ބޮޑު ކޯޅުމެއްގެ ތެރެއިން ބޮޑު ބަދަލަކާ ދިމާއަށް

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މިސާލު ޖެއްސެވީ "ކައުނާއި މުޅި ކާއިނާތުގެ ހުރިހާ ބާރެއް" ރާއްޖޭގެ ސުޕްރީމް ކޯޓުން ނަގަން އުޅޭ ވާހަކައިންނެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސިފަކުރެއްވި ގޮތުގައި އެ ކޯޓުން މަސައްކަތް ކުރަނީ "ޖުޑިޝަލް ބަޣާވާތެއް" ގެނައުމަށެވެ. "ސިޔާސީ ޖަގަހައަކަށް" ސުޕްރީމް ކޯޓު ވެފައިވާ ކަމަށް ވިދާޅުވެ، ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ފާޑުކިޔުއްވި އެވެ.


ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ފަރާތް ކަމަށް ގާނޫނުއަސާސީއާ ހަވާލާދީ ބުނަމުން، ފުލުފުލުގައި ގެންދަނީ އަމުރުތަކާއި ބަޔާންތައް ނެރެމުންނެވެ. އޭރަކު، ބާރު އޮންނަ ބަޔަކު ބާރުގެ ބޭނުންކޮށްގެން، ބޭނުން ގޮތަކަށް ކަންކަން ކުރީމާ ދުނިޔޭގެ އެއްވެސް ތަނެއް ކާމިޔާބުވެފައި ނުވާ ކަމަށް ބުނެ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެދެމުން ދަނީ ކޯޓުގެ އަމުރުތަކަށް ތަބާވުމަށެވެ.

ޑީޖޭއޭ އަކީ ސީދާ ސުޕްރީމް ކޯޓުގެ ބާރު އޮންނަ ތަނެކެވެ.

ދައުލަތުގެ ދެ ބާރުގެ ތެރެއިން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް މިހާރު މި އޮތީ ބޮޑު ކޯޅުންގަނޑެއްގެ ތެރެއަށް ވަދެފަ އެވެ. މިހާރުގެ ހާލަތުން ހަނދާން އާކޮށްދެނީ އެމްޑީޕީގެ ސަރުކާރު އޮތް އިރު 2010 ގައި ކުރިމަތިވި ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމްގެ އަރައިރުމެވެ. އޭރު ވެރިކަމުގައި އެމްޑީޕީ އޮތަސް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅުގަ އެވެ. އެމްޑީޕީން އޭރު ވެސް މަސައްކަތްކުރީ ޝަރުއީ ނިޒާމް ބަދަލުކުރާށެވެ. އެކަމަކު އިދިކޮޅު ޑީއާރުޕީގެ ވިސްނުން އޮތީ، ކުރީގެ ފަނޑިޔާރުން ވެސް ބައިތިއްބައިގެން، އިދިކޮޅުގެ ކޮންޓްރޯލް ސުޕްރީމް ކޯޓުގައި އޮންނާނެ ގޮތަށް ބައްޓަންކުރާށެވެ.

މިހާރު މިއޮތީ އެހެން ހާލަތެކެވެ. ސަރުކާރު ވެސް، މަޖިލިސް ވެސް އެމްޑީޕީގެ ސީދާ ކޮންޓްރޯލްގެ ދަށުގަ އެވެ. ޝަރުއީ ނިޒާމް އެކަނިވެރިވެފަ އެވެ. އިދިކޮޅުގެ ބާރެއް ނެތެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ އަނބިކަނބަލުން އަދި މެލޭޝިއާ އަށް ރާއްޖެ އިން ކުރިން ކަނޑައަޅާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު ޣާނިޔާ އަބްދުލްޣަފޫރުގެ އެކައުންޓަށް ސުވާލު އުފެދޭ އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނާ މައްސަލައިގައި ޖޭއެސްސީން ޑީޑީން ސަސްޕެންޑް ކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް އަށް ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ފަހު އެތަނުން ނުކުމެވަޑައިގެން ކާމިޔާބުގެ ނިޝާން ދައްކާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް މިހާރު މެކުހަށް ޖަހާފައިވާ ޖޭއެސްސީއަކީ ކުރިން ނިދާފައި އޮތް ޖޭއެސްސީއެއް ނޫނެވެ. މިހާރު އޮތީ މައްސަލަތައް ވެއްދުމާއި ބެލުމާއި ފަސްޖެހުމެއް ނެތި ފިޔަވަޅު އެޅުމެވެ.

އެކަމަކު ސުޕްރީމް ކޯޓުން ކުރިން ވެސް ބޭނުންކުރި ބާރުތައް އެބަ ފެނެ އެވެ. އެހެންކަމުން ޖޭއެސްސީގެ އެ ނިންމުމަށް އަމަލްކުރުން ފަސްކުރަން އަމުރު ނެރުނެވެ. އޭގެ ފަހުން އެހެން އަމުރުތަކެވެ. އެއިން އެއްވެސް އަމުރަކަށް ރައްޔިތުންގެ މަޖިލިހާއި ޖޭއެސްސީން އަޅައެއް ނުލަ އެވެ.

މިއަދު ޑީޑީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބަލަން ފަށާނެ އެވެ. އެގޮތަށް ކަންތައް ކުރަނީ ޑީޑީގެ ވެސް އެދިވަޑައިގަތުމަކަށެވެ.

މިއީ އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން، ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރާއި ޖުޑިޝަރީއާ ދެމެދު މިހާ ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ފުރަތަމަ ފަހަރެވެ. ފަނޑިޔާރުގެ އިސްލާހު ކުރަން ފަހަތަށް ނުޖެހި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ގުޅިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލިހުން ކުރާ މަސައްކަތާ އެވެ.

ޖޭއެސްސީގެ ފުރަތަމަ އިޖުރާއާތުތައް ގޯސް!

ފަނޑިޔާރު ޑީޑީ އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނެ ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވަ އެވެ. ޖިނާއީ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވޭނީ ތޯތޯ ވާހަކަތަކަށް ބިނާކުރުމުގެ ބަދަލުގައި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވި އެވެ. އަދި ބޭންކް އެކައުންޓްތަކުގެ މައުލޫމާތުތަކަކީ ބޭންކްތަކުން ބަލަހައްޓާ ކަންކަން ކަމަށް ވާއިރު، ކަމާ ބެހޭ އިދާރާތަކުން ބޭނުންވާ ނަމަ އެ މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވެ، ޖޭއެސްސީ އިން ބަލާ މައްސަލަ އިން ދިފާއުވުމަށް ޑީޑީ މަސައްކަތް ކުރެއްވި އެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން އެ ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމީ އޭނާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ އެވެ. އެހާ ހިސާބުން ގާނޫނާ ހިލާފުވި ފުރަތަމަ ބަޔަކީ ޖޭއެސްސީ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ޖޭއެސްސީ އަށް ހުށަހަޅާ ފަނޑިޔާރެއްގެ މައްސަލައެއް ތަހުގީގުކުރާ އިރު އެ ފަނޑިޔާރަކު މައްސަލައިގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް އެ ފަނޑިޔާރަކު ވަޒީފާ އަށް ނުނިކުމެ މަޑުކުރުމުގެ އިހްތިޔާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އަދި މިގޮތަށް ފަނޑިޔާރަކު ހުންނަ ހުރުމުގައި ވެސް އެ ފަނޑިޔާރެއްގެ މުސާރަ އާއި އިނާޔަތްތަކުން މަހްރޫމް ނުކުރެވޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގެ އެ މާއްދާގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަވަނީ: ބޮޑު ބަދަލުތަކާ އެކު، މީޑިއާއާ ގާތް ތަނަކަށް ވަނީ ބަދަލުވާން ފަށާފައި.---ފޮޓޯ: މިހާރު

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ އިޖުރާއާތުތައް ފުރިހަމަނުކޮށް، ޖޭއެސްސީ އިން ޑީޑީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ދިމާވި އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

"ޑީޑީ ސަސްޕެންޑް ކުރި އިރު، ޕްރޮސެސް ފުރިހަމައެއް ނުކުރޭ. ސަސްޕެންޑް ކުރި އިރު، ކުރީ ކޮން ޝަކުވާއެއް ކަން ފަނޑިޔާރު ޑީޑީ އަށް ވެސް އެނގިފައެއް ނެތް،" އުޝާމް ވިދާޅުވި އެވެ.

އެކަމަކު އުޝާމްއާ ހިޔާލު ތަފާތުވާ އެހެން ވަކީލުންގެ ނަޒަރުގައި ފަނޑިޔާރު ޑީޑީއާ މެދު މިހާތަނަށް އަޅާފައި ވަނީ ނިހާއީ ނިންމުމެއް ނޫނެވެ. އެހެންކަމުން ފަނޑިޔާރު ޑީޑީ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ބަންދުވެފައި އޮތް ކަމަށް އެ ވަކީލުން ގަބޫލެއް ނުކުރައްވަ އެވެ.

ޖޭއެސްސީ އިން މައްސަލަ ބެލުމުގައި ޑިއު ޕްރޮސެސްއާ ހިލާފަށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ޝަކުވާ ފަނޑިޔާރު ޑީޑީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް ނާޅަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓާއި މަޖިލިސް ވެސް އިމުން ބޭރުގައިތަ؟

ސުޕްރީމް ކޯޓުން ޑީޑީގެ ސަސްޕެންޝަން ފަސްކުރަން އަމުރު ނެރުމަކީ، ގާނޫނީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ހެދި ގޯހެކެވެ. އެއީ ޖޭއެސްސީގެ އިސްތިސާސްގެ ތެރެއަށް ވަނުން ކަމަށާއި އެ ކަން ސުޕްރީމް ކޯޓުން ކުރީ ގާނޫނުއަސާސީ އާއީ ގާނޫނުތަކާ ހިލާފަށް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އުޝާމް ވިދާޅުވީ ޖޭއެސްސީން ޖަވާބުދާރީވާން ފުރުސަތު ނުދޭ ކަމަށް ބުނެ، ޑީޑީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ އެންމެ ފުރަތަމަ ބަލަން ޖެހޭނީ ޖޭއެސްސީ މެދުވެރިކޮށް ނުވަތަ ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.

"ޖޭއެސްސީގައި އެ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭނެ ކަމަށް ދެކެނީ،" އުޝާމް ވިދާޅުވި އެވެ.

ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށް، އެކަމުގެ ތެރެއަށް ވަނީ ރައްޔިތުންގެ މަޖިލިހެވެ. މަޖިލިހުން ވަނީ ޑީޑީގެ މައްސަލައިގައި ޖޭއެއެސްސީން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު އޮތް ނިންމުންތަކެއްގެ ގޮތުގައި ފާސްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން އުވައިލަން ނެރުނު އަމުރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވެސް މަޖިލިހުން ކަނޑައެޅި އެވެ.

އެކަމަކު އެއީ މަޖިލިހަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އުޝާމް ވިދާޅުވީ ޖޭއެސްސީން ނިންމި ނިންމުމުގައި ގާނޫނީ ބާރު އޮތް ކަމަށް މަޖިލިހުން ފާސްކުރީ އިހްތިސާސް އިން ބޭރުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން ޖަލްސާއެއްގައި.

"މަޖިލިހުގެ މައިގަނޑު ޒިންމާއަކީ ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުވުން. ގާނޫނުގައި ހުރި އުނިކަމެއްގެ ސަބަބުން ސުޕްރީމް ކޯޓުން ކަމެއް ކުރާ ނަމަ، ގާނޫނުތަކަށް ބަދަލު ގެނެސްގެން ސުޕްރީމް ކޯޓުގެ ބާރުތައް ކުޑަކޮށް، ޖޭއެސްސީ އަށް ބާރުތައް ދޭންވީ،" އުޝާމް ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުންގެ ހިޔާލު މަޖިލިހުގައި މުޅިން ތަފާތެވެ. ބައެއް މެމްބަރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުތަކަކީ ޣައިރު ގާނޫނީ އަމުރުތަކެއް ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކުރަން ޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހަކީ ރައްޔިތުން ތަމްސީލްކުރާ ތަނަކަށް ވީ އިރު، މަޖިލިހުގެ ބާރުތަކާއި މަސައްކަތަށް އަރައިގަތުމަށް އެހެން ބަޔަކު މަސައްކަތް ކުރަނީ ނަމަ، އެ އަރައިގަނެވެނީ ރައްޔިތުންގެ ބާރުތަކަށެވެ. ރައްޔިތުންގެ މަޖިލިހަށް ބަސް ނުބުނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ މައްސަލައެއް ކަމަށާއި މަޖިލިހަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ އަޅަން ޖެހޭ ފިޔަވަޅެއް އަޅައިގެން ނަމަވެސް ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ސުޕްރީމް ކޯޓުން މަޖިލިހުގެ ފަހަރަކު ބާރެއް ނަގަމުން ގޮސް، ކޯޓަށް އިތުރު ބާރުތަކެއް ދެމުން ގެންދިޔަ ކަމަށެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށާއި 65 އެމްޑީޕީ މެމްބަރުން ހޮވުނު މަޖިލިހުން ތިބީ ސުޕްރީމް ކޯޓަށް "ދީލާލައި" ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް އެމީހުންގެ ބާރުތައް ގެއްލެން އުޅޭކަން އެބަ އެނގޭ. އެމީހުންގެ ވަގުތު އަރާ އެބަ ހަމަވާކަން އެނގޭ. އަޑިއަށްދާ ވަގުތުގައި، ގެނބެމުންދާ ވަގުތުގައި ކުޑަކޮށް ބަކަ ތަޅާލާނެ. އެ ބަކަ ތަޅާލުން މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ. ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެން ވައުދުވި ފަދައިން އަދުލު އިންސާފުގެ ނިޒާމު އިސްލާހުކޮށްފައި ނޫނީ މަސައްކަތެއް ހުއްޓާ ނުލާނަން،" އީވާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ބަލާނީ ޖޭއެސްސީން ކަމަށް ގާނޫނުއަސާސީގައި އޮތް އިރު، އެ ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ކޯޓު އަމުރުތައް ނެރޭ ކަމަށްވާ ނަމަ، ކޮމިޝަންގެ ކަންކަން ބަލާ ތަނެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލިހުން މިކަންކަމާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި މަޖިލިހުން މި ވާހަކަ ދައްކަން ފެށުމާ އެކު، ބިރު ދެއްކުމުގެ ގޮތުން ކޯޓު އަމުރުތައް ނެރުމަކީ އިންސާފާއި ހަމަހަމަކަން ދެމިއޮންނަ ޑިމޮކްރަޓިކް އުސޫލުތައް ދަމަހައްޓާ ގައުމެއްގެ ސިފައިގައި ވަރަށް ބޮޑެތި ހުރަސްތަކެއް ދިމާވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ "އެޖެންޑާ 19" ގެ ދަށުން އެންމެ މުހިންމު ކަމަކަށް ފާހަގަވަނީ ފަނޑިޔާރުގެ އިސްލާހުކުރުން ކަމަށާއި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން މިހާރުން މިހާރަށް ވަކިކޮށް، އެ ތަންތަނަށް ނަޒާހަތްތެރި ބަޔަކު އައްޔަން ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ސުޕްރީމް ކޯޓެއް، ފަނޑިޔާރުގެއެއް ވެސް މިހާރަކު ނެތް،" ޔައުގޫބް ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީން ކަންބޮޑުވަނީ އާދައިގެ ރައްޔިތަކަށް އިންސާފުވެރި ފަނޑިޔާރުގެއެއް ނެތީމާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ފަހު ބަސް ބުނަން ގާނޫނުއަސާސީން ޖާގަ ލިބެނީ ގާނޫނުއަސާސީ އާއި ޝަރީއަތުން ނިންމާ ކަންކަމަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުޝާމް ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަހު ބަސް ވާން ޖެހޭނީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން ބުނާ ފަހު ބަހަކަށް ކަމަށެވެ.

"މިސާލަކަށް މަޖިލިސް އުވާލުމަކީ ގާނޫނުއަސާސީ އާއި ގާނޫނުން ކުރެވޭނެ ކަމެއް ނޫން. އޭރުން ބެލެވޭނީ ގާނޫނީ އިމުން ބޭރުން ކުރެވޭ ނިންމުމަކަށް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ކޯޓުން ގޮތެއް ނިންމައިފި ނަމަ، ހުރިހާ ފަރާތްތަކުން ވެސް އެ ނިންމުމަށް އަމަލު ކުރުން ލާޒިމް ވާނެ ކަމަށެވެ. ޝަރުއީ ސައްހަކަން ކަނޑައެޅުމަށް އެއްވެސް އިޖުރާއާތެއް ހިންގަން ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީން ފުރުސަތު ދީފައި ނެތް ކަމަށް ވިދާޅުވި އެވެ. މިގޮތަށް ކަނޑައަޅާފައި އޮންނަނީ "ރޫލް އޮފް ލޯ" ނުވަތަ ގާނޫނުގެ ހުކުމް ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީޖޭއޭ އިން ބޭއްވި ހަފުލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ.

"ގާނޫނީ ހުކުމް ދެމެހެއްޓޭނީ ކޯޓުތަކުން، ހާއްސަކޮށް މަތީ ކޯޓުން ބުނާ ބަސް އެއީ ފަހު ބަސް ކަމަށް ވެގެން. ދައުލަތުގެ އެއްވެސް އިދާރާއެއް، މުއައްސަސާއެއް، އެއްވެސް ފަރާތަކީ، މީހަކީ، ތަނަކީ ގާނޫނުގެ ހުކުމަށް ވުރެ މަތީގައި އޮންނަ ތަނެއް ނޫން،" ސުޕްރީމް ކޯޓުގެ ނިންމުންތައް ދިފާއުކުރައްވައި މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ސުޕްރީމް ކޯޓުން ހުރަސް އަޅާފައެއް ނުވެ އެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިހްތިސާސް ގާނޫނުއަސާސީން ލިބިފައި އޮތީ ޖޭއެސްސީ އަށް ކަމަށާއި އެކަން ކުރަން އެ ކޮމިޝަނަށް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފުރަތަމަ އަމުރުގައި އޮތް އެއްޗެއް އިތުރަށް ތަފްސީލުކޮށްދެއްވަމުން މާޖިދު ވިދާޅުވީ ޖޭއެސްސީން މައްސަލަ ބެލުމުގައި ޑިއު ޕްރޮސެސްއާ ހިލާފަށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ޝަކުވާ ޑީޑީ ހުށަހެޅުއްވުމުން އަމުރު ނެރުނީ އެކަންކަން ބަލަންދެން މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކަމަށެވެ.

ޝަރުއީ ނިޒާމު އިސްލާހު ކުރަން ޖެހެ އެވެ. މިހާރު މި ފެންނަނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެކަން ކުރަން އުޅޭ ތަނެވެ. މިއީ މީގެ ކުރިން ރާއްޖެ ދުށް މަންޒަރެއް ނޫނެވެ. މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް އޮތުމުން އެކަން ކުރަން އެހާމެ ފަސޭހަ އެވެ. އެކަމަކު މުހިންމީ ގާނޫނީ ގޮތުން ގޯހެއް ނުހަދައި، އެކަން ކުރިއަށް ގެންދިއުވެ. ވީހާވެސް އަވަހަކަށެވެ.