މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު މިދިޔަ ހަފްތާގައި "މިހާރު" އަށް ދެއްވި އިންޓަވިއު. އޭނާ ވިދާޅުވި ގޮތުގައި އެމްބަސީގައި އޮތް ޓީމާއެކު ނަތީޖާ ނެރެވޭނެ.

ވިސާމް ހުންނެވީ ދިވެހިންގެ ހިދުމަތުގައި، ހައްލު ހޯދޭނެ

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީގެ ވިސްނުމަކީ މިއީ އެވެ؛


"އެއްވެސް ކަމަކާ ޖެހިއްޖެ ނަމަ އަންނަން އޮތް ތަނަކީ މިއީ. މި ތަނުން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަން ޔަގީންކަން އޮންނަން ޖެހޭ. އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، މިހާ ހިސާބަށް އައުމަށް އެ ބޭފުޅުންނަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށް ގަބޫލުކުރަނީ،"

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމް އަނެއްކާވެސް ނުކުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ނިޔަތުގަ އެވެ. ކުރިން ނަމަ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަންދޫބެވެ. މިހާރު މެލޭޝިއާގައި ދިރިއުޅޭ އަދި އެ ގައުމަށް ދާ ދިވެހިންގެ މަންދޫބެވެ.

މެލޭޝިއާގައި 2،300 އަށް ވުރެ ގިނަ ދިވެހިން އުޅެ އެވެ. އޭގެ ތެރެއިން 1500 އަށް ވުރެ ގިނަ ދިވެހިންނަކީ ދަރިވަރުންނެވެ. ކޮންމެ އަހަރެއްގެ މައްޗަށް މެލޭޝިއާ އަށް ޒިޔާރަތް ކުރާ ދިވެހިންގެ އަދަދު 8،000 އަށް ވުރެ ގިނަ އެވެ. އެހެންކަމުން، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 51 އަހަރު ވެފައިވާ އިރު، ވިސާމާ ހަވާލުކުރި މަސްއޫލިއްޔަތު ބޮޑެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާއަކާ ވިސާމް ބައްދަލުކުރައްވަނީ --- ފޮޓޯ: މެލޭޝިއާ އެމްބަސީ

މިދިޔަ ހަފްތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިސާމް ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެކެވެ. ހާއްސަކޮށް، މެލޭޝިއާއަކީ ދިވެހިންގެ މުޖުތަމައުއެއް އޮތް ތަނަކަށް ވާ އިރު، އެމީހުންނަށް ދޭން ޖެހޭ ހިދުމަތްތަކެއް ހުރި ކަން ފާހަގަކުރެއްވި އެވެ.

ބޭރުގެ ގައުމުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި އަންހެން ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިސާމް ވިދާޅުވީ މެލޭޝިއާ އަށް ދިވެހިން އާންމުކޮށް އަންނަނީ ތައުލީމް ހާސިލް ކުރަން ކަމަށެވެ. އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ދެ ބައިކުޅަ އެއް ބަޔަކީ ކިޔަވަން އުޅޭ ބައެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ދެން ތިބީ އެމީހުންގެ އާއިލާ މެމްބަރުން ކަމަށެވެ.

"ރާއްޖޭގައި ޔުނިވަސިޓީތައް މަދުވީމަ، އަދި ޔުނިވަސިޓީތަކުގައި އޮފަ ކުރާ ޕްރޮގްރާމްތައް މަދުވީމަ، މިތަނަށް ފުދޭ ވަރަކަށް ގިނަ މީހުން އަންނަނީ ކިޔަވަން،" ވިސާމް ވިދާޅުވި އެވެ.

"ދިވެހިންނަށް އޮތީ ބޮޑު ދެ މައްސަލަ، ހައްލު ކުރާނަން"

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ނުކުރެވޭ ގޮތަށް ހެދުމެވެ. ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރުން މަނާކުރީ އެ ގައުމުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. އެއީ ދިވެހިންނަށް ވެސް ކުރިމަތިވި ބޮޑު ދައްޗެކެވެ.

ސަފީރު ވިދާޅުވީ އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ނެތް ދިވެހިންނަށް މެލޭޝިއާގައި ކާރާއި ސައިކަލް ފަދަ ވެހިކަލް ދުއްވުން މިހާރު މަނާ ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން، ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާ ސަރުކާރުން މިހާރު ގަބޫލުނުކުރާ ކަމަށް ވިސާމް ވިދާޅުވި އެވެ. އެކަމަކު މެލޭޝިއާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ ކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ސަފީރު ވިސާމް މިދިޔަ ހަފްތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --- ފޮޓޯ/މިހާރު

"ރާއްޖެ އިން ދޭ ޑްރައިވިން ލައިސަންސަކީ މެލޭޝިއާގައި ދުއްވޭނެ އެއްޗަކަށް ނުވާތީވެ، އެބަ ޖެހޭ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަންނަން. އެ މަސައްކަތް އެބަ ކުރަމުން ދޭ،" ވިސާމް ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ސްކޫލްތަކަށް ދާ އުމުރުގެ ކުދިންނާ އެކީގައި ތިބޭ ބެލެނިވެރިންނަށް ވިސާ ނުލިބުމުގެ މައްސަލައަކީ ވެސް ދިވެހިންގެ ކަންބޮޑުވުމެކެވެ. އެފަދަ ބެލެނިވެރިންނަށް ވިސާ ލިބޭނެ ފަހި ގޮތެއް ހޯދައި ދިނުމަކީ ރިޔާސީ ކެމްޕެއިން ތެރޭގައި ދެކެވުނު ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ކަމަކަށް އެއީ ވަރަށް މުހިންމު ކަމަކަށް ބަލައިގެން މައިންބަފައިންނަށް ވިސާ ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ދަން،" ސަފީރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މެލޭޝިއާގެ ވެރިރަށް ކުއާލަ ލަންޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ދެއްވި އިންޓަވިއުގައި ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެލޭޝިއާގައި އުޅޭ ދިވެހިންނާ ގާތް ގުޅުމެއް ބާއްވަން، ދިވެހި އެމްބަސީން ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ. ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭން އެމްބަސީ އަތުކުރި އޮޅާލައިގެން އޮތް އިރު، ވިސާމް ވިދާޅުވީ އެމްބަސީއާ މެދު ދިވެހިން ކުރާ އުންމީދު ވެސް ބޮޑު ކަމަށެވެ.

ވިސާމް (ކ)، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: މެލޭޝިއާ އެމްބަސީ

"ރާއްޖެ-މެލޭޝިއާ ގުޅުން ބަދަހި ކުރުން އޮތީ ފަހަތުގައި"

މެލޭޝިއާއަކީ ރާއްޖެ އަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ގައުމެވެ. ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތީ އެހެން ގައުމުތަކާ އަޅާބަލާއިރު، ވަރުގަދަ ގުޅުމެކެވެ. މެލޭޝިއާ އިން ރާއްޖެ އަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެނީ ތައުލީމީ ދާއިރާއިންނެވެ.

ވިސާމް ވިދާޅުވި ގޮތުގައި މެލޭޝިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަކީ މުހިންމު ކަމެކެވެ. މިދިޔަ އަހަރު ރާއްޖެ އާއި މެލޭޝިއާގައި ވެސް އިންތިހާބު އޮތުމާ އެކު، ދެ ގައުމުގެ ގުޅުން ބަދަހިކުރުން ބޭއްވުނީ ތަންކޮޅެއް ފަހަތުގައި ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

ވިސާމް މިހާރު ވަނީ މެލޭޝިއާގެ ޔުނިވަސިޓީތަކާއި އެމްބަސީއާ ދެމެދު ކުރިއަށް ވުރެ ބޮޑު ގުޅުމެއް ބާއްވަން މަސައްކަތް ފައްޓަވައިފަ އެވެ. ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ ގައުމަކަށް ވާ އިރު އެފަދަ ގާތް ގުޅުމެއް ވަރަށް މުހިންމު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ޔުނިވަސިޓީތަކަށް ގޮސް ގުޅުން ބަދަހިކުރާ ނަމަ، އެކަށީގެންވާ މާހައުލެއް ދިވެހި ކުދިންނަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރަނީ. ވަރަށް ގިނަ ފަހަރު ކިޔަވާ ކުދިންނަށް ޔުނިވަސިޓީގެ އެހީތެރިކަން ބޭނުންވޭ. އެހެންވީމަ އެކަށީގެންވާ ގުޅުމެއް އަޅުގަނޑުމެންނާއި ޔުނިވަސިޓީތަކާ ދޭތެރޭ އޮންނަ ކަމަށްވާ ނަމަ، ފުދޭ ވަރަކަށް ރަނގަޅު ނަތީޖާ ލިބިގެން ދާނެ،" ވިސާމް ވިދާޅުވި އެވެ.

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް، އެ ގައުމުގެ އިމިގްރޭޝަން ޑިރެކްޓަރު މުހައްމަދު ޝުކްރީއާ ބައްދަލު ކުރެއްވުމަށް ފަހު. --- ފޮޓޯ: މެލޭޝިއާ އެމްބަސީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާމް ދެއްވި ނަސޭހަތަކީ ރާއްޖޭގެ ނަން ހިފެހެއްޓުމަށާއި އެމީހުން އަމިއްލައަށް ކުރާ ކަމަކާ ހުރެ އެހެން މީހުންނަށް އޭގެ ދަތި ނުވާނެ ގޮތަކަށް ކަންކަން ކުރުމެވެ. އަދި ގާނޫނާއި ގަވައިދުތަކަށް އިހްތިރާމްކޮށް، ބޯލެނބުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ވިސާމްއާ އެކު މަސައްކަތް ކުރައްވަން ތިއްބެވި އެމްބަސީގެ ބޭފުޅުންނަށް އޭނާ އިތުބާރު ކުރައްވަ އެވެ. ކޯލިޝަން އެކި ޕާޓީތަކުގެ މެމްބަރުން ހިމެނޭ ގޮތަށް އޮތް އެ ޓީމާ އެކު އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ވިސާމް ގަބޫލުކުރައްވަ އެވެ. އަދި އެއްވެސް ހުރަހެއް ނެތި، އުފާވެރިކަމާ އެކީގައި މެލޭޝިއާގައި ދިރިއުޅެވޭނެ ދުވަސްތައް ދިވެހިންނަށް ލިބުމަކީ އޭނާގެ އުއްމީދެކެވެ.

"ޒިންމާ އާއި ވަގުތާ އެއްވީމަ ފުދޭ ވަރެއްގެ ބޮޑު ކަމެއް މިއީ. އެކަމަކު ގައުމަށްޓަކައި ހިދުމަތް ކުރާއިރު، އެއީކީ ބޮޑު ކަމެއްގެ ގޮތުގައި ނުބަލައި ކުރިއަށް ދިއުން އޮންނާނީ،" ސަފީރުކަން ލިބިވަޑައިގަތުމުގެ ކުރިން ވެސް މެލޭޝިއާގައި ދިރިއުޅުއްވަމުން ގެންދެވި ވިސާމް ވިދާޅުވި އެވެ.

"ދިދަ އަށް ކުރާ އިހްތިރާމާއި ގައުމަށް ކުރާ އިހްތިރާމަށް ބަލައިގެން ކިތަންމެ ބޮޑުވިޔަސް، އެއީ މައްސަލައެއް ކަމަށް ނުބަލައި ކުރިއަށްދެވޭނެ."