މިއީ ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ލިއާ ރިޕޯޓްތަކުގެ ތެރެއިން އެއް ރިޕޯޓެވެ. އޭގެ ތެރެއިން ގިނަ ރިޕޯޓްތައް މާދަމާ ކިއުންތެރިންނާ ހަމައަށް އަންނާނެ އެވެ.
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއް، ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލާ މަންޒަރު ފެނި ކުޑަކުއްޖަކު ބިރުން ރޮނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
10 ނޮވެމްބަރ 2018 - 10:22
އާ ގާނޫނުއަސާސީއާ އެކު 2008 ގައި ދިވެހިން އުފަލުން ފޮޅުނެވެ؛ އޮބިއަޅައިގެން އުޅުނު ހައްގުތަކާއި މިނިވަންކަން ކަށަވަރުވެ، ގައުމަށް ހަމަޖެހުން ލިބުނީ ކަމަށް ދެކިގެންނެވެ. އެއާ އެކު މަސައްކަތް ފެށީ ޚުދުމުހުތާރު ހުރިހާ ސިފަތަކުން މިންޖުވެ، 100 ޕަސެންޓް ޑިމޮކްރެސީއެއް ގާއިމްކުރާށެވެ.
މުޅިން އަލަށް ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެ އަށް ތައާރަފްކުރީ ވެސް އެ ބަދަލަށެވެ. ސިޔާސީ ޕާޓީއަކުން ވެރިކަން ކުރާ ގޮތަށް ނިންމައި، އިދިކޮޅު ޕާޓީތަކަށް ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތަށް ނިޒާމް އެކަށައެޅި އެވެ. ތިން ބާރު ވަކިކޮށް، ނުފޫޒެއް ނެތި މިނިވަންކަމާ އެކު ދައުލަތް ހިންގޭނެ ގޮތްތަކެއް ހޯދި އެވެ. އެކަމަކު މި ތަފާތުތަކާ އެކު ހިންދެމިލައި، ހަމަޖެހުމުގެ ނޭވާއެއް އިހްސާސްކުރެވުނީ މަދު ދުވަސްކޮޅަކަށެވެ.
މުޅި ގައުމަށް ފެތުރިގެން ދިޔައީ، "ސިޔާސީ ހަމަނުޖެހުމުގެ ވަބާ" އެކެވެ. ސަރުކާރު ދަމަހައްޓަން ގާނޫނީ އިމުން ބޭރުވެ ގަދަބާރު ދެއްކުމާއި ވައްޓާލަން އުޅުމެވެ. އަމިއްލަ މަސްލަހަތު އިސްކޮށް ހިންގި މިކަންކަމުގެ ޝިކާރައަކީ ރައްޔިތުންނެވެ. އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން، ވޭތުވެދިޔަ ދެ ދައުރު (10 އަހަރު)ގެ ތެރޭގައި މުޅިން އޮތީ ހަމަނުޖެހުމެވެ.
އެންމެން ވެސް ތިބީ ގައުމަށް ހަމަޖެހުން އަންނާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ނުކުމެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަނީ --. ފޮޓޯ: ހުސެން ވަހީދު
އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ތިން އިންތިޚާބަށް ފަހު ވެސް އެކުލަވާލީ ކޯލިޝަން ސަރުކާރެވެ. އެއީ، އިންތިޚާބު ކާމިޔާބުކުރަން މުޖައްރިބު ފޯމިއުލާ އެވެ. ސިޔާސީ ގޮތުން އަދާވާތްތެރި، ހަތުރުންގެ ގޮތުގައި ތިބުމަށް ފަހު ވެސް އިންތިޚާބު ކާމިޔާބު ކުރަން ވުމުން "އެކުވެރި، ވަފާތެރިންނެ"ވެ.
ބޭރު ފުށުން ދަޅަ ދައްކައިގެން އިންތިޚާބު ކާމިޔާބުވެ ނަތީޖާއަކަށް ވަނީ، އިއްތިހާދުވެގެން މާ ގިނަ ދުވަހަކު ދެމިނުތިބެވުމެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރަކީ ޚުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ސިފަކޮށް، ޑިމޮކްރަސީއަކަށް އަޑުއުފުލައި ފުރަތަމަ ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ ދެ ވަނަ ބުރުގައި ކޯލިޝަނަކުންނެވެ.
ވެރިކަން ފެށިތާ ދެ ހަފުތާ ތެރޭގައި އެ ކޯލިޝަން ރޫޅުނެވެ. އުފެދުނު ހިޔާލުތަފާތުވުންތަކުގައި، ޖުމްހޫރީ ޕާޓީ ވަކިވީ އެވެ. އެމްޑީޕީގެ ސަރުކާރުގައި ހިނގައިދިޔަ ގޯސްތަކާ އެކު، ދެން ފެށުނީ ވެރިކަން ބަދަލުކުރުމުގެ ރޫހެވެ.
އެންމެ ބޮޑު ގޯހަކީ، ގާނޫނީ އިމުން ބޭރުވުމެވެ. ގާޒީއަކު، ގާނޫނާ ޚިލާފަށް ހިފައި ހައްޔަރުކުރީ އެވެ. އެއާ ދެކޮޅަށް ކުރި މަސައްކަތްތަކާއި މުޒާހަރާތަކުގެ ސަބަބުން ތިން އަހަރު ތެރޭގައި އެމަނިކުފާނަށް ޖެހިވަޑައިގަތީ ވެރިކަމުން އިސްތިއުފާ ދެއްވާށެވެ. އޭގެ ފަހުން، 2013 ގެ އިންތިޚާބާ ރައްޔިތުން ކުރިމަތިލީ އެ ހަމަނުޖެހުންތަކާ އެކުގަ އެވެ.
އެ އިންތިޚާބުގައި ނަޝީދުގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން ކުރި ހޯއްދެވީ ވެސް ކޯލިޝަނަކުންނެވެ. އެ ކޯލިޝަން މާ ގިނަ ދުވަހެއް ނުވެ ރޫޅާލައި، އަމިއްލަ ޕާޓީގެ އިސް ބޭފުޅުން ވެސް ވެރިކަމާ ދުރަށް ދާން ޖެހުނީ ގާނޫނާ ޚިލާފަށް ސަރުކާރު ހިންގަންވަން މިސްރާބު ޖެއްސެވުމުންނެވެ. ބާރުތައް މުށުތެރެއަށް ލައްވައި، ހައްގުތަކާއި މިނިވަންކަން ނިގުޅައިގަތުންވީ ގައުމާއި ރައްޔިތުންނަށް ދިން ބޮޑު އަނިޔާއަކަށެވެ.
އެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެ، އަނެއްކާވެސް އާ ރައީސަކަށް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިވަނީ، އިންތިޚާބުކޮށްފަ އެވެ. ކޯލިޝަން ސަރުކާރުގެ އާ ވެރިކަން އަންނަ ހޮނިހިރުދުވަހު ފަށާނެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ލާން ކިޔޫގައި: އުއްމީދާ އެކު އާ ވެރިއަކު ހޮވިޔަސް ރައްޔިތުންނަށް ލިބެނީ މާޔޫސްކަން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އާ ގާނޫނުއަސާސީ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވީ ފާއިތުވެ ދިޔަ ދެ ދައުރުގައި ވެސް ޑިމޮކްރެޓިކް ކިޓުގައި ވަޑައިގެން ބޭފުޅުން (ނަޝީދާއި ރައީސް ޔާމީން ވެސް) ޑިމޮކްރަސީއާ އެއްގޮތަށް ކަންތައް ކުރައްވަން ބޭނުންފުޅު ނުވި ކަމަށެވެ. ގައުމަށް ހަމަޖެހުމެއް ނާންނަނީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ ރައްޔިތުން ދޭ ބާރުތަކަށް ވުރެން މާ ގަދަވާން ހިންގާ ކަންކަމުންނެވެ.
"ފުރަތަމަ އަށް އައި ސަރުކާރުން ވެސް ބޭނުންވީ ޖުޑިޝަރީ އަށް އަތް ކޮއްޕައިގެން ބޭނުން ގަނޑެއް ގަންނަން. ދެ ވަނަ އަށް އައި ސަރުކާރުން ވެސް ބޭނުންވީ ޖުޑިޝަރީ އަށް އަތް ކޮއްޕައިގެން ބޭނުން ގަނޑެއް ގަންނަން،" ޒާހިރު ވިދާޅުވި އެވެ.
ހެޔޮ ވެރިކަމަކަށް ތިން ފަހަރު ރައްޔިތުން ވޯޓުލިއަސް ދެ ފަހަރު ވެސް ކުރިމަތިލާން ޖެހުނީ ނާއުއްމީދާ އެވެ. ދައުރުގެ މެދުތެރެއިން ރައްޔިތުން މާޔޫސްކުރަވަ އެވެ. ހަގީގަތަކީ ވެރިކަމަށް ވަޑައިގަންނަވާ ލީޑަރުން އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކުރަން ބޭނުން ނުވަނީ އެވެ.
ޒާހިރު ވިދާޅުވީ ރައްޔިތުން އިސްކުރާ ވެރިންގެ އިޚްލާސްތެރިކަމެއް ނެތި ގައުމަށް ހަމަޖެހުން ނުލިބޭނެ ކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ކޮޅަށް ނަތީޖާ ނެރުނީ، ވަކި ބޭފުޅަކު ވެރިކަމަށް ގެންނެވުމަކަށް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ. ރައްޔިތުން އެއްބަސްކިޔައި، ކުރި ކަމަކީ، ހަވާލުކުރި ވެރިކަން ފުރިހަމައަށް އަދާކުރައްވަން ނުކުޅެދުނު ރައީސަށް ނޫނެކޭ ބުނީ އެވެ.
"ވަކި މީހަކު ދެކެވާ ލޯބިން، މީހަކު ގެންނަން ނިންމީކީއެއް ނޫން. ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިއްޖެ ކަން އިންތިޚާބުގައި މި ފެނުނީ،" ޒާހިރު ވިދާޅުވި އެވެ.
"ރައްޔިތުން މިހާރު ބޭނުންވަނީ ގައުމަށް ޚިދުމަތްކޮށްދޭނެ އިޚްލާސްތެރި ބޭފުޅެއް. އެ ބޭފުޅަކު އަޅުގަނޑުމެންނަކަށް ނުފެނޭ."
އޭގެ ބަދަލުގައި ފެންނަނީ، ޒާހިރު ވިދާޅުވި ގޮތުގައި، އަމިއްލަ އެދުމުން ފުރިފައި ތިއްބެވި ލީޑަރުންތަކެކެވެ. ކޮންމެ ބޭފުޅެއްގެ ވެސް އޮތީ ބޭރު ފުށަށް ނުދައްކާ، އަމިއްލަ އެޖެންޑާއެކެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ތިއްބަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެން ފެންނަނީ، އަމިއްލަ ގޮތްތަކެއް ހަދަން އުޅޭ ތަން ކަމަށެވެ. މައްސަލަ އުފެދެނީ އެ ހިސާބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގައުމަށް ހަމަޖެހުން އަންނާނީ މިވެނި ގޮތަކަށް ނިޒާމް އޮވެގެން ކަމަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ކަނޑައަޅާފައެއް ނޯންނާނެ ކަން ފާހަގަކުރެއްވި އެވެ.
ޖަމީލް ވިދާޅުވާ ގޮތުގައި ރާއްޖޭގައި ވެސް ވެރިންނަކީ ރައްޔިތުން ހަވާލުކުރާ ޒިންމާ، އަމާނާތްތެރިކަމާ އެކު އަދާކުރަން ޖެހޭ ބަޔަކަށް ވާން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އިދިކޮޅު މެމްބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުން--. ފޮޓޯ:ނިޝާން އަލީ/މިހާރު
"ގާނޫނުއަސާސީ އާއި ގާނޫނުތަކެއް އައިސްގެނެއް އަދި ޖުމްހޫރިއްޔަތުގެ ނިޒާމެއް ނާދޭ. ޖުމްހޫރިއްޔަތާ އެކީގައި ވަރަށް މުހިއްމު ކަމެއް އެކަން ފަހުމްވާނެ ފަދަ ލީޑަޝިޕެއް އައުން. ދެހާސް އަށް ވަނަ އަހަރުން ފެށިގެން ލީޑަޝިޕް ލެވެލްގައި ރާއްޖެ އަށް ހަމަޖެހުން ނައިސްގެން މިއުޅެނީ." ޖަމީލް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވުމަށް ފަހު، ނިޒާމް އަދި ގާނޫނުއަސާސީ ވެސް ވަނީ ބުރައަކަށެވެ. އޭގައި ހުއްދަ ދީ، އިން ކޮށްފައިވާ ގޮތަށް އަމަލުކުރަން ބޭނުން ނުވާތީ އެވެ. މުސްތަގިއްލު މުއައްސަސާތައް މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖެހެ އެވެ. ގާނޫނީ ޒިންމާ އުފުއްލަން އުޒުރު ދައްކާ ނަމަ، އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު ވެސް އެޅޭނެ ނިޒާމެއް އޮންނަން ޖެހެ އެވެ.
ޖުޑިޝަރީގެ ހުކުމްތައް، ފަނޑިޔާރުން ބޭނުންވާ ގޮތަކަށް ބަދަލުވަމުންދާ ނަމަ އެއީ ވެސް މައްސަލައެކެވެ.
"ރައްޔިތުންގެ މަތިން ބަސް ބުނަން ފަށަނީ. ރައްޔިތުން ކަނޑައަޅާފައި އޮތް ގޮތަށް ބަސް ބުނާ ކަމަށް ވާ ނަމަ، މައްސަލައެއް ދިމާވެދާނެހެން ހިއެއް ނުވޭ. ދެ ފަހަރު ވެސް މައްސަލަ އުފެދުނީ، ރައްޔިތުން ކަނޑައަޅާފައި އޮތް ނިޒާމުން ބޭރުގައި ހަރަކާތްތެރިވެގެން،" ޖަމީލް ވިދާޅުވި އެވެ.
ޖުމްހޫރީ 50 ފާހަގަކުރާ އިރު ގިނަ ދިވެހިން ކުރަމުން ދާ ސުވާލަކީ ސިޔާސީ ގޮތުން ހަމަޖެހުން އައިސް، ރާއްޖެ ދުއްވައިގަންނާނީ ކޮން އިރަކުންތޯ އެވެ. އެކަން އޮތީ ސިޔާސީ ލީޑަރުންގެ އަތްމަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
11 November 2018
ތާޒާކަން ކެނޑި ރަހަނުބައިވެފަވާ މަހެއްގައި ކިތަންމެ މީރު ހަވާދެއް ލައިގެން ރިހަ ކެއްކިޔަސް މަސްކޮޅެއްގަ ދަތް އަޅާލުމުން އަސްލުރަހަ އެނގޭ ފަދައިން ކޮންމެ ކޯލިޝަނެއްގަވެސް މިތިބެނީ ހަމަ ސިޔާސީ ގޮތުން "ރަހަނުބައި" ބޭފުޅުންނެވެ. އެހެންކަމުން އާ ސަރުކާރެއް އަޔަސް މާބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެކަމަކަށް އުންމީދެއް ނުކުރެވެއެވެ.
ހަސީނާ
10 November 2018
މައްސަލައަކީ ނިޒާމެއް ނޫން. އެއަށް ޢަމަލުކުރަން ތިބި މީހުން. މުސްލިމުންގެ ތެރޭގައި އެންމެހާ ނުބައި ކުށްފާފަތަކާއި މުންކަރާތްތަކަށް މީހުން އަރައިގަންނަނީ އިސްލާމްދީން ގޯސްވެގެނެއް ނޫން. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން އަންނަނީ ކޮރަޕްޝަން ހިންގަމުން. ވެރިންނުން ފެށިގެން ގޮސް އާދައިގެ ރައްޔިތު މީހާވެސް. ކުޑަމިނުން ވެރިޔަކު ހޮވާ ވޯޓުވެސް އެތައް ހާސް ރުފިޔާއަކަށް ވިއްކާލާ. އެހެންވީމާ އިޚްލާސްތެރިކަމެއް ނެތީމާ ކީއްކުރާނީ.
ފެށުން
10 November 2018
އައްނިމެން ރާއްޖޭގެ ހަމަޖެހުން ނަގާލީ.
ޓާޒަން / ހިތާދޫ
10 November 2018
މިގައުމުގާ ރަސްކަން ހިންގައިފި. އޭތި ކަޑަ. ޑިމޮކުރަސީ ހިންގާތާ 50 އަހަރު. މީތިވެސް ކަޑަ. ދެން މިހާރު އެބަޖެހެއެއްނޫންތޯ އާއެއްޗެއް ޗެކުޖަހާލަން. މިސާލަކަށް ޗައިނާއާ ރަޝިޔާގާ އެއޮންނަ ކޮމިއުނިޒަމް.
ހައިތް
10 November 2018
މިހާރު އޮތް ގާނޫނު އަސާސީ އޮތް ގޮތުން ރާއްޖޭގެ ވެރިކަން ކޯލިސަނަކަށް ނޫނީ ނެތް ލިބެކަށް... ޕާޓީ ތަކުގެ ޕްރައިމަރީ ވެސް ބާއްވަންވީ މުޅި ރައްޔިތުން ވޯޓް ލާ އެއްޗަކަށް. އެއަށް ފަހު ކޮންމެ ޕާޓީ އަކުންވެސް އެންމެ ގިނަ ވޯޓް ލާ މީހަކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ގޮތަށް ބަދަލް ކޮށް ރާއްޖެ ހަމަ ޖެހުމަކަށް ދާންވެއްޖެ. ގާނޫނު އަސާސީ ހެދީ މައުމޫންއަށް ލަޑު ދޭންވެގެން އިބްރަ އަޑީގައި ހުރެގެން.
ބޭބެ
10 November 2018
ހަމަޖެހުން ގެނެވޭނީ ކަލޭމެން ފިތުނަ ފަސާދަ އުފެއްދުން ހުއްޓިދުވަހަކުން!!
އަހުމަދުލް
10 November 2018
މަތީގަ ހުރި ފޮޓޮ އިން ވަރަސް ގިނަ މާނަ ދޭހަވޭ.
މުނައްވަރު
10 November 2018
ރާއްޖެއަށް ހަމަޖެހުން އަންނާނީ އެމް.ޑީ.ޕީ. ނެތި ދިއުމުން.......
ބަޑީ
10 November 2018
އެ،މްޑީޕީގެ ފިކުރަށް ގައުމުގެ %45 މީހުން އެއްވެސް މަޖުބޫރުކަމެއްނެ ތާއީދުކުރަނީ ކީއްވެގެންކަން އެބަޖެހޭބަލަން!! ރ.ޔާމީނަށް ނޭގުނޯ ކީއްވެގެންކަމެއްއެއީ!!. ދެން އެ %45 މީހުން ނައްތާލާނީތޯ ނޫނީ އެއަށްވުރެ ރަގަޅު ފިކުރެއް ގެނެވޭތީބަލާނީތޯ؟ އެބަޖެހޭ މީހުންގެ ހިތް ވިންކުރަން ދަސްކުރަން.
ހާފް އޮފް މޯލްޑިވްސް
10 November 2018
މުޅި ދިވެހިރާއްޖޭގެ %48.6 މީހުންނެއް ނައްތައެއް ނުލެވޭނެ.
ށުމާ
10 November 2018
ތިވާހަކަ ދައްކަން އެންނެ ތާހިރު ނޫހަކީ މިހާރުނޫސް. އެހެންނާފަހެ ރާއްޖެ ޓީވީ ރާއްޖެ އޮންލައިންގެ އިތުރައް ރާއްޖެ ފަސާދަކުރި އެއްބަޔަކީ މިހާރުނޫސް
ވަފާ
10 November 2018
ހަމަޖެހުމެއް އަންނާނެތަ. މައުމޫނު ސަރުކާރު ކަމަކުނުދިޔަ އަންނި ސަރުކާރު ކަމަކުނުދިޔަ ވަހީދު ސަރުކާރު ކަމަކު.ނުދިޔަ ޔާމީނު ސަރުކާރު ކަމަކު ނުދިޔަ ރައްޔިތުންގެ ހިތުގަ ފިތުނަ ފަސާދަ އުފައްދައިގެން ފާޑުފާޑުގެ ދޮގު އިލްޒާމު އަޅުވައިގެ ން ބޮޑެތި އާޜޓިކަލް ތައް ޖަހައިގެން އަނެއްކާވެސް އެމްޑީޕީ ސަރުކާރު ގެންނަން ވެގެން ފޫގެޅި ބަޔަކު ކޮން މިނިވަން ކަމެއް ނައިސްގެން އުޅޭ ވާހަކަ އެއް ދައްކާކައް