މެމްބަރުންގެ ހަމަނުޖެހުންތަކާ ހެދި މަޖިލީހުގެ ޖަލްސާއެއް ހުއްޓިފައި.
15 މެއި 2018 - 08:33
ތިން ބާރުގެ ތަޅާފޮޅުމެވެ. އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަނެ، މިނިވަން ކަމަށް އަރައިގަތީ އެވެ. ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މިނިވަން މުއައްސަސާތައް މިވަނީ ޒިންމާ އަދާކުރަން ނުކުޅެދިފަ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މި ހަނގުރާމައިގައި ރައްޔިތުން މިތިބީ ނިކަން ރަނގަޅަށް ފިތި ބާރުވެފަ އެވެ. ގައުމުގެ ހާލަތު މިއޮތީ ފެންނާށެވެ؛
ކުރިމަތިވެގެން މިއުޅެނީ ވެރިކަން ކުރާ ނިޒާމުގެ މައްސަލަތަކެއް ހެއްޔެވެ؟
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި، ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމެވެ. ގައުމަށް ހަމަޖެހުން އޮތީ އެ މިސްރާބަށް ދަތުރުކޮށްގެން ކަމަށް ވިދާޅުވި އެވެ. އެހެންވެ ކެމްޕޭންގައި، އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ކުރައްވަނީ، ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ތާއީދު ހޯއްދެވުމެވެ.
"ރިޔާސީ ނިޒާމް، ރާއްޖެއާ ނުގުޅޭ ކަން އަޅުގަނޑުމެންނަށް ކަށަވަރު ވެއްޖެ. ބާރުގަދަ ރައީސުލް ޖުމްހޫރިއްޔާ އަށް ވެރިކަމުގެ މުޅި ނިޒާމް ގަޑުބަޑުކުރެވޭ ކަމީ ފެންނާން އޮތް ހަގީގަތެއް. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ތާއީދުކުރުމަށް އެންމެ ބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެން،" ބަރުލަމާނީ ނިޒާމަކަށް އަބަދުމެ ވަކާލާތުކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން، ބަރުލަމާނީ ސިފައެއް ކަމަށްވާ ކޯލިޝަނަކުން އިދިކޮޅު ޕާޓީތައް މިވަނީ ގުޅިފަ އެވެ. ނަޝީދުގެ މި ހުށަހެޅުއްވުމަށް، ޕާޓީތަކުން އެއްބަސްވެއްޖެ ނަމަ ގައުމަށް ހަމަޖެހުން ލިބި، ރައްޔިތުންގެ ހައްގުތައް އިޔާދަވީ ހެއްޔެވެ؟ ގާނޫނުއަސާސީގައި ލިއެފައިވާ ގޮތަށް ނިޒާމްގެ ތެރޭގައި މުއައްސަސާތައް ހިނގާނެ ހެއްޔެވެ؟
ހަގީގަތަކީ މިއެވެ؛ ރާއްޖެ އަށް ކުރިމަތިވެގެން މިއުޅެނީ ވެރިކަން ކުރާ ނިޒާމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ، ނިޒާމަށް ތަބާނުވުމެވެ. ގާނޫނަށް ބެލުމެއް ނެތި އޭރަކު ވެރިކަން ކުރައްވާ ބޭފުޅަކު ވެރިކަން ދިފާއުކުރައްވަން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރެއްވުމެވެ. އާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށި ފަހުން، ވޭތުވެދިޔަ 10 އަހަރު ރައްޔިތުން ތަޖުރިބާ ކުރަން މި ޖެހުނީ އެ ކަމެވެ.
ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޭރުވެސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން ވަކާލާތު ކުރީ އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެރިކަން ކުރާ، ބަރުލަމާނީ ނިޒާމް ގެންނާށެވެ.
އާ ގާނޫނުއަސާސީގެ ދަށުން އައިި ފުރަތަމަ ސަރުކާރުގެ ރައީސް ނަޝީދު އިސްތިއުފާ އިއުލާން ކުރެއްވިއިރު އެމަނިކުފާނުގެ ކެބިނެޓް ފަހަތުގައި -- ފޮޓޯ: އޭޕީ
ބަރުލަމާނީ ނިޒާމުގައި، ވެރިކަން ކުރާނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަކުންނެވެ. ވެރިކަން ހިންގާ ފަރާތާއި މަޖިލީހަކީ އެއް ބައެކެވެ. ބާރުލަމާނީ ނިޒާމް ދިވެހިން ބޭނުން ނުވީ ސަރުކާރު ޖަވާބުދާރީ ނުކުރެވި، ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނުތައް ފާސްކޮށްފާނެތީ އެވެ. އެއާ އެކު، ސަރުކާރު ބަދަލުކުރަން މި ނިޒާމުގައި ފަސޭހަވާނެތީ އެވެ.
ރިޔާސީ ނިޒާމަކަށް ރައްޔިތުން ތާއީދުކުރީ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ އިތުރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ވަކިވެފައި އޮތުމުން، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭނެ ކަމަށް ދެކިގެންނެވެ.
އެއާއެކު، މި ނިޒާމުގައި ވެސް ކަނޑައަޅާފައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ޚިލާފު ކަމެއް ކުރުމުން، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރެވޭނެތީއާ ވެސް އެކުގަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގައި ބަރުލަމާނީ ނިޒާމް ހިނގަމުން އަންނަނިކޮށް، ރިޔާސީ ނިޒާމް އުފަންވީ ބަރުލަމާނީ ނިޒާމްގައި ހުރި ގޯސްތައް ބެލުމަށް ފަހު އެވެ. ރިޔާސީ ނިޒާމުގައި، ބަރުލަމާނީ ނިޒާމަށް ވުރެ ބޮޑަށް ފާރަވެރިވެވޭނެ ގޮތްތަކާ ވެސް އެކުގަ އެވެ.
ގާނޫނުއަސާސީ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވީ ގައުމު މިހާލަތަށް ވެއްޓުނީ ގާނޫނުއަސާސީ އާއި ގާނޫނުތައް އަދި ވެރިކަން ކުރާ ނިޒާމުގެ ވެސް މައްސަލަތަކެއް ހުރެގެން ނޫން ކަމަށެވެ.
"މައްސަލައަކީ އިޚްލާސްތެރިކަމެއް ނެތުން، މައްސަލައަކީ ތަންފީޒުކުރާ ގޮތް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ މި ކަނޑުގައި އުޅެ، ތެމިފައި ޣަރަގުވާ ހިސާބަށް ގޮސްފައި ހުރި މީހެއް. އެހެންވީމާ އަޅުގަނޑަށް އެނގޭ މި ސިސްޓަމްގައި ހުރި ހުރިހާ ކަންތައްތަކެއް ވެސް. މިއުޅެނީ ނިޒާމްގެ މައްސަލައެއް ނޫން."
ބާރުތައް ވަކިކޮށްދީ، ޖަވާބުދާރީ ކުރެވޭ ގޮތަށް ގާނޫނުއަސާސީ އެކުލަވާލައި ނިޒާމުގައި ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދައިދީފައި ވީ ނަމަވެސް ރާއްޖޭގައި ކަންކަން މި ހިނގަނީ އެ ގާނޫނުއަސާސީއާ އެއްގޮތަށްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ޕީޕީއެމް އޮފީސް ކުރިމަތީގައި ޒާހިރު (ވ) މަޑުކޮށްލައްވައިގެން: ގައުމުގެ އިސް މަގާމްތަކަށް އިންތިހާބުވުމާ އެކު ގައުމާއި ރައްޔިތުންގެ މަތިން ހަނދާން ނައްތާލާ ކަމަށް ވިދާޅުވި.
ޝަރުއީ ނިޒާމަށް އަމާޒުކުރާ ފާޑުކިއުންތަކާ އެކު ރާއްޖޭގައި މިހާރު އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ނަގަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަން ހަމަޖެހިފައި އޮންނަ ގޮތުން އެ ތަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެމްބަރުން ތިއްބަވާއިރު އެ މީހުން މުސްތަގިއްލުކޮށް ވާހަކަ ނަންގަވަންވީ ކީއްވެތޯ؟" ޒާހިރު ސުވާލު ކުރެއްވި އެވެ.
"ގާނޫނުއަސާސީގައި އެބަ އޮތްތޯ ސުޕްރީމް ކޯޓަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބާރު ހިންގުމުގެ ބާރު ދީފައި؟ މިއީ ނިޒާމްގެ މައްސަލައެއްތޯ؟ މިއީ، ހިންގަން ތިބޭ، ތަންފީޒުކުރަން ތިބޭ މީހުންގެ މައްސަލައެއް."
ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރުގެ ބާރު އެ ކޯޓުގައި އޮއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި ޒާހިރު ވިދާޅުވީ، ޝަރީއަތް ހިންގުމުގެ އެންމެ މަތީ ބާރަކީ އެމަނިކުފާނު ކަމަށް ވިދާޅުވިއިރު ޝަރީއަތް ކުރުމުގެ ބާރުގެ ވާހަކައެއް ނުދައްކަވާ ކަމަށެވެ. ޝަރީއަތް ކުރުމާއި ހިންގުން އެއީ މުޅިން ތަފާތު ދެ ކަމެއް ކަން ޒާހިރު ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށް ގާނޫނުއަސާސީ ފަށާ މާއްދާގައި އެބަ ބުނޭ. އެކަމަކު އެހެންތޯ މިދަނީ. ދެން ވިދާޅުވަނީ ޑިމޮކްރަސީއަކީ ކޮބައި ހެއްޔޭ؟ ކޮންކްރީޓަކީ ޑިމޮކްރަސީތޯ؟" ސީނާ ޒާހިރު ސުވާލު ކުރެއްވި އެވެ.
ޒާހިރުގެ ވިސްނުމާ އެއްގޮތަށް ވާހަކަ ދެއްކެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވިދާޅުވީ ދިމާވެގެން މިއުޅެނީ މޮޅު، ދެރަ ނިޒާމެއްގެ މައްސަލައެއް ނޫން ކަމަށެވެ.
"ނިޒާމްގައި އޮންނަ ގޮތަށް ހިންގަން ތެދުވެރި ފަރާތްތަކެއް ނުލިބުމުގެ މައްސަލަ ކުރިމަތިވެގެން މިއުޅެނީ،" ކުރިން ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
"ދެހާސް އަށް ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް ދިރާސާއެއް ހަދައިފިއްޔާ ފެންނާނެ، އަމިއްލަ އަށް ލީޑަޝިޕުން ގޯސްތައް ހަދައިގެން ގޮސް ވެރިކަންތައް ވެސް ހަމަ ނިމި، ގަޑުބަޑުވެގެން މިދަނީ. މި ވެރިކަމުގައި ވެސް ހަމަ ކުއްލިއަކަށް ނޫންތޯ ގާނޫނުއަސާސީ އިސްލާހުކޮށް، އަޅުގަނޑު އެއްފަރާތްކޮށް، އޭގެ ފަހުން ހުސް މައްސަލަތަކެއް ނޫންތޯ؟ އޭރުގެ އުއްތަމަ ފަނޑިޔާރު އެއްފަރާތްކޮށް، ދެން ހުރި އޮޑިޓަ ޖެނެރަލް އެއްފަރާތްކޮށް، ކުރި ކަންތައްތަކުގެ ތެރެއަށް ނޫންތޯއޭ ގައުމު ގެނބިގެން މިދިޔައީ؟ ދެން 2008 ގައި، އައި ސަރުކާރު ވެސް 2013 ގެ ސަރުކާރު ވެސް ހަމަ މިގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް ނުހިނގައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ސަރުކާރު ކޯލިޝަނުން އެ ފަޅިއަށް ރުހުން ލިބޭ ގޮތަށް، އަދި އިދިކޮޅު ޕާޓީތަކުން އެ މީހުންނަށް ތާއީދު ބޮޑުވާ ގޮތަށް ވާހަކަ ދެއްކިއަސް ޖަވާބު ވަރަށް ސާފެވެ.
މަޖިލީހުގެ ބާރުކަނޑުވާލީ ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނަށް އޮތް ސާފު އަޣުލަބިއްޔަތު ގެއްލުމުންނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅި ހިސާބުން މަޖިލީސް ޕެރެލައިޒްކޮށްލީ އެވެ.
އެކަމަކު މި މައްސަލައިގެ ވެސް ހައްލު އޮތީ ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިއެފަ އެވެ. މަދުވަނީ ވެރިކަން ހިންގާ ފަރާތުގެ އިޚްލާސްތެރިކަން ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ޔާމީން (މ)، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވާއިރު އަރިހުގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މަޑުކޮށްލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
"ރިޔާސީ ވިޔަސް، ބަރުލަމާނީ ވިޔަސް ހިންގާ ފަރާތަކީ ރައްޔިތުންނަށް ތެދުވެރި، އިޚްލާސްތެރި ބޭފުޅަކަށް ނުވާ ނަމަ، އެއްވެސް ނިޒާމެއް މަސައްކަތެއް ނުކުރާނެ،" ޖަމީލް ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި މިހާރު އޮތް ހާލަތުން ވެސް ހައްލުތަކެއް ހޯދަން ޖެހެ އެވެ. އެއް ކަމަކަށް، ގަދަބާރުން ވެރިކަން ނުކުރެވޭނެ ކަމަށާއި ވެރިކަން ދެމެހެއްޓޭނީ އެންމެން ވެސް ބޯޓަށް އަރުވައިގެން ކަން ދަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ކަމެއް އިސްލާހުކުރަން މީހުން އިސްލާހު ވާންވީ، ތެދުވެރިވާންވީ. ކީރިތި ގުރުއާނުގެ އާޔަތެއް ކިޔާފައި، މާނަ ކިޔާފައި އޭގެ އަނެއް ދުވަހު ގޮސް ހިތަށްއެރި ގޮތަކަށް މި ކަންތައް ކޮށްލަނީ. ދެން ބުނަނީ ދީނީ މީހެކޭ. ލޮލަށް ފެންނަން ހުންނަ ކަންކަން ބުނަނީ މިހެނެއް ނޫނޭ ހިނގަނީ،" ޒާހިރު ވިދާޅުވި އެވެ.
"ތެދުވެރިވާންވީ. މަށަކީ ދުނިޔޭގައި ހުރި އެންމެ ތެދުވެރި މީހާއޭ، އިންސާފުވެރި މިހާއޭ ބުނާނެ ކަމެއް ނެތް. އަމަލުން ދައްކަންވީ."
ގާނޫނުއަސާސީގައި އިސްލާހުކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. އެކަމަކު ވެރިކަމުގެ ނިޒާމް ބަދަލުނުކޮށް އެކަން އިސްލާހު ކުރެވިދާނެ އެވެ. ރާއްޖެ ތަހައްމަލްކުރަމުން ދާ މައްސަލަތަކަށް ބަލާއިރު ގައުމަށް ކުރިމަތިވެގެން މިއުޅެނީ ވެރިކަމުގެ ނިޒާމެއް ނޫނެވެ. ވެރިންނާއި ޒިންމާ އަދާކުރަން ޖެހޭ މީހުންގެ އިޚްލާސްތެރިކަމެއް ނެތުމުގެ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރުތަށް
15 May 2018
ނޭގޭ ބޭފުޅަކު އަގަހުޅުވީމާ ވާގޮތް. ކިތަންމެ ފޮރުވަން މަސަތްކަތްކުރިޔަސް
ސަލާމް އަހުމަދު
15 May 2018
މައްސަލައަކީ ނިޒާމެއްނޫން، މައްސަލައަކީ ވެރިކަމުގެ ބާރުތަކާ ހަވާލުވާމީހުން. ވެރިކަމާ ހަވާލުވާ އެންމެންވެސް މަސައްކަތްކުރަނީ ވީހާބޮޑަކަށް ބައިތުލްމާލުން ކެވޭތޯ. މިފަދަ ކަންތައްތައް ހުއްޓުވޭނީ ކޮރަޕްޓް ނޫން މީހުންނަށް ބާރުތައް ދީގެން. އެހެންވީމާ، ކޮރަޕްޓްޝަން ނައްތާލަން މަސައްކަތް ކުރާ މީހުން އެކިއެކި މަޤާމުތަކަށް ހޮވަންޖެހޭ
ބާބޫ
15 May 2018
ޑިމޮކްރަސީއަކީ ހުޅަނގުން މޮޑޭ ފުއްގަނޑެއް. އެއެއް އިސްލާމީ ޤައުމެއްގައި ވޯކެއް ނުކުރާނެ....އެއީ އިސްލާމީ ޤައުމުތައް ބައިބައިކޮށް ފުނޑާލަން ހަދާފަ އޮންނަ ނިޒާމެއް....މިކަން ނުވިސްނޭ އަންނިއާއި ޔާމީނާއި ޢުމަރާއި ޤާސިމާއި ދެންވެސް މަތީފަޑިގަ ތިބި ސިޔާސީ މީހުންނަކީ ގަމާރުންނެވެ. ހުނޅަގުގެ މަގުފަސޭހަކޮށްދޭ އެމީހުންގެ ޖެހިހާބެރަކަށް ނަށާ ޕަރުވާނާތަކެކެވެ. މިކަން ދިވެހި ރަތްޔިތުން ވިސްނުންހުއްޓެވެ.
55666
15 May 2018
ޚަލީފާއިން އައްޔައް ކުރީ މަޝްވަރާގެ މަތިން. ދެން ރައްޔިތުން ވެރިން ހޮވާނެ ގޮތެއް ބުނެބަލަ ކޮންމެ ރައްޔިތުަކުވެސް މަށަށް ރަގަޅީ މިވެނި މީހެކޭ ނުބުނެ. އިސްލާމްދީނުގައި ޕޯޕެއް ނުހުރޭ ވިރާސީ ރަސްކަމެއްހެން ކަން ކުރާކަށް. އިސްލާމީ ގައުމުތަކުގެ ހަލާކަކީ ޚުދުމުޚޫތާރު ވެރިން. ދެން ވިކިފައި ތިބޭ ބޮޑުން. އޭގެ މިސާލަކީ މެލޭޝިޔާއާ މިސުރުގެ މިސާލު. މެލޭޝިޔާ އަރައިގަތީ ރައްޔިތުންގެ ބާރު ހިނގާތީ. ކީއްވެތަ ރައްޔިތުންގެ ބާރު ދެކެ އެހާ ބިރުގަންނަނީ. ރައްޔިތުން މީހަކު ނުހޮވާ ދެން ކާކުތަ ވެރިން ހޮވަންވީ؟ ކަލޭތަ؟
ޢަލީ343
15 May 2018
ރަނގަޅު ވެރިކަމުގެ ނިޒާމެއްގައި ހެޑް އޮފް ގަވަންމެންޓާއި ހެޑް އޮފް ސްޓޭޓް ތަފާތު ވުމަކީ ރަނގަޅު ސިފައެއް. ޢެކަމަކު އިންޑިޔާފަދަ ބަރުލަމާނީ ތަކުގައި އޮތީ ފެއިލްޑް ސިސްޓަމެއް. ރިޔާސީ ނިޒާމެއް މޮޑިފައިކޮށް އިލެކްޓެޑް ކިންގެއް (ޗެއަރމަން) 10 އަހަރަށް ހޮވާ މިނިވަން މުއައްސަސާ ތަކާއި ދިފާއީ ބާރު ޗެއަރމަންގެ ބާރުދަށިގައި ބާއްވަންވީ. ރައީސް ގައުމު ހިންގަންވީ. ޗެއަރމަން ޗެއަރމަން ވާންޖެހޭނީ ނޮންޕޮލިޓިކަލް ބެކްގްރައުޑެއްގެ ބޭފުޅަކަށް
55559
15 May 2018
މައްސަލައަކީ ކޮންމެކަމެއްގައި ވެސް ގަދަ ބަސްބުނާ ފިނޑި ސިޔާސީ މީހުން...ކޮންމެ މީހަކު ވެސް އިހްލާސްތެެރިވާނީ އެމީހެއްގެ ބާރު ކެނޑުނީމަ...ވިސްނާ ޖަމީލު ރިއާސީ އިންތިހާބުގައި ބުނެލާފައި ހުރި ބަސްތައް...ބޮޑާކަމާއި ކިބުރުވެރިކަން ނޫން އިތުރުކަމެއް ފަހުމްވޭތައް...މިހާރު މިތިބި ހުރިހާ ލީޑަރުންނަށް ރައްޔިތުން ނޫނެކޭ ބުނީހަމަ މިހާރު އޮތް ސިސްޓަމް ވެސް ރަގަޅުވާނެ...މީގައި އުމަރެއް, ނަޝީދެެއް,ގާސިމެއް,ޔާމީނެއް, އަަދި ޖަމީލެއްކިޔާނެ ކަމެއްނެތް...އެމީހުންނަކީ މާޒީކަމަށް ހަދާފައި އާ ލީޑަރަކަށް އެންމެން ވެސް ވޯޓުދީ!!
އަޖީތު
15 May 2018
އެކެއްގެ އަތް މައްޗަށް މާ ގިނަ ބާރު ޖަމާވާ ނިޒާމަކަށް ވާތީ ރަޔާސީ ނިޒާމު ރާއްޖެއަކަށް ކަމަކު ނުދޭ.
ބަތޭލި
15 May 2018
ދެން ތިހާ ބާރުގަދަ ނަގާމެއްގައި ހުރެ 3 އަހަރު ވެރިކަން ނުކުރެވިގެން އިސްތިއުފާ މިދިނީ ކީއްވެ؟ އޭރު ބާރުގަދަ ރައީސަކަށް ނުވީތަ؟ ކޮބާތަ ތިކިޔާ ހުރިހާ ބާރެއް އޭރު؟
ހުސެންބެ
15 May 2018
ރިޔާސީ ނިޒާމްހުރި މައްސަލަތައް ދިވެހިންނަށް މިހާރު ފެނިއްޖެ. ކުރީގަވެސް ބަރުލަމާނީ ކިޔާތީ ބަރުހެލިވާނެހެން ހީވެ ރިޔާސީ ނިޒާމަކަށް ވޯޓު ދެވުނީ. ދެންފަހަރަކުން އެހެންނުވާނެ.
ސިޔާސީ ބާރީ
15 May 2018
އިންސާނުން ދުނިޔެ ފޮނުއްވައި ވެރިކަންކުރަންވީ ގޮތާ ފޮތާ ދެއްވީމައި މާ މޮޅު ވިސްނޭ ބަޔަކައްވެގެން ތިހެން އަމިއްލަ ނިޒާމްތައް ހަދައިގެން އުޅެން ފެށީމާ ވާނޭ ގޮތް ތިވަނީ!
މިއީ އަޙްމަދު
15 May 2018
އެއްވަނައިގެ ލިޔުމެއް
ފަރުތޮޅި
15 May 2018
ނިޒާމަކުވެސް، ވެރީންގެވެސް މައްސަލައެއް ނެތް. މައްސަލަ އުޅެނީ ހަމަ އަހަރުމެންގެ. އަހަރުމެންގެ ތެރެއިން ބަޔަކުވޯޓްލައިގެން ވެރިމީހާވެސް މަޖިލީސް މެންބަރުންވެސްހޮވަނީ. ވޯޓްލުމުގަ މިގެންގުލޭ ބައެއް އާދަކާދަ ބަދަލުކުރަންވީ.