އަތްދަށުން ދިޔަ ގޮތަށް ސިއްރު ހެކި "ގެއްލިއްޖެ"؟

ދައުލަތުގެ ބެލުމުގެ ދަށުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހެއްގެ ސަބަބުން ހެކިވެރިޔަކަށް "އިގްތިސާދީ ގެއްލުމެއް" ލިބިދާނެ ކަމަށް ބުނެ ހެކިވެރިން ސިއްރު ކޮށްފައި އެބަ ހުއްޓެވެ. ހެކިބަސް ދޭ މީހާގެ ފަރާތުން ސާބިތުކުރަން ހުށަހަޅާ ކަންކަމުން އޭނާއަކީ ކާކުކަން ދައުވާ ލިބޭ މީހާއަށް އަދި އާންމުވެގެންވާ ގޮތުގައި އެންމެންނަށް އެނގެން އޮންނަ ހާލަތުގައި ވެސް، ސިއްރު ހެކިވެރިއަކަށް އޭނާ ބަދަލު ވެދާނެ އެވެ. ދެ ތިން އަހަރު ކުރިއަށް ޖެހިލާއިރު، ސިއްރު ހެކިިންގެ މައްސަލަ އޮތީ އަތްނުފޯރާ ހިސާބަށް ބޮޑުވެފަ އެވެ.


މިއީ ދެކޮޅަށް ދަމާލޭ ފުޅާ ރޮނގެއް ފަދައިން އޮތް ކަމެކެވެ. މީހުން މަދު އަދި ހެކިވެރިންގެ ފުރާނަ އާއި މުދަލަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުވާނެ ނިޒާމެއް ނެތް ތަނެއްގައި މުޖްތަމައުގެ އަމާންކަން ގާއިމް ކުރުމަށްޓަކައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި އިސްތިސްނާއީ ގޮތެއްގައި އެކަން ހުއްދަ ކުރަން ޖެހޭ ކަމަށް ދެކޭ ދެކުން އެއީ މި މައުލޫއުގެ އެއްކޮޅެވެ. ތުހުމަތުކުރެވޭ ނުވަތަ ދައުވާ އުފުލިފައިވާ ފަރާތްތަކަށް އިންސާފުވެރި ޝަރީއަތެއް ލިބުމުގެ މާނައިގެ ތެރޭގައި ހިމެނޭ، ކުށުން ބަރީއަވުމަށް ނުވަތަ ދިފާއު ބިނާކުރަން އޮތް ހައްގު އޭގެ ސަބަބުން ކޮންމެވެސް ސިފައެއްގައި ހަނިވެގެންދާ ދިއުމަކީ އޭގެ އަނެއްކޮޅެވެ.

ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ މައިގަނޑު ސިޔާސަތު ބަންޑާރަ ނައިބު މި އަހަރު އަލުން ކަނޑައެޅުއްވިއިރު، ސިއްރު ހެކިވެރިން ހުށަހެޅޭނީ ހަމައެކަނި މީހުން މެރުމާއި ޓެރަރިޒަމް ހިމެނޭ ފަދަ ޖިނާއީ ބޮޑެތި ކުށްތަކުގައި ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެންވެ، ސިއްރު ހެކިން ހުށައެޅުމުގެ ޝަކުވާއަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް މިހާރު އޮތީ އައިސްފަ އެވެ.

ޖިނާއީ މައްސަލަތަކުގައި ކާކުކަން ނޭނގޭ ގޮތަށް، ސިއްރުން ހެކިބަސް ނަގަމުން ފުރަތަމަ އައީ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އުސޫލެއް ވިޔަސް ނެތީސް، މުއައްސަސާތަކުން އަމިއްލައަށް ފެނިގެންނެވެ. އެ އިޖުރާއާތަށް ކޮންމެވެސް ވަރެއްގެ ގާނޫނީ ބިނާއެއް ލިބުނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގިދާނެ ކަމަށް، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައެޅި ޕްރެސީޑެންޓެއްގެ ދަށުންނެވެ. އެއީ ޖިނާއީ އިޖުރާއާތުގެ ގާނޫނު އައުމާ ހަމައަށެވެ. އެކަމަކު އެ ގާނޫނު އައުމަށް ފަހު މިހާރު ކުރިމަތިވެފައި މި އޮތީ ވަރަށް އާދަޔާ ޚިލާފް ހާލަތެކެވެ.

މަޖިލީހުން ހަވާލާ ދިނީ ވުޖޫދުގައި ނެތް އެއްޗަކަށް

ޖުލައި، 2017 ގައި އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގެ އާންމު އުސޫލަކީ ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް އަދި ދައުވާ ލިބޭ މީހުންނާ އެއް ހާޒިރަކަށް ހެކިވެރިން ގެނެސްގެން އެ މީހުންގެ ހެކިބަސް ނެގުމެވެ. އެކަމަކު ދައުލަތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދެވޭނެ އުސޫލެއް ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.

އެ މާއްދާގެ ހ. ގައި ވަނީ "ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކިން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ ހ. ގައި ބަޔާން ކޮށްފައިވީ ނަމަވެސް، ގާނޫނު ނަމްބަރު 24/76 (ހެއްކާ ބެހޭ ގާނޫނު) ގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ،" މިފަދައިންނެވެ.

އެ މާއްދާ ވަރަށް ސާފެވެ. ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގިދާނެ ކަމަށް ބަޔާންކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ އޮންނަ އުސޫލުތަކުގެ ދަށުންނެވެ. ނަމަވެސް އެ މާއްދާގައި ހަވާލާދޭ ހެއްކާ ބެހޭ ގާނޫނުުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ އެއްވެސް އުސޫލެއް ބަޔާން ކޮށްފައެއް ނެތެވެ. މައްސަލަ ދިމާވަނީ މިހާ ހިސާބުންނެވެ.

މީގެ 40 އަހަރު ކުރިން ހަދާފައިވާ ހެއްކާ ބެހޭ ގާނޫނުގައި އޮތީ އެންމެ ހަތް މާއްދާ އެވެ. އެއީ ވެސް ހެކި ބަލައިގަތުމާ ގުޅޭ ގޮތުންނެވެ. ކޮންމެ ގާނޫނަކީ ވެސް އެ ޒަމާނަކަށް ފެތޭ ގޮތަށް ހަދާ އެއްޗަކަށް ވާތީ، 1976 ގައި ހެއްކާ ބެހޭ ގާނޫނު ހެދިއިރު ސިއްރުން ހެކިބަސް ނެގުމުގެ އުސޫލުތަކެއް އެ ގާނޫނުގައި ލިޔުމުގެ ބޭނުމެއް އޭރު ނޯންނާނެ ކަން އެންމެ އާދައިގެ މީހާއަށް ވެސް އެނގޭނެ އެވެ.

ކްރިމިނަލް ކޯޓުގަައި ޝަރީއަތްކުރާ މާލަމެއް -- ފޮޓޯ/މިހާރު

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 މާއްދާގެ ހ. ލިޔުނުއިރު އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މިކަން އެއްވެސް މިންވަރަށް ވިސްނައެއް ނުލެވުނެވެ. މި ޒަމާނާ އެއްވެސް ވަރަކަށް ނުގުޅޭ އަދި "މުސްކުޅި ވެފައިވާ" ހެއްކާ ބެހޭ ގާނޫނުގައި ހުރީ ކޮން ވާހަކަތަކެއްތޯ އެންމެ ކުޑަމިނުން ބަލައިލެވުނު ނަމަވެސް، މި މައްސަލަ މިގޮތަށް ނުކުތުމުގެ ފުރުސަތު ނެތީހެވެ. ނަތީޖާއަކަށް މިހާރު މިވަނީ އަމަލު ކުރުން މުސްތަހީލް (އިމްޕޮސިބްލް) ކަމަކަށް ވެފައިވާ މި މާއްދާގެ ސަބަބުން، ސިއްރުން ހެކިބަސް ނެގުމުގެ އިޖްރާއާތު އެކީ އެކަށް ހުއްޓުވުމަކަށް ގެނެވިދާނެ ފަދަ ދޮރެއް ހުޅުވިފައި އޮތުމެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނު ފާސްކުރިއިރު ހެއްކާ ބެހޭ އާ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ބިލެއް އޭރު މަޖިލީހުގައި އޮތެވެ. ސިއްރުން ހެކިބަސް ނެގުމާ ބެހޭ އުސޫލުތަކާއި ހެކިންނަށް ރައްކާތެރިކަން ދިނުމުގެ އުސޫލުތަކެއް އެ ބިލުގައި ހިމަނާފައިވެ އެވެ. އެކަމަކު އެ ބިލް ފާސްނުކުރެވި އޮއްވާ 18 ވަނަ މަޖިލީހުގެ ދައުރު ނިމި، ބިލް ވެސް އުވިގެން ދިޔައީ އެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށިތާ މިހާތަނަށް ދެ އަހަރު ވީއިރު ވެސް، އޭގެ 149 ވަނަ މާއްދާގެ ހ. އަށް އިސްލާހެއް ނުގެނެ އެވެ.

މިހާރުގެ ހާލަތާއި ހުއްޖަތު

ގާނޫނުގެ އެ މާއްދާ އޮތް ގޮތުން މައްސަލަ ކުރިމަތިވެފައި އޮތަސް، އެ ގާނޫނު އައި ފަހުން ވެސް ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުން ހުއްޓާލާފައެއް ނެތެވެ. ބޮޑެތި މައްސަލަތަކުގައި މިހާރު ވެސް ސިއްރުން ހެކިބަސް ދަނީ ނަގަމުންނެވެ. މިކަން ބައެއް މައްސަލަތަކުގައި ވަކީލުން ފާހަގަކުރެއްވުމުން، އެކަން ކުރަން ގާނޫނީ ހުރަހެއް ނެތް ކަމަށް މިހާތަނަށް ދައްކަމުންދާ ގާނޫނީ ހުއްޖަތަކީ ސިއްރުން ހެކިބަސް ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި އޮތް އޮތުމެވެ. ދައުލަތުން ވެސް މި މިހާތަނަށް ދައްކާ މައިގަނޑު އެއް ހުއްޖަތަކީ އެއީ އެވެ.

ސިއްރުން ހެކިބަސް ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ހައި ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައި އެބަ އޮތެވެ. އެ މައުލޫއުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މިހާތަނަށް ނެތަސް، ސިއްރު ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވެފައި ތިބި މީހުންގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި އެބަ ހުއްޓެވެ. އެކަމަކު މިދެންނެވި ނިންމުންތައް ނިންމާފައި އޮތީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިންނެވެ.

އަނެއްކޮޅުން، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ ށ. ބުނާ ގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، އެ ގާނޫނުގެ ކުރިން އަމަލުކުރި އާންމު ޖިނާއީ އިޖްރާއާތާ ގުޅޭ ހުރިހާ އުސޫލުތަކެއް ބާތިލްވެގެން ދިޔައީ އެވެ. އޭގެ މާނައަކީ ސިއްރުން ހެކިބަސް ނެގުން ވެސް ހިމެނޭ ގޮތުން ކަނޑައަޅާފައި ހުރި އުސޫލުތަކެއްގެ މައްޗަށް އެ ގާނޫނު މިހާރު އިސްވެފައިވާ ކަމެވެ. އެހެންވުމުން ނެތި ގޮސްފައި އޮތް އުސޫލަކަށް ބިނާކޮށް، ދައްކާ ހުއްޖަތެއްގެ ގާނޫނީ ބުރަދަނެއް އޭގެ ޒާތުގައި ނޯންނާނެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ހައި ކޯޓުން ނިންމި ބައެއް ގަޒިއްޔާތަކުގައި ވެސް، ސިއްރުން ހެކިބަސް ނެގިދާނެ ކަމަށް އެ ކޯޓުގެ ކުރީގެ ގަޒިއްޔާތަކެކޭ އެއްގޮތަށް ނިންމާފައި އެބަހުއްޓެވެ. ނަމަވެސް އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ހ. ގެ ގާނޫނީ ސައްހަކަން (ލީގަލިޓީ) އާ މެދު ގޮތެއް ކަނޑައަޅައި އަދި އެއީ ބާތިލް މާއްދާއެއް ކަމަށް ކަނޑައެޅުމަށް ފަހު ނިންމާފައި ހުރި ނިންމުންތަކެއް ނޫނެވެ. އަދި އެ މާއްދާއަށް އެހެން ތަފްސީރެއް ނުވަތަ މާނަކުރުމެއް ވެސް ދީފައި ހުރި ނިންމުންތަކެއް ނޫނެވެ. އެ ގަޒިއްޔާތަކުގައި ވެސް އެކަން ކުރެވިދާނެ ކަމަށް ބުނާ ހަމައަކީ އެއީ ރާއްޖޭގައި ކުރިން ވެސް އަމަލު ކުރާ އަދި ކޯޓުތަކުން ބަލައިގެންފައިވާ އުސޫލެއް ކަމަށް ވާތީ އެކަމުގެ މައްޗަށް ބިނާކޮށެވެ.

އަވަސް ފަރުވާއެއް ދެވޭ ވަރަށް ވުރެ "ވަރުގަދަ"

މި މައްސަލައަށް އަވަސް ނުވަތަ ފަސޭހަ ގޮތަކަށް ފަރުވާއެއް ލިބެން އޮތީ ދެ ގޮތަަކުންނެވެ. އެއް ގޮތަކީ ގާނޫނުގެ އެ މާއްދާ ހައި ކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލް ކުރުމެވެ. އެކަމަކު އެކަން އެގޮތަށް ކުރެވޭނީ ބަންޑާރަ ނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކަން ހުށަހަޅައިގެންނެވެ. ދެވަނަ ގޮތަކީ ބަލަމުންދާ މައްސަލައެއްގެ ތެރެއިން އެ މާއްދާއަށް މަތީ ކޯޓަކުން މާނަކުރުމެއް ނުވަތަ ތަރުޖަމާއެއް ދިނުމެވެ.

މީހުން ހައްޔަރުކުރެވޭނީ "ޔުނިފޯމް އެޅި" ފުލުހެއް ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮތް މާއްދާގެ ސަބަބުން ގާނޫނީ ގޮތުން އުފެދުނު ޚިލާފްތަކަށް ވެސް ހައްލެއް ހޯދައި ދިނީ ހައި ކޯޓުން އެ މާއްދާއަށް މާނަކުރުމެއް ދީގެންނެވެ. އެކަމަކު އެ މަގުން މި މާއްދާއަށް މާނަކުރުމެއް ދީގެން ހައްލެއް ހޯދަން ބަލާއިރު، އެ ހާލަތާއި މި ހާލަތު ވަރަށް ބޮޑަށް ތަފާތެވެ.

މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ޅ. ބުނާ ގޮތުން ގާނޫނެއްގައި ޖުމްލައެއް ނުވަތަ ބަހެއް ބޭނުން ކޮށްފައިވަނީ ގިނަ މާނައެއް ދޭހަނުވާ ގޮތަށް އަދި ސާފު އަދި ސާދާ ގޮތަކަށް ކަމަށް ވާ ނަމަ، އެ ޖުމްލައެއް ނުވަތަ އެ ބަހެއް އެ ގާނޫނެއްގައި އޮތީ މަޖިލީހުން އެކަން ކުރަން ބޭނުންވި ގޮތަށް ކަމަށް ނުވަތަ މަޖިލީހުގެ ނިޔަތަކީ އެކަން އެގޮތަށް ބޭއްވުން ކަމަށް ބަލަން ޖެހޭނެ އެވެ. އޭގެ ބޭނުމަކީ ގާނޫނު ހެދުމުގައި މަޖިލީހުގެ ވިސްނުމުގައި ހުރި ކަންކަމަށް ވުރެ ބޭރަށް ނުވަތަ ދުރަށް އަދި މަޖިލީހުގެ ވިސްނުމަށް ވުރެ މާ ހަނި ދާއިރާއެއްގައި އެ ގާނޫނެއް ހިންގަން ފުރުސަތު ނުދިނުމެވެ.

މަޖިލީހުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ލިޔެފައި އޮތީ އެއަށް އިތުރު މާނަކުރުމެއް ނުވަތަ ތަރުޖަމާއެއް ނުދެވޭނެ މިންވަރަށެވެ. އެއްވެސް އޮޅުމެއް ނާރާނެ ފަދަ އެހާ ސާފު އިބާރާތަކުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވަރަށް "ވަރުގަދަ" ކޮށެވެ. އެހެންވެ، އެ މާއްދާ ލިޔެފައި އެ އޮތީ މަޖިލީހުން ބޭނުންވި ގޮތަށް ކަމަށް ނުވަތަ މަޖިލީހުގެ ވިސްނުމަކީ އެއީ ކަމަށް މިހާރު އެބަ ބަލަން ޖެހެ އެވެ.

ގާނޫނު އޮތް ގޮތުން އެ މާއްދާއަށް އަމަލު ކުރެވެން ނެތަސް، އަދި އެ މާއްދާ އޮތް ގޮތުން ނުކުންނަނީ ދެކޮޅު ނުޖެހޭ ނަތީޖާއެއް ކަން ފާޅުކޮށް އެނގެން އޮތަސް، މިވަގުތު އޮތް ހަމައެކަނި ހައްލަކީ އެ މާއްދާ އެކީގައި ބާތިލްކުރުން ނުވަތަ މަޖިލީހުން އެ މާއްދާ އިސްލާހު ކުރުމެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކޮށްފައެއް ނެތެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މާއްދާ އޮތް ގޮތުން ސިއްރުން ހެކިބަސް ނަގަން ޖެހޭ ފަދަ ބޮޑެތި މައްސަލަތަކުގައި އެގޮތަށް ހެކިބަސް ނެގުމަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވާނެ އެވެ. ސިއްރުން ހެކިބަސް ނެގުމަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމަށް ކަނޑައަޅައި، މަތީ ކޯޓުތަކުން މައްސަލަތައް ނިންމާފައި ހުއްޓަސް، އެ މާއްދާއަށް އެހެން މާނަކުރުމެއް މަތީ ކޯޓަކުން ދީފައި ނެތް ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ. އެ މައްސަލަ ހައްލު ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކަށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އެޓާނީ ޖެނެރަލް ވިޔަސް، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅައި، އެ މާއްދާ ބާތިލްކޮށްގެން ނަމަވެސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއް މިއީ. އެއީ އެންމެންނަށް ވެސް އެބަ އެނގޭ އެއީ އަމަލު ކުރެވެން ނެތް މާއްދާއެއް ކަން މިހާރު ގާނޫނު އޮތް ގޮތުން،" ޖިނާއީ ބޮޑެތި މައްސަލަތަކެއްގަައި ކުރިން ދައުލަތުގެ ފަރާތުން ވެސް ވަކާލާތުކުރެއްވި ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ މާއްދާ އެގޮތުގައި ދެމި އޮތްހާ ހިނދަކު ސިއްރު ހެކިންގެ ހެކިބަސް ނަގަންވާނީ އެ މާއްދާއާ މެދު ކޮންމެވެސް އެއް ގޮތެއް ނިންމުމަށް ފަހު އެވެ. ގާނޫނު އަސާސީ ފިޔަވައި ދެން އެންމެ އިސްވެގެން އަންނަނީ މަޖިލީހުން ފާސްކުރާ ގާނޫނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިއްރުން ހެކިބަސް ނެގުމަކީ އިސްތިސްނާ ބައެއް ހާލަތްތަކުގައި ހުއްދަ ކުރެވޭނެ ކަމެއް ކަން ޖިނާއީ އިޖްރާއާތުގެ ގާނޫނުން ވެސް ސާފުކޮށް އެ އޮތީ ފެންނާށެވެ. ގާނޫނުގައި އެ މާއްދާ ލިޔެފައި އޮތީ އެ ބޭނުމުގަ އެވެ. ނަމަވެސް މިހާރު އެ މާއްދާ މި އޮތީ އެ ބުނާ ފަދަ، އިސްތިސްނާ ހާލަތުގައި ވެސް އެކަން ނުކުރެވޭނެ ފަދަ ގޮތަކަށެވެ. ބޮޑު މައްސަލައަކަށް މިކަންވުމުގެ ކުރިން އެއަށް ގާނޫނީ ގޮތުން ކޮންމެވެސް ހައްލެއް ހޯދަން އެބަ ޖެހެ އެވެ.