ބުކިންސްތައް ކެންސަލްވެ މިލިއަން ޑޮލަރުގެ ގެއްލުން!

އިއްޔެ ހެނދުނު އަށެއްޖެހިއިރު އިބްރާހިމް އަލީ [އަސްލު ނަމެއް ނޫން] ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގެ ދޮރުމަތީގައި ރިސޯޓުގެ ބޯޑެއް ހިފައިގެންނެވެ. އެ ވަގުތު ޖައްސަން އޮތް ފްލައިޓުން އަންނަން ތިބި ޓޫރިސްޓުންގެ އިންތިޒާރުގައި ހުއްޓާ އޭނާއަށް އައީ ފޯނެކެވެ. އެއީ އެ ފްލައިޓުން އަންނަން ތިބި ބައެއް ޓޫރިސްޓުންގެ ދަތުރު ކެންސަލްކުރިކަން އެންގުމުގެ ގޮތުން ރިސޯޓުން ކުރި ފޯނު ކޯލެކެވެ.


"މިދިޔަ ހަތަރު ފަސް ދުވަހު އުޅެން ޖެހެނީ މިހެން. އެވްރެޖްކޮށް ވިއްސަކަށް ބުކިން ދުވާލަކު އެބަ ކެންސަލްވޭ. އެއީ މަދުވެގެން ސާޅީސް ވަރަކަށް މީހުން. އެއީ ދުވާލަކު ދެ ލައްކައަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން،" އިބްރާހިމްގެ ޖީބުގައި އޮތް ފޯނު ނަގައި ކަލްކިއުލޭޓަރުން ހިސާބު ޖެހުމަށް ފަހު ބުންޏެވެ.

ފަސް ތަރީގެ ރިސޯޓެއްގެ އެއާޕޯޓު ރެޕެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހިމް ބުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ކޮންމެ ދުވަހަކު ވެސް އެތައް ބުކިންއެއް އެންމެ ފަހު ވަގުތު ކެންސަލްކުރަމުން ދާ ކަމަށެވެ.

މާލެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓު ފެރީ ކައިރިން ހިނގާފައި ދަނީ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ޓޫރިޒަމަށް ދަނީ ނޭދެވޭ އަސަރުކުރަމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"އަޅުގަނޑުމެންގެ ރިސޯޓަކީ ވަކި މާކެޓަކަށް ޓާގެޓްކޮށްގެން ހިންގާ ތަނެއް ނޫން. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބުކިންތައް ކެންސަލްކުރަމުން އެބަ ދޭ. މީގެ ސަބަބުން ބޮޑު ގެއްލުމެއް ދަނީ ލިބެމުން،" އޭނާ ބުންޏެވެ.

އެއާޕޯޓުގައި ހުރި އެހެން ރިސޯޓެއްގެ ރެޕަކު ބުނީ ބައެއް ޓޫރިސްޓުން ރިސޯޓަށް ދިއުމުގެ ކުރިން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ސުވާލުކުރާ ކަމަށެވެ. އެގޮތުން މާލޭގައި މުޒާހަރާކުރާ ތަންތަނާއި ހައްޔަރުކުރާ މީހުންގެ މައުލޫމާތު ވެސް އޮޅުންފިލުވާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުންނަށް ވާނުވާ އެނގެނީ ރާއްޖެއަށް އައުމަށް ފަހު. އަޅުގަނޑުމެން އެ މީހުންނަށް ތެދު މައުލޫމާތު ދެމުންގެންދަން. އެއްވެސް މީހަކު ހާސްވެ ކަންބޮޑުވެގެނެއް ނޫޅޭ. އަޅުގަނޑުމެން ބުނަން މި ދުވަސްވަރު މާލެ ދިއުން އެހާ ރަނގަޅު ނޫން ކަމަށް،" އެ ރެޕް ބުންޏެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ބުކިންސްތައް ކެންސަލްކުރަމުން ދާތީ ޓޫރިޒަމް އިންޑަސްޓްރީއަށް ދުވާލަކު ލިބޭ ގެއްލުން އެތައް މިލިއަން ޑޮލަރަށް އަރާނެ ކަމަށް، އެ ދާއިރާގެ ބައެއް މީހުން ލަފާކުރެ އެވެ. ރިސޯޓުތަކާއި ގެސްޓް ހައުސް އަދި ސަފާރީތަކުން ދަނީ މިކަމާ އިންތިހާއަށް ކަންބޮޑުވުމުން ފާޅުކުރަމުންނެވެ. މިއީ ފަހަކަށް އައިސް ޓޫރިޒަމަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ވިލާ ހޮޓެލްސް އިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފުރަތަމަ ދުވަހު ވެސް ޕެރަޑައިސް އައިލެންޑް ރިސޯޓުން 44 ރޫމް ކެންސަލްވި ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބުކިން ކެންސަލްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުރައްކަލުގެ ހާލަތު ދެމިއޮންނަ ކޮންމެ ދުވަހަކު ޓޫރިޒަމް އިންޑަސްޓްރީއަށް މިލިއަނުން މިދަނީ ގެއްލުންވަމުން. މި ހާލަތުން އަރައިގަނެވޭނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިގެން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް މިހާރު ދިމާވެފައިވާ ގޮންޖެހުމުން އަރައިގަނެވޭނީ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ވީހާ އަވަހަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް ސަރުކާރުން ކުއްލި ހާލަތު އިއުލާންކުރުމުން ލިބުނު އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމުން ކިރިޔާ އަރައިގަނެވުނުތަނާ އަނެއްކާ މިފަހަރު މިކަންތަކާ ކުރިމަތި މިވީ. މީގެ ގެއްލުން ހުރިހާ ފަރާތްތަކަށް ވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ރާއްޖޭގައި ހުޅުވި މަތީ ފެންވަރުގެ ރިސޯޓެއްގެ އިސް އޮފިޝަލަކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު މިހާތަނަށް 89 ރޫމް ނައިޓްސް ކެންސަލްވެފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ބުކިންތައް ކެންސަލްވަމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް. ޗައިނާއިން އަންނަން އޮތް ހުރިހާ ބުކިންތަކެއް ކެންސަލްވާނެ ކަމަށް މި ބަލަނީ. އޭގެ އިތުރުން ޔޫރަޕުން އަންނަން އޮތް ބުކިންތައް ވެސް ކެންސަލް އެބަކުރޭ،" އޭނާ ވިދާޅުވި އެވެ.

ގއ.ގައި ހިންގާ ރިސޯޓަކުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އަށް ބުކިން ކެންސަލްވެފައިވާ ކަމަށެވެ.

"ހާއްސަކޮށް ޗައިނާ ޓޫރިސްޓުން އެއްގޮތަކަށް ވެސް ނާދޭ. އޭގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ވެސް ކެންސަލޭޝަން މިހާރު އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

މާލެ އައި ޓޫރިސްޓުންތަކެއް ރިސޯޓަކަށް ދިއުމަށް ލޯންޗަށް އަރަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ސިޔާސީ މަސްރަހު ހަލަބޮލިވެ ކުއްލި ހާލަތު އިއުލާންކުރުމުން، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާއިން ވަނީ އެ ގައުމުގެ މީހުން ރާއްޖެއަށް ދަތުރުނުކުރަން އިލްތިމާސްކޮށްފަ އެވެ. ޗައިނާގެ އިތުރުން އިންޑިއާ އާއި ސިންގަޕޫރުން ވެސް ވަނީ އެގޮތަށް އިލްތިމާސްކޮށްފަ އެވެ. އަދި ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދިފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ދަނީ ލިބެމުންނެވެ. އެ މީޑިއާތަކުން ރާއްޖެއާ ބެހޭ ހަބަރުތައް ގެނެސްދެނީ ޓޫރިޒަމާ ގުޅުވައިގެންނެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޓޫރިޒަމަށް ކުރަމުން ދާ ނޭދެވޭ އަސަރު ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"ސަރުކާރުން އެޅި ފިޔަވަޅާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް މިދަނީ ދުވާލަކު އެތައް މިލިއަން ޑޮލަރު ގެއްލުންވަމުން. މީގެ ގެއްލުމުގެ އަސަރު މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ފޯރާނެ. އެހެންވެ އަޅުގަނޑުމެން މިދަނީ މިކަން އަވަހަށް ނިމުމަކަށް ގެންނަން ކަމާ ބެހޭ ފަރާތްތަކުގައި އެދެމުން،" އޭނާ ވިދާޅުވި އެވެ.

އެ ތަޖުރިބާކާރު ވިދާޅުވީ ކުއްލި ހާލަތު އުވާނުލައި އޮތުމުން ކޮންމެ ދުވަހަކު ވެސް ރާއްޖެއާ ބެހޭ "ނެގެޓިވް" އެތައް ހަބަރެއް ދުނިޔޭގެ ބޮޑެތި ވަރަށް ގިނަ ނޫސްތަކުގައި ޖަހަމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން ޓުއާ އޮޕަރޭޓަރުންނާއި ގެސްޓުން ކަންބޮޑުވެ، ވަރަށް ގިނަ ސުވާލުތައް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހަށް ދެން ވެގެންދާނެ ގޮތަކާ މެދު ޓުއަ އޮޕަރޭޓަރުން ތިބީ ވަރަށް ކަންބޮޑުވެފައި. ތަފާތު އެކި ހަބަރުތައް އެކި ގޮތްގޮތަށް ފެތުރެމުންދާތީ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ދަނީ ފޯރަމުން،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ޓޫރިޒަމް އިންޑަސްޓްރީއަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރަން ސަރުކާރުން ވެސް ގެންދަނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ. ނަމަވެސް ކުއްލި ހާލަތު އިއުލާންކުރުމުން ކުރަމުން ދާ ނޭދެވޭ އަސަރު ކުޑަކުރެވޭނީ އެ ހާލަތު އުވާލައިގެންނެވެ.