ރިޕޯޓް / ބަލިތައް

ނައްތާލާފައިވާ ބޮޑެތި ބަލިތައް އަނެއްކާވެސް ފެނިދާނެތަ؟

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ: ނުރައްކާތެރި ބޮޑެތި ބަލިތަކެއް ވެކްސިން ޖަހައިގެން ރާއްޖޭގައި ވަނީ ކޮންޓްރޯލްކޮށްފައި

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ލެޕްރަސީ ނުވަތަ ޖުޒާމް ބަލި އަނެއްކާވެސް ފެތުރެމުން ދާ ކަމަށް މިދިޔަ ހަފުތާގައި އާއްމުވުމާ އެކު ގިނަ ބަޔަކަށް ސިހުން ލިބުނެވެ. އެއީ ތެދު ޚަބަރެއް ނޫން ކަމަށް، ކަމާ ބެހޭ އިދާރާތަކުން ފަހުން ޔަގީންކޮށްދިން ނަމަވެސް އާންމުންގެ މެދުގައި ޝައްކުތަކެއް އުފެދުނެވެ. ރާއްޖޭން އެއްކޮށްހެން ނުވަތަ ވަރަށް ބޮޑަށް ފޮހެލާފައިވާ މިފަދަ ނުރައްކާތެރި ބަލިތައް އަލުން ފެތުރުމުގެ ފުރުސަތު އޮތްތޯ ސުވާލުކޮށް ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ނުރައްކާތެރި ބޮޑެތި ބަލިތައް ރާއްޖޭގައި ވަނީ ކޮންޓްރޯލްކޮށްފަ އެވެ. މަދިރީގެ ސަބަބުން ޖެހޭ މެލޭރިއާ އާއި ފައިލޭރިއާ އަދި ޕޯލިއޯ ރާއްޖޭން މުޅިން ނައްތާލާފައިވާއިރު، އެ ލިސްޓަށް އެންމެ ފަހުން އިތުުރުވީ މީސަލްސް ނުވަތަ ހިމަބިއްސެވެ. ރުބެއްލާ އާއި ލެޕްރަސީ ވެސް ކޮންޓްރޯލްކޮށްފައިވާއިރު، މަންމަގެ ފަރާތުން ދަރިފުޅަށް އަރާ އެޗްއައިވީ އަދި ސިފިލިސް ވެސް ވަނީ އެލިމިނޭޓްކޮށްފަ އެވެ. އެކަމަކު މި ބަލިތައް އެހެން ގައުމެއްގައި އުޅޭހާ ހިނދަކު، ރާއްޖެއަށް ވެސް އަނބުރާ އައުމުގެ ފުރުސަތު އެބަ އޮތެވެ.

ރޯގާއެއް ފެތުރުނު ދުވަސްވަރެއްގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔޫގައި

ފޮހެލި ބަލި ކައިރި ގައުމުގައި، ފާރަވެރިވާން ޖެހޭ!

ބަލި މަދުކުރުމުގައި ތިން ގޮތަކަށް ބަލަ އެވެ. އެއީ ކޮންޓްރޯލް ކުރުމާއި އެލިމިނިޓޭޓް ކުރުން ނުވަތަ ބައްޔެއް އެ ގައުމަކުން ފޮހެލުމާއި އިރެޑިކޭޝަން ނުވަތަ ބަލި މުޅި ދުނިޔޭން ނައްތާލުމެވެ.

ކޮންޓްރޯލްވީ ކަމަށް ބަލަނީ ވަކި ވަރަކަށް ވުރެ މަދުން އެ ބަލި ފެންނަ ނަމަ އެވެ. ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ މި ފަދަ ގިނަ ބަލިތައް ހިމެނެ އެވެ.

ކަށިވިދުރި އާއި ޕޯލިއޯގެ ޓައިޕް-2 އާއި ޓައިޕް-3 މުޅި ދުނިޔޭން ފޮހެލާފައިވާއިރު އެ ބަލީގެ ޓައިޕް-1 އަދިވެސް ބައެއް ގައުމުތަކުން ފެނެ އެވެ. ވައިރަސްއަކުން ޖެހޭ އަދި ފަސޭހައިން ގައިން ގަޔަށް އަރާ ބަލި، އެންމެ ފަހުން އަވަށްޓެރި ޕާކިސްތާނުންނާއި އަފްޣާނިސްތާނުން ވަރަށް ގިނައިން ފެނުނެވެ.

ގަވައިދުން ޕޯލިއޯ ވެކްސިން ޖަހަން ފެށުމުގެ ސަބަބުން ރާއްޖޭން ޕޯލިއޯ ބަލި ނުފެންނަތާ މިހާރު ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ އެވެ. އެކަމަކު ޕާކިސްތާނާއި އަފްޣާނިސްތާނުން ރާއްޖެއަށް އަންނަ މީހުންގެ ސަބަބުން އަދި އެ ގައުމުތަކަށް ދާ ދިވެހިންނަށް އެ ވައިރަސް އެރުމުގެ ފުރުސަތު އެބަ އޮތެވެ. ޕޯލިއޯ ވެކްސިން ޖެހުމުގެ ސަބަބުން އެ ބަލިން ދިފާއުވެވުނު ނަމަވެސް، ވެކްސިން ނުޖަހާ މީހުންނަށް އަދި ދިފާއީ ނިޒާމު ދަށް ބަލި މީހުންނަށް ބަލި ޖެހުމަކީ ވެދާނެ ކަމެކެވެ.

ޑރ. ފައިސަލް ކުރައްވާފައިވާ ޓްވީޓެއް

ހިމަބިހި ނައްތާލާފައިވާ ކަމުގެ ސެޓްފިކެޓް 2017 ގައި ރާއްޖެއަށް ލިބިފައިވީ ނަމަވެސް، އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝްގައި އެ ބަލި ގިނަ އެވެ. އެހެންވެ، އެ ގައުމުތަކުން އަންނަ މީހުންގެ ފަރާތުން މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އެބަ އޮތެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ، 10 އަހަރުން ދަށުގެ 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހެ އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ރާއްޖޭން ބަލި ފޮހެލި ނަމަވެސް، އެހެން ގައުމެއްގައި އެ ބަލި އުޅޭހާ ހިނދަކު، އެ ބައްޔަށް ގަވައިދުން ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގައިން ކުދި ބިހި ނަގާފައި ހުން އައުން ހިމެނޭއިރު މިއީ ޑެންގީ އާއި ބައެއް އެހެން ބަލިތަކުން ވެސް ފެންނަ އަލާމާތެކެވެ. އެކަމަކު އެފަދަ ހާލަތެއްގައި ހިމަބިއްސަށް ވެސް ޓެސްޓު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިމަބިހި ރާއްޖޭން ނައްތާލެވިއްޖެއޭ ކިޔާފައި އަޅުގަނޑުމެންނަށް ފަރުވާކުޑައެއް ނުކުރެވޭނެ. އިންޑިއާ އާއި ބަންގްލަދޭޝް އިން އަންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް އިރު، ވެކްސިން ނުޖަހާ މީހުންނަށް މި ބަލި ޖެހިދާނެ،" ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވި އެވެ.

"ޕޯލިއޯ ވެސް ހަމަ މިހެން. ކުޑަކުއްޖަކު ނުހިނގިގެން އުޅޭ ނަމަ ޕޯލިއޯއަށް ޓެސްޓު ކުރަން ޖެހޭނެ."

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި މިއީ އަޅާނުލައި ދޫކޮށްލައިފި ނަމަ އައުޓްބްރޭކަކަށް ވެދާނެ ފަދަ ބަލިތަކެވެ.

ރާއްޖެ އަކީ ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރާ ގައުމެކެވެ. އެކަމަކު މި ހޭދަތައް ކުރަނީ އެންމެ ރަނގަޅު ދާއިރާތަކަށްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ބަލި ފެތުރެމުން ދޭތޯ ގަވައިދުން ޓެސްޓު ކުރުން ފަދަ ޕްރޮގްރާމްތައް ހިންގުމަށް މީހުންނާއި އެކަށޭނަ ވަސީލަތްތަކާއި ބޮޑު ބަޖެޓެއް ބޭނުންވާއިރު އެކަންކަން ގަވައިދުން ކުރޭތޯ ސުވާލު އުފައްދަ އެވެ.

ޑރ. ފައިސަލް ވިދާޅުވީ މި ފަދަ ޓެސްޓުތައް ހަދައި، ޑޭޓާ އެކުލަވާލުމަށް އަހަރުތަކެއް ވެސް ނަގާފާނެ ކަމަށެވެ. ނަމަވެސް އެއީ ކުރުން މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމްއަށް ބިނާވެފައި އޮންނައިރު، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ ސިއްހީ ހާލަތަށް ޓޫރިސްޓުން ވެސް ބަރޯސާ ވާނެ އެވެ.

"މިއީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ކަމެއް ނޫން. [ބައްޔެއް ފެތުރޭ ނަމަ] ޓޫރިޒަމަށް ވެސް އަސަރު ކުރާނެ. އެކަމަކު މި ފަދަ ޕްރޮގްރާމްތައް ހިންގުން ކިހާ މުހިއްމު ކަމެއްކަން ގިނަ މީހުންނަކަށް ނޭނގެ. އެހެންވެ، ގިނަ ފަހަރަށް ވަރަށް ލިމިޓެޑް ވަސީލަތްތަކާ އެކުގައި އެކަން އެ ކުރަނީ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކުޑަ ކުއްޖެއްގެ ގަޔަށް ވެކްސިން ޖަހަނީ: ބައެއް ބަލިތައް ނައްތާލައި، ކޮންޓްރޯލްކުރެވުނީ ވެކްސިންގެ ސަބަބުން --ފޮޓޯ/މިހާރު

ރާއްޖޭގައި ޕޯލިއޯ ނެތްކަން އަދިވެސް ކަށަވަރުނުވަނީތޯ އަހައި މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެ ބަލި ރާއްޖޭގައި ނެތްކަން ކަށަވަރު ކުރަނީ 15 އަހަރުން ދަށުގެ ކުއްޖެއް ވާގިނެތި، ނުހިނގި އުޅޭ ނަމަ އެ ކުއްޖާގެ ބޮޑުކަމުދާ ތަކެތި ސްރީ ލަންކާއަށް ފޮނުވައިގެން، ޕޯލިއޯ ވައިރަސް ހުރިތޯ ތަހުލީލުކޮށްގެން ކަމަށެވެ. އަދި މި ތަހުލީލުތަކަށް ހޭދަވާ ހަރަދު، ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު، ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭން ނައްތާލާފައިވާ ނުވަތަ ކޮންޓްރޯލްކޮށްފައިވާ ބަލިތައް އަނބުރާ އަތުވެދާނެ ކަމަށް އަބަދުވެސް ތައްޔާރަށް ތިބޭ ކަމަށެވެ. އަދި ރާއްޖޭން ބޭރުން އަންނަ ދިވެއްސެއްގެ ފަރާތުން އެ ފަދަ ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ. އެކަން އަވަހަށް ދެނެގަނެ ފިޔަވަޅު އަޅާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މީސަލްސް ނުވަތަ ރުބެއްލާ އަށް ޝައްކު ނުކުރެވުނަސް، ހުން އައިސް ބިހި ނަގާ ނަމަ، އަޅުގަނޑުމެން ސާމްޕަލް ނަގައިގެން އެ ބަލިތަކަށް އެބަ ޓެސްޓު ކުރަން. އެ ފަދަ ބައްޔަކަށް ކުރިން ޑިޓެކްޓް ކުރެވި ފިޔަވަޅު އަޅައިފި ނަމަ، ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ،" ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ނުޖެހުމާއި ބިދޭސީންގެ ސިއްހީ ހާލަތު ނުބެލުން، ނުރައްކަލެއް!

ޕޯލިއޯ އާއި މީސަލްސް ފަދަ ބަލިތައް ރާއްޖޭން ފޮހެލީ އެކަމަށް ހާއްސަ މަޝްރޫއުތައް ހިންގައިގެން، ވެކްސިން ޖަހައިގެންނެވެ. މި ބަލިތަކުން ދިފާއުވުމަށް ކޮންމެ ތުއްތު ކުއްޖަކަށް ވެސް ވެކްސިން ޖެހުން މަޖުބޫރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު ފަހަކަށް އައިސް ވެކްސިން ނުޖަހާ ކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދައްކައި، އެކަން ޕްރޮމޯޓް ކުރާ މީހުން ވެސް އުޅެ އެވެ.

މިއީ ނުރައްކާތެރިކަމުގެ އިންޒާރެއް ކަމަށް، ކަމާ ބެހޭ އިދާރާތަކުން ދެކެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހި ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކުރިއަށް އޮތް ތަނުގައި ރަނގަޅު މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ ވެކްސިންގެ މައްސަލަ ގޮންޖެހުމަކަށް ވެދާނެ ކަމަށެވެ. އަދި ވެކްސިން ނުޖެހުމުގެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖެހުމަށް ބައެއް މީހުން ދެކޮޅު ހަދާ

ވެކްސިންއާ ގުޅޭ ގޮތުން އާއްމުންނަށް މައުލޫމާތު ދިނުމަށް، އެޗްޕީއޭއިން މިހާރު ވަނީ ކޮމިއުނިކޭޝަން ޕްލޭނެއް އެކުލަވާލައިފަ އެވެ. އޭގެ ދަށުން، ހެލްތު ވޯކަރުން ޓްރެއިން ކުރަމުން އަންނައިރު، ވެކްސިންއާ ގުޅޭ ރަނގަޅު މައުލޫމާތު އެ މީހުން އާއްމުންނަށް ދޭނެ އެވެ. އަދި އެ ޕްލޭނުގެ ދަށުން، ރަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެ އަންނަ ބިދޭސީން މެޑިކަލް ޓެސްޓެއް ހެދި ނަމަވެސް، އެއީ އެ މީހުންގެ ގައިގައި ހުރެދާނެ ނުރައްކާތެރި ބަލިތައް އެންމެ ރަނގަޅަށް ފާހަގަކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ، ރާއްޖެ އަންނަ ބިދޭސީން، ހިމަބިއްސާއި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިން ޖަހައިގެން އައުމަށް، ބައެއް ސިއްހީ ޖަމާއަތްތަކުން ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ. އެކަމަކު އެކަން ސަރުކާރުން އަދި ތަންފީޒެއް ނުކުރެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ބަލިތަކުން ރައްކާތެރިވުމަށް، ބިދޭސީން އެމްއާރު ވެކްސިން ޖަހަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑެތި ބަލިތައް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހެ އެވެ. އެގޮތުން ރާއްޖޭގެ ސަވައިލަންސް ސިސްޓަމް ވަރުގަދަ ކުރުމާއި ވެކްސިން ދޭ ރޭޓު މަދުވިޔަ ނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

މި ސަރަހައްދުގެ ގައުމުތަކާ ބަލާއިރު، ސިއްހީ ދާއިރާއިން ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ނުރައްކާތެރި ބޮޑެތި ބަލިތައް ކޮންޓްރޯލްކޮށްފައިވެ އެވެ. އެހެން ގިނަ ބަލިތައް ނައްތާލަން ގައުމީ ފެންވަރުގައި ވަނީ އަމާޒު ހިފާފަ އެވެ. އެކަމަކު ހަމަ އެއާ އެކު، އެ ބަލިތައް އަނބުރާ ފެތުރުނަ ނުދިނުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ.

22 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަދުގަނޭ

31 October 2019

މިތަނުން އެއްވެސް ފޮޓޯ އެއްގައި ނެތް އަތުގަ އަންގި ލައްވާފައެއް. ޕްރޮފެޝަނަލް މީހުން އަންޕްރޮފެޝަނަލް ވީމަ ވަރަށް ލަދު ގަނޭ. ވަރަށް ހަޑި، ކިޔެވި އެއްޗެއްސާ އެއްގޮތައް އަމަލު ކުރޭ.

The name is already taken The name is available. Register?

ޝަހީމް ޢަލީ

28 October 2019

އިންސާނާގެ ނަފްސާއި ހަށިގަނޑާއި ފުރާނައަށް ގެއްލުންލިބޭ އެކިއެކި ބޮޑެތި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲ އަށް ދުޢާ ދެންނެވުމަށް މިއުންމަތުގެ ނަބިއްޔާ ޞައްލައްލާހު ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވާފައި ވެއެވެ. " ބަރަޞް ބައްޔާއި ޖުޛާމް ބައްޔާއި، ނުރައްކާތެރި ބަލިތަކުން މިއަޅާ ސަލާމަތްކުރައްވާނދޭވެ!" އަދި ގައިންގަޔަށް އަރާ ޠާޢޫނު ފަދަ ވަބާއެއް ފެތުރިފައިވާ ތަނަކަށް ނުދިއުމަށް ވެސް މިފުރިހަމަ ދީނުގެ އިރުޝާދު ތަކުގައި އައިސްފައިވެއެވެ.

The name is already taken The name is available. Register?

ތަރުމޯޒު މިތުރާ

28 October 2019

އަނެއްކާ އަނެއް ވާހަކަ. އިންޑިއާއިން ޕޯލިއޯ ނައްތާލިޔަސް އަހަރަކު 40،000 މީހުންނަށް ޕޮލިއޯ ކަހަލަ ވާގިނެތޭ ބަލި ޖެހޭ. އެއަށް ކިޔަނީ އެކިއުޓް ފްލެޑިސް ޕެރަލިސިސް. އެ ބަލި ޖެހެނީ މިއުޓޭޓް ވެފައިވާ ޕޯލިއޯ ވައިރަސް އަކުން. އަދިވެސް ވެކްސިނޭ ކިޔާ އެެއްޗެކޭ މީއްޗެކޭ ކިޔާ.

The name is already taken The name is available. Register?

ދޭސީ

28 October 2019

ރާއްޖޭގައި ވަރަށްބޮޑައް ކޮންޓްރޯލް ކުރެވިފަ އޮތް ބައްޔެއް ޓީބީ އަކީވެސް. އެކަމަކު މިހާރު ވަރަށް ގިނަ. ބަންގްލަދޭޝްގަ ޓީބީ އަކީ ވަރަށް އާއްމު ބައްޔެއް. އަދި އެމީހުން މިގައުމުގަ ކެއްސާ ކުޅުޖަހާކަށް ވަކި ތަނެއްނޯވެ. އެގޮތައް ހަމަ ހެޕަޓައިޓިސްވެސް. ހެލްތު މިނިސްޓްރީން މެޑިކަލް ހައްދާ ތަންތަން މޮނިޓާ ނުކުރެވި ބޮޑުވިޔަފާރިއަކަށް އެކަންވެ ކްލިނިކްތަކުން ހިތުހުރި ގޮތަކަށް މެޑިކަލް ހެއްދިޔަސް ގަބޫލު ކުރޭ.

The name is already taken The name is available. Register?

މިރު

30 October 2019

ދުވާރު މައްޗައް ކުޅުޖެހުން މަނާ ކުރަން ވެއްޖެ މިހާރު

The name is already taken The name is available. Register?

ހަސަދު

28 October 2019

އެބަލިތަށް ނައްތާ ލެވުނީ ބަޔެއްގެ ވަރަށް އިޚްލާސްތެރި ބުރަ މަސައްކަތުން. މިހާރު މިފެންނަނީ ވައްކަމާ، ޚިޔާނާތާ ދިމާ އަށް ދުވާ ވެރިން ތަކެއް. ވީމާ ދެން ނައްތާލެވުނު ބަލިތައްވެސް އަނެއްކާ ފެންނަން ފަށާނެ، އަދި ގައުމު ދުވަހުން ދުވަހަސް ފަހަތަށް ދާ ތަންވެސް ފެންނަން ފަށާނެ.

The name is already taken The name is available. Register?

އެޑްމުންޑޯ

28 October 2019

ސިއްޙީދާއިރެާ ރަގަޅުކުރަން ބޭނުންނަމަ ސިޔާސީ ކުޅިގަނޑު މިދާއިރާ ނުވައްދާ ސިއްޙީދާއިރާ ސިޔާސީ ނުފޫޒުން މިނވަން ކުރަންޖެހޭ ، މިދާއިރާގެ އިސްމަގާމްތަކަށް ސިޔާސީ ޖާހިލުން ލުމުގެ ބަދަލުގައި އިއުލާންކޮށްގެން ގާބިލު ކިޔަވާގެންތިބި ރަގަޅު ތައުލީމީ ޒުވާނުންނަށް މަގާމްތަކަށޤ އައުމުގެ ފުރުސަތުދޭނެޖެހޭ

The name is already taken The name is available. Register?

މަގޭޔުސްރާ

28 October 2019

ފެނިދާނެ ބަންގާޅުން ގެނެސް އެލީމަ ފެނިދާނެ

The name is already taken The name is available. Register?

ކޮރޮސް

28 October 2019

ވެކްސިން ޖަހާ ވަރަށް ބަލި ތައް ހައްތަ އިތުރުވަނީ. އޮޅުވާލަން ނޫޅޭ. ރާއްޖޭގައި އޯޓިޒަމް ރޭޓް ހީވެސް ނުކުރާ ވަރަށް މައްޗަށް ވަނީ ގޮސްފަ

The name is already taken The name is available. Register?

ދަ އެޕްލް

28 October 2019

އޯޓިޒަމް އަކީ ބައްޔެއްނޫން. މައުލޫމާތު ސާފުކޮށްލުން އެދެމެވެ.

The name is already taken The name is available. Register?

ޔޫލް

28 October 2019

އޯޓިޒަމްއަކީ ބައްޔެއް ނޫނަސް އެއީ ނުކުޅެދުންތެރިކަމެއް. އޭގެ ސަބަބުން މުޅި އާއިލާއަށް އަސަރުކުރޭ. ކުއްޖާގެ މުސްތަގުބަލު އެ ހަލާކުވީ. އޭއްޗެކޭ މީއްޗެކޭ ކިޔާފަ ކޮމަންޓް ކުރިޔަސް މީހާޔަށް އިހުސާސެއް ނުކުރެވެނޭ އޯޓިޒަމް ހުންނަ ކުދިންގެ އާއިލާއިން އުޅޭ ހާލު. ވެކްސިން ޖެހުން އިތުރުވާވަރަށް އޯޓިޒަމް މުޅި ދުނިޔޭގައިވެސް އިތުރުވަނީ

The name is already taken The name is available. Register?

މިރު

30 October 2019

ޜާއްޖޭގަ މާ ކުރިން ވެސް ވެކްސިން ޖަހާ،، ދިވެހިންގެ ދިރިއުޅުމަށް އައި ބަދަލު ނުފެނޭތަ؟ ކަނީ ތިންއިރު ތިން ވައްތަރުގެ ތައްޔާރީ ދަޅުކާނާ. މިހާރު ސިއްހީ ހިދުމަތް ވެސް ކުރިއަށް ވުރެ ފުޅާ. ދިވެހިން މާ ހޭލުންތެރި، ތިކަހަލަ މަދު މީހަކު ފިޔަވާ

The name is already taken The name is available. Register?

ވެކްސިން

28 October 2019

ޕޯލިޔޯ ޕާކިސްތާނައި އަފުގާނިސްތާނުގައި ގިނަކަމަށް ބުނާއިރު އިންޑިޔާ ވާހަކަ ނުބުނީ ކީއްވެބާ؟ އޯރަލް ޕޯލިޔޯ ވެކްސިން ދިނުން މަނާއިރު ކީއްވެތަ ރާއްޖޭގައި އަދިވެސް އަނގަޔަށް ތިކި ޖައްސަނީ؟ ޕޯލިޔޯ ވެކްސިންގެ ސަބަބުން ވެކްސިން ނުޖަހާ މީހާއަށް ވެކްސިން ޖަހާފައި ހުރިމީހާގެ ސަބަބުން ޖެހޭ ވާހަކަ ނުބުނަނީ ކީއްވެތޯ؟ ޔޫކޭގައި ވެކްސިންއަކީ މަޖުބޫރު އެއްޗެއް ނޫން. މިކޮމެންޓް ޖަހާލަދީ ހެޔޮނުވާނެ

The name is already taken The name is available. Register?

ހެލްތްވޯކަރ

30 October 2019

ޕޯލިއޯ އަގަޔަށް އެޅުން މަނާ ކުރީ ކޮންތާކުތޯ؟ ނޭގޭ ވާހަކަ ނުދައްކަބަލަ.

The name is already taken The name is available. Register?

އަބްދުއްالله

28 October 2019

"އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝްގައި އެ ބަލި ގިނަ އެވެ". އަވަށްޓެރި ނޫން އިންޑިއާއަކާއި ބަންގްލަދޭޝެއް ވެސް އޮވޭތަ؟

The name is already taken The name is available. Register?

ލިއޮނާރޑް

28 October 2019

"އަވައްޓެރި" އަކީ ނަންއިތުރެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454