ބޭނުމީ ދޮޅު އަހަރުތަ؟ ނޫނީ ފަސް އަހަރުތަ؟

ގާނޫނުއަސާސީ ބުނާ ގޮތުން ރިއާސީ ދައުރެއްގެ ދިގުމިނަކީ މީލާދީ ފަސް އަހަރެވެ. ވެރިކަމަށް މީހަކު ކުރިމަތިލަނީ އަދި މީހަކު އިންތިޚާބު ކުރަނީ ވެސް އެ މުއްދަތު ފުރިހަމަ ކުރާށެވެ. އެ މުއްދަތުގެ ތެރޭގައި ވެރިކަމުގައި ހުރި މީހާ މަގާމުން އިސްތިއުފާ ދީފި ނަމަ، ނުވަތަ އެ ނޫން ގޮތަކުން މަގާމުން ވަކިވެއްޖެ ނަމަވެސް ކަންތައް ކުރާންވީ ގޮތް ގާނޫނުއަސާސީގައި އޮތީ ލިޔެ ކަނޑައަޅައިފަ އެވެ.


ކުރިއަށް އޮތް ރިއާސީ އިންތިޚާބުގެ ކެމްޕޭން އޭގެ އެންމެ ފޯރީގައި ކުރި އަށް ދާ އިރު، ވެރިކަންކުރާ ޕާޓީގެ ކެމްޕޭން ޓީމުން ބުނާ ގޮތުގައި ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ އިޚްތިޔާރެކެވެ. އެއީ ދޮޅު އަހަރަށް މީހަކު އިންތިޚާބު ކުރުމާއި ފަސް އަހަރުގެ ފުރިހަމަ ދައުރަކަށް މީހަކު އިންތިޚާބު ކުރުމާ ދެމެދު ގޮތެއް ނިންމުމެވެ.

އެ އިޝާރާތް ކުރަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓަށް ކާމިޔާބު ލިބިއްޖެ ނަމަ، އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލައި، ދޮޅު އަހަރު ވުމުން އަލުން ރިއާސީ އިންތިޚާބެއް ބޭއްވުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމަށެވެ. ހުސްވި ޖޫން މަހުގެ ފަހުކޮޅު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ނިންމީ، އިދިކޮޅު ކޯލިޝަން ސަރުކާރުގެ ދޮޅު އަހަރަށް ފަހު، ކޮންމެ ޕާޓީއަކަށް ވެސް އެ ޕާޓީއަކުން ކަނޑައަޅާ ކެންޑިޑޭޓަކު ވާދަ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް އަލުން އިންތިޚާބެއް ބޭއްވުމަށެވެ.

ގަލޮޅު ދެކުނުގައި އިއްޔެ ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ކެމްޕެއިންގައި އިބޫއާ އެކު ކުޑަކުއްޖަކު ފޮޓޯއެއް ނަގަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެހެންކަމަށް ވާ ނަމަ، މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު އިންތިހާދުން ވާދަކުރައްވާ ކެންޑިޑޭޓް، އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެރިކަމުގައި ލިބިވަޑައިގަންނަވާނީ ދޮޅު އަހަރެވެ. އެއަށް ފަހު އިބޫ އާއި ފައިސަލް އިސްތިއުފާ ދެއްވުމަށް ފަހު އަލުން އިންތިޚާބު ބާއްވާނީ އެވެ. އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީނާ ވާދަކުރުމަށް އިދިކޮޅު ކޯލިޝަނުން ނެރުނު އިބޫ އަކީ، ވެރިކަމަށް ގެންނަން އެމްޑީޕީން ބޭނުންވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަންޏެކެވެ. އެހެންކަމުން އިބޫ އިންތިޚާބުވާ ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ، ނަޝީދުގެ އަތްމައްޗަށް ވެރިކަން ފުރޮޅައިލެވޭނެ ގޮތަށް ކަންކަން ފަހި ކުރުމަށެވެ.

އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި މަންދޫބުން ވޯޓުލަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ގުޅިފައިވާ އިއްތިހާދުގެ ރިއާސީ ކެންޑިޑޭޓުކަން ލިބުމަށް ފަހު އިބޫ ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފި ނަމަ، މިހާރު ޖަލު ހުކުމްގަ އާއި ހުކުމަކާ ނުލައި ހައްޔަރު ކޮށްފައި ތިބި ސިޔާސީ ހުރިހާ ބޭފުޅުން، ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަން ކުރައްވާނެ ކަމަށެވެ.

"ރައީސް މައުމޫން ޖަލުގައި އިންނަވަން ވީ ސަބަބެއް ނެތް. ނަޝީދާއި ގާސިމަށް ރާއްޖެ ނާދެވެން ވީ ސަބަބެއް ނެތް. އިމްރާން ޖަލުގައި އިންނެވި ސަބަބެއް ނެތް. އެއީ ކުށްވެރިންނެއް ނޫން. އޭގެ އިތުރުން، އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި އެތައް ބައެއް ވަނީ ނުހައްގުން ހުކުމްކޮށް ޖަލަށް ލެވިފައި. އެއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތާ އެކު، ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވައިލާ ސަރުކާރުގެ ފުރަތަމަ ދުވަހު އެ ހުރިހާ ބޭފުޅުން [ސިޔާސީ ހުރިހާ ލީޑަރުން] މިނިވަން ވެގެން ދާނެ،" މިދިޔަ ޖުލައި 15 ވަނަ ދުވަހު އައްޑޫ މަރަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިބޫ ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ގޮތުގައި އިބޫ ވެރިކަމަށް ވަޑައިގެން ޖަލުގައި ތިބި ކުށްވެރިންތަކެއް މިނިވަން ކުރާނެ ވާހަކަ ދައްކަވަން ފެއްޓެވުމުން އެނގެނީ، އިންތިޚާބަށް ކުރިމަތިލެއްވި އިރު ވެސް އެމަގާމު އަދާކުރުމުގެ ފުރިހަމަ ކޮންޓްރޯލް އިބޫގެ އަތުގައި ނެތް ކަމެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައެޅި ފަދައިން ވެރިކަން އެހެން ބޭފުޅަކާ ހަވާލު ކުރުމުގެ ފޮރުވިފައިވާ އެޖެންޑާއެއް އޮތް ކަމެވެ.

"މިހާރު އިބޫ އެ ހުރީ ނަޝީދު ފުރިހަމަ އަށް ކޮންޓްރޯލް ކުރާ ޕަޕެޓް މަގާމެއްގައި. އިބޫގެ އަތަކު ނޫން ވެރިކަމުގެ ކޮންޓްރޯލް އޮންނާނީ ވެރިކަން ލިބުނަސް. އެއީ އެމްޑީޕީގައި އޮންނަ ކެނެރީ އާއިލާގެ ފެކްޝަނުން އެއްބަސްވެފައި އޮތް ގޮތް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިސް އެކްޓިވިސްޓުންނާއި ނަޝީދުގެ ތިމާގެ ބޭފުޅުންގެ ވާހަކަތަކުން އެނގެނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ނަޝީދު ވެރިކަމަށް ގެނައުމަށް އެމްޑީޕީން ދެ ގޮތަކަށް މަސައްކަތް ކުރާނެ ކަމެވެ. ފުރަތަމަ ގޮތަކީ އިބޫގެ ނައިބު ރައީސް ފައިސަލް އިސްތިއުފާ ދެއްވުމުން ނައިބު ރައީސްގެ މަގާމަށް ނަޝީދު އައްޔަން ކުރުމެވެ. އެއަށް ފަހު އިބޫ އިސްތިއުފާ ދެއްވުމުން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމެވެ.

ދެ ވަނަ ގޮތަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރައްޔިތުންގެ މަޖިލީހުގެ ތާއީދާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަނިކުފާނު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

"އެކަމަކު އެ ގޮތަކަށް އެކަމެއް ނުކުރެވޭނެ. އެންމެ ފަހުން މި ބޭއްވި ދެ އިންތިޚާބުގައި ވެސް އާންމު ރައްޔިތުން އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީއެއް ނުދޭ. އެހެންވީމާ މަޖިލީހުގެ ތެރެއިން އެމްޑީޕީ އެ ބޭނުންވާ ބަދަލެއް ގާނޫނުއަސާސީއަކަށް ނުގެނެވޭނެ. އާންމު ރައްޔިތުންގެ އެހާ ބޮޑު ތާއީދެއް ވެސް އެކަމަކަށް ނުލިބޭނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ކޮންމެ ގޮތަކަށް ނަޝީދު ވެރިކަމަށް ގެންނަން ރާވާފައި އޮތް ކަމުގައި ވިޔަސް، އާންމު ރައްޔިތުން ވޯޓު ލާން ނުކުންނަ އިރު، ތިމަންނާމެން އިބޫ އަށް ވޯޓު މި ދެނީ ދޮޅު އަހަރު ވެރިކަން ކުރަންކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ އެވެ.

"އަޅުގަނޑުމެން އެކި ފޯރަމްތަކުގައި ތަކުރާރުކޮށް އިބޫއާ ސުވާލުކުރަމުން މިދަނީ އިބޫ އަށް ވޯޓު ދެއްވަންވީ ދޮޅު އަހަރަށްތޯ ނޫނީ ފަސް އަހަރަށްތޯ ސާފުކޮށްދެއްވާށޭ. މިހާތަނަށް ވެސް އިބޫ އެއަށް ޖަވާބެއް ނުދެއްވާ. ހަމަ މިއަދު ވެސް އިބޫއާ ސުވާލު ކޮށްލަށް ބޭނުން މަނިކުފާނު ކުރިމަތިލައްވައިގެން ތި އުޅުއްވަނީ ދޮޅު އަހަރަށްތޯ ނޫނީ ފަސް އަހަރަށްތޯ،" ނިހާން ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތުން، އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، އިދިކޮޅު ޕާޓީތަކުން އެކުލަވައިލާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެކެވެ. ބޭނުމަކީ، ރައީސް ޔާމީންގެ ސަރުކާރުން ޚަރާބުކޮށްފައިވާ ދައުލަތުގެ ނިޒާމް ރަނގަޅުކޮށް، މުއައްސަސާތައް ހަރުދަނާކޮށް، ނިގުޅައިގެންފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުން ކަމަށް މެނިފެސްޓޯގައިވެ އެވެ.

އެކަމަކު އެމްޑީޕީގެ މެނިފެސްޓޯގައި އޮތުމަކީ އަދި އެހެން ޕާޓީތައް ވެސް ހިމެނޭ ކޯލިޝަނުން ކަން ކުރަން ޖެހޭނެ ގޮތެއް ނޫނެވެ. ކޯލިޝަންގެ މެނިފެސްޓޯ އަދި އާންމެއް ނުކުރެ އެވެ. އެހެންކަމުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އިބޫ ވެރިކަމަށް ކުރިމަތިލެއްވީ ދޮޅު އަހަރު ފަހުން އިސްތިއުފާ ދެއްވާކަށް ނޫނެވެ. އަދި ވެރިކަމުގެ ސިޔާސަތު ކަނޑައެޅޭނީ ގުޅިފައިވާ ޕާޓީތަކުން އެކުލަވައިލާ މެނިފެސްޓޯއަކަށް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެކަމަކު އިންތިޚާބަށް މަސް ދުވަހަށް ވާއިރު ވެސް އެ މެނިފެސްޓޯ އަދި ވުޖޫދަކަށް ނާދެ އެވެ. އެހެންކަމުން އިބޫ ކުރިމަތިލައްވައިގެން އުޅުއްވަނީ ކިހާ މުއްދަތެއްގެ ވެރިކަމަކަށް ކަން އެނގެން ޖެހޭނެ އެވެ. ވެރިކަން ކުރާ ޕާޓީން ތުހުމަތު ކުރާ ގޮތަށް، އިބޫ ވެރިކަމަށް ކުރިމަތި ލައްވައިގެން އެ އުޅުއްވަނީ އެހެން ބޭފުޅެއްގެ ހިޔަންޏެއްގައި ކަމަށްވާ ނަމަ، ދޮޅު އަހަރު ފަހުން އެ ހިޔަނީގެ ތެރެއިން ފާޅުވާނީ ކާކު ކަން ވެސް ބުނެދޭން ޖެހޭނެ ކަމަށް އެތައް ބަޔަކު ދެކެ އެވެ.

"މިއަދު އެ ބޭފުޅުން ދައްކަވާފައި އެ ވަނީ އިބްރާހިމް މުހައްމަދު ސޯލިހް. އަށާރަ މަސް ފަހުން ދެން ސޫރަވެގެން، ސިފަވެގެން ދާނީ ކޮން ބޭފުޅެއްގެ މޫނުތޯ އެބަ ޖެހޭ ސާފުކޮށްދެއްވަން،" މިދިޔަ ހޯމަ ދުވަހު ތ. ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ތިމަރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން އެ ރަށު ތުއްތު ކުއްޖަކު އުރުވަޑުވައިގެން. -- ފޮޓޯ: ރައީސް އޮފީސް

އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި، ރިއާސީ ކެންޑިޑޭޓްކަން އިބޫ އަށް ދިނުމަށް ނިންމުމުން އެ ދުވަހު އިބޫ ވިދާޅުވީ އޭނާއަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށެވެ. "ތިޔަ ބޭފުޅުންނަށް އަޅުގަނޑު މި ޔަގީންކަން މި އަރުވަނީ އަޅުގަނޑު ހުންނާނީ މީހުންގެ މީހެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު ވެސް، މި ޕާޓީގެ ކޮންމެ މެމްބަރަކު ވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު ނަޝީދު ހުރުމަށް. އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ދެއްކެވި ވާހަކަ ނިންމަވާލައްވަމުން އިބޫ އޭނާގެ ހިތުގެ ގޮވުން ހާމަކުރެއްވި އެވެ.