ރިޕޯޓް

ވެރިކަން އަދި ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން!

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ވުމުން އިދިކޮޅު ސަޕޯޓަރުން އުފާ ފާޅުކުރަނީ: މި ވެރިކަން ދެމެހެއްޓުމަށް ގިނަ ރައްޔިތުން ބޭނުންވޭ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

ޑިމޮކްރެސީގެ ކިތަންމެ ހަރުދަނާ އުސޫލުތަކެއް ހިމަނައިގެން ދުސްތޫރެއް އެކުލަވައިލިޔަސް، އެއަށް އަމަލު ކުރަން ތިބި މީހުންގެ ހިތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން ބޮޑުވެއްޖެ ނަމަ، ޑިމޮކްރެސީއެކޭ ޑިކްޓޭޓާޝިޕެކޭ މާ ބޮޑު ތަފާތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ މާނައަކީ އެމީހަކަށް ކެވުނު ގޮތަކުން ދައުލަތުގެ ބައިތުލް މާލު، އަމިއްލަ އެދުމާ ޖަހައިގެން ކެއުމެއް ވެސް ނޫނެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަން 2008 ގައި ނިމި، އައު ގާނޫނުއަސާސީގެ ދަށުން އެ އަހަރު ބޭއްވި ރިއާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރި ފުރަތަމަ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމުގެ ދައުރު ހަމަނުކުރެވުނީ ވެސް، ކޯލިޝަނެއްގެ ތެރެއިން އުފެދުނު ވެރިކަމުގައި ރެނދު ލުމުގެ ސަބަބުންނެވެ.

ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ކަން ހިނގާ މަގަށް ބަލާއިރު، ކޯލިޝަން ހަދައިގެން ވެރިކަން ކުރުމަކީ ރިއާސީ ނިޒާމުގައި އޮންނަ އުސޫލެއް ނޫނެވެ. އެއީ ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ އުސޫލެކެވެ.

ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވީއްސުރެ މިއަދާ ހަމައަށް ވެސް އޮތީ ރިއާސީ ނިޒާމެކެވެ. ނަމަވެސް ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރިއާސީ އިންތިޚާބު ބާއްވަން ފެށީއްސުރެ، މިހާތަނަށް ވެއަތުވެ ދިޔަ ތިން އިންތިޚާބުގައި ވެސް ކާމިޔާބު ހޯދީ ކޯލިޝަން ހަދައިގެން ވާދަކުރި ކެންޑިޑޭޓެވެ.

އެ ގޮތުން 2008 ވަނަ އަހަރު އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީން މަދަދު ދީގެން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންތިޚާބުވި އެވެ. އަދި 2013 ވަނަ އަހަރު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ މަދަދާ އެކު، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިޚާބުވި އެވެ. އަދި މި އަހަރުގެ އިންތިޚާބު، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ތާއީދުގެ އިތުރުން، ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ އެހީއާ ވެސް އެކުގަ އެވެ.

ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޖޭޕީގެ ގާސިމް އިބްރާހިމާ، އިންތިހާބީ ރައީސް އިބޫ ސަލާންކުރައްވަނީ

ނަމަވެސް 2008 އަދި 2013ގެ އިންތިޚާބާ އެކު އެކުލަވައިލި ކޯލިޝަން ދެ ސަރުކާރު ވެސް ރޫޅިގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކީއްވެގެން ހެއްޔެވެ؟ ކޯލިޝަން ސަރުކާރު ރިއާސީ ނިޒާމާ ނުގުޅެނީ ހެއްޔެވެ؟ ނޫނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީންގެ ބަހުރުވައިން ނަމަ، ހުރިހާ ވެސް މައްސަލައަކީ ވެރިކަމުގެ ބޯކިބާ ނުވަތަ ކޭކުން ތިމާ އަށް ލިބެންވީ މިންވަރާ މެދު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ދެބަސްވުން އުފެދުމެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު އެ މަންޒަރު ފެންނަން ފެށި އެވެ. މިހާރުގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެހާ އަވަހަށް ނޫނަސް މާ ގިނަ ދުވަހެއް ނުވަނީސް އެ މަންޒަރު ފެންނަން ފެށި އެވެ.

ދެން އޮތީ މި މަހުގެ 17 ވަނަ ދުވަހު ފެށޭ އައު ވެރިކަމުގެ ވާހަކަ އެވެ. ސެޕްޓެމްބަރު 23 ގައި އޮތް އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތައް ނުކުތީ، ހުރިހާ އެންމެންނަށް ވެސް ރަހަތައް ހެޔޮވަރުކޮށް ފުށްގަނޑު މޮޑެގެންނެވެ. ކޭކު މިހާރު ދަނީ ފިހެވެމުންނެވެ. މި މަހުގެ 17 ވަނަ ދުވަހު ކޭކު ފޮތިކުރާނެ ގޮތަކަށް ރައްޔިތުން ތިބީ ބަލަބަލަ އެވެ.

"އޭރު ވެސް އަޅުގަނޑުމެން ދެންނެވިން، ތި ކޯލިޝަނެއް މާ ގިނަ ދުވަހަކު ނޯންނާނެޔޭ. ކިތަންމެ ވަރުގަދަ އެގްރީމެންޓެއް ހަދައިގެން ކިތަންމެ މޮޅު ހުވަފެންތަކެއް ދައްކައިގެން ވެސް ކޯލިޝަން ހެދިދާނެ. އެކަމަކު ތި ކޯލިޝަންގައި އެބަތިބިތޯ އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ ހަގީގަތް ނޭނގޭ އެއްވެސް ލީޑަރެއް،" ޕީޕީއެމްގެ މަޖިލިސް މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އެ ލީޑަރުން ކުރީގެ ދެ ކޯލިޝަންގައި ކަންތައް ކުރެއްވި ގޮތް ކާކަށްތޯ ނޭނގެނީ. އެ ކޯލިޝަންތައް ރޫޅުނީ ހަމަ އެ ލީޑަރުން ކޭކުފޮތިން ބޭނުންވި ބައި ބޮޑުވެގެން ނޫންތޯ."

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އިބޫ ވެރިކަމަށް ގެނައުމަށް ކޯލިޝަން ހެދި ސިޔާސީ ލީޑަރުންނަކީ ސިޔާސީ އެއް ވިސްނުމެއްގައި ގިނަ ދުވަހަށް ތިއްބެވޭ ކަހަލަ ބޭފުޅުންތަކެއް ނޫން ކަން އެ ބޭފުޅުންގެ މާޒީގައި ކަން ހިނގި ގޮތާއި މިހާރު ކަންތައް ކުރައްވާ ގޮތުން އެނގޭނެ އެވެ.

ކުރީގެ ރައީސް ނަޝީދު އައްޑޫގައި ވާހަކަފުޅު ދައްކަވަނީ .-- ފޮޓޯ: އެމްޑީޕީ

"ކޯލިޝަން ހެދީކީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރާކަށް ނޫން. ކޯލިޝަންގެ އަމާޒަކީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަނުން ގުޅިގެން ވާދަކުރަން. އެކަމު އެކަމެއް މިހާރު އެ ބޭފުޅުން ހަނދާނެއް ނެތެއް ނޫންތޯ،" މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވި އެވެ.

"އަދި އިބޫ އަށް އެ އުޅުއްވަނީ ހުވާ ވެސް ނުކުރެއްވިގެން. މިހާރު އެ ގޮވަނީ ނޫންތޯ މަޖިލީހުގެ މެޖޯރިޓީ ދޭންވާނީ އެމްޑީޕީއަށޭ. ކީއްވެތޯ އެ ބޭފުޅާ އަށް ވިދާޅުވާން ކެރިވަޑައިނުގަތީ މަޖިލީހުގެ މެޖޯރިޓީ ހޯދަންވާނީ ކޯލިޝަން ޕާޓީތަކޭ. މިހާރު ވެސް އަމާޒު ހިފާފައި އެ ހުރީ މި ވެރިކަން ވެސް، މަޖިލިސް ވެސް އެމްޑީޕީގެ ފުރިހަމަ ބާރުގެ ދަށަށް ގެންނަން ނޫންތޯ."

ނަމަވެސް ކޯލިޝަން އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކު ވިދާޅުވީ ކޯލިޝަން ރޫޅިގެން ހިނގައިދާނެ ކަމުގެ އެއްވެސް ބިރެއް އަދި ނެތް ކަމަށެވެ. އަދި ހުރިހާ ލީޑަރުން ވެސް ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ކަމަށާއި މަސައްކަތް ވެސް ކުރައްވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވިސްނުމާއި ފިކުރުތައް ރަނގަޅަށް ދެނެވަޑައިގެން ތިއްބަވައިގެން ކަމަށެވެ.

"މިއީކީ އަދި ކޯލިޝަން ރޫޅުމުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. ވަކި ގޮތަކަށް ބަލާ ބަޔަކަށް އެހެން ފެނުނަސް އަޅުގަނޑުމެންނަކަށް އަދި ނުފެނޭ ކޯލިޝަން ރޫޅެން އުޅޭ މަންޒަރެއް. އެ ކަހަލަ ދެބަސްވުމެއް ވެސް އަދި ނެތް ލީޑަރުންގެ މެދުގައި އުފެދިފައެއް،" ކޯލިޝަންގެ މުހިންމު ބައިވެރިޔަކު، މިވަގުތު މަސްލަހަތު ހުރި ގޮތުން ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވި އެވެ.

"މިހާރު ވެސް ހުރިހާ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ކޯލިޝަންގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތްތަކަށް. ހަގީގަތުގައި ކޯލިޝަން ހެދުމަށް ވުރެ ކޯލިޝަން ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް މާ ބުރަވާނެ."

ނަމަވެސް ކޯލިޝަންގައި ހިމެނޭ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި ވަރަށް ފަރުވާތެރިކަމާ އެކު ހަތަރު ލީޑަރުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ނުކުރައްވައިފި ނަމަ ކޯލިޝަންގައި ރެނދުލުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

(ވާތުން ކަނާތަށް) އިންތިހާބީ ރައީސް އިބޫ، އިންތިހާބީ ނައިބު ރައީސް ފައިސަލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

"އަސްލު ހަގީގަތުގައި ކޯލިޝަނަކީ ވަރަށް ނާޒުކު އެއްޗެއް ކަން މިދިޔަ ދިހަ އަހަރު މި އޮތީ ތަޖުރިބާ ކުރެވިފައި. ލީޑަރުން ތިބީ ވަކި ގޮތަކަށް އެއްބަސްވެގެންނޭ ބުންޏަސް، ހަގީގަތުގައި ހުރިހާ ލީޑަރުންނަށް އަދިވެސް އެއްބަސްވުމަކަށް ނާދެވޭ،" އެ މެމްބަރު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ހަތަރު ލީޑަރުން އެއްބަސްވެގެން މަސައްކަތް ކުރެއްވިޔަސް، އެއިން ކޮންމެ ބޭފުޅެއްގެ ވެސް އެބަ އޮވޭ އަމިއްލަ އެޖެންޑާއެއް. އެ އެޖެންޑާއާ މެދު ކަންތައް ވާ ގޮތަކުން ކޯލިޝަން ދެމިއޮންނާނީ."

އޭނާ ވިދާޅުވި ގޮތުގައި ލީޑަރުންގެ މެދުގައި އެންމެ އަވަހަށް ވެސް މައްސަލަ ޖެހޭނީ ވެރިކަމުގެ ބާރުތައް ހިއްސާކުރާނެ މިންވަރާ މެދުގަ އެވެ. އާންމުންގެ ތެރެއަށް ތިލަ ނުވިޔަސް، އެކަމުގައި މިހާރު ވެސް ދެބަސްވުންތަކެއް އުފެދެން އުޅޭ ކަމުގެ ނިޝާންތަކެއް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އަށް މި އޮތީ ވެރިކަމުގެ 40 ޕަސެންޓް ހަމަޖެހިފައި. ދެން އޮންނަ 60 ޕަސެންޓް ބަހާނެ ގޮތަކާ މެދުގައިތާ ލީޑަރުންގެ މެދުގައި މައްސަލަ ޖެހޭނީ. މިސާލަކަށް ރައީސް މައުމޫންގެ ފެކްޝަނަށް 15 ޕަސެންޓް، އަދާލަތަށް 15 ޕަސެންޓް އަދި ޖުމްހޫރީ ޕާޓީ އަށް 20 ޕަސެންޓް ކަމަށް ހުށަހެޅީމާ އެކަމަށް ވެސް އެއްބަސް ނުވެވިދާނެ. މިސާލަކަށް މައުމޫން ބޭނުންވެދާނެ 25 ނޫނީ 30 ޕަސެންޓް. އެއީ ޕީޕީއެމް އަލުން އެ މަނިކުފާނަށް ލިބިއްޖެއްޔާ، ބޮޑު ޕާޓީއަކަށް ވާނީ ޕީޕީއެމްތާ. ހަމަގައިމު ވެސް ދުރު މުސްތަގުބަލަށް މައުމޫން ވިސްނަވާނެ."

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރި ޕާޓީތަކުގެ ހިއްސާއަށް ބަލާއިރު، އެމްޑީޕީ އަށް ފަހު އެންމެ ބޮޑު ހިއްސާއެއް އޮންނާނީ ޖުމްހޫރީ ޕާޓީގަ އެވެ. އެއީ ޕާޓީގެ މެމްބަރުންގެ އަދަދުންނެވެ. އެހެން ކަމަށްވާ ނަމަ، ވެރިކަމުގެ ބާރުތައް ނުވަތަ މަގާމުތައް ހިއްސާކުރާ އިރު ވެސް އެ ނިސްބަތުން ޖުމްހޫރީ ޕާޓީ ވެސް ބޭނުންވާނެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެކަމަކު އެ ނިންމުމުން ސަލާމަތްވެފައިވާ 12 މެމްބަރުން ކުރީގެ ރައީސް މައުމޫނާ އެކު. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"މި ވަގުތު މުހިންމީ ބޮޑު ކޭކުފޮތި ހޯދުމެއް ނޫން. އެންމެ މުހިންމީ ގުޅިފައިވާ ކޯލިޝަނެއްގެ ގޮތުގައި ދެމިތިބެ، މަޖިލިސް ވެސް ކާމިޔާބު ކުރުން. ރައީސް ޔާމީންގެ ބާރު މުޅިން ދިޔައީ ކަމަށް އަދި ބަލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް މައުމޫނަށް ދިނުމަށް ކޯޓުން ނުނިންމާހާ ހިނދަކު، އެ ޕާޓީގެ އިސް މީހުން ދެން ވެސް ތިބޭނީ ރައީސް ޔާމީނާ އެކުގައި. މަޖިލީހުގައި ވެސް އެ މެންބަރުން މަދެއް ނުވާނެ. މި ދަނޑިވަޅުގައި ކޯލިޝަން ހެދުމުގެ މަގްސަދާއި ރޫހާ ޚިލާފަށް ދައްކާ ކޮންމެ ވާހަކައަކުން ފައިދާ ކުރާނީ ރައީސް ޔާމީނަށް. އެ ފުރުސަތު ދީގެން ނުވާނެ."

ރައީސް ޔާމީނަށް ފުރުސަތު ދޭން ބޭނުން ނުވިޔަސް، ކޯލިޝަން ލީޑަރުންގެ ބަސްމަގު ހުންނަ ގޮތަކުން ނުވަތަ ކޯލިޝަންގެ ތެރޭގައި އަމަލުކުރައްވާ ގޮތަކުން، އެ އެމަނިކުފާނަށް ލިބިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަގައިމު ވެސް ރައީސް ޔާމީން މިހާރު އެންމެ އުންމީދު ކުރައްވައިގެން ހުންނަވާނީ، ކޯލިޝަންގެ ބައިވެރިންގެ މެދުގައި މައްސަލަ ޖެހި ކޯލިޝަން ރޫޅިގެން ގޮސް، އިބޫގެ ވެރިކަން ބަލިކަށިވާނެ ވަގުތަކަށެވެ.

އެ ފުރުސަތު އެމަނިކުފާނަށް ދެއްވުމާއި ނުދެއްވުން އޮތީ، ކޯލިޝަންގެ ހަތަރު ލީޑަރުންގެ އަތްޕުޅުމަތީގަ އެވެ. ދެން އިންތިޚާބު ކުރާ މަޖިލީހަކީ ހަމައެކަނި ތިމާގެ އަމިއްލަ ޕާޓީގެ އެއްޗަކަށް ހަދަން މަސައްކަތް ކުރައްވަންޏާ ނުވަތަ ކެބިނެޓްގެ ވީހާ ގިނަ މަގާމުތައް ތިމާގެ ޕާޓީގެ މީހުންނަށް ހޯދައިދިނުމަކީ، ކުރިއަށް މި އޮތް ފަސް އަހަރުގެ އަމާޒު ކަމަށް ވެއްޖެއްޔާ، ދެ ބުޅަލުގެ އަރައިރުމަށްވެ ކޯލިޝަން ވަޔަށް ބުރައިގެން ދިއުން އޮންނާނީ ދުރަކު ނޫނެވެ.

90 ކޮމެންޓް, 104 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 4%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަލު

09 November 2018

އިބޫ ހުވާކޮށް ބަރާބަރު 100 ދުވަސް ބަލަންތިބޭ ތިޔަބައިގަނޑުގައި ރޫރޫ އަޅަންފަށާނެ. ވިއްޔާވާނީ އަވަސް.

The name is already taken The name is available. Register?

ދުރު

09 November 2018

ކޭކޭ ކިޔާފަ ނޫސްވެރިން ވާހަކަ ގިނައިން ލިޔަން ވީ...އެއީ މިއީ ގައުމައް އެއްވެސް ހެޔޮއެދިގެން އުޅޭބައެް ނޫން....މި މީހުންގެ އަމިއްލަ މަސްލަހަތު އިސްކޮއްގެން އުޅޭބައެއް

The name is already taken The name is available. Register?

ޢިންސާފް

09 November 2018

ނޫސްވެރިންނަކީ ގައުމުހޭލުން ތެރިކުރުވާބައެއް އެބޭފުޅުންގެއް ޒިންމާއާއި ވާޖިބައް އެއްވެސް ފަރާތަކުން ހުރަސްނާޅުއްވާ އެބޭފުޅުން ނަކީވަކި ސަރުކާރަކަށް ސަނާކިޔަންޖެހޭބައެއްކަމަކަށް ގަބޫލެއްނުކުރެވޭ ތިބޭފުޅުންގެ މަސައްކަތައް ސާބަސް ކުރިއައްވަޑައިގަންނަވާ ރަތްޔަތުންގެހައްގު އިސްކުރައްވާ

The name is already taken The name is available. Register?

ޙަޤީޤަތް

09 November 2018

ނޫސްވެރިން މިވަގުތު މަސައްކަތް ކުރަންވީ ފިތުނަ އުފެދޭ ޒާތުގެ މިފަދަ ވާހަކަތައް ހުއްޓާލައި އެއްބައިވަންތަކަމަށް ހިތްވަރުލިބޭ ކަހަލަ ވާހަކަތައް ލިޔުމެވެ. ޙަޤީޤީ ނޫސްވެރިކަމަކީ އެއީނޫންތޯ. ކޭކޭ ފޭކޭ ކިޔައިގެން ފިތުނަ އުފެއްދޭތޯ ތިކުރާ މަސައްކަތް ހުއްޓާލާށެވެ.

The name is already taken The name is available. Register?

އަލިތަކުރު

09 November 2018

ނޫސްވެރިން މަސައްކަތް ކުރަން ޖެހޭނީ އިންސާފުވެރިކަމާއެކު ގައުމަށް އެންމެ ފައިދާވާނެ ގޮތަކަށް މީހުން ހޭލުންތެރި ކުރުވަން. މި ލިޔުން ހަމަ ބަރާބަރު

The name is already taken The name is available. Register?

‫ހަމަދު

11 November 2018

ތ‫ީ ވަރަށްބޮޑު ތެދެއް ނޫސްވެރިން ނެއް ކަމަކު މިކަހަަލަ ފިތުނަ އުފެދޭ ޒާތުގެ އާޓިކަލް މިލިޔަނީ ހަމަ ދޭތެރެ ޖެއްސުން ނޫން އެހެން އެއްވެސް ބޭނުމެއްގައެއް ނޫން. މީވަރަށްވެސް ހިތާމަހުރި ކަން ކަން.

The name is already taken The name is available. Register?

ޅިޔަނާ

08 November 2018

ކޯލިސަނަކީ ރިޔާސީގައި އޮންނަ އެއްޗެއް ނޫނެ ބަލަގަ . ކަލޭ މެން ކުދިން ވެރިކަން ވައްޓަން ކޯލިސަން ހެދިޔަކަސް. އަންނިގެ ވާހަކަ ހުރި ގޮތުން ކޯލިސަން ގިނަ ދުވަހަކަށް ނޯންނާނެ

The name is already taken The name is available. Register?

ނުބެލޭނެ

08 November 2018

މައުމޫނަށް ޕީޕީއެމް ލިބިއްޖެނަމަ ޕީޕީއެމްގެ މެމްބަރުން ހަމަ އެ ގޮތުގައި ތިބޭނެ ކަމުގެ ޔަގީންކަމަކީ ކޮބާ؟ ޕީޕީއެމް ދޫކޮށް ގިނަ ބަޔަކު ގޮސްފިނަމަ ޕީޕީއެމް އެއީ މާ ބޮޑު ޕާޓީއަކަށްނުވާނެ.

The name is already taken The name is available. Register?

ޢަލިމަނިކުފާނު

08 November 2018

ވަށައިގެންނާއި މައްޗާއި ތިރިޔަށް ކަޅި އެއްލައިގެން ފާރަވެރި ނުވެވިއްޖެ ކަމަށްވަންޏާ، އަހަރެމެން މި މުސްލިމު ދިވެހިން ދެކެން ބޭނުންނުވާ ކަންތައްތަކެއް ފެނުމަކީ ދާދި ގާތުގައިވާ ކަމެއް

The name is already taken The name is available. Register?

ފިތުނަ

08 November 2018

ހިތުގެ ޤަދަރެއްނުވާ ލޯތްބަކީ ފިތުނައޭ،. . ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނައޭ..

The name is already taken The name is available. Register?

ބަޑިތަކުރު

08 November 2018

އަހަރެން ފަދަ އެތައް ބަޔަކު ޕީޕީއެމްއަށް ތާއީދު ކުރިޔަސް މި އިންތިޚާބުގައި ވޯޓްދިނީ ކޯލިޝަނަށެވެ. ނަމަވެސް އެއީކީ އެއްވެސް ހާލެއްގައި މައުމޫން ނުވަތަ ވަކި ބަޔަކު ކޯލިޝަނަށް ތާއީދުކުރެއްވީތީކީ ނޫނެވެ. އަމިއްލަ ސިކުނޑިއަށް ގައުމުގެ ކަންކަން ހިނގަމުންއައިގޮތް ވިސްނިގެން އެހާލަތުން އަރައިގަތުމަށް ޓަކައި އެހެންގޮތެއް ނެތްކަމަށް ގަބޫލު ކުރެވިގެންނެވެ. އެހެންކަމުން ކޯލިޝަނުން ބައިއަޅާނަމަ އަޅަންޖެހޭނީ އެބަޔަކު ހިއްސާވި މިންވަރަށް ބަލާފައެވެ.

The name is already taken The name is available. Register?

ޑިމޮކްރަސީ

08 November 2018

މަޖްލީސް އިންތިޚާބުގައި ވާދަކުރާނީ ކޮންމެ ޕާޓީއެއްވެސް އެޕާޓީ އެއްގެ ސްޓޭންޑްގައި މަޖްލިސްގެ މެޖޯރިޓީ ކޮންމެ ބަޔަކަށް ލިބުނަސް ރައްޔިތުންގެ މަސްލަހަތު ހުރި ބިލްތަކުގައި ހުންނަ ރަގަޅުކަންކަމަށް މައިނޯރިޓީންވެސް އެއްބާރުންލުންދީގެން ކުރިޔަށް ދާނަމަ ހެޔޮވަެރިކަމަކަށް ޖާގަލިބި ކޯލިޝަން ވެރިކަންތައްވެސް ދެމެހެެއްޓޭނެ އެއީ ޑިމޮކްރަސީގެ އަސާސަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!