ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި އިގްތިސާދު ހަމައަަކަށް އެޅުވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށެވެ. މަރުކަޒީ ބޭންކްގެ ގަވަރުނަރުކަން ކުރައްވާފައިވާ، ކުރީގެ ދެ ގަވަރުނަރުން ކަމަށްވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ފަޒީލް ނަޖީބު ވަނީ މި ހާލަތުގައި ގައުމުގެ އިގްތިސާދު ބައްޓަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވައިފަ އެވެ.
ޖިހާދު ވިދާޅުވި ގޮތުގައި އެންމެ މުހިއްމު ކަމަކީ މެއި 28 އަށް ފަހު ލޮކްޑައުންގެ ހާލަތު އުވާލުމެވެ. އެގޮތުން "ނިއު ނޯމަލް ގައިޑްލައިން"އެއް އެކުލަވައިލައި ލޯކަލް ވިޔަފާރިތަކާއި އިގްތިސާދީ ހަރަކާތްތައް ހިންގޭނެ ގޮތްތައް ފަހިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަޒީލް ވެސް ވަނީ ލޮކްޑައުނަށް ލުއިތަކެއް އައުން މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.
ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ވަގުތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އުފެއްދުންތެރި ކަމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތްގަނޑަކަށް 60 ޕަސެންޓް ހިއްސާވާ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސްފައި އޮތުމެވެ. އެހެންވެ ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ވަނީ ވަރަށް ބޮޑަށް މަދުވެ، ދައުލަތަށް ލިބޭ އާމްދަނީ އިންތިހާ އަށް ދަށްވެފަ އެވެ.
ރާއްޖެ އަށް ބޭރު ފައިސާ ނުވަންނަ ނަމަ، ދިވެހި ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގުތައް އުފުލުމުގެ ފުރުސަތު އެބަ އޮތެވެ. ޖިހާދު ވިދާޅުވީ، މި ހާލަތުގައި ފޮރިން އެކްސްޗޭންޖް ރިޒާވް ބޮޑު ކުރުމަށްޓަކައި ބޭރުގެ ކޮންސެޝަނަލް ލޯނު (ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލިބޭ ލޯނު) އާއި އެހީ ހޯދުން ވަރަށް މުހިއްމު ކަމަށެވެ. އެއީ އެނޫން އިތުރު ގޮތަކަށް ރާއްޖެ އަށް ޑޮލަރު ވެއްދެން ނެތުމުންނެވެ.
ވަކިވަކި ގޭބީސީތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށްޓަކައި ހާއްސަ އެހީއެއް މި ދަނޑިވަޅު ދިނުން މުހިއްމު. މިގޮތަށް އެހީއެއް ދިނުމުގެ ބޭނުމަކީ، ވިޔަފާރިތައް ކުރުމަށްޓަކައި އޮތް ޑިމާންޑް އިތުރުކުރުން،" -- ފަޒީލް
އިގްތިސާދީ ހަރަކާތްތަކަށް މުހިއްމު އަނެއް ކަމެއްގެ ގޮތުގައި ފަޒީލް ފާހަގަކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ. މިހާރު ވެސް ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެސްއެމްއީ ބޭންކް މެދުވެރުކޮށް 400 މިލިއަން ރުފިޔާ ދޭން ނިންމައިފަ އެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ދޭ ލުޔެއްގެ ގޮތުން މި ހާލަތުގައި ޓެކްސް ދެއްކުން ދެތިން މަހަށް ފަސް ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ފަޒީލް ވިދާޅުވި އެވެ.
ވަކިވަކި ފަރުދުންނަށް މާލީ އެހީ ދިނުން މުހިއްމު
ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ނުވަތަ މުސާރަތައް ވަނީ ކުޑަވެފަ އެވެ. މިއާ އެކު ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު ކަންކަމަށް ހޭދަކުރުން ވަނީ މަދުވެފަ އެވެ. އެހެންކަމުން ލިބޭ އާމްދަނީ އެހާ ބޮޑަށް ދަށްވެފައިވާ ހާލަތުގައި އާންމުންނަށް ވެސް ކޮންމެވެސް ވަރެއްގެ މާލީ އެހީއެއް ދިނުން މުހިއްމު ކަމަށް ފަޒީލް ދެކެވަޑައިގަންނަވަ އެވެ
"ވަކިވަކި ގޭބީސީތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށްޓަކައި ހާއްސަ އެހީއެއް މިދަނޑިވަޅުގައި ދިނުން މުހިއްމު. މިގޮތަށް އެހީއެއް ދިނުމުގެ ބޭނުމަކީ، ވިޔަފާރިތައް ކުރުމަށްޓަކައި އޮތް ޑިމާންޑް އިތުރުކުރުން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ހާލަތުގައި ވެސް ވިޔަފާރިތަކާއި ގާތްގުޅުމެއް ބާއްވާ، އެ ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ކައިރިން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި ސަރުކާރުން ކުރާ ހަރަދުތަކަކީ ދެ ފުށް ފެންނަ ހަރަދުތަކަށް ހެދުން މުހިއްމެވެ.
ޖިހާދު ވެސް ވިދާޅުވެފައި ވަނީ، މި ދަތި އުނދަގޫ ހާލާތުގައި އެންމެ ބޮޑަށް ގެއްލުންވީ ވިޔަފާރިތަކުގެ އިތުރުން މާލީ ގޮތުން ބޮޑު ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް ވެސް ސަރުކާރުން އެހީވާން ޖެހޭނެ ކަމަށެވެ. މިއީ އިގްތިސާދީ ހަރަކާތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހާލަތުން އަހަރައިގަތުމަށް ޓަކައި ހުރިހާ ސިޔާސީ ފިކުރުތަކަކަށް ނިސްބަތްވާ ޕާޓީތަކުގެ ބައިވެރިވުން ވަރަށް މުހިއްމު. މި ހާލަތުން އަރައިގަތުމަށް ކުރާ ދަތުރުގައި ހުރިހާ ދިވެހިން ބައިވެރިވާން ޖެހޭ،" -- ޖިހާދު
ސަރުކާރުން ވަނީ ވިޔަފާރިތަކަށް ހާއްސަކޮށްގެން 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ގޭބީސީތަކުގެ ފެނުން 30 ޕަސެންޓް، ކަރަންޓުން 40 ޕަސެންޓް ކުޑަކޮށްދޭން ނިންމާފައިވެ އެވެ. އަދި ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދީފައިވެ އެވެ. އަދި މި ހާލަތުގައި ވަޒީފާ ގެއްލުނު މީހުންނަށް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ހުރިހާ ގޭބީސީތަކަށް އެއް އުސޫލެއްގެ ތެރެއިން ފައިސާގެ އެހީ ދޭން ނިންމާފައެއް ނުވެ އެވެ.
ސަރުކާރުން އަންނަނީ މިހާރު ވެސް ބޭރުގެ މާލީ އެހީތައް މެދުވެރިކޮށް 290 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ އިގްތިސާދުގެ ހުރިހާ ކަމެއް ކުރުމަށްޓަކައި ކުޑަ އަދަދެއް ކަމަށް ފިނޭންސުން ބުނެ އެވެ.
ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައި ވަނީ 5.8 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އާމްދަނީ އިންތިހާ އަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ވަގުތުން ވަގުތަށް ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފޫބެއްދުމަށެވެ.
އާމްދަނީ އިންތިހާ އަށް ދަށްވެފައިވާތީ ރިވައިޒްޑް ބަޖެޓެއް މަޖިލީހަށް ހުށަހަޅައި ހަރަދުތަކުގެ ޕްލޭނެއް އެކުލަވައިލުން ވަރަށް މުހިއްމު ކަމަށް ޖިހާދު ވިދާޅުވި އެވެ.
މިއީ ގައުމުގެ އެއްބައިވަންތަކަން އިސް ކުރަންވީ ވަގުތު
ޖިހާދު ވިދާޅުވީ، އިގްތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި ގައުމުގެ ހަމަޖެހުން ވަރަށް މުހިއްމު ކަމަށެވެ. މިފަދަ ބޮޑެތި ކާރިސާތަކުން ސަލާމަތް ވެވޭނީ އެންމެން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހާލަތުން އަހަރައިގަތުމަށްޓަކައި ހުރިހާ ސިޔާސީ ފިކުރުތަކަކަށް ނިސްބަތްވާ ޕާޓީތަކުގެ ބައިވެރިވުން ވަރަށް މުހިއްމު. މި ހާލަތުން އަރައިގަތުމަށް ކުރާ ދަތުރުގައި ހުރިހާ ދިވެހިން ބައިވެރިވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ރާއްޖެއަކީ މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމެވެ. މި ހާލަތުގައި ލިބޭނެ ގެއްލުންތައް ދެނެގަތުމަށްޓަކައި ސަރުކާރުން ވަނީ ފަސް ސިނާރިއޯއެއް އެކުލަވައިލާ ފޯކާސްޓްތަކެއް ހަދައިފަ އެވެ. މި ފޯކާސްޓްތަކުން ދައްކާ ގޮތުން އެންމެ ބޮޑަށް އިގްތިސާދަށް ގެއްލުންވާ ހާލަތުގައި ރާއްޖޭގެ އިގްތިސާދު މައިނަސް 29 ޕަސެންޓެއް ވެއްޓޭނެ އެވެ. މި ހާލަތަށް ނުގެންދަން ސަރުކާރުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.