ސަރުކާރަށް އަހަރެއް: ހެޔޮބަދަލާއި އިދިކޮޅަށް ފެނުނު ގޯސްތައް!

ނޮވެމްބަރު، 17، 2018 ގައި އާ ފެށުމަކާ އެކު ދިވެހިން އުއްމީދުކުރީ ހެޔޮވެރިކަމަކަށެވެ. އެ ދުވަހު، ވެރިކަމާ ހަވާލުވެވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ރައްޔިތުން އެދުނީ ނިމިދިޔަ ފަސް އަހަރުގެ ގޯސްތައް ތަކުރާރު ނުކުރެއްވުމަށެވެ. ގާނޫނުއަސާސީގެ ބާރުކަނޑުވާލައި މުއައްސަސާތައް މުށުތެރެއަށް ލައްވައި ހައްގުތައް ނިގުޅައިގަނެ ރައްޔިތުންނާ މެދު ތަފާތުކުރުން ނުގެންގުޅުމަށެވެ. ގާނޫނީ އިމުން ބޭރުވެފައި އޮތް ދައުލަތަށް، ހަމަ މަގަށް އަޅުވައި ދިނުމަށެވެ.


މި އިހްސާސްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވަ އެވެ. ވެރިކަމުގެ ހުވާކުރައްވައި ދެއްވި ތަގުރީރު ފެއްޓެވީ އެ އިހްސާސްތަކަށް ޖަވާބު ދެއްވަމުންނެވެ.

"ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށް ވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެން ނުވާނެ،" ވާހަކަފުޅު ފައްޓަވަމުން ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވައުދުތަކުގެ މައްޗަށް. މީގެތެރެއިން އެއްވެސް ވައުދަކީ އަޅުގަނޑު ހަނދާން ނައްތާލާނެ ވައުދެއް ނޫން."

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. -- ނިޝާން އަލީ / މިހާރު ފޮޓޯ

މި ވައުދުތަކާ އެކު ވެރިކަމަށް މިއަދު އަހަރެއް ފުރުނު އިރު ނަތީޖާ ކިހިނެއް ހެއްޔެވެ؟ އެއް އަހަރަށް އުއްމީދުކުރިވަރުގެ ބަދަލެއް ފެނުނު ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ސަރުކާރާއި އިދިކޮޅުން ދިނީ އެ ބައެއްގެ ކޮޅަށް ތިލަފަތް ބަރުކޮށެވެ.

ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަނީ، ވެރިކަމުގެ ފުރަތަމަ އަހަރު "ކާމިޔާބު" ކަމަށެވެ. ފުރަތަމަ ސަތޭކަ ދުވަހަށް ކަނޑައެޅި ވައުދުތަކުގެ 83 ޕަސެންޓް ކާމިޔާބުވެ، ފުރަތަމަ އަހަރަށް ކަނޑައެޅި ކަންކަން ވެސް ހާސިލްވެއްޖެ ކަމަށެވެ.

މި ކާމިޔާބީން އިދިކޮޅަށް ފެންނަނީ ހުސް ގޯސްތަކެވެ. ސަރުކާރުގެ ނާގާބިލް ކަމެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ނުކުޅެދިފައިވާ މަންޒަރެވެ. ގައުމުގެ ހާލަތު ގޯސްވަމުންދާ މިންވަރެވެ.

މިސްރާބު ގޯސް، ކުރިމަގު ބަނަ!

އިދިކޮޅު ޕީޕީއެމުން މި ސަރުކާރާ މެދު ދެކޭ ގޮތް ހާމަކުރެއްވި، އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އަހަރު ފުރުނު އިރު ރައްޔިތުންނަށްޓަކައި މި ސަރުކާރަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ވެރިކަމަށް ވަޑައިގަތުމަށް ރިޔާސީ ކެމްޕޭންގައި ވެވަޑައިގަތް ވައުދުތައް ވީ ތަނެއް ނޭނގެ އެވެ. ވައުދު ނުފުއްދައި މުޅިން ވެސް ދައްކަނީ ހުއްޖަތުތަކެއް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސް ބައއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ވައުދުތަކުގެ ތެރެއިން ވެސް ގިނައީ ނުފުއްދޭ ވައުދުތަކެއް ކަމަށާއި އެއް އަހަރުން ފުއްދަން ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން މިހާތަނަށް ހާސިލްވީ 32 ޕަސެންޓް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުގެ އެންމެ ބޮޑު ފާޑުކިއުމަކީ ޚިދުމަތް ދިނުމުގައި މި ސަރުކާރު ލަސްވުމެވެ. ބޯހިޔާވަހިކަން ފަދަ، ރައްޔިތުން އެދި ތިބި ބޮޑު އެންމެ މަޝްރޫއެއްގައި ވެސް އަތްނުލައި ނުވަތަ ނުފަށައި އެއް އަހަރު ނިންމައިލުމެވެ. ތަރައްގީ ގެނައުމުގައި ރައްޔިތުން ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސްޕީޑް ކަމަށާއި އެއާ ގާތަށް ވެސް މި ސަރުކާރު ނުފޯރުމަކީ ކަންބޮޑުވުމެއް ކަމަށް ޕީޕީއެމުން ބުންޏެވެ.

ތަރައްގީގައި އަޅުގަނޑުމެން ސެޓްކުރި ބެންޗުމާކާ ގާތަށް ވެސް ކަންކަން ނުކޮށްދެވޭ. އިޖުތިމާއީ ފޭރާން ނަގާލައި، އަދުލު އިންސާފު ފުނޑާލައިފި. ދީނަށް ފުރައްސާރަކުރުން އާއްމުވެއްޖެ. ރައްޔިތުންގެ އުއްމީދުތައް ފެނަށް ދުއްވާލައިފި. -- ޝިޔާމް

އޭނާ ވިދާޅުވި ގޮތުގައި މި ވެރިކަމާ އެކު އިގްތިސާދަށް ލޮޅުން އަރައި، ނޭދެވޭ އަސަރު ފެންނަން ފަށައިފި އެވެ. ހެކި ދައްކަވަން ވިދާޅުވި ލިސްޓު ވެސް އެހާމެ ދިގެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހަލާކުވެއްޖެ. ގައުމު ދަރަނިވެރިވެއްޖެ. ބޭރުގެ ނުފޫޒު އިންތިހާ އަށް ބޮޑުވެއްޖެ. މި ގައުމުގެ ކަންކަން މިހާރު ނިންމަނީ އެހެން ގައުމުތަކުން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ގައުމުގެ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށެވެ. މިސާލު ޖައްސަވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުންނެވެ.

"ބަޖެޓުގައި ވަރަށް ބޮޑެތި ބިރުވެރި ކަންކަން އެބަހުރި. އިގްތިސާދީ ހީނަރުކަން ގައުމު ތަހައްމަލް ކުރާނެ. އިގްތިސާދަށް އަންނަ ބަދަލަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެހާ ދަރަނި ބޮޑު ބަޖެޓެއް މިވަނީ މަޖިލީހަށް ފޮނުވާފައި،" ޝިޔާމް ވިދާޅުވި އެވެ.

"އިންޑިއާ އިން އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ހޯދާ 300 މިލިއަން ޑޮލަރަކީ އަޑި ނޭނގޭ ކަމެއް. ކޮމްޕްރޮމައިޒް ކުރާނީ ކޮން ކަމެއް ކަން ވެސް ނޭނގެ."

ސަރުކާރުގެ އެއް އަހަރު ކުރުކޮށް ވިދާޅުވަމުން ޝިޔާމް ސިފަކުރެއްވި ގޮތުގައި މި ވެރިކަމުގައި ރައްޔިތުންނާއި ގައުމަށް ދިރުމެއް ނެތެވެ.

ހެޔޮބަދަލު ފެނިއްޖެ، ކާމިޔާބު އަހަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން، އިބްރާހިމް ހޫދު މި ވެރިކަމުގެ އެއް އަހަރު ތަސްވީރުކޮށްދެއްވަން ފެއްޓެވީ ވެރިކަމުގެ 100 ދުވަހަށް މި ސަރުކާރުން ވީ ވައުދުތަކުންނެވެ. އޭގެ 82 ޕަސެންޓް ހާސިލްވުމަކީ ހޫދު ފާހަގަކުރެއްވި ގޮތުގައި ބޮޑު ކާމިޔާބީ އެކެވެ.

ފުރަތަމަ 100 ދުވަހަށް އަދި ފުރަތަމަ އަހަރަށް ކުރަން ވައުދުވި ބޮޑެތި ކަންތައްތައް ވަނީ ހާސިލްކުރެވިފައި. --ހޫދު

ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ އަމާޒުކުރާ ފާޑުކިއުމަށް ދެއްވީ ފިނި ރައްދެކެވެ. ކޮންމެ ސަރުކާރަކުން ވެސް ފުރަތަމަ އަހަރު ބިޔަ މަޝްރޫއުތައް ނުފަށާނެ ކަމަށާއި އެއީ، ވައުދުތަކާ އެއްގޮތަށް ޕްލޭންތައް އެކަށައަޅައި ތަންފީޒުކުރަން ފަށާ އަހަރަށް ވާތީ ކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑު ހެޔޮބަދަލަކީ ރައްޔިތުންނަށް އަމާންކަމާ އެކު ހަމަޖެހިލައިގެން ދިރިއުޅުމުގެ ފުރުސަތު ލިބިފައިވުން. މީހަކު ހައްޔަރުކޮށްގެން މީހަކަށް އަނިޔާއެއްދީގެން ނޫނިއްޔާ ނުހައްގުން ކަމެއް ކޮށްގެން ޝަކުވާއެއް ނާދޭ. އެއީ ވަރަށް ބޮޑު ކާމިޔާބެއް.

ދެން ވިދާޅުވީ ޔާމީންގެ ސަރުކާރުން ގަބޫލުނުކުރި ހަގީގަތެއްގެ ވާހަކަ އެވެ. ހަގީގީ ތަރައްގީއަކީ ކޮންކްރީޓެއް ނޫނެވެ! ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން އެ އަންނަ ހެޔޮބަދަލަކީ މި ސަރުކާރުގެ ކާމިޔާބީ ކަމަށް ވިދާޅުވެ، ހޫދު ލިސްޓު ވިދާޅުވެދެއްވި އެވެ.

މުޅި ރާއްޖޭގައި ދަރިވަރުންނަށް ހިލޭ ނާސްތާ ދޭން ފެށުމެވެ. ޑިގްރީ އަށް ހިލޭ ކިޔަވައިދޭން ފެށުމެވެ. ވިހެއުމާ ގުޅިގެން އަނބިމީހާ އަށް ހަ މަސް ފިރިމީހާ އަށް އެއް މަހުގެ ޗުއްޓީއެއް ދިނުމެވެ. ސިއްހީ ދާއިރާ އަށް ގެނެވުނު ހެޔޮބަދަލުތަކެވެ. ވަކިވަކި ހޮސްޕިޓަލްތަކަށް ހޯދައި ދިން ކުރިއެރުންތަކެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމެވެ. ސިޔާސީ ބޭނުމަށް ނުހައްގުން ވަކިކުރި ބައެއް މީހުންގެ ވަޒީފާތައް އިޔާދަކޮށްދިނުމެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ބޭންކެއް ގާއިމްކުރުން ފަދަ އެކި ދާއިރާތަކުން ވަކިވަކިން ހޯދި ކުރިއެރުންތަކާއި އިގްތިސާދީ ބަދަލުތައް ވެސް މި ލިސްޓުގައި ހިމެނުއްވި އެވެ.

ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތައް ނިންމައި، ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގައި އިސްކަންދޭ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި ތަންފީޒުކުރުމާއި އޭގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަތުމަށް ޕްލޭނެއް އެކުލަވާލާފައި އޮތް ކަން ހޫދު ފާހަގަކުރެއްވި އެވެ.

އޯއައިސީގެ ސަމިޓްގައި ރައީސް އިބްރަހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެެރި ވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް އިފްތިތާހްކޮށްދެއްވާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، ހޫދު ވިދާޅުވި ގޮތުގައި، ހިސާބު ޖަހައި ކަންކަން ވަނީ ތަރުތީބުކޮށްފަ އެވެ. އެ ޕްލޭން އެކުލަވާލާފައި އޮތީ ނޫ އިގްތިސޯދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމުގެ ވައުދަށް އަމާޒުކޮށެވެ.

މި އަހަރުން ފެށިގެން 2023 އަށް ހާސިލްކުރާ ލަނޑުދަނޑިތައް ތާރީޚުތަކާ އެކު ފެންނަން އޮތް އިރު، ވައުދުތައް ފުއްދެމުންދާ މިންވަރު ރައްޔިތުންނަށް ވަޒަންކޮށްލެވޭނެ ކަން ފާހަގަކުރެއްވި އެވެ.

ރާއްޖެ އިން ތެޔޮ ހޯދުމާއި ދަނޑުވެރިންނަށް ސަބްސިޑީ ދިނުން ފަދަ ނުފުއްދޭ ވައުދުތަކުގެ ވާހަކަ މި ސަރުކާރުން ނުދައްކާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވި ގޮތުގައި ރިޔާސީ ތަގުރީރުގައި ރައީސް ވެވަޑައިގަތް ވައުދުތަކަށް އަމާޒުކޮށް އިސްލާހަށް ގިނަ ކަންކަން ވަނީ ފަށައިފަ އެވެ. މިސާލު ނެންގެވީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ކޮމިޝަންތަކުންނެވެ. އެ ކޮމިޝަންތަކުން ބުރަ މަސައްކަތްތަކެއްކޮށް މިހާތަނަށް ގިނަ ހޯދުންތަކެއް ހޯދާފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމުން، އެންމެ ކަންބޮޑުވާނީ ކޮރަޕްޓް މީހުން ކަމަށް ލިއުންތަކުގައި މިސާލު ޖަހާފައި އޮވެ އެވެ. މި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކޮށް ޒީރޯ ޓޮލަރެންސް ކަމަށާއި އެ މަގަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހޫދު: އޭނާ ވިދާޅުވަނީ މި ނިމުނީ ކާމިޔާބު އަހަރެއް ކަމަށް..---ފޮޓޯ: ރައީސް އޮފީސް

"ނިޒާމުން ބޭރުން އެއްވެސް މީހަކު ހައްޔަރެއް ނުކުރާނެ. ކަމެއް އުނދަގޫވުމުން، އެ ތަކުލީފު ޖައްސާ މީހާ ގެންގޮސް ޖަލަކަށް ނުލަން. އުނދަގޫވިޔަސް ސަރުކާރުން އަޑުއަހާ، އެ ކިޔަނީ ކީކޭތޯ. ކަންކަން ކުރަނީ އުސޫލްގެ ތެރެއިން،" ހޫދު ވިދާޅުވި އެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުން އާއްމުވެއްޖެ ކަމުގެ ތުހުމަތު އަޅުވަނީ، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ކަމަށާއި 2015 ގައި އެ ރިޕޯޓު ނެރެ، ފަހުން އިތުރު ބައިތައް ޕަބްލިޝްކުރި އިރު ވެސް ކުރީގެ ސަރުކާރުން އަޅާނުލި ކަމަށް ހޫދު ވިދާޅުވި އެވެ. އެކަމުގައި ހިކުމަތްތެރިކަމާ އެކު ފިޔަވަޅު އަޅައި ޖަމިއްޔާ އުވާލީ މި ސަރުކާރުން ކަމަށާއި އެމްޑީއެންގެ މައްސަލަ މި ސަރުކާރާ ގުޅުވަނީ ސިޔާސީ ފައިދާތަކެއް ހާސިލްކުރަން ކަމުގެ ތުހުމަތު ހޫދު ކުރެއްވި އެވެ.

ސަރުކާރުގެ އެއް އަހަރާ ގުޅޭ ގޮތުން ޖުމްލަކޮށް، އޭނާ ވިދާޅުވި ގޮތުގައި ވައުދުތައް ވެފައި ވަނީ ފުއްދޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެއް އަހަރުން ނެރެދިނީ ވެސް އެ ނަތީޖާ އެވެ.

"ސަރުކާރަށް އެކަންޏެއް ނޫން، ދިވެހިންނަށް ވެސް ރަނގަޅު އަހަރެއް،"