"ކުނބު" އެޕްލިކޭޝަނާ އެކު ކަނޑުދަތުރުގެ ބޮޑެތި ފަސޭހަތަކަކަށް

ރާއްޖޭގައި ޒަމާނީ ވިޔަފާރިތައް އަންނަނީ އިތުރުވަމުންނެވެ. އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ތެރެއިން ރާއްޖެއަށް އާ އެޕްލިކޭޝަންތައް ތައާރަފްކުރާ ޒުވާނުން ވެސް މިއަދު މަދެއް ނޫނެވެ. އަނެއްކާވެސް ޓެކްނޮލޮޖީއާ ގުޅިފައި އޮތް ކުރިއެރުމެއްގެ ވާޙަކަ އެވެ. ރާއްޖޭގެ 90 ޕަސެންޓަކީ ކަނޑަށް ވާ އިރު ކަނޑު ދަތުރުފަތުރު ނުކޮށް ރާއްޖޭގައި އުޅުމަކީ ނާދިރު ކަމެކެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ބޯޓުފަހަރާއި ފެރީ އާއި ލޯންޗުތަކަށެވެ. ދެ ޒުވާނުން މިހާރު ވަނީ ކަނޑުދަތުރުތަކަށް ފަސޭހަކޮށްދިނުމުގެ މަސައްކަތެއްގެ ތެރެއަށް ވަދެފަ އެވެ.


އުމުރުން 27 އަހަރުގެ ސޮޕްޓްވެއާ ޑިވަލޮޕާ އަހުމަދު މަހްފޫޒާއި އުމުރުން 23 އަހަރުގެ ގްރެފިކް ޑިޒައިނަރު ރިމާހު އަހުމަދުގެ މަސައްކަތުން އޮނޑިދޯނި ފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާއި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު ގުޅުވާލަދޭނެ އެޕްލިކޭޝަނެއް "ކުނބު" ގެ ނަމުގައި އަންނަނީ ތައްޔާރު ކުރަމުންނެވެ.

މި ދެ ޒުވާނުންގެ މަސައްކަތް ފެށުނީ، އުރީދޫން ކުރިއަށްގެންދިޔަ ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ޕްރޮގްރާމުން އުރީދޫން ޝޯޓްލިސްޓް ކުރި ހަތަރު ކުންފުނީގެ ތެރޭގައި ހިމެނިގެން، މިހާރު އެޕްލިކޭޝަން ހަގީގަތަށް ހެދުމުގެ މަސައްކަތް ދެ ޒުވާނުން އަންނަނީ ބާރަށް ކުރަމުންނެވެ.

ކުނބު އެޕްލިކޭޝަންގެ މަސައްކަތުގައި މަހްފޫޒު --ފޮޓޯ:ހުސައިން ވަހީދު/މިހާރު

މި އެޕްލިކޭޝަންގެ ބީޓާ ވާޝަން ނެރެން އަންނަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ދެ ޒުވާނުންގެ ގިނަ ވަގުތު މިހާރު ހޭދަކުރަނީ އެ އެޕްލިކޭޝަންގެ މަސައްކަތަށެވެ. ބައެއް ފަހަރު ދެ ދުވަސް ވަންދެން ނުނިދާ ކޯޑިން މަސައްކަތުގައި އުޅެ އެވެ.

އުރީދޫން ދީފައިވާ އޮފީހުގައި ދެ މީހުންނަށް ބޭނުން އިރަކު މަސައްކަތް ކުރެވެ އެވެ. މަހްފޫޒު އާއި ރިމާހު ބުނީ މިއީ އުރީދޫން ފަހިކޮށްދިން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ބުރަ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. ދެ އަހަރު ދުވަހުގެ އައިޑިއާ ހަގީގަތަކަށް ވެގެން އަންނަނީ އުރީދޫގެ އެހީތެރިކަމާ އެކު އެވެ.

އެ އެޕް ތަރައްގީކުރަން ފަންނީ އަދި މާލީ ގޮތުން ވެސް އުރީދޫން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެންމެ ފުރަތަމަ މަހްފޫޒާއި ރިމާހުގެ ކުންފުނި ފަށަން ބޭނުންވާ މާލީ އެހީތެރިކަން ވެސް ދިނީ އުރީދޫންނެވެ.

މަހްފޫޒު ބުނި ގޮތުގައި "ކުނބު" އެޕްލިކޭޝަންގެ ތެރެއިން ކަނޑުދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ އެވެ. މުދާ އުފުލާ ބޯޓުތަކާއި ފެރީތަކާއި ލޯންޗުތަކުގެ އިތުރުން ރަށްރަށުގައި އެކްސްކާޝަނަށް ދުއްވާ އުޅަނދު ފަހަރާއި ސްނޯކްލިން ފަދަ ދަތުރުތައް ކުރާ ޑިންގީތަކުގެ މައުލޫމާތު ވެސް އެ އެޕުން ލިބޭނެ އެވެ. މައުލޫމާތު އެކަންޏެއް ނޫނެވެ. ޝެޑިއުލް ދަތުރުތަކާއި އަމިއްލަ ފެރީތަކުން ޓިކެޓް ނެގޭނެ އިންތިޒާމު ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ހަމަޖެއްސުމުގެ ފަސޭހަކަން ލިބޭނެ އެވެ.

"ކުނބު" ގެ ބީޓާ ސްޓޭޖުގައި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ ދަތުރުތަކުގެ މައުލޫމާތު ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ކޮންމެ ދަތުރެއްގެ މައުލޫމާތު ލިބޭނެ ގޮތަށް އެޕްލިކޭޝަން ތަރައްގީކުރާނެ ކަމަށް މަހްފޫޒު ބުންޏެވެ.

"މިހާރު މަޑުމަޑުން އޮޕަރޭޓަރުން އޮން ބޯޑުކޮށްގެން އެމީހުން ބޭނުންވާ ކަންކަމަށް ސިސްޓަމް އެޑޮޕްޓްކުރަމުންދަނީ. ފުރަމަތަ ލޯންޗު ކުރުމަށްޓަކައި ބޭނުންވާ ކަންކަން މިހާރު ކުރަމުންދަނީ،" އޭނާ ބުންޏެވެ.

ކުނބު އެޕްލިކޭޝަންގެ ޑިވެލޮޕަރު އަހުމަދު މަހްފޫޒް (ކ) އަދި ޑިޒައިނަރު ރިމާހު އަހުމަދު --ފޮޓޯ:ހުސަިއން ވަހީދު/މިހާރު

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކުނބު ލޯންޗު ކުރެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

"ކުނބު ބޭނުން ކޮށްގެން ރަށަކަށް ގޮސްފައި އެރަށުން ދެވޭނެ ތަންތަން ފަސޭހައިން އެނގޭނެ. މިސާލަކަށް ސްނޯކްލިންނަށް ދެވޭނީ ކިހިނެއްތޯ ބެލޭނެ،" މަހްފޫޒް ބުންޏެވެ.

މިހާރު އެ އެޕްލިކޭޝަން ބޭނުންކުރަން ވާހަކަދައްކަމުން އަންނަ ފަރާތްތަކަށް ޓްރެކިން ޑިވައިޒް ވެސް ހިލޭ ދޭން ވަނީ ނިންމާފަ އެވެ. އަދި އެންމެ ފުރަތަމަ އޮޕަރޭޓަރުންގެ ގޮތުގައި ބައިވެރިވާ 30 ހަކަށް ކަސްޓަމަރުންނަށް ހިލޭ ތިން މަސް ވަންދެން ކުނބު ތަޖުރިބާކޮށްލެވޭނެ އެވެ.

މަހްފޫޒު ބުނީ އޮޑިދޯނި ފަހަރު ދުއްވާ މީހުންގެ ވަރަށް ބޮޑު ތަރުހީބެއް މިހާރު ވެސް ލިބޭ ކަމަށެވެ. އެ އެޕްގެ ސަބަބުން އެމީހުންނަށް ދަތުރުތައް މެނޭޖުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މިހާރު އެމީހުންގެ ދަތުރުތައް ބޮޑަށް މެނޭޖްކުރަނީ ގުޅައިގެންނާއި ފޮތެއްގައި ލިޔެގެންނެވެ. އެކަމަކު ކުނބުގެ ސަބަބުން ކޮންމެ ތާކު ހުރެ ވެސް ދަތުރުތަކުގެ މައުލޫމާތު އޮޑިވެރިންނަށް އަޕްޑޭޓްކޮށްލެވޭނެ އެވެ.

"އަދި އެބަހުރި އިތުރު ފީޗާސްތައް އޮޑިދޯނި ފަހަރު މީހުން ބޭނުންވާ. އެ ފީޗާސްތައް އިތުރު ކުރުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން،" މަހްފޫޒް ބުންޏެވެ.

މަހްފޫޒާއި ރިމާހުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުގައި ބޭނުންކުރާ އެންމެ ބޮޑު އެހީތެރިޔަކީ ކުނބު ކަމަށް ހެދުމެވެ.

"އުސް ކުނބަކަށް ހެދުން ޓާގެޓަކީ. ކޮންމެ ތާކު ހުއްޓަސް ކުނބަށް އެރީމަ ދާން ބޭނުންވާ ތަން ފެނުން ބޭނުންވަނީ،" މަހްފޫޒް ބުންޏެވެ.

މި ދެ ޒުވާނުންގެ މަސައްކަތް އަދި އޮތީ ޅަފަތުގަ އެވެ. އަދި އެމީހުން ބޭނުންވަނީ ނަމަކަށް އެޕެއް ހަދާ ދޫކޮށްލާކަށް ވެސް ނޫނެވެ. އެއީ އެންމެންނަށް ބޭނުން ކުރަން ފަސޭހަ، ދިވެހިންގެ ދިރިއުޅުމަށް ބޮޑު ލުޔެއް ލިބޭނެ އިންގިލާބީ ބަދަލެއް ގެންނާށެވެ.