ރިޕޯޓް / މަސްތުވާތަކެތި

މަސްތުވާތަކެތީގެ ހާލިތައް ދަގަނޑު ދޮރުތަކުގެ ފަހަތުގައި!

މަސްތުވާތަކެތީގެ ވިޔަފާރި ކުރަނިކޮށް ހޯދި ގެއެއްގެ އެތެރެ: ފުލުހުން ބުނަނީ ސަލާމަތީ ގޮތުން އެތަންތަން ވަރުގަދަކުރާ ކަމަށް --- ފޮޓޯ: ފުލުހުން

އެގޭގޭގައި ހުންނަނީ ފަލަ ދަގަނޑުން ހަދާފައި ހުންނަ ދޮރުތައް ހަރުކޮށްފަ އެވެ. ހުރިހާ ދޮރެއް ބަންދުކޮށްފައި ހުންނަނީ ދަގަނޑު ގޭޓްތަކުންނެވެ. އެއީ ފުލުހުން އެ ތަންތަން ރެއިޑް ކުރާއިރު ވެސް ފަސޭހައިން ނުވަދެވޭނެ ގޮތް ހެދުމަށެވެ. ދޮރުތައް ހަލާކުކުރަން ނަގާ ވަގުތަކީ މަސްތުވާތަކެތި ފޮރުވަން ލިބޭ ފުރުސަތެކެވެ.

މިއީ މިހާރު މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގޮތެވެ. ނަމަވެސް އެކަންކަމާ ދެކޮޅަށް ފުލުހުން ވަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ މީހުން ހުއްޓުވަން މިހާރު ފުލުހުން ވަންނަން ޖެހެނީ ދަގަނޑު ގޭޓްތައް ހުރަސްކޮށްފަ އެވެ. މިފަހުން އެފަދަ އެތައް އޮޕަރޭޝަނެއް ހިންގައި ފުލުހުން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް އެތައް ކިލޯއެއްގެ މަސްތުވާތަކެތި ހޯދި އެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ ހަނގުރާމައިގައި ފާހަގަކޮށްލެވޭ އޮޕަރޭޝަންތަކެކެވެ.

މާލޭގައި "ވަރުގަދަ" ހަ ގެއެއް

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި ހިމާޔަތުގައި ވަރުގަދައަށް ހަދާފައި ހުރި ހައެއްކަ ގޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ކުރިއަށް ގެންދެ އެވެ.

"ގޭގައި ވިއްކާފައި އަދި އެ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިދިނީމަ އެމީހުންނަށް ޔަގީންކަމާ އެކީގައި އެ ވިޔަފާރިކުރެވޭ. ބޭނުން ކުރާ މީހުންނަށް ފަސޭހަ ގޮތްތަކެއް މިހުންނަނީ ހަމަޖައްސާފައި. އޭގެ ސަބަބުން އެ ވިޔަފާރީގެ ޑިމާންޑް އެބަ ކްރިއޭޓިވް ކުރެވޭ،" ޝާކިރު ވިދާޅުވި އެވެ.

"އެގޭގޭގެ ތިރީގައި ހުންނަ ތަނަކުން މަސްތުވާތަކެތި ގަނެގެން މައްޗަށް އަރައި ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުންނަނީ."

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، އަހުމަދު ޝާކިރު: މަސްތުވާތަކެތި ވިއްކުމަށް ހާއްސަ ގެތަކެއް މާލޭގައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމުގައި ކުޑަކުދިންނާއި އަންހެނުން އިތުރުވަމުން ދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ހާއްސަ ސަމާލު ކަމެއް ފުލުހުން އަންނަނީ ދެމުންނެވެ. އެއީ ބޮޑު ނުރައްކަލެއް ކަމަށް ވެސް ފުލުހުން ގަބޫލުކުރެ އެވެ.

މަސްތުވާތަކެތީގެ މަރުކަޒުތަކެއްގެ ގޮތުގައި ބެލެވޭ ހަތަރު ގެއެއް މިހާތަނަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ގ. ޕެލިކަން، ގ. މެމޯރީވިލާ، މއ. ބޯކެޔޮގަސްދޮށުގެ އަދި މ. އެވަރެސްޓްއާގެ އެވެ.

އޭގެ ތެރެއިން ޕެލިކަން ވަނީ ފަސް ފަހަރަށް ރެއިޑްކޮށް، 53 މީހުން ހައްޔަރުކޮށްފަ އެވެ. އެގެއިން 1480 ޕެކެޓްގެ މަސްތުވާތަކެތި ފެނުނެވެ. މެމޯރީވިލާ ހަތަރު ފަހަރަށް ރެއިޑްކޮށް 34 މީހުން ހައްޔަރުކުރި އެވެ. އަދި 44 ޕެކެޓް މަސްތުވާތަކެތި ހޯދި އެވެ. ބޯކެޔޮގަސްދޮށުގެއިން ފަސް މީހަކު ހައްޔަރުކޮށް 379 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގަތެވެ. އަދި އެވަރެސްޓްއާގެ ތިން ފަހަރެއްގެ މަތިން ރެއިޑްކޮށް 46 މީހުން ހައްޔަރުކުރި އެވެ. އެ ގެއިން ފުލުހުން ވަނީ 56 ޕެކެޓްގެ މަސްތުވާތަކެތި ހޯދައިފަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގެއެއްގައި ހަރުކޮށްފައިވާ ދަގަނޑު ދޮރެއް -- ފޮޓޯ: ފުލުހުން

ޝާކިރު ވިދާޅުވި ގޮތުގައި ފުލުހުން އެތަންތަން ރެއިޑްކޮށް ނިމުމުން އަދި ހައްލެއް ނުވެ އެވެ. ދެން ފެންނަނީ ކުރިއަށް ވުރެ ވަރުގަދަކޮށް ސަލާމަތީ ކަންކަން ހަމަޖައްސައި، ދަގަނޑު ގޭޓުތައް ލާ ތަނެވެ. އެހާ ވަރުން ވެސް އެ ވިޔަފާރި ފުޅާކުރާތީ، އޭނާ ވިދާޅުވީ، އޭގެ ޑިމާންޑް އޮތްވަރު އެނގޭ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން، އެ މީހުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅިޔަސް ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ. ބާރުގެ ބޭނުން ކުރަން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން އެބަ ސެކިއުރިޓި ވަރުގަދަ ކުރޭ. އާ ގޮތްގޮތް އެބަ ހޯދާ. އެކަންކަން ހުއްޓުވުމަށް ފުލުހުން މިތިބީ ބޭނުންކުރަން ޖެހޭ ބާރު ބޭނުން ކުރަން. ދޮރު ވައްޓާ ނުލެވިއްޖެއްޔާ ފާރާ އެކު ވެސް ވަންނަން ޖެހިއްޖެއްޔާ ވަންނާނަން،" ރިޔާޒު އިންޒާރު ދެއްވި އެވެ.

ދެން އޮތީ މި ނުބައި ވިޔަފާރީގައި އުޅޭ މީހުން ހައްޔަރުކުރުމުން ދެން ދިމާވާ ކަންކަމެވެ. ޝާކިރު ވިދާޅުވި ގޮތުގައި ގާނޫނުގެ ލޫޕް ހޯލްތަކުގެ ބޭނުން ކުށްވެރިން ހިފަ އެވެ. އެގޮތުން، މިސާލަކަށް ތަނަކުން ފެންނަ މަސްތުވާތަކެތި އެކި މީހުންގެ މައްޗަށް ބަހާލައިގެން އޭގެ ޒިންމާ ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއިން ބައެއް ފަހަރު ސަލާމަތްވެ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒާއި ޝާކިރު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ގުރޫޕް އެއްކޮށް ނަގާތީ ޒިންމާ އެންމެންގެ ބޮލަށް މިއަންނަނީ. ގިނަ ފަހަރަށް އެމީހުންގެ މެދުގައި އެއްބަސް ވެވޭ ކަމަށް ވަންޏާ ވަކި މީހަކު ވެސް މުޅި އެތީގެ ޒިންމާ ނަގާފާނެ ޓްރެފިކިން މިންގަނޑަށް ނުފެތޭ ކަމަށް ވަންޏާ. ޓްރެފިކިން މިންގަނޑަށް ފެތޭ ކަމަށް ވަންޏާ އެކި މީހުންގެ އެއްޗެހީގެ ގޮތުގައި ބަހާ ވެސް ލާފާނެ ޓްރެފިކިން މިންގަނޑަށް ނުފެތޭ ގޮތަށް،" ޝާކިރު ވިދާޅުވި އެވެ.

"ކޯޓަށް ގޮސް އެއްބަސް ވެދާނެ މިއީ ތިމަންނަގެ އެއްޗިއްސޭ. އެކަމަކު އެއަށް ފަހު ތަހުގީގު މަރުހަލާގައި އެއްބާރުލުމެއް ނުދޭނެ. ހަނުހުރުމާއި އެކަހަލަ ކަންކަމުގައި އުޅެނީ."

ގޭގޭގެ ވެރިފަރާތުގެ ފަހަތުން ވެސް ދާނެ

މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގޭގެ ކުއްޔަށް ދިނުމަކީ ވެސް ބޮޑު ކުށެކެވެ. މަސްތުވާތަކެތީގެ ގާނޫނު ބުނާ ގޮތުން އެފަދަ ކުށެއް ކުރަން އެއްބާރުލުން ދޭ އިމާރާތުގެ ވެރިޔާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އެބަ އޮތެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭގޭގެ ވެރިން އެކަމުގެ ޒިންމާ ނަގަން ޖެހެ އެވެ. ބައެއް ގޭގޭގައި އެފަދަ ކަންކަން ކުރަނީ އެގޭގޭގެ ވެރިންނަށް އެނގިގެން އަދި އެމީހުންގެ އެއްބާރުލުމާ ވެސް އެކުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ ހަމައެކަނި ބޭނުން ކުރާ މީހުންނެއް ނޫން. ގޭގޭ ވެރިފަރާތާ ހަމައަށް މިހާރު އަޅުގަނޑުމެންގެ ތަހުގީގު މި ބައްޓަން ކުރަނީ،" ޝާކިރު އިންޒާރު ދެއްވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގޭގެ ވެރިފަރާތުގެ ރުހުމެއް ނެތިއެއް އެވަރުގެ ބަދަލުތަކެއް ގެޔަކަށް ނުގެނެވޭނެ. އެއީ އެފަރާތްތަކުން ޖަވާބުދާރީވާން ޖެހޭ ކަމެއް."

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގެއެއްގެ ދަގަނޑު ގޭޓެއް ފުލުހުން ކީހަނީ---

އެހެންކަމުން މިހާރު ގެންދަނީ ބައެއް ގޭގެ ވެރިން ވެސް ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރަމުންނެވެ.

ކެނަޑާ ފަދަ ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭގޭ ދައުލަތަށް ނަގަ އެވެ. ރާއްޖޭގައި ވެސް ކުރިން ބައެއް ކުށްކުށް ހިންގި ގޭގެ ދައުލަތަށް ނެގި އެވެ. މިސާލަކަށް ހަށިވިއްކުމުގެ އަމަލްތަކާ ގުޅިގެން ގޭގެ ނެގުމުގެ ފުރުސަތު އޭރުގެ ގާނޫނުން ލިބިދިނެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުން މިހާރު އެ ފުރުސަތެއް ނުދެ އެވެ.

ޝާކިރު ވިދާޅުވީ އެ ގޭގެއަށް މަސްތުވާތަކެތި ސަޕްލައިކުރުން ފަދަ އެކަންކަމުގެ ފަހަތުގައި ތިބި މީހުން ހޯދަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ތަހުގީގު ފުޅާކޮށް އެމީހުން ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާއިމީ ހައްލެއް ހޯދަން އެތައް ގޮންޖެހުމެއް

ފުލުހުން 2024 އާ ހަމައަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި އެ ބޭނުން ކުރުން ހުއްޓުވަން ވަރަށް ބޮޑަށް އިސްކަންދެ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް، އަދި ދައުވާކުރާ މީހުންނަކީ ކޯޓު މަރުހަލާގެ ތެރެއިން ވަރަށް ފަސޭހައިން ދޫވާ ބައެކެވެ. އެކަން އެގޮތަށް ވުން ހުއްޓުވުމަށް ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު ގާނޫނު މާނަކުރުމާއި ތަންފީޒު ކުރުމުގައި ވެސް މައްސަލަތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ހޯދުމަށް ފުލުހުން ގެއެއް ބަލައި ފާސްކުރަނީ--

ރިޔާޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ޝަރުއީ މަރުހަލާގައި ނުނިމި އެ މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ ބޮޑު ޖޮންޖެހުމެކެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެބަތިބި ދޫވެފައި. އެހެން ދޫވެގެން ދިޔައިމަ އަނެއްކާވެސް ދެވަނަ ފަހަރަށް އެފަދަ މައްސަލަތަކުގެ ތެރެއިން ހައްޔަރުކުރެވިފައި. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ޓްރެފިކް ކުރާ މީހުންގެ ތެރޭގައި ވެސް ރިޕީޓެޑް އޮފެންޑާސް ވަރަށް ގިނަ،" ރިޔާޒު ވިދާޅުވި އެވެ.

ހަމައެކަނި ފުލުހުންގެ މަސައްކަތަކުން މި މައްސަލައަށް ދާއިމީ ހައްލެއް ނެތެވެ. އެކަން ކުރެވެން އޮތީ ފުލުހުންގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ އާއި ނޭޝަނަލް ޑްރަގް ކައުންސިލާއި ޑްރަގް ކޯޓު ގުޅިގެން ގައުމީ ފެންވަރެއްގައި މަސައްކަތް ކޮށްގެންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރި އެހާ ފުޅާކޮށް ގޭގޭގައި ކުރަމުން ދާއިރު ކުރިއަށް އޮތް ތަނުގައި އެފަދަ ގޭގެއިން އިތުރު ޖަރީމާތައް ފެނުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން މި ދައްކަނީ އެންމެ ނުރައްކަލެއްގެ ވާހަކައެއް ނޫނެވެ. އެއް ނުރައްކަލަކުން އަނެއް ނުރައްކާ އުފަންވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ވާހަކަ އެވެ. އެކަމަކު ފުލުހުންގެ އިންޒާރަކީ ކޮންމެ ހާލަތެއްގައި ނަމަވެސް އެ މީހުންގެ ފަހަތުން ދާނެ ކަމެވެ.

118 ކޮމެންޓް, 217 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 8%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަކީޓާ

21 December 2019

ޑްރަގް އެތެރެކުރުމާއި ވިއްކުން ނުހުއްޓުވިގެން މިއުޅެނީ، އެ ވިޔަފާރިން ބޮޑު މަންފާއެއް ފުލުހުންނަށާއި، ގާޒީންނަށް ލިބޭތީ ނޫންބާއޭ ހަމަ ހިތައް އަރައެވެ.

The name is already taken The name is available. Register?

ވ. ފޫހި

04 June 2019

ތިކަން ކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮންނަ އެންމެ ހަރުކަށި އަދަބު ނުދެވޭ ހައި ހިނދަކު ވާނެކަމެއް ނޯންނާނެ. ޕޮލިހުން މާމޮޅު ވާހަކަ ދެއްކުމުން އެއޮތޯ ވެފައި.

The name is already taken The name is available. Register?

އަދީބު

01 June 2019

ތިޔަ ބުނާ ހައެއް ނުވަތަ ދިހަ ގެއަކަށް ވެސް މަސްތުވާތަކެތި ދަނީ ރާއްޖެ އެތެރެވުމަށްފަހުގައެވެ. އެހެންކަމުން ތިޔަ ތަކެތި ރާޢްޖެ އެތެރެވުން ހުއްޓުވާށެވެ. ކޮންމެ ކުލައެއްގެ ޕާސްޕޯޓަކަސް މަސްތުވާތަކެތި ހުރިތޯ ނިކަން ރަނގަޅަށް ބަލާށެވެ. މަޖިލިސް މެމްބަރުކަމާއި މިނިސްޓަރުކަމަކީ ދީނުގައި ހުރި ތިފަދަ ހަރާމްކަންކަން ޙަލާލުކުރަންޖެހޭ ސަބަބެއް ނޫން. މިހާރު ތިޔަ އުޅެނީ މާލޭގެ ވަކި ކުދިން ކިޅެއް މިހާރު އަލަށް މަސްތުވާތަކެތީގެ ވިޔަފާރީގައި ކުރިއަރާތީ ޖޭވެގެން.

The name is already taken The name is available. Register?

އެންދެރި

01 June 2019

ޝައްކުކުރެވޭ ގާޒީން ގެ ކޯލްރިކޯޑް ކުރަން ވީއެވެ.

The name is already taken The name is available. Register?

ރަށުމީހާ

01 June 2019

ތިކަމަށްއޮތް ހަމައެކަނި ހައްލަކީ މަށްސްވާތަކެތި ރާޖެވަންނަ ދޮރުތައް ބަންދުކުރުން. ތިކިޔާދަގަޑުގޭޓް ލައިގެންވިޔަސް.

The name is already taken The name is available. Register?

ދޮންވެލި

01 June 2019

މިކަން ހައްލު ވާނީ ފުލުހުންނާ ކޯޓް ތަކާ ރައީސް އަދި އަހްލާގައްބަލާފަ ދޫކުރާ އޮފީހުން އެކައްޗެއް ކިޔައިގެންނެވެ. ހައްޔަރު ކުރާ ބޮޑުން އެބަދޫވެ އެވެ. މިއީ ސީރިއަސް މައްސަލަ އެކެވެ.

The name is already taken The name is available. Register?

ރުމާލު10

31 May 2019

ސެކިއުރިޓީންނަށްތިބޭ ބަންގާޅީން ސިގިރޭޓް ވިއްކާ

The name is already taken The name is available. Register?

ނަޑަރުބޭ

01 June 2019

ހިންދު ކޮޅުގަތަ މަތީ ސުރުހީ ކިޔާފަތަ ކޮމެންޓް ތިކުރަނީ

The name is already taken The name is available. Register?

1828

31 May 2019

ތި ވިޔަފާރިއަށް ޑިމާންޑް ބޮޑުވަނީ ސަބަބެއް ނެތިއެއް ނޫން. ފުލުހުން ފުރަތަމަ ވީ ސަބަބު ހޯދަން. ދެން މަސްތުވާތަކެތި މަދުކުރަން މަސައްކަތް ކުރަންވީ. މަސްތުވާތަކެތި ބޭނުން ކުރާފަރާތްތަށް ހުހެއް ނުކުރެވޭނެ. ކުރެވިއްޖެ ކަމަށްވަނީ ނަމަ ޑިމާންޑް ނެތިގެންދާނެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ 'ބުޑުން' ލުހެލައިގެން. ގޮފިއްތައް ކޮށީމައި ފަޅާނީ އައު ކުރި. މިއީ ވަރަށް ވާހަކަ.

The name is already taken The name is available. Register?

ކޮތަރު

31 May 2019

ރަށްރަށުގަ އެބައުޅޭ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާމީހުން. ރަށްރަށުގަ ތިބޭފުލުހުންނަށް އެގޭ އެއީ ކޮންބައެއްކަން. ނަމަވެސް އަޅައެއްނުލާ.

The name is already taken The name is available. Register?

444444

31 May 2019

މިވާހަކަ ޖަހާބަލަ. ރާޢްޖެަށް މިހާޜު ތިޔަ އެއްޗެއް ޑިލް ކުރަނީ މަލްޓި މިލިއަނުން. އެ ވަރެއް ނުދެވޭނެ އާދައިގެ މީހަކަށް. އެވަރު ދެވޭނީ ލާރި ހުރި މީހުންނަށް. ރާޢްޖޭގައި ލާރި ގެންގުޅެނީ ރިސޯޓާ ޓުއަރިޒަމް އިންޑަސްޓްރީގައި.ދ ެން ސަރުކާޜުްން ވައްކަން ކޮށްގެން. މީގެ މުގުލައިގައި ހުރި އެއްޗެއް އަދިވެސް ނޭގޭ ކަމަށް ހަދައިގެން ތިއަ އުޅެނީ. ކުދި ކުދި ކޮރަކާލި ހިފައިގެން. ތިޔަތަންތަން ހުރިކަން ފުލުހުންނަށް ތި އެނގުނީ އަލަށް ކަމަށް ގަބޫލެއް ނުުކުރެވޭ!

The name is already taken The name is available. Register?

މަރީީމަރީ

31 May 2019

ހުސްއެކަނި މާލޭގައެއް ނޫން ނިކަން އައްޑޫ ސިޓީ ގަ މީހުން ނޫޅޭ ގެތަކުގަ ވަށާ ކެމެރާ ހަރުކޮއް ގެން އުޅޭ މީހުންވެސް އެކުރަނީ ކީއްތޯ ބަލާބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454