ބަޔަކަށް ރޭކާލީ ވެސް ދަތުރުވެރިޔަކު ކުރި ކޯލަކުން!

އޭރު ގަޑިން ހެނދުނު 11:53 އެވެ. ހަނިމާދޫ ބޮޑު ފަޅުގެ ތަންކޮޅެއް މަޑު ދިމާއަކުން ވަނުމަށްޓަކައި ލޯންޗު އަނބުރާލައިގެން، ގަދާގައި މިސްރާބު ހިފާލަނީ އެވެ. ބިރުން ތިބި ދަތުރުވެރިންގެ ތެރެއިން އައިމިނަތު އާސިމާއަށް ކޯލެއް އަ އެވެ. ދަބަސް ތެރެއިން ފޯނު ނަގަން އޭނާ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެހާ ހިސާބުން ލޯންޗު ބަންޑުން ޖަހާލި އެވެ.


އެއީ ބުރާސްފަތިދުވަހު، އެއް އާއިލާއެއްގެ ހަތަރު މެމްބަރުންނާއި އެހެން އަންހެނަކު މަރުވި ހިތާމަވެރި ހާދިސާގައި، އޭރު ލޯންޗުގައި ތިބި މީހުންގެ ތެރެއިން މީހަކަށް އައި ފަހު ކޯލެވެ. އެ ކޯލް ކުރީ، ހާދިސާގައި މަރުވި ފާތުމަތު ގުރައިޝާގެ ފިރިމީހާ ހަސަން ޝިފާޒެވެ. ގުރައިޝާގެ ފޯނު ހަލާކުވެފައި އޮތުމުން، އާސިމާ މެދުވެރިކޮށް، އަންހެނުންނާ ވާހަކަ ދައްކާލަން ކުރި ކޯލުގައި އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތެއް، އެކަކަށް ވެސް ނުލިބުނެވެ.

ނޮޅިވަރަންފަރުގައި ދުއްވާ "ސްޕީޑް" ލޯންޗު ބަންޑުން ޖަހާލުމުން، ގުރައިޝާ 30، އާއި އޭނާ އާއި ޝިފާޒްގެ ހުރި ހަމައެކަނި ދަރިފުޅު، ތިން އަހަރުގެ އީރާ ހަސަން ޝިފާޒާއި ގުރައިޝާގެ ބައްޕަ ހުސެއިން އަބްދުﷲ، 55، އާއި މަންމަ މަރިޔަމް މައުސޫމް، 48،ގެ އިތުރުން އަންހެން އެހެން ދަތުރުވެރިއެއް ކަމަށްވާ އައިޝަތު އަލީ، 51، ވަނީ މަރުވެފަ އެވެ.

11:43 ގައި ދައްތައަށް ކުރި ކޯލް

ލޯންޗަށް ކަމެއް ވެގެން އުޅޭކަން ބަޔަކަށް ރޭކާލީ ވެސް، ބޮޑަށް ބެލެވޭ ގޮތުގައި، އާސިމާގެ ސަބަބުންނެވެ. އޭގެ 10 މިނިޓް ކުރިން، 11:43 ގައި އޭނާ ވަނީ، ނޮޅިވަރަންފަރުގައި ހުރި ދައްތަ އައިޝަތު އާސިފާއަށް ގުޅާފަ އެވެ. އެ ކޯލްގައި އާސިމާ ބުނީ، ކަނޑު ވަރަށް ގަދަ ކަމަށާއި، ފަޅުތެރެއަށް ވަންނަން މަސައްކަތް ކުރާ ވާހަކަ އެވެ.

އޭރު އައިޝަތު ހުރީ، އޭނާ މަސައްކަތްކުރަމުން އަންނަ ސިއްހީ މަރުކަޒުގަ އެވެ. ކޮއްކޮގެ ފޯނު ކޯލަށް ފަހު، ކަމެއް ދިމާވެދާނެކަމުގެ ބިރު އުފެދި، އާސިމާއަށް ގުޅޭތޯ މަސައްކަތް ކުރެވުނީ، މެންދުރު ނަމާދަށް ފަހު އެވެ. އެކަމަކު އޭރު އާސިމާގެ ފޯނަކަށް ނުގުޅެ އެވެ.

ހާދިސާގައި ސަލާމަަތްވި އަބްދުއްޝުކޫރު (މ)، މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވަނީ --ފޮޓޯ/ ހުސެން ވަހީދު

އައިޝަތު ދެން ބެލީ، ހަނިމާދުއަށް އޭރު ގޮސް ހުރި އެ ރަށު އެހެން މީހަކަށް ގުޅޭތޯ އެވެ. އާސިމާމެން ދަތުރުކުރި ލޯންޗު ނާންނަ ކަމަށް އެއިން މީހަކު ބުނުމުން، އައިޝަތަށް ރޮއިގަނެވުނެވެ. އަދި ރަށުގެ އެހެން މީހުން ކައިރީގައި އެވާހަކަ ބުންޏެވެ.

އޭރު އާސިމާ ވަނީ ސަލާމަތްވެފަ އެވެ. އެކަމަކު ރާޅުތައް ބޮޑު، އޮއި ވެސް ގަދަ ފަޅުތެރޭގައި، ސަލާމަތްވި އެހެން މީހުންނާ އެކު، ލޯންޗުގެ ތަނެއްގައި ހިފަހައްޓާލައިގެން، އެހީއެއްގެ އުއްމީދުގައި، ގަޑިއެއްހާ އިރު އޮންނަން ޖެހުނެވެ.

ސަލާމަތްވީ އިންޖީނު ކައިރީގައި އިނދެވުމުން!

އާސިމާ ބުނި ގޮތުގައި ހުރިހާ ކަމެއް ވެސް ވެގެންދިޔައީ ހަމަ ކުއްލިއަކަށެވެ. ހަނިމާދުއަށް ދަތުރުކުރާ އުޅަނދުފަހަރު އާންމުކޮށް ވަދެ ނުކުންނަން ބޭނުންކުރާ އެއާޕޯޓް ޖެޓީއާ ދިމާލުގައި އޮންނަ ނެރާ ހިސާބަށް ދެވޭ ވަރަށް ވުރެ، ކުއްލިއަކަށް އައި ކޮޅިގަނޑުގައި ނެގި ރާޅުތައް ބޮޑެއްޗެވެ. އެހެންކަމުން ލޯންޗުގެ ތަޖުރިބާކާރު ކައްޕި، ޖަޒްލާން އަދުނާން، 36، މިސްރާބު ހިފީ، ރަށުގެ ދެކުނު ކޮޅު ކަނޑިންމައިން ވަންނާށެވެ.

ލޯންޗު އަނބުރާލި އެވެ. އެކަމަކު ކަނޑިންމައާ ހަމައަށް ދިއުމުގެ ކުރިން ނެގި ބޮޑު ރާޅުތަކުގެ ތެރޭގައި އޮވެވޭ ވަރަށް ވުރެ ލޯންޗު ކުޑަ އެވެ. އެހެންކަމުން ބަންޑުން ޖަހާލީ އެވެ.

ބަންޑުން ޖަހާލި "ސްޕީޑް" ލޯންޗު، އެއްގަމަށް އަރުވަނީ: ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހުން ސަލާމަތްވި

އާސިމާ ބުނީ އޭނާ ސަލާމަތްވީ ލޯންޗުގެ ފަހަތު ކޮޅުން، އިންޖީނު ކައިރީގައި އިނދެވުމުން ކަމަށެވެ. ލޯންޗު ބަންޑުން ޖަހާލުން، ގެގަނޑު ތެރޭގައި ތާށިނުވެ، އޭނާއަށް މައްޗަށް އެރުނީ އެހެންވެގެންނެވެ.

"ބައެއް މީހުން އަޅުގަނޑުގެ އަތުގައި ވެސް އެ ދަނޑިވަޅު ހިފި. އެކަމަކު ނޭނގޭ އަތުގައި ހިފަނީ ކާކު ކަމެއް ވެސް. އަޅުގަނޑު އިންޖީނު ކައިރީގައި ހުރީމަ އެ ދިމާލުން [ލޮނުގަނޑުން މައްޗަށް] އެރުނީ،" ވަރަށް އުނދަގުލުން އާސިމާ ކިޔައިދިނެވެ.

ހަނިމާދޫ ފަޅަކީ، ހުޅަނގު މޫސުމުގައި ވަރަށް ގަދަ ތަނެކެވެ. އަދި "ސްޕީޑް" ލޯންޗު ވަންނަން ދިމާކުރި ކަނޑިންމަ ހިމެނޭ ސަރަހައްދަށް، ފުއްޓަރު ފަރާތެކޭ އެއްގޮތަށް، ބޮޑެތި ރާޅު ނަގާ ކަމަށް، ހަނިމާދޫ މީހުން ބުނެ އެވެ.

އެއީ އެހާ ކުޑަ ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަން، އެއާޕޯޓް ސަރަހައްދުގައި އުޅޭ ބަޔަކަށް ރޭކާލާ ވަރަށް ވުރެ ދުރު ހިސާބެކެވެ.

ލޯންޗު ބަންޑުން ޖަހާލިކަން ހަނިމާދޫގައި ތިބޭ ސިފައިންނަށް އެނގުނީ، ކައްޕި ޖަޒްލާން އާއި އޭނާއާ އެކު ފަޅުވެރިއަކަށް ހުރި އެހެން ކައްޕިއެއް ކަމަށްވާ ހދ. ނޮޅިވަރަމަށް އުފަން ސިރާޖު އަދުނާން، ފަތާގައި ރަށަށް އަރައި، އެ ހަބަރު ދިނުމުންނެވެ.