އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން: ފުލުހުން ހުރަސް އެޅުމުން މި މުޒާހަރާ ބޭއްވޭ ގޮތެއް ނުވި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު
15 ޖުލައި 2016 - 05:58
ކޮންމެ ކަމެއްގައި އިދިކޮޅު ވާންޖެހޭ ހެއްޔެވެ؟ ކޮންމެ ގައުމެއްގައި އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ ހެއްޔެވެ؟ ކަންކަމާ އިދިކޮޅު ނުހެދިއްޔާ، އެއީ ޑިމޮކްރެޓިކް މުޖްތަމައަކަށް ނުވަނީ ހެއްޔެވެ؟ ޑިމޮކްރެސީއާ އެކުގައި އޮޕޮޒިޝަން އޮންނަން ޖެހޭ ހެއްޔެވެ؟ މިއީ ޒަމާންވީ ބޯދާ ވިސްނުމުގައި ބަނދެވިގެން ތިބޭ ބައެއް މީހުން މިހާރު ވެސް އުފައްދާ ބައެއް ސުވާލުތަކެވެ.
އޭގެ އެންމެ ކުރު ޖަވާބަކީ ނޫނެކެވެ! އިދިކޮޅުވުން ކޮންމެހެން ލާޒިމެއް ނޫނެވެ. އެކަމަކު ޑިމޮކްރެސީއޭ ކިޔަސް އަދި ނުކިޔަސް، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ވެރިކަމުގެ ނިޒާމެއް ގާއިމުވެފައި އޮންނަ މުޖްތަމައެއްގައި ނަމަ، ވެރިންގެ އަމަލުތަކަށް އެބައި މީހުން ޒިންމާދާރުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަން ޖެހެ އެވެ. ފާރަވެރިވެ ޖަވާބުދާރީ ކުރުވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަން ޖެހެ އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކަށައެޅީ އެ އިންތިޒާމުތަކާ އެކުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކޮށް އިންތިޒާމު ކޮށްފައި ހުރީ އެ ކަންތައް ކުރެވޭނެ ގޮތަށެވެ. އަސާސީ ހައްގުތަކާއި މިނިވަންކަމުގެ މާސިންގާ ބާބެއް، ގާނޫނުއަސާސީގެ އެންމެ ކުރީކޮޅުގައި ހިމަނާފައި އޮތީ ވެސް އެ ބޭނުމުގަ އެވެ. މިނިވަން މުސްތަގިއްލު މަގާމުތަކާއި މުއައްސަސާތައް އުފަންކުރީ އެ ބޭނުމުގަ އެވެ.
ނަމަވެސް ގާނޫނުއަސާސީން އެކަށައަޅައިދީފައިވާ މި ނިޒާމުގެ ބޭނުން ހިފާނެ ބަޔަކު މިއަދު ނެތެވެ. ކުރުކޮށް ބުނާ ނަމަ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވާނެ ބަޔަކު ނެތެވެ. ޑިމޮކްރެސީގެ ބަހުން ނަމަ އިދިކޮޅު ޕާޓީއެއް ނެތެވެ. އެއީ ކީއްވެ ހެއްޔެވެ؟
"އިދިކޮޅު ޕާޓީތައް ނެތީކީ ނޫން. އެބަހުރި. އެކަމަކު އިދިކޮޅު ހަރަކާތްތަކަށް ޖާގަ ނެތީމާ، އެ ޕާޓީތައް ނުފެންނަނީ. ޕާޓީ ނިޒާމެއްގައި ކަނޑައެޅިފައި އޮންނަ ޕާޓީތަކުގައި ދައުރު އަދާކުރުމުގެ މާހައުލެއް މިރާއްޖެއަކު ނެތް. އިދިކޮޅު ޕާޓީތައް ދެކެ އިންތިހާ އަށް ބިރުގަންނަ ސަރުކާރެއް އޮތީމާ، ސަރުކާރަށް ލިބިފައިވާ ބާރުތަކާއި ނުފޫޒުތަކުގެ ބޭނުން ހިފައިގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވައިލަނީ،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ، ސިޔާސީ ހަރަކާތްތަކަށް މާލޭގެ އެއްވެސް ބިމެއް ދޫނުކުރާ މައްސަލަ އެވެ. މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭ މައްސަލަ އެވެ. މަގުތަކުގައި ވިޔަސް، އެހެން ބިމެއްގައި ވިޔަސް މާލޭގެ އެއްވެސް ތަނެއްގައި ސިޔާސީ އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނެތުމުން އިދިކޮޅު އެއްވެސް ހަރަކާތަކަށް ފުރުސަތެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެމްޑީޕީން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ހިނގާލުން ފަށަން އުޅުނިއިރު ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު
"އިދިކޮޅު ޕާޓީތަކުން ކުރަން އޮންނަ ކަމަކީ ހަމައެކަނި ނޫސް ބަޔާނެއް ނެރުމެއް ނޫން. ސަރުކާރުގެ ކަންކަމާ ފާޑުކިޔުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ. އެ ކަންކަމާ ދެކޮޅަށް އަޑު އުފުލުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ. އެކަމަކު މިއިން އެއްވެސް ކަމަކަށް މިހާރު ޖާގައެއް ނުދޭ. ހުރިހާ ބިންތަކާއި މަގުތަކަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން. މާލޭގައި ހުރި ހުރިހާ ޖަލްސާކުރާ ހޯލުތަކަކީ ސަރުކާރުގެ ތަންތަން. ސަރުކާރުން އެއިން އެއްވެސް ތަނެއް އިދިކޮޅު ފަރާތްތަކަށް ދޫކުރަނީކީ ނޫން،" މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވި އެވެ.
ނަމަވެސް އެހެން ބައެއް ބޭފުޅުންގެ ޚިޔާލުގައި ދިވެހިންނަށް ޕާޓީ ނިޒާމު ދަސްވެފައި އޮތް ގޮތާއި ޕާޓީ ނިޒާމާ މެދު ދެކޭ ގޮތުގެ ސަބަބުން ވެސް މައްސަލަތަކެއް ކުރިމަތިވެ އެވެ.
"އަޅުގަނޑުމެންނަށް ޑިމޮކްރެސީ އާއި ޕާޓީ ސިސްޓަމް ދަސްވެފައި މި އޮތީ ވެރިކަމާ ތަޅާފޮޅާ ވަސީލަތެއްގެ ގޮތުގައި. އެންމެ ފުރަތަމަ ޕާޓީ، އެމްޑީޕީ އުފެއްދި އިރު އާންމުންނަށް ވިސްނައިދީފައި އޮތީ، އޭރުގެ ރައީސް މައުމޫންގެ ވެރިކަން ވައްޓައިލުމަށް އެފެއްދި ޕާޓީއެއްގެ ގޮތުގައި. އެހެންވީމާ އާންމުންނަށް އެމްޑީޕީ ފެނުނީ، މައުމޫންގެ ވެރިކަން ވައްޓާލަން ބޭނުންވި ކޮންމެ މީހަކު އަރަން އޮތް ހަރުގަނޑެއްގެ ގޮތުގައި. އެ ހަރުގަނޑުން އަރައިގެންނޭ ރައީސް އޮފީހުން މައުމޫން ބޭރުކުރެވޭނީ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކު ވިދާޅުވި އެވެ.
"ނިކަން ބައްލަވާ އެމްޑީޕީ. އެމީހުންގެ ރޫހާނީ ޒައީމް ކަމަށް ދެކޭ ނަޝީދު ޖެހިހާ ބެރަކަށް އެ ދަނީ ނަށަމުން ނޫންތޯ. ނަޝީދު ޖަލަށް ލީމާ، ޕާޓީގެ ލީޑާޝިޕުން ކުރި ހަމައެކަނި ކަމަކީ، ނަޝީދު މިނިވަންކުރަން މަސައްކަތް ކުރުން.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޕާޓީތައް އުފެދިފައި ހުރީކީ އާންމުންގެ ފަރުދީ ހައްގުތަކާއި ގައުމީ މަސްލަހަތުތައް ހިމާޔަތް ކުރުމަކަށް ނޫނެވެ. ކޮންމެ ޕާޓީއެއް ވެސް ބިނާކޮށްފައި އޮތީ، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ބައެއް ބޭފުޅުންގެ އަމިއްލަ ސިޔާސީ ފިކުރާއި ވިސްނުމުގެ މައްޗަށެވެ. އެ ގޮތުން އެމްޑީޕީއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް އުފެއްދުމުން، އެމަނިކުފާނުގެ ސަޕޯޓަރުން އޭގެ ވަށައިގެން އެނބުރެމުން އަންނަ ޕާޓީއެކެވެ. ޑީއާރްޕީ އާއި ޕީޕީއެމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާ އެއްގޮތަށް ބައްޓަންކުރުމުން، އެ މަނިކުފާނުގެ ސަޕޯޓަރުން އޭގެ ވަށައިގެން އެނބުރެމުން އަންނަ ޕާޓީއެކެވެ.
ހަމަ އެ ގޮތަށް ޖުމްހޫރީ ޕާޓީ އަކީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިސްނުންފުޅާ އެއްގޮތަށް އެކުލަވައިލި ޕާޓީއެކެވެ. އެ ޕާޓީގައި ތިބީ، ގާސިމްގެ ފަރާތުން ލިބިފައިވާ އަދި ލިބެމުންދާ ތަފާތު އެހީތެރިކަމާއި އިނާޔަތްތަކުގެ ސަބަބުން ގާސިމް ދެކެ ނުހަނު ލޯބިވާ ބައެކެވެ. އަދާލަތު ޕާޓީ ބިނާވެގެން ދިޔައީ، ދީނީ ޚިޔާލާތާއި ވިސްނުމުގެ މައްޗަށެވެ. އެ ޕާޓީގެ މެންބަރުންނަށް ވަކި މީހަކު މުހިންމެއް ނޫނެވެ. ދީނީ ފިކުރާއި ޚިޔާލާތު ދަމަހައްޓަނިކޮށް ނިމުނީ އެވެ.
"ނިކަން ބައްލަވާ އެމްޑީޕީ. އެމީހުންގެ ރޫހާނީ ޒައީމް ކަމަށް ދެކޭ ނަޝީދު ޖެހިހާ ބެރަކަށް އެ ދަނީ ނަށަމުން ނޫންތޯ. ނަޝީދު ޖަލަށް ލީމާ، ޕާޓީގެ ލީޑާޝިޕުން ކުރި ހަމައެކަނި ކަމަކީ، ނަޝީދު މިނިވަންކުރަން މަސައްކަތް ކުރުން. ޖަލުން ސަލާމަތްކޮށްގެން ގެންގޮސް ދިވެހި ސަރުކާރަށް އަތް ނުލެވޭ ހިސާބުގައި ބެހެއްޓުނީމާ، ދެން މިހާރު އެ ނިމުނީ ނޫންތޯ؟ މިހާރު އެމްޑީޕީ ހާސްވާންޖެހޭ ކަމެއް އެބަ އޮތްތޯ؟" މަޖިލީހުގެ ކުރީގެ މެންބަރަކު ވިދާޅުވި އެވެ.
"މަޖިލީހުގައި އުޅުއްވާ ބޭފުޅުން ނޫނީ، ޕާޓީގެ އިސް ހުރިހާ ބޭފުޅުންހެން އެ އުޅުއްވަނީ ގައުމުން ބޭރުގައި. އަޅުގަނޑުމެން މިތާ ތިބެގެން ކޮންމެ ހާލެއްގައި އުޅުނަސް އެމީހުންނަށް ފަރުވާލެއް ނެތެއް ނޫންތޯ؟ ޒައީމް އެހުރީ ހިމާޔަތް ކުރެވިފައި ވިއްޔަ؟"
ކޮންމެ ޕާޓީއަކުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު ދޭން ޖެހޭނެ އެވެ. ވަކި ޕާޓީއަކުން ވަކި މީހެއްގެ ދިފާއުގައި މަސައްކަތް ކުރުމަކީ މުޅިން ތަފާތު މައްސަލައެކެވެ. އަދި ވަކި ޕާޓީއަކުން ބޭއްވި ސިޔާސީ ހަރަކާތެއްގައި ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި އޮތުމަކީ، ސިޔާސީ އިދިކޮޅު ހަރަކާތްތަކުގައި ތަޅު އަޅުވަން ޖެހޭ ސަބަބެއް ނޫނެވެ.
ސަރުކާރާ ދެކޮޅަށް އެމްޑީޕީން މީގެ ކުރިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އެމްޑީޕީ
ވެރިކަން ކުރާ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދޭން ޖެހޭނެ އެވެ. ނަމަވެސް ޝަރުތެއް އޭނާ ގަބޫލުކުރައްވަ އެވެ.
"ޒިންމާދާރު އިދިކޮޅު ހަރަކާތްތައް ހިންގުމަށް ޖާގަ ދެވެން ޖެހޭނެ. އެ ހަމަ ޔަގީން ކަމެއް. ސުލްހަވެރި އިދިކޮޅު އެއްވުންތަކަށް ޖާގަ ލިބެން ޖެހޭނެ. އަޅުގަނޑު ހަމަ ވަރުގަދަ އަށް ގަބޫލުކުރަނީ އެފަދަ ޖާގަ ލިބެންޖެހޭނެ ކަމަށް،" ނިހާން ވިދާޅުވި އެވެ.
"ދެން ސުލްހަވެރި ނުވާ ކަމަށް ސަރުކާރަށް ފެންނާތީ ކަމަށް އަޅުގަނޑަށް މި ވިސްނެނީ ތި ބުނާ ފަރާތްތަކަކަށް އަދި ޖާގަ ނުލިބިގެން އެ އުޅެނީ. އެކަމު ޑިމޮކްރެޓިކް ގައުމެއްގައި އިދިކޮޅު ފަރާތްތަކަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމާ އެކު ކުރިއަށް ދިއުމަށް ޖާގަ ލިބެން ޖެހޭނެ."
އެމްޑީޕީގެ އަމަލުތައް އަޅުގަނޑަށް ފެންނަނީ ފެށުނީއްސުރެ ޒިންމާދާރު ނޫން ގޮތަކަށް ހުންނަ ކަން. އެއީ އަޅުގަނޑު އަބަދުވެސް ދައްކަމުންދާ ވާހަކަ. އެމްޑީޕީއަކީ އެއްވެސް އިރެއްގައި ޒިންމާދާރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ނޫނޭ --ނިހާން
ނިހާން ގަބޫލުކުރައްވާ ގޮތުގައި ޒިންމާދާރު ކޮން ހިންގާ ނަމަ އިދިކޮޅު ޕާޓީއެއް އޮތުމަކީ ސަރުކާރަށް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. ނަމަވެސް އެއީ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރާ އަދި ރަނގަޅު ކަންތައް ރަނގަޅު ގޮތުގައި، އަދި ގޯސް ކަންތައް ނުބައި ކަމުގައި ބަލައިގަތުން ކަމަށާއި ސަރުކާރުގެ ހުރިހާ ކަމެއްގައި ކަނޑައެޅިގެން ދެކޮޅު ހެދުން ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިދިކޮޅު ޒިންމާދާރު ސިޔާސީ ޕާޓީއެއް ރާއްޖެ އަށް ދުވަހަކު ވެސް ބޭނުންނުވާ މިންވަރަށް މިހާރު މި ސިސްޓަމްގެ ތެރޭގައި ބޭނުންވާން ޖެހޭ އެބަ. ޒިންމާދާރުކަމާ އެކު މިކަން އެބޭފުޅުން ކުރައްވާ ނަމަ. އެމްޑީޕީގެ އަމަލުތައް އަޅުގަނޑަށް ފެންނަނީ ފެށުނީއްސުރެ ޒިންމާދާރު ނޫން ގޮތަކަށް ހުންނަ ކަން. އެއީ އަޅުގަނޑު އަބަދުވެސް ދައްކަމުންދާ ވާހަކަ. އެމްޑީޕީއަކީ އެއްވެސް އިރެއްގައި ޒިންމާދާރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ނޫނޭ. މުޅިން އެހެން އެޖެންޑާއެކޭ އެމްޑީޕީގެ އޮތީ. އެހެންވީމާ އިދިކޮޅު ހަރަކާތްތައް ރަނގަޅަށް ހިންގުމަށްޓަކައި ދެން ބާކީ ހުރި ޕާޓީތަކުން އެބަ ޖެހޭ މަސައްކަތްތައް ކުރަން."
ނަމަވެސް ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއޭޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ސަރުކާރަށް ފާޑުވިދާޅުވުމާ ގުޅިގެން މަގާމުން ވަކިކުރި ސަފާއަތު އަހްމަދު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތީ، މިހާރުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ.
"ބޭރު މީހުން ވަރަށް ގިނައިން ކިޔާނެ އޮޓޯކްރެޓިކް ލީޑަރުންނަށް ކުޑަ ހިޓްލަރޭ. އެ ގޮތަށް ރައީސް ޔާމީން އަޅުގަނޑުމެންނަށް ފެންނަނީ. އެހެންވީމާ، ރައީސް ޔާމީނާ ހެދި ހަގީގަތުގައި އަޅުގަނޑުމެންގެ މި ގައުމު މި ދަނޑިވަޅަށް އަންނަން މި ޖެހުނީ. އެމަނިކުފާނަކީ އެއްވެސް ގޮތަކުން ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރައްވާ، މީހުން ލޯބިވާ، ލީޑަރެއް ނޫން. އެމަނިކުފާނާ ހެދި އަސްލު ހަގީގަތުގައި އަޅުގަނޑުމެންގެ ގައުމު މި ހާލަތަށް ވެއްޓުނީ،" ސަފާއަތު ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި އެއްވުމުގެ ބައިވެރިވެވަޑައިގަތުމަށް މެމްބަރު ރޮޒައިނާ އުޅުއްވުމުން ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު
ދިވެހިރާއްޖޭގެ އަންހެނުން އިސް ސަފުގައި ބައިވެރިކުރުމަށް ޒުވާނެއްގެ ހައިސިއްޔަތުން ކުރި މަސައްކަތާ ގުޅޭ ގޮތުން، އިނގިރޭސި ރާނީ ދެއްވާ "ކުއީންސް ޔަންގް ލީޑާސް އެވޯޑް" މި އަހަރު ލިބިވަޑައިގެންނެވި ސަފާއަތު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީތައް ނެތީކީ ނޫނެވެ. އެކަމަކު ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދޭތީ އިދިކޮޅު ޕާޓީތައް ހިންގޭނެ މަގު ތަނަވެސް ވެފައި ނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑު
16 July 2016
ޢިދިކޮޅުޕާޓީގެ ބޭނުމަކީ ރައްޔިތުންގެ ލާރިންލާރިނަގައިގެން ސަރުކާރު ހިންގަން ދަތިކުރުމާ ޖަލުގާ ތިބިބޮޑެތިކުއްވެރިންދޫ ކުރުމަށް ގޮވުމާއި ރައްޔިތުނަށް އުދަގޫކުރުމެއްނޫނެނެ. ޢިދިކޮޅުޕާޓީއެއްގެ ބޭނުމަކީ ރއްޔިތުންނާ ގުޅުންހުރިކަންކަން ސަރުކާރާ ވާހަކަދައްކާއިގެން ރައްޔިތުންނަށް ލުއިގޮތް ހޯދައިދިނުމަށްަމަސައްކަތްކުރުމެއެވެ. ތިމާއަށް ފައިދާއެއް ލިބޭނެ މީހަކު ވެރިކަމަށް ގެނައުމެއްވެސް ނޫނެ.
ޙަސަންދީ
15 July 2016
ފެންނަމުން މިދަނީ ވެރިކަމުގެ ބާރާއި ޖާހާއި ޢިއްޒަތާއި އަދި ޝަރަފައްޓަކައި ކޮއްފައި ނުކުރާނެ އެއްވެސް ކަމެއްނެތް ކަން ރައްޔިތުންނައް ދައްކަމުންދާމަންޒަރެވެ. އިދި ކޮޅުވިޔަސް އަދި އެއްކޮޅުވިޔަސް ޚިޔާނާތްތެރިން ޚިޔާނާތް ވަމުން މިދަނީ ދިވެހި ރައްޔިތުންގެ މުދަލާއި ފައިސާއަށެވެ. ހިތުހުރި އަނިޔާ ދެމުން ދަނީ ހަމަ އެއްކޮޅުވިޔަސް އަދި ދެކޮޅުވިޔަސް ހަމަ ދިވެހި މަޔަކާއި ބަފަޔަކައް ލިބިފައި ތިބި ދިވެހި ރައްޔިތުންނަށެވެ.
ފަނަސް
15 July 2016
އުމުރަށް ވެރިކަން ކުރާނަމޭ ބަޔަކަށް ހީވިއަސް އެއީ ކުށްހީ އެކެވެ. 2018 އަންނަނީއެވެ. ރައީސް ޔާމީނު ކުރިމަތިލާނެތީ މިފަހަރު ކޮންމެހެންވެސް ވޯޓް ލާންދާނަމެވެ. ޔާނު ފިޔަވާ ދެން އޮތް ކޮންމެ ނަމަކަށްވެސް ފާހަގަ ޖަހަން އޯކޭއެވެ.
ލިޓިލް
15 July 2016
ބައްލަވާ ރައީސް ނަޝީދު. އެއްގޮތަކަށް ވެސް ރައީސް ނަޝީދު އަކީ އެއީ ސިޔާސީ ކެރިއަރ ޑެޑް އެންޑް އަށް އައިސް ފައި ހުރި ބޭފުޅެއް ކަމަށް އަޅުގަނޑުމެން ޕީޕީއެމް މެމްބަރުން ނުދެކެމެވެ. ރައީސް ނަޝީދު ވެސް އެހެން ހީފުޅު ކޮށް ގެން ވެސް ނުވާނެއެވެ. އަދި ހުރިހާ ކުދިން ވެސް ޖެހޭނެ ސިޔާސީ ދާއިރާ އަށް ނެެެރެދެއްވަން. އެކުދިންގެ ޕްރިޓީ ލިޓިލް މައިންޑް އިން ވެސް ގުޑް ޗޭންޖްސް ވިލް އޮކަރ ޓު ކަލަރ އޮފް ސީލިންގް. ރައީސް ނަޝީދަށް ވެވިދާނެ ނޫންތޯ އަ ލިޓިލް ކޮންސަލްޓަންޓް ފޯރ އޯލް އޮފް އަސް.. ހޭވް އަ ލިޓިލް ހޮޕް ފޯރ ދަ ވޯލްޑް..
ރިބާރތް
15 July 2016
އިދިކޮޅު އިއްތިހާދުން އެބަޖެހޭ ޗޮއިސް އެއް މޭކް ކުރަން އެއީ ތިމަންނާ މެން ގައުމު ދެކެ ލޯބި ވާނީތޯ ނުވަތަ ތިމަންނާމެން އަމިއްލަ އެދުން އިސްކޮށް ގައުމު އެއީ ސެކަންޑަރީ އެއްޗަކަށް ހަދާނީ ތޯއެވެ. ޔޫކޭގައި ތިއްބަސް ރާއްޖޭގެ ސިޔާސީ މައިދާނަށް ފިނި ކަން ގެނެވޭނެ އިއްތިހާދަށް. ޗޮއިސް އޮތީ އިއްތިހާދުގެ އަތްމަތީގައެވެ. ރަނގަޅު ޗޮއިސް އިއްތިހާދުން ބޭނުން ކޮށްފިނަމަ ދެން ރާއްޖެ އެއިރުން އެ ރިބާރތް ކުރާނީ ލިޓިލް ސިންގަޕޯރ އަށެވެ.
ފަކީރުބާބާ
15 July 2016
މިގައުމުބޭނުންވަނީ "އިދިކޮޅު ޕާޓީއެއްނޫން" ޒިންމާދާރު އިދިކޮޅު ޕާޓީއެއް... މި ބަލިމަޑުކަން ޖޭނެކަން އިނގޭ ޕާޓީ ސިސްޓަމް ހެދީމަ... ވެރިކަމާ ހެދި ބޫތުކައިގެން ޑިމޮކްރަސީއޭކިޔައިގެން ކުރާހާވެސް ކަމަކީ ފިތުނަފަސާދަ އުފެއްދުން... ގައމެއްގަ ޕާޓީ ސިސްޓަމް އާލާނުކުރެވޭނެ ވެރިކަމަށް ފެންބޮވައިގަނެގެން ކަޅިއަރާފަތިބެގެނެއް....
ސުުވާދީބު ކަލޯ
15 July 2016
ބާއްވަން އުޅެނީ ހަރަކާތެއް ނޫން ގައުމާއި ރައްޔިތުންނަށް ޖެއްސުންކޮށް އުދަގޫކުރަން ކަންތައްތަކެއް ކުރުން އެކަމުގެ ސަބަބުން ގެއްލުންވަނީ އާމުންނަށް ވިޔަފާރިވެރިންނަށް ދުވަސްދަނީ އެކަމުގައި ބައިވެރިވާ އާމުންގެ ބޮުޑުން ތިބެނީ ފިލާ
އައިލޭންޑްސް
15 July 2016
މިކަހަލަ ކުޑަކުޑަ ގައުމެއްގައި މަލްޓި ފާޓީސިސްޓަމެއް ރަގަޅެއް ނޫން، ޕާޓީތަކަށް ގައުމު ފަޅިފަޅި ވާއިރު މަންމައާއި ބައްޕަ މިތިބެނީ ދެޕާޓީގަ، އެހާވާދަވެރި، އެއްބަޑު އެއްބަފާކަމެއް ނެތް، ރައްޓެހިންނަކާ ވާހަކަ ދައްކާ ހިތެއްނުވޭ އޭނަ އެހެން ޕާޓީއަކަށް ނިސްބަތްވާތީ، ދެން އޮތި ޕާޓީސިސްޓަމާއި ނުލައި ވެރިކަން ކުރުން އެގޮތައްވެސް ކުރެވޭކަށް ނެތް، ވެރިކަމަށް އަސްސީޔާ އެވެރިޔަކު ވެރިކަމުން ފައިބާކަށް ބޭނުމެއް ނުވޭ، މައުމޫނުގެ 30 އަހަރުން އެކަން ސާބިތުވޭ ،މިގައުމަކު ނެތް މަންޑޭލާ ކަހަލަ މީހެއް، އެހެންވީމާ ދެން އޮތް ގޮތަކީ ކޮންމެވެސް އިސްލާމީގައުމަކަށް އާދޭސް ކޮށްގެން އެމީހުންގެ އަވަށެއް ކަމަށް ބަލައިގެން އެގޮތަށް އުޅުން، އެނޫން ގޮތަކަށް މިރާއްޖެއަށް ސުލްހަ ކުރަންނާ ކޮންމެ މީހެއްގެ ފަހަތުގަ ޕޮލޮހެއް ހުންނަން ޖެހޭނީ.
ބަަދަލުގެނޭ
15 July 2016
އިދިކޮޅު ޕާރޓީ ވެސް އެބައޮތް އަދި އިދިކޮޅު ހަރަކާތް ތައްވެސް އެބައޮތެވެ. ތަފާތަކީ މާލޭގެ މަގުމައްޗަށް ނިކުމެ މުޒާހަރާ އިރު އިރު ކޮޅާ ނުކުރެވޭ ކަމެވެ. އެނޫން ހުރިހާ ކަމެއް ކުރެވެއެވެ. ރާއްޖޭގެ އިިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތް ތަކަށް ވެސް އެބަޖެހޭ ބޮޑެތި ބަދަލު ތަކެއް ގެންނަން. އެމްޑީޕީ އުފެދުނު ތާ 11 އަހަރު ފުރިފައިވާއިރު އެމްޑީޕީ ގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި މަގުމަތި ހަރަކާތް ތައް މަޑު ޖައްސާ ލުމަށް ފަހު އިދާރީ ކަންކަން މިހާރަށް ވުރެން ތިން ގުނަ އިތުރު ކުރަންވީއެވެ. ރައީސް ނަޝީދުގެ ސެކްރެޓޭރިއެޓް އޮފީހުން ކުރާ މަސައްކަތުގެ ޔައުމިއްޔާ ވެސް ލިޔެވި ވެރިފައި ކުރެވެން ވެސް ވީއެވެ. ތަންކޮޅެއް ހަރުދަނާ ވާންވީއެވެ. ތަސައްރަފު ފުދެންވީއެވެ. އެއިރުން ދެން ރާއްޖޭގައި ޚިޔާލު ފާޅުކުރުން އޮންނާނެ ކަން ޔަގީން ވެގެން ދާނެ އިދިކޮޅު އެމްޑީޕީ އަށް.
ޢަބްދުﷲނާފިޒު
15 July 2016
ވެރިމީހާގެ ތަސައްރަފެއް ނެތީމަ ދެން އެހެން ބައެއްގެ ކޮން ތަސައްރަފެއް ، ތަސައްވުރެއް އޮންނާނީ، ވެރިމީހާގެ ވިސްނުމާ ޚިޔާލު އަބަދުވެސް އެހުންނަނީ މިލިއަން ޑޮލަރުގަ، ހުރިހާ ދެރަ ނިކަމެތިކަމެއް ރައްޔިތު މީހާއަށް، މުޅިން ދޮވެލާފި.
ކެނެޑީ
15 July 2016
ޑިމޮކްރަސީ އަކީ ޝައިތާނާގެ އީޖާދެއް. ތިކަމުގެ ފެށުމަކީ ފްރެންޗް ރިވޮލިއުޝަން. އިސްލާމްދީނުގަ އޮތީ ތިގޮތެއް ނޫން. އެއީ 100 މީހުން ބޭނުންވާ ގޮތަކަށް ވެރިކަމެއް ނުހިންގޭނެ. ބުއްދިން ވިސްނަބަލަ. ގިނަ ކަލާނގެތަކެއް ވާނަމަ ކާއިނާތު މިހާ ސްމޫތުކޮށް ހިނގާނެތަ. ދެން ވިސްނާލާ ތިބުނާ ޑިމޮކްރަސީ އައިގައުމުތަކަށް ލީބިޔާ އިޖިޕްޓް މިރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުތޯވީ ގޯސްތޯވީ؟ ވެރިމީހާ ކޮންމެ ގައުމެއްގަވެސް ފަހު ޒަމާނުގަ ގޯސްވާނެ މިކަން ރަނގަޅުވާނީ އަދި އަދުލްއިންސާފު ދެން ގާއިމުވާނީ މަހުދީއަލައިހިއްސަލާމް ދުނިޔެ އައުމުން. ޒުލްމުވެރިކަން ނައްތާލަން އެއަށްވުރެ ބޮޑު ޒުލްމުވެރިކަމެއް ގެނައުމަކީ މުޅި ގައުމަށާއި އެންމެ ރައްޔިތުންނަށް ހުރި ގެއްލުމަށް. ބައްލަވާ ސީރިޔާ.
ބޯގަޅި
15 July 2016
ތަންދޮރު ނޭގި ވަހަކަ ނުދައްކާ. އިސްލާމް ދީނުގައި ވެރިން ހޮވާނެ ގޮތުގެ އިރުޝާދެއް ސީދާ އައިއްސައެއް ނޯންނާނެ. ބަލަން ޖެހެނީ ފުރަތަމަ ހަތަރު ޚަލީފާއިން ވެރިކަމަށް އައި ގޮތް. އެހެން ބަލާނަމަ އެންމެ ގާތީ ޕާލިމަންޓަރީ ޑިމޮކްރަސީއަކާ. ދެން އެކި ގައުމުތަކާ ޖަމާއަތްތަކުން ގޮވާ އިންސާނީ ހައްގުތަކާ އަނެއްކަށްޗަކާ އެއީ ޑިމޮކްރަސީއާ މަތިކުރަންޖެހޭ ކަމެއް ނޫން. ޑިމޮކްރަސީއަކީ ރައްޔިތުންގެ ކިބައިން ވެރިކަން އައުން.