އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!

އަގު ހެޔޮ، އެންމެ ލުއި ފަސޭހަ ބޯހިޔާވަހިކަމުގެ ނަމުގައި ދެއްކީ ފޮނި ހުވަފެންތަކެކެވެ؛ ހަގީގަތް ހާމަވި އިރު، އެއީ ބޮޑު އޮޅުވާލުން ގަނޑެކެވެ. ފްލެޓަށް އަޅަން ކަމަށް ބުނެ ނެގި ފައިސާ އަށް ޚިޔާނާތްތެރިވެ، ކުންފުނީގެ އިސް މީހުންނާއި އެކަމަށް މަގު ކޮށައިދިން އެންމެން ފިލީ އެވެ. މުޅިން ވެސް މަކަރާއި ހީލަތެވެ؛ ބިކަވީ، 200 އަށް ވުރެ ގިނަ އާއިލާ އެވެ. އިންސާފު ހޯދަން، އެ އާއިލާތަކުން އެކި ކޮޅުކޮޅަށް ދުވެ ނަގަނީ އެވެ.


ބޯހިޔާވަހިކަމުގެ ނަމުގައި، ސީ ލައިފް ގްލޯބަލް އިން ހުޅުވާލި މަޝްރޫއު އަށް ގިނަ ބަޔަކު ފައިސާ ދެއްކީ، އަމިއްލަ ފްލެޓަކަށް ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނެވެ. ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި އެ ކުންފުންޏާ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ސީ ލައިފް އަށް ދިން ބިމުގައި ފުރަތަމަ ފިޔަވަހީގައި 1،000 ފްލެޓް އަޅަން ޖެހެ އެވެ. ދެ އަހަރު ތެރޭގައި އެ އަދަދަށް ފްލެޓް އިމާރާތްކޮށް، ފަސް އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމަން ޖެހެ އެވެ.

ފުރަތަމަ ފިޔަވަހި އިއުލާން ކުރުމާ އެކު ގިނަ ބަޔަކު ފައިސާ ދެއްކި އެވެ. ފްލެޓްތައް ހުޅުވާލީ، އޭރު މާކެޓް ރޭޓުގައި، ޒަމާނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ވިއްކާ އަގަށް ވުރެ މާ ބޮޑަށް ވެސް އަގު ދަށް ކޮށެވެ. ގިނަ ބައެއްގެ ހިތް ދޫވީ، ހެޔޮ އަގުގައި ދޭނެ ކަމަށް ބުނެ އެ ކުންފުނިން އާއްމުކުރި ފްލެޓްތަކުގެ ހިތްގައިމު ފޮޓޯތަކަށެވެ.

ފްލެޓްތަކުގެ ބުކިން ފީ ފެށީ ވެސް 50،000 ރުފިޔާ އިންނެވެ. ލޯނު ނަގައިގެން އެއް ބަޔަކު މި އަދަދު ދައްކާފައިވާ އިރު، 50،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ދެއްކި މީހުން ވެސް އެބަ ތިއްބެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އިމާރާތް ކުރަން ސީ ލައިފް ކުންފުންޏާ ހަވާލުކުރި ބިން.

"އެއް ބަޔަކު ދެއްކީ އުމުރު ދުވަހު އެއްކޮށްފައި ހުރި ފައިސާކޮޅު. އަނެއް ބަޔަކު ދަރަންޏަށް ނަގައިގެން. ގެ މޯގޭޖްކޮށްފައި، ލޯނު ނަގައިގެން ފްލެޓަށް ފައިސާ ދެއްކި މީހުން އެބަ ތިބި. މި އެންމެން މިހާރު ދަރަނިވެރިވެ ހާލުގައި ޖެހިފައި މިތިބީ،" ސީ ލައިފަށް ފައިސާ ދެއްކި މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ލޯނަށް އިންޓްރެސްޓް އަރައި، ލޯނު ނުދެއްކި ތިބި އެތައް އާއިލާއެއް ވެސް އެބަ ތިބި. ބޯހިޔާވަހިކަން ފޯރުކޮށްދޭން ހުޅުވާލި މަޝްރޫއެއްގައި، މިހާ ބޮޑަށް މަކަރާއި އޮޅުވާލުން ހިމެނިދާނެ ކަން އަޅުގަނޑުމެން ހަމަ ހިތަށް ވެސް ނުގެނެވުނީ."

ފުރަތަމަ ކަމަކަށް، ޑައުން ޕޭމަންޓުގެ ގޮތުގައި ސީ ލައިފުން ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ. އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ.

އެކަމަކު އެއްބަސްވުމަށް ބެލުމެއް ނެތި، ބުކިން ފީ އާއި ޑައުން ޕޭމަންޓުގެ ގޮތުގައި އެކި މީހުންގެ އަތުން ގާތްގަނޑަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ވެ އެވެ.

އައްމަޓީ އެކަންޏެއް ނޫން، "ބޮޑުން" ފިލައި!

އެތައް ބަޔަކަށް އޮޅުވާލި މަޝްރޫއުގައި، ތުހުމަތުގެ އިނގިލި ދިއްކުރަނީ ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) އަށެވެ. ކުންފުނީގެ އިސް ވެރިޔާގެ ހައިސިއްޔަތުން ގިނަ މީހުންނާ މުއާމަލާތު ކުރީ ވެސް އޭނާ ކަމަށް ވާތީ އެވެ.

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އައްމަޓީ ސޮއިކުރަނީ: މިހާރު އުޅެނީ ފިލައިގެން -- ފޮޓޯ: މިހާރު

ފައިސާ ނަގައި ފްލެޓް އެޅުމުގެ މަސައްކަތް ނުފަށައިގެން ވެސް ގިނަ ބަޔަކު ޝަކުވާ އޮއްސާލީ އޭނާ އަށެވެ. އެ ޝަކުވާތަކާ ހެދި، ފުރަތަމަ 300 ފްލެޓްގެ ފައުންޑޭޝަން ވެސް އެޅި އެވެ. އޭގެ ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް މަޝްރޫއު ހުއްޓާލީ އެވެ.

"ވީ ގޮތް އޮޅުންފިލުވަން އޮފީހަށް ދިޔައިރު، އެތަނުގައި ހުރީ ތަޅުލާފައި. އައްމަޓީ އަށް ގުޅައިގެން، މެސެޖުކޮށްގެން ޖަވާބެއް ނުދޭ. ހަދާނެ ގޮތެއް ނޭނގިގެން އަޅުގަނޑުމެން ހުންނާނެ އެތާ ދޮރޮ ދަށުން ވެސް އެތައް ސިޓީއެއް ލާފައި މަޝްރޫއު ކުރިއަށް ނުގެންދަންޏާ ފައިސާ އަނބުރާ ދޭން އެދިފައި،" އެކަކު ބުންޏެވެ.

މަކަރާއި ހީލަތް ހެދި މައްސަލައިގައި އައްމަޓީ ހޯދަން އިންޓަޕޮލް އިން ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ. ސީ ލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އޭނާ ވަނީ ރާއްޖެ އިން ފުރައިފަ އެވެ. އޭނާ މި ފަހަކާ ޖެހެންދެން ދިރިއުޅުނީ، އެނގިފައިވާ ގޮތުގައި، ސްރީ ލަންކާގަ އެވެ.

ސީ ލައިފަށް ފައިސާ ދެއްކި ބައެއް މީހުން ބުނިގޮތުގައި، މަކަރާއި ހީލަތް ހަދާފައި ވަނީ، ފަހުން ބެލިބެލުމުން އެނގޭ ގޮތުގައި، އައްމަޓީ އެކަންޏެއް ނޫނެވެ.

"މިއީ، އޭރުގެ ސަރުކާރުގެ އިސް ވެރިންތަކެއް އަޑީގައި ތިބެ ހިންގާފައިވާ ބޮޑު ޖަރީމާއެއް. އެ މީހުން ތިބީ ފިލައި، ކުރިމައްޗަށް މި ދެއްކީ އައްމަޓީ،" މި މައްސަލައިގައި "މިހާރު"އާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

އެ ތުހުމަތުކުރާ ސަބަބުތައް ވެސް އެބަ ހުއްޓެވެ.

ހައުސިންގެ ބޮޑު މަޝްރޫއެއް، ސީ ލައިފްއާ ހަވާލުކުރީ އެ ކުންފުނި އެކަމަށް ގާބިލްކަން ނޫން ކަން އެނގިތިބެ އެވެ. ނުވަތަ ނުބަލަ އެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސަރުކާރުން ހުޅުވާލުމުން އެހެން ކުންފުނިތަކަކުން ވެސް ކުރިމަތިލި އެވެ. އެ ކުންފުނިތަކުގެ ތެރެއިން، ސީ ލައިފް އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއް ނޫން ކަން އެޗްޑީސީގެ މުވައްޒަފުން ހެދި ޑިއު ޑެލިޖަންސް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ.

އެ ރިޕޯޓު، ކުނި ވަށިގަނޑަށް ލައި އެޗްޑީސީގެ ބޯޑުން ނިންމީ ސީ ލައިފްއާ މަޝްރޫއު ހަވާލުކުރާށެވެ. އޮޅުވާލައިގެން ފައިސާ ނެގުމުގެ ފުރުސަތު ފަހިވީ އެ ނިންމުމުންނެވެ.

އެނގިފައިވާ ގޮތުގައި، އެ މަޝްރޫ އަށް ގާބިލްކަން ދެއްކުމުގެ ގޮތުން ފޯޖުކޮށްފައިވާ ބޭންކް ސްޓޭޓްމަންޓުތައް ވެސް ސީ ލައިފުން ހުށަހެޅި އެވެ. އެކަމަށް ވެސް ފިޔަވަޅެއް ނާޅަ އެވެ.

"އިކޮނޮމިކް މިނިސްޓްރީގެ ވެސް އިހުމާލުތަކެއް އެބަހުރި. ކުންފުނި 100 ޕަސެންޓް ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ދިނުމާއި އޭގެ ފަހުން ދިމާވި ކަންކަން ބަލައި ފިޔަވަޅު އެޅުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާފައިވޭ،" ސީ ލައިފް މައްސަލައިގައި އިސްކޮށް މަސައްކަތް ކުރައްވާ ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވި އެވެ.

މި މައްސަލައިގައި، ގަސްތުގައި ހިންގާފައިވާ އިހުމާލުތަކަށް ބައްލަވައި، އޭނާ ވިދާޅުވީ، މި މައްސަލައިގެ ފަހަތުގައި ތިބީ އޭރުގެ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ކަމަށެވެ. އެ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އިންސާފުގެ ކުރިމައްޗަށް ގެނެސްދޭން އެދި، ކަމާ ބެހޭ ފަރާތްތަކަށް އޭނާ ވަނީ މައްސަލަ ހުށަހަޅުއްވައިފަ އެވެ.

އިންސާފު ލަސްވުމުގެ ކަންބޮޑުވުން!

ސަރުކާރުގެ ބައިވެރިވުމާ އެކު ހިންގި މަޝްރޫއަކުން އެތައް ބަޔަކަށް ލިބުނު ގެއްލުމަށް އިންސާފު ހޯދަން ފުލުސް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން ކޯޓަށް ވެސް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.

އެކަމަކު މައްސަލަ އަކީ ގިނަ ބައެއްގެ ހައްގުތަކާ ގުޅިފައިވާ މި މައްސަލައިގެ އިންސާފު ލަސްވުމެވެ. އިންސާފަށް އެދި އަޑު އުފުލަން މަގުމައްޗަށް ނުކުންނަން މަޖުބޫރުވަނީ ވެސް އެ ސަބަބާ ހެދި އެވެ. އެ އާއިލާތަކުން އަންނަނީ ހައްގު ހޯދަން ކުރެވުނު މަސައްކަތެއް ކުރަމުންނެވެ.

ސީ ލައިފަށް ފައިސާ ދެއްކި މީހުން ބުނިގޮތުގައި އެ ކުންފުނިން އިއުލާންކުރި ފްލެޓްތަކުގެ ބަދަލުގައި އޭރު މާކެޓް ރޭޓުގައި ހުރި އެހެން ފްލެޓެއް ގަތުމަށް ފައިސާ ދެއްކި ނަމަ ފްލެޓް ލިބި، އެތަނުގައި ދިރިއުޅެވޭނެ އެވެ. ނުވަތަ ކުއްޔަށް ދީގެން މަންފާ ހޯދޭނެ އެވެ. މި ހުރިހާ ހައްގުތަކުން މަހްރޫމްވީ، އޮޅުވާލައިގެން އެ ފައިސާ ނެގުމުން ކަމަށް އެ މީހުން ދެކެ އެވެ.

ސީ ލައިފް އިން އޮޅުވާލި އާއިލާތަކަށް އިންސާފު އަވަސްކޮށްދޭން އެދި އަޑު އުފުލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މައްސަލައިގައި އިންސާފު ދިގުލައިގެން ދިއުން. އެތައް ބައެއްގެ ދިރިއުޅުމަށް މިކަމުގެ އަސަރު ވަނީ ކޮށްފައި. މާލީ ގޮތުން ތަހައްމަލްކުރަން އުނދަގޫ ގެއްލުންތަކެއް ދަނީ ވަމުން،" ސީ ލައިފަށް ފައިސާ ދެއްކި އެކަކު ބުންޏެވެ.

ސަރުކާރަށް އެ މީހުންގެ ހުށަހެޅުންތަކަކީ މި އެވެ؛

އެޗްޑީސީ އާއި ސީ ލައިފްއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ވިއްކަން ހުޅުވާލި ފްލެޓްތަކަށް ބުކިން ފީ އާއި ޑައުން ޕޭމަންޓުގެ ގޮތުގައި ނެގި ފައިސާ ސަރުކާރުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އެއީ، ފްލެޓްތައް އިމާރާތްކޮށް ހަވާލުކޮށްފައި ނުވަނީ އެޗްޑީސީގެ އިހުމާލު އޮވެގެން ކަމަށް އެ މީހުން ދެކޭތީ އެވެ.

ނުވަތަ ސީ ލައިފަށް ދިން ބިމުގައި ފްލެޓް އިމާރާތްކޮށް، އެ މީހުން ފައިސާ ދެއްކި އަގާ އެއްވަރުގެ ފްލެޓެއް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމެވެ. ނުވަތަ ގެއްލުމަށް އަދުލުވެރި ބަދަލެއް ހޯދައިދީ، ޚިޔާނާތްތެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ދިނުމެވެ.

"މިކަމުގައި އަޅުގަނޑުމެންނަށް އަވަސް އިންސާފެއް ސަރުކާރުން ހޯދައިދޭނެ ކަމުގެ އުއްމީދުގައި މިތިބީ."