ރިޕޯޓް / ދިވެހި ބަސް

ދިވެހި ބަސް ދެކެ ފޫހިވަނީ ކީއްވެ؟

ދަރިވަރުންތަކެއް ކުލާހުގައި ކިޔަވަނީ: ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ބަހައްޓާ ޝައުގުވެރިކަން ދަނީ ކުޑަވަމުން.-- ފައިލް ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

އެންމެ ތުއްތު ކުދިންނަށް އެކަށީގެންވާ ކަހަލަ ދިވެހި ފޮތެއް ގަންނަން ނުލިބޭ ވާހަކަ ބުނާ އިރަށް ރައްޓެއްސަކު އެހީ ދަރިފުޅަށް "ދިވެހި ދަސްކޮށްދެނީ ކީއްކުރަން"ތޯ އެވެ. އެހެން ރައްޓެއްސަކު އޭނާގެ ތުއްތު ދަރިފުޅާ މުޅިން ވެސް ވާހަކަދައްކަނީ އިނގިރޭސި ބަހުންނެވެ. ދުވަހަކު ވެސް ދިވެހި ދަސްކޮށްދޭކަށް ގަސްދެއް ނުކުރެ އެވެ.

ދިވެހިން މިހާ ބޮޑަށް ދިވެހި ބަހާ ދުރަށް މި ދިޔައީ ކީއްވެގެން ހެއްޔެވެ؟

ދިވެހި ބަހުގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުންނަށް މިއީ ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައަކަށް ނުވެދާނެ އެވެ. އެކަމަކު މިހާރުގެ ވަރަށް ގިނަ ޒުވާނުން ދިވެހި ބަސް ދެކެ ރުޅިއާދެ އެވެ. ބައެއް ދަރިވަރުން ދިވެހި ބަސް ކިޔަވާ ހިތެއް ނުވެ އެވެ. މަޖުބޫރު މާއްދާއަކަށް ވާތީ ކިޔަވަނީ އެވެ. ދިވެހި ބަސް އުނގަންނައިދިނުމަކީ މިހާރުގެ ބައެއް މައިންބަފައިންނަށް މުހިއްމު ކަމެއް ވެސް ނޫނެވެ. ދިވެހި ބަސް ބޭނުން ނުކޮށް އެކަމަކު އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދައްކާ ކުޑަކުދިން މިހާރު ގިނަ އެވެ.

މިއީ މީހުންގެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ދިވެހި ބަހުގެ މައްސަލައެއް ހެއްޔެވެ؟

އަމިއްލަ ބަހަށް ލޯތްބެއް، ޝައުގެއް ނެތް

ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ގައުމީ ބަހަށް ލޯތްބާއި ގަދަރާއި އިހުތިރާމް އޮންނަން ޖެހޭނެއޭ ބުނެ ނިންމާލެވޭކަށް މިހާރު ނެތެވެ. ދިވެހި ބަހަށް އިސްކަންދޭން މަޖުބޫރުކޮށް ގާނޫނެއް ހަދާފައި އޮތަސް މި ހަގީގަތް ބަދަލެއް ނުވެ އެވެ. ޒުވާނުން ދެކެނީ ދިވެހި ބަހަކީ ބޭނުންކުރަން އުނދަގޫ، ޒަމާނަށް ނުފެތޭ، ބޭކާރު އެއްޗެއްގެ ގޮތުގަ އެވެ. އޭގެ ހެއްކަކަށް އިޔާދު އިބްރާހީމް، 21، ގެ ޚިޔާލު ފުދެ އެވެ.

"އަހަރެން ދިވެހި ބަހަށް ނަފްރަތުކުރަން. މިއީ ފުރިހަމަ ނުވެ އޮތް ބަހެއް. ދިވެހި ބަސް ޒަމާނާ އެކު ބަދަލުވަމުން ނާންނަތާ އެތައް އަހަރެއް ވެއްޖެ. ބަސްކޮށާރު ވެސް އެހާ ފަގީރު. މަގޭ ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންކުރަން ޖެހޭ އެއްޗަކަށް ދިވެހި ބަސް ނުވި ނަމައޭ ހިތަށް އަރާ،" ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރު އިނގިރޭސި ބަހުން ފޭސްބުކްގައި ލިޔުނެވެ،

އިޔާދުގެ އެ ވާހަކަ އަށް އޭނާގެ ބައެއް ރައްޓެހިން ވެސް ތާއީދެވެ. ސާމިދު ސައީދަށް ދިވެހި ރަނގަޅަށް ދަސްނުވީ އެ ބަހަށް ޝައުގުވެރިކަމެއް ނެތީމަ އެވެ.

"ދިވެހި ކިޔަވައިދިން ހުރިހާ ޓީޗަރުން އަހަރެންނަށް ވަރަށް ކަމުދިޔަ. އެކަމަކު ވެސް މަގޭ ދިވެހި ބަސްކޮށާރު ގްރޭޑް ހަތަރެއްގެ ފެންވަރަށް ވުރެ މައްޗަކަށް ނުދިޔަ،" އޭނާ ބުންޏެވެ،

އެހެން މީހުން މި ގޮތަށް ޚިޔާލު ފާޅުކުރުމަކީ ޝިއާއު ސައީދަށް ލިބުނު ހިތްހަމަޖެހުމެކެވެ. ދިވެހި ބަސް ބޭނުންކުރަން އުނދަގޫވެގެން އުޅެނީ އޭނާ އެކަނި ނޫން ކަން އެނގުނީމަ އެވެ.

"ވާހަކަ ދައްކަން ފެށުމުގެ ކުރިން ކޮންމެ ފަހަރަކު ވެސް، ބުނަން ބޭނުންވާ އެއްޗެއް ސިކުނޑީގައި [އިނގިރޭސި ބަހުން] ދިވެހި ބަހަށް ތަރުޖަމާކުރަން ޖެހެނީ،" އޭނާ ކިޔައިދިނެވެ.

އުފްގާ ހަބީބަށް ދިވެހި ބަހުގެ ރަދީފާއި ބަސްފޮތަކީ ވެސް ބޭކާރު ދޭއްޗެވެ. ލަފްޒެއްގެ މާނަ ހޯދަން ނުވަތަ އެ ލަފްޒެއް ބޭނުންކުރާ ހާލަތު ބަލަން އެތައް ގޮތަކަށް މަސައްކަތްކޮށްގެން ވެސް ކާމިޔާބު ނުވެގެން އެންމެ ފަހުން އޭނާ އަށް ޖެހެނީ "ބޭނުންކުރަން ވިސްނައިގެން ހުރި ލަފްޒު ބޭނުން ނުކޮށް މުޅި ޖުމްލަ ބަދަލުކުރަން" ކަމަށް އުފްގާ ބުނެ އެވެ،

އިޔާދު ދެކޭ ގޮތުގައި ދިވެހި ބަހަކީ ބޭނުންކުރަން އައިބު، ޝުއޫރު ފާޅުކުރަން އިންތިހާ އަށް އުނދަގޫ އަދި މާ ރަސްމީ އެއްޗެކެވެ. އެހެންވެ އޭނާ ބުނަނީ މިހާރުގެ ދިވެހި މުޖުތަމައުގައި ހުރި ގޯސް އެތައް ކަމެއްގެ މައިގަނޑު އެއް ސަބަބަކީ ވެސް ދިވެހި ބަސް ކަމަށެވެ.

ޕްރީ ސްކޫލު ދަރިވަރުންތަކެއް އިތުރު ހަރަކާތެއްގައި ބައިވެރިވަނީ: މި އުމުރުގެ ބައެއް ކުދިން ވެސް މިހާރު އިނގިރޭސި ބަހަށް މާ ފަރިތަ-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

"ދިވެހިންގެ ކުރިއެރުމަށް ހުރަހެއް"

ދިވެހި ބަސް ބޭނުންކުރަން ޒުވާނުންނަށް އުނދަގޫވާނެ މިންވަރު ޖާވިޝް ހަމީދު (ޖާ) އަށް އިހުސާސްކުރެއްވެ އެވެ. ސައިންސާއި ޓެކްނޮލޮޖީ އަށް ދިވެހިން އަހުލުވެރިކޮށް ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާ ޖާ ގަބޫލުކުރައްވާ ގޮތުގައި މައްސަލައަކީ ދިވެހި ބަހުގައި "ކޮންސެޕްޓްސް" މަދުވުމެވެ.

"ޚާއްސަކޮށް ޓެކްނޮލޮޖިކަލް، ސައިންޓިފިކް އަދި ހިއުމެނިޓޭރިއަން ކޮންސެޕްޓްތައް ދިވެހި ބަހުގައި މަދުވީމަ މިހާރުގެ ޒުވާން ކުދިންނަށް ބަސް ބޭނުންކުރަން އުނދަގޫވަނީ. ދިވެއްސަށް އާ ބަސްތައް އިތުރުކުރަނީ ވެސް ވަރަށް މަދުން. އެހެންވީމާ ބޮލުތެރޭގައި އޮންނަ އެއްޗެއް އިނގިރޭސި ބަހުން ބުނެލަން ފަސޭހަވަނީ،" މިހާރުގެ ޓެކްނޮލޮޖީތަކުގައި ތާނަ ބޭނުންކުރެވޭނެ ބައެއް އީޖާދުތައް ދިވެހިންނާ ހަމައަށް ގެނެސްދެއްވާފައިވާ ޖާ ފާހަގަކުރެއްވި އެވެ.

"ދިވެހި ބަހުގެ ބަސްކޮށާރު ވަރަށް ކުޑަ. ރަދީފުގައި ވެސް މި ހިމެނެނީ އެންމެ 42،000 ލަފްޒު. މިއީ އެހެން ބަސްބަހާ އަޅާބަލާ އިރު އެއްވެސް އެއްޗެއް ނޫން."

ޖާ ގަބޫލުކުރައްވާ ގޮތުގައި ދިވެހި ބަސް "ފަގީރު" ވުމަކީ ދިވެހިންގެ ފިކުރީ ތަރައްގީ އަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

"މާދަރީ ބަހުގައި 'ކޮންސެޕްޓްތައް' މަދުވީމަ، ފިކުރީގޮތުން ފުޅާކޮށް އަދި ފުންކޮށް ވިސްނައި ހޭލުންތެރިވުމުގައި ދިވެހިންނަށް ކުރިއަކަށް ނުދެވޭ،" ޖާ ވިދާޅުވި އެވެ.

އެކަމަކު ދިވެހި ބަސް ކުރިއަރުވަން މަސައްކަތްކުރާ ޚިދުމަތްތެރިން މިފަދަ ވާހަކަތަކާ މުޅިން ދެކޮޅެވެ.

ދިވެހި ބަސް "ފަގީރެއް ނޫން"

ދިވެހި އުނގަންނައިދެއްވުމުގައި 24 އަހަރު ހޭދަކުރައްވާފައިވާ އާމިނަތު ހަސަން (އައިންތު މިސް) ވިދާޅުވީ ދިވެހި ބަހަކީ ފަގީރު ބަހެކޭ ނުބުނެވޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ދިވެހި ބަސްކޮށާރަކީ ރަދީފުގައި އޮތް 42،000 ލަފްޒު އެކަންޏެއް ނޫނެވެ.

"އަޅުގަނޑުމެންގެ ބަހުން އެއްޗެއް ނުބުނެވޭނެ އެއްވެސް ހާލަތެއް ނާންނާނެ. ހަމަ ދިވެހި ބަހުން ޓެކްނިކަލް އެއްޗެހި ވެސް ލިޔެވޭނެ،" އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރު އައިންތު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަރަބި އާއި އިނގިރޭސި ބަހުގެ ނުފޫޒު ދިވެހި ބަހުގެ ތެރެއަށް އައިސްފައި އޮތް ގޮތަށް ދުނިޔޭގެ އެހެން ބަސްބަހަށް ވެސް މިފަދަ އަސަރުތައް ދަނީ ފޯރަމުންނެވެ. "އަމުދުން ތިން ލައްކަ މީހުން ވާހަކަދައްކާ ބަަހަކަށް މި ކަންތައްތައް ކުރިމަތިވާނެ" ކަމަށާއި "އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ގޮތަށް މުޚާތަބުކޮށް ޖަޒުބާތުތަކާއި އިހުސާސްތައް ބުނެދޭން ބޭނުންވާ މިންވަރަށް ދިވެހި ބަސްކޮށާރުގައި ލަފްޒުތައް އެބަހުރި" ކަމަށް އައިންތު ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް ގޮނޑުދޮށެއް ނެތް ގައުމެއްގެ މީހަކު ރާއްޖެ އަށް ގެނެސްފިއްޔާ އޭނަ އަށް ގޮނޑުދޮށާ ގުޅޭ ގިނަ ލަފްޒުތައް ދަސްވާނީ ދިވެހި ބަހުން ކަމަށް ވުން އެކަށީގެންވޭ،" ދިވެހި ބަހުން ޑިގްރީ ހާސިލްކުރައްވާފައިވާ ޓީޗަރު ވިދާޅުވި އެވެ.

ދަރިވަރުންތަކެއް ސްކޫލުގައި ޓެސްޓެއް ހަދަނީ: ދިވެހި ބަހަކީ މަޖުބޫރު މާއްދާއަކަށް ވިޔަސް ބައެއް ކުދިންގެ ޝައުގުވެރިކަން ކުޑަ.

ޒުވާނުންނަށް އިނގިރޭސި ބަހުގެ ނުފޫޒު ބޮޑަށް ފޯރާ ސަބަބުތަކެއް ހުރި ކަން އައިންތު ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ބަހެއްގެ ގޮތުގައި މި އޮތީ އިނގިރޭސި ބަސް. ސޯޝަލް މީޑިއާ އާއި ޓެކްނޮލޮޖީއާ ރައްޓެހި ބަހަކަށް މި އޮތީ އިނގިރޭސި ބަސް. ކުއްލިއަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ކުއްލިއަކަށް [އިނގރޭސި ބަހުގެ] އާ ލަފްޒުތަކެއް މި ތައާރަފްވީ،" އޭނާ ވިދާޅުވި އެވެ.

"އަނެއް ކަމަކީ، މައިންބަފައިން ދިވެހި ބަހުން ވާހަކަ ދެއްކިޔަސް އިނގިރޭސި ބަހުން ޚިޔާލުތަކާއި ފިކުރުތައް ވަރުގަދަ ކުރުމަށް އެހެނިހެން ހަރަކާތްތައް ގިނައިން އެބަ ހިންގާ."

އެކަމަކު މިހާރުގެ ހާލަތަށް ބަލާ އިރު "މުނިފޫހިފިލުވުމަށާއި ހިތްހަމަޖެހުމާއި އުފަލާ ލިބިގަންނަން މަޖުބޫރު އެއްޗަކަށް" އިނގިރޭސި ބަސް ވެފައިވާ ކަން އައިންތު ވެސް ގަބޫލުކުރައްވަ އެވެ. އަދި އޭގެ ސަބަބަކީ ދިވެހި ބަސް ކުރިއަރުވަން މިހާތަނަށް މާ ބޮޑު މަސައްކަތެއް އަދި ހޭދައެއް ކޮށްފައި ނެތުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މީގެ ފަސް އަހަރު ކުރިން ތައާރަފްކުރި ގާނޫނާއި އެ ގާނޫނުގެ ދަށުން އުފެއްދި ދިވެހި ބަހުގެ އެކެޑެމީ އަށް އިޝާރާތްކުރައްވައި އައިންތު ވިދާޅުވީ "ރަސްމީގޮތެއްގައި ބަހަށް ޚިދުމަތްކުރަން ފެށުނީ އަދި ކިރިޔާ" ކަމަށެވެ.

ދެން ހަދަންވީ ކިހިނެއް؟

ޖާ ވިދާޅުވީ "އެޑްވާންސްޑް ހިއުމަން ތޯޓް ޕްރޮސެސެސް ދިވެހި ބަހުން އެކްސްޕްރެސް ނުކުރެވޭ" ކަމަށެވެ. އާއްމުކޮށް ބޭނުންކޮށްލާ "ވަރަށް ސިމްޕަލް ސިނާރިއޯތަކަށް" ދިވެހި ބަސް "އޯކޭ" ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ޖާ ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ބަހުގެ ފޮތްތައް އެހާ މަދުވެފައި ދިވެހިންގެ "މާ ބޮޑު އެކެޑެމިކް ހިސްޓްރީއެއް ނެތް" އިރު ޒަމާނީ ކަންކަން ދިވެހި ބަހުގެ ތެރެއަށް ގެނައުމަކީ ދެން ކުރެވޭ ވަރު ކަމަކަށް ނުވެ ހިނގައިދާނެ އެވެ.

"އަހަރެމެން މިއީ އެންމެ ހަތަރު ލައްކައެއްހާ މީހުން. އެހެންވީމާ ދުނިޔޭގައި ހުރި ބައިވަރު ފިލޯސޮފިކަލް، ހިއުމެނިޓޭރިއަން އަދި ސައިންޓިފިކް ކޮންސެޕްޓްތައް ދިވެހި ބަހަށް ގެނެވޭނެ މީހުންނެއް ވެސް ނެތް،" އޭނާ ފާހަގަކުރެއްވި އެވެ.

މި ސަބަބާ ހެދި ޖާ ގަބޫލުކުރައްވަނީ ދިވެހި ބަސް "ސަލާމަތްކުރަން" އުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ހެދެން އޮތީ ދެ ގޮތެކެވެ؛ އެއް ގޮތަކީ ދިވެހިން އާއްމުކޮށް ބޭނުންކުރާ އަރަބި އަދި އިނގިރޭސި ލަފުޒުތައް ދިވެހި ބަހުގެ ތެރެއަށް ރަސްމީކޮށް ވައްދައި "ލަދަކާ ނުލައި" މަސްހުނި ބަހެއް ނުވަތަ "ދިންގްލިޝް" ބަލައިގަތުމެވެ. އަނެއް ގޮތަކީ ލަސް ދުވެއްޔެއްގައި އެންމެ މުއައްސަސާއަކުން ބަސް އުފެއްދުމުގެ ބަދަލުގައި އާއްމުކޮށް އެންމެންނަށް ފުރުސަތު ހުޅުވާލައިގެން ހަލުވި މަސައްކަތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ލަފްޒުތަކާއި "ކޮންސެޕްޓްތައް" ދިވެހި ކުރެވޭތޯ ބެލުމެވެ.

އެކަމަކު އައިންތުގެ ވިސްނުން މުޅިން ތަފާތެވެ. އޭނާ ވިދާޅުވީ "ބަހަކީ އަޅުގަނޑުމެން އެކަތިގަނޑަކަށް ހަދާ، އެއް މިސްރާބަކަށް ގެންގޮސްދޭ އިސްތިގުލާލެއް ހުރި ބާރެއް" ކަމަށްވާ އިރު "މި ބަސް އަޅުގަނޑުމެންނާ ވަކިވެގެންދާނެ ފުރުސަތެއް ދީގެން ނުވާނެ" ކަމަށެވެ.

"ދިވެހި ބަހަކީ ދިވެހިންގެ ދިވެހިވަންތަކަން ދައްކައިދޭ އެންމެ މުހިއްމު ރަމްޒު. ހަމައެކަނި މާއްދީ އަގަށް ބަލައިގެނެއް ނުވާނެ. ބަހަކީ ރޫހާނީ އަގެއް އޮންނަ އެއްޗެއް. އަޅުގަނޑުމެންނަށް ކަމެއް ދަމެއް ދިމާވީމާ މަންމަ އާއި ބައްޕަ އަޅުގަނޑުމެން ބަލަހައްޓާނީ. ބަހަކީ އެކަހަލަ އެއްޗެއް،" އައިންތު ފާހަގަކުރެއްވި އެވެ.

"އެއް ބަހަކުން ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ތިބީމަ އެއީ ކިހާ ބޮޑު ނިއުމަތެއް؟ ދިވެހިންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމާއި ސަގާފަތާއި އާދަކާދަ ހިފަހައްޓައިދޭ ބަހުން ވާހަކަދައްކައި ލޯބިވުމުގެ ސިފަތައް ހުންނަން ޖެހޭނެ."

ދަރިވަރުންތަކެއް ރިޕޯޓު ފޮތް ބަލަނީ: ބައެއް ޒުވާނުންނަށް ދިވެހި ބަހުން ވާހަކަދައްކައި ލިޔެ ހަދަން އުނދަގޫ-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ އައިންތު ވިދާޅުވީ ދިވެހި ބަހަށް ޒުވާނުން ޝައުގުވެރިކުރުމުގެ ބޮޑު ދައުރެއް މީޑިއާ އިން އަދާކުރަން ޖެހޭ ކަމަށެވެ. އެއާ އެކު ބަސް ކުރިއަރުވަން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރަދީފުގައި ނުވަތަ ބަސްފޮތުގައި ހުރި ވަރަށް ވުރެ މާ ގިނަ ލަފްޒުތައް ދިވެހި ބަހުގައި ހުންނާނެ. އެ ހުރިހާ އެއްޗެހި ލިޔެވި، އަޕްޑޭޓްކުރެވޭނެ ނެޓްވޯކެއްގެ ގޮތުގައި ގާއިމްކުރެވިފައި ހުންނަން އެބަ ޖެހޭ. ދުނިޔޭގެ ބަސްތައް ކުރިއަރައިގެން ދިޔައީ ބަހަށް ވަރަށް ބޮޑު ޚިދުމަތެއް ކޮށްގެން. ފައިސާ އިން ވަރަށް ބޮޑު ހޭދައެއް ކޮށްގެން،" އައިންތު ވިދާޅުވި އެވެ.

"އަޅުގަނޑަކީ އިނގިރޭސި ބަސް، އަރަބި ބަސް ކިޔަވައިދޭން ހިތްވަރުދޭ މީހެއް. އެކަމަކު އެކަން ކުރަންވާނީ އަޅުގަނޑުމެންގެ ބަސް ދަމަހައްޓަމުން ތަރައްގީކުރަމުން. އެހެން ނޫނީ އަޅުގަނޑުމެން ވަރަށް ބޮޑު ވަޅުގަނޑަކަށް ވެއްޓޭނީ. އެ ވަޅުގަނޑުން އަރައެއް ނުގަނެވޭނެ."

މިހާރު މި ތިބީ އެކަހަލަ "ވަޅުގަނޑެއްގެ" އަނގަމަތީގައި ކަމަށް ވެސް ވެދާނެ އެވެ. އަމިއްލަ ބަސް މުހިއްމު ނޫން ކަމުގެ ވިސްނުން ދިވެހިންގެ ތެރޭގައި ފުޅާވަމުންދާ އިރު މި ބަހަށް މިހާރު ލިބެމުން ދަނީ ޒަމާނާ ނުގުޅޭ "ބޯދާ" އެއްޗެއްގެ ދަރަޖަ އެވެ. އެ ތަސައްވުރު ބަދަލުކުރެވިދާނެތޯ ނޫންތޯ އަދި އޮތީ ވަރަށް ބޮޑު ސުވާލެއްގެ ގޮތުގަ އެވެ.

55 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދާރު

18 February 2018

ދިވެހިބަހަށް ދޭ ގަދަރު، މި ދިޔަ ހުކުރު ވިލޭރޭ ވެސްޓް ޕާކުގައި ޒުވާނުންނާއެކު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ބޭއްވެވި ބޮޑު އެއްވުމުން އެވަނީ ފެނިގެން ގޮސްފައެވެ. އަހުރެންގެ ހިތަށް އެރިއެވެ. މައިކުހިފައިގެން ވާހަކަދެއްކި ހުރިހާ އެންމެން (ރައީސް ހިމެނޭ ގޮތުން،) އިނގިރޭސިބަހުން މިވާކަދައްކަނީ އެތާގައި ތިބި ކޮންބަޔަކަށް ފަހުމުނުވެދާނެތީ ބާވައެވެ. ހަމަ ގައިމު ވެސް އެނގޭ އެއްޗަކީ އެތާގައި ތިބީ ދިވެހިން ކަމެވެ. އިނގިރޭސިބަހަށް ސަރުކާރުން ދޭ އަހަންމިޔަތުކަން، ޒުވާނުންނަށް އިނގިރޭސިބަހުން ބުނެދިނީމާ ނޫނީ ނޭނގޭނެކަން ރައީސުގެ އިނގިރޭސި ވާހަކަތަކުން ވަރަށް ބޮޑަށް ސާބިތުވިއެވެ. އެހެނީ އެ ޖަލްސާގެ ނުވަދިހަ އެތައް އިންސައްތަ ވާހަކައަކީ އިނގިރޭސި ބަހެވެ. ވަﷲ އަޢުލަމް.

The name is already taken The name is available. Register?

ދިވެހި

23 October 2016

ދިވެހިންގެ ދީނަކީ އިސްލާމް ދީނެވެ. އެދީނަށް ޒުވާނުން ލޯތްބެއް ނުކުރެއެވެ. ދިވެހިންގެ ބަހަކީ ދިވެހި ބަހެވެ. އެބަހަށް ގަދަރެއް ނުކުރެއެވެ. ދިވެހިންކީ ވަކި ސިފަތެކެއް ލިބިފައިވާ ދިވެހި ވަންތަ ބައެކެވެ. ދިވެހިން ދިވެހިންގެ ޘަޤާފަތަކަށް އިޙްތިރާމެއް ނުކުރެއެވެ. ވީއިރު މިކަންކަން ރަނގަޅު ކުރަން ބަނގަލަދޭޝް މީހުންގެނެސްގެނެއް މިކަންކަން ރަނގަޅެއް ނުވާނެއެވެ. މިކަންކަން ރަނގަޅުވާނީ ދިވެހިން މިކަންކަން ރަނގަޅުކުރަން އުޅުނު ދުވަހަކުންނެވެ.

The name is already taken The name is available. Register?

އެނޯނަމަސް

16 October 2016

ދިވެހި ބަހުގައިވެސް 1 މިލިއަނަކަށްވުރެ ގިނަ ބަސް އެބަ ބޭނުންކުރެވޭ! ނުބަލާ މީހަކަށް ނޭގޭނެ! ހަމަގައިމުވެސް އަޅުގަނޑު ވާނީ ދިވެހި އެކަޑަމީއަށް މިލިއަނަކަށްވުރެ ގިނަ ދިވެހިބަސް ފޮނުވާފައި.

The name is already taken The name is available. Register?

ދިވެހި

16 October 2016

ދިވެހި ބަހަށް ވާނެ ގޮތް ދިވެހި ބަހުގެ އެކަޑަމީގެ މޫނުމަތިން އެފެންނަނީއެވެ. މިހާރު އެތަނުން ކުރާ ކަމަކީ އެތަނުގެ ފާރުތަކުގައި ސިއްރު ފޮށިފޮށި ހަދައިގެން އެއަށް ދިވެހި ބަސް އަޅައި ރައްކާކުރުމެވެ. އެއީ އެހެން މީހަކަށް ދިވެހިބަހުން ފިއްޔެއްވެސް ލިބިދާނެތީއެވެ. އެމަސައްކަތް ނިމޭއިރު ދިވެހި ބަސް ކަފުންކޮށް ވަޅުލާނެއެވެ.

The name is already taken The name is available. Register?

އަންނި

15 October 2016

މިއީ ވަރަށް ރަގަޅު ވާހަކައެއް. ދިވެހި ބަޔަކީ ހަމަ ގަނަ މީހުންނަށް ކަމުދާ ބަހެއްނޫން. އަޅުގަޑު މެންގެ މާދަރީ ބަހޭ ދިވެހި ވަންތަ ބަހެކޭ އަދި ވަރަށް ތަފާތު ބަހެކޭ ކިޔައިގެނ އުޅުނަށް ހަގީގަތަކީ ދިވެހި ބަހަށް ގިނަ ދަރިވަރުންވެސް އަދި ތައުލީމު އުނގެނިގެން ތިބި ގިނަ ބަޔަކު ފީހިވާ ބަހެއް. ސަބަބަތައް ވަރަށް ގިނަ. އަދި ހިތާމަޔާ އެކު ދަންނަވާލަން ޖެހެނީ މި ހަގީގަތް އެއީ ދޮގެއްގޮތަށް ސިފަކުރަން އުޅުނަސް އެކަމެއް ނުވާނެކަން.

The name is already taken The name is available. Register?

އާވާޒް

15 October 2016

އެކުވެރީންނޭ، އިންސާނުން ނުބައިވެގެން މިއުޅެނީ ބަހެއްގެ ސަބަބަކުން ނޫން، ޒަމާނީ ޓެކްނޮލޮޖީ އުފެއްދީ މީހުންގެ ފައިދާއާ މަންފާއަށް އެކަމަކު ގިނަ ބަޔަކު އެ ބޭނުން ކުރަމުންދަނީ ކުށެއްނެތް މީހުންގެ އަގުވައްޓާލުމަށާ އިންސާނީ ހައްގުތަކަށް އަރައިގަތުންފަދަ ކަންކަމުގަ، މިކަމަކާ ބަޔަކު ވާހަކަދައްކާ ބަހަކާ ގުޅުމެއްނެތް

The name is already taken The name is available. Register?

ޖާއަށް

15 October 2016

ޖީ މެންކަހަލަ މީހުން މިކަހަލަ ވާހަދެއްކީމަ ވަރަށް އަޖައިބު ވެއްޖެ. ތިޔަބުނާ ހުރިހާ ކޮންސެޕްޓެއް ހުރީ އެއްބަހަކުން ތޯ...ތުޔަބުނާ ކިތަށް ކޮންސެޕްޓްތޯ ގްރީކްބަހުނެ، ފްރާސް ބަހުނެ އަރަބި ބަހުން ހުރީ...އެހެންވީރު އެ އެންމެވެސް އެމީހުންގެ މާދަރީ ބަސް އުވާލަފާނެ އެހެން ބަހަކުން "ކޮންސެޕްޓ" ތަރުޖަމާ ކުރަން ޖެހިގެން.... ސްޕްޓްވެއާ އިންޖިނޭރުން ފައިލަސޫފިންނަށް ވީމަ ވާގޮތްތޯ...

The name is already taken The name is available. Register?

ހުދާ

15 October 2016

ބަހަކީ ބަދަލުޗަމުންދާ އެއްޗެއް ނޫންތޯއެވެ؟ ދިވެހި ބަހުގެ އެކަޑަމީ އިން ކިތަންމަ ވަރަކަށް ދިވެހި ބަސް ހިފަހައްޓައި އޭގެ ޒާތުގައި ކޮންޓްރޯލް ކުރަން އުޅުނަސް، އެބޭނުންކުރާ ބަޔެއްގެ ހާލަތާއި، ދިރިއުޅުމަށް އަންނަ ބަދަލުތަކުން ބަސް ބަދަލުވާނެއެެވެ. އެއީ އިނގިރޭސި ބަހާއި މަސްހުނިވުމާއި އަދި އެހެނިހެންވެސް ބަދަލުތަކެވެ. މީގެ ފަންސާހަކަށް އަހަރުފަހުން އޮންނާނީ ބަސް ވަރަށް ބަދަލުވެފައެެވެ. އެއީ ދެރަވާންވީ ކަމެއްނޫނެވެ. އެއީ ޤުދުރަތުގެ އުސޫލެވެ.

The name is already taken The name is available. Register?

ހަގީގަތް

16 October 2016

ދިވެހިބަހުގެ އެކަޑަމީއަކީ ދިވެހިބަހަށް ހިދުމަތްކުރާ ތަނެއް ނޫނެވެ. އެއީ ވައިބަރ ގުރޫޕު ހަދައިގެން ވަކި ބަޔެއްގެ އުފަލަށްޓަކައި ކުޅިވަރުކުޅޭ ތަނެކެވެ.

The name is already taken The name is available. Register?

އަރަބި

15 October 2016

އުވާލާފަ ދުނިޔޭގެ އެންމެ މުއްސަދި އެއްބަސް ކަމަށްވާ އަރަބި ބަސް އެއީ ރަސްމީ ބަސްކަމަށް ހަދަންވީ...ދުނިޔަވީ ގޮތުންވެސް އުޚުރަވީ ގޮތުންވެސް ވަރަށް ފައިދާވާނެ...ދިވެހި ބަސް ބޭނުންނޫން...މިލިޔަންވެސް އެހާ އުނދަގޫ...

The name is already taken The name is available. Register?

އިމިތައްލީ

16 October 2016

އަރަބި ލިޔަން އަދި މާ އުނދަގޫ

The name is already taken The name is available. Register?

ހުސްއެދުރުން

15 October 2016

އާވާޒް އަދި އެދުރުމެން ކިތަންމެ ވަރަކަށް ތިޔަހެން ދިވެހިވަންތަ އޭ ކިޔަސް ތިޔަ ދިވެހިވަންތަކަމެއް އަހަރެމެން ބޭނުމެއްނޫބް! ތިޔަ ދިވެހިވަންތަކަމެއްގެ ސަބަބުން ދިވެހި ގައުމުގައި މިވަނީ ހުރިހާ ނުބައި ފާސިދު އަމަލުތަކެއް އާންމުވެފައި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454