ކުރީގެ ގޯސް ތަކުރާރު ނުކުރޭ! މިނިވަންކަން ދައްކައިދީ!

މިނިވަން މަގާމުތަކުގައި ކުރިން ތިއްބެވި ގިނަ ބޭފުޅުންނަށް ގިނަ ރައްޔިތުން އޭރު ކުރީ ނަފްރަތެވެ. ސަރުކާރުގެ ނުފޫޒު ވަދެ މުސްތަގިއްލު މުއައްސަސާތަކަށް ރައްޔިތުން ކުރި އިތުބާރު ގެއްލުނެވެ. މުއައްސަސާތަކުގެ ހައިބަތާއި ކަރާމާތާއި ޝަރަފް އޮޔާ ދިޔައީ އޭރުގެ ސަރުކާރުން ބުނިހާ ގޮތަކަށް އެ ތަންތަނުން ބޯލެނބީމަ އެވެ.


ރައްޔިތުން އާ ސަރުކާރެއް ހޮވި އެއް ސަބަބަކީ އިހްތިރާމާއި އިތުބާރު އަލުން ލިބޭނެ ތަންތަނަށް މިނިވަން މުއައްސަސާތައް ހެދުމުގެ ވައުދެވެ. އެކަމަކު ބައެއް ކޮމިޝަންތަކަށް އަލަށް އައްޔަން ކުރި މެމްބަރުންގެ މިނިވަންކަމާ މެދު މިހާރު ވަނީ ސުވާލު އުފެދެން ފަށައިފަ އެވެ.

ސިިޔާސީ އަދި ސަރުކާރުގެ ނުފޫޒުން މިއިން އެއްވެސް މުއައްސަސާއެއް ސަލާމަތް ނުވަނީ ބާ އެވެ؟ ކޮންމެ ސަރުކާރެއް އޮތަސް، ކޮމިޝަންތައް ތިބެންވީ ސަރުކާރުގެ ބާރުގެ ދަށުގައި ބާވަ އެވެ؟ މިއީ އަނެއްކާވެސް އުފެދޭ ސުވާލުތަކެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ހިނގާނެ ގޮތަށް، އެތަންތަނުގެ މެމްބަރުންނާއި މުވައްޒަފުން އަމަލްކުރަން ޖެހޭ ސަބަބުތައް ގިނަ އެވެ: ސަރުކާރެއް ހިންގަން ހަވާލުވަނީ ސިޔާސީ ވިސްނުމެއްގައި، ވަކި ފިކުރުތަކެއްގައި، ވަކި ކަންކަން ކުރާށެވެ. އެކަމަކު ސަރުކާރުން ކުރާ ކަންކަމާއި އާންމުންގެ ހައްގުތައް ގެއްލި، ހައްގުތައް ހިމާޔަތްކުރަން ޖެހޭ ހާލަތުގައި ދާން އޮންނަނީ މިނިވަން މުއަައްސަސާތަކަށެވެ. ވަކި ކޮޅަކަށް ނުޖެހޭނެ، ހަރުދަނާ ބަޔަކު އެތަންތަނުގައި ތިބެން ޖެހެނީ އެހެންވެގެންނެވެ.

އެކަމަކު އެ އިރެއްގައި އޮންނަ ސަރުކާރަކުން ހެދިހާ ގޮތަކަށް މިނިވަން މުއައްސަސާތަކުގައި ތިއްބަވާ މެމްބަރުން އަމަލު ކުރައްވާކަމުގެ ޝަކުވާ އަބަދުވެސް އިވެ އެވެ.

"މިނިވަން މުއައްސަސާތަކަށް މެމްބަރުން ލާފައި ގުނބޯ ހައްދާފައި މިތިބެނީ. ސިޔާސީ މީހަކު ބުނާ ހުރިހާ ކަމަކަށް އަމަލު ކުރަމުން އެބަދޭ އެތަނަށް އައްޔަން ކުރާ ކޮންމެ މީހެއް. ހަގީގަތުގައި ސިޔާސީ ގޮތުން އެއްވެސް ލިންކެއް ނެތި ނާދެވެނީ އެ މަގާމަށް. އެއީ ވާގޮތަކީ،" ---ނަސީމް

ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ޕީޕީއެމް އާއި ކުރީގެ ސަރުކާރު އޮތް ދުވަސްވަރު ބޭއްވި ހަފްލާތައް ހުށައަޅުއްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮއްސާލެވީ ތައުރީފްގެ ބަސްތަކެވެ. މިނިވަން މަގާމެއްގައި ހުންނަވައިގެން އިކްރާމް އެގޮތަށް ސަނާ ވިދާޅުވުން ގިނަ ބަޔަކަށް ކަމަކުނުދިޔަ އެވެ.

ބްރޯޑްކޮމްގެ އޭރުގެ މެމްބަރު ފާތިމަތު ޒައިނާ، ކުރީގެ ސަރުކާރުން ރަސްފަންނުގައި ބޭއްވި ހަފުލާއެއްގެ އިންތިޒާމްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އެކަން ބޮޑު މައްސަލައަކަށް ހެދި އެވެ. އެއީ ބްރޯޑްކޮމް އަށް ސަރުކާރުގެ ނުފޫޒު އޮތްވަރު ކަމަށް ބުނެ ފާޑުކިޔުން ބަންޑުންކޮށްލި އެވެ.

އެކަންކަން ހަނދާނުން ފިލައިގެންދާހާ ދުވަހެއް އަދި ނުވެ އެވެ. މިހާރު މި ފެނުނީ އިހަކަށް ދުވަހު ބްރޯޑްކޮމްއަށް އައްޔަންކޮށް އަދި އެ ކޮމިޝަނުގެ ރައީސްގެ މަގާމު ވެސް ހޯއްދެވި މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ބޮޑު އިވެންޓެއް ހުށައެޅުއްވި ތަނެވެ. މިހާރުގެ ބައެއް ވަޒީރުންނަށް މަރީ ވެސް އޮއްސާލެއްވީ ތައުރީފްގެ ބަސްތަކެވެ.

ދެން އާންމުންގެ ފާޑުކިޔުމުގެ ތެރެއަށް ވެންނެވުނީ އާ އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒު މޫސާ އަށެވެ. ގާނޫނީ ގޮތުން އޭނާގެ ޒިންމާގެ ތެރޭގައި ނުވެސް ހިމެނޭ ކަމެއް ކުރެއްވީ އެވެ: މޮރޮކޯ އިން ހަދިޔާކުރި ދޫލައިގެ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިފާއުކުރެއްވުމެވެ.

މަގާމުގެ ލިއުން ފިޔާޒްއާ ހަވާލުކުރަނީ. --ފޮޓޯ/ރައީސް އޮފީސް

ޝާހިދުގެ ރަަސްމީ ދަތުރުފުޅުގައި ހަދިޔާއަކަށް މޮރޮކޯ އިން ދިނީ ދޫލައެކެވެ. އެކަމަކު އެ ދޫލަ ސަރުކާރާ ހަވާލުކުރެއްވުމުގެ ބަދަލުގައި ގެއަށް ގެންދެވިކަމުގެ އަޑު އެރި އެވެ. ފޮރިން މިނިސްޓްރީން އެ ވާހަކަ ދޮގުކުރި އެވެ. ދޫލަ އޮތީ މިނިސްޓްރީގައި ކަމަށް ބުންޏެވެ.

ޝާހިދުގެ ދިފާއުގައި ފިޔާޒު ކުރެއްވީ ޓްވީޓެކެވެ. ޝާހިދާ ބައްދަކުރެއްވުމަށް ފަހު ޓްވީޓްކުރެއްވީ ދޫލައެއްގެ ފޮޓޯއެކެވެ. އެ ޓްވީޓްގައި އޭނާ ލިއުއްވީ "ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެޔަށް ގެންދެވި ކަމަށް ތުހުމަތުކުރި ކާޕެޓް، ފޮރިން މިނިސްޓްރީގައި އޮތްތޯ ބަލާލި އިރު، އެ އޮފީހުގެ ގުދަނުގައި އެބަ އޮތް،" މިހެންނެވެ.

ފިޔާޒް ކުރެއްވި ޓުވީޓު.

އިންފޮމޭޝަން ކޮމިޝަނަރަކީ ސިޔާސީ މީހުންނާ ބެހޭ ގޮތުން ފެތުރޭ އަޑުތައް ދިފާއުކުރެއްވުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތެއް ނޫނެވެ. އެއީ ދައުލަތުގެ އިދާރާތަކުން އާންމުންނަށް މައުލޫމާތު ހާމަކުރަން ބާރު އަޅުއްވަން ހުންނަވާ، މިނިވަން ބޭފުޅެކެވެ. ފިޔާޒުގެ ޓްވީޓުން އޭނާއަށް ފާޑުކިއުންތައް އަމާޒުވީ އެހެންވެގެންނެވެ.

މި ދެ މައްސަލައާ ގުޅިގެން ފިޔާޒާއި މަރީ ވެސް ވާހަކައެއް ނުދެއްކެވި އެވެ. އަދި މައާފަށް ވެސް އެދިވަޑައިގެންފައެއް ނުވެ އެވެ.

"ޝައްކު ނުއުފެދޭ ގޮތަށް އަމަލުކުރުން މުހިންމު"

ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އިހްލާސްތެރިކަމާ އެކު މަސައްކަތް ނުކުރައްވާ ނަމަ، ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ. އެ މުއައްސަސާތަކަށް އަންނަން ޖެހޭނީ "ދުވަހެއްގެ ކޮޅުން ވެސް ސިޔާސީ ޕާޓީއަކަށް ނުވަދެ ތިބޭ" މީހުން އެކަނި ކަމަށް ގާނޫނުގައި ލިޔަން ވެސް މިހާރު އެބަ ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތަކަށް މެމްބަރުން ލާފައި ގުނބޯ ހައްދާފައި މިތިބެނީ. ސިޔާސީ މީހަކު ބުނާ ހުރިހާ ކަމަކަށް އަމަލު ކުރަމުން އެބަ ދޭ އެތަނަށް އައްޔަން ކުރާ ކޮންމެ މީހެއް. ހަގީގަތުގައި ސިޔާސީ ގޮތުން އެއްވެސް ލިންކެއް ނެތި ނާދެވެންވީ އެ މަގާމަށް،" ނަސީމް ވިދާޅުވި އެވެ.

"މަރީ އަށް ވިދާޅުނުވެވޭނެތޯ ޕްރެޒެންޓްކޮށް ނުދެވޭނެ ކަމަށް؟ ކީއްވެތޯ ވިދާޅުނުވެވެންވީ އެއީ ޒިންމާދާރު ރަނގަޅު ގޮތެއް ނޫނޭ ކިތަންމެ ކުރާ ހިތްވާ ކަމެއް ވިޔަސް؟ ފިޔާޒް ވެސް މައުލޫމާތު ދެނީއޭ ކިއާފައި އަމިއްލަ އަށް ޕްރޮމޯޓްވާ ކަހަލަ ގޮތަކަށް އަމަލު އެ ބެހެއްޓެވީ."

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ މެމްބަރުންގެ ކޮނޑުގައި އެޅިފައި އޮތީ ބޮޑު ޒިންމާއެކެވެ. އެއީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާއި އިންސާފާއި ތަފާތު ކުރުމަކާ ނުލައި މަސައްކަތް ކުރައްވަން ޖެހޭ ބައެއް ކަމަށް ވިދާޅުވި އެވެ.

"ޖަވާބުދާރީ ކުރުވުމުގެ މުހިންމު ދައުރެއް އަދާކުރާ ބައެއް އެއީ. ހަގީގަތުގައި މިނިވަން މުއައްސަސާތަކަކީ ޝައްކު ނުއުފެދޭ އިތުބާރު ކުރެވޭ ތަންތަނަށް ހަދަން ޖެހޭ. އެ ބޭފުޅުންގެ އަމަލުތައް ބަހައްޓަން ވާނީ ރައްޔިތުންގެ ހިތްތަކުގައި ޝައްކުތައް ނުއުފެދޭ ގޮތަކަށް،" އައިމަން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާ، މަރިޔަމް ވަހީދާ ހުށަހަޅުއްވައި ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާއެއްގެ މެމްބަރަކު އަމަލު ކުރައްވާ ގޮތަކުން ގާނޫނީ ގޮތުން މައްސަލައަކަށް ނުވެދާނެ އެވެ. އެކަމަކު އެ އަމަލެއްގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.

އެއް ބަޔަކަށް ލިބުނީ އިނާމެއް!

މިނިވަން މުއައްސަސާއެއްގެ އިސް މަގާމެއް ކުރިން ފުރުއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ކޮންމެ ބަޔަކު ވެސް "މިނިވަންކަމޭ ކިއަނީ އެ ބަޔަކަށް ފަހިވާ ގޮތަށް" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ވެރިންނަށް މުއައްސަސާތައް މިނިވަންވީ ޗެނަލް 13 ގެ ނޫސްވެރިން އެ ކޮމިޝަންތަކަށް އައްޔަން ކުރީމަ އެވެ. މިހާރުގެ ސަރުކާރުގެ ވެރިންނަށް ކޮމިޝަންތައް މިނިވަންވަނީ ރާއްޖެ ޓީވީގެ ނޫސްވެރިން އެތަންތަނުގައި ބޭތިއްބީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބަޔަކު ބޭނުންވާ ހިސާބެއްގައި މިން ޖަހާލެވޭ އެއްޗެއް މިނިވަން މުއައްސަސާތަކަކީ. މި ސަރުކާރު އައީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއި މިނިވަންކަމާ އެކީގައި ކަންކަން ކުރާނެ ކަމުގެ ވައުދާ އެކު. އެކަމަކު ކުރީގެ ސަރުކާރަށް ވުރެ ގޯސްކޮށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.

"ޖަވާބުދާރީ ކުރުވުމުގެ މުހިންމު ދައުރެއް އަދާކުރާ ބައެއް އެއީ. ހަގީގަތުގައި މިނިވަން މުއައްސަސާތަކަކީ ޝައްކު ނުއުފެދޭ އިތުބާރު ކުރެވޭ ތަންތަނަށް ހަދަން ޖެހޭ. އެ ބޭފުޅުންގެ އަމަލުތައް ބަހައްޓަން ވާނީ ރައްޔިތުންގެ ހިތްތަކުގައި ޝައްކުތައް ނުއުފެދޭ ގޮތަކަށް،" ---އައިމަން

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީއަށް ތާއީދު ކުރާ މީހަކަށް ނޫނީ މިހާރު އެފަދަ މުއައްސަސާތަކުން ވަޒީފާއެއް ނުލިބެ އެވެ.

"ކުރީގެ ސަރުކާރު އޮތް އިރު މަސައްކަތް ކުރި މީހުން، މި ސަރުކާރު ބުނާ ގޮތަށް ކަންކަން ނުކުރާނެ ހެން ހީވާތީ ބޭރުކޮށްލަނީ. އެމްޑީޕީގެ ފިކުރަށް 100 ޕަސަންޓު ތާއީދުކުރާ މީހަކަށް ނޫނީ ވަޒީފާއެއް ނުލިބޭ. ރާއްޖެ ޓީވީގެ ގިނަ ނޫސްވެރިންނަށް އެ ދިނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަދިޔާއެއް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަރީ އާއި ފިޔާޒު މަގާމަށް ވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ރުހުމާ އެކީގައި ކަމަށް ވާތީ ސަރުކާރުން ބުނާ ކަންކަމަށް ނޫނެކޭ ވިދާޅުވާން ދަތިވާނެ ކަމަށެވެ. އޭގެ ފަހުގައި އޭނާ މިސާލު ނެންގެވީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ދިމާވި ކަމަކުންނެވެ.

"އަޅުގަނޑު ނޯންނާނެ ސިފައިން ބައިތިއްބައިގެން ސިޔާސީ ވާހަކަ ދައްކާފައެއް. އަޅުގަނޑަށް އިޝާރާތް އައި ވޯޓު ހޯދަން އުޅޭށޭ ކިއާފައި. އެކަމަކު ޔާމީން އެދިވަޑައިގެންނެވީ ޕްރޮފެޝަނަލް ކަމާ އެކީގައި މަސައްކަތް ކުރަން. ސިޔާސީ ކަންކަމުގައި ސިފައިން ބައިވެރި ނުކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކު ސިޔާސީ ވަރަށް ގިނަ ކަންކަމުގައި އޭރުގެ ސިފައިންނާއި ފުލުހުން ބައިވެރިކުރުވި އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގައި ހިމެނޭ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް، މަޖިލިހަށް ނުވަދެވޭ ގޮތަށް ބަންދުކުރުމާއި، އޭރުގެ އުއްތަަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން، ގަދަކަމުން ސުޕްރީމް ކޯޓަށް ވަދެގަތުން ހިމެނެ އެވެ.

އާދަމް ޝަރީފް އެއްބަސްވެވަޑައިގެންނެވި ގޮތުގައި އޭރު ވެސް "ބައެއްގެ ސަބަބުން" މިނިވަން މުއައްސަސާތައް ތިބީ ނުފޫޒުގެ ތެރޭގަ އެވެ. މިފަދަ ކަންކަން ހުއްޓުވޭނީ ޒިންމާ އަދާކުރައްވަން ތިއްބެވި ބޭފުޅުން އިހްލާސްތެރިކަމާ އެކީގައި މަސައްކަތް ކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.

"އިހްލާސްތެރިކަން ދެމެހެއްޓުމަށް މުސްތަގިއްލު މުއައްސަސާތަކަށް މިނިވަންކަން ދޭން ޖެހޭ. ވަކި ކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުއްޓަސް ކެރިގެން ނޫނެކޭ ބުނަންވީ. އެހެން ނޫނީ ބްރޯޑްކޮމް އާއި އިންފޮމޭޝަން ކޮމިޝަން އޮފީސް ފަދަ ތަންތަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނިމިދިޔަ ވެރިކަމުގައި ރާއްޖޭގެ މިނިވަން ހުރިހާ މުއައްސަސާތަކެއް ހިންގީ، ގާނޫނުގައި ނެތް ސިފަތަކެއްގެ ތެރެއިން، ސަރުކާރުގެ ކޮންޓްރޯލްގެ ދަށުންނެވެ. އެކަމަކު އާ ވެރިކަމެއް އައީ އެ ތަޖުރިބާ އަލުން ކުރަން ނުޖެހޭނެ ގޮތަށް، ނުވަތަ އެ ފުރުސަތު ވީހާ ވެސް ހަނިކުރެވޭނެ ގޮތަކަށް، މުއައްސަސާތައް އަލުން ބަލުން ނަގާ ކޮޅަށް ޖެހުމަށެވެ. އެކަން ކުރެއްވޭނީ މުއައްސަސާތަކަށް ލާ ބޭފުޅުންގެ ކިބާގައި އެ ވަރުގެ ކެރުމާއި މިނިވަންކަމެއް ވެސް ހުރެގެންނެވެ.