ސުޕްރީމް ކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ރިވިއުކުރެވޭނެތަ؟

ގާނޫނު މާނަކުރުމާއި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ވަކިވަކި ފަރުދުން ވެސް ތަބާވާން ލާޒިމް ވަނީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބުނާ ވަރަށް މުހިންމު މާނައެއްގަ އެވެ. އެއީ އެ ކޯޓުގެ ނިންމުން އިސްތިއުނާފް ކުރެވޭނެ އިތުރު މަތީ ކޯޓެއް ނެތުމުން ޝަރީއަތާ ހަމައަށް އަންނަ ކޮންމެ މައްސަލައަކަށް ވެސް ނިމުމެއް ގެނެސްދީ، މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކަށް ދާއިމީ ގޮތެއްގައި ހިމާޔަތް ހޯދައި ދިނުމުގެ ބާރު އޮތް ކޯޓު ކަމަށް ވާތީ އެވެ.


އެކަމަކު ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތައް އަލުން ބަލައި، ކުރިން ނިންމި ނިންމުން އެ ކޯޓުން ބަދަލުކޮށްފައި އެބަ ހުއްޓެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ މައްސަލަ އާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްސަލައަކީ އޭގެ މިސާލުތަކެވެ. އަދި ފެބްރުއަރީ 1، 2018 ގައި އެ ކޯޓުން ނެރުނު އަމުރަކީ ވެސް ކޯޓުގެ ކުރީގެ ބައެއް ހުކުމްތައް ރިވިއުކޮށް، ބާތިލްކުރި އަމުރެކެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހިނގައިދިޔަ ކަންތައްތަކާ އެކު ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރު އަނެއްކާވެސް އެކި ފަހަރު މަތިން ރިވިއުކުރި އެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް ރިވިއު ކުރެވޭނެތޯ އުފެދުނު ބަހުސްގެ ފެށުމަކީ އެއީ އެވެ. މިހާރު އަނެއްކާވެސް މި އޮތީ މި ބަހުސެވެ. އެކަމަކު ހާލަތު ތަފާތެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް އެއްކޮށް މިހާރު އޮތީ ބަދަލުވެފަ އެވެ. އެހެންވެ، މިއީ އެންމެ މައްސަލައަކަށް ވުރެ ބެންޗުން ނިންމަން ޖެހޭ ބޮޑު ނިންމުމެކެވެ.

ސުޕްރީމް ކޯޓުގެ ކޮންމެ ނިންމުމަކީ ވެސް މައްސަލާގައި ހުށަހެޅިފައި ހުރި ކަންކަމާއި ވަށައިގެންވާ ހުރިހާ ކަމަކަށް ބަލައި، ރިއާޔަތް ކުރުމަށް ފަހު ނިންމާފައިވާ އަދި ބަދަލު ކުރެވެން ނެތް ނިހާއީ ނިންމުމެއް ކަމަށް ބަލަން ޖެހޭނެ އެވެ. އެއާ ޚިލާފަށް އެ ނިންމުންތައް އަލުން ރިވިއުކޮށް، ބަދަލު ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަ ނަމަ، އެ ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނީ ގޮތުން ބުނެވޭނެ ހަމައެއް ނޯންނާނެ އެވެ. އަދި އެއީ ގާނޫނީ ގޮތުން ހަމަޖެހޭނެ ކަމެއް ވެސް ނޫނެވެ.

އެއްވެސް މައްސަލައެއް ނިމުމެއް ނެތް ގޮތުގައި އެކި ފަހަރުމަތިން ކޯޓުތަކުގައި އެތައް ޒަމާނެއް ވަންދެން ހިނގާ ނަމަ، މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ދެބަސްވުންތަކަށް ނިމުމެއް ނާންނާނެ އެވެ. އެކި ފަހަރު މަތިން ނިންމުން ބަދަލުކުރެވޭ ނަމަ، އިންސާފު ހޯދަން ކޯޓުތަކަށް ދިއުމުގެ ބޭނުން ގެއްލިގެން ދާނެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އެ ކޯޓަށް ރިވިއު ކުރެވިދާނެ ކަމަށް އެ ކޯޓުން ދައްކާ ހުއްޖަތަކީ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ ނ. އެވެ. ގާނޫނީ ނުކުތާއަކާ މެދު ނުވަތަ ގާނޫނީ އުސޫލަކާ މެދު ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމާއި ބާތިލް ކުރުމާއި އެ ނިންމުމާ ދުރަށް ދިއުމާއި އަދި އެ ނިންމުމާއި އެހެން ނިންމުންތަކާ ތަފާތު ކުރުމުގެ ބާރު އެ ކޯޓަށް އޮންނާނެ ކަމަށް އެ މާއްދާގައިވެ އެވެ. މިހާރު އޮތް ސުޕްރީމް ކޯޓުގެ އާ ބެންޗުގެ ވިސްނުން މިކަމުގައި އަދި ނޭނގެ އެވެ.

ގާނޫނީ އުސޫލު ރިވިއުކުރުމަކީ ކުރިން އުސޫލެއް (ޖުޑީޝަލް ޕްރެސީޑެންޓެއް) ކަނޑައެޅި މައްސަލައަކާ އެއް ބާވަތެއްގެ އެހެން މައްސަލައެއް ފަހުން ފެންމަތިވެއްޖެ ނަމަ އަދި ކުރީގެ މައްސަލާގައި ކަނޑައެޅި އުސޫލާ މެދު ކޯޓުގެ ވިސްނުން ބަދަލުވެފައިވާ ނަމަ، ކުރީގެ އެ ނިންމުމާ ތަފާތު ކުރުމަށް ފަހު، އާ ގާނޫނީ އުސޫލެއް (ޕްރެސީޑެންޓެއް) ކަނޑައެޅުމެވެ. އެކަމަކު ކުރިން އުސޫލު ކަނޑައެޅި ނިންމުން ބަދަލެއް ނުވަތަ ބާތިލެއް ނުކުރެ އެވެ.

ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން އަމަލުކުރީ އެގޮތަށެވެ. ކުރިން ގާނޫނު މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ދެކޭތީ އެ މާނަ ކުރުމާ ދުރަށް ގޮސް، އާ މާނަކުރުމެއް ދިނީ އެވެ. އެކަމަކު އެންމެ ފުރަތަމަ މާނަކުރުން ކަނޑައެޅި މައްސަލާގެ ނިންމުން ބާތިލެއް ނުކުރެ އެވެ. އަދި ފަހުގެ ނިންމުމުގެ އެއްވެސް އަސަރެއް ކުރީގެ މައްސަލައަށް ނުކުރާނެ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓުން ރިވިއުކުރުމާއި ކުރިން ނިންމާފައިވާ ގާނޫނީ އުސޫލަކާ ދުރަށް ދިއުން ތަފާތުވާ ހިސާބަކީ މިއީ އެވެ.

ސުޕްރީމް ކޯޓުން ކޯޓުން މައުޟޫއީ ގޮތުން ބަލައި، ނިންމާފައި ހުރި ނިންމުންތައް އަލުން ރިވިއު ކުރެވޭނެ ކަމަށް ދެކޭ ނަމަ، އެކަން ކުރެވޭނީ ކިތައް ފަހަރަށްތޯ އާއި އެއީ ކިހާ މުއްދަތެއް ވަންދެން އޮންނާނެ ފުރުސަތެއްތޯ ވެސް އެއީ އުފައްދަން ޖެހޭ ސުވާލެކެވެ. އެހެނީ، ފެބްރުއަރީ، 2018 ގައި ނެރުނު އަމުރުގެ ބައިތައް އެކި ފަހަރު މަތިން ކޯޓުން ރިވިއުކުރި އެވެ.

މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރި 12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުން އެކި ފަހަރު އެކި ގޮތަށް އަންނަމުން އައިސް، ސާފު ނިންމުމެއް ލިބެން އަހަރަކަށް ވުރެ ގިނަ ދުވަސް ނެގި އެވެ. އެހެންވެ، ކުރިން އަމަލު ކޮށްފައިވާ ގޮތަށް އަނެއްކާވެސް އަމަލު ކުރަން ފެށިއްޖެ ނަމަ، ހުކުމްތަކަށް ދާއިމީ ނިންމުމެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު

ކުރިން ހާމަވެފައި ނެތް އާ ކަންތައްތަކެއް ފާޅުވާ ހާލަތުގައި، ބައެއް ގައުމުތަކުގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ރިވިއު ކުރުމުގެ ބާރު އެ ކޯޓަށް އޮވެ އެވެ. އެކަމަކު އެ ގައުމުތަކުގައި އެކަން ކުރެވެނީ އެ ގައުމުތަކުގެ ގާނޫނު އަސާސީން ނުވަތަ ގާނޫނުތަކުގައި އެކަން ބަޔާން ކުރުމަށް ފަހު އެވެ. އަދި ބައެއް ގައުމުތަކުގައި އެކަމަށް ވަކި މުއްދަތުތަކެއް ވެސް ކަނޑައެޅިފައި ހުރެ އެވެ.

މިސާލެއްގެ ގޮތުން އިންޑިއާގެ ގާނޫނު އަސާސީގައި އެ ގައުމުގެ ސުޕްރީމް ކޯޓުގެ ނިންމުންތައް ރިވިއު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އޭގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކުގެ ދަށުން ރިވިއުއަށް މުއްދަތުތަކެއް ވެސް ކަނޑައެޅިފައި އޮވެ އެވެ. އެކަމަކު ރާއްޖޭގައި އެފަދަ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނެތެވެ.

ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން އެންމެ މަތީ ކޯޓުން ކުރިން ނިންމާފައިވާ މައްސަލައެއް ރިވިއު ކުރުމަށް ފަހު ހުކުމަށް ބަދަލު ގެނައުމަކީ ބައެއް ގާނޫނީ ނިޒާމުތަކުގައި ވަކި ހާލަތްތަކެއްގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ކުރިން މައްސަލަ ބެލިއިރު އެނގިފައި ނެތް މަކަރާއި ހީލަތުގެ އަމަލެއް ނުވަތަ ހަގީގަތެއް އެހެން ގޮތަކަށް ސާބިތުވާ ފަދަ ހެއްކެއް ފެންމަތިވުން ފަދަ ހާލަތްތައް އެފަދަ ގައުމުތަކުގައި ކަނޑައަޅާފައި ހުންނަ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. އަދި ކުރިން ނިންމުންތައް ރިވިއު ކޮށްފައި އޮތުމުން އެއީ ކުރެވިދާނެ ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް އަނެއް ބައި ބޭފުޅުންގެ ޚިޔާލު ތަފާތެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނީ އުސޫލު ނުވަތަ ގާނޫނީ ނުކުތާއެއް ބަދަލުކުރުން ނުވަތަ އެފަދަ ނިންމުމަކާ ދުރަށް ދިއުމަށް ކޯޓުތަކާ ބެހޭ ގާނޫނުން ސުޕްރީމް ކޯޓަށް ދޭ ބާރަކީ އެ ކޯޓުން ކުރިން ބަލާފައިވާ މައްސަލައެއް އަލުން ރިވިއުކޮށް ބެލުމަށް ދޭ ބާރެއް ނޫނެވެ. އޭގެ މާނައަކީ ކުރިން ކަނޑައަޅާފައިވާ ގާނޫނީ އުސޫލެއް އެ ބާވަތުގެ މައްސަލައެއްގައި އެހެން ގޮތަކަށް ކަނޑައެޅުމުގެ ބާރު ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މައުޟޫއީ ގޮތުން ބަލައި، ނިންމާފައިވާ ހަގީގަތެއް ދެން ބަދަލެއް ނުކުރެވޭނެ. ނިންމާފައިވާ ގާނޫނީ އުސޫލަކާ ދުރަށް ދިއުމުގެ ފުރުސަތު އެބަ އޮތް. އެކަމަކު ނިހާއީ ނިންމުމަކަށް ވެފަައި އޮތް ނިންމުމެއް ބަދަލު ކުރުމުގެ ބާރެއް ނޯންނާނެ،" ވަކީލަކު ވިދާޅުވި އެވެ.

އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް ރިވިއު ކުރެވޭނެ ކަމަށް ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނެތެވެ. އެކަން ކުރެވޭނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލަކުން ގާނޫނަކުން އެ ބާރު ދީގެން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި ކުރިން ބައެއް ނިންމުންތައް ރިވިއުކޮށްފައި އޮތުމަކީ ގާނޫނީ ގޮތުން އެކަން ކުރެވޭނެ ކަމަށް ބުނެވޭނެ ސަބަބެއް ކަމަށް އެ ބޭފުޅުން ދެކެވަޑައެއް ނުގަންނަވަ އެވެ.

"ކުރިން ކުރި ހުރިހާ ކަމަކީ ކުރެވޭނެ ކަމެކޭ ނުބުނެވޭނެ. އަދި ކުރިން ރިވިއު ކޮށްފައި އޮތުމަކީ އެއީ އެކަން ކުރެވޭނެ ކަމަށް ބަލަން ޖެހޭ ހުއްޖަތެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

ދައުލަތް ހިމެނޭ ބޮޑެތި ދުސްތޫރީ މައްސަލަތަކުން ފެށިގެން ވިޔަފާރި އާއި އާދައިގެ ރައްޔިތުންގެ ގޯތިގެ ދޮރާއި މިލްކުވެރިކަމާ މެދު ވެސް އެންމެ ފަހު ބަސް ބުނުމުގެ ބާރު އޮތް ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ގާނޫނެއް ނުވަތަ އެއްވެސް އުސޫލެއް ނެތި އެކި ފަހަރު އެކި ގޮތަށް ބަދަލުކުރެވޭނެ ނިންމުމަކަށް ވެއްޖެ ނަމަ، ގެއްލިގެން ދާނީ އެތައް ބައެއްގެ ހައްގުތަކެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް އެ ކޯޓުން ރިވިއު ކުރުމަކީ އެންމެ މައްސަލައެއް ނުވަތަ މަދު މައްސަލައަކާ ހަމައިން ނިންމާލެވެން އޮތް މިންވަރަށް ވުރެ ބޮޑު ކަމެކެވެ.