މޮޅު ކުއްޖެއް، އެކަމަކު ސިއްހީ ހާލަތު ދަށަށް!

އަބްދުﷲ ޖިނާހު އަލީ ފެންނަ އިރު އެހެން ކުދިންނާ މާ ބޮޑު ތަފާތެއް ފާހަގަނުވެދާނެ އެވެ. ތައުލީމީ ގޮތުން ހޯދި ކާމިޔާބީތަކަށް އެކަނި ވިސްނައިފި ނަމަ އޭނާގެ ދިރިއުޅުމުގައި ހުރި ވޭންތައް ނޭނގިދާނެ އެވެ. މިދިއަ އަހަރުގެ އޯ ލެވެލްގެ ގަދަ 10 ގައި އޭނާ ހިމެނުނެވެ. އެކަމަކު ހަގީގަތަކީ ހަމައެކަނި އޯޓިޒަމްގެ ކުއްޖަކަށް ވުމެއް ނޫނެވެ: އޭނާގެ ދެ ލޮލުގެ ފެނުން ވެސް އެހާމެ ގޯހެވެ.


އަބްދުﷲގެ މަންމަ ޒަކިއްޔާ ޒަހީން ބުނާ ގޮތުން، ތިން މާއްދާއިން އޭ ސްޓާ އާއި ތިން މާއްދާއިން އޭ އަދި ދެ މާއްދާއަކުން ބީ ހޯދީ، އުނދަގޫތައް ތަހައްމަލްކުރަމުން ވެސް އޭނާ ކުރި ބުރަ މަސައްކަތުންނެވެ. ޓިއުޝަން ނަގަން ފެށީ އޯ ލެވެލް ފެށެން އެންމެ ތިން މަހަށް ވެފައި އޮއްވަ އެވެ. އެ ކާމިޔާބީއާ އެކު އަބްދުﷲ ހިމެނުނީ ތާޖުއްދީން ސްކޫލްގެ ގަދަ ފަސް ދަރިވަރުންގެ ތެރޭގަ އެވެ.

އަބްދުﷲ އަކީ އޯޓިޒަމް ކުއްޖެއްކަން އެނގުނީ ގްރޭޑު ހަޔަކަށް ބަދަލުވި ހިސާބުންނެވެ. ފޮތް ވީދާލުމާއި އާދަޔާ ހިލާފަށް ބާރަށް ހިނގުން ފަދަ ކަންތައްތައް ދިމާވާން ފެށުމުން ޑޮކްޓަރަށް ދެއްކި އެވެ. ޓެސްޓްތަކަށް ފަހު އެނގުނީ، ޒަކިއްޔާގެ ދެ ދަރިންގެ ތެރެއިން ހަގު ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއްކަމެވެ.

އަބްދުﷲ، އޭނާ މިހާރު ކިޔަވަމުން އަންނަ ވިލާ ހައި ސްކޫލުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޯޓިސްޓިކް ކުއްޖެއްކަން ޔަގީންވުމާ ހަމައަށް އޭނާގެ ކިބައިން މާ ބޮޑު ތަފާތެއް ފާހަގައެއް ނުވެ އެވެ. ނަމަވެސް އިމާދުއްދީނުގައި ކިޔެވިއިރު އެހެން ކުދިންނާ އަބްދުﷲ ތަފާތު ކަމަށް، ބައެއް ޓީޗަރުން ބުނެފައިވެ އެވެ.

ހާލަތު މިހާރު ދަނީ ގޯސްވަމުން

އުމުރުން 17 އަހަރުގެ އަބްދުﷲ ގެ ހާލަތު މިހާރު ދަނީ ގޯސްވަމުންނެވެ. ލޮލުގެ ފެނުން ދަށްވަމުން ދިއުމުގެ އިތުރުން ހަނދާނަށް ވެސް ބަދަލުތަކެއް އާދެ އެވެ. ބައެއް ފަހަރަށް އަމިއްލައަށް ކުރެވޭ ކަންކަން ވެސް ހަނދާނަކު ނުހުރެ އެވެ. ޒަކިއްޔާ ބުނި ގޮތުގައި "އޭނާ އޯ ލެވެލްއަށް ކުރި މަސައްކަތް ވެސް ހަނދާނެއް ނުހުރެ" އެވެ.

"އަންނައުނު ބަދަލުކޮށްފައި އަޔަސް ނޭނގޭ ޓީޝާޓު ލައިގެން ހުރިކަން ވެސް. އަހާނެ، މިހިރީ ޓީޝާޓު ލައިގެން ހެއްޔޭ ވެސް. ފާހަނާގައި ހުރެފައި ބާރަށް ގޮވާލާފައި އަހާނެ މިހާރު މި ފެންވަރާ ނިމުނީދޯއޭ،" ހިރިޔާ ސްކޫލުގައި ހެލްތު ޓީޗަރެއްގެ ވަޒީގައި މަސައްކަތް ކުރަމުން އަންނަ ޒަކިއްޔާ ބުންޏެވެ.

"އެއް މަހުން އަނެއް މަހަށް ދަށަށް ދަނީ ހަމަ."

އަބްދުﷲގެ ހާލަތު ގޯސްވާން ފެށުމާ އެކު ގްރޭޑު ނުވެއްގައި ބޭސް ވެސް ބޭނުންކުރަން ފެށި އެވެ. އޭރު އޭނާ ވަރަށް ބޮޑަށް މައިތިރިވި އެވެ. އަދި ބޮޑު ޗުއްޓީއަށް ފިރިމީހާގެ ރަށް، ޅ. ނައިފަރަށް ގޮސް ދުވެ، ކުދިންނާ އެކު ކުޅެން އުޅުމުން ނަފްސާނީ ގޮތުން ވެސް ހެޔޮ ބަދަލުތަކެއް އައިކަން ޒަކިއްޔާ ފާހަގަކުރި އެވެ.

އެކަމަކު މާލެ އައުމާ އެކު ބޭރަށް ދާނެ ރައްޓެހިންނެއް ނުތިބެ އެވެ. ކަސްރަތެއް ވެސް ނުކުރެވެ އެވެ. އެހެންވެ ދެން ފެށީ ޖިމަށް ގެންދާށެވެ.

"އެކަހަލަ ކުދިންނަކަށް ރައްޓެހިންނެއް ނުލިބޭ. ވަރަށް އެކަނިވެރިއޭ ބުނާނެ. އެކަމަކު ވަރަށް އުފާވޭ ކުދިންނާ އެއްކޮށް ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނީމަ. ކުދިން ވެސް އަސްލު އެހާ ހޭލުންތެރިއެއް ނޫންކަންނޭނގެ މިކަމަކަށް. އެއީ ކަންނޭނގެ ހީވަނީ ވާ ގޮތަކީ،" ޒަކިއްޔާ ބުންޏެވެ.

ސްޓެމް ސެލްގެ ތެރަޕީގެ އުއްމީދުގައި

އަބްދުﷲ އޭ ލެވެލްއަށް ކިޔަވަމުން އަންނަނީ ވިލާ ހައި ސްކޫލުގަ އެވެ. ކްލާހުގައި ހަވާލުކުރާ ބައެއް މަސައްކަތްތައް ނުނިންމޭތީ ގެއަށް ގޮސް ރޮ އެވެ. ވީހާވެސް ރަނގަޅު ހާލަތެއްގައި ބަހައްޓަން ކޮންމެ ހަފުތާއަކު ތެރަޕީއަށް ވެސް ގެންދެވޭތޯ ވެސް ބަލަ އެވެ. އެކަމަކު މި ދޭތެރެއަކުން ތެރަޕީ ނުދެވި ލަސްވުމުން ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ.

"ކުރިން ސްކޫލަށް ދާއިރު ތައްޔާރުވޭ އަމިއްލައަށް، މިހާރު އަމިއްލައަށް ކުރެވެނީ ކީއްކަން ވެސް ނޭނގެ. ކުރިން އަމިއްލަ އަށް ނަމާދު ކުރިއަސް މިހާރު ޖެހެނީ އޭނާ ނަމާދުކުރަންދެން ކައިރީގައި އިންނަން،" ޒަކިއްޔާ ކިޔައިދިނެވެ.

އަބްދު (ވ)، އޭނާ ކިޔަވަމުން އަންނަ ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައިދާއި މަންމައާ ވާހަކަ ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޮލުގެ ފެނުން ދަށް ވުމުން އަބްދުﷲ އަމިއްލަށް ބައެއް ދުވަސް ދުވަހު ސްކޫލު ކަޓުވާލަ އެވެ. އެގޮތުން އޭނާ ސްކޫލަށް ނުދާން އާންމުކޮށް ނިންމަނީ މޫސުން ގޯސް ދުވަސްތަކުގަ އެވެ.

"ދާން ނުކުންނަ އިރު ވިއްސާރަ ވިއްޔާ ބުނެލަފާނެ މިއަދަކު ނުދާނަމޭ، މިއަދު ވަރަށް ސަކަރާތް ނޫންހޭ. އެހެން ދުވަހަކުންނޭ ދާނީ،" ޒަކިއްޔާ ބުންޏެވެ.

އެކަމަކު ބޭރު ޗެކްކޮށްލަން "ގެއިން ނުކުންނައިރު ރީތިކޮށް އޮވެއްޖެއްޔާ ދާނެ ތައްޔާރުވާން [ސްކޫލަށް ދާން].

އަބްދުﷲ ބޭނުންވަނީ އެއިރޮ ސްޕޭސް އިންޖީނިއަރަކަށް ވާށެވެ.

އާއިލާ އިން ބުނާ ގޮތުގައި އޭނާގެ ސިއްހަތަށް ނުބައި ބޮޑެތި ބަދަލުތަކެއް އެބަ އާދެ އެވެ. ވާހަކަ ދައްކަން ވެސް އުނދަގޫވެ އެވެ. އެހެންވެ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވަައި އެހެން ވާހަކައެއް ނުދެއްކޭތޯ ބަލަ އެވެ.

އަބްދުﷲގެ ހާލަތު ރަނގަޅުކޮށް، އަމިއްލައަށް އާދައިގެ ދިރިއުޅުމެއް އުޅެވޭވަރުކޮށްދޭން އާއިލާ އިން ބޭނުންވެ އެވެ. އެގޮތުން އާއިލާގެ މިހާރުގެ އުއްމީދަކީ، ޒަމާނީ ފަހުގެ ފަރުވާއެއް ކަމަށްވާ ސްޓެމް ސެލް ތެރަޕީ ދިނުމެވެ. އެކަމަކު އެއީ އަގުބޮޑު، އަދި ވަރަށް މަދު ގައުމެއްގައި ނޫނީ ލިބެން ނެތް ފަރުވާއެކެވެ. އެހެންކަމުން ޒަކިއްޔާ އާއި އާއިލާ އިން އެދެނީ އަބްދުﷲ ގެ ފަރުވާއަށް ދީލަތި އެހީއަކަށެވެ.