ފަނޑިޔާރުންނަށް އޮތް އެންމެ ބޮޑު ހިމާޔަތް ބޭކާރު ކަމަކަށް!

ގާނޫނު އަސާސީ އައިއިރު އެންމެ ބޮޑު ރައްކާތެރިކަމެއް ދީފައިވާ އެއް ބަޔަކީ ފަނޑިޔާރުންނެވެ. އެގޮތުން ފަނޑިިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން ގާނޫނުއަސާސީގެ އިމުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވުމާއި ފަނޑިިޔާރަކު ވަކިކުރާ ނަމަ، މަޖިލީހުގެ ދައުރެއް އޮންނަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. އޭގެ ބޭނުމަކީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމެވެ.


ގާނޫނުއަސާސީ މިހާރު އޮތް ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އޭނާ އެ މަގާމަށް ގާބިލް ނޫން ކަމަށް ނުވަތަ އެކަށީގެންނުވާ އަމަލެއް ހިންގައިފި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެނިގެން އެ ކޮމިޝަނުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ ޖަލްސާގައި ހާޒިރުވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އެކަމަކު ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅައި، އިއްޔެ މަޖިލީހުން ފާސްކުރީ ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެ، އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށެވެ. މާނައަކީ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އެ ފަނޑިޔާރަކު މަގާމުން ވަކިވީ އެވެ.

އެ އިސްލާހު މިހާރު އޮތް ގޮތުން ނަމަ، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ވުރެ ފަނޑިޔާރެއްގެ މަގާމު ގެއްލުން ފަސޭހަ އެވެ. ގާނޫނުއަސާސީގައި ބުނަނީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން ކަމަށެވެ. މާނައަކީ އެއަށް ވުރެ ކުޑަ ހުކުމެއް މެމްބަރެއްގެ މައްޗަށް އަޔަސް، އޭނާގެ މެމްބަރުކަމެއް ނުގެއްލޭނެ ކަމެވެ. އެފަދަ ހާލަތެއްގައި އެފަދަ މެމްބަރަކަށް އޮންނާނެ ހަމައެކަނި ހުރަހަކީ އެ ހުކުމް ތަންފީޒުކޮށް ނިމެންދެން، މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ނުލިބުމެވެ. އެކަމަކު ހުކުމް ތަންފީޒުކޮށް ނިމުމާ އެކު އަލުން މެމްބަރުކަމުގެ ޒިންމާ އަދާކުރެވޭނެ އެވެ.

އެކަމަކު ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ޖިނާއީ ކުށެއް ސާބިތުވެގެން ކުޑަ ޖޫރިމަނާގެ އަދަބެއް އަޔަސް، އިސްތިއުނާފް މަރުހަލާ ނިމުމާ އެކު އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ. ޖިނާއީ ކޮން ބާވަތެއްގެ ކުށެއް ސާބިތުވެގެން ކަމެއް ނުވަތަ ކިހާ މިންވަރެއްގެ އަދަބެއް އައުމުން ކަމެއް ބިލްގައި ކަނޑައަޅާފައެއް ނުވެ އެވެ. އެހެންވުމުން ޖިނާއީ ކޮންމެ ކުށެއް ސާބިތުވިޔަސް، އިސްތިއުނާފް މަރުހަލާއިން މައްސަލަ ނިމުމާ އެކު ފަނޑިޔާރު ކަން ގެއްލޭނެ އެވެ.

މިއީ ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުމެކެވެ.

އެންމެ ބޮޑު މައްސަލައަކީ ގާނޫނު އަސާސީއަށް އެ ބިލްގެ ބާރު ގަދަވުމެވެ. މިއީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫނެވެ. ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮއްވާ ގާނޫނު އަސާސީ އިސްލާހުކުރުމެއް ނެތި އެފަދަ އިސްލާހެއް ނުގެނެވޭނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ފަނޑިޔާރަކު ވަކިކުރުމުގެ ބާރު ގާނޫނު އަސާސީން ހަމައެކަނި މަޖިލީހަށް ދީފައި އޮތީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްގެން ފަނޑިޔާރަކު ވަކިކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އެހެންވެ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، ގާނޫނަކަށް ގެންނަ އިސްލާހަކުން ފަނޑިޔާރަކު އެހެން ގޮތަކަށް ވަކިކުރެވޭ ގޮތަށް ބަދަލެއް ނުގެނެވޭނެ އެވެ.

"މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިމަ މެމްބަރުކަން ގެއްލެނީ ގާނޫނު އަސާސީ އެގޮތަށް ބަޔާންކޮށްފައި އޮތީމަ. ފަނޑިޔާރަކު ވަކިކުރެވޭނެ ގޮތް ގާނޫނު އަސާސީގައި އެ އޮތީ ބަޔާން ކޮށްފައި. ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި ގާނޫނަކުން އެގޮތަށް އިސްލާހެއް ނުގެނެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ގާނޫނު އަސާސީގެ ކޮންމެ މާއްދާއެއް ހިމާޔަތްކުރެވެން ޖެހޭނެ ފޮޓޯ/މަޖިލިސް

އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ އިސްލާހަކީ އޭގެ ޒާތުގައި ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ނަންގަވަނީ ކުށް ސާބިތު ނުވިޔަސް، ފަނޑިޔާރަކު އެކަށީގެންނުވާ އަމަލެއް ކުރާ ހާލަތުގައި، ޖޭއެސްސީ މެދުވެރިކޮށް މަޖިލީހަށް ހުށަހަޅައިގެން އެ ފަނޑިޔާރަކު ވަކިކުރުމުގެ ފުރުސަތު މިހާރު ވެސް އޮތުމެވެ. ޖިނާއީ ދައުވާ ސާބިތުވާ މިންގަނޑަށް ވުރެ ސުލޫކީ މައްސަލައެއް ސާބިތުވާ މިންގަނޑު ލުއިވާނެތީ، އެ ބޭފުޅުން ވިދާޅުވަނީ، މި ބަދަލު ކޮންމެހެން ގާނޫނަށް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"މިސާލަކަށް ފަނޑިޔާރަކު ކުރާ އަމަލަކީ ގާނޫނީ ގޮތުން ކުށަކަށް ނުވެދާނެ. އެކަމަކު އެ އަމަލަކީ ފަނޑިޔާރެއްގެ މަގާމުގައި ހުންނަ ބޭފުޅަކު ކުރުން އެކަށީގެންނުވާ އަމަލަކަށް ވެދާނެ. އެ ހާލަތުގައި ޖިނާއީ ދައުވާއެއް ނުކުރެވުނަސް، ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބެލުމަށް ފަހު އެ ބޭފުޅަކު ވަކިކުރަން ޖޭއެސްސީއަށް ގަބޫލު ކުރެވެންޏާ މަޖިލީހަށް ހުށަހަޅައިގެން މިހާރު ވެސް ވަކިކުރެވޭނެ،" ގާނޫނީ އެހެން ބޭފުޅަކު ވިދާޅުވި އެވެ.

މީގެ އަނެއްކޮޅަށް ވިސްނާލުން ވެސް މުހިންމެވެ. މިސާލަކަށް ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވުމުން ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތަށް، އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އެ ފަނޑިޔާރަކު ވަކިނުކުރަން މަޖިލީހުން ނިންމީ އެވެ. އެފަދަ ގޮތަކަށް މަޖިލީހުން ނިންމައިފި ނަމަ، ދެން އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ، ދެން އަމަލު ކުރާނެ ގޮތެއް ނުވަތަ އެކަމުގައި އިތުރު މަރުހަލާއަކަށް ދެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ގާނޫނު އަސާސީގައި ބުނެފައި ނުވުމެވެ.

އެހެން ބައެއް ގައުމުތަކުގައި ވެސް، ޖިނާއީ ކުށެއް ސާބިތުވިޔަސް ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ހަމައެކަނި މަޖިލީހަށް އޮންނަ ބާރެކެވެ. މިސާލެއްގެ ގޮތުން އިންޑިއާ ފާހަގަކޮށްލާނަމެވެ. މިދިޔަ އަހަރު އިންޑިއާގެ ކޮލްކަތާ ސްޓޭޓްގެ ހައި ކޯޓުގެ ފަނޑިޔާރަކު އެ ގައުމުގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ހަ މަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ. އެއީ އިންޑިއާގެ ތާރީޚުގައި ވެސް މަގާމުގައި ހުއްޓާ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. އެކަމަކު އެ ހުކުމް އަޔަސް، ގާނޫނީ ގޮތުން އެ ފަނޑިޔާރު މަގާމުން ވަތްކެއް ނުވެ އެވެ. އޭނާ މަގާމުން ވަކިވީ އެ ހުކުމް އައިތާ މަހެއްހާ ދުވަސް ފަހުން އޭނާ ފަނޑިޔާރު ކަމުން ރިޓަޔާވުމުންނެވެ.

ގާނޫނު އަސާސީން ފަނޑިޔާރުންނަށް ދީފައިވަނީ ވަރަށް ބޮޑު ހިމާޔަތަކާއި ރައްކާތެރި ކަމެކެވެ. އެއީ މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށެވެ. ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު ގާނޫނަކުން އެފަދަ ކަމެއް ނުކުރެވޭނެ އެވެ. ރައްޔިތުންގެ މަޖިލިހަށް ގާނޫނު އަސާސީ ހިމާޔަތްނުކުރެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.