ރާއްޖޭގެ އާބާދީ 40 އަހަރު ފަހުން!

މީގެ ސާޅިހަކަށް އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތް ލަފާކޮށްލަން ހިނގާށެވެ. ތަރައްގީއަށް ބަލާއިރު ޔަގީނުން ވެސް އޮންނާނީ ވަރަށް ކުރީގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ޕްލޭނަށް އެކަނި ބަލާލިޔަސް، މުޅި މާލެ ސަރަހައްދު ބްރިޖްތަކަކުން ގުޅާލަން ވަނީ ނިންމާފަ އެވެ. ފަހަރެއްގައި އެއް ރަށުން އަނެއް ރަށަށް ވެސް ހިނގާލާފައި ދެވިދާނެ އެވެ.


އެކަމަކު މިއީ މި ރިޕޯޓުގެ މައުލޫއެއް ނޫނެވެ. މީގެ ސާޅީހަކަށް އަހަރު ފަހުން ރާއްޖޭގެ އާބާދީއަށް އަންނާނެ ބަދަލާ މެދު ވިސްނާލުން ކިހިނެއްވާނެ ހެއްޔެވެ؟ ދުނިޔޭގެ އާބާދީީ ދުވަހު އެކަމާ ގުޅޭ މައުލޫމާތު އާއްމުކޮށްފައިވާއިރު، މިދިޔަ ހަފުތާގައި ވަނީ އޭގެ ތަފްސީލީ ރިޕޯޓު ނެރެފަ އެވެ. އެންމެ ފަހުން، 2014 ވަނަ އަހަރު ނެގި ބޯހިމެނުމުގެ މައުލޫމާތުތަކަށް ބަރޯސާވެ، ދަރިމައިވުމާއި ވިހާމަރުވާ އަދި ހިޖުރަކުރުން މިހާރު ކުރި މިންގަނޑަށް ބަލައި ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ބުނާގޮތުގައި، އަހަރުތަކެއް ފަހުން، ރާއްޖޭގެ އާބާދީއަށް ހީވެސް ނުކުރާ ބަދަލުތަކެއް އަންނާނެ އެވެ.

ލޯކަލް މާރުކޭޓު ކައިރި: މާލޭގެ އާބާދީ ކުރިއަށް އޮތްތަނުގައި އިތުރުވާނެ ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ބިދޭސީންގެ އާބާދީ 50 ޕަސެންޓް މަތިވާނެ

އެންމެ ފަހުގެ ބޯހިމެނުމުން (2014 ވަނަ އަހަރު) ދައްކާ ގޮތުގައި ރާއްޖޭގައި 437،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. މީގެ ތެރެއިން ދިވެހިންގެ އަދަދަކީ 339،000 އެވެ. ބިދޭސީންގެ އަދަދަކީ 97،700 އެވެ. އެއީ އާބާދީގެ 22 ޕަސެންޓެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހާރު ރާއްޖޭގައި 500،000އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ އެވެ. ދިވެހިންގެ އަދަދު 366،000އަށް އަރާއިރު ބިދޭސީންގެ އަދަދު އުޅޭނީ 145،000ގައި ކަމަށް ލަފާކޮށްފައި ވެ އެވެ.

އާބާދީ ބަދަލުވަމުން އަންނަ ނިސްބަތަށް ބަލާއިރު ކޮންމެ އަހަރަކު ވެސް މީހުންގެ ނިސްބަތް އިތުރުވާނެ އެވެ. އަދި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީީ ދެގުނަ އިތުރުވެ، 2048 ވަނަ އަހަރު އެ އަދަދު 889،000އަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އޭގެ ފަހުން އާބާދީ އިތުރުވާ މިންވަރު މަޑުމަޑުން ދަށަށް ދިޔަ ނަމަވެސް މީގެ 40 އަހަރު ފަހުން، ރާއްޖޭގެ އާބާދީ މިލިޔަނަކަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.

މިހާރު ރާއްޖޭގެ އާބާދީގެ 78 ޕަސެންޓަކީ ދިވެހިން ކަމަށް ވިޔަސް، އަހަރުތަކެއް ފަހުން، އެ އަދަދު 57 ޕަސެންޓަށް ކުޑަވާނެ ކަމަށް ލަފާ ކުރެވެ އެވެ. އޭރުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވާނީ ބިދޭސީންނެވެ.

ބިދޭސީންތަކެއް މަސައްކަތުގައި: ކުރިއަށް އޮތް 40 އަހަރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވާނެ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އެންމެ ގިނަވަމުންދާނީ، 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގަ އެވެ.

"ރާއްޖޭގެ އާބާދީ އެހާބޮޑަށް އިތުރުވަމުން ދަނީ ވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު، އަހަރަކު ދިހަ ޕަސެންޓަށް އިތުރުވަމުން ދާތީ އެވެ. އެއީ ރާއްޖޭގައި މިހާރު ކުރަމުން އަންނަ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި އިގްތިސޯދީ އެހެނިހެން އިންވެސްޓްމެންޓްތަކުގެ ސަބަބުން ކަމަށް ލަފާ ކުރެވެ އެވެ." ރިޕޯޓުގައި ބުނެފައި ވެ އެވެ.

އެކަމަކު 2020 ވަނަ އަހަރުގެ ފަހުން، މި މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހި، ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންގެ އަދަދު މަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ހުވަދު އަތޮޅުގެ އާބާދީ ކުޑަވާނެ

އެންމެ ފަހުގެ ބޯހިމެނުމުގައި ދައްކާ ގޮތުގައި ގއ. އަތޮޅާއި ގދ. އަތޮޅުގައި 20،000އެއްހާ މީހުން ދިރިއުޅެ އެވެ. ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅެވެ. އެކަމަކު މީގެ 40 އަހަރު ފަހުން، އެންމެ އާބާދީ މަދު އަތޮޅުތަކުގެ ތެރޭގައި ހުވަދު އަތޮޅު ހިމެނޭނެ އެވެ. އެގޮތުން، ލަފާކުރެވޭ ގޮތުން، އެ އަތޮޅުގައި އުޅޭނީ ހައެއްކަ ހާސް މީހުންނެވެ. ޖުމްލަކޮށް ބަލާނަމަ، މީގެ 40 އަހަރު ފަހުން އެންމެ އާބާދީީ މަދު ވާނީ އެ އަތޮޅުގަ އެވެ.

ރ.ފައިނުގެ ޒުވާނުންތަކެއް، ފިހާރައެއްގެ ކައިރީގައި މަޑުކޮށްލައިގެން ތިބެ ވާހަކަދައްކާލަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު

މީގެ އަހަރުތަކެއް ފަހުން، ރާއްޖޭގެ ހުރިހާ އަތޮޅަކުންހެން މީހުން މާލެ ބަދަލުވެ، ރަށްރަށުގެ އާބާދީ މަދުވާނެ އެވެ. މިހާރު 10،000އަށް ވުރެ އާބާދީ ބޮޑީ ނުވަ އަތޮޅުގައި ( ހއ، ހދ، ށ، ނ، ރ، ކ، ލ، ގދ، ޏ އަދި ސ) ނަމަވެސް 40 އަހަރު ފަހުން އެ އަދަދު ހަތަކަށް ( ހދ، ށ، ރ، ކ، އދ، ލ، އަދި ސ) މަދުވާނެ އެވެ.

މިހާރު ރާއްޖޭގެ އާބާދީގެ 41 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ 170،000 މީހުންނެވެ. މާލޭގެ ސަރަހައްދަށް ގެންނަ ތަރައްގީތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސަބަބުން، ކުރިއަށް އޮތްތަނުގައި އެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ އެވެ. އެ މަޝްރޫއުތައް ނުހިމަނައި، ހަމައެކަނި ވިހާމަރުވާ އަދި މިހާރު ހިޖުރަކުރާ ނިސްބަތަށް ބަލާއިރު، އެ އަދަދު 500،000އަށް އިތުރުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

މީގެ 40 އަހަރު ފަހުން އާބާދީއަށް އަންނާނެ އެހެން ބައެއް ބަދަލުތައް

- ކުޑަކުދިންގެ ނިސްބަތް 28 ޕަސެންޓުން، 18 ޕަސެންޓަށް ދަށްވާނެ

- ދުވަސްވީ މީހުންގެ ނިސްބަތް ފަސް ޕަސެންޓުން، 14 ޕަސެންޓަށް އިތުރުވާނެ

- މިހާރު ރާއްޖޭގައި އޮތީ ޒުވާން އާބާދީއެއް، އެކަމަކު 40 އަހަރު ފަހުން ގިނަ ވާނީ ދުވަސްވީ މީހުން

- މަސައްކަތް ކުރާ މީހުންގެ އާބާދީ ދެ ގުނަ އިތުރު ވާނެ

- އާބާދީއަށް އެންމެ ބޮޑު ބަދަލެއް އަންނަނީ ދަރިމައިވުމުގެ ރޭޓް ދަށްވެ، ހިޖުރަ ކުރާ މީހުންގެ އަދަދު އިތުރުވުމުން

އުމުރުން ދުވަސްވީ ދެ މީހުން ވާހަކަ ދައްކާލަން މަޑުކޮށްލައިގެން: 40 އަހަރު ފަހުން ރާއްޖޭގެ އާބާދީގައި ގިނަ ވާނީ ދުވަސްވީ މީހުން

އާބާދީގެ ތަފާސް ހިސާބުތަކަށް ބަލައި ތައްޔާރުކޮށްފައިވާ، ސަރުކާރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މީގެ 40ހަަކަށް އަހަރު ފަހުން ރާއްޖޭގެ އާބާދީ މިލިޔަނަކާ ގާތްކުރާނެ އެވެ. ނަތީޖާއެއްގެ ގޮތުން، މަތީ ތައުލީމާއި ވަޒީފާގެ ފުުރުސަތާއި ގެދޮރުގެ ވަސީލަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވާނެ އެވެ. އެހެންވެ، މަސައްކަތް ކުރާ މީހުންގެ ތެރޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް ހިމެނޭ މި ދަނޑިވަޅު، އިގްތިސޯދީ ކުރިއެރުންތައް ގެންނަން ޖެހޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. ހިޖުރަކުރުން ހުރިގޮތަށް ބަލައި، އޭގެ ސަބަބުން ރަށްރަށުގެ އާބާދީއަށް އަންނަ ބަދަލުތަކަށް ވެސް ސަމާލުވާން ޖެހެ އެވެ.

އާބާދީގެ ކޮންމެ މި އަދަދަކީ ވެސް ކުރިމަގަށް ވިސްނަން ލިބޭ ފުރުސަތެއް ކަމަށް ބަލައި، މީގެ ބޭނުން ހެޔޮގޮތުގައި ހިފުން މުހިއްމެވެ.