މަތީ ތައުލީމުގެ ފެންވަރާ މެދު ސުވާލު: މިނިސްޓްރީއަށް ހައްލުކުރެވިދާނެ ބާ؟

އަތުގައި އޮންނަ ސެޓްފިކެޓާ އެއްވަރަށް އެއްޗެއް ދަސްވެފައި ނުހުންނަ ކަމުގެ ޝަކުވާ، ވަޒީފާ ދޭ ފަރާތްތަކުން ކުރެ އެވެ. މިއީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ މަތީ ތައުލީމުގެ ފެންވަރާ މެދު ސުވާލު އުފެދޭ ހިސާބެކެވެ. ރާއްޖޭގެ ކޮލެޖު/ޔުނިވާސިޓީތަކުގެ ކޯސްތަކުގެ ފެންވަރު ދަށްވަމުން ދާކަމުގެ ވާހަކަތައް ދެކެވޭއިރު މީގެ ކުރިން އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.


މިއީ އާ ސަރުކާރުން އަލަށް އުފެއްދި މަތީ ތައުލީމާ ބެހޭ މިނިސްޓްރީއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް، އެތައް ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ރާއްޖޭގެ މަތީ ތައުލީމުގެ ހާލަތު އޮތީ އެހެން ކަމަކަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށް އަދި އެނގިވަޑައެއް ނުގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ފެންވަރެއް ނެތް ކަމަ އެއީ "ވަރަށް ބޮޑު ކަންބޮޑުވުމެކެ"ވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި މަތީ ތައުލީމަކީ ހަމައެކަނި ސަނަދެއްގެ ބޭނުމުގައި ހޯދާ އެއްޗަކަށް ވެގެން ނުވާނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ރެގިއުލޭޓްރީ އެޖެންސީގެ ހައިސިއްޔަތުން ސަރުކާރު ކަންބޮޑުވާނެ ކަމެއް ތިކަން [ފެން ވަރު ދަށް] ތިހެން އޮތް ކަމަށް ވަންޏާ... މަތީ ތައުލީމު ހޯދުމުގެ މަގުސަދަކަށް ވާން ޖެހޭނީ އެ ހޯދާ ތައުލީމުގެ ސަބަބުން ތިމާ، މިހާރު ހިދުމަތް ކުރާ ފެންވަރަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ކުރުން ނޫނީ ތިމާގެ އެމްޕްލޮއިބިލިޓީ މަތިވެގެން ދިއުން،" ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފެންވަރާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރިއިރު މިނިސްޓަރު ދެއްވާ ޔަގީންކަމެއް ވެސް އެބަ އޮތެވެ: މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމެވެ. އެގޮތުން ކޯސްތަކުގެ ފެންވަރު ބަލާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ގާނޫނީ ބާރު ދީ، ހަގީގީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތުގައި އެމްކިއުއޭއަށް ގާނޫނީ ބާރު ލިބުމަކީ މަތީ ތައުލީމު ފޯރުކޮށްދެނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަން ރައްޔިތުންނަށް ކަށަވަރުވުމެވެ.

"ރެގިއުލޭޓްރީ ބޮޑީއަކަށް ގާނޫނީ ބާރު ލިބިގެން ދެއްތޯ ކަންތައްތައް ރެގިއުލޭޓްކުރެވޭނީ. އެހެންވީމަ ތި ފާހަގަކުރި ބައެއް މައްސަލަތަކަކީ ގާނޫނު ނެތުމުގެ ސަބަބުން އެޑްރެސް ނުކުރެވި ހުރި ކަންތައްތަކަށް ވުމަކީ އެކަށީގެންވާ ކަމެއް،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ގާނޫނެއް އައިމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ފެންވަރު ރަނގަޅު މަތީ ތައުލީމުގެ އޮނިގަނޑެއް އެންފޯސްކުރަން. އަނެއްކާ ރައްޔިތުންގެ އިތުބާރު ވެސް ވަރަށް ބޮޑަށް ލިބިގެންދާނެ."

އޭނާ ވިދާޅުވި ގޮތުގައި "ރާއްޖޭގައި ދެވޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ވެގެން ދިއުމަކީ އަޅުގަނޑުމެން އެންމެ ބޭނުންވާ ކަންތަކެ"ވެ.

"ހުރިހާ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި މިއީ އެ މަސައްކަތް. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދާނަން. އެ މަސައްކަތަކީ ނިމުމެއް އަންނާނެ މަސައްކަތެއް ވެސް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް ކޮލެޖްތަކަށް އަމާޒުކޮށް އާންމު ބައެއް ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެގޮތުން ދަރިވަރުން ކްލާހަށް ހާޒިރުނުވެ، އެސައިންމަންޓް ބަރާބަރަށް ނިންމާ ނަމަ އެ ކޯހަކުން ފާސްވުމާއި ވިޔަފާރިއެއްގެ ގޮތުގައި އެސައިންމަންޓް ހަދައިދޭ މީހުން އުޅުން ފަދަ ކަންކަމަކީ، ރަނގަޅު ތައުލީމަކަށް ހުރި ހުރަސްތަކެވެ.

ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކޮލެޖުތަކުގައި ކިޔަވައިދޭ ނިޒާމާ މެދު ވަޒީފާ ދޭ ފަރާތްތަކުން ހިތްހަމަނުޖެހޭ ނަމަ، ސެޓްފިކެޓް އޮތަސް ވަޒީފާ ނުލިބިދާނެ ކަމަށެވެ. އަދި އެފަދަ ތަންތަނުގެ ކޯހަށް ވަނުމާ މެދު ދެ ވަނަ ފަހަރަށް ދަރިވަރުން ވިސްނާނެ ކަމަށާއި ކޯހަށް ވަންނަ ކުދިންގެ އަދަދު ވެސް މަދުވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު"އަށް ދެއްވި އިންޓަވިއުގައި ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ އެހުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ތައުލީމީ ފެންވަރަކީ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި މިހާރު ކިޔަވައިދެމުން އަންނަ ގޮތަށް، މީގެ ފަސް އަހަރު ފަހުން ކިޔަވައިދޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފެންވަރު ރާއްޖޭގައި މިހާރު އޮތް ހާލަތާ މެދު ވިސްނާ ބައެއް މީހުންގެ ކަންބޮޑުވުން، މިނިސްޓަރުގެ އެ ވާހަކައިން އަދި ކުޑައެއް ނުވާނެ އެވެ. މި ވަގުތަށް ވެސް ބޭނުންވަނީ، ރާއްޖޭގައި ދެމުން އަންނަ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް، އަވަސް ހައްލެއް ހޯދައިދިނުމެވެ.