ޓެކްސީތައް ހުއްޓި ޑްރައިވަރުންގެ ޖީބު ހުލިވަނީ!

މާލޭގައި 25 އަހަރު ހޭދަކޮށް، ޓެކްސީ ދުއްވާތާ 20 އަހަރު ވީ އިރު ވެސް، މިވަރުގެ ކަމަކާ ހަސަން އަލީ (އަސްލު ނަމެއް ނޫން) އަށް ދިމައެއް ނުވެ އެވެ. މީގެ ކުރިން ހެނދުނު ހަތެއް ޖަހާއިރު ޓެކްސީ އަށް އަރާއިރު އެ ދުވަހެއްގެ އާމްދަނީ އޭނާ އަށް އޮންނަނީ އަންދާޒާ ކުރެވިފަ އެވެ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ އެވެ. ސިކުނޑީގައި އަބަދުހެން އޮންނަނީ "މިއަދު ލިބޭނީ ކިިހާ ވަރެއްތޯ" އެވެ.


އެހެން ގިނަ ޓެކްސީ ޑްރައިވަރުންނެކޭ ވެސް އެއްގޮތަށް އޭނާ އަކީ ވެސް ހަމައެކަނި ޓެކްސީން ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސާލައިގެން އުޅޭ މީހެކެވެ. އެކަމަކު، ކޮރޯނާވައިރަސްގެ ވާހަކަތައް ފެންމަތިވެ، މީހުން ހެލިފެލިވެ އުޅުން ގާތްގަނޑަކަށް ހުއްޓުމާ އެކު، ހުރިހާ ޑްރައިވަރުންނެކޭ އެއްގޮތަށް ހަސަން ވެސް މި ވަނީ މި ބަލީގެ ތެރޭގައި އާމްދަނީ ތާށިވެފަ އެވެ. ހަދާނެ ގޮތް ހުސްވެ، ފިކުރު ބޮޑުވެފައި ހުންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

"ކުރިން ދުވާލަކަށް 1،500ރ. ލިބޭ. އެކަމަކު މިހާރު ކިރިޔާ ހަމަވަނީ 500ރ.،" ދަރިޔަކާއި އަންބަކު ގޮވައިގެން، ހުޅުމާލޭގެ ކުލީ ފްލެޓެއްގައި ދިރިއުޅޭ 43 އަހަރުގެ ޑްރައިވަރު ބުންޏެވެ.

ހަސަންގެ ފިކުރު: މާދަމާ ވާނީ ކިހިނެއް؟

އޮފީހަށް އަންނަން އަހަންނަށް ކޮންމެ ދުވަހަކުހެން ހަސަންގެ ޓެކްސީ އަށް އެރެ އެވެ. އެހެންވެ، ފަހަކަށް އައިސް ކުއްލިއަކަށް ފެންނަމުން ދިޔައީ އޭނާ ކޮންމެ ދުވަހަކު ހެނދުނު އޭނާ ގޭ ކުރިމަތީގައި އޮއްވަ އެވެ. އެއީ އަހަރެން ބުނެގެނެއް ނޫނެވެ. އެހެންވެ، އެ ސުވާލު އޭނާއާ އެއް ދުވަހަކު ކޮށްފީމެވެ.

ކާނިވާ ސަރަހައްދުގައި ބައެއް އުޅަނދުތައް ޕާކުކޮށްފައި: ވަރަށް ގިނަ ޓެކްސީތައް ހުރީ ޕާކްކޮށްފައި --. ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިނޫން ދަތުރެއް ދެން ނުލިބެންޏާ މިތާނގައި އޮންނާނެތާ؟" އޭނާގެ ޖަވާބު ސާފުވެފައި ކުރެވެ. "ހިތަށް ވެސް ނާރާނެ މިހާރު އަހަރެމެން އުޅޭ ހާލެއް."

ހަސަންގެ ދިރިއުޅުމަކީ މި އެވެ؛ ޓެކްސީ ދުއްވާތާ 20 އަހަރުވީ އިރު، ހުޅުމާލޭގައި ދިރިއުޅޭ ތަނަށް ބޮޑު ކުއްޔެއް ދައްކަން ޖެހެ އެވެ. ހުރި ހަމައެކަނި ދަރިފުޅު އޯލެވެލް ނިންމައި އުުމުރުން 17 އަހަރުގައި މިހާރު ކޮލެޖުގައި އަންނަނީ ކިޔަވަމުންނެވެ. މި ހުރިހާ ހަރަދެއް މިއޮއްހާ ދުވަހަކު ބަރޯސާ ވެފައި އޮތީ ޓެކްސީ ކުރާ ފައިސާ އަށެވެ. މި ބަލިމަޑުކަން އައުމުގެ ކުރިން އެ ހުރިހާ ހަރަދެއް ކުރާކަށް އޭނާ އަށް ޖެހިލުމެއް ނުވެ އެވެ. އެކަމަކު މަންޒަރު ބަދަލުވެއްޖެ އެވެ.

"ފެށުނީއްސުރެ މާލޭގައި އުޅެމުން މިއައީ އެކި ތަންތަނުގައި ކުއްޔަށް. މާލޭގަ އެންމެ ބޮޑު ކުލީގަ ވެސް އުޅެފައި މިހިރީ. ދުވަހަކު ވެސް މީހެއް ކައިރީ ނުވެގެން ބުނަން ވެސް ނުޖެހޭ ކަމެއްގައެއް،" އޭނާ ކިޔައިދިނެވެ.

އާންމު ދުވަހެއްގައި ކުރިން ދުވާލެއްގެ މައްޗަށް ދޮޅު ހާސް ރުފިޔާ ލިބުނަސް، މިހާރު އޭނާ އަށް ލިބެމުން އަންނަނީ 500 ވަރަކަށް ރުފިޔާ އެވެ. ނަސީބަކުން އޭނާގެ އަތުގައި އޮންނާނީ އަމިއްލަ ކާރަކަށް ވާތީ، އެ ކާރަށް، ޕެޓްރޯލް އެޅުން ފިޔަވައި އެހެން ހަރަދެއް ކުރާކަށް ނުޖެހެ އެވެ.

"އެކަމަކު މާދަމާ ވާނެ ގޮތެއް ނޭނގެ. މިހާ ވަރު ވެސް ނުލިބި ހިނގައިދާނެ. މުޅި ދިރިއުޅުން ބިނާވެފައި މިއޮތީ މިކަމަށް. މި ނޫން ކަމެއް ކުރާކަށް ވެސް އެނގެނީއެއް ނޫން،" އޭނާ ބުންޏެވެ.

ގިނަ ޓެކްސީތަކެއް ޕާކުކޮށްފައި!

މާލޭގެ މަގުތަކަށް ނުކުމެ އުޅޭ މީހުން މަދުވުމާ އެކު އޭގެ އެންމެ ނޭދެވޭ އަސަރެއް ކުރާނެ ބަޔަކީ ވެސް ޓެކްސީތަކާއި ޕިކަޕްތަކަށެވެ. މިއީ މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ވިޔަފާރިއެކެވެ. އެކަމަކު މުދާ އުފުލުން މަދުވުމާ އެކު ޕިކަޕްތަކާއި ލޮރީތައް ޕާކުކުރަން ޖެހި، ވަރަށް ގިނަ ޓެކްސީތައް ވެސް މިހާރު ވަނީ ޕާކްކޮށްފަ އެވެ.

"ބައެއް މީހުން ވަރަށް މަޖުބޫރުވެގެން ނޫން ގޮތަކަށް ޓެކްސީއަކަށް ނާރާ،" 5656ގެ ޓެކްސީއެއް ދުއްވާ މީހަކު ބުންޏެވެ.

އޭނާ ބުނާ ގޮތުން ކޮރޯނާވައިރަސްގެ ވާހަކަ ދެކެވި، އެއާޕޯޓުން ޓެކްސީއެއްގައި މީހަކު ދަތުރުކުރި ވާހަކަތަކާ އެކު މީހުންގެ ތެރޭގައި މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ވަނީ ބިރުވެރިކަން ފެތުރިފަ އެވެ. އަދި ޓެކްސީގައި މި ދުވަސްކޮޅު ދަތުރު ކުރުން އެއީ އެންމެ ބިރުވެރި ކަންތައްތައް ކަމަށް އާންމުންނަށް ވެސް ވަނީ ގަބޫލުކުރެވިފަ އެވެ. ހާއްސަކޮށް ކުރިން ކުރާ ގޮތަށް، މަގުމަތިން އެހެން މީހުން ގޮވައިގެން ދަތުރުކުރުން މުޅިންހެން ވަނީ ހުއްޓިފަ އެވެ.

މާލޭގެ މަގެއް މީގެ ހަތަރު ވަރަކަށް ދުވަސްކުރިން ހުސްކޮށް: ޓެކްސީތަކާއި ޕިކަޕްް ޑްރައިވަރުންްނަށް ހާސްކަން ބޮޑު ދުވަސްކޮޅެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސްކޫލުތައް ބަންދުވެ، އޮފީސްތައް ބަންދުވުމާ އެކުހެން އަހަރެމެންގެ އުންމީދު މުޅިން ގެއްލިއްޖެ،" އޭނާ ބުންޏެވެ.

"ސްކޫލަށް ކުދިން އުފުލުމާއި އޮފީސްތަކަށް މީހުން އުފުލުންް މިއީ ހަގީގަތުގައި ޓެކްސީ ދަތުރުތަކަކީ. ދެން ބަލަމާ ހިނގާ އެއާޕޯޓް ދަތުރުތަކަށް. އެވެސް މިހާރު މިއޮތީ ހުއްޓިފައި. ދެން ހޮސްޕިޓަލްތަަކަށް ވެސް މީހުންނެއް މިހާރަކު ނުދޭ. ރަށްރަށުގެ މީހުން ވެސް މާލެއަކު ނެތް."

މާލޭގައި ރަޖިސްޓްރީކޮށްގެން 500 އަށް ވުރެ ގިނަ ޓެކްސީ ދުއްވާއިރު، ރަޖިސްޓްރީ ނުކޮށް ވެސް ޓެކްސީގެ ހިދުމަތް ދޭ ވަރަށް ގިނަ ޑްރައިވަރުން ތިބެ އެވެ. އެ އެންމެންގެ އާމްދަނީ މިހާރު މި ވަނީ ބަންދުވެފަ އެވެ. ޓެކްސީ ޑްރައިވަރުން ބުނާ ގޮތުން މިހާރު ދަތުރެއް ލިބެނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެހެންވެ، ގިނަ ޓެކްސީތައް ޕާކުކުރީ ބޭކާރު ދުއްވުންތަކެއް ދުއްވައިގެން އެންމެ ދަތުރެއް ހޯދުން ހުއްޓާލުމުގެ ނިޔަތުގަ އެވެ.

"ދަތުރުތައް މިއޮތީ ހަމަ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައި. ކުރިން މަހަކު 40،000ރ. ނަގާ ޓެކްސީތަކަށް މިހާރު ހައެއްކަ ހާސް ރުފިޔާ ނުލިބޭ. މިހާރު އެއްވެސް ޑްރައިވަރެއް ނުހުންނާނެ ޔަގީނުން ވެސް ދަރަނިނުވާ މީހަކު،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

"އަހަރެމެންގެ ހަޔާތުގައި ދުވަހަކު ވެސް ދިމާވި ކަމެއް ނޫން މިއީ. މިހާރު ޖީބުތައް ހަމަ ހުސްވެއްޖެ."