އަނދިރިކަމުގައި އޮތް ހުޅުމާލެ އަލިކުރަން ޖެހިފައި!

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާފައި ހުރި ގިނަ މަގުތައް ޖާގައިގެ ގޮތުން ތަނަވަސްވެފައި ރީއްޗެވެ. އެކަމަކު ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ދާ ގިނަ ބައެއްގެ ޝަކުވާއަކަށް އަބަދުވެސް ވެފައި އޮންނަނީ އިރުއޮއްސި އަނދިރިވުމުން އެ ހިތްގައިމު މަގުތައް "ނުފެންނަ" މައްސަލައިގަ އެވެ. ބޮޑެތި މަގުތަކުން ފެށިގެން ކުދި ގޯޅިތަކުގައި ޖަހާފައި ހުރި ލައިޓްތަކުގެ މާ ބޮޑު އަލިކަމެއް ނުހުރެ އެވެ. އެ ފަނޑު އަލީގައި މަގުމަތީގެ ނިޝާންތައް އެއްގޮތަކަށް ވެސް ނުފެނެ އެވެ.


ގިނަ ބައެއްގެ ނަޒަރުގައި ހުޅުމާލޭގައި ރޭގަނޑު އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ ހަމައެކަނި ބާރު ސްޕީޑްގައި ދުއްވުމެއް ނޫނެވެ. މަގުތަކުގައި އެކަށީގެންވާ އަލިކަމެއް ނެތުމަކީ ވެސް އެކްސިޑެންޓުތައް ގިނަވާ ސަބަބެއް ކަމަށް ބެލެވެ އެވެ. ބައެއް މަގުތަކުގައި އެއްވެސް އަލިކަމެއް ނުހުރެ އެވެ. އެންމެ ލައިޓެއް ނެތް މަގުތައް ވެސް އެބަ ހުއްޓެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހުޅުމާލޭގައި އަނދިރި ކަމަށް ފާހަގަވާ ބޮޑު ބައެއް މަގުތައް:

- ކުރެދިމާ ހިނގުން (އެސްޓީއޯ ހޮޓަލުން ފެށިގެން ދިރާގު އޮފީސް)

- ފިތުރޯނު މަގު (އެސްޓީއޯ ހޮޓަލާއި އެމްޕީއެލް ކައިރި)

- މިދިލި މަގު (ޕެޓްރޯލް ޝެޑުން ފެށިގެން އެމްއެންޑީއެފް ކޮއްޓާ ހަމައަށް)

- އިންޑަސްޓްރިއަލް ޒޯންގެ ގުޅިފައިވާ ބައެއް މަގުތައް

- ސެންޓްރަލް ޕާކް ކައިރީގައި އޮންނަ މޫނިމާ ހިނގުން

ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި މަގުތައް ހަދާއިރު، ލައިޓް ހަރުކުރަން ހޮޅި ދަނޑި ޖަހަނީ 25 މީޓަރުގެ ދުރުމިނެއްގަ އެވެ. އެކަމަކު، ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ވަމުން އަންނަ ހުޅުމާލޭގައި ލައިޓްތައް ޖަހާފައި ހުރީ އެއާ މުޅިން ހިލާފަށެވެ.

ހުޅުމާލެ ނިރޮޅު މަގު. ބައެއް މަގުތަކުގައި ރޭގަނޑު އެކަށީގެންވާ އަލިކަމެއް ނެތް މައްސަލަ ބޮޑު. - ފޮޓޯ: މިހާރު

ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހެދި މަގުތަކުގައި ޖަހާފައި ހުރި ކޮންމެ ދެ ހޮޅިދަނޑިއެއްގެ ދުރުމިނުގައި 50 މީޓަރު ހުރެ އެވެ. އެހެންވެ ގިނަ މަގުތަކުގައި ލައިޓްތައް ދިއްލި ކަމަށް ވިޔަސް، އެކަށީގެންވާ އަލިކަމެއް ނުހުރެ އެވެ.

ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭ މަގުތަކުގައި ލައިޓްތައް ހަރުކޮށްފައި ހުރީ ބައިނަލްއަގުވާމީ ފެންވަރަށް ނޫނެވެ. އެހެންވެ، ބައިނަލްއަގުވާމީ ސްޓޭންޑެޑަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޑީސީން އެޅި ފުރަތަމަ ފިޔަވަޅަކީ 140 ޑިގްރީއަށް އަލިކަން ފެތުރޭ ގޮތަށް ބޮކިތައް ބަދަލުކުރުމެވެ. ކުރިން ނަމަ، ލައިޓްތައް ޖަހާފައި ހުރީ 90 ޑިގްރީއަށް ވާ ގޮތަށެވެ. ސައިމަން ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި ފަހުން ކުރިއަށް ވުރެ ބޮޑަށް މަގުތައް އަލިވި އެވެ. ނަމަވެސް އެއީ ވެސް އާންމުން ފާހަގަކުރެވޭ ވަރުގެ ބަދަލަކަށް ނުވި އެވެ.

އެހެންވެ ހުޅުމާލޭގެ މަގުތައް އިތުރަށް އަލިކުރަން ބޭނުން ނަމަ، އިތުރު ހޮޅިދަނޑިތައް ޖެހުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ސައިމަން ވިދާޅުވި އެވެ. އެކަމަކު ބައިނަލްއަގުވާމީ މިންގަނޑަށް އެކަން ކުރެވޭނީ އަލުން މަގުތައް ކޮނެ، ނަރުތައް އަޅައިގެންނެވެ.

ރައީސް އަބްދުﷲ ޔާމީން، އެޗްޑީސީގެ އެމްޑީ ސައިމަންއާ ސަލާމް ކުރައްވަނީ.

"މިކަން ހައްލު ކުރުމަށް ސިންގަޕޫރުގެ އެކްސްޕާޓުންނާ މަޝްވަރާ ކުރިން. އެކްސްޕާޓުންގެ ލަފަޔަކީ ވެސް އިތުރު ހޮޅިދަނޑިތަކެއް ޖަހައިގެން ނޫނީ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް،" ސައިމަން ވިދާޅުވި އެވެ.

އެޗްޑީސީން ނިންމާފައި ވަނީ މިހާރު ހުރި ހޮޅިދަނޑިތައް ބެހެއްޓުމަށް ފަހު، މުޅި ހުޅުމާލޭގައި އިތުރު ހޮޅިދަނޑިތަކެއް ޖަހައި ލައިޓްތަކެއް ހަރު ކުރުމަށެވެ. މިކަމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި އެކަމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ގެނެސްފައިވާ ކަމަށް ސައިމަން ވިދާޅުވި އެވެ.

"މިހާރު 50 މީޓަރު ދުރުމިނުގައި ކޮންމެ ލައިޓެއް މި ހުންނަނީ. އޭގެ މެދަށް ވާ ގޮތަށް ދަނޑިއެއް ޖަހާފައި ލައިޓްތައް ހަރު ކުރާ ގޮތަށް އޮތީ ނިންމާފައި. އެ ނޫން ހައްލެއް ނެތް،" ސައިމަން ވިދާޅުވި އެވެ.

އޭނާ ދެއްވި ޔަގީންކަމެއް އެބަ އޮތެވެ: ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި 240 ހެކްޓަރުގެ ބިމުގައި މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، ދުނިޔޭގެ ބޮޑެތި ސިޓީތައް މިސާލަކަށް ނަގައިގެން ލައިޓްތައް ޖެހުމެވެ. އެހެންވެ އެ މަގުތައް އަނދިރި ނުވާނެ ކަމުގެ ޔަގީންކަން ސައިމަން ދެއްވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ފިޔަވަހީގެ މަގުތައް ރައްކާތެރިތެރި ފެންވަރަކަށް އަލިކުރުމުގެ މަސައްކަތަކީ ގޮންޖެހުން ބޮޑު ވެސް ކަމެކެވެ. ނަމަވެސް މިހާރު ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންގޮސް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭގައި އެކްސިޑެންޓުތައް ހިނގުން އާންމެވެ. ބައެއް އެކްސިޑެންޓުތަކުގައި މީހުން މަރުވެފައިވެ އެވެ. އަނެއް ބަޔަކު ތިބީ އުމުރަށް ނުކުޅެދުންތެރި ހާލަތެއްގަ އެވެ. އެކްސިޑެންޓުތައް ހިނގުމުގެ އެއް ސަބަބަކީ މަގުތައް އަނދިރިވުން ކަމަށް ވާ ނަމަ އެކަމަށް އަވަސް ހައްލެއް މިހާރު ބޭނުމެވެ. ހުޅުމާލޭގެ ރައްޔިތުންނާއި އެހެން ކަންކަމުގައި ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަން އެއީ ކުޑަ މަސްއޫލިއްޔަތެއް ނޫނެވެ.