ދަރަނި މައްޗަށް، އަދިވެސް މައްޗަށް، ކަންބޮޑުވާނީ ކިހާ ހިސާބަކުން؟

ސަރުކާރުގެ ހަރަދުތައް މަހުން މަހަށް ދެކޮޅުޖެއްސޭ މިންވަރަށް އާމްދަނީއެއް ނުލިބެ އެވެ. އެއަށް ވުރެ ހަރަދުތައް ބޮޑެވެ. ރަށްރަށުގެ ބަނދަރާއި ނަރުދަމާ އަދި މަގު ހެދުމާއި މާލޭގައި އިންޑަސްޓްރިއަލް ވިލެޖާއި ހުޅުލެ ބްރިޖާއި އައިޖީއެމްއެޗާއި ފިނޭންސް މިނިސްޓްރީގެ ބިޔަ ބިލްޑިންގް ހެދުން ފަދަ މަޝްރޫއުތަކަށް ކުރަން ޖެހޭ ހަރަދުތަކާ ހެދި ބަޖެޓްގެ ޑެފިސިޓް ވަނީ ބޮޑުވެފަ އެވެ.


ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ދެކޮޅުނުޖެހިގެން ފައިސާގެ ބޮޑު ބައެއް ހޯދަނީ ޓީ ބިލް ނުވަތަ ބޮންޑު ވިއްކައިގެންނެވެ.

ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ރާއްޖޭގެ ބޭންކްތަކުންނާއި އެހެން އިދާރާތަކުން ނެގި ދަރަނީގެ ޖުމްލަ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ވަނީ 24.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރޭ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ސަރުކާރުގެ އެތެރޭގެ ދަރަނި 24.5 ބިލިއަނަށް އިތުރުވިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ދަރަނި ހުރީ 21.6 ބިލިއަން ރުފިޔާގަ އެވެ.

ސަރުކާރުގެ ދަރަންޏަށް ބަލާއިރު 55 ޕަސެންޓަކީ ޓްރެޝަރީ ބިލެވެ. އަދި 32 ޕަސެންޓަކީ ޓީ ބޮންޑެވެ. އަދި 13 ޕަސެންޓަކީ ލޯނެވެ.

އިގްތިސާދީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވީ އަހަރުން އަހަރަށް ސަރުކާރުގެ ދަރަނި ބޮޑުވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"ސަރުކާރުގެ ހަރަދުތައް މިހާރު ހަމަޖައްސަން ނަގާ ލޯނާއި ޓީ ބިލްތައް އެބަ ދައްކާ އެއޮންނަ އުސޫލްގެ ތެރެއިން. އެކަމަކު ކޮންމެ އަހަރަކު ބަޖެޓް ޑެފިސިޓް ބޮޑުވާ ނަމަ އެއީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ލަފާ ދޭ ހަރަދުތައް ކުޑަކުރަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވީ މާލޭގައި ހެދި "ރަސްފަންނު" އެވެ.

"ރަސްފަންނު ދުވަހަކު ވެސް ނުނިމޭ. އެތަނުގައި ހަދާ ދުވާ ޓްރެކްގެ މަސައްކަތް ވެސް ނުނިމޭ. އޭގެ އިތުރުން އެތަނަށް އިރުއިރުކޮޅާ ވެލި އެބަ އަޅާ. އަދި އެތަނުގެ ބޭރު ތޮށި ވެސް އުސްކޮށްފި. މިކަހަލަ ހަރަދުތައް ކުރުން ހުއްޓާލަންވީ. އެކަމަކު އައިޖީއެމްއެޗްގެ އާ އިމާރާތް ހެދުން ރަނގަޅު،" އިކޮނޮމިސްޓް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތަށް ފުރަތަމަ ވެސް އެހާ ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު، އެ މަޝްރޫއު ހަވާލުކުރި ގޮތާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"ކުއްލިއަކަށް ބަޔަކަށް ބިޑް ވެސް ނުކޮށް ދިނުމުން މައްސަލައަކީ. އެކަހަލަ ބޮޑު ޕްރޮޖެކްޓެއް ކުރިޔަށް ގެންދާ ނަމަ ފައިނޭންސް ހަމަޖައްސައިގެން ފަށަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ 80 ޕަސެންޓަށް އަރާފަ އެވެ. މިއީ ކަންބޮޑުވާން ޖެހޭ މިންވަރެއް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. ނަމަވެސް ހަރަދު ކުޑަކުރަން އަދިވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެ އެވެ.

"ގައުމީ އުފެއްދުންތެރިކަމުގެ 80 ޕަސެންޓް ދަރަނި އެރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ދަރަނި ނުދެއްކޭ ހިސާބަށް ނުދިއަ ނަމަވެސް މިހާ ހިސާބުން އެބަ ޖެހޭ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން. މިސާލަކަށް ސިޔާސީ މަގާމުތައް މަދުކޮށް މުސާރަ ކުޑަކުރަން. މިއީ ކޮންމެ ސަރުކާރަކަށް ވެސް ކުރަން އެންމެ އުނދަގޫ ކަންތައް. އެކަމަކު އެއީ ކުރަން ޖެހިފައިވާ ކަމެއް،" ކުރިން ވާހަކަދެއްކެވި އިކޮނޮމިސްޓް ވިދާޅުވި އެވެ.

އެމްއެމްއޭގެ ހިސާބުތަކުން އެނގެނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުތަކަށް ވިއްކި ޓްރެޝަރީ ބިލްގެ އަދަދު 31 ޕަސެންޓް އިތުރު ކަމެވެ. އަދި މި އަހަރުގެ ޖޫން މަހާ ހަމަޔަށް ބޭންކުންތަކުން ނަގާފައިވާ ދަރަނީގެ ޖުމްލަ 12.5 ބިލިއަނަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރު މިންވަރެކެވެ.

ސަރުކާރުގެ ހަރަދުތައް މި އަހަރު އިތުރުވި މައިގަނޑު ސަބަބަކީ ލަފާކުރި މިންވަރަށް ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވުމާއި ބޭރުގެ އެހީ އާއި އިންވެސްޓްމަންޓްތައް ނުލިބުމެވެ. އެކަމަށް އިޝާރާތްކުރައްވައި ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމަން ޖެހުނީ ވެސް ލަފާކުރި މިންވަރަށް އާމްދަނީ ނުލިބުމުން ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުގެ އިތުރުން ބިދޭސީން ގައުމަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓްގެ ރެމިޓެންސް ޓެކްސްއެއް ނެގުން ފިޔަވައި އާމްދަނީ އިތުރުކުރަން މި އަހަރުގެ ބަޖެޓްގައި ހިމެނޭ އެއްވެސް ކަމެއް ނުކުރެވެ އެވެ.

ބޭރުގެ އިންވެސްޓްމަންޓްތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރިޔަސް އަހަރު ނިމިގެންދާއިރު ވެސް އެ އިންވެސްޓްމަންޓްތަކެއް ނުލިބެ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާއި ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކާ ހެދި ޓޫރިސްޓުން އައުން ވެސް މަދެވެ.

"އެންމެ ބޮޑު މައްސަލައަކީ ރިކަރަންޓް ހަރަދު ބޮޑުވުން. ކެޕިޓަލް ހަރަދު އިތުރު ކުރިޔަސް ފަހުން އޭގެ ފައިދާ ފެންނަން ފަށާނެ. އެކަމަކު އަޅުގަނޑުމެންނަށް ގިނައިން މި ފެންނަނީ މަގާމުތަކަށް މީހުން އިތުރުކޮށް ބޭކާރު ހަރަދުތައް އިތުރުވާ ތަން. މިކަހަލަ ކަންތައްތައް ކުޑަނުކޮށް މިހާލަތުން އަރައެއްނުގަނެވޭނެ،" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"މިހާރު މިދާ ގޮތުން ރިސްކް ހައިވަމުން ދާނީ. ކަންބޮޑުވާން ޖެހޭނީ ގްރީސްއާ އެއްވަރުވީމަ. އެއީ މިހާތަނަށް ފެއިލްވި ބަޔަކީ. އެކަމަކު ވެސް އޭގެ ކުރިން ހަރަދުތައް ކޮންޓްރޯލްކުރަން ޖެހޭނެ. ޕަބްލިކް ފައިނޭންސް އެކްޓްގައި ލިމިޓެއް އޮވޭ. އެއީ ދެން ނަސީބެއް. އެ ލިމިޓަށް ވުރެ މައްޗަކަށް އަދި ނުދޭ،" އެ އިކޮނޮމިސްޓް ވިދާޅުވި އެވެ.

އެކަމަކު ސުވާލަކީ ދައުލަތުގެ ދަރަންޏާ މެދު ކަންބޮޑުވާނީ ދެން ކިހާ ހިސާބަކަށް ދިޔައިމާ ހެއްޔެވެ؟