ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ޖިންސީ ޝިކާރައަކަށް ހެދި ކުއްޖާ "ކައިވެންޏެއް" ކުރި ކަމުގެ ހެއްކެއް ކަމާ ބެހޭ އިދާރާތަކަށް ނުލިބުމަކީ އެކަން ނުހިނގުން ހެއްޔެވެ؟


ނޫނެކެވެ؛ އެކަން ހިނގި އެވެ. ކައިވެނީގެ ނަމުގައި ތަކުރާރުކޮށް އެ ކުއްޖާ ރޭޕްކޮށް، މުޅި ދިރިއުޅުން ހަލާކުކޮށްފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ރޭޕުގެ ޝިކާރައަކަށް ވެ އެ ކުއްޖާ ވަނީ ބަލިވެ އިނދެ، މި މަހުގެ ތެރޭގައި ވިހައިފަ އެވެ. އުމުރަކީ 13 އަހަރެވެ. އެހެންކަމުން ދުވަސްފުރައި ވިހެއި އެ ކުއްޖާ ބަނޑުބޮޑުވީ 12 އަހަރުގަ އެވެ. ގްރޭޑް ހަ އެއްގައި ކިޔަވާ އުމުރުގެ އެ ކުއްޖާ އަކީ މިހާރު މަންމައެކެވެ!

މި ކުއްޖާ އާއި އެ އާއިލާގެ އިތުރު ކުދިން ނުރައްކަލަކަށް ހުށަހެޅިފައި ތިބި ކަން ޖޫން، 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް އޮތީ މައުލޫމާތު ލިބިފަ އެވެ. އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ އަމަލުތައް ހިންގާ އެ އާއިލާ އިން އެ ކުދިން ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކުރި ކަން ވެސް ފުލުހުންނަށް އެނގެ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިދިޔަ އާދީއްތަދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން އެ ހިސާބުން ފެށިގެން އެ ކުއްޖާގެ ކަންކަން އަންނަނީ ގާތުން ބަލަމުންނެވެ.

ހިތްދަތި ހަގީގަތަކީ މި އެވެ: ބަޔާނުގައި ފޮރުވާފައި އޮތީ ވެސް މިކަމެވެ. މީގެ ތެރެއިން އެއް ކުއްޖަކު 12 އަހަރުގައި ބަނޑުބޮޑުވީ، އާއިލާ ތެރޭގައި އެ ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތު ކަމާބެހޭ މުއައްސަސާތަކަށް އެނގި ތިބެ އެވެ. މިކަމުގައި ފެންނަނީ އިންތިހާ ދަރަޖަ އަށް މި ކުއްޖާއާ މެދު އިހުމާލުވެފައި އޮތުމެވެ.

އެ އުމުރުގައި އެ ކުއްޖާ އުފުލަން ޖެހުނު ތަކުލީފާއި ވޭން، ކުރިމަތިވި ބިރުވެރި ހާލަތު ތަހައްމަލްކުރީ އެކަންޏެވެ. މައިންބަފައިންނާއި މުއައްސަސާތަކަށް އެނގި ތިބެ އަނިޔާގެ މާހައުލަކަށް އެ ކުއްޖާ ދޫކޮށްލީ އެވެ!

މި ކުއްޖާ އަށް ކުރިމަތިވީ ކަންކަން ރިޕޯޓްކުރީ ކުރީގެ ސަރުކާރުގައި ކަމަށާއި އޭރު އަޅާނުލީ ކަމަށް ބުނެ ރެކިގަންނާނީ ހެއްޔެވެ؟ ނޫން ނަމަ، މި ސަރުކާރުގެ އިހުމާލު ކަމަށް އޭރުގެ ސަރުކާރުގައި މުއައްސަސާތައް ހިންގަވަން ތިބި ބޭފުޅުން ވިދާޅުވެ، ސިޔާސީ ގޮތުން ފައިދާ ނަގާނީ ހެއްޔެވެ؟

މިއީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގައި ބައެއް މައިންބަފައިންގެ އިހުމާލާއި މުއައްސަސާތަކުން ޒިންމާ އަދާނުކުރުމާއި މުޖުތަމައުގެ ވަރިހަމަބޮޑު ސަގާފަތް މިސާލަކަށް ފުދޭ، ސީރިއަސް މައްސަލަ އެވެ.

ބަޔާނުން ފެނުނު ބިރުވެރި ހާލަތާއި އުފެދުނު ސުވާލުތައް!

މީގެ، 17 މަސް ކުރިން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް މި މައްސަލަ އައި އިރު، އެޅި ފިޔަވަޅެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަޔާނުން ސާފެއް ނޫނެވެ. ގާތުން ބެލި ނަމަ، އިދާރާތަކުން ކުރި ކަމެއް ވެސް އޮންނަން ވާނެ އެވެ. ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމް ކުރި އިރު މައްސަލާގައި ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެޑިއުކޭޝަން މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ކޮބައި ހެއްޔެވެ؟

ތައުލީމުން މަހްރޫމްކުރި އެ ކުދިން އަނބުރާ ސްކޫލަށް ފޮނުވި ހެއްޔެވެ؟ ނިގުޅައިގަތް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިން ހެއްޔެވެ؟ އިސްލާމްދީނުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރޭގައި އެ ކުދިންގެ ސިކުނޑި ތަޣައްޔަރު ކުރަމުން ދިޔައިރު، އެކަމުން ސަލާމަތްކަން ހޯދައިދިން ހެއްޔެވެ؟ އެ ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިން ހެއްޔެވެ؟ މިހާރު ވެސް ތިބީ އެ މާހައުލުގެ ތެރޭގައި ހެއްޔެވެ؟

ކުޑަކުދިންތަކަކަށް ވާތީ އެ ކުދިންގެ ވަނަވަރު ހާމަވެދާނެ ފަދަ އެއްވެސް މައުލޫމާތެއް ބޭނުމެއް ނޫނެވެ. އެ މައުލޫމާތަކަށް ނޭދެމެވެ. ޖެންޑާ މިނިސްޓްރީގައި "މިހާރު"ން އެދުނީ މި މައްސަލަ ރިޕޯޓް ކުރި ހިސާބުން އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ކުރި މަސައްކަތް ނުވަތަ އަދާކުރި ޒިންމާގެ ތަފްސީލް ހޯދުމަށެވެ.

އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ތި މައްސަލައާ ގުޅޭ ގޮތުން މިވަގުތަށް ހާމަކުރެވެން ހުރި މައުލޫމާތާ ގުޅޭ ބަޔާނެއް" ނެރެފައިވާ ކަމަށެވެ.

އެ ބަޔާނަކުން ނުފެދެ އެވެ. ގާނޫނީ ޒިންމާ އަދާކުރި ނަމަ، ތަފްސީލް ރައްޔިތުންނަށް ހާމަނުކޮށް ބާއްވަން ޖެހޭ ސަބަބެއް ނެތެވެ. ހަރުކަށި ފިކުރު ފެތުރި، ހިޔާލުތަފާތުވުންތަކުގައި މަރުގެ ހުކުމް އިއްވައި ގަތުލުކުރުމާ ހަމައަށް ހާލަތު ގޮސްފައިވާ އިރު، ކުޑަކުދިންނަށް އޮތް ނުރައްކަލުގެ ވާހަކަ ސިއްރު ކުރާނެ ކަމެއް ނެތެވެ.

އެނގިފައިވާ ގޮތުގައި، ކުޑަ ކުދިންތަކަކަށް އަނިޔާވެރިވާ މައްސަލަ 2018 ގައި ފެންމަތިވުމުން، ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ނެގި އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން އާއިލާއާ ހަވާލުކުރީ އެވެ. މިކަން މިގޮތަށް ހިނގާފައި ވަނިކޮށް، ކައިވެނީގެ ނަމުގައި މި ކުއްޖާ 26 އަހަރުގެ މީހަކާ ހަވާލުކުރީ މައިންބަފައިންނެވެ. ބަނޑުބޮޑުވީ އޭގެ ފަހުންނެވެ.

މި ކުއްޖާގެ ބައްޕައަކީ، ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހާމަކުރި ގޮތުގައި، އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔަ މައްސަލަ ހުއްޓުވަން އުޅުމުން، ސަލާމަތީ ޚިދުމަތްތަކާ ކުރިމަތިލައިގެން ޖަލަށް ލީ މީހެއް ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އައިއެސްގެ ނިޝާނުގައި "ކައިވެނީގެ" ސެޓްފިކެޓް!

ކައިވެނީގެ ނަމުގައި ކުދިން ޝިކާރައަކަށް ހަދާ އިރު ލިޔެކިޔުމުން ހެކި ލިބޭނީ ކިހިނެއް ހެއްޔެވެ؟ ހައްދުފަހަނާޅާފައި ތިބި ފިކުރުގެ ބައެއް މީހުން ރާއްޖޭގެ ކޯޓުތައް ގަބޫލެއް ނުކުރެ އެވެ. ބައެއް މީހުން ކޯޓުން ބޭރުގައި ސައްހަ ނޫން ކައިވެނިކޮށް، ސެޓްފިކެޓް ހަދަނީ އައިއެސްގެ ނިޝާން ޖަހައިގެންނެވެ.

އައިއެސްގެ ނިޝާން ޖަހައިގެން ހަދާފައިވާ ކައިވެނީގެ ސެޓްފިކެޓެއް.

އައިއެސް ލޯގޯ ޖަހައިގެން ސައްހަ ނޫން ކައިވެނިކުރާ ކަން، ފުލުހުންނަށް އޮތީ ހުށަހަޅައިފަ އެވެ. އެ ކައިވެނި ކުރި ދެ މީހުންނާއި ކައިވެނިކޮށްދިން ގާޒީގެ އިތުރުން ހެކިވެރިންނަކީ ކޮން ބައެއް ކަން ވެސް އެ ލިއުމުގައި އެނގެން އޮތެވެ. ތަހުގީގަށް އެ މީހުން ހާޒިރުކޮށް ސުވާލުކުރި ކަމެއް، ފިޔަވަޅު އެޅި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ގާނޫނުތަކާއި މުއައްސަސާތައް ގަބޫލުނުކޮށް، ހަރުކަށި ފިކުރުގެ ހަރަކާތް މި ދަރަޖަ އަށް މިއޮތީ ކުރިއަށް ޖައްސާލައިފަ އެވެ. މިފަދަ އާއިލާތަކުގެ ތެރޭގައި އަންހެން ކުދިން ޚިތާނު ކުރުމާއި ބަންދުކޮށްގެން ގެންގުޅުމާއި ވެކްސިން ނުދިނުމާއި ޅަ އުމުރުގައި ޖިންސީ ޝިކާރައަކަށް ހެދުން ފަދަ އެތައް ކަމެއް ހިނގާ ކަމަށް އަޑު ފެތުރެ އެވެ.

އެންމެ ބޮޑު ބިރަކީ މި ހާލަތަށް ހުށަހެޅިފައި ތިބީ ކިތައް ކުދިން ނުވަތަ ކިތައް މީހުން ކަމާ މެދު އުފެދޭ ސުވާލެވެ.

އިހުމާލަށް ޖަވާބުދާރީ ކުރުވައި އަދަބު ދޭން ޖެހޭ

ކުޑަކުއްޖަކާ މެދު މިހާ ބޮޑު އިހުމާލެއް ވި ކަން ފަޅާއަރާފައިވާ އިރު މުއައްސަސާތަކުން ހަނު ތިބެގެން ނުވާނެ އެވެ. "ތަހުގީގު ކުރިއަށްދާތީ މައުލޫމާތު ހާމަކުރެވެން ނެތް"، ނުވަތަ "ގާތުން ބަލަމުން" އަންނަ ކަަމަށް ބުނެ ރެކިގަންނާނެ ކަމެއް ވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލަ ބަލަން ފަށައި، އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ހޯދައިދޭން، މުއައްސަސާތަކުން އެޅި ފިޔަވަޅުތައް ކޮމިޓީ އަށް ފޮނުވައިދޭން 24 ގަޑިއިރުގެ މުހުލަތެއް ވަނީ ދީފަ އެވެ.

އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މި ކުއްޖާގެ މައްސަލަ އިން ބިރުވެރި ހާލަތެއް ފެންމަތިވެފައި އޮތް އިރު، ކޮމިޓީގެ ޒިންމާއެއް ކަމުގައި ދެކެނީ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އެޅިތޯ ކަށަވަރު ކުރުން ކަމަށެވެ. މިފަދަ ނުރައްކަލަކަށް ހުށަހެޅިފައި ތިބީ ކިތައް ކުދިންތޯ ބަލައި އެ ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން ދައުލަތުގެ މުއައްސަސާތަކަށް ބާރު އެޅުމެވެ.

"ކިތައް ކުދިންތޯ މި ހާލަތަށް ހުށަހެޅިފައި ތިބީ، ކިތައް ކުދިންނަށްތޯ މި ނުރައްކާ އޮތީ މިހާރުން މިހާރަށް ދެނެގަނެ، ހަރުކަށި ވަގުތުން ކޮމިޓީން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޖީހާން ވިދާޅުވި އެވެ.

ކޮމިޓީން މައްސަލަ ބަލަން ފަށާފައިވާ އިރު ވެސް ފެންނަން އޮތް މަންޒަރަކީ މިއެވެ؛ މައިންބަފައިން ހިމެނޭ ގޮތުން ދައުލަތުން ވެސް މި ކުއްޖާއާ މެދު އިހުމާލުވެއްޖެ އެވެ. ދެން އޮތީ ފިޔަވަޅު އަޅާނެ ކަމާ މެދު އުފެދޭ ސުވާލެވެ.