ފްލެޓްތަކަށް ކުރި ޒިޔާރަތް: މިއީ އާ ހާސްކަމެއް!

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މެދަކާ ހިސާބުގައި ހުރީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުފެންނަ ވަރުގެ އުސް އިމާރާތްތަކެކެވެ. ހަދަމުން އަންނަ 25 ބުރީގެ 16 ޓަވަރު ބަލާލަން ހިތްގައިމެވެ. ޖެހިޖެހިގެން ހުރީމަ ކަމަށް ވެސް ވެދާނެ އެވެ. މިއީ، "ހިޔާ މަޝްރޫއުގެ" ދަށުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް 6،860 ފްލެޓު އަޅަމުންދާ ހިސާބެވެ.


މީގެ ހަތަރު އަހަރު ކުރިން އެއީ ބޮޑު ފަޅެކެވެ. އެންމެ ހަތް ހަފްތާގެ ތެރޭގައި ހިއްކި އެ ބިމުން ރައްޔިތުން ބޭނުންވީ ތަނަވަސްކަމާ އެކީގައި ދިރިއުޅެވޭ ފެންވަރުގެ ބޯހިޔާވަހިކަމެކެވެ. އުސް އިމާރާތްތަކާ އެކު ގެދޮރުވެރި ކުރުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އަމާޒަކަށް ހެދި އެވެ. އެކަމަކު ބޭރުން ފެންނަ އިމާރާތްތައް ރީތި ނަމަވެސް ފްލެޓްތަކުގެ ހާލަތު ރަނގަޅުވާނެ ކަމަކަށް ނުބެލެވެ އެވެ.

ބައެއް މީހުންގެ ސުވާލަކީ، މުޅި އުމުރު ހޭދަކުރަން ވަންނަ ފްލެޓްތައް ހުންނަން ޖެހޭނީ "ކޮތަރު ކޮށީ"ގެ ބައްޓަމަށްތޯ އެވެ؟ އެއިން ޓަވަރެއްގައި އުޅޭ އާބާދީ 2،000 އަށް އަރާފާނެ ކަމަށް، ލަފާކުރެ އެވެ. އެކަމަކު އިއްޔެ ނޫސްވެރިންނަށް ފެނުނު މަންޒަރުތަކުން އެނގެނީ އާންމުންނަށް ހަމަޖެހިގެން އުޅެވޭވަރުގެ ތަނަކަށް، އެ އުސް އިމާރާތްތައް ނުވެދާނެ ކަމެވެ.

ހިޔާ މަޝްރޫއުގެ ޓަވަރުތައް ހަދަމުން އަންނަނީ ޗައިނާގެ ކޮންޓްރެކްޓަރު، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އެވެ. ބޯހިޔާވަހިކަމަށް ޖެހިފައިވާ ރައްޔިތުން ބޭނުންވީ ކުރު މުއްދަތެއްގެ ތެރޭގައި ފްލެޓްތައް ލިބޭށެވެ. ސީއެސްއީސީން އައީ އެ ސްޕީޑްގައި މަސައްކަތްކުރަމުންނެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 25 ބުރީގެ ޓަވަރެއް. ކޮންމެ ޓަވަރެއްގައި ވެސް ހުންނަނީ ތިން ލިފްޓު ކަމުން، ގިނަ ބަޔަކަށް އުނދަގުލާ ކުރިމަތިލާން ޖެހޭނެ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފްލެޓުތައް ކުދި، ހާސްކަން ބޮޑުވާނެ

"މިއީ އެއްގޮތަކަށް ވެސް އުޅެން ހެޔޮވާ ވަރު ތަނެއް ނޫން!"

ޓަވަރެއްގެ މަސައްކަތުގައި އުޅޭ ބަޔަކު ދެއްކި ސިޑިއަކުން އަރައިގެން ފުރަތަމަ ބުރިއަށް ދެވުމުން ފޮޓޯގްރާފަރަކު ނުތަނަވަސްވެ ހުރެ ބުނެލި އެވެ. އޭނާ އެގޮތަށް ބުނީ ހަމަ އެންމެ ސަބަބަކާ ހުރެ އެވެ؛ ފްލެޓުތައް ކުދިކަމުންނެވެ. ދެ ކޮޓަރި އާއި ދެ ފާހާނަ އާއި ސިޓީން ރޫމް، 550 އަކަފޫޓަށް ފައްތާލުމުން ފެންނަނީ އެ ގޮތަށެވެ. މިއީ ސޯޝަލް ހައުސިން ސްކީމެއްގައި ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ކުދި ފްލެޓްތަކެވެ.

ފުރަތަމަ ފްލޯ އޮތީ ދެ ބަޔަކަށް ބަހައިފަ އެވެ. ކޮންމެ ފަޅިއެއްގައި ނުވަ ފްލެޓެވެ. އެހެންކަމުން އެ ފްލޯގައި ޖުމްލަ 18 ފްލެޓް ހިމެނެ އެވެ. ޓަވަރުތަކުގެ އެހެން ހުރިހާ ފްލޯތައް ވެސް ހުންނަނީ އެގޮތަށް ކަމަށް، އެޗުޑީސީން ބުނެ އެވެ. ކުރީގެ ސަރުކާރާއި އާ ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ލަފާކުރަނީ ފްލެޓެއްގައި އެވްރެޖްކޮށް ފަސް މީހުން އުޅޭނެ ކަމަށެވެ. އެ ނިސްބަތުން ބަލާ ނަމަ ފްލޯއެއްގައި ގާތްގަނޑަކަށް 90 މީހުން ދިރިއުޅޭނެ އެވެ. އެއީ ކޮންމެ ޓަވަރަކަށް 2،250 މީހުންގެ އާބާދީއެކެވެ.

ރާއްޖޭގައި އެވަރުގެ އާބާދީއެއް އޮންނަނީ ވަރަށް މަދު ރަށެއްގަ އެވެ.

މައްސަލައަކީ އެހާ ގިނަ ބަޔަކު ބޭނުންކުރަން އެކަށީގެންވާ ވަރަށް ލިފްޓް ނެތުމެވެ. ނޫސްވެރިން ޒިޔާރަތްކުރި ޓަވަރުގައި ހުރީ އެންމެ ތިން ލިފްޓެވެ. ޑިޒައިންކޮށްފައި ހުރި ގޮތުން އިތުރު ލިފްޓެއް ހަރުކުރެވޭނެ ޖާގައެއް ނެތެވެ. މިއީ އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަރައިފައިބާ ހަދަން އެތައް އިރަކު މަޑުކުރަން ޖެހޭނެކަމުގެ އުނދަގޫ ނޫސްވެރިންނަށް މިހާރު ވެސް އިހުސާސްކޮށްލެވެ އެވެ.

ފުރަތަމަ ބުރި ފެނުނީ ފްލެޓްތަކުން "ތޮއްޖެހިފައި" އޮއްވަ އެވެ. އެއީ ކޮންމެ ފްލޯއެއް ވެސް ޑިޒައިންކޮށްފައިވާ ގޮތެވެ. އެހެންކަމުން މުޅި އިމާރާތުގެ ކޮންމެ ބުރިއެއްގައި ވެސް އޮންނާނީ ތޮއްޖެހުން ކަމަށް ބެލެވެ އެވެ.

ހަދަމުން އަންނަ ޓަވަރެއްގެ ފުރަތަމަ ބުރީގައި ހުރި ފްލެޓެއް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކޮޓަރިތަކާއި ފާހަނާތައް އެހާ ކުޑަ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓް އޮތީ އާންމުކޮށްފަ އެވެ. އާ ސަރުކާރުން އެއަށް ގެންނާނެ ބަދަލަކީ ކޮބައިކަމެއް ނޭނގެ އެވެ. އެކަމަކު އެނގޭ ކަމަކީ ފްލެޓްތަކަށް ވަންނަން މިހާރު ވެސް ގިނަ ބަޔަކު ކެތްމަދުވެފައި ތިބިކަމެވެ.

ނޫސްވެރިންނަށް ފެނުނު މަންޒަރުން ބުނެލެވެން އޮތީ ގިނަ މީހުން އުއްމީދުކުރާ ވަރުގެ ތަނަކަށް އެ ފްލެޓްތައް ނުވާނެ ކަމެވެ. އެއިން ފްލެޓަކަށް ވަދެ ހާލަތު އޮތް ގޮތް ބެލުމުން އެކަން ޔަގީންވެ އެވެ.

ކޮންމެ ކޮޓަރިއެއްގައި ފުޅާ މިނާއި ދިގު މިނުގައި ނުވަ އަކަފޫޓެވެ. ޑަބަލް ސައިޒްގެ އެނދެއް ބަހައްޓައިފި ނަމަ، ރަނގަޅު މިނެއްގެ އަލަމާރިއަކަށް ޖާގައެއް ނޯންނާނެ އެވެ.

ކޮންމެ ކޮޓަރިއެއްގައި ވެސް ބޭރަށް ހުޅުވޭ ގޮތަށް ކުޑަ ދޮރެއް ހުރެ އެވެ.

ދެ ކޮޓަރީގެ ދެ ފާހަނާ ވެސް އެހާމެ ކުޑަ އެވެ. ދިގުމިނުގައި އަށް ފޫޓް، ފުޅާ މިނުގައި އެންމެ ތިން ފޫޓު ބަ އެވެ. ފާހަނާގެ ދޮރު ހުޅުވުމާ އެކު ކުރިމަތީގައި ހުންނަނީ ފާހަނާ ތައްޓެވެ.

ޓަވަރެއްގެ ފުރަތަމަ ބުރީގައި ހުރި ފްލެޓެއް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިޓިން ރޫމާއި ބަދިގެ ހުންނަ ބައިގެ ދިގު މިނުގައި ހުންނަނީ ގާތްގަނޑަކަށް ވިއްސަކަށް ފޫޓެވެ. ފުޅާ މިނުގައި ނުވަ ވަރަކަށް ފޫޓެވެ.

ފްލެޓްތައް ކުޑަވުމުން ބެލްކަނި ވެސް ކުޑަ އެވެ. އެކަމަކު ބޭރަށް ވާ ގޮތަށް ހުރުމުން، ފިނިކޮށްލަން ނުކުމެލާނެ ފުރުސަތު އޮންނާނެ އެވެ.

ޓަވަރުގެ ގްރައުންޑް ބައި ހާއްސަކޮށްފައި ވަނީ ބައެއް ހިދުމަތްތައް ދޭން ހަދާ ފިހާރަތަކަށެވެ.

މަޝްރޫއުގެ އަގު 703 މިލިއަން ޑޮލަރަށް!

ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު މަޝްރޫއު އެކުލަވާލި އިރު، އަގު ކުރީ ކޮންމެ ފްލެޓަކަށް 62،000 ޑޮލަރު (954،800ރ) ޖެހޭ ގޮތަށެވެ. އެއީ ޖުމްލަ 434 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) އެވެ. އެ އަގަށް އެވޯޑް ކުރި އިރު، މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ފްލެޓްތަކުގައި ތަށިމުށި ޖެހުމާއި ކުލަ ލުމާއި ދޮރު ހަރުކުރުން ފަދަ ފިނިޝިންގެ މަސައްކަތްތަކެއް ނުހިމެނެ އެވެ. އެކަމަކު ފަހުން އެޗްޑީސީން ވަނީ ފިނިޝިން މަސައްކަތް ވެސް ހިމަނައިފަ އެވެ. އެކަމަށް އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ހޭދަކުރަން ޖެހެ އެވެ.

"ހިޔާ ޕްރޮޖެކްޓް" ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ އެތެރެ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެޗްޑީސީން ބުނީ މަޝްރޫއުގެ ފިނިޝިން ކޯސްޓުގެ އިތުރުން ފައިނޭންސް ކޯސްޓް، ލޭންޑް ކޯސްޓް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޯސްޓް ހިމެނުމުން މަޝްރޫއުގެ ޖުމްލަ އަގު 560 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ޔުނިޓަކަށް ގާތްގަނޑަކަށް 82،000 ޑޮލަރު، (1.2 މިލިއަން ރުފިޔާ) ޖެހޭ މިންވަރެކެވެ.

މަޝްރޫއުއަށް ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ. އެހެންކަމުން އިތުރަށް ހޭދަކުރާ 42 މިލިއަން ޑޮލަރާއި އިންޓަރެސްޓާ އެކު، މި ލޯނު ދައްކާ ނިމޭ އިރު ޖުމްލަ 703 މިލިއަން ޑޮލަރު (10.8 ބިލިއަން ރުފިޔާ) އަރާނެ ކަމަށް އެޗުޑީސީން ލަފާކުރެ އެވެ.

ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތީ މަހަކު 5،600ރ ގެ ކުއްޔެކެވެ. އެކަމަކު މިހާރު ކުރަން ޖެހޭ އިތުރު ހަރަދުތަކާ އެކު ފްލެޓަކުން މަހަކު 11،000ރ ދައްކައިގެން ނޫނީ ކުޑަމިނުން ލޯނަށް ވެސް ފައިސާ ހަމަނުކުރެވޭނެ ކަމަށް އެޗުޑީސީން ބުނެ އެވެ. އެހެންކަމުން އާންމުން ދައްކާ ވަރު ކުޑަކުރެވެން އޮތީ ސަރުކާރުން ސަބްސިޑީއެއް ދީގެން ކަމަށް ބެލެވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ނިމޭނީ އަންނަ ފެބުރުއަރީ ނުވަތަ މާޗް މަހު އެވެ.

ބޯހިޔާވަހިކަމުގެ ނަމުގައި ސިޔާސީ ފައިދާ ނަގަމުން ދާތާ އެތައް އަހަރެކެވެ. އިމާރާތް ނުކުރާ ފްލެޓްތަކާއި ނުހިއްކާ ފަޅުތަކުން ގޯތި ދޫކުރުމާއި ހެޔޮ އަގުގައި ފްލެޓް ދޭނެ ކަމާއި ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީވާނެ ކަމާއި ފްލެޓުތައް ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް ބުނާ ބުނުން އާންމެވެ. އެކަމަކު ހިޔާ މަޝްރޫއުގެ ޓަވަރުތަކުން ފެންނަނީ އެ މަންޒަރެއް ނޫނެވެ.