އެންމެން މާލެއަކަށް ނުފޮނުވާނެ، އަތޮޅު ހޮސްޕިޓަލްތައް ތައްޔާރު

ކޮވިޑް-19 އިން ރައްކާތެރިވާން ދުރާލައި ފިޔަވަޅު އަޅަމުން އައި ނަމަވެސް މާލޭގައި ބަލި ފެތުރެން ފެށިއިރު، އެންމެ ފުރިހަމަ އަށް ތައްޔާރެއް ނުވެވެ އެވެ. އެކަށީގެންވާ މިންވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން ވެސް މިހާތަނަކަށް ނެތެވެ. މި މަހުގެ 31 ގައި ޕީކަށް އަރާނެ ކަމަށް ބަލާއިރު، ހޮސްޕިޓަލްތަކަށް ނުތަކާވަރަށް ފަރުވާ ދޭން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.


މި ހާލަތުގައި، އަތޮޅުތަކުން މި ބައްޔަށް ޕޮޒިޓިވްވާ އެންމެން މާލެ ގެންނަން ޖެހުން ވެސް ވާނީ އިތުރު ތަކުލީފަކަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމު އަދިވެސް ހިނގަނީ ބޮޑެތި ބަލިތަކުގެ ފަރުވާގައި އައިޖީއެމްއެޗަށް ބަރޯސާވާން ޖެހޭ ގޮތަށެވެ. މި ބަލިމަޑުކަމުގައި ވެސް ކަންކުރަން ޖެހިފައި އޮތީ އެހެން ހެއްޔެވެ؟

މި ސުވާލު ސިއްހީ ދާއިރާގެ ބޭފުޅުން ވެސް އުފައްދަވަ އެވެ. ކޮވިޑް-19ގެ އެންމެން މާލެ ގެންނަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެ އެވެ.

މިކަމަށް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން އައީ ދުރާލައި ވިސްނަމުންނެވެ. ވަށައި ޖެހޭ ނިޒާމެއްގެ ތެރެއިން މި ބަލީގެ ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތަކަށް ރާވަމުން ދިޔަ ޕްލޭންތަކާ އެއްގޮތަށް ހޮސްޕިޓަލްތަކުގެ ކަންކަން ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ގއ. އަތޮޅު ވިލިނގިލީ ހޮސްޕިޓަލް: އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ކޮވިޑުގައި އެންމެ ހާލު ބޮޑުވާ މީހުންނަށް ވެސް ފަރުވާދެވޭނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަތޮޅު ހޮސްޕިޓަލްތަކަށް އޮތް ގޮންޖެހުމަކީ ވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ހިނގައްޖެ ނަމަ ފަރުވާ ދެވޭނެ ގާބިލްކަން ނެތުމެވެ. އެންމެ ހާލު ބޮޑުވާ ނުވަތަ ވެންޓިލޭޓަރުގައި ފަރުވާދެވޭނެ ގޮތެއް އަދި ނުހޯދެ އެވެ. ބަލި ބޮޑުވާ މީހުން ފޮނުވާލަން ޖެހޭނީ ކޮވިޑް ފަރުވާ އަށް ޚާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް ނުވަތަ ޓްރީ ޓޮޕަށެވެ. އެކަމަކު ވަކި ފަރުވާއެއް ހޯދިފައި ނުވާ މި ބަލީގައި ހާލު ބޮޑު ނޫން މީހުންނަށް ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ކުރެވޭނެ އިންތިޒާމްތައް ހުރީ ހަމަޖެހިފަ އެވެ.

ރަށްރަށުގެ އެންމެންނަށް ވާވަރަށް މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ލިބުމުގައި ދަތިކަން ބޮޑެވެ. އެކަމަކު ވެސް އެންމެ ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަންދޭ އުސޫލަކުން އެކަން ވެސް ކުރިއަށް އެބަދެ އެވެ.

ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުން އަންނަނީ މި ބަލީގެ އަލާމާތްތައް ފެންނަ މީހުންނާ މެދު އަމަލުކުރަން ލިއެފައި އޮންނަ އުސޫލްތަކަށް ތަބާވަމުންނެވެ. އާއްމުން ހޭލުންތެރި ވެސް ކުރުވަ އެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ލ. ފޮނަދޫން މިދިޔަ އާދީއްތަދުވަހު ރިޕޯޓްކުރުމާ އެކު އެ މީހާއާ މެދު އަމުކުރީ ޚާއްސަ އުސޫލްތަކުގެ ދަށުންނެވެ. ލ. ގަމު، ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ވަގުތުން ފޮނަދު އަށް ދިޔަ އެވެ. އެ ސަރަހައްދުގެ ރެޕިޑް ރެސްޕޯންސް ޓީމުން ސާމްޕަލް ނަގައި މާލެ ފޮނުވި އެވެ. ޖެހިގެން އައި ދުވަހު މެންދުރު ނަތީޖާ ލިބުމާ ހަމައަށް ވެސް އޭނާގެ ފަރުވާ ކުރިއަށް ގެންދިޔައީ ކޮވިޑް-19 ގެ ބަލި މީހެއްގެ ގޮތުގައި ބަލައިގެންނެވެ.

އުމުރުން ދުވަސްވީ އަދި ކިޑްނީ ބަލީގެ މީހަކަށް ވާތީ، ފޮނަދޫން ގަމު ހޮސްޕިޓަލަށް ބަދަލުކޮށް ޓެސްޓްތަކާއި އެކްރޭ ވެސް ނެގި އެވެ. އެޑްމިޓްކޮށްފައި ބަލިމީހާގެ ނަތީޖާ އިއްޔެ މެންދުރު ލިބުނު އިރު، ނެގެޓިވް އެވެ.

އާއްމު ބަލި މީހެއްގެ ގޮތުގައި ދެކި އޭނާގެ އެހީތެރިންނަށް ވޯޑަށް ވަނުމުގެ ހުއްދަ ވެސް ލިބުނީ އެ ހިސާބުންނެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބަޔަކު ފަރުވާ ހޯދަނީ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ނަޝީދު ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކާ އެކު ބަލި މީހަކު އަތުވެއްޖެ ނަމަ އަމަލުކުރާނެ އުސޫލްތަކަށް ހޮސްޕިޓަލް އޮތީ ތައްޔާރުވެފައި ކަމަށެވެ. އޯޕީޑީއާ ވަކިން ކޮވިޑަށް ޚާއްސަ ވޯޑެއް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަލީގެ އަލާމާތްތަކާ އެކު އަންނަ މީހުންނަށް އެޓެންޑްވާނީ ވެސް ޕީޕީއީގައި. ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް ބައިވަރު މީހުންނަށް އެއްފަހަރާ ފަރުވާދޭން ނުޖެހެންޏާ މި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް މިހާރު ފަރުވާދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލް އެކަންޏެއް ނޫނެވެ. ބ. އަތޮޅު ހޮސްޕިޓަލާއި ށ. އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހއ. އަތޮޅު ހޮސްޕިޓަލް ވެސް އޮތީ ފަރުވާ އަށް ތައްޔާރަށެވެ. މި ބަލީގައި އެންމެ ހާލު ބޮޑުވާ މީހުންނަށް ފަރުވާދޭން އައިސީޔޫއަކާއި ވެންޓިލޭޓަރާއި ހުރިހާ ވަސީލަތްތަކެއް އަދި އެއްވެސް ސަރަހައްދަކަށް ހަމައެއް ނުވެ އެވެ. މިއީ ކުރިމަތީގައި އޮތް ކަންބޮޑުވުމެކެވެ.

އެކަމަކު މި ހޮސްޕިޓަލްތަކުން ބުނިގޮތުގައި ބަލި މީހާ ވަގުތުން މާލެ ފޮނުވަން ނުޖެހި ފަރުވާ ފެށޭނެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެސްޕީއޯއާ އެއްގޮތަށް ހޮސްޕިޓަލްތަކުގެ ކަންކަން އަންނަނީ ތަރުތީބުކުރަމުންނެވެ. ކޮވިޑް-19ގެ ބަލީގެ މީހުންގެ ފަރުވާ ކުރިއަށް ގެންދަނީ ވަކިންނެވެ. އެކަމަށް ހޮސްޕިޓަލްތަކުގެ ސްޓާފުން ވެސް މިހާރު ވަނީ ތަމްރީންކޮށްފަ އެވެ. ރަށްރަށުގައި ކައުންސިލްތައް ހިމެނޭ ގޮތުން ވަނީ ޓާސްކްފޯސްތަކެއް ހަދައިފަ އެވެ.

ކޮންމެ ރަށެއްގައި ވެސް އައިސޮލޭޝަނާއި ކަރަންޓީން ފެސިލިޓީތައް އަންނަނީ ހޯދަމުންނެވެ. ރަށްރަށުން ކޮވިޑްގެ ބަލި މީހަކު ފެނިއްޖެ ނަމަ އަމަލުކުރަން ޖެހޭނެ ގޮތްތައް ހުރީ ލިއެފަ އެވެ.

ފަސް ސަރަހައްދުގައި ލަސްނުވެ ފަރުވާގެ އިންތިޒާމް

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މިހާރު ވަނީ ބަލި ފެތުރެން ފަށައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ކޮވިޑަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެ މަސައްކަތް ބާރަށް ކުރިއަށް ވެސް އެބަދެ އެވެ.

- ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: އައިސީޔޫ 23 އެނދާއި އައިސޮލޭޘަނަށް 22 އެނދު

ބ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު

ށ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު

ގއ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 23 އެނދާއި 12 އައިސޮލޭޝަން އެނދު

ލ. ގަން ރީޖަނަލް ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު

މި ތަންތަން އިމާރާތް ކުރުމުގެ ބޮޑު ބައި ނިމިފައިވާ އިރު ދެން ހުރީ ބޭނުންވާނެ ވަސީލަތްތައް ހޯދުން ކަމަށް ހޮސްޕިޓަލްތަކުން ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، މުހައްމަދު ރަޝީދު ވިދާޅުވީ ކޮވިޑް ފަރުވާ އަށް ހަދާ އިމާރާތުގެ 78 ޕަސެންޓް މަސައްކަތް މިހާރު ނިމިއްޖެ ކަމަށެވެ. އެންމެ ހާލު ބޮޑު މީހުންނަށް ވެސް އެތަނުގައި ފަރުވާ ދެވޭއިރު ހޮސްޕިޓަލުގެ 55 ޕަސެންޓް މީހުންނަށް ތަމްރީން ވެސް ވަނީ ދީފަ އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، އައިސީޔޫ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ވެސް އައުމުގެ މަގުމަތީގައި ކަމަށް ވަނީ، އެހެންވެ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައަސް ލަސްތަކެއް ނުވެ މިކޮޅުގައި ފަރުވާ ފެށޭނެ ކަމަށް މި އުއްމީދުކުރަނީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ އެހެން ހޮސްޕިޓަލްތަކެކޭ ވެސް އެއްގޮތަށް އެ ހޮސްޕިޓަލުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގަ އެވެ. ބަލި މީހަކު ފެނިއްޖެ ނަމަ ފަރުވާގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދާއި ކްރިޓިކަލް ކެއާ އަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރަމުން އަންނަނީ އައިޖީއެމްއެޗުންނެވެ.

ށ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ މޭނޭޖަރު އަހްމަދު ޒުމްރަތު ވިދާޅުވީ ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީއާ އެކު އެ ހޮސްޕިޓަލަށް އިތުރުކުރާ 20 އެނދުގެ އައިސީޔޫ އިމާރާތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގެ ލެބޯރެޓަރީގައި ޓެކްނީޝަނުން މަސައްކަތުގައި: ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓެސްޓްކުރޭވޭނެ އިންތިޒާމް ވެސް އަންނަނީ ހަމަޖައްސަމުން.

އެ އަތޮޅުން ޕޮޒިޓިވްވާ މީހުން މިހާރު ގެންދަނީ ދޮނަކުޅި ރިސޯޓަށެވެ. އެތަނުގައި ފަރުވާ ދެނީ، ފުނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. ށ. ނަރުދޫން ޕޮޒިޓިވްވީ 11 މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އެތަނުގަ އެވެ.

"ސާމްޕަލް ނެގުމާއި ފަރުވާ ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެކު މިކޮޅުގައި ކުރިއަށް ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ފަރުވާގައި އެންމެ ބޮޑު ގޮންޖެހުމަކީ އެއް ރަށުން އަނެއް ރަށަށް މީހުން ގެންދިއުމެވެ. އެކަމުގައި، އެމްއެންޑީއެފާއި ފުލުހުންގެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަން ރަޝީދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އޮތް އެންމެ ބޮޑު އުނދަގުލަކީ އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ ގޮތެއް ނެތުމެވެ. ސާމްޕަލްތައް މިހާރު ފޮނުވަން ޖެހޭނީ މާލެ އަށެވެ. އެކަމަކު ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގެ ޖީން އެކްސްޕާޓް މެޝިނުން ޓެސްޓްކުރެވޭނެ އިންތިޒާމް ވެސް އަންނަނީ ހަމަޖައްސަމުންނެވެ. ރާއްޖޭގައި ޓީބީއަށް ޓެސްޓް ކުރާ ޖީން އެކްސްޕާޓް މެޝިންތަކަށް ބޭނުންވާ ކާޓްރިޖް ލިބުމާ އެކު ޓެސްޓްތައް ހެދޭނެ އެވެ.

އަތޮޅުތަކުގައި ވެސް ކޮމިއުނިޓީ ސްޕްރެޑެއް ފެށިއްޖެ ނަމަ، ދިމާވެދާނެ ގޮންޖެހުން ބޮޑެވެ. އެ އަދަދަކަށް ހޮސްޕިޓަލްތަކުގައި މުވައްޒަފުން ވެސް ނުތިބޭނެ އެވެ. ވަސީލަތްތައް ހަމައެއް ނޫނެވެ.

ހުރިހާ ސަރަހައްދެއްގައި ވަގުތީ ގޮތުން މިހާރު ފަރުވާ ދެވުނަސް މުހިއްމީ ކޮމިއުނިޓީ ސްޕްރެޑަކަށް ތައްޔާރުވުމެވެ. އެންމެން މާލެ ފޮނުވުމުގެ ބަދަލުގައި މުހިއްމީ ދުރާލައި، ތައްޔާރުވުމެވެ. އެކަމުގައި އަތޮޅު ހޮސްޕިޓަލްތަކުގައި މިހާރު އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ އިރުޝާދަށެވެ.