މަތީ ކޯޓުތައް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ވުރެ ވެސް މަތީގައި؟!

ލިޔެފައިވާ ތަފްސީލީ އުސޫލެއް ނުވަތަ އިޖްރާއާތެއް ނެތި ޝަރީއަތް ކުރި ޒަމާން މިހާރު ހިނގައްޖެ އެވެ. ޖިނާއީ އެކި މައްސަލަތަކުގައި އެކި ގޮތަށް ކޯޓުތަކުން އަމަލުކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނައީ ޖިނާއީ އިޖްރާއާތުގެ ގާނޫނުންނެވެ. އާދައިގެ މީހަކަށް ވިޔަސް، އަދި ސިޔާސީ ބޭފުޅެއްގެ މައްސަލައަކަށް ވިޔަސް މިހާރު ހިނގާނީ އެއް އުސޫލެކެވެ.


ދަށު މަރުހަލާގެ ކޯޓުތަކުގެ ޝަރީއަތްތަކުން މިހާރު މަޑުމަޑުން އެ މަންޒަރު އެބަ ފެނެ އެވެ. މައްސަލައަށް ވީނުވީ ގޮތެއް ނޭނގި އެތައް އަހަރެއް ވަންދެން އޮންނަ އޮތުން މަދުވެއްޖެ އެވެ. ތައްޔާރުވާން ވަގުތު ލިބޭނެ ގޮތާއި ޝަރީއަތް ހިނގާނެ ގޮތް ވެސް ދުރާލާ އެނގެ އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގައި މަތީ ކޯޓުތަކާ ހަމައިން މިއިން އެއްވެސް ބަދަލެއް ނުވަތަ ތަފާތެއް ނުފެނެ އެވެ. އަދިވެސް އޮތީ ކުރީގެ އުސޫލުތަކެވެ.

ޖިނާއީ ތުހުމަތެއް އުފެދޭ ވަގުތުން ފެށިގެން ތަހުގީގާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގައި، ހުކުމް ކުރުމާ ހަމައަށް އަމަލު ކުރަން ޖެހޭ ހުރިހާ އިޖްރާއާތެއް ތަފްސީލުކޮށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެބަ އޮތެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގެ އުސޫލުތަކެއް ނެތެވެ. ހަމައެކަނި އޮތީ ޖިނާއީ މައްސަލަތަކުގައި ނެރޭ އަމުރުތަކާއި ހުކުމްތައް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދައުލަތަށް ނުވަތަ ދައުވާ ލިބޭ މީހާއަށް ވެސް އިސްތިއުނާފް ކުރެވިދާނެ ކަމެވެ. އިތުރު އެއްވެސް ތަފްސީލެއް ނެތެވެ.

މިގޮތަށް އޮތުމުން ދަށު ކޯޓުތަކުން ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތަކުގެ ތެރެއިން އިސްތިއުނާފް މަރުހަލާގައި މަތީ ކޯޓުތަކުން ވެސް އަމަލު ކުރަން ޖެހެނީ ނުވަތަ ނުޖެހެނީ ކޮން އުސޫލުތަކެއް ކަމެއް އަދި އަމަލު ކުރަން ޖެހެނީ ކިހާ މިންވަރަކަށް ކަމެއް ސާފެއް ނުވެ އެވެ. ވަކި ޚާއްސަ އުސޫލުތަކެއް އިސްތިއުނާފް މަރުހަލާއަށް ދީފައި ނެތްއިރު، އެ ގާނޫނަށް އަމަލު ކުރުމުގައި ވަކި ޚާއްސަ އިސްތިސްނާއެއް ވެސް މަތީ ކޯޓަކަށް ނެތެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރި އެވެ. މަޝްހޫރު ބޭފުޅެއްގެ އިސްތިއުނާފް އަޑުއެހުމެއް ފެށުމާ އެކު، ދިފާއީ ވަކީލުންގެ ޓީމުގައި އިންނެވި މަޝްހޫރު ވަކީލަކު އިޖްރާއީ ނުކުތާއެއް ނެންގެވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަމެއް ފުރިހަމަ ނުކޮށް އަޑުއެހުން ފެށުމުންނެވެ. އެއީ ކޮންމެ އަޑުއެހުމެއް އަޑުއެހުން ފެށުމުގެ ކުރިން، އެއީ ކޮން މައްސަލައެއް ކަމާއި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތާއި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މައުލޫމާތު އިއުލާން ކުރުމެވެ.

އެކަން އެ ވަކީލް ފާހަގަކުރެއްވުމުން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ގަވާއިދުގެ އެ އުސޫލު ހިނގާނީ ދަށު ކޯޓުތަކަށް ކަމަށާއި އެއީ މަތީ ކޯޓުތަކަށް ހިނގާނެ އުސޫލެއް ނޫން ކަމަށެވެ. އެ ހިސާބުން، އަޑުއެހުން ކުރިއަށް ގެންގޮސް ދިފާއީ ވަކީލުންގެ ތެރެއިން ތިން ވަނަ ވަކީލު ވާހަކަ ދައްކަވަން ފެއްޓެވުމުން ދައުލަތުން ވެސް އިޖްރާއީ ކަމެއްގެ ގޮތުގައި ނެގީ ހަމަ އެ ގަވާއިދުގެ މާއްދާއެކެވެ. އެއީ ދެ ވަކީލުންނަށް ވުރެ ގިނަ ވަކީލުންނަށް ޝަރީއަތުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެ ގަވާއިދުން ނުލިބޭތީ އެކަމެވެ.

އެ ނުކުތާއަށް ރައްދު ދިނުމުގެ ބަދަލުގައި ދިފާއީ ވަކީލު ފާހަގަކުރީ އެ ގަވާއިދުގެ އުސޫލުތައް މަތީ ކޯޓުތަކަށް ނުހިނގާނެ ކަމަށް އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން ފަނޑިޔާރުންގެ ބެންޗުން ނިންމެވި ކަމެވެ. ގަވާއިދުގައި އޮތަސް، ދެ ވަކީލުންނަށް ވުރެ ގިނަ ވަކީލުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެ ހިސާބުން ލިބުނީ އެވެ.

އެހެން މިސާލެއްގެ ގޮތުން ޝަރީއަތްތަކުގެ ތާވަލް ކަނޑައެޅުމުގެ މައްސަލަ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކޯޓުން ދުރާލާ ކަނޑައެޅުމަށް ދެ ފަރާތަށް ވެސް ދޭން ޖެހެ އެވެ. އޭގެ ބޭނުމަކީ އެކަށީގެންވާ ވަގުތާއި ފުރުސަތު ދީގެން ޝަރީއަތްތައް ކުރިއަށް ގެންދަން ބާރު އެޅުމާއި އެތައް އަހަރެއް ވަންދެން މައްސަލައަށް ވީނުވީ ނޭނގި އޮތުމުގެ ފުރުސަތު ނުދިނުމެވެ.

ގާނޫނީ ގޮތުން ލާޒިމްވާ އެ ތާވަލް ކަނޑަނާޅައި ދަށު ކޯޓުތަކުން ހިންގި މައްސަލަތަކުގައި، އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ހުކުމްތައް ހައި ކޯޓުން ބާތިލް ކޮށްފައި އެބަ ހުއްޓެވެ. އެކަމަކު އިސްތިއުނާފް ޝަރީއަތްތަކުގައި ހައި ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް އެ ތާވަލެއް ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން، ނިމޭނެ ދުވަހެއް ނޭނގި، ތިން ހަތަރު އަހަރު ވީ ޖިނާއީ ބޮޑެތި އެތައް މައްސަލައެއް މިހާރު ވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި އެބަހުއްޓެވެ.

ކޯޓު ރޫމެއް -- ފޮޓޯ/މިހާރު

ކުށްވެރިވެފައި ތިބޭ މީހުންނަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދިނުމުގެ މައްސަލައަށް ވީ އެފަދަ ގޮތެކެވެ. ކުށް ސާބިތުވެފައިވާ މީހާ ވެސް އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމުގެ ބާރު އެ ގަވާއިދުގެ ދަށުން އޮތުމުން ޖަލު ހުކުމުގައި ކުރިން ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބަށް ފަހު ހައި ކޯޓުން ކަފާލާތުގެ ދަށުން ބަންދުން މިނިވަންކޮށްދިނެވެ. އެކަމަކު އޭރު ހައި ކޯޓުން އަމަލުކުރި ގޮތާ މެދު މިހާރު މި އޮތީ ސުވާލު އުފެދިފަ އެވެ.

ސަބަބަކަށް ވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި، އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު އިސްތިއުނާފް ނިމެންދެން އޭނާ ބަންދު ކުރަން ދައުލަތުން އެދޭ ހާލަތުގައި ކަމަށް އޮތުމުންނެވެ. ދަށު ކޯޓުން ކުށް ސާބިތުވެފައިވާ މީހާއަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް އެ ގާނޫނަކު ނެތެވެ. އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ހައި ކޯޓުގައި އެދުމުން މިހާރު އޮތީ ބޮޑު ބަހުސަކަށް ގޮސްފަ އެވެ.

އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ފުރުސަތު ޔާމީނަށް އެބަ އޮތް ކަމަށް ވިދާޅުވާ ބޭފުޅުންގެ ހުއްޖަތަކީ ޖަލު ހުކުމެއް އޮތް ބޭފުޅުންނަށް ހައި ކޯޓުން ކުރިން ކަފާލާތު ދިނުމުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ނެތަސް، ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެއީ ކުރެވިދާނެ ކަމެއް ކަމަށް އެ ކޯޓުން ގަބޫލުކުރާ ކަމުގެ ގާނޫނީ އުސޫލެއް އޮތުމެވެ. އަދި އެ ނިންމުމަށް މިހާތަނަށް ވެސް ބަދަލެއް އައިސްފައި ނެތުމެވެ.

އެކަމާ ދެކޮޅު ބޭފުޅުން މިހާރު ވިދާޅުވާ ގޮތުން ޖަލު ހުކުމެއް އޮތް ބޭފުޅުންނަށް ހައި ކޯޓުން އޭރު ވެސް ކަފާލާތު ދިނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށެވެ. އެ ގާނޫނު އައުމާ އެކު، އެފަދަ މީހުންނަށް ކަފާލާތު ދިނުމުގެ ބާރު ހައި ކޯޓަށް މިހާރު ގެއްލިފައިވާ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، ޖިނާއީ އިޖްރާއާތުގެ އާންމު އުސޫލުތައް އުވިގެން ގޮސްފައިވާތީ ހައި ކޯޓުގެ ގަވާއިދުގެ އެ މާއްދާ އުވުނީ ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ހައި ކޯޓުން ކަފާލާތު ދިނުމުން އޭރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ބުނެފައިވަނީ އެއީ ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓަށް އޮތް ބާރެއް ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ކުށްވެރިވެފައި ތިބޭ މީހުންނަށް ކަފާލާތު ދިނުމުގެ ވާހަކަ އޮތީ ހައި ކޯޓުގެ ގަވާއިދުގައި އެކަނި ނޫން ކަމެވެ. ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓަށް ވެސް އެ ފުރުސަތު އޮވެ އެވެ. އެކަމަކު ކަފާލާތުގެ މައްސަލައެއް ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައި ނެތުމުން އެ ބަހުސް އެ ހިސާބަށް އަދި ގެންދާކަށް ނުޖެހެ އެވެ.

ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވަކި ބާވަތުގެ ކުށްތަކެއްގައި ކުށްވެރިވެފައިވާ މީހާއަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ދަށުން ބަންދުން މިނިވަންވުމުގެ ފުރުސަތު އޮވެ އެވެ. ރާއްޖޭގައި އެ ފުރުސަތު ލިބެން އޮތް ކަމާ މެދު މިހާރު އުފެދިގެން އުޅޭ ބަހުސްގެ ފެށުމަކަށް ވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެކަމާ މެދު ވަކި އެއްޗެއް ބުނެފައި ނެތުމުންނެވެ. ކުރިން ވެސް ފާހަގަކުރިހެން، އިސްތިއުނާފީ ކޯޓުތަކުގެ މައްޗަށް ހިނގާނެ އުސޫލުތައް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ސާފުކޮށެއް ނެތެވެ.

އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އިސްތިއުނާފް މަރުހަލާއަށް ވަކި ޚާއްސަ އިސްތިސްނާއެއް ނެތުމުން އެ ގާނޫނަށް މަތީ ކޯޓުތަކުން ވެސް ފުރިހަމައަށް އަމަލު ކުރަން ޖެހޭ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު ދަށު ކޯޓުތަކުގެ ޝަރީއަތްތަކަށް ލިޔެފައިވާ ހުރިހާ އިޖްރާއާތުތަކަށް މަތީ ކޯޓުތަކުން އަމަލު ކުރަން ޖެހިއްޖެ ނަމަ، ނުކުންނަ އެހެން މައްސަލައެއް އޮވެ އެވެ. އެއީ ދަށު ކޯޓުތަކާ ޚިލާފަށް އިސްތިއުނާފް މަރުހަލާގައި ޝަރީއަތްތައް ހިނގާ ގޮތާއި މައްސަލަތައް ބެލުމުގެ އުސޫލު ތަފާތުވުމުންނެވެ.

ދަށު ކޯޓުތަކުގައި ޝަރީއަތް ހިނގާއިރު، ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމާއި ހެކި ހުށަހެޅުމާއި ހެކިބަސް ނެގުމާއި މިފަދަ އެތައް މަރުހަލާއެއް ފުރިހަމަކުރަން ޖެހުނަސް، އިސްތިއުނާފީ ކޯޓުތަކުގައި އެ މަރުހަލާތަކެއް ނޯވެ އެވެ. ވަރަށް މަދު ހާލަތްތަކެއްގައި ފަހުން ހާމަވާ އާ ހެއްކެއް އިސްތިއުނާފް މަރުހަލާގައި ހާޒިރު ކުރިޔަސް، އާންމު އުސޫލުން އިސްތިއުނާފް މަރުހަލާގައި އޮންނާނީ ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ކަންކަމަށް ރިއާޔަތްކޮށް، ދަށު ކޯޓުގެ ނިންމުން ރިވިއު ކުރުމެވެ.

ގާނޫނީ ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހައި ކޯޓާއި ސުޕްރީމް ކޯޓަށް އަމަލު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ އެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވެސް ފާހަގަކުރައްވަނީ މަތީ ކޯޓުތަކުން މައްސަލަތައް ބެލުމުގެ އުސޫލު ދަށު ކޯޓުތަކާ މުޅިން ތަފާތުވުމެވެ. އެކަމަކު ގާނޫނުގައި ބުނާ ހުރިހާ އިޖްރާއާތުތަކެއް ފުރިހަމަ ނުކުރެވުނަސް، އަމަލު ކުރެވެން ހުރި މާއްދާތަކަށް މަތީ ކޯޓުތަކުން ވެސް އަމަލު ކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މުޅި ގާނޫނަށް އެއްވެސް ގޮތަކަށް އަމަލު ނުކޮށް ދޫކޮށެއް ނުލެވޭނެ. އަމަލު ކުރެވެން ހުރި ކަންކަން ފުރިހަމަ ކޮށްފައި އަމަލު ކުރެވެން ނެތް ކަންކަން ދޫކޮށްލެވިދާނެ. މިސާލަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުން ބުނެވިދާނެ އެއީ އަމަލު ނުކުރެވޭނެ ކަމެކޭ އިސްތިއުނާފް މަރުހަލާގައި. އެކަމަކު ޝަރީއަތުގެ ތާވަލް ދިނުން ފަދަ ކަންކަން އެއީ ކުރެވޭނެ ކަންކަން،" ވަކީލަކު ވިދާޅުވި އެވެ.

އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ އެ ގާނޫނު އޮތް ގޮތުން އިސްތިއުނާފް މަރުހަލާއަށް ހިނގާނެ އުސޫލުތަކާއި ނުހިނގާނެ އުސޫލުތައް މުޅިން ސާފު ނޫން ކަމަށެވެ. އެކަމަކު އަމަލު ކުރެވެން ހުރި ކަންކަން މަތީ ކޯޓުތަކުން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ހަމައެކަނި ވަކި މަރުހަލާއެއްގެ ކޯޓުތަކަކަށް ހިނގާ އެއްޗަކަށް ވެ، އެ ގާނޫނު ވުޖޫދަށް ގެނައި މަގްސަދު މަތީ ކޯޓުތަކާ ހަމައިން ގެއްލުމުގެ ފުރުސަތު އޮވެގެން ނުވާނެ އެވެ. ޚާއްސަ އުސޫލުތަކެއް ސާފުކޮށް ބަޔާން ނުކުރިޔަސް، ދަށު ކޯޓުތަކެކޭ އެއްގޮތަށް މަތީ ކޯޓުތަކުން އަމަލު ކުރެވެން ޖެހޭ ކަންކަން އެބަ ސާފުވާން ޖެހެ އެވެ.