ޖަލު ނޫން ގޮތެއް ކޮންމެހެން މުހިންމު

ރާއްޖޭގެ އެންމެ ބޮޑު ޖަލު ފުރި، ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންދަންޖެހޭ މީހުންނާ ހަވާލު ނުވެވި، ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ހިސާބަށް ކަންކަން ދިއުމުގެ ނަތީޖާ އަކީ ޖަލުގައި ތިބި ބައެއް ގައިދީންނާއި ކަރެކްޝަންސް އޮފިސަރުންނާ ދެމެދު ހިނގައިދިޔަ ކުރިމަތިލުންތަކެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު ގޯސްކަމުގެ ވާހަކަ އެއީ މިއަދު ނުވަތަ ދާދި ފަހަކުން ފެންމަތިވި ވާހަކަތަކެއް ނޫނެވެ. އެއްވެސް ސަރުކާރަކަށް ހައްލެއް ހޯދައެއް ނުދެވުނެވެ.


ކުރިން ފާޅުކަން ބޮޑު ގޮތެއްގައި އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ގައިދީންނާ މެދު ހިންގަމުން އައި ހިންގުން ރަސްމީ ސިފައެއްގައި މަނާވިޔަސް، ޖަލުތަކުގެ ހާލަތާއި ރާއްޖޭގެ ނިޒާމު އޮތްގޮތުން ގައިދީން ނުވަތަ ބަންދު މީހުންނަށް ގެއްލިގެންދާ އިންސާނީ ހައްގުތަކުގެ ވާހަކަ އަކަށް ނިމުމެއް ނާދެ އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު "ވާނުވާގައި" އެތައް އަހަރެއް ހޭދަވާން ޖެހޭ ޖެހުމާއި ބަންދުގައި ތިބޭއިރު އެކަށީގެންވާ އަވަސް މިނުގައި ބޭސް ފަރުވާ ނުލިބުމާއި ޖަލުތަކުގެ ބައެއް ތަންތަނުގެ ހާލަތު އިންސާނުން ބައިތިއްބަން އެކަށީގެންނުވާ މިންވަރަށް ހުރި ކަމުގެ ކަންބޮޑުވުންތައް އެއީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފެންމަތި ކޮށްފައި ހުރި ސީރިއަސް ކަންކަމެވެ. އަދިވެސް އޭގެ ތެރެއިން ބައެއް ކަންކަން ހުރީ ހަމަ އެގޮތަށެވެ. ގައިދީންގެ ބޭސްފަރުވާ އަށް ޖަލު އޮފިސަރުން ފަރުވާ ކުޑަކުރާ ވާހަކަ އާއި އިހުމާލުވާ ވާހަކަތައް ކިތަންމެ އާއިލާ އަކުން ކަންބޮޑުވުމާ އެކު މިހާރު ވެސް ދައްކަ އެވެ.

ޖަލުތައް ފުރި، ޖާގަ އަށް ވުރެ އިތުރަށް ގޮޅިތަކުގައި މީހުން ބައިތިއްބަން ޖެހޭއިރު، ނުރައްކާތެރި ކުށްވެރިންނާއި ކުދި ކުށްތަކުގައި ތިބޭ މީހުން އެއްކޮށް ބޭތިއްބުން ނޫން ގޮތެއް ނެތެވެ. ނަތީޖާ އަކަށް ވެގެން ދަނީ ކުޑަ ކުށެއްގައި ހަ މަހުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްގެން ޖަލުން ނުކުންނަ މީހާ ވެސް ދެން ބައިވެރިވާނީ ކިހާ ނުރައްކާތެރި ކުށެއްގައި ކަމުގެ ޔަގީން ކަމެއް އެއްވެސް ބަޔަކަށް ނެތުމެވެ. ޖަލުތަކަކީ "ކުށްވެރިން އުފައްދާ ފެކްޓްރީތަކެކޭ" ބުނެވެނީ އެ ސަބަބާ ހެދި އެވެ. ސީރިއަސް ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ޖަލު ހުކުމެއް ނުވަތަ ބަންދުގައި ދުވަސްތަކެއް ކުރިން ހޭދަކުރި މީހުން ގިނަވުމަކީ އޭގެ ހެއްކެކެވެ.

ޖަލުތައް ބަލަހައްޓަން 100 މިލިއަން ރުފިޔާ އަށް ވުރެ އަދަދެއް ކޮންމެ އަހަރަކު ސަރުކާރުން ޚަރަދު ކުރެ އެވެ. އެކަމަކު، ޖަލުތަކުގެ ކަންކަން އެއްވެސް ޒަމާނެއްގައި ހައްލު ނުވެ ގޯހުން ގޯހަށް ދިއުމުގެ ނަތީޖާ އަކީ ޖަލުގެ ބަދަލުގައި އެހެން ގޮތެއް ހޯދަން ޖެހިފައި މިހާރު އޮތުމެވެ. އެއީ ނުރައްކާތެރި ނޫން ކުށްތަކުގައި އަދަބު ދިނުމުގެ އެހެން ނިޒާމެއް ހޯދުމެވެ. ކުށެއް ކުރާ ކޮންމެ މީހަކީ ޖަލަށް ވަންނަން ޖެހޭ މީހެއް ކަމަށް ދެކޭ ވިސްނުން ބަދަލުވާން އެބަޖެހެ އެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެ ނިޒާމު އެއީ ރާއްޖޭގައި ވެސް ބޭނުން ކުރެވެން އޮތް ފުރުސަތެކެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އޭގެ މައިގަނޑު އުސޫލުތައް ނުވަތަ ތަފްސީލުތައް. މިސާލަކަށް މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ 40 ގަޑިއިރޭ. އެ 40 ގަޑިއިރުގެ ތެރޭގައި ކުރާނީ ކޮން ކަމެއްތޯ ކަނޑައަޅާނީ އެކަން ތަންފީޒުކުރާ ކަރެކްޝަންސް އިން. ދެން ކަރެކްޝަންސްއަށް ހަވާލު ކުރެވިދާނެ މިސާލަށް ރަށެއްގެ މަގު ފާރު ރާނަން ވެސް." ޝަމީމް

މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގައި ޖަލަށްލުމުގެ ބަދަލުގައި އެހެން ބައެއް ބާވަތުގެ އަދަބުތައް ދެވޭ ގޮތަށް ހިމެނީ މުހިންމު މަގްސަދެއްގަ އެވެ. ގާނޫނުލް އުގޫބާތު ލިޔުއްވި އެމެރިކާގެ ޕްރޮފެސަރު ޕޯލް ރޮބިންސް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭގޮތުން ލިޔުއްވާފައިވާ ގޮތުން ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބުތަކެއް ދިނުމުގެ ބޮޑު ބޭނުމަކީ ޖަލުތަކުގައި ގައިދީން ބޭތިއްބުމާއި އެ މީހުންގެ ކެއުންބުއިމާއި ބޭސްފަރުވާ އާއި ބެލެހެއްޓުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދަށް ވުރެ ބޮޑަށް އޭގެ ސަބަބުން ވަޒީފާ ގެއްލި، އާއިލާއާ ދުރުވުމުގެ ސަބަބުން ކުށުގެ ވެށްޓަށް އަލުން އެނބުރި ދާ މީހުންގެ އަދަދު ގިނަވުމުގެ ފުރުސަތު ނުދިނުމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކުށްވެރިން އިސްލާހު ކުރަން އަދަބު ދިނުމުގެ މަގްސަދު ގެއްލިގެން ދިޔަ ނުދިނުމަށެވެ.

އެ ސަބަބަށްޓަކައި ޖަލަށްލުމުގެ ބަދަލުގައި ގޭ ބަންދާއި ޖޫރިމަނާ އާއި މުޖުތަމައަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަން ފަދަ އަދަބުތަކެއް ގާނޫނުލް އުގޫބާތުގައި ހިމެނި އެވެ. ކުށުގެ ބާވަތަށް ބަލައި ޖަލު ހުކުމް އެއާ އެއްވަރުގެ އެހެން ބާވަތުގެ އަދަބަށް ބަދަލު ކުރުމުގެ އިހްތިޔާރު ކޯޓުތަކަށް ދީފައި އޮވެ އެވެ. އެ ނިޒާމުގެ ބޭނުން މިހާރު ކޮންމެހެން ހިފަން ޖެހިފައި މިވަނީ ކުރިން ވެސް ފާހަގަ ކުރިހެން، ޖަލުތަކުގެ ހާލަތު އޮތްގޮތުންނެވެ. އަދި އެކަންކަން އިސްލާހު ކުރަން އެކި ސަރުކާރުތަކުން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިޔަސް، އޭގެ އެދެވޭ ނަތީޖާއެއް ނުފެނި އޮތުމުންނެވެ.

މިހާތަނަށް ވެސް ޖަލަށްލުމުގެ ބަދަލުގައި ހަމައެކަނި ދެމުން އަންނަނީ ގޭ ބަންދާއި ޖޫރިމަނާގެ އަދަބުތަކެވެ. ޖޫރިމަނާގެ އަދަބު ވެސް އެއީ "ރަމްޒީ" ކަމެކޭ ބުނެވެނީ ޖޫރިމަނާ ނުދެއްކިޔަސް، އަދަބު އިތުރަށް ބޮޑުވާނެ ގޮތެއް ނެތުމުންނެވެ. އެހެންވެ، ގާނޫނަށް ފަސް އަހަރު ވީއިރު ވެސް، މުޖުތަމައަށް ޚިދުމަތް ކުރުމާއި ޕްރޮބޭޝަންގެ އަދަބުތަކެއް ނުދެ އެވެ.

ގައިދީންތަކެއް މާލޭގެ މަގުމަތީގެ މަސައްކަތެއް ކުރަނީ -- ފޮޓޯ/މިހާރު

ޖަލަށްލުމުގެ ބަދަލުގައި އެހެން ބާވަތުގެ އަދަބުތައް ދިނުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި "އަދަބަކަށް ނުވާ އަދަބެއް" ކުށްވެރިންނަށް ދިނުމެއް ނޫނެވެ. އަދި އެފަދަ އަދަބުތައް އޮންނާނީ ކުށްވެރިންނަށް ލިބެންޖެހޭ ހައްގު އަދަބުން އެ މީހުން ސަލާމަތް ވުމަށް ބޭނުން ކުރެވިދާނެ އުކުޅެއްގެ ގޮތުގައި މުޖުތަމައު އާއި ކުށްވެރިޔާއަށް ނުދެކެވޭނެ މިންވަރަކަށެވެ. ގާނޫނުލް އުގޫބާތު ލިޔެފައި އޮތީ ވެސް އެގޮތަށެވެ.

މިސާލަކަށް މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ދޭ ނަމަ ކުށްވެރިޔާ ލައްވައި ކުރުވާ މަސައްކަތަކީ އޭނާ އާއި މުޖުތަމައުގެ ވެސް ކުރިމަތީގައި އަދަބެއްގެ ގޮތުގައި ބަލައިގަނެވޭ ފަދަ ކަމަކަށްވުން އެ ގާނޫނު ލާޒިމް ކުރެ އެވެ. އަދި އެންމެ ކުދި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި މުޖްތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ދިނުމުގެ އިތުރަށް ޖޫރިމަނާ ނުވަތަ ގޭ ބަންދު ނުވަތަ ޕްރޮބޭޝަން ފަދަ އެހެން އަދަބުތަކެއް ވެސް ދިނުމުގެ ފުރުސަތު އޮވެ އެވެ. މާނަ އަކީ އެކި ބާވަތުގެ އަދަބުތައް އެއްކޮށްލައިގެން އެ ކުށަކާ އެއްވަރުގެ އަދަބެއް ދިނުމުގެ ފުރުސަތު އޮތް ކަމެވެ.

ނަމަވެސް ހުރިހާ ބާވަތެއްގެ މަރު ހިމެނޭ ކުށްތަކާއި ސީރިއަސް ބޮޑެތި ކުށްތަކުގައި ނަމަ، އަދަބުގެ މަދުވެގެން ހަތަރު ބައި ކުޅަ އެއް ބަޔަކީ ޖަލަށްލުން ކަމަށް ވުން ލާޒިމްވެ އެވެ. އެހެންވެ، ބޮޑެތި ކުށްތަކުގައި "އަދަބަކަށް ނުވާ އަދަބެއް" ހޯދައިގެން ރެކިގަތުމުގެ ފުރުސަތު ކުޑަވެ އެވެ.

އަދަބެއްގެ ގޮތުން މުޖްތަމައަށް ޚިދުމަތް ކުރުން ލާޒިމްކޮށް އެންމެ ފުރަތަމަ އަދަބު ދޭން ފެށީ 1972 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. އޭގެ ފަހުން ޔޫރަޕްގެ އެހެން ގައުމުތަކާއި ސިންގަޕޫރާއި އަވަށްޓެރި މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ކުދި ކުށްތަކުގައި މި ނިޒާމް ދަނީ ބޭނުން ކުރަމުންނެވެ. ކުށްވެރިޔާ އަށް ލިބިފައިވާ ހުނަރަށް ބަލައިގަނެ ބައެއް ކަހަލަ މަސައްކަތްތައް ކުރުވުމުގެ އިތުރަށް އިމާރާތްތަކާއި އާންމު ތަންތަން ސާފުކޮށް ކުނި ނެގުމާއި ބެލެހެއްޓުން ފަދަ މަސައްކަތްތައް ވަކި މުއްދަތެއް ވަންދެން ކުރުވަ އެވެ.

އޭގެ ސަބަބުން މުޖްތަމައަށް ފައިދާތަކެއް ލިބުމުގެ އިތުރުން ކުށްވެރިންނަށް ދިރިއުޅުމުގެ އިތުރު ހުނަރުތައް ދަސްވުމާއި އޭގެ ތަޖުރިބާގައި އޭނާއަށް ވަޒީފާ ހޯދަން މަގުފަހިވެ، ކުށުގެ ވެށްޓަށް އަނބުރާ ނުކުންނަ މީހުން މަދު ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން، ސްކޮޓްލެންޑްގައި ހެދި ދިރާސާއެއް ދައްކާ ގޮތުން ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ކުށުގެ ވެށްޓަށް އަނބުރާ ދާ މީހުންނަށް ވުރެ މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމަށް ފަހު ކުށުގެ ވެށީގައި އުޅޭ މީހުން ނިސްބަތުން މަދެވެ.

ޖަލަށްލުން ނޫން އަދަބުތައް ދިނުމުގެ ނިޒާމް މިހާތަނަށް ހިނގައި ނުގަނެވި އޮތީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކަމަށް ހަދަންޖެހޭ އުސޫލުތައް އެކުލަވައިނުލައި އޮތުމުންނެވެ. ގޭ ބަންދުގެ އަދަބަކީ ގޭގައި ހުރުން ކަން އެންމެންނަށް އެނގުނަސް، މުޖްތަމައަށް ޚިދުމަތް ކުރުން ފަދަ އަދަބެއް ދޭން ބަލާއިރު މުޖްތަމައަށް ޚިދުމަތް ކުރުވުމުގެ ގޮތުން ކުރުވޭނެ މަސައްކަތްތަކެއް ތަފްސީލުކޮށް ލިޔެފައެއް ނެތެވެ. އެ ތަފްސީލީ އުސޫލުތައް އެކުލަވައިލަން ޖެހެނީ ކޮން މުއައްސަސާއަކުން ކަމެއް ގާނޫނުލް އުގޫބާތު އޮތްގޮތުން ވެސް މުޅިން ސާފެއް ނުވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދާދި ފަހުން ވިދާޅުވި ގޮތުގައި އެކަމާ ބެހޭ އުސޫލުތައް މުއައްސަސާތަކާ ގުޅިގެން އެކުލަވައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ހޯމް މިނިސްޓްރީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން ކުރާ އެ މަސައްކަތުގައި ބޭނުންވާ ފަންނީ އެހީތެރިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދީގެން އެ ނިޒާމް މި އަހަރު ކުރީކޮޅު ހިންގަން ފެށިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ. މިހާރު ބައެއް މައްސަލަތަކުގައި ޖޫރިމަނާ އަށް އަދަބު ބަދަލު ކުރިޔަސް، ކޮންމެ މައްސަލައެއްގައި އެގޮތަށް އެކަން ނުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އޭގެ މައިގަނޑު އުސޫލުތައް ނުވަތަ ތަފްސީލުތައް. މިސާލަކަށް މުޖްތަމައުއަށް ޚިދުމަތް ކުރުމުގެ 40 ގަޑިއިރޭ. އެ 40 ގަޑިއިރުގެ ތެރޭގައި ކުރާނީ ކޮން ކަމެއްތޯ ކަނޑައަޅާނީ އެކަން ތަންފީޒުކުރާ ކަރެކްޝަންސް އިން. ދެން ކަރެކްޝަންސްއަށް ހަވާލު ކުރެވިދާނެ މިސާލަށް ރަށެއްގެ މަގު ފާރު ރާނަން ވެސް." ޝަމީމް ވިދާޅުވި އެވެ.

ކޮންމެ ކުށެއްގެ އަދަބަކީ ޖަލު ކަމަށް ދެކޭ ޒަމާން މިހާރު ފާއިތުވެއްޖެ އެވެ. ޖަލަށްލުން ނޫނަސް އެހެން އަދަބުތައް ދީގެން ކުށްވެރިން އިސްލާހުކޮށް، މުޖްތަމައަށް އަނބުރާ ގެނެވޭނެ ފުރުސަތު ގާނޫނީ ނިޒާމުގެ ތެރެއިން ފަހިވެފައި އެބައޮތެވެ. އަދި މިހާރު ޖަލުތަކުގެ ހާލަތު ހުރި ގޮތުން އަދި ޖަލުތަކުގެ ނިޒާމާ މެދު އަންނަމުންދާ ޝަކުވާތަކަށް ބަލާ ނަމަ، ސީރިއަސް ނޫން ކުށްތަކުގައި ޖަލަށްލުން ނޫން ގޮތެއް ހޯދުން ކިތަންމެހާ ވެސް މުހިންމެވެ.