ތަހުމީނާ: ރާއްޖޭގައި ކުރި ބޮޑު އޮޕަރޭޝަނަށް ފަހު ހިތް ޝުކުރުން ފުރިފައި

ތަހުމީނާ ހަސަން އާއި މޫސާ އާދަމްގެ އުފާވެރި ދިިރިއުޅުމަށް ހިޔަނި އެޅުނީ، އެންމެ ހަގު ދަރިފުޅަށް ބަނޑުބޮޑު އިރު، ޑޮކްޓަރަށް ދެއްކުމުން ތަހުމީނާގެ އާދަޔާހިލާފު ބައްޔެއް ހުންނަކަން އެނގުމުންނެވެ. ނޭވާލާން އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން އޭރު އެނގުނީ، އޭނާގެ ހިތުން އިތުރު އަޑެއް ކިޔާކަމެވެ. އެކަމަކު މާ ބޮޑު އިތުރު އުނދަގުލެއް ނުވާތީ ދެމަފިރިން ވެސް އަޅާނުލީ އެވެ.


ތަހުމީނާގެ ބަލިބޮޑުވީ ދަރިފުޅު ވިހައި، ދުވަސްކޮޅެއް ވުމުންނެވެ. ރަށުން ފަރުވާ ލިބެން ނެތުމުން އެ މީހުންނަށް މަޖުބޫރުވީ މާލެ އަންނާށެވެ. އެކަމަކު މާލެ އައިސް، ޓެސްޓުތައް ހެދުމުން، ތަހުމީނާގެ ފުރާނަ ސަލާމަތްވާން އޮތީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެންކަން އެނގުނެވެ. ރާއްޖޭގައި މީގެ ކުރިން ނުކުރާ އެ އޮޕަރޭޝަން ކުރަން ދެމަފިރިން އިހްތިޔާރު ކުރީީ އޭޑީކޭ ހޮޮސްޕިިޓަލެވެ.

ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ދެ ހަފުތާއަށް ފަހު ތަހުމީނާ އެނބުރި ގެއަށް ދިޔަ އިރު އޭނާގެ ހިތް އޮތީ ޝުކުރުން ފުރިފަ އެވެ.

"ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ޑޮކްޓަރުން ދިނީ 50 ޕަސެންޓް ޔަގީންކަން. އެކަމަކު ވަރަށް އުފާވޭ ޑޮކްޓަރުންނަށް އިތުބާރުކޮށްފައި އަޅުގަނޑު އެ އޮޕަރޭޝަން ކުރެވުނީމައި،" ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން، "މިހާރު"އާ ވާހަކަ ދައްކަމުން ތަހުމީނާ ބުންޏެވެ.

ތަހުމީނާ: ރާއްޖޭގައި އޭނާގެ އޮޕަރޭޝަން ކުރެވުމުން ހިތްހަމަޖެހޭ -- މިހާރު ފޮޓޯ: ނިޝާން އަލީ

އުމުރުން 25 އަހަރުގެ ތަހުމީނާގެ ބައްޔަކީ "ރުމެޓިކް ވެލްވް ޑިޒީޒް" އެވެ. ހިތުގެ އެންމެ މުހިއްމު އެއް ވޭލްވް މައްސަލަ ޖެހި، ލޭ ޕަމްޕް ނުކުރެވި ހިތް ދުޅަވުމުގެ މި ބަލި ރާއްޖެއިން އާންމުކޮށެއް ނުފެނެ އެވެ.

ތަހުމީނާއަށް މި ބަލި ޖެހުނީ ކުޑައިރު ކުރިމަތިވި އާދައިގެ ރޯގާއަކާއި ހުމަކުން އުފެދުނު ބެކްޓީރިއާއަކުންނެވެ. އެކަމަކު ބަލި ހަށިގަނޑުގައި ހުރެ، ގިނަ ދުވަސްތަކެއްވެ، އޭނާގެ ހާލަތު މާ ބޮޑަށް ގޯސްވީ އެވެ. އެންމެ ފަހުން ހިތް ފަޅާލައިގެން އޮޕަރޭޝަން ކޮށްގެން ނޫނީ އެކަން ހައްލުނުކުރެވޭ ހިސާބަށް ދިޔައީ އެވެ.

ށ. ފުނަދުއަށް އުފަން ތަހުމީނާއަށް ނޭވާލާން އުނދަގޫވުމުން އޭނާ އެންމެ ފުރަތަމަ ދެއްކީ ރަށުގެ ހޮސްޕިޓަލަށެވެ. ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް ނުހޯދި އަދި ޓެސްޓުތައް ހެދެން ނެތުމުން އެތަނުގެ ޑޮކްޓަރު ލަފާ ދިނީ ވީ އެންމެ އަވަހަކަށް މާލެ ދިއުމަށެވެ. ކުޑަ ތިން ކުދިން ރަށުގައި، އާއިލާއާ ހަވާލުކުރުމަށް ފަހު މާލެ އައިސް އެ މީހުން އެންމެ ފުރަތަމަ ދެއްކީ އައިޖީއެމްއެޗަށެވެ.

އައިޖީއެމްއެޗުގެ ޑޮޮކްޓަރުން ތަހުމީނާގެ ހާލަތު ބެލުމަށް ފަހު، ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަން އެންގިި އެވެ. އެކަމަކު އެއީ ރާއްޖޭން ކުރެވެން ނެތް އޮޕަރޭޝަނެއް ކަމަށާއި އޭޑީކޭގައި އިންނަވާ ހިތުގެ ޑޮޮކްޓަރު މުހައްމަދު ޝާފިއުއަށް ދައްކަން އިރުޝާދު ދިނެވެ.

އެއީ ތަހުމީނާގެ ދެމަފިރިން، ޑރ. ޝާފިއުއާ ދިމާވި ފުރަތަމަ ފަހަރެވެ.

"އައިޖީއެމްއެޗުން ބުނީ ޑރ. ޝާފިއުގެ ވާހަކަ. އޭގެ ކުރިއަކުން އަޅުގަނޑުމެން އޭނާގެ އަޑެއް ވެސް ނާހަން. އެކަމަކު ޑޮކްޓަރާ ބައްދަލުވެ، ވާހަކަ ދައްކާލެވުމުން އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރެވުނު. ނޭނގެ ކީއްވެ ކަމެއް ވެސް،" ތަހުމީނާގެ ފިރިމީހާ، މޫސާ އާދަމް ބުންޏެވެ.

"ދެން އަންހެނުން ވެސް ބޭނުންވީ، ރާއްޖޭގައި އޮޕަރޭޝަން ކުރެވޭ ނަމަ އެކަން ކުރަން."

އޮޕަރޭޝަނާ ގުޅޭ ގޮތުން ޑރ. ޝާފިއު "މިހާރު"އާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އޮޕަރޭޝަނުގެ ބޮޑުކަމާއި ނުރައްކާތެރިކަން، ތަހުމީނާގެ ދެމަފިރިންނަށް ޑރ. ޝާފިއު ވިދާޅުވެދެއްވި އެވެ. ބޭނުން ނަމަ ރާއްޖޭން ބޭރަށް ދިޔުމުގެ އިޚްތިޔާރު ވެސް ދެއްވި އެވެ. އެކަމަކު އެއީ އޭޑީކޭން ކުރެވިދާނެ އޮޕަރޭޝަނަކަށް ވުމުން، ޑޮކްޓަރު ހިތްވަރު ދެއްވީ ރާއްޖޭން ބޭރަށް ނުގޮސް އެކަން ކުރުމަށެވެ.

އޭޑީކޭގައި ވަނީ ހިތުގެ ބަލިތަކަށް ފަރުވާ ކުރުމަށާއި އޮޕަރޭޝަން ކުރަން އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށްފަ އެވެ.

ތަހުމީނާ ބުނިގޮތުގައި ރާއްޖޭން ބޭރުން އެ ވަރުގެ އޮޕަރޭޝަނެއް ކުރާވަރުގެ މާލީ ތަނަވަސްކަމެއް އެ މީހުންގެ ނެތެވެ. ރާއްޖޭގައި ތިބެގެން އެ އޮޕަރޭޝަން ކުރަން އެ މީހުން އެންމެ ބޮޑަށް ބޭނުންވީ އެހެންވެ އެވެ. ދެން އޭޑީކޭގެ ޑޮކްޓަރުން ދެއްވި ޔަގީންކަމެވެ.

"އޮޕަރޭޝަން ކުރަން ޖެހުމުން ދަރިންނާ މެދު ވަރަށް ބޮޑަށް ވިސްނުނު. ހާއްސަކޮށް މިހާ ނުރައްކާތެރި އޮޕަރޭޝަނަކަށް ވެފައި، ރާއްޖޭގައި މި އޮޕަރޭޝަން މީގެ ކުރިން ކޮށްފައި ނެތުމުން. އެކަމަކު އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ. އެހާ ޔަގީންކަން ޑޮކްޓަރުން އަޅުގަނޑުމެންނަށް ދިން،" ތަހުމީނާ ބުންޏެވެ.

އެ އޮޕަރޭޝަން ކުރާއިރު، ހިތުގެ އެތެރޭގައި ލޭ ފޮނުވަން އިންނަ ހަތަރު ވޭލްވްގެ ތެރެއިން އެކަތި ނަގައި މަސްނޫއީ ވޭލްވްއެއް ލެއްވުމަށް، އެންމެ ފުރަތަމަ ހިތް ހުއްޓުވާލަން ޖެހެ އެވެ. އެ ވަގުތު ހިިތުން ހަށިގަނޑަށް ލޭ ފޮނުވުމުގެ މަސައްކަތް ކުރުވަނީ އެކަމަށް ހާއްސަ ޕަމްޕަކުންނެވެ. އެ ޕަމްޕް އޮޕަރޭޓްކުރަން އެކަމަށް ހާއްސަ ވަކި ޑޮކްޓަރަކު ވެސް ހުރެ އެވެ.

އޮޕަރޭޝަނާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން ޑރ. ޝާފިިއު ކުރިން ވިދާޅުވެފައި ވަނީ އޮޕަރޭޝަނަށް ފަހު، އަލުން ހިތް "ރީސްޓާޓް" ކުރުމަކީ ޑޮކްޓަރުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

ކުރިމަތިވި މައްސަލަ ހައްލުވުމުން، ބޭހުގެ އަސަރު ކެނޑި، މަޑުމަޑުން ހިތް ތެޅެން ފަށަ އެވެ. އޮޕަރޭޝަނަށް ފަހު ހިތުގެ ހިނގުން އަލުން ހިނގައިގަންނަންދެން ޑޮކްޓަރުން ވެސް ޖެހޭނީ، ﷲއަށް ވަކީލުކޮށްލައިގެން، ތިބެން ކަމަށް ޝާފިއު ވިދާޅުވި އެވެ.

ﷲގެ އިރާދަފުޅުން، މި ބޮޑު އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ތަހުމީނާގެ ހިތަށް ދިމާވެފައިވާ މައްސަލަ މުޅިން ހައްލުވެއްޖެ އެވެ. އެކަމަކު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ހިތަށް ލެއްވި ހޮޅިކޮޅު މަސައްކަތް ކުރާ ގޮތް ބަލަން ދުވަސްކޮޅެއް ވަންދެން އޭނާއަށް މާލޭގައި މަޑުކުރަން ޖެހެ އެވެ.

މިއީ ރާއްޖޭގައި ވެސް އަލަށް ކުރި އޮޕަރޭޝަނަކަށް ވުމުން، ތަހުމީނާމެންގެ އަތަކުން އެއްވެސް ފައިސާއެއް ހަރަދެއް ނުވެ އެވެ. އޭޑީކޭގައި އޯޕަން ހާޓް ސާޖަރީއެއް ކުރަނީ 77،550 ރުފިޔާ އަށެވެ. އެއީ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހިސާބުން ފެށިގެން، އޮޕަރޭޝަނަށް ފަހު ބާއްވާ ކޮޓަރީގެ ކުލި ވެސް ހިމަނައިގެންނެވެ. އަދި މި އޮޕަރޭޝަނުގެ 65 ޕަސެންޓް އާސަންދައިން ކަވަރުކޮށްދެ އެވެ.

ރާއްޖޭން ބޭރުގައި ކުރާ އެ އޮޕަރޭޝަނަށް އާސަންދައިން ހޭދަކުރިޔަސް ބަލިމީހާ އާއި އޭނާގެ އާއިލާގެ ހުރުމާއި ކެއުން ފަދަ ކަންކަމަށް އިތުރު ހަރަދުތަކެއް އަރާނެތީ، ރާއްޖޭގައި އޮޕަރޭޝަން ކުރަން، ހަރަދަށް ބަލާއިރު މާ ލުއިވާނެ ކަމަށް އޭޑީކޭއިން ދެކެ އެވެ.

"އަޅުގަނޑު ވަރަށް އުފާވެއްޖެ ރާއްޖޭން މިކަން ކުރެވުނީމައި. އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަށް ބަލައި ބުނާކަމަށް ވާ ނަމަ، ރާއްޖޭން މިކަން ކުރަން އެދެން،" ތަހުމީނާ ބުންޏެވެ.

"ﷲގެ އިރާދަފުޅުން، އަޅުގަނޑުގެ ހިތަށް ފަރުވާ ލިބިއްޖެ."

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ