ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅުއްވާ!

މީގެ ފަސް އަހަރު ކުރިން 2013 ގައި ބޭއްވި ރިއާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ ނޮވެމްބަރު 11، 2018ގެ ނިޔަލަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމަށް މީހަކު ހޮވުމަށެވެ. އެއީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކޮށްދީ ދުސްތޫރީ އިމުގެ ތެރެއިން ވެރިކަން ކޮށްދޭނެ ކަމުގެ އުންމީދުގަ އެވެ.


ވެއަތުވެ ދިޔަ ފަސް އަހަރު ދުވަހު ރައްޔިތުން ދުރާއި ގާތުން ބަލައި ވަޒަން ކުރަމުން އައީ، އެ އަހަރު ރައްޔިތުން ހަވާލުކުރި މަތިވެރި ޒިންމާއާ މެދު، ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވި ގޮތެވެ. ރައްޔިތުންގެ މިންގަނޑުން ވަޒަން ކުރުމަށް ފަހު، ވެރިއަކު އިސް ކުރުމަށް މި އަހަރު ނުކުތް 233،889 މީހުންގެ ތެރެއިން 134،705 މީހުން ބުނީ ރައީސް ޔާމީނަށް، ވެރިކަމުގެ އިތުރު ދައުރެއް ދޭން ހެޔޮ ނުވާނެ ކަމަށެވެ. ނަމަވެސް 96،052 މީހުން ބުނީ އަދިވެސް ބޭނުމީ ރައީސް ޔާމީން ކަމަށެވެ.

ޖުމްލަ 38،653 މީހުންގެ ތަފާތު ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީންގެ ވެރިކަން ނިންމުމުން ވެސް، ނާކާމިޔާބީ ގަބޫލު ނުކުރައްވައި، ރައީސް ޔާމީން، އިއްޔެ އެވަނީ އިންތިޚާބާ ގުޅޭ ގޮތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ސަބަބަކީ ކޮބައިކަމެއް މިހާތަނަށް ވެސް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

"އިންތިޚާބު އޮޅުވައިލިއްޔޭ ވޯޓު ވަގަށް ނެގިއްޔާ ހަމައެކަނި ބުނެލިޔަކަސް ކަމަކު ނުދާނެ. ވޯޓު އޮޅުވައިލަން ކުރީ ކޮން ކަމެއް ކަން އަދިވެސް އެ ބޭފުޅުން [ޕީޕީއެމްގެ އިސް ވެރިން] ވިދާޅެއްނުވޭ. އޮޅުވައިލި ގޮތެއް ވިދާޅުވާން ޖެހޭނެ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި އެވެ.

"ވޯޓު ލާން ވޯޓު ފޮށިތަކަށް ފޮނުވި ކަރުދާހާއި ބޭނުންކުރި ކަރުދާހާއި ބާކީ ކަރުދާހުގެ އަދަދު ބަރާބަރަށް ދިމާވޭ. ވޯޓު ވަގަށް ނެގިއްޔާ ނޫނީ އިތުރަށް ވޯޓު ލިއްޔާ، ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާހާ ކައުންޓަ ފޮއިލްއާ ދިމާވެގެން ނުވާނެ."

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަރީފް ވާހަކަ ދައްކަވަނީ: އިންތިޚާބު ސައްހަ ކަމާ މެދު 100 ޕަސެންޓް ޔަގީން ކުރައްވާ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވޯޓުގެ ނަތީޖާ ގަބޫލު ނުކުރުމަކީ ނުވަތަ ވޯޓުގެ ސައްހަ ކަމާ މެދު ޝައްކު އުފެއްދުމަކީ، ވޯޓުން ބަލިވާ ޕާޓީ އަބަދު ވެސް ކުރާ ކަމެކެވެ. އެހެން ބައެއް ގައުމުތަކުގައި ވެސް އެކަން ހިނގަ އެވެ. ނަމަވެސް އެހެން ގައުމުތަކުގައި އެކަން ކުރާ ގޮތް ޕީޕީއެމަށް ނޭނގި އޮތީ ކަމަށް ވެދާނެ އެވެ.

އެހެން ގައުމުތަކުގައި ވޯޓުގެ ނަތީޖާއާ މެދު ޝައްކު އުފައްދާ ބަޔަކު ނަމަ، ވޯޓު ގުނަން ފެށުމާ އެކު އެކަން ފަށައިގަނެ އެކަމަށް ހުއްޖަތް ވެސް ދައްކަ އެވެ. ވޯޓު ގުނުމުގައި މަކަރުހެދީ ކަމަށް ނުވަތަ އިތުރު ވޯޓު ކަރުދާސް ފޮއްޓަށް އެޅީ ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް މި ފަހަރުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރިތާ ވެސް ދެ ހަފުތާ ވެގެންދާ އިރު، އިންތިޚާބު އޮޅުވައިލި ކަމަށް ބުނާ ޕާޓީން، އެފަދަ އެއްވެސް ސާބިތު ވާހަކައެއް ނުދައްކަ އެވެ. ހަގީގަތުގައި އެ ކަމަށް ސާބިތު ހެކި ވެސް ނެތީ އެވެ.

އިދިކޮޅު މީޑިއާތަކުގެ ވާހަކަ ނުދައްކަމާ ހިނގާށެވެ. ރައީސް ޔާމީންގެ ދުލުގެ ގޮތުގައި ސިފަކުރެވުނު ޕީއެސްއެމް އާއި ޗެނަލް 13 އިން އިންތިޚާބުގެ ވޯޓުލުން ކަވަރުކުރި އިރު ވެސް، ވޯޓުގެ ނަތީޖާ އަށް ބަދަލު އަތުވެދާނެ ފަދަ މައްސަލަތަކެއް އެ ދުވަހު ރިޕޯޓް ކޮށްފައެއް ނުވެ އެވެ. ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކޮށް ނިމި، ބަލިވެސް އަމިއްލަފުޅަށް ގަބޫލުކުރެއްވި ފަހުން، ރައީސް ޔާމީން، މަދު ބަޔަކާ އެކު ޕީޕީއެމް އޮފީސް ކުރިމައްޗަށް ވަޑައިގެން އިންތިޚާބުގެ ނަތީޖާއާ މެދު ޝައްކު އުފެއްދެވުމާ ހަމައަށް އެ ދެ ޗެނަލުން ވެސް ކިޔަމުން ދިޔައީ ވޯޓުލުމުގެ މިނިވަންކަމާއި އަމާންކަމާއި މައްސަލަތައް ނެތޭ ބުނެވޭހާ މަދު ވާހަކަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި މުޒާހާރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފެއްދެވި. -- ފޮޓޯ / މިހާރު

އެމަނިކުފާނު މުޒާހަރާ އަށް ނުކުމެވަޑައިގެންނެވި އިރު، ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފެށިފަ އެވެ. ވީއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން، އިންތިޚާބާ ބެހޭ ގޮތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކީއްކުރަން ހެއްޔެވެ؟ އެކަމުގައި އެއްވެސް މީހެއްގެ މަސްލަހަތެއް އެބަ އޮތް ހެއްޔެވެ؟

ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް މީހުން ބުނާ ގޮތުގައި މި ފަހަރު ވެސް ރައީސް ޔާމީން އެ އުޅުއްވަނީ އިންތިޚާބުގައި ކަންތައް ކުރެއްވި ގޮތަށް ނުބައި ހިސާބެއް ޖައްސަވައިގެންނެވެ. އެއީ އިންތިޚާބު ބާތިލު ކުރުމަށް ފަހު، އަލުން އިންތިޚާބު ބާއްވައިގެން ކާމިޔާބު ހޯއްދެވޭނެ ކަމަށް ހީކުރެއްވުމެވެ.

"ހީވާ ގޮތުން ރައީސް މިހާރު އެ ބޭނުންފުޅުވަނީ އިންތިޚާބު ބާތިލު ކޮށްފައި އަލުން އިންތިޚާބު ބާއްވަން. އޭގެ ކުރިން، ރައީސް ނަޝީދުގެ ހުކުމް ވެސް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައި ނަޝީދު ވެސް ބައިވެރި ކުރަން. އަދި ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ގާސިމަށް ވެސް ބައިވެރިވެވޭ ގޮތް ހެދުން. އޭރުން މިހާރު މި އޮތް ކޯލިޝަން ވަގުތުން ރޫޅުނީ. އެއީ ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް ގާސިމް ވެސް ބޭނުންވާނެ ވެރިކަން ލިބޭތޯ ވާދަކުރައްވަން،" ކުރީގެ ސްޓޭޓް މިނިސްޓަރަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަވަމުން، ވިދާޅުވި އެވެ.

މި ފަހަރުގެ ވޯޓުގެ ނަތީޖާ އަށް ބަލާއިރު، އެ ވިސްނުމަކީ ރައީސް ޔާމީނަށް ވޯޓު ކާމިޔާބު ކުރެއްވިދާނެ ކަމުގެ ފޯމިއުލާއަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީން ގިނިކަންޏާ ނުކުމެވަޑައިގެން ހޯއްދެވި 96،052 ވޯޓަކީ މަދު އަދަދެއް ނޫނެވެ. އެއީ ވޯޓު ލީ މީހުން (233،889)ގެ ތިން ބައިކުޅަ އެއް ބަޔަށް ވުރެ ވެސް ގިނަ އަދަދެކެވެ.

އިންތިޚާބީ ރައީސް އިބޫ، އޭނާގެ ސަޕޯޓަރުންނާ އެކު އުފާފާޅު ކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

އިދިކޮޅު ހަތަރު ލީޑަރުން ގުޅިވަޑައިގެން ނުކުތުމުން، ސާފު އަޣުލަބިއްޔަތު ލިބިވަޑައިގެން ކަމަށް ވިޔަސް، އެއީ ޖުމްލަ ވޯޓުގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ވެސް މަދު އަދަދެކެވެ. އެހެންކަމުން، ރައީސް ޔާމީނާއި ނަޝީދާއި ގާސިމް ވަކިވަކިން ވާދަކުރައްވައިފި ނަމަ، މި ފަހަރު އިބޫ އަށް ލިބިވަޑައިގެންނެވި ވޯޓުތައް ހަމަ ގައިމު ވެސް ތިން ބަޔަށް ބެހިގެންދާނެ އެވެ.

އޭގެ ތެރެއިން މި ފަހަރު އިބޫ އަށް ވޯޓު ދިން މީހުންގެ ދެ ބައިކުޅަ އެއްބައި ނަޝީދަށް ވޯޓު ދިނަސް، ނަޝީދަށް ލިބިވަޑައިގަންނަވާނީ އެންމެ ގިނަވެގެން ވެސް 67،000 ވޯޓެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ނިސްބަތަށް ރިއާޔަތް ކުރާއިރު، އިބޫ އަށް ވޯޓު ދިން މީހުންގެ ތިން ބައިކުޅަ ދެ ބައި ނަޝީދަށް ވޯޓު ލާނެ ކަމަށް ބެއްޔަސް، ނަޝީދަށް ލިބިވަޑައިގަންނަވާނީ ގާތްގަނޑަކަށް 89،000 ވޯޓެވެ.

މި ހުރިހާ ގޮތަކަށް ހިސާބު ޖެހިޔަސް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާނީ، ދެން ވޯޓު ލިޔަސް ވެސް، މި ފަހަރު އެ މަނިކުފާނަށް ވޯޓު ދިން 96،502 މީހުންގެ ވޯޓު އެމަނިކުފާނަށް ކަށަވަރު ވާނެ ކަމަށެވެ.

މާލެ: ސެޕްޓެމްބަރު 23، 2018: މަޖީދިއްޔާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ވޯޓުލުމަށް ބަޔަކު ކިޔޫގައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

"ކޮން ތާކު، ނުވާނެ އެކަމެއް،" މަޖިލީހުގެ އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.

"ދެން ވޯޓު ލައިފިއްޔާ ދާނީ ހަމަ ތޮއްޑު ދަށުން. މިފަހަރު އެ ވަރަށް ވޯޓު އެ ލިބުނީ ކިހިނެއްތޯ ފުރަތަމަ ބަލާބަލަ. އެއީ ބިރުން ފިތިފައި ތިބި، ކުންފުނިތަކުގެ މުވައްޒަފުންނާއި އޮފީސްތަކުގެ މުވައްޒަފުންނާއި ޓީޗަރުންނާ ޑޮކްޓަރުން މަޖުބޫރުވެގެން ދިން ވޯޓު. އެ މީހުން ވެސް މިހާރަކު ނުދޭނެ އެ ވޯޓެއް. މިހާރު އެ މީހުން ވެސް އެ ތިބީ ބިރު ފަހަނައަޅައި ގޮސްފައި. ދެނެއް ނުލިބޭނެ އެ ވޯޓެއް."

ނަމަވެސް ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންގެ އަންދާޒާ އެއާ މުޅިން ތަފާތެވެ.

"މިހާރު އިބޫ އަށް އެހާ ގިނަ ވޯޓު އެ ލިބުނީ ކީއްވެ ކަން އެނގޭތަ؟ އެއީ ނަޝީދު ވާދަ ނުކުރެއްވީމަ. ނަޝީދު ވާދަކުރެއްވި ނަމަ ވޯޓު ނުދޭނެ ކިތަންމެ ބަޔަކު ތިބޭނެ. އެތާ [އިބޫ އަށް ވޯޓު ދިން މީހުންގެ ތެރޭގައި] އެ ތިބީ [އެމްޑީޕީގެ މެމްބަރުންގެ އިތުރުން] ގާސިމް ބުނެގެން ވޯޓު ދިން މީހުންނާއި މައުމޫން ޖަލަށް ލީމާ އެކަމާ ރުޅި އައިސްގެން ވޯޓު ދިން މީހުން،" ވެރިކަން ކުރާ ޕީޕީއެމްގެ އިސް ސަފުގައި އުޅުއްވާ ބޭފުޅަކު، ނަން ނުޖަހަށް ޝަރުތުކޮށް، ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އިބޫ އަށް ވޯޓު ދިން އެމްޑީޕީ ނޫން މީހުންގެ ތެރެއިން ކިތަންމެ ބަޔަކު ރައީސް ނަޝީދަށް ވޯޓު ދޭކަށް ބޭނުމެއް ނުވާނެ އެވެ. އެއީ ނަޝީދަކީ އެއްފަހަރު ތަޖުރިބާ ކުރެވިފައިވާތީ ރައީސަކަށް ވުމެވެ.

"ޚާއްސަކޮށް ދީނާ ގުޅޭ ހައްސާސީ މައްސަލަތަކުގައި ނަޝީދުގެ ބަސްމަގު އެ ހުންނަނީ އާންމު ދިވެހިން ގަބޫލުކުރާ ގޮތަށް ކަމަށް ނުވާތީ. އެ ނަޒަރުން ވިސްނާއިރު، ރައީސް ޔާމީނާއި ނަޝީދު އަދި ގާސިމް ވާދަކުރައްވައިފިއްޔާ، އޭގެ ތެރެއިން ރައީސް ޔާމީނަށް އަންނަ ވޯޓުތަކެއް ހުންނާނެކަން ޔަގީން. އެއީ މިފަހަރު އިބޫ އަށް ވޯޓު ދިން ކިތަންމެ ބަޔަކު މިހާރު ވެސް އެބަ އިއުތިރާފްވޭ ރައީސް ޔާމީންގެ ތަރައްގީގެ ކާމިޔާބަށް. ނަޝީދުގެ ތަރައްގީގެ ސްޕީޑާއި ރައީސް ޔާމީންގެ ތަރައްގީގެ ސްޕީޑް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. ޔާމީން އެ އުޅުއްވަނީ އެ ރޮނގުން ވެސް ރޭހުގެ މާ ކުރީގައި،" ޕީޕީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ސ. ހިތަދޫގައި ވޯޓުލުން ކުރިއަށް ދާއިރު ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވަނީ: އިންތިޚާބު މިނިވަންކަމަށާއި އިންސާފުވެރި ކަމަށް އޮބްޒާވަރުން އެއްބަސްވޭ .-- ފޮޓޯ: މިހާރު އައި ރިޕޯޓަ/އިބްރާހިމް އަބްދުﷲ ދީދީ

މިއިން ކޮންމެ ގޮތަކަށް ހިސާބު ޖަހައިގެން ވިޔަސް އިންތިޚާބު ބާތިލުކޮށް ދެ ވަނަ ފަހަރަށް އިންތިޚާބު ބާއްވަން އުޅުމަކީ، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަށް ނޫނީ ނުވާނެ އެވެ. ފަސް އަހަރުގެ ތަޖުރިބާ އަށް ފަހު ރައްޔިތުން ހުކުމް ކޮށްފި އެވެ. އެ ބަދަލު ކުރުމުގެ ހައްގު އެކަކަށް ވެސް ލިބިގެންނެއް ނުވެ އެވެ.

"އިލެކްޝަންސް ކޮމިޝަނުން ވަރަށް ކެތް މަދުވެފައި މި ތިބީ ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ހުރި ކަންތައްތަކަށް ޖަވާބު ދޭން. އަޅުގަނޑުމެންނަކަށް އަދި ނޭނގެ ހުށަހަޅާފައި އޮތް މައްސަލައިގެ ތަފްސީލެއް. ވޯޓު ބާތިލު ކުރަން އެދިފައި އޮތަސް، ވޯޓު ބާތިލު ކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ވޯޓުލުމުގެ ޕްރޮސެސްގެ ތެރޭގައި ހިނގާފައި ނޯންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަޅުގަނޑުމެން މިހާރު ވެސް ދޭނަން،" ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވި އެވެ.

ވޯޓު ލުމާއި ގުނުމުގެ ހުރިހާ ކަމެއް އެންމެންގެ ލޯ ކުރިމަތީގައި ނިމިގެން ދިޔަ އިރު، ނަތީޖާ ބަދަލުވާ ފަދަ އެއްވެސް މައްސަލައެއް މެދުވެރިވެފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން އޮތީ، ކޯޓު އަމުރެއް ހޯދައިގެން އައުމުން، އަލުން ވޯޓު ގުނަން ވެސް ތައްޔާރަށެވެ. އަދި ވޯޓު ކަރުދާހާ މެދު ޝައްކު އުފެދޭ ނަމަ، އެ ކަރުދާހުގެ ސައްހަ ކަން ކަށަވަރު ކޮށްދޭން ވެސް ތައްޔާރަށެވެ.