ވެރިކަން އަދި ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން!

ޑިމޮކްރެސީގެ ކިތަންމެ ހަރުދަނާ އުސޫލުތަކެއް ހިމަނައިގެން ދުސްތޫރެއް އެކުލަވައިލިޔަސް، އެއަށް އަމަލު ކުރަން ތިބި މީހުންގެ ހިތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން ބޮޑުވެއްޖެ ނަމަ، ޑިމޮކްރެސީއެކޭ ޑިކްޓޭޓާޝިޕެކޭ މާ ބޮޑު ތަފާތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ މާނައަކީ އެމީހަކަށް ކެވުނު ގޮތަކުން ދައުލަތުގެ ބައިތުލް މާލު، އަމިއްލަ އެދުމާ ޖަހައިގެން ކެއުމެއް ވެސް ނޫނެވެ.


ކުރީގެ ރައީސް މައުމޫންގެ ވެރިކަން 2008 ގައި ނިމި، އައު ގާނޫނުއަސާސީގެ ދަށުން އެ އަހަރު ބޭއްވި ރިއާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރި ފުރަތަމަ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމުގެ ދައުރު ހަމަނުކުރެވުނީ ވެސް، ކޯލިޝަނެއްގެ ތެރެއިން އުފެދުނު ވެރިކަމުގައި ރެނދު ލުމުގެ ސަބަބުންނެވެ.

ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ކަން ހިނގާ މަގަށް ބަލާއިރު، ކޯލިޝަން ހަދައިގެން ވެރިކަން ކުރުމަކީ ރިއާސީ ނިޒާމުގައި އޮންނަ އުސޫލެއް ނޫނެވެ. އެއީ ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ އުސޫލެކެވެ.

ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވީއްސުރެ މިއަދާ ހަމައަށް ވެސް އޮތީ ރިއާސީ ނިޒާމެކެވެ. ނަމަވެސް ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރިއާސީ އިންތިޚާބު ބާއްވަން ފެށީއްސުރެ، މިހާތަނަށް ވެއަތުވެ ދިޔަ ތިން އިންތިޚާބުގައި ވެސް ކާމިޔާބު ހޯދީ ކޯލިޝަން ހަދައިގެން ވާދަކުރި ކެންޑިޑޭޓެވެ.

އެ ގޮތުން 2008 ވަނަ އަހަރު އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީން މަދަދު ދީގެން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންތިޚާބުވި އެވެ. އަދި 2013 ވަނަ އަހަރު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ މަދަދާ އެކު، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިޚާބުވި އެވެ. އަދި މި އަހަރުގެ އިންތިޚާބު، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ތާއީދުގެ އިތުރުން، ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ އެހީއާ ވެސް އެކުގަ އެވެ.

ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޖޭޕީގެ ގާސިމް އިބްރާހިމާ، އިންތިހާބީ ރައީސް އިބޫ ސަލާންކުރައްވަނީ

ނަމަވެސް 2008 އަދި 2013ގެ އިންތިޚާބާ އެކު އެކުލަވައިލި ކޯލިޝަން ދެ ސަރުކާރު ވެސް ރޫޅިގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކީއްވެގެން ހެއްޔެވެ؟ ކޯލިޝަން ސަރުކާރު ރިއާސީ ނިޒާމާ ނުގުޅެނީ ހެއްޔެވެ؟ ނޫނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީންގެ ބަހުރުވައިން ނަމަ، ހުރިހާ ވެސް މައްސަލައަކީ ވެރިކަމުގެ ބޯކިބާ ނުވަތަ ކޭކުން ތިމާ އަށް ލިބެންވީ މިންވަރާ މެދު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ދެބަސްވުން އުފެދުމެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު އެ މަންޒަރު ފެންނަން ފެށި އެވެ. މިހާރުގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެހާ އަވަހަށް ނޫނަސް މާ ގިނަ ދުވަހެއް ނުވަނީސް އެ މަންޒަރު ފެންނަން ފެށި އެވެ.

ދެން އޮތީ މި މަހުގެ 17 ވަނަ ދުވަހު ފެށޭ އައު ވެރިކަމުގެ ވާހަކަ އެވެ. ސެޕްޓެމްބަރު 23 ގައި އޮތް އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތައް ނުކުތީ، ހުރިހާ އެންމެންނަށް ވެސް ރަހަތައް ހެޔޮވަރުކޮށް ފުށްގަނޑު މޮޑެގެންނެވެ. ކޭކު މިހާރު ދަނީ ފިހެވެމުންނެވެ. މި މަހުގެ 17 ވަނަ ދުވަހު ކޭކު ފޮތިކުރާނެ ގޮތަކަށް ރައްޔިތުން ތިބީ ބަލަބަލަ އެވެ.

"އޭރު ވެސް އަޅުގަނޑުމެން ދެންނެވިން، ތި ކޯލިޝަނެއް މާ ގިނަ ދުވަހަކު ނޯންނާނެޔޭ. ކިތަންމެ ވަރުގަދަ އެގްރީމެންޓެއް ހަދައިގެން ކިތަންމެ މޮޅު ހުވަފެންތަކެއް ދައްކައިގެން ވެސް ކޯލިޝަން ހެދިދާނެ. އެކަމަކު ތި ކޯލިޝަންގައި އެބަތިބިތޯ އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ ހަގީގަތް ނޭނގޭ އެއްވެސް ލީޑަރެއް،" ޕީޕީއެމްގެ މަޖިލިސް މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އެ ލީޑަރުން ކުރީގެ ދެ ކޯލިޝަންގައި ކަންތައް ކުރެއްވި ގޮތް ކާކަށްތޯ ނޭނގެނީ. އެ ކޯލިޝަންތައް ރޫޅުނީ ހަމަ އެ ލީޑަރުން ކޭކުފޮތިން ބޭނުންވި ބައި ބޮޑުވެގެން ނޫންތޯ."

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބޫ ވެރިކަމަށް ގެނައުމަށް ކޯލިޝަން ހެދި ސިޔާސީ ލީޑަރުންނަކީ ސިޔާސީ އެއް ވިސްނުމެއްގައި ގިނަ ދުވަހަށް ތިއްބެވޭ ކަހަލަ ބޭފުޅުންތަކެއް ނޫން ކަން އެ ބޭފުޅުންގެ މާޒީގައި ކަން ހިނގި ގޮތާއި މިހާރު ކަންތައް ކުރައްވާ ގޮތުން އެނގޭނެ އެވެ.

ކުރީގެ ރައީސް ނަޝީދު އައްޑޫގައި ވާހަކަފުޅު ދައްކަވަނީ .-- ފޮޓޯ: އެމްޑީޕީ

"ކޯލިޝަން ހެދީކީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރާކަށް ނޫން. ކޯލިޝަންގެ އަމާޒަކީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަނުން ގުޅިގެން ވާދަކުރަން. އެކަމު އެކަމެއް މިހާރު އެ ބޭފުޅުން ހަނދާނެއް ނެތެއް ނޫންތޯ،" މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވި އެވެ.

"އަދި އިބޫ އަށް އެ އުޅުއްވަނީ ހުވާ ވެސް ނުކުރެއްވިގެން. މިހާރު އެ ގޮވަނީ ނޫންތޯ މަޖިލީހުގެ މެޖޯރިޓީ ދޭންވާނީ އެމްޑީޕީއަށޭ. ކީއްވެތޯ އެ ބޭފުޅާ އަށް ވިދާޅުވާން ކެރިވަޑައިނުގަތީ މަޖިލީހުގެ މެޖޯރިޓީ ހޯދަންވާނީ ކޯލިޝަން ޕާޓީތަކޭ. މިހާރު ވެސް އަމާޒު ހިފާފައި އެ ހުރީ މި ވެރިކަން ވެސް، މަޖިލިސް ވެސް އެމްޑީޕީގެ ފުރިހަމަ ބާރުގެ ދަށަށް ގެންނަން ނޫންތޯ."

ނަމަވެސް ކޯލިޝަން އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކު ވިދާޅުވީ ކޯލިޝަން ރޫޅިގެން ހިނގައިދާނެ ކަމުގެ އެއްވެސް ބިރެއް އަދި ނެތް ކަމަށެވެ. އަދި ހުރިހާ ލީޑަރުން ވެސް ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ކަމަށާއި މަސައްކަތް ވެސް ކުރައްވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވިސްނުމާއި ފިކުރުތައް ރަނގަޅަށް ދެނެވަޑައިގެން ތިއްބަވައިގެން ކަމަށެވެ.

"މިއީކީ އަދި ކޯލިޝަން ރޫޅުމުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. ވަކި ގޮތަކަށް ބަލާ ބަޔަކަށް އެހެން ފެނުނަސް އަޅުގަނޑުމެންނަކަށް އަދި ނުފެނޭ ކޯލިޝަން ރޫޅެން އުޅޭ މަންޒަރެއް. އެ ކަހަލަ ދެބަސްވުމެއް ވެސް އަދި ނެތް ލީޑަރުންގެ މެދުގައި އުފެދިފައެއް،" ކޯލިޝަންގެ މުހިންމު ބައިވެރިޔަކު، މިވަގުތު މަސްލަހަތު ހުރި ގޮތުން ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

"މިހާރު ވެސް ހުރިހާ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ކޯލިޝަންގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތްތަކަށް. ހަގީގަތުގައި ކޯލިޝަން ހެދުމަށް ވުރެ ކޯލިޝަން ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް މާ ބުރަވާނެ."

ނަމަވެސް ކޯލިޝަންގައި ހިމެނޭ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި ވަރަށް ފަރުވާތެރިކަމާ އެކު ހަތަރު ލީޑަރުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ނުކުރައްވައިފި ނަމަ ކޯލިޝަންގައި ރެނދުލުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

(ވާތުން ކަނާތަށް) އިންތިހާބީ ރައީސް އިބޫ، އިންތިހާބީ ނައިބު ރައީސް ފައިސަލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

"އަސްލު ހަގީގަތުގައި ކޯލިޝަނަކީ ވަރަށް ނާޒުކު އެއްޗެއް ކަން މިދިޔަ ދިހަ އަހަރު މި އޮތީ ތަޖުރިބާ ކުރެވިފައި. ލީޑަރުން ތިބީ ވަކި ގޮތަކަށް އެއްބަސްވެގެންނޭ ބުންޏަސް، ހަގީގަތުގައި ހުރިހާ ލީޑަރުންނަށް އަދިވެސް އެއްބަސްވުމަކަށް ނާދެވޭ،" އެ މެމްބަރު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ހަތަރު ލީޑަރުން އެއްބަސްވެގެން މަސައްކަތް ކުރެއްވިޔަސް، އެއިން ކޮންމެ ބޭފުޅެއްގެ ވެސް އެބަ އޮވޭ އަމިއްލަ އެޖެންޑާއެއް. އެ އެޖެންޑާއާ މެދު ކަންތައް ވާ ގޮތަކުން ކޯލިޝަން ދެމިއޮންނާނީ."

އޭނާ ވިދާޅުވި ގޮތުގައި ލީޑަރުންގެ މެދުގައި އެންމެ އަވަހަށް ވެސް މައްސަލަ ޖެހޭނީ ވެރިކަމުގެ ބާރުތައް ހިއްސާކުރާނެ މިންވަރާ މެދުގަ އެވެ. އާންމުންގެ ތެރެއަށް ތިލަ ނުވިޔަސް، އެކަމުގައި މިހާރު ވެސް ދެބަސްވުންތަކެއް އުފެދެން އުޅޭ ކަމުގެ ނިޝާންތަކެއް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އަށް މި އޮތީ ވެރިކަމުގެ 40 ޕަސެންޓް ހަމަޖެހިފައި. ދެން އޮންނަ 60 ޕަސެންޓް ބަހާނެ ގޮތަކާ މެދުގައިތާ ލީޑަރުންގެ މެދުގައި މައްސަލަ ޖެހޭނީ. މިސާލަކަށް ރައީސް މައުމޫންގެ ފެކްޝަނަށް 15 ޕަސެންޓް، އަދާލަތަށް 15 ޕަސެންޓް އަދި ޖުމްހޫރީ ޕާޓީ އަށް 20 ޕަސެންޓް ކަމަށް ހުށަހެޅީމާ އެކަމަށް ވެސް އެއްބަސް ނުވެވިދާނެ. މިސާލަކަށް މައުމޫން ބޭނުންވެދާނެ 25 ނޫނީ 30 ޕަސެންޓް. އެއީ ޕީޕީއެމް އަލުން އެ މަނިކުފާނަށް ލިބިއްޖެއްޔާ، ބޮޑު ޕާޓީއަކަށް ވާނީ ޕީޕީއެމްތާ. ހަމަގައިމު ވެސް ދުރު މުސްތަގުބަލަށް މައުމޫން ވިސްނަވާނެ."

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރި ޕާޓީތަކުގެ ހިއްސާއަށް ބަލާއިރު، އެމްޑީޕީ އަށް ފަހު އެންމެ ބޮޑު ހިއްސާއެއް އޮންނާނީ ޖުމްހޫރީ ޕާޓީގަ އެވެ. އެއީ ޕާޓީގެ މެމްބަރުންގެ އަދަދުންނެވެ. އެހެން ކަމަށްވާ ނަމަ، ވެރިކަމުގެ ބާރުތައް ނުވަތަ މަގާމުތައް ހިއްސާކުރާ އިރު ވެސް އެ ނިސްބަތުން ޖުމްހޫރީ ޕާޓީ ވެސް ބޭނުންވާނެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެކަމަކު އެ ނިންމުމުން ސަލާމަތްވެފައިވާ 12 މެމްބަރުން ކުރީގެ ރައީސް މައުމޫނާ އެކު. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"މި ވަގުތު މުހިންމީ ބޮޑު ކޭކުފޮތި ހޯދުމެއް ނޫން. އެންމެ މުހިންމީ ގުޅިފައިވާ ކޯލިޝަނެއްގެ ގޮތުގައި ދެމިތިބެ، މަޖިލިސް ވެސް ކާމިޔާބު ކުރުން. ރައީސް ޔާމީންގެ ބާރު މުޅިން ދިޔައީ ކަމަށް އަދި ބަލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް މައުމޫނަށް ދިނުމަށް ކޯޓުން ނުނިންމާހާ ހިނދަކު، އެ ޕާޓީގެ އިސް މީހުން ދެން ވެސް ތިބޭނީ ރައީސް ޔާމީނާ އެކުގައި. މަޖިލީހުގައި ވެސް އެ މެންބަރުން މަދެއް ނުވާނެ. މި ދަނޑިވަޅުގައި ކޯލިޝަން ހެދުމުގެ މަގްސަދާއި ރޫހާ ޚިލާފަށް ދައްކާ ކޮންމެ ވާހަކައަކުން ފައިދާ ކުރާނީ ރައީސް ޔާމީނަށް. އެ ފުރުސަތު ދީގެން ނުވާނެ."

ރައީސް ޔާމީނަށް ފުރުސަތު ދޭން ބޭނުން ނުވިޔަސް، ކޯލިޝަން ލީޑަރުންގެ ބަސްމަގު ހުންނަ ގޮތަކުން ނުވަތަ ކޯލިޝަންގެ ތެރޭގައި އަމަލުކުރައްވާ ގޮތަކުން، އެ އެމަނިކުފާނަށް ލިބިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަގައިމު ވެސް ރައީސް ޔާމީން މިހާރު އެންމެ އުންމީދު ކުރައްވައިގެން ހުންނަވާނީ، ކޯލިޝަންގެ ބައިވެރިންގެ މެދުގައި މައްސަލަ ޖެހި ކޯލިޝަން ރޫޅިގެން ގޮސް، އިބޫގެ ވެރިކަން ބަލިކަށިވާނެ ވަގުތަކަށެވެ.

އެ ފުރުސަތު އެމަނިކުފާނަށް ދެއްވުމާއި ނުދެއްވުން އޮތީ، ކޯލިޝަންގެ ހަތަރު ލީޑަރުންގެ އަތްޕުޅުމަތީގަ އެވެ. ދެން އިންތިޚާބު ކުރާ މަޖިލީހަކީ ހަމައެކަނި ތިމާގެ އަމިއްލަ ޕާޓީގެ އެއްޗަކަށް ހަދަން މަސައްކަތް ކުރައްވަންޏާ ނުވަތަ ކެބިނެޓްގެ ވީހާ ގިނަ މަގާމުތައް ތިމާގެ ޕާޓީގެ މީހުންނަށް ހޯދައިދިނުމަކީ، ކުރިއަށް މި އޮތް ފަސް އަހަރުގެ އަމާޒު ކަމަށް ވެއްޖެއްޔާ، ދެ ބުޅަލުގެ އަރައިރުމަށްވެ ކޯލިޝަން ވަޔަށް ބުރައިގެން ދިއުން އޮންނާނީ ދުރަކު ނޫނެވެ.