ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ ފުރަތަމަ ދުވަސް

މިއީ ތައުލީމީ ދާއިރާއަށް އަނެއްކާވެސް ތާރީޚީ ދުވަހެކެވެ؛ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވާ ދުވަހެވެ. މިއަދު ކިޔަވައިދޭން ފަށާ ހުޅުމާލޭގެ "ހުރަވީ ސްކޫލް" އަކީ ރާއްޖޭގައި މިހާތަނަށް ހެދި އިމާރާތުގެ ގޮތުން އެންމެ ބޮޑު ސްކޫލެވެ.


އާ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ތިބީ އުއްމީދުގަ އެވެ.

ހުޅުމާލޭ އިތުރުކޮޅުގައި އެޗްޑީސީން ހަދައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރި ސްކޫލް އިމާރާތްކޮށްފައި ވަނީ ތަފާތު ޑިޒައިންއަކާ އެކު އާ އެތައް ވަސީލަތަކާ އެކު އެވެ.

ޖާގަ ބޮޑުވެފައި ތަނަވަސް

ހަތް ބުރީގެ ތިން ބްލޮކް ހިމެނޭ މި ސްކޫލަކީ ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ތަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްގެ ހުރިހާ ބުރިއަކަށް ވެސް ފަސޭހަކަމާ އެކު އެރޭނެ ގޮތަށް އިމާރާތުގެ މެދުގައި ރޭމްޕެއް ވަނީ ހަދައިފަ އެވެ. އޭގެ އިތުރުން ދެ ލިފްޓް ހުރެ އެވެ.

ރާއްޖޭގެ އެހެން ސްކޫލުތަކާ އަޅާބަލާ އިރު މިއީ ވަސީލަތުގެ ގޮތުން ވެސް ފުރިހަމަ ސްކޫލެކެވެ.

ހުރަވީ ސްކޫލްގެ ކްލާސް ރޫމެއް: އެ ސްކޫލުގައި 54 ކްލާސް ރޫމް ހުރޭ -- ފޮޓޯ: ނިޝާތު އަލީ/މިހާރު

ސްކޫލްގައި އެއް ފަހަރާ 1،450 ކުދިންނަށް ކިޔަވައިދެވޭނެ ޖާގަ އެބަ އޮތެވެ. ސްކޫލްގައި ހިމެނޭ 54 ކްލާސް ރޫމްގެ ތެރެއިން ދެ ކްލާސް ރޫމް ހުސްކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. އެކި މަސައްކަތްތައް ދަސްކޮށްދޭން ވެސް ހާއްސަ ދެ ކްލާސް ރޫމެއް ވަނީ ހަދައިފަ އެވެ.

ދެ ލެބޯރަޓަރީގެ ތެރެއިން އެއް ތަން، ތިރީސް ކުދިންނަށް އެއް ފަހަރާ ބޭނުން ކުރެވެ އެވެ. އެތަނުގައި ކޮންމެ ކުއްޖަކަށް ވަކި އައްޓެއް، ކެމިކަލް ބޭނުންކުރާނެ ވަސީލަތްތަކާ އެކު، ހަދާފައިވެ އެވެ.

އެއް ބްލޮކްގެ އެއް ބުރި ހުސްކޮށްފައި ވަނީ ލައިބްރަރީއަށެވެ. އެކަމަކު އެތަނުގައި ދަރިވަރުންނަށް ހާއްސަ ބަޔަކާއި ޓީޗަރުންނަށް ހާއްސަ ބައެއް ހަދަ އެވެ.

ހުރަވީ ސްކޫލްގެ ލެބޯރަޓަރީ: އެއް ފަހަރާ 30 ކުދިންނަށް އަޖުމަބެލުމުގެ މަސައްކަތްކުރެވޭނެ -- ފޮޓޯ: ނިޝާތު އަލީ/މިހާރު

"ރަސްމީ ގަޑި ނިމުމުން ވެސް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެނަށް އޮންނާނެ. އެ ޖާގަ ސްކޫލުގައި އެބަ އޮތް. ކްލާހެއްގައި މަޑުކޮށްލަން ވިޔަސް،" އާ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

މިއަދު ހުރަވީ ސްކޫލުގެ ކިޔެވުން ފަށަނީ 780 ދަރިވަރުންނާ އެކު އެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވަޔަކާ ހަމައަށެވެ. އަންނަ އަހަރު ގްރޭޑް 10 ފަށާނެ އެވެ. އަދި ގްރޭޑް 11 އާއި 12 ވެސް އުފައްދައި، އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭ ތަނަކަށް އެ ސްކޫލް ހަދަން ވަނީ ނިންމައިފަ އެވެ.

ގާތްގަނޑަކަށް 800 ކުދިންގެ ޖާގަ އޮތް ސްކޫލު ހޯލް -- ފޮޓޯ: ނިޝާތު އަލީ/މިހާރު

ޓީޗަރުންނާއި ވަސީލަތްތައް ހަމަ

ޕްރިންސިޕަލް އަބްދުﷲ ވިދާޅުވި ގޮތުގައި އާ ސްކޫލުގެ ކިޔެވުން ފެށި އިރު ހުރިހާ މާއްދާތަކަށް ވެސް ޓީޗަރުން ވަނީ ހަމަޖެހިފަ އެވެ. އިމާރާތުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ނުނިމި ހުރި ނަމަވެސް ކިޔަވައިދޭން ބޭނުންވާނެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރިވަރުންނަށް ސާފު، ރައްކާތެރި މާހައުލެއް މިތަނުގައި ގާއިމްވެގެންދާނެ ހުޅުވޭއިރު. ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެން މި ފަށަނީ،" ރަޝީދު ވިދާޅުވި އެވެ.

ހުރަވީ ސްކޫލް ހަދާފައި ވަނީ ހަތް ބްރީގެ ތިން ބްލޮކަށް -- ފޮޓޯ: ނިޝާތު އަލީ/މިހާރު

ހުރަވީ ސްކޫލްގެ ދޮރު ތައުލީމަށް ހުޅުވާލި އިރު ދިވެހި 60 ޓީޗަރުންނާ އެކު ސްކޫލްގެ މުވައްޒަފުންގެ އަދަދު 80 އަށް އަރަ އެވެ.

އަބްދުﷲގެ ބޮލުގައި އެޅިފައި އޮތް މަސްއޫލިއްޔަތު ބޮޑެވެ. އެކަމަކު ތައުލީމީ ދާއިރާގައި 15 އަހަރު ހޭދަކުރެއްވުމާ އެކު އޭނާ އަކީ ތަޖުރިބާކާރު ޕްރިންސިޕަލެކެވެ. ތައުލީމީ ދާއިރާ އިން، އިންޑިއާގައި ވަނީ މާސްޓާސް ހައްދަވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ސްކޫލަކަށް އެ ތަން ހައްދަވާނެ އެވެ. އެގޮތުން ސްކޫލަށް ލިބިފައި ވަނީ ތަޖުރިބާކާރު ޓީޗަރުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ނަތީޖާ ނެރެވޭނެ ޓީމެއް އެބަ އޮތް. ޓީޗަރުންނަށް ބަލާއިރު ދާއިރާގައި ގިނަ ދުވަސްވީ މޮޅެތި ޓީޗަރުން ތިބީ،" އަބްދުﷲ ވިދާޅުވި އެވެ.

"އެމީހުންގެ ތަޖުރިބާއާ އެކު މިއީ ރާއްޖޭގެ ފެންވަރު ރަނގަޅު ސްކޫލަކަށް ހެދޭނެ."

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ މެދަކާ ހަމައަށް ދާ އިރު ސްކޫލުގެ ތަފާތު ފެންނަން ފަށާނެ އެވެ.

"މި ސްކޫލުން ނޫނެކޭ ނުބުނާނެ އެއްވެސް ކުއްޖަކަށް. ހުރިހާ ކުދިންނަށް ކޭޓާކޮށްދެވޭ ވަރުގެ ކެޕޭސިޓީ ގާއިމްކޮށްގެން ބެލެނިވެރިން ހިތްހަމަޖެހޭ ސްކޫލަކަށް މިސްކޫލު ވާނެ،" އަބްދުﷲ ވިދާޅުވި އެވެ.