އޮޕަރޭޝަނެއްގައި އަތުލައި ގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ދައްކާލަނީ
06 އޮކްޓޯބަރ 2019 - 08:35
ގްރާމުން ފެށިގެން އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހުން އެބަ ހައްޔަރުކުރެ އެވެ. ނަމަވެސް އެ ނުބައި، ގާނޫނީ ގޮތުން ބޮޑެތި އަދަބުތަައް ކަނޑައަޅާފައިވާ ވިޔަފާރި ހުއްޓޭ ތަނެއް ނާދެ އެވެ. އަނެއް ކޮޅުން އެއް ފަހަރު ހައްޔަރުކުރާ މީހާ އަނެއްކާވެސް ފެންނަނީ އެއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްގެން އުޅެނިކޮށެވެ. ދިވެހި ފުލުހުން ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑުންގެ ތެރެއިން ގިނަ މީހުން ތިބީ މިނިވަންކޮށެވެ. ސުވާލަކީ މިވަނީ ކިހިނެއް ހެއްޔެވެ؟
ދާދި ފަހުގެ މިސާލެކެވެ. މިދިޔަ ޖުލައި މަހު ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން މަސްތުވާތަކެތި ހޯދީ އެ މީހުންގެ ތެރެއިން ބަޔަކު ހިފައިގެން ތިބި ދަބަހުންނެވެ. އޭގެ ތެރޭގައި ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހުން ތިބި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލަ ފުރަތަމަ ބައްލަވާ ގާޒީ ނޫން އެހެން ގާޒީއެއް އެ މައްސަލައާ ހަވާލުވި ފަހުން ތިން މީހުން މިނިވަންވީ އެވެ. ބަންދުގެ މުއްދަތު ޖަހާ ދީފައިވަނީ މަސްތުވާތަކެއްޗަށް ޕޮސިޓިވްވި މީހާއަށް އެކަންޏެވެ.
6 Kilo ge drugs aaeku hayyarukuri bayaku courtun dhookollaifi
The most trusted news source in the Maldives
Mihaaru
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލުން---
ޑްރަގް ޓްރެފިކިން މައްސަލަތަކުގައި އާންމު އުސޫލަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމެވެ. ނަމަވެސް އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުން މީހުން މިނިވަންކަމާ އެކު އުޅެން މިހާރު އެވަނީ ދޫކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހުން އެގޮތަށް ދޫކޮށްފައި ތިބޭތީ އޭގެ ސަބަބުން ޝަރީއަތަށް ނުފޫޒު ފޯރުވަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގިނަ ފައިސާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން ޝަރީއަތަށް ނުފޫތު ފޯރުވުމުގެ ފުރުސަތު އޮވެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއް ނިމި ހުކުމް ކުރަން އެވެރެޖްކޮށް ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާއިރު އެއީ ނުފޫޒު ފޯރުވަން ވެސް ލިބޭ ބޮޑު ފުރުސަތެކެވެ.
ޑްރަގް މައްސަލަތައް ތަހުގީގު ކުރުމުގައި އުޅުއްވާ އިސް ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑުން ބަންދުން ދޫވަނީ ފުލުހުން ހޯދާފައިވާ ހެކިތަކަށް ރިއާޔަތް ނުކޮށް ފަނޑިޔާރުން ކަންކަން ނިންމާތީ ކަމަށެވެ. ގިނަ ފަހަރަށް ފަނޑިޔާރުންގެ ނިންމުންތައް ބިނާކޮށްފައި ހުންނަނީ އެވަގުތަކު ހުންނަވާ އެ ފަނޑިޔާރެއްގެ "މޫޑަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެވިޑެންސަށް ރިއާޔަތެއް ނުކުރޭ. ހެކި ހުރި ނަމަވެސް ޔަގީންކަމާ އެކު އަޅުގަނޑުމެންނަކަށް ނުދެވޭ ޝަރީއަތަކަށް. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ގާޒީ ކަންކަން ނިންމަނީ އެވިޑެންސަށް ބޭސްކޮށެއް ނޫން،" މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ވެސް ތަހުގީގު ކުރައްވާފައިވާ ބޭފުޅާ ވިދާޅުވި އެވެ.
ދަށު ކޯޓުން ނިންމި ނިންމުމެއް ގޯސް ކަމަށް މަތީ ކޯޓުން ނިންމައިފި ނަމަ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން ދެން އަމަލުކުރަން ޖެހޭނީ މަތީ ކޯޓުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށްގެންނެވެ. އެއީ ޝަރީއަތް ކުރުމުގެ އާންމު އުސޫލެވެ. ނަމަވެސް އިންވެސްޓިގޭޓިވް އޮފިސަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަށު ކޯޓުތަކުން އެ އުސޫލަށް އަމަލެއް ނުކުރެ އެވެ.
"މިޖެހެނީ އިސްތިއުނާފް ކޮށްލަކޮށްލާ ތިބެން. ޑްރަގް މައްސަލަތަކުގައި ހައި ކޯޓުން ނިންމާ ނިންމުމަކަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރޭ ދެން އަނެއްކާވެސް [އެފަދަ] މައްސަލައެއް ނިންމާއިރު،" ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ބަންދުން ސަލާމާތް ވުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ޑްރަގް ލީޑަރުން ކޮށްއުޅޭ ކަމެކެވެ. އެގޮތަށް ނުވެއްޖެ ނަމަ ގާނޫނީ ގޮތުން ހުންނަ ބާގަނޑުތައް ހޯދައިގެން ވެސް ސަލާމަތްވެ އެވެ. އެގޮތުން ބަންދުން ސަލާމަތް ވުމަށް މިފަހުން ބޭނުން ކުރާ އެއް އުކުޅަކީ ސިއްހީ މައްސަލައެއް ހުރިކަން ކޯޓަށް ހުށަހެޅުމެވެ. އެނގިފައިވާ ގޮތުގައި އެގޮތް ބޭނުންކޮށްގެން ގިނަ ބަޔަކު ވަނީ ޖަލު ބަންދުން ސަލާމަތްވެފަ އެވެ.
އޭގެ ކުރިން ބޮޑު ބައްޔެއް ހުރެގެން ޑޮކްޓަރަށް ދައްކާފައިނުވާ މީހުން ހައްޔަރުކުރާ ހިސާބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރި ކަމުގެ ލިޔުން ހޯދައިގެން ކޯޓަށް ހުށަހަޅަ އެވެ. ފުރާނައަށް ނުރައްކާ ވެދާނެތީ ކޯޓުން އެމީހުން ޖަލު ބަންދުން ދޫކޮށްދެ އެވެ. ދެން މިނިވަންކަމާ އެކު އުޅެނީ އަނެއްކާވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގަ އެވެ.
"އެމީހެއްގެ މައްޗަށް ހެކި ހުރިކަން ވަކީލަށް އެނގޭ ހިސާބުން ވަކީލު އެ މީހުންނަށް ލަފާދޭ ޑޮކްޓަރުގެ ލިޔުން ހޯދަން. އެކިއެކި ބަލި ހުރިކަމަށް ޑޮކްޓަރުންގެ ލިޔުން ހޯދައިގެން އެ ލިޔުންތައް ކޯޓަށް ހުށަހަޅަނީ،" ކުށްވެރިންގެ ކަންކަން އެނގޭ މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.
އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ފުލުހުން ބަޔަކު ހައްޔަރުކުރަނީ: ގިނަ މީހުން ފަހުން ދޫވޭ
ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުން ބޭނުންކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ދުނިޔޭގައި އާންމު ކަމެކެވެ. އެކަން އެގޮތަށް ކުރަނީ އެފަދަ ބަލިތައް ހުންނަ މީހުން ޖަލުގައި ބަންދު ކުރުމަކީ އުނދަގޫ ކަމަކަށް ތަހުގީގީ އިދާރާތަކަށް ވާތީ އެވެ. ނަމަވެސް ރާއްޖޭގައި އެކަން ކުރާ ގޮތަކީ ސިއްހީ މައްސަލައެއް ނެތަސް، ހައްޔަރު ކުރާ ހިސާބުން ބަލިމީހެއް ކަމުގެ ލިޔުން ހޯދަނީ އެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން އެކަކު އެ ހުރިހާ ތަކެއްޗާ ހަވާލުވެ، ޒިންމާ ނަގަން އުޅުމަކީ ވެސް މިހާރު ރާއްޖޭގެ ކުށްވެރިން ސަލާމަތް ވުމަށް ބޭނުންކުރާ އުކުޅެކެވެ. ގްރޫޕެއް ހައްޔަަރުކުރާ އިރު އޭގެ ތެރެއިން އެކަކު ކޯޓުގައި އެއްބަސްވަނީ މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށެވެ. އޭރުން އެހެން މީހުން ބަންދުން ސަލާމަތްވާން ފަސޭހަވެ އެވެ. އަދި އިއުތިރާފްވީ މީހާ ވެސް ޝަރީއަތުގެ ވަކި ހިސާބަކުން ސަލާމަތްވެފައި އެބަ ހުއްޓެވެ. ޖުލައި މަހު އަތުލައިގަތް ހަ ކިލޯގެ މަސްތުވާތަކެތީ މައްސަލާގައި ވެސް އެ އުކުޅު ބޭނުންކުރަން އުޅުނެވެ.
ފަޅުރަށްރަށުގައި ވަޅުލާފައި ހުރި އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާއި ކަނޑު މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި، ތަފާތު އޮޕަރޭޝަންތަކުގައި ވަނީ އަތުލައިގެންފަ އެވެ. މާލޭގެ ގެތަކުގައި ދަގަނޑު ގޭޓްތައް ލައިގެން އެ ވިޔަފާރިކުރި އެތައް ތަނެއް ވެސް ހޯދި އެވެ. މަސްތުވާތަކެއްޗާ އެކު ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް އެފަދަ ނުބައި ކުށްވެރިން ފަސޭހައިން ދޫވާ ނަމަ އެއީ ގައުމީ މައްސަލައެކެވެ.
މިހާރު މިފަދަ ނުބައި ހާލަތްތައް ދިމާވަނީ، ހެކި ހޯދުމާއި ހުށައެޅުމުގައި ފުލުހުންގެ މައްސަލައަކުން ނަމަ، އެކަން ރަނގަޅު ކުރަން ޖެހެ އެވެ. ނުވަތަ ހެކި ހުރެމެ، ފަނޑިޔާރުން ގަސްދުގައި ބަޔަކު ދޫކުރާ ނަމަ، އެ މައްސަލަ ސީރިއަސްކަމާ އެކު ބަލައި، ކޯޓުތައް ހަމަ މަގަށް އަޅުވަން ޖެހެ އެވެ. މި ހުންނަނީ ގައުމަކަށް ބަލާ ނަމަ ކުދިކުދި ކަންކަމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފް
07 October 2019
ތިހުރީ އާންމު ކަންކަން. ތިޔަ މީހުން ސަލާމަތްވާނެ.. ނިކަމެއްޗަކު ކަމެއް ކޮށްފިއްޔާ ސަލާމަތްވާނެ ހަމައެއްގޮތެއްވެސް ނޯންނާނެ..
އިބްރާ
06 October 2019
އެމްޑީޕީން މިހާރު ޝަރުއީދާއިރާ ވަނީ އިސްލާހްކޮށް ނިމިފައެވެ. ޝަރީއަތުން ނުބައި މީހަކު މިހާރަކު ދުލެއްނުވާނެ
މިވާ ގޮތް
06 October 2019
ތީ ހަމަ ރާއްޖޭގެ ސިޔާސީ ވެރިން ބޭނުންވާ ގޮތް. އެމީހުން ބޭނުމެއް ނުވާނެ ރާއްޖެއިން މަސްތުވާތަކެތި މަދު ކުރާކަށް. ބޭނުމަކީ ރާއްގޭގެ ގިނަ ޒުވާނުން އޭގެ އަވައިގަ ޖައްސާފަ ބޭތިއްބުން. އެމީހުން ބޭނުން ގޮތަކަށް ޤައުމު ދަވާލެވޭނީ އޭރުން ކަމަށް ވާތީ. އެމީހުންގެ ދަރިން ގެންގުޅޭނީ ޔޫރަޕް ޤައުމު ތަކުގަ. ވަކި ސަރުކާރެއް ނޫން. ހުރިހާ ސަރުކާރެއްގައި ވެސް.
ބަޝީރާ މޫސާ
06 October 2019
މިހާ މިނިވަންކޮށް ޑުރަގް ބޮވެވޭ ދުވަސްވަރެއް ހިއެއްނުވޭ ދުވަހަކުވެސް ރާއްޖެއަށް އައިހެނެއް، މަޖިލިހުން ޤާނޫނު ބުނާހާގޮތަށް ހަދައިދެމުންދަނީ އެކަމަކު ފުލުހުން ބުނަނީ ތިމަންނާމެނަށް ހައްޔަރުކުރެވޭނީ 24 ގަޑިއިރަށޭ އަދި ބޮވެ ތިއްބައިވެސް ނުގެންދޭ، މިކަމުގެ ސަބަބުން މިހާރު މުޅި ޤައުމު ވަރަށް ނައަމާންވެއްޖެ
ޖައުފަރު
06 October 2019
ކޯޓްތަށް އެކަންޔެއް ނޫން މުޅިގައުމު ކަރަޕްޓް ވެފަ އޮތީ ކޮންމެވެރިޔެއްވެސް ބޭނުން ވަނީ އޭނަގެ ގާތްމީހުން ސަލާމަތް ކުރަން ހުވާ ކޮއްފަ މިބުނަނީ ތިބުނާ ޖުލައިމަހު ހައްޔަރު ކުރި ތީގަ ބޮޑޭ ދޫކުރީ ސަރުކާރު ތެރެ އިން ނުފޫޡް ފޯރުވައިގެން.އެކަން ކުރާނީ ތިމައްސަލަ ބަލަން ހުރި އައިއޯ.އޭނަ ދާނެ މުއްދަތު ޖަހާދުވަހު ކޯޓަށް އޭނައަށް މަތިން އޯޑަރު އައްނާނީ ދެން ގާޡީ ކާރީ އޭނަ ދައްކާ ވާހަކައެއް ދެއްކީމަ ޖެހޭނީ ދޫކޮއްލަން.އެބުނާ ބޮޑޭ އަކީ ރީނދޫ ބޮޑު އެކްޓިވިސްޓެއް
ކަރީމުއްދީން ބާޝާ
06 October 2019
މހައްލަކީ ޢުމަރު.
މުޙުއްމާ
06 October 2019
ތިމައްސަލަ ޙައްލުކުރެވޭނީ ތިތިބަ ފަޑިޔާރުން ޖަލަށްލއިގެން. ޤާނޫނުވެސް ބަދަލުކުރަން އެބަ ޖެހޭ މަސްތުވާ ތަކެއްޝާއިއެކު ހައްޔަރުކުރެވޭ ކޮންމެ މީހަކު މައްސަލަ ނިމެންދެން ޖަލުގަ ބަންދުކުރެވޭ ގޮތަށް. އަދި މައްސަލަ ނިންމަން ޖެހޭ މުއްދަތު ވެސް ކަޑައަޅަން އެބަ ޖެހޭ.
ބަނާނާ ސަރުކާރު
06 October 2019
އެއްވެސް ސަރުކާރަކަށް ލާހިކެނޫން މިކަން ހުއްޓުވާކަށް. މިކަމަކީ ސަރުކާރުތައް ގެންނަން ހަރުދުކުރާ ވިޔަފާރިވެރިން ހިންގާ ޖަރީމާއެއް.. މިއީ ވެރިންނަ ނުފޫޒު ފޯރުވާ ވިޔަފާރިވެރިޔާ ކުރާކަމެވީމަ މިކަމުގަ ސަރުކާރުތަކުން އެއްވެސްކަމެ ކުރެވެންނޯންނަނީ.. ބިއްޖެހިފައިންނަ ބަލިކުއްޖާ ހައްޔަރުކުރެވެނީ. ބިދޭސީންނާ ދޭސީން ގުޅިގެންކުރާ ބޮޑުވިޔަފާރިއެ މިވިޔަފާރީގަ ބޭރުގައުމުތަކުގެ ބޮޑުންނެތިނުދާނެ. ދެންމިތިބީ ސިޔާސީމީހުން މިއީވެސް މިކަންހުއްޓުވަން އުދަގޫކުރާބައެއް
ކޮސްގޮވާ
06 October 2019
އަސްލު ބާކައުނިސިލްއާ ބެހޭ ގާނޫނަކީ އެއިން އެއްވެސް ފައިދާއެއްކުރާ ގާނޫނެއް ނޫން. ސިވިލްކޯޓް މަސައްކަތް ކުރާތަނެއް ނުފެނޭ. މައްސަލަތައް ހުއްޓިފައި. ސުލޫކީ މައްސލަ ބެލިވަރަކަށް މިމީހުން މައްސަލަތަކުގެ މައްޗަށް އަރާއތިބެނީ.
އެމް.އޭ.ކަރީމް14
06 October 2019
ތިއީ ބަޔަކަށް އޮޅިފައި އޮތްކަމެއް ނޫން. ޕޮލިސްއަށް ވުރެ ޑީ.އީ.ޑީ ގެ ބާރު މާ ގަދަ. ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ތިކަހަލަ ބޮޑެތި އޮޕަރޭޝަންތަށް ޖައްސާފަހުރީ ސީދާ ކޯޓުން ދޫކުރާނެކަމުގެ ލޫޕްހޯލްއާއެކު.އެއީ ޑީލަރާ ނެގޯޝިއޭޓްކޮށްގެން ބޮޑު މަންފާއެއް ތި އޮޕަރޭޝަންތަކުގައި އުޅޭ މީހުން ނެގުމަށް.އަދި ތި ކަންތަކަކީ މިހާރު ސަގާފަތަކަށްވެފައި ވީނަމަވެސް އަދިވެސް ތި ކަމަށް ހައްލެއްގެނެވިފައިނުވާ ޕޮލިސްގެ ބުދު ފެއިލިއާރ އެއް.
ޑީލަރު
06 October 2019
މަ މިލިއަނުން ގެއްލުން ވާކަށް ލާރުއެއް ނުދޭނަން.