުގެ ބިޔަ ރާޅު ނަގާ "ބްލޫ ބޯލްސް" އަށް ދިޔުމުގެ ކުރިން ސާރާމެން ފަރިތަކުރަން ގޮސް އުޅުނީ ކައިރީގައި އޮންނަ "ހުޓިކޮޑާ" އަށެވެ. ސީދާ ގޮނޑުދޮށަށް ކުދި ރާޅު ބިންދާ އެ ސަރަހައްދުގައި އެ މީހުންނަށް އެނގުނު ގޮތަކަށް ރާޅާއަޅަން މަސައްކަތްކުރި އެވެ.
ރާޅާއެޅުމަކީ ކޮބައިކަން ރަނގަޅަށް ދަސްކުރަން ސާރާ އަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު "ރާޅު އެދުރު" ވާދު އަށް ކުރި ދަތުރުގަ އެވެ. ރަށްރަށަށް ގޮސް ރާޅާއަޅަން ދަސްކޮށްދޭ އެ ގްރޫޕުގެ ޕްރޮގްރާމްގައި ވާދޫގެ ފަންސާހަކަށް ކުދިން ވަނީ ބައިވެރިވެފަ އެވެ. ސާރާ އާއި އިތުރު ދެތިން ޒުވާނުން ފިޔަވައި މުޅިން ވެސް ކުޑަކުދިންނެވެ.
"އެ މީހުންނަށް އެހީތެރިވެދޭން ގޮސް އުޅުނީ ދަސްކުރަން ވެގެން. ބޮޑަށް ޓްރެއިންވާން ބޭނުންވީ،" ސާރާ ބުންޏެވެ.
އެއަށް ފަހު އޭނާ އެނބުރުނީ ރަށުގައި އޮތް ރާޅާއެޅުމުގެ ރޫހު ކުރިއެރުވުމުގެ މަސައްކަތަށެވެ. މިދިޔަ އަހަރު އޭނާ ވަނީ "ލިއްގެހުދަޓާ"ގެ ނަމުގައި ރާޅާއެޅުމުގެ މުބާރާތެއް ތައާރަފްކޮށްފަ އެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ބާއްވަން ނިންމާފައިވާ އެ މުބާރާތުގައި ފުރަތަމަ ފަހަރު ވެސް 52 ކުއްޖަކު ބައިވެރިވި އެވެ.
"ފެނޭ، ވަރަށް ގިނަ ކުދިން ޝައުގުވެރިވެފައި ތިބޭ ތަން. މީހުން ބޭނުންކޮށް ހަލާކުވެފައި ހުންނަ ބޯޑުތައް ހިފައިގެން ދަސްކުރަން ގޮސް އުޅޭ. އެ ތަން ފެނިފައި ހިތަށް އެރީ ސާރާ އަށް އެނގުނު މިންވަރަކުން އެ ކުދިން ތަމްރީންކޮށްދޭނީއޭ. އެހެންވެ އަމިއްލަ އަށް އިސްނަގައިގެން ރަށުގެ އެންމެންނާ މަޝްވަރާކޮށްފައި އެންމެން ވެގެން މުބާރާތް ބޭއްވީ. އެންމެ ފުރަތަމަ، ތިން ދުވަހުގެ ޓްރެއިނިންއެއް ހިންގައިގެން ދަސްކޮށްދިނީ. ދެން މުބާރާތް ބޭއްވީ،" ސާރާ ބުންޏެވެ.
"އޭގެ ނަތީޖާ ވަރަށް ރަނގަޅު. ގިނަ ކުދިންނަށް ފަތަން އެނގި، ބޯޑު ބެލެންސްކުރަން އެނގި، ދުއްވަން އެނގުނު. ދަސްކުރަން ދާން ކުދިން އެދުނީމަ، ގިނަ މައިންބަފައިން ޖެހިލުންވޭ ފޮނުވަން. އެކަމަކު މުބާރާތެއް ގޮތަށް ބޭއްވީމަ ރަށުގެ ވަރަށް ގިނަ މީހުންގެ ސަޕޯޓް ލިބުނު."
"ލިއްގެހުދަޓާ" މުބާރާތުގެ ބައެއް ބައިވެރިން ގޮނޑުދޮށުގައި އިށީނދެލައިގެން
މި އަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނަ ސާރާގެ އުއްމީދަކީ އަތޮޅުގެ އެހެން ރަށްރަށަށް ވެސް "ލިއްގެހުދަޓާ" ހުޅުވާލުމެވެ. އެކަމަކު އޭނާ ބުނިގޮތުގައި ބޯޑުތަކާއި އެ ނޫން ވެސް ސާމާނު ނެތުމުގެ ގޮންޖެހުން ވަރަށް ބޮޑެވެ. ރަށް ގިރުމުގެ ސަބަބުން ވެއްޓެން ކައިރިވެފައި ހުރި މުސްކުޅި ނިކަ ގަހަކަށް ނިސްބަތްކޮށް، ހުވަދޫ ބަހުރުވައިން ނިކަ ގަހަށް ކިޔާ ނަމުން ނަން ދީފައިވާ މުބާރާތުގައި، މިދިޔަ އަހަރު 52 ބައިވެރިން ބޭނުންކުރީ އެންމެ ފަސް ބޯޑެވެ.
"ލިބެނީ ވެސް ވަރަށް ކުދިކުދި ބޯޑުތައް. ބޯޑުތަކާ ބަރުދަނާ ދިމާނުވާ މައްސަލަ ވަރަށް ބޮޑު. ކުދިކުދި ބޯޑުތަކަށް ބޮޑެތި މީހުން އެރީމަ ނުވެސް ދުއްވޭ،" ސާރާ ފާހަގަކުރި އެވެ.
އެކަމަކު ވެސް، ރަށުގެ ކުޑަކުދިންނާއި ޒުވާނުންގެ ރޫހު ސާރާ އަށް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އުމުރުން އެންމެ ހަތް އަހަރާއި ފަސް އަހަރާއި ތިން އަހަރުގައި އޭނާގެ އަމިއްލަ ކުދިން ވެސް ރާޅަށް ދެ އެވެ. ސާރާ ބުނިގޮތުގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ވާދޫގެ ބޮޑެތި މީހުން ވެސް ރާޅާއަޅަން ޝައުގުވެރިވެ އެވެ. އެކަމަކު އޭނާއެކޭ އެއްފަދައިން އެ އެންމެން ވެސް ތިބީ ބޯޑާއި ތަމްރީން ނުލިބިފަ އެވެ.
"އަސްލު އެހާ މޮޅެއް ނޫން. ބޭނުންވާ ވަރަކަށް މޮޅެއް ނޫން. އެކަމަކު އިރާދަކުރެއްވިއްޔާ ވާނެ،" އަމިއްލަ ހުނަރާ ބެހޭގޮތުން ސާރާ ބުނެލި އެވެ.
ސާރާ (ކ) އެހެން ބައެއް ރާޅާއެޅުންތެރިންނާ އެކު
ޓޫރިސްޓުންނަށް ޚިދުމަތް ދޭ ބްލޫ އޯޝަން މޯލްޑިވްސްގެ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރާ ސާރާ ފާހަގަކުރިގޮތުގައި އެންމެ ގެސްޓް ހައުސްއެއް ހުރި ރަށުގައި ޓޫރިޒަމް ފުޅާވާން ޒުވާނުން ބޭނުންވެ އެވެ. އަދި ރާޅާއެޅުން އާމްދަނީ ލިބޭ މަސައްކަތަކަށް ބަދަލުވާނެ ދުވަހަކަށް އެ މީހުން އިންތިޒާރުކުރެ އެވެ.
"ގިނަ އަދަދެއްގެ ސާފަރުން އުޅޭ ރަށަކަށް ވެފައި ރާޅާއަޅައިގެން އާމްދަނީއެއް ލިބުމަކީ ޒުވާނުން ވަރަށް އެދޭ ކަމެއް. އޭރުން ރަށުގައި ތިބެގެން، ކުރާ ހިތްވާ ކަމަކުން އާމްދަނީ ހޯދޭނެ،" ސާރާ ބުންޏެވެ.
ވާދޫ ހަ އަހަރުގެ ކުއްޖަކު ރާޅާ އަޅަނީ.
އޭނާ އަށް ވެސް، ރަށު ލޯތްބާއި ރާޅު ލޯތްބަކީ އެކައްޗެކެވެ. ފިރިމީހާ އާއި ތިން ކުދިންނާ އެކު ހަޔާތް ވޭތުކުރަން އެއަށް ވުރެ ވަކިން އުފާވެރި ގޮތެއް ސާރާއަކަށް ނެތެވެ.
"އަސްލު ބޭނުންވަނީ ރަށުގައި ހުރެގެން ރަށުގެ ކުރިމަގަށް، ރަށުގެ ތަރައްގީ އަށް ކަންތައްތަކެއް ކުރަން،" ރަށު ކައުންސިލްގެ ގޮނޑިއަކަށް 2014ގައި ވާދަކޮށްފައިވާ ސާރާ ބުނެލި އެވެ.
ސާރާ މުހައްމަދު
ފުރަތަމަ ފަހަރަށް "ބްލޫ ބޯލްސް" އަށް ދިޔަ ދުވަހު އަނިޔާވެ، ބޯ މައްޗަށް ބިންދަމުން ދިޔަ ރާޅުތަކު ތެރޭގައި ގެނބެމުންދިޔަ އިރު ދިރިހުންނާނެ ކަމުގެ އުއްމީދު ސާރާ އަށް ގެއްލުނެވެ. އެކަމަކު ފައިގެ ވާގަނޑު ނައްޓާލައިގެން އަމިއްލަ އަށް ސަލާމަތްވާނެ ހިތްވަރު އޭނާ ވަނީ ހޯދައިފަ އެވެ. އެ ބިރުވެރި ތަޖުރިބާ އަށް ފަހު އަނެއްކާވެސް އެނބުރި ރާޅުގަނޑަށް ދިޔަ ގޮތަށް، ރަށު މީހުންގެ ހިތުގައި ޖަހާ ރާޅު ވިންދު އަޑުއެހުމުގެ ހިތްވަރު ވެސް ސާރާގެ އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދވއސް
05 September 2017
ރާއްޖޭގައި ފިރިހެނުންނަށްވުރެން އަންހެނުން ފަލަކަމަ ޔޫއެންގެ ރީޕޯޓަކުން ދަށްކަނީ. މިކަހަލަ ކުޅިވަރުގައި ބައިވެރިވުމުން ޖިމަށް ނުގުސް ކަސްރަތުލިބޭނެ. މިކަން ކުރާ ބަޔަކަށް ވަރަށް ސާބަސް.
ޢަރީފު
04 September 2017
ރާޅާ އެޅުމުގެ ފޯރި ޜާއްޖެއަށް ގެނައީ ރ ރަސްމާދޫ ޒުވާން ކުދިންގެ ބުރަ މަސައްކަތާ އެކު. ޚާއްޞަކޮށް އިބޫ އާއި ކޮއްކޮ ފުކު ގެ މަސައްކަތް. މިއަދުވެސް ރާއްޖޭގެ 1 ވަނަ. ފަޚުރުވެރި ކުދިން ކޮޅެއް. ފަޚުރުވެރި ޝަރަފުވެރި ރަށެއް.
ކޮކޯ އަލީ
03 September 2017
އަހަރެން ސާރާ ދެކެ ލޯބިވަނީ މިކަހަލަ އެތައް ސަބަބު ތަކަކަށްޓައި!
ވިސްނަބަލަ
03 September 2017
ރާޅާ އެޅުމަކީ އެއީ ހުރިހާ އަންހެން ވެރިން ވެސް ކުރަން ރަނގަޅު ކަމެކެވެ. އެކަން ކުރަންވީ އެވެ. އެކަމަކު އެކަން ކުރަން ޖެހޭނީ އެކަމަށް ކަނޑައެޅިފައި އޮންނަ ސްޓޭންޑަރޑް ގައި އެކަން ކުރަން އޮންނަ ގޮތަށެވެ. ރާޅާ އަޅަން ޖެހޭނީ ސްވިމް ސޫޓް ގައި އަދި ސްވިމް ޝޫޒް ގައެވެ. ކަށި ބޯވަ އަކީ ވެސް މިހާރު ފަރު ތަކުގައި ގިނަ ވަމުން އަންނަ އެއްޗަކަށް ވާއިރު ރާޅާ އަޅަން ގޮސް އުޅޭ މީހަކަށް ހުސްފަޔާ އުޅެނި ކޮށް ކަށި ބޯވަ އަކަށް އެރިއްޖެނަމަ އެމީހަކު އެވިހައިގައި ވަރަށް އަވަހަށް މަރު ވެދާނެއެވެ. މިފަދަ ކަންކަމުން ރައްކާތެރި ވެވޭނީ ރާޅާ އަަޅަން ނިކުންނަ އަންހެން ވެރިން ސްވިމް ސޫޓް ގައި އެކަން ކޮށްގެން ނެވެ. މިކަން ދަސްކޮށްދޭ ޖަމްއިއްޔާ ތަކުން ވެސް ހެލްތް އެން ސޭފްޓީ އަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނެއެވެ. ސަބަބަކީ މިރާއްޖޭގައި ރާޅާ އަޅަން އުޅުނު މީހުންނަށް ވަނީ ނުރައްކާތެރި ހާދިސާ ތަކެއް މެދުވެރިވެފައެވެ. މިކަމުގައި މީހެއްގެ ފުރާނަ ނުދަނީސް ވިސްނަން ޖެހޭނެ ކަންކަން މިހުންނަނީ. ތަމެން ވިސްނަބަލަ...
ކަށިބޯ
04 September 2017
ކަށިބޯވައެއް ނޫން ދަރިޔާ. އެއަށްކިޔަނީ ކަށިބޯ
އޯކޭ
04 September 2017
އެވެސް ބޯވައިގެ ވައްތަރެއް އެހެންވީމަ އޯކޭ އެހެން ކިޔަންވެސް.
ދަރިޔާ
05 September 2017
ކަށިބޯ، ކޮން "ދަރިޔާ" އެށް؟ މީމީހުން ދަށް ކޮށްލުމުގެ ގޮތުން ބުނާއެއްޗެއްތަ މިހާރަކަށްއަސް؟
އާޗާ
03 September 2017
ސަޅި! ސާރާމެންގެ ހުނަރު ފެނިފައި "ކީއްކުރާނީ" އަށް ލައްކަ އަސަރުކޮށް، ޙަސަދަވެރި ވެއްޖެއެވެ. ބަލަ! ސްވިމް ސޫޓް ނުލާ އެގޮތަށް ރާޅާ އެޅުމަކީ ކިހާ ޔުނިކް ކަމެއްނޫންހެއްޔެވެ؟ އޭގެން އެނގެނީ، ހަށިގަނޑުގެ ވަނާތަކުގައި ދަވާދުލެވިފައި ވާގޮތަށް، ގަޔަށް ބާރު ބަރަހަނާ ސްވިމް ސޫޓް ނުލިޔަކަސް، ރާޅާ އެޅިދާނެކަމެވެ. ސާރާމެންގެ ޓީމަށް އައްސަރިބަހާއި، ސާބަސް ރައްދު ކުރަމެވެ. ޢަދި އިތުރު ކުރިއެރުމަށް އެދެމެވެ. ?
ދރވސވ
05 September 2017
ސްވިމް ސޫޓްއެށްނޫން، އަސްލު އެއީ ރޭޝްގާޑެއް. ސްވިމްސޫޓަށްވުރެ ބޯކޮށް ހުނާނީ. ޖުއްބާއަށްވުރެން ނިވާކަން ބޮޑުވާނެހެންހީވަނީ މުދަށްއެރުނީމަ. އެހެންނޫނަަސް މަތިން ޓީޝާޓެއްވެސް ލެވިދާނެ.
ނަމޯ
03 September 2017
ސާރާ ވަރައް ގަދަ. ކުރިޔައްދޭ ތިޔަހުރީ ރަނގަޅު ރޫހެއްގައި.
އަހުމަދުބެ
03 September 2017
ސަރުކާރުން ހުނަރު ހުރި މީހުން ތިބި ތާކުން ހޯދާ އެމީހުން ކުރާ މަސައްކަތް ބަލާ އެހީތެރިވާން ވީއެވެ. އޭރުން ސަރުކާރައްވެސް ފައިދާވާނެއެވެ. އެމެރިކާ ފަދަ ގައުމުތަކުން ހުނަރު ހުރި މީހުން ބޭރުން އެތެރެ ކުރަނީއެވެ.
ދރވސވ
05 September 2017
ސަރުކާރަށްނުވާނެ އެެއްކަމެއްވެސް. އަމިއްލަށް އުޅުނީމަ ހުންނާނީ ރަނގަޅަށް. މިހަރުވެސް މިދާގޮތަށް.
ވާނުވާ!
03 September 2017
ރަނގަޅު ކަމެއް! އެކަމަކު ޕްރޮފެޝަނަލް ވާން އެބަޖެހޭ! މި ބުނީ ބޭނުން ކުރާ އިކުއިޕްމަންޓްސް އެއް ނޫން! މީހުނާ ކޮމިއުނިކޭޓް ކުރާ ގޮތް! ރެސްޕެކްޓް، އަދި އެޓިޓިއުޑް! މި ކަންކަން ރަނގަޅު ކޮށްފިއްޔާ ކަމިޔާބު ލިބޭނެ!
ކީއްކުރާނީ
03 September 2017
ސާރާގެ ހިތުގައި ޖަހާ ވިންދު އެންމެންނަށް ޓަކައި ހުރުން އެއީ ރަނގަޅު ކަމެކެވެ. އެކަމަކު މަމެން ބަލާއިރު ރާޅާ އަޅަން އުޅޭ މީހުން ޕްރޮފެޝަނަލް ކޮށް މިކަން ކުރަނީ ސްވިމް ސޫޓް ގައެވެ، ދެން ތަމެން އެގޮތަށް އެސްޓޭންޑަރޑް ގައި އެކަން ނުކުރަނީ އެއީ ދަ ކަންޓްރީ ސައިޑް ސްޓޭންޑަރޑްވީމަ ތޭއޭ މަމެން ބުނަން ނެތީމު ދޯ. ކީއްކުރާނީ ދޯ.
ހަމިދު
03 September 2017
ސާރާ އަކީ މީގެ އިތުރުން ޓީވީ ޕްރެޒެންޓަރ އެއްވެސް މެ. އޭނާ ވަނީ ޓީވީއެމް އިން ގެނެސްދޭ ރަށު ޕްރޮގްރާމެއް ހުށަހަޅާދީފައި.