ސީ ލައިފްއާ އެކު ސަރުކާރުން ޑީލަކަށް؟!

ބޯހިޔާވަހިކަމުގެ ނަމުގައި 200 އަށް ވުރެ ގިނަ އާއިލާ އަށް ސީ ލައިފުން ދިނީ ވަރުގަދަ ލަނޑެކެވެ! ފްލެޓު އަޅަން ފައިސާ އަތުލައި ކުންފުނީގެ އިސް ވެރިން ފިލީ އެވެ. ފަސް އަހަރު ވާ އިރު ވެސް އެ އާއިލާތަކަށް އިންސާފެއް ނުލިބެ އެވެ. ޖަރީމާ ހިންގި މީހުންނާ މެދު އެޅުނު ފިޔަވަޅެއް ވެސް ނެތެވެ.


ކަން ހިނގި ގޮތް މިހާރު ވަރަށް ސާފެވެ. ސީ ލައިފުން ހިންގި މުޅި މަޝްރޫއު ވެސް ވީ ބޮޑު އޮޅުވާލުމަކަށެވެ. މަކަރު ހަދައިގެން މީހުން އަތުން ނެގި ފައިސާ އަނބުރާ ދޭން އެ ކުންފުނީގެ މައްޗަށް ކޯޓުތަކުން ހުކުމް ކޮށްފައި އެބަ ހުއްޓެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ކުރީގެ ސަރުކާރުން 2014 ގައި ސީ ލައިފްއާ ހަވާލުކުރީ އެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަން އެނގި ތިބެ އެވެ. އެޗްޑީީސީން ހެދި ޑިއު ޑެލިޖެންސް ރިޕޯޓުން އޮތީ އެ ކުންފުނީގެ މާލީ ހާލަތު ފެންނާށެވެ. ބީލަމަށް ނުލައި ސީ ލައިފްއާ ހަވާލުކުރި މަޝްރޫއު ފަށަން، ބުކިން ފީގެ ގޮތުގައި ބޮޑު އަދަދުތަކުން އޮޅުވާލައިގެން ފައިސާ ނެގި އިރު ވެސް މައްސަލައަކަށް ނުވި އެވެ.

ސީ ލައިފާއި އެޗްޑީސީން ވީ އެއްބަސްވުމުގައި އޮންނަނީ މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ ކަމަށެވެ. އެކަމަކު އެއްބަސްވުމަށް ބެލުމެއް ނެތި ބުކިން ފީގެ އިތުރުން ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓް ވެސް ނެގި އެވެ.

އެ މަކަރުގައި ޖެއްސި އާއިލާތަކަށް އިންސާފު ލިބުން މާ ބޮޑަށް ވެސް ލަސް ވެއްޖެ އެވެ. މި މައްސަލައިގައި ކުރީގެ ސަރުކާރުގައި ހުރިހާ މުއައްސަސާތަކަށް ޝަކުވާ ހުށަހެޅުމުން ހައްލެއް ނުލިބުނެވެ. މި ސަރުކާރުން ހައްލެއް ހޯދައިދޭން ވައުދުވި ނަމަވެސް އަހަރެއް ވާ އިރު ވެސް މި ޖަރީމާގައި ހިމެނޭ މީހުންނެއް ނުހޯދެ އެވެ. އެކަމަކު ސީ ލައިފުން ސަރުކާރާ އެކު ބަރާބަރަށް މުއާމަލާތު އެބަ ކުރެ އެވެ.

އެއް ހެއްކަކީ ސީ ލައިފުން ސަރުކާރަށް ހުށަހެޅި ހުށަހެޅުމެވެ. އެއީ، 258 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެ ގޮތުގައި އެ ކުންފުނިން ނެގި ފައިސާ އެޗްޑީސީން އަނބުރާ ދިނުމެވެ. އެއާ އެކު ފްލެޓް އެޅުމުގެ މަޝްރޫއު އަލުން އެ ކުންފުންޏާ ހަވާލުކުރުމެވެ!

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ.-- ފޮޓޯ: މިހާރު

މި ހުށަހެޅުން އޮތީ ދައުލަތުން ސީ ލައިފަށް ދޭން ޖެހޭ ބަދަލާ ގުޅުވައިފަ އެވެ. ސީ ލައިފާ ދެކޮޅަށް ގިނަ ދައުވާތަކެއްކޮށްފައިވާ އިރު އެ ކުންފުނިން ދައުލަތާ ދެކޮޅަށް ވެސް އޮތީ ދައުވާއެއްކޮށްފަ އެވެ. އެއީ، އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން އެއްބަސްވެ، ސެޓްލްމަންޓް އެއްބަސްވުމެއް ހެދުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގަ އެވެ.

ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެކަމަކު އެ 12 މިލިއަން ޑޮލަރަކީ ސީ ލައިފުން ކޮން މަސައްކަތެއްކޮށްގެން، ކޮން ހޭދައެއް ކޮށްގެން ދޭން ޖެހުނު އެއްޗެއް ކަމެއް ނޭނގެ އެވެ.

ބެލެވޭ ގޮތުގައި ސީ ލައިފުން މިހާރު އެދެނީ ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އިން ރިފަންޑު ދިނުމަށެވެ.

ސީ ލައިފްގެ ހުށަހެޅުމަށް އެއްބަސްވާން ގާނޫނީ އެއްވެސް ހުރަހެއް އޮތްތޯ ސަރުކާރުން އަންނަނީ ބަލަމުންނެވެ. އެއާ އެކު ސީ ލައިފްގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ މަޝްވަރާތައް ވެސް ފަށައިފި އެވެ. މިއީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

މިވީ ކިހިނެއް؟

ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ފިލައިގެން ރާއްޖެ އިން ބޭރުގައި އުޅޭ އިރު އޭނާއާ ސަރުކާރާ މުއާމަލާތް މި ކުރާ ގޮތަކާ މެދު ވެސް ސުވާލު އުފެދެ އެވެ. އަނެއްކޮޅުން މި ހުށަހެޅުން މިއޮތީ މަކަރާއި ހީލަތުން ސީ ލައިފް ރެކިގަނެ، ދެން ވެސް އެ ކުންފުންޏަށް ފައިދާވާ ގޮތަށްކަން އެނގެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ސަރުކާރުން ވާހަކަ ދައްކަނީ ސީދާ ސީ ލައިފްއަކާ ނޫން ކަމަށެވެ. އެ ހުށަހެޅުން އައީ، އޭނާ ވިދާޅުވި ގޮތުން ނަމަ، އެ ކުންފުންޏަށް ފައިސާ ދެއްކި މީހުން މެދުވެރިކޮށެވެ.

ސީ ލައިފުން ހުށަހެޅި ގޮތަށް އެޗްޑީސީން އެ ފައިސާ ދެއްކޭނެ ގޮތެއް އޮތްތޯ ބަލަން ދެތިން ބައްދަލުވުމެއް ވެސް ބާއްވައިފި އެވެ. މިހާތަނަށް ބެލިބެލުމުގައި އާންމުންގެ އަތުން އެޑްވާންސަށް ނެގި ފައިސާގެ ގޮތުގައި ދައްކަން ޖެހޭ އަދަދަކީ ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.

ސީ ލައިފަށް ފައިސާ ދެއްކި މީހުން ޑިމާންޑް ކުރަނީ މާލީ ބަދަލު ލިބުމުގެ އިތުރުން އެންމެ އަވަހަށް ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރާ މަޝްރޫއަކުން ފްލެޓެވެ. އެއާ އެކު ޖަރީމާގެ ބައިވެރިން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ދިނުމެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މި މައްސަލައިގައި މިހާރު ފެންނަނީ ސީ ލައިފަށް ސަރުކާރުން މާ ބޮޑަށް ދޫދެމުން އަންނަ ތަނެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރާ އިރު، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ އިތުރުން ފުލުހުން ވެސް ތަހުގީގު އެބަ ކުރެ އެވެ.

ރެޑް ނޯޓިސްގައި އައްމަޓީ މިނިވަންކޮށް!

ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަޝްރޫއު ސީ ލައިފަށް ލިބެން މެދުވެރިވި ސަބަބަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އައްމަޓީއާ ގާތް ގުޅުމެއް އޮތެވެ. ސީ ލައިފްގެ އެކައުންޓުން ޔާމީނަށް ފައިސާ ޖަމާކުރި މައްސަލައެއް އޭސީސީން ތަހުގީގު ކުރަން ފެށުމުން ދިފާއުގައި ސީ ލައިފްގެ ނަމުގައި މީޑިއާތަކަށް ދިން އިންޓަވިއުގައި ވެސް އެކަން ސާފެވެ.

އެ ކުންފުނިން "ސަން" އޮންލައިނަށް ބުނެފައިވާ ގޮތުގައި ޔާމީނަށް 15،000 ޑޮލަރު ޖަމާކުރީ އެމަނިކުފާނުގެ ޚަރަދުގައި އައްމަޓީގެ ކާރެއް އެކި ފަހަރު މަތިން މަރާމާތުކޮށްފައިވާތީ އެވެ. ސީ ލައިފްގެ ފްލެޓް މަޝްރޫއާ އެ މުއާމަލާތާ ގުޅުމެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ފެންނަން އޮތް ހަގީގަތަކީ ސީ ލައިފުން ހުޅުމާލޭގައި 3،000 ފްލެޓް މަޝްރޫއުގެ ބިންގާ ، މާޗު 14، 2014 ގައި، އަޅުއްވައިދެއްވީ ޔާމީންކަމެވެ. އެމަނިކުފާނުގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކޮށްފައި ވަނީ މާޗު 18، 2014 ގަ އެވެ.

ސީ ލައިފުން ހުޅުވާލި މަޝްރޫއުން ފްލެޓް ގަތުމަށް ގިނަ ބަޔަކު މުއާމަލާތުކުރީ ކުންފުނީގެ އިސް ވެރިޔާގެ ހައިސިއްޔަތުން އައްމަޓީއާ އެވެ. އެކަމަކު ފްލެޓަށް ފައިސާ ދެއްކި މީހުން ބުނާ ގޮތުގައި މި އޮޅުވާލުމުގައި ހިމެނެނީ އައްމަޓީ އެކަންޏެއް ނޫނެވެ. އެ މަޝްރޫއު ހިންގަން އެއްބަސްވި އިރު އޭނާގެ އިތުރުން ވެސް ކުންފުނީގައި އިސް ވެރިންތަކެއް ތިއްބެވެ.

ސީ ލައިފުން އޮޅުވާލި މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އައްމަޓީ ވަނީ ފިލައިގެން ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެ ކުންފުންޏަށް ފައިސާ ދެއްކި މީހުންގެ ޕްރެޝަރުތަކާ ހެދި ފުލުހުންނަށް މަޖުބޫރުވީ އޭނާ ހޯދަން އެހީތެރިވެދޭން އިންޓަޕޮލްގައި އެދޭށެވެ.

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އައްމަޓީ ހޯދަން ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ.

އެނގޭ ކަމަކީ ސްރީ ލަންކާގައި އައްމަޓީ އުޅެނީ ފިލައިގެންނެއް ނޫން ކަމެވެ. ވިސާ ނެތި ލަންކާގައި އޭނާ ދިރިއުޅެމުން އަންނަނީ ވަރަށް މިނިވަންކޮށެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ކަމަށް ވާ އަބްދުﷲ ލުތުފީ ރާއްޖެ ގެނައި ގޮތަށް އައްމަޓީ ނުގެނެވެންވީ ސަބަބެއް ނެތް ކަމަށް ޝަކުވާ ކުރާނެ ޖާގަ އެބަ އޮތެވެ.

ހުރިހާ ޒިންމާއެއް ދައުލަތުން؟!

ސީ ލައިފުން ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެޗްޑީސީގެ ސުހެއިލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފައިސާ ދައްކައި ގެއްލުންވި މީހުންނަށް ލުޔެއް ހޯދައި ދިނުން ކަމަށެވެ. އެ ހުށަހެޅުމާ މެދު މަޝްވަރާ ކުރަމުން އައި ނަމަވެސް އަދި ގޮތެއް ނުނިމޭ ކަމަށް ވިދާޅުވި އެވެ.

އެޗްޑީސީއާ އެކު އެއްބަސްވި ގޮތަށް މަޝްރޫއު ކުރިއަށް ނުގެންދެވުނު ސަބަބަކަށް ސީ ލައިފުން ދައްކަނީ އެ ކުންފުންޏަށް ދޭން ޖެހޭ ހުއްދަތަކާއި ބިންތައް ނުދީ ލަސްކުރުމުގެ އިތުރުން ބޭކާރު ޚަރަދުތައް ކުރުވަން ޖެއްސުމެވެ. އަދި އެ ކުންފުނިން އެގްރިމެންޓާ ހިލާފުވެފައިވާ ކަމަށް ބުނެ 2015 ވަނަ އަހަރު އެޗްޑީސީން އެގްރިމެންޓް އުވާލި ގޮތެވެ. ސީ ލައިފުން ކޯޓަށް ދިއުމުން އެޗްޑީސީގެ އެ ނިންމުން އޮތީ ބާތިލްކޮށްފަ އެވެ.

ސީ ލައިފްގެ ވަކީލުން ބުނެފައިވާ ގޮތުގައި ކޯޓު ހުކުމަށް ފަހު ވެސް އެޗްޑީސީން މުޅިންހެން މަސައްކަތް ކޮށްފައިވަނީ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެއްބަސްވުން ހުއްޓުވުމަށެވެ.

"ކުރިން ކޮށްފައިވާ އެތައް މަސައްކަތެއް އަލުން ކުރަން ސީ ލައިފް ގްލޯބަލްއަށް މަޖުބޫރުކޮށްފައިވާ ކަމަށާއި އެ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އެތައް މިލިއަން ޑޮލަރެއް ބޭކާރު ގޮތުގައި ސީ ލައިފް ގްލޯބަލްގެ ފަރާތުން ހަރަދު ކުރަން ޖެހުނު،" މީގެ ދެތިން މަސް ކުރިން ސީ ލައިފްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް އިމާރާތް ހުންނަ ސަރަހައްދު: ސީ ލައިފުން ހުށަހެޅީ ބުކިން ފީ އެޗްޑީސީން ދެއްކުމަށް.

ސީ ލައިފުން އޮޅުވާލި މައްސަލަ ކޯޓަށް ހުށަހެޅުމުން، ބައެއް މީހުންނަށް ފައިސާ އަނބުރާ ދޭން ކޯޓުން ހުކުމް ކޮށްފައި ހުރި ނަމަވެސް އެ ހުކުމްތަކާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކާފައެއް ނުވެ އެވެ.

ކަން މިހެން އޮއްވައި، ސީ ލައިފް މައްސަލައިގައި ދައުލަތުން ހުރިހާ ޒިންމާއެއް ނަގާ ގޮތަށް ބަދަލު ދޭން އެއްބަސްވުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

އަލުން މަޝްރޫއު ހަވާލުކޮށްދޭން ސީ ލައިފުން އެދިފައި އޮތަސް މާލީ ގާބިލް ކަމެއް ނެތް ކުންފުންޏަކާ އަލުން މަޝްރޫއު ހަވާލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ކުންފުނީގެ އެކައުންޓްތަކުގައި އެއްވެސް ފައިސާއެއް ނެތް ކަން މި މައްސަލައިގެ ލިޔެކިޔުންތަކުން އެނގެ އެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އަމިއްލަ ކުންފުންޏަކުން ހިންގި މަޝްރޫއެއް ފޭލްވުމުން ހުރިހާ ޒިންމާއެއް ދައުލަތަށް ނެގުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސީ ލައިފަށް ދެއްކި ބުކިން ފީ އެޗްޑީސީގެ ފައިސާ އިން އަނބުރާ ދޭކަށް ނުޖެހެ އެވެ. އަމިއްލަ ކުންފުންޏަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތް މީހުންގެ ވެސް ޒިންމާއެއް އޮތް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ސީދާ ސީ ލައިފް އަތުން ހޯދަން ޖެހޭ އެއްޗެއް ކަމަށެވެ. އެ ކުންފުނީގެ އަތުން ފައިސާ ހޯދޭނެ ގޮތެއް ނެތި ދައުލަތުން ޒިންމާވާން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންސާފު ހޯދައި ދިނުމުގައި ހުރިހާ ބުރައެއް ދައުލަތަށް ނެގުމަކުން ނުފުދެ އެވެ. މަކަރާއި ހީލަތް ހެދި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހެ އެވެ. ޑީލް ނިންމަން ޖެހޭނީ އެ ގޮތަށެވެ.