މިދިޔަ ހޮނިހިރުދުވަހު މާލޭ މަގުމަތިން ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ދަބަހެއް ފޭރިގަންނަނީ
06 ސެޕްޓެމްބަރ 2018 - 09:02
ދިވެހިންނަކީ އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ނެތް ބަޔަކަށް ވީ ހެއްޔެވެ؟
މި ދަނޑިވަޅުގައި އެތައް ބަޔަކު މި ސުވާލުކުރަމުން ގެންދަނީ އާއްމު ތަންތަނުގައި މީހުންނަށް އަނިޔާ ލިބެމުންދިޔަ އިރު ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވި ހާދިސާތަކެއްގެ ސަބަބުންނެވެ. ފަހަކަށް އައިސް ހިނގާ މިފަދަ ގިނަ ހާދިސާތަކުގެ ވީޑިއޯ އާއްމުވަމުންދާ އިރު އުފެދިފައިވާ ކަންބޮޑުވުމަކީ ދިވެހިން ވެސް، އެހީތެރިވެދިނުމުގެ ބަދަލުގައި ފޮޓޯ ނަގައި ވީޑިއޯކޮށް، ކުޅިބަލަން ތިބޭ ބަޔަކަށް ވީތޯ އެވެ؟
"އަހަރެމެން އެންމެންނަކީ ކުޅި ބަލަން ތިބޭ ބަޔަކަށް ވެއްޖެ. އަހަރެމެންގެ އިންސާނިއްޔަތުކަން ގެއްލިއްޖެ."
""އެހީތެރިކަމެއް ދޭން ކެރޭނީ ކިހިނެއް؟ އެމީހުން ޖަހާނީ ވަޅި."
މިދިޔަ ހުކުރުދުވަހު މާލޭ މަގުމަތީގައި މީހަކު މަރާލި މާރާމާރީ އާއި ހޮނިހިރުދުވަހު އަންހެނެއްގެ އަތުން ދަބަހެއް ފޭރިގަތުމާއި މަގުމަތީގައި ހުރި ފިރިހެނެއްގެ ފަހަތު ޖީބުން ވޮލެޓެއް ވަގަށް ނަގާ ތަން ފެންނަ ވީޑިއޯއަކާއި ކަނޑު ބޯޓެއްގެ ތެރޭގައި އަންހެންކުއްޖަކަށް މީހަކު ޖިންސީ ގޯނާކުރި ވާހަކަ ބުނުމުން އެ ބޯޓުގައި ތިބި މީހުން އަޅާނުލި މައްސަލައެއް އާއްމުވެފައިވާ މި ވަގުތު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ޝިކާރައަކަށް ވެގެން ދިޔަ މީހުންނަށް އެހީތެރިވެދޭން، މަންޒަރު ބަލަން ތިބި މީހުން ނޫޅުމެވެ.
"އަހަރެމެންނަށް މި ތިބީ ކިހިނެއް ވެފައި؟ އަހަރެމެންނަކީ 100 ޕަސެންޓް މުސްލިމް، ތަރައްގީވެފައި އޮތް، ހިތްހެޔޮ އަދި އަޅާލާ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށް ދައުވާކުރާ އިރު ހަގީގަތް ފެންނަނީ މުޅިން އެހެން ގޮތަކަށް،" އާއްމު ވައިބަ ގްރޫޕެއް ކަމަށްވާ #ލެޓްސްޓޯކްގައި ޚިޔާލުފާޅުކުރަމުން އާމިނަތު ނާހިދާ ފާހަގަކުރި އެވެ.
އެ ގްރޫޕުގައި އެކަމާ މެދު ހިތާމަފާޅުކުރަމުން އެހެން މީހަކު ބުނިގޮތުގައި "އަހަރެމެންގެ ލޮބުވެތި ގައުމުގައި ތަންދޮރުނުދަތުން ގޮސްފައި އޮތް ހާލަތު ފެނިފައި ހިތްފަޅައިދާ ވަރު ވެ" އެވެ.
"މަގުމަތީގައި މީހަކު އެހީ އަށް އެދި ގޮވީމާ، އިންޑިއާގައި ހަދާ ގޮތަށް، ރާއްޖޭގައި ބަލަހައްޓައިގެން ނުތިބޭނެ ކަމުގެ ޔަގީންކަން ކުރިން އަހަރެމެންނަށް އޮވޭ. މިއަދު އަހަރެމެންގެ ހާލަތު މާ ގޯސް. އޭގެ ސަބަބުން މުޖުތަމައު އަށް މި އޮތީ ބޮޑު ފިއްތުމަކާއި ހާސްކަމެއް ކުރިމަތިވެފައި. އަހަރެމެންގެ މުޖުތަމައުގައި އަހަރެމެންނަށް އަމާންކަމެއް ނެތްކަން އެނގޭތީ،" ފާތިމާ ގާސިމް ލިޔުނެވެ.
ހަފްތާ ބަންދުގައި މީހަކު މަރާލި ހަމަލާ އާއި ފޭރުނު ހަމަލާގެ ވީޑިއޯ އާއްމުވި އިރު އެނގުނީ އެއް ކަމެކެވެ؛ އެއިން އެއްވެސް ހާދިސާއެއްގައި، ގެއްލުން ލިބުނު މީހުންނަށް އެހީތެރިވާން އާއްމުން އުޅުނު ތަނެއް ނުފެނެ އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި އަމާންކަން ގާއިމްކުރުމަކީ ސަލާމަތީ ބާރުތަކުގެ ވަޒީފާއަކަށް ވިޔަސް މިފަދަ ހާލަތްތަކުގައި އާއްމުންގެ ޒިންމާއެއް އޮންނާނެ އެވެ.
އިރުއޮއްސުނު ވަގުތު އެމްއެމްއޭ ކައިރިން އިބްރާހިމް އާގިލް (އިއްބެ)، 18، އަށް ހަމަލާދިނުމާ ގުޅިގެން އޭނާ ޗާނދަނީ މަގަށް ވެއްޓި ލެއިން ފޯވެފައި އޮތް ތަނުގައި އުޅުނު މީހުން އޭނާ އަށް އަޅާލުމެއް ދިން މަންޒަރެއް ނުފެނެ އެވެ. އަދި ދަބަސް ޖަހައިގަނެގެން ގެންދިޔުމުން އަންހެން މީހާ އެހީތެރިކަމަށް އެދި ގޮވައި ހަޅޭއްލެވި އިރު ވެސް އެ ސަރަހައްދުން އެ ވަގުތު ދަތުރު ކުރި މީހެއްގެ ފަރާތުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދިން ތަނެއް ނުފެނެ އެވެ. އަންހެންމީހާގެ ވެއްޓިފައި އޮތް ސައިކަލް ފަހަތުގައި އެހެން މީހަކު ސައިކަލް މަޑުކޮށްލައިގެން އިންތަން ފެނެ އެވެ. ފޭރިގެން ދިޔަ އިރު ވެސް އަޅާނުލައި އިނދެފައި، ފޭރުނު ދެ މީހުން ސައިކަލްގައި ނައްޓާލުމުން އޭނާ ވެސް ސައިކަލް ދުއްވާލިތަން ފެނެ އެވެ.
މިފަދަ ހާދިސާތަކުގައި ކުރިން ވެސް މި ގޮތަށް ކަން ހިނގާފައިވެ އެވެ.
"އަނަސް ގަޔަށް ވަޅި ހަރާފައި ދިޔާމަ ވެސް އެ ކުއްޖާ، ކުރިމަތީގައި ދުނިޔެ ދޫކޮށްފައި ދަންދެން ހޮސްޕިޓަލަށް ނުގެންގޮސް ފޮޓޯ ނަގާ ވީޑިއޯ ކުރަން ހުރީ. ވަރަށް ރަހުމު ކުޑަ ވެއްޖެ މީހުން މިހާރު،" މާލޭ ފިހާރައެއްގެ ތެރޭގައި ވަޅި ހަރައި މިދިޔަ އަހަރު މަރައިލި މުހައްމަދު އަަނަސްއާ ބެހޭ ގޮތުން "މިހާރު"ގެ ކިޔުންތެރިއަކު ކޮމެންޓްކުރި އެވެ.
ފަހަރުގައި ބިރުން ގޮސް އެހީތެރިވާން އެކަކަށް ވެސް ނުކެރުނީ އެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އެހެން ވާން ޖެހޭ ސަބަބަކީ ކުށްވެރިންނާ މެދު ފިޔަވަޅު އެޅުމާއި އިންސާފު ގާއިމްކުރުމުގައި ދައުލަތް ފެއިލްވެފައި އޮތުމެވެ.
"އާންމު މީހުން ވެސް ބަލާނެ ދޯ އެމީހުންގެ އަމިއްލަ ނަފްސަށް ވެސް؟ މި ތާގައި މީހަކު މަރާފައި ދިޔަޔަސް މީހަކު ހައްޔަރުކުރަނީކީއެއް ނޫން އަދި އިންސާފެއް ލިބެނީކީއެއް ވެސް ނޫން. މިވަރު ތަނެއްގައި އާންމުން އެމީހުންގެ އަމިއްލަ ފުރާނަ ސަލާމަތްކުރަން ކުރާ ކަންކަމަށް ހަޖޫޖަހަނީ ތަނުގެ އަސްލު ހާލަތު އެއްގޮތަކަށް ވެސް ނުވިސްނޭތީ،" މި ނޫހުގެ ކިޔުންތެރިއަކު ކަންބޮޑުވުން ފާޅުކޮށް ކޮމެންޓްކުރި އެވެ.
"އެހީތެރިކަމެއް ދޭން ކެރޭނީ ކިހިނެއް؟ އެމީހުން ޖަހާނީ ވަޅި. އަތް ދަބަހަކާ ހެދި ފުރާނަ ދުއްވަލެވޭތަ؟ އަދި އެމީހުން ކަމެއް ކުރިއަސް އިންސާފު ހޯދެނީކީ ނޫން."
"ވަޅި ހިފައިގެން ރޯމާދުވާލު އެއްމެން ކުރިމަތީ މީހުން މަރަމުން ދުވާ ތަނެއްގައި ފުރާނަ އަތަށް ލައިގެން މީހެއްގެ ޕާސްއެއް ސަލާމަތްކުރަން ދާނެ މީހުން ވަރަށް މަދުވާނެ. ހަމަޖެހޭ ވާހަކަ ދައްކާ،" ކޮމެންޓްކުރި އެހެން މީހަކު ޚިޔާލުފާޅުކުރި އެވެ.
"މަރުވިޔަސް އެކަން ކުރި ބަޔަކު ހައްޔަރުކުރާނީއެއް ވެސް ނޫން އަދި މަރުވާ މީހާ އަށް އިންސާފެއް ވެސް ނުލިބޭނެކަން ކަށަވަރު. ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދާ ޓެކްސް ފައިސާ އިން ބޮޑު މުސާރަ ދީފައި ސިފައިންނާއި ފުލުހުން ބަހައްޓާފައި ތިބެނީ ކޮންމެވެސް ކަމަކު."
އެކަމަކު ބައެއް މީހުން ފާހަގަކުރާ ގޮތުގައި ހަމަލާ ދޭ ވަގުތު އެކަން ހުއްޓުވަން ބިރުގަތަސް، އޭގެ ފަހުން އެހީތެރިވެދެވިދާނެ އެވެ. މޫނު ނިވާކޮށްގެން މަގު ފޭރުނު ދެ މީހެއްގެ ޝިކާރައަކަށްވީ އަންހެން މީހާގެ ހާލަކީ ކޮބައިތޯ ބަލައި ހަމްދަރުދީ ފާޅުކުރަން އޭނާ ގާތަށް މީހަކު ދިޔަ ތަނެއް ނުފެނެ އެވެ. އަދި މަރުވި އިއްބެ އަށް ފަރުވާ ހޯދައިދޭން ބަޔަކު އަވަސްވެގަތް މަންޒަރެއް ވެސް ވީޑިއޯއަކުން ނުފެނެ އެވެ.
"އަހަރެމެން އެންމެންނަކީ ކުޅި ބަލަން ތިބޭ ބަޔަކަށް ވެއްޖެ. އަހަރެމެންގެ އިންސާނިއްޔަތުކަން ގެއްލިއްޖެ. އެ ދިޔައީ ކޮން ތާކަށް ކަމެއް ނޭނގެ،" ފާތިމަތު ނިޒާމް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
07 September 2018
ވީޑިއޯއިން ފެނޭ އެވަގުތު އެހެންސައިކަލެއް އަރާހަމަކުރާތަން އެސައިކުން ދަބަސްފޭރިގަތްމީހުންގެ ސައިކަލުގަޖެއްސިނަމަ އެމީހުންއަތުވީސް އޭނަޔަށްވެސް ނުކެރޫނީ ކަމަށް ހީވަނީ ފޭރޭމީހުންގެ އަދަބު އުމުރަށް ޖަލަށްލުމަށް ބަދަލުކުރެވެނިކޮށް މިކަންހުއްޓިދާނެ
އަބްދުﷲ
06 September 2018
ވަޅިޖެހިމީހުން ފުލުސް އޮފީހަށް ހާޒިރުވިގޮތް ފެނުނުތޯ؟. އެހާ ގަޓްގަ އެހާކެރިގެން އެމީހުން އެޅެނީ. ބިރެއް ހަމްދަރުދީއެއް ކުލުނެއްނެތް. ރާއްޖެއަށް މިއައި ސިޔާސީ ވާދަވެރިކަމުގައި ހުރިހާކަމެއްމިއޮތީ އަތުން ދޫވެފަ. މިކަން ހައްލުކުރާނެ ސިޔާސަތެއް އެކަކުގެވެސް ނެތް. އެކަކު އަނެކަކަށް ވަގަށް ގޮވަމުން މަސްކަމުން ދުވީމަ އެނިމުނީތަ؟.
ޢަހުމަދު ފައީދު
06 September 2018
އޯގާތެރިކަން ދައްކައިފިއްުޔާ އޮންނާނީ ވަޅި އެއް ދައްކާފަ ނޫނީ ޖަހާފަ. ތިޔަ ނޫސްވެރިޔާ އަށް ކެރޭނެތަ 6 އިންޗި ވަޅި ބަނޑު ދަށަށް ލައިގެން އަންނަ ދެމީހުން ފޭރޭއިރު ހުއްޓުވަން ދާން. ޕްރެކްޓިކަލް ވާހަކަ ދައްކަބަ. އެންމެންވެސް ބޭނުން ވާނެ އެހީވާން
ފާފު
06 September 2018
މަށަށް ވަނީ މިހެން "ފަހަރުގައި ބިރުން ގޮސް އެހީތެރިވާން އެކަކަށް ވެސް ނުކެރުނީ އެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އެހެން ވާން ޖެހޭ ސަބަބަކީ ކުށްވެރިންނާ މެދު ފިޔަވަޅު އެޅުމާއި އިންސާފު ގާއިމްކުރުމުގައި ދައުލަތް ފެއިލްވެފައި އޮތުމެވެ."
ސުނިލް
06 September 2018
އެމްޑީޕީއިން ރާވައިގެން ކުޅޭ ފިލްމު ބަލާކަށް ނުޖެހޭ
އަބްދުއްﷲ
06 September 2018
23 ސެޕްޓެންބަރު އަނިޔާގެ މަތީގައި އިނގިލި އަޅާބަންދުކޮއްލަން ލިބޭ ފުރުސަތެއް ބޭނުން ހިއްޕަވާ
ފނ
06 September 2018
ދިވެހިންގެ އޯގާތެރިކަން ފެންނާނި ޔޫރަޕުގެ ދޮންމީހުނަށް އެކަނި. އެއިން މީހަކަށް ކުޑަކަމެއްވެސް ދިމާވާއިރަށް ވަރަށް ގިނަވާނެ އެހީގެ އަތްތަށް. އެންމެ ކާރިން ހުޅުމާލެ ފެރީގައި ހިނގާ ކަންކަމަށް ބަލައިލިޔަސް މަންޒަރު ވަރަށް ސާފު.. ދޮން މީހަކު ކުޑަކުއްޖަކު ގޮވައިގެން ފެރީ އަށް އަރައިފިއް ފެރީގެ ފަޅުވެރިން ހީވާނި މޮޔަވެގެން އުޅޭހެން.. ކުރީސީޓް ހުސްނުކުރެވިގެން. އެއާ ހިލާފަށް ދިވެއްސަކު ކުޑަކުއްޖެއް ކީއްކުރަން ޢަމިއްލަ ހާލަށް ހިނގައި ނުގަނެވޭ ވަރުގެ ނުކުޅެދުނަތެރި ނުވަތަ ބަލިމީހަކު ގޮވައިގެން ވެސް ޖެހެނި ސީޓް ހޯދަމުން ހޯދަމުން ގޮސް ލިބުނު ހިސާބަކު އިންނަން.. މީ ތިކިޔާ އޯގާތެރި ދިވެހިންނަކީ...
ނޭނގޭ
06 September 2018
ދޮން މީހުންގެ ޑޮލަރުގެ ދަހިވެތި ކަމުގައި........މަނީ މަނީ.....
އީމަން
06 September 2018
އިންސާނިޔަތުކަން ނެތިގެން ދަނީ ސިޔާސީ މީހުނާ ހެދި.
ހާދަރު
06 September 2018
މަގޭ ވަރަށް ލޭ ކެކޭ ތި މަންޒަރު ފެނުނީމަ. ތިއިން މީހެއަގައި ބޮނޑިއެއް އަޅާލަން ލިބޭނީ އެކަހަލަ މަދު ވަގުތެއްގައި. !
އަމާ
06 September 2018
ޔާމީނު ފައިބާ ހެޔޮނުވާނެ. ފުދި އިތުރުވެއްޖެ!