ނުބައި ދޮރެއް ހުޅުވީތަ؟ ނުވަތަ ނުބައި ދޮރެއް ބަންދުކުރީތަ؟

މީހުން ހަވާލުކުރާ ގޮތް ނޭނގޭ ތަކެއްޗާ ހަވާލުވުމުގެ ނުރައްކާތެރިކަން ގުޅެނީ ފުޅާވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާ އެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމާއި ވަކި މިންވަރަކަށް ވުރެ ގިނައިން ގެންގުޅުމުގެ ކުށްތަކަށް ދޭ ބޮޑެތި އަދަބުތަކުން ސަލާމަތްވުމަށް ޑީލަރުން އެހެން އުކުޅެއް ގެންގުޅެ އެވެ: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެއް ތަނުން އަނެއް ތަނަށް ގެންދަން ނިވައި ފަތްގަނޑަކަށް އާންމުން ބޭނުންކުރުމެވެ.


މަސްތުވާތަކެތި ގެންގުޅުން ނުވަތަ އަތުގައި ބެހެއްޓި ކަމަށް ގާނޫނީ ގޮތުން ބެލުމުގައި ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމީ ބޮޑު ނިންމުމެކެވެ. މަސްތުވާތަކެތި އެ މީހެއްގެ އަތުން ފެންނަ މީހާ އެ ތަކެއްޗާ ޒިންމާ އުފުލުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ މާނަކުރުން ރަނގަޅު ނޫން ކަމަށް ދެކި، އެއާ ދުރަށް އެ ކޯޓުން މިވަނީ ގޮސްފަ އެވެ.

ކުރީގެ ނިންމުން

އަތުގައި މަސްތުވާތަކެތި ބެހެއްޓުން ނުވަތަ ގެންގުޅުނު ކަމަށް ސުޕްރީމް ކޯޓުގެ ކުރިން ކަނޑައެޅި އުސޫލު އޮތް ގޮތުން މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާއެއްޗެއް ފެނުމުން ކުށުގެ މަސްއޫލިއްޔަތު އެ މީހަކު އުފުލަން ޖެހޭނެ އެވެ. މިސާލަކަށް މީހަކު އޭނާއާ ހަވާލުކުރި އެއްޗެއްގެ ތެރޭގައި މަސްތުވާއެއްޗެއް އޮތްކަން ނޭނގުމަކީ ކުށުން ބަރީއަވެވޭ ކަމެއް ނޫނެވެ. އެއަށް ޒިންމާވާން ޖެހޭ އެހެން މީހަކު ނުދެއްކިއްޖެ ނަމަ، އެ ކުށް އެ މީހެއްގެ މައްޗަށް ސާބިތުކުރެވޭނެ އެވެ.

ޖިނާއީ ކުށްތައް ސާބިތު ކުރުމުގެ އާންމު މިންގަނޑަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރެވެ. އެހެންވެ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން އެހެން ގޮތަކަށް ވިސްނުމަށް އެކަށީގެންވާ ސަބަބެއް ނެތް މިންވަރަށް ކުށުގެ މާއްދީ ރުކުން (އެކްޓަސް ރިއާ) މައުނަވީ ރުކުން (މެންސް ރިއާ) ސާބިތުކޮށް ދިނުމުގެ ބުރަ ދައުލަތުން އުފުލަން ޖެހެ އެވެ. އެކަމަކު މުތުލަގު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައެބިލިޓީ) އުފުލަން ޖެހޭ ކުށްތައް މި މިންގަނޑަށް ވުރެ ލުއި ނުވަތަ ފަސޭހައިން ސާބިތުކުރެވޭ އެވެ.

އެފަދަ ކުށްތަކުގައި ކުށުގެ މާއްދީ ރުކުން ސާބިތުވުމުން، މައުނަވީ ރުކުން ސާބިތު ނުވިޔަސް ކުށް ސާބިތު ކުރެވެ އެވެ. މިސާލަކަށް މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލަތަކުގައި ހިޔާޒަތުގެ (ބެލުމުގެ) ދަށުގައި އެފަދަ އެއްޗެއް ފެނުމުން ކުށް ސާބިތުވީ އެވެ. އެ ތަކެތި ގެންގުޅުމުގެ ނިޔަތް އޮތްކަން ނުވަތަ އެއީ މަސްތުވާއެއްޗެއް ކަން އެނގިގެން ގަސްދުގައި އެ މީހަކު ގެންގުޅުނު އެއްޗެއް ކަން ކޮންމެހެން ސާބިތުވާކަށް ނުޖެހެ އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން އޮތީ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއްގެ ގޮތުގައި ބަލައިފަ އެވެ.

އެ އުސޫލަކީ ކުށްނުކުރާ މީހުން ވެސް "ގާނޫނީ ގޮޅިއަކަށް" ފެތުމުގެ ފުރުސަތު އޮންނަ ކަމަށް ވާތީ ކުރިއަރާފައިވާ ގައުމުތަކުގައި މި އުސޫލު ހިންގަނީ ވަރަށް ޚާއްސަ އިސްތިސްނާ ކުށްތަކަކަށެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ މާއްދާއެއް މާނަކޮށް، އެ ކޯޓުން އޭރު ކަނޑައެޅި އެ އުސޫލާ އެކު ވަރަށް ފަސޭހައިން ވެސް މަސްތުވާއެއްޗެއް ގެންގުޅުމުގެ ކުށް ސާބިތުވުމުގެ ފުރުސަތު އޮވެ އެވެ. މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށް ކަމާ ބެހޭ އިދާރާތަކުން އެދެމުން އަންނަނީ އެފަދަ ސަބަބުތަކާ ހެދި އެވެ.

އެކަމަކު ސުޕްރީމް ކޯޓުން އޭރު އެގޮތަށް ކަނޑައަޅާފައި އޮތަސް، ގިނަ ކޯޓުތަކުން އެއާ ތަފާތުކޮށް އެފަދަ މައްސަލަތައް ނިިންމާފައި ހުއްޓެވެ. އެއީ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނަސް، އެ ތަކެއްޗާ އެ މީހާއާ ގުޅުވާލެވޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް އޮންނަން ޖެހޭ ގޮތަށެވެ.

ފަހުގެ ނިންމުން

ކުރީގެ މާނަކުރުން އެއް ފަރާތްކޮށް، ސުޕްރީމް ކޯޓުން އަލަށް ދިން މާނަކުރުން ބުނާ ގޮތުން މަސްތުވާއެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުން ފެނުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އެ ކޯޓުން ދެއްކީ ކުރީގެ ނިންމުން ބިނާކުރި މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދެވަނަ މާއްދާގެ ށ. އަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ ކުށެއްގެ ގޮތުގައި އެ ކުށް ބެލުމަށް އޮތް މާއްދާއަކަށް ނުވުމެވެ. އެ މާއްދާގެ ހަމައެކަނި މަގްސަދަކީ އޭރު ގާނޫނު އޮތް ގޮތަށް، އެއް ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ ވިޔަފާރީގެ ބޭނުމަށް ގެންގުޅުން ކަމަށް ބެލުން ކަމަށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ކުރީގެ މާނަކުރުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ދެއްކި ދެވަނަ ހުއްޖަތަކީ ކުރިން ދެންނެވި މާއްދާގެ އިބާރާތް އޮތް ގޮތާއި މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ އެހެން ބައެއް ކުށްތަކާ ގުޅިގެން އެ ގާނޫނުތަކުގައި ހުރި އިބާރާތްތައް ތަފާތުވުމެވެ. ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގައި، އެ ގާނޫނުގެ ދަށުން އެތެރެކުރުން މަނާ އެއްޗެއް މީހެއްގެ އަތުން ފެނިއްޖެ ނަމަ އެއީ އެ މީހަކު ރާއްޖެ އެތެރެކުރި ނުވަތަ އުފެއްދި އެއްޗެއް ކަމަށް ބަލަން ޖެހޭ ގޮތަށް އޮތް އިބާރާތާއި މަސްތުވާތަކެއްޗާ ބެހޭ އެ ގާނޫނުގެ އެ މާއްދާގެ އިބާރާތާއި މަގްސަދު ތަފާތެވެ.

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

އާ މާނަކުރުމާ އެކު، އަންނާނެ އެންމެ ބޮޑު ބަދަލަކީ މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާއެއްޗެއް ފެންނަ ފެނުމުގެ މައްޗަށް އެކަނި ބިނާކޮށް އެ މީހާ ޒިންމާ އުފުލަން ޖެހޭ ޖެހުން ނިމުމަކަށް އައުމެވެ. އަދި ގެންގުޅުމުގެ ނިޔަތް އޮތްކަން ސާބިތުކޮށް ދިނުމަށް އެއާ އެ މީހަކާ ގުޅުވާލެވޭ އިތުރު ހެއްކެއް އޮތުން ލާޒިމްވުމެވެ. މިސާލަކަށް މަސްތުވާތަކެތި ހުރިކަން އެ މީހަކަށް އެނގޭ ކަމުގެ ހެއްކެއް ނުވަތަ އެ އެއްޗެއް އޭނާގެ ހިޔާޒަތުގެ ދަށަށް ގެންނަން މަސައްކަތެއް ކުރިކަމުގެ ހެއްކެއް ދެއްކުން ލާޒިމްވާނެ އެވެ. އެކަމަކު މަސްތުވާއެއްޗެއް އެ މީހާއަށް ފެންނަ ފަދަ ގޮތަކަށް ހާމައަށް ހުރުން ފަދަ ހާލަތުގައި އެ ތަކެތި ގެންގުޅުމުގެ ނިޔަތް އޮތް ކަމަށް ބެލިދާނެ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނު އޮތްއިރު އެ ގާނޫނަށް ރިއާޔަތްކޮށް ކަނޑައެޅި މާނަކުރުމެކެވެ. އަދި ފަހުން މި ނިންމި މައްސަލައަކީ ވެސް އެ ގާނޫނުގެ ދަށުން ދައުވާކުރި މައްސަލައެއް ކަމަށް ވާތީ އެ ނިންމުމުގައި މުޅިން ވެސް ރިއާޔަތް ކޮށްފައި އޮތީ ކުރީގެ ގާނޫނަށެވެ. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ބެހޭ ގޮތުން އެ ހުކުމުގައި އެއްވެސް މިންވަރަކަށް ވާހަކަ ދައްކާފައެއް ނެތެވެ. އެހެންވެ، އެ ނިންމުމުގެ އުސޫލުތައް މިހާރުގެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކަށް ހިނގާނެތޯ އެއީ އޮތް ސުވާލެކެވެ.

މި މައުލޫއުގައި ކުރީގެ ގާނޫނާއި މިހާރު އަމަލުކުރާ ގާނޫނާ ކޮންމެވެސް ވަރަކަށް ތަފާތުތަކެއް ވެސް އެބަ ހުއްޓެވެ. މިހާރު އަމަލުކުރާ ގާނޫނުގައި މަސްތުވާއެއްޗެއް އަތުގައި ހުރި ކަމަށް ބެލެވޭނެ ގޮތްތަކާއި ހާލަތްތައް ވަކިވަކިން ބަޔާން ކޮށްފައި އެބަ އޮތެވެ. އެ ގާނޫނުގެ 141 ވަނަ މާއްދާގައި އެ ހާލަތްތައް ބަޔާން ކުރުމަށް ފަހު، އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު އެއިން ހާލަތެއްގައި މަސްތުވާތަކެތި އަތުގައި ހުރީ ކަމަށް ބަލަން ޖެހޭ ކަމަށް ބުނެފައި އޮވެ އެވެ. އެހެންވެ، މިކަމުގައި ސާފު ޖަވާބެއް އަދި ނެތޭ ބުނެވިދާނެ އެވެ.

ނުބައި ދޮރެއް ހުޅުވީތަ؟ ނޫނީ ބަންދުކުރީތަ؟

މަސްތުވާތަކެތީގެ ސަބަބުން މުޖްތަމައަށް ލިބެމުންދާ ގެއްލުންތައް އޮތީ އިންތިހާގަ އެވެ. ކުރިން ގްރާމުން ކިޔަމުން އައި ބަރުދަން މިހާރު ކިޔަނީ ކިލޯއިންނެވެ. އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަނެ އެވެ.

އަނެއްކޮޅުން، ހަމައެކަނި މަސްތުވާތަކެތި ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރަމުން ދިޔައިރު ވެސް ތަހުގީގު މަރުހަލާގައި ހެދޭ ބޮޑެތި ގޯސްތަކުގެ ސަބަބުން މިފަދަ އެތައް މައްސަލައެއްގައި ހިމެނޭ ބަޔަކު ޒިންމާވާން ނުޖެހި، ދޫކޮށްލަން ޖެހިފައި އެބަ ހުއްޓެވެ. އެހެންވީއިރު، މި ބަދަލާ އެކު މަސްތުވާތަކެއްޗަށް ޒިންމާ ވާން ޖެހޭ ހަގީގީ މީހުންނާ ދެކޮޅަށް ހެކި ހޯދޭނެތޯ އާއި އެ ގާބިިލްކަން ތަހުގީގީ އިދާރާތަކުގައި އެބަ ހުރިތޯ މިއީ ވިސްނާލުން މުހިންމު ކަމެކެވެ.

މި ނުކުތާއަށް ސުޕްރީމް ކޯޓުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާފައި އެބަ އޮތެވެ. އެ ހުކުމުގައިވާ ގޮތުން މަސްތުވާތަކެތީގެ ސަބަބުން މުޖްތަމައަށް ލިބެމުންދާ ގެއްލުންތައް ބޮޑުކަން ހުއްޖަތެއްގެ ގޮތުގައި ދެއްކުމަށް ފަހު، ގާނޫނުގެ މަގްސަދުގެ ބޭރުން ކުށް ސާބިތު ކުރުމުގައި ގާނޫނު އަސާސީގައި ބަޔާންކުރާ މިންގަނޑަށް ވުރެ ލުއި މިންގަނޑެއް ކޯޓުތަކުން އަމިއްލައަށް ގެންގުޅެގެން ނުވާނެ އެވެ. އަދި ވަކި ކުށެއްގެ ބޮޑުކަމާއި އާންމުވެފައިވާ މިންވަރަށް ބަލައި، އެ ކުށް ސާބިތުކުރަން ލުއި މިންގަނޑެއް ގެންނަ ނަމަ، އެކަމަށް އޮތް މަގަކީ ގާނޫނުގައި އެކަން ސާފުކޮށް ބަޔާން ކުރުން ކަމަށް އެ ހުކުމުގައިވެ އެވެ.

"މީހެއްްގެ އަތުގައި މަނާކުރެވިފައި މަސްތުވާތަކެތި ހުންނަ ހުރުމަކީ މުތުލަގު މަސްއޫލިއްޔަތު ގާނޫނީ ގޮތުން އުފުލަން ޖެހޭ އަމަލެއް ކަމަށް ބަޔާންކުރާ ނަމަ ނުވަތަ މީހެއްގެ މައްޗަށް ޝަރީއަތުން ކުށެއް ސާބިތުކުރަން އޮންނަ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ވުރެ ހަރުކަށި މިންގަނޑެއް ކަމަށް ބަޔާންކުރާ ނަމަ، އެއީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައިވާ ރައްޔިތުންގެ އަސާސީ ހައްގެއް ހަނިކުރުން ކަމަށް ވާނެތީ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ގައި ބަޔާން ކޮށްފައިވާ އަސާސީ ހައްގު ހަނިކުރެވޭނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނަކުން" ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ނުކުރަނީސް، މަނާ އެއްޗެއް މީހެއްގެ އަތުން ފެންނަ ފެނުމުގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ގާނޫނީ ގޮތުން ބަލަން ޖެހެނީ ކުށް ނުކުރާ މީހުންނަށް އަދަބުތަކެއް ދެވިދާނެތީ އެވެ. ބޭރުގެ ކޯޓުތަކުގެ ނިންމުންތައް ވެސް އެގޮތަށް އެބަހުރި ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމަކީ އެފަދަ ތަކެއްޗަށް ޒިންމާވާން ޖެހޭ މީހާ ކަނޑައެޅުމުގައި މުޅިން އާ މިންގަނޑެއް ނުވަތަ އުސޫލެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ކުރީގެ މާނަކުރުން ދެމި އޮތްއިރު ވެސް، މަސްތުވާތަކެތި ހިޔާޒަތުގެ ދަށުން ފެނުނަސް، އިތުރު ހެކި ނުވަތަ ގަރީނާއެއް އެ މީހަކާ ގުޅުވާލެވޭ ގޮތަށް އޮންނަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންވަ އެވެ.

"މީގެ ކުރިން ވެސް އެބަހުރި ކޯޓުތަކުން ނިންމާފައި ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނަސް، ގުޅުވާލެވޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ހުންނަން ޖެހޭނެއޭ. އެހެންވީމަ މުޅިން އާ އެއްޗެއް ނޫން މި އައީ،" ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި މަޝްހޫރު ވަކީލަކު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަސްތުވާއެއްޗެއް ފެންނަ ކޮންމެ ފަހަރަކު އެއަށް ޒިންމާވާން ޖެހޭ މީހަކު ނުހޯދިދާނެ އެވެ. އަދި ޚާއްސަކޮށް، ދަތުރުކުރާ މީހުންގެ ހަވާލުގައި އެއްޗެހި ފޮނުވުމުގެ އާދަ ފެތުރިފައި އޮތްއިރު، އެފަދަ ކޮންމެ ފަހަރަކު އޭގެ ޒިންމާ ކޮންމެވެސް މީހަކު ނަގަން ޖެހޭ ނަމަ، އެކަމުގެ ނުރައްކާތެރިކަން ވިސްނައިނުލެވި ތިބި އާންމުންގެ ބަޔަކަށް އަދަބު ލިބުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.

"މިއީ ކުށް ނުކުރާ ބައެއްގެ ބޮލުގައި އެކަން އެޅުވި، ހައްޔަރުވެގެން ޖަލަށް ދާން ޖެހުމާ ދެކޮޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ކުށްކުރި މީހުންނަށް އަދަބު ދީ، މުޖްތަމައު އަމާންކުރުމާ އެކު، ކުށް ނުކުރާ މީހާއަށް ރައްކާތެރިކަން ދިނުމަކީ ވެސް ގާނޫނުގެ މަގްސަދެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ އާ މާނަކުރުމަކީ ކުށް ނުކުރާ މީހުންނަށް އަދަބު ދެވުމުގެ ފުރުސަތު ކުޑަވެގެންދާނެ ނިންމުމަކަށް ވެދާނެ އެވެ. އެކަމަކު މިއީ ކުށެއް ނެތް މީހުން ނިވައި ފަތްގަނޑަކަށް ބޭނުން ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހުޅުވާލެވޭ ދޮރަކަށް ވެސް ވެދާނެ އެވެ. އެހެންކަމުން ތަހުގީގުތައް ވަރަށް ބޮޑަށް ފުޅާވާން އެބަ ޖެހެ އެވެ.