އިންޓަނެޓުގައި ކުޑަކުދިން މަޅީގައި ޖައްސައި ބްލެކްމެއިލާއި ޖިންސީ އަނިޔާ އަށް

ކިޔެވުމަށާއި ކޮވިޑްގެ ސަބަބުން ގިނަ ވަގުތު ގޭގައި ތިބެން ޖެހޭތީ ކުދިން އިންޓަނެޓު ބޭނުންކުރުން އިތުރުވެފައިވާ މި ހާލަތުގައި ނުރައްކަލުގެ ދޮރު ވަކިން ބޮޑަށް ހުޅުވިފައިވާކަމުގެ އިންޒާރު މާހިރުން ދެއްވާ.

މާލޭގައި މި ފަހުން ކުޑަކުދިން ގެސްޓް ހައުސް އަށް ގެންގޮސްގެން ޖިންސީ އަނިޔާކުރި ދެ ހާދިސާގެ ތެރެއިން މިދިޔަ މަހު ފެންމަތިވި މައްސަލައިގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި 38 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 16 އަހަރުގެ ކުއްޖަކު ބްލެކްމެއިލްކޮށް، ތިމަންނާއަކީ ކާކުކަން އޮޅުވާލައިގެން އެ ކުއްޖާ މާލެ ގެނެސް ރޭޕްކުރުމުގެ ތުހުމަތުގައި މޭ މަހު 25 އަހަރުގެ މީހަކު ހައްޔަރުކޮށް ޖިންސީ ގޯނާގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުން މި ދެ މައްސަލައިގައި ވެސް އެއްގޮތް ކަމެއް ވެ އެވެ؛ ދެ ކުދިން ވެސް ޝިކާރަކޮށްފައި ވަނީ އިންޓަނެޓުގައި ގްރޫމްކޮށްގެންނެވެ.


އޮންލައިންކޮށް ވާހަކަދައްކައިގެން ކުޑަކުދިން ގްރޫމްކޮށް، (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން ގްރޫމްކުރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާ އަށް ނުވަތަ އޭނާގެ ބެލެނިވެރިޔަކަށް ފައިސާ ނުވަތަ އެއްޗެއް ދީގެން ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް އިތުބާރު ހޯދަން އުޅުމެވެ. މިއީ 5-15 އަހަރުގެ ޖަލު ހުކުމް އޮތް ކުށެކެވެ.) ކުދިންގެ ނާޖާއިޒު ފައިދާ ނެގުން އިތުރުވަމުންދާ ކަމަށް މި މަހު ފުލުހުން ވަނީ ބުނެފަ އެވެ. ރިޕޯޓުކުރި ދެ މައްސަލައާ އެކު މި ދަނޑިވަޅުގައި އިންތިހާ އަށް އޮތް ބިރަކީ ކޮވިޑް-19 އައިސްގެން ގޭގައި ތިބެން ޖެހުމާއި ކިޔަވަން ވެސް އިންޓަނެޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން ކުދިންނަށް ނުރައްކާ ބޮޑުވެފައިވާ ކަމެވެ.

"ކުދިންނާ ކޮންމެވެސް ކަހަލަ ގުޅުމެއް ގާއިމްކޮށްގެން ފޮޓޯތައް ހޯދުމަށް ފަހު ފަހުން ބްލެކްމެއިލްކޮށް ފަހުން އެ ކުދިންނަށް އެސޯލްޓްކުރަމުންދާ ކަމަށް އަދި ކަމެއްގެ ބަދަލުހިފުމުގެ ގޮތުން ވެސް ފޮޓޯތައް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އެ ކުދިން ލައްވައި އެކިއެކި ކަންކަން ކުރަމުންދާ ކަމަށް..."

ގްރޫމްކުރުމުގެ ދެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ މަހު ބޭއްވި މައުލޫމާތު ހޯދުމުގެ ބައްދަލުވުމެއްގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އެހެން ބައެއް ފަރާތްތަކުން ދެއްކި ވާހަކަތަކަށް ބަލާ އިރު، ކުރިންސުރެ ވެސް މި މައްސަލަ ދިޔައީ ބޮޑުވަމުންނެވެ. އަދި އިންޓަނެޓުގެ ރައްކާތެރިކަމާ މެދު ކުދިންނާއި މައިންބަފައިންގެ ހޭލުންތެރިކަން ވަރަށް ކުޑަ އިރު، ކުށްކުރާ މީހުން ހޯދައި އަދަބުދޭށާއި މަޅީގައި ޖެހޭ ކުދިންނަށް އަޅާލާން މާ ވަރުގަދަ މަސައްކަތްތަކެއް ނުކުރެވެ އެވެ.

އެހާ ބައިވަރު މައްސަލަތަކެއް އަދި ތިލަ ނުވިޔަސް، ކަމާބެހޭ ފަރާތްތަކުން ދެކޭގޮތުގައި، އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ކުދިން ތިބީ ނާޒުކު ހާލަތެއްގަ އެވެ. އާއްމުކޮށްފައި ނެތް މައްސަލައެއް ވެސް ބަލަމުންދާކަން ކޮމިޓީގައި ފުލުހުން ހާމަކުރި އެވެ.

"ރޭގައި ވެސް މިފަދަ ކޭސްއެއް އަޅުގަނޑުމެންނަށް ހުށަހެޅިގެން ތަހުގީގުކުރަމުން މި ވަގުތު ވެސް މި ދަނީ. ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވެސް ފާހަގަވީ. ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް އިންވޯލްވާ ކޭހެއް ގޮތުގައި،" ޖޫން 22ގައި ކޮމިޓީގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.

ކޮވިޑްގެ ބަންދުން ނުރައްކާ ބޮޑުވެއްޖެ

މާހިރުން ވިދާޅުވަނީ ކޮވިޑްގެ ހާލަތަކީ ޝިކާރަވެރިންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

"ކޮވިޑާ ގުޅިގެން އިންޓަޕޯލް އަދި ޔޫރޯޕޯލް ފަދަ އެޖެންސީތަކުން ނެރެފައި ހުރި ރިޕޯޓްތަކަށް ބަލާ އިރު ހުރިހާ ގައުމެއްގައި ވެސް މިފަދަ ކްރައިމްތައް އިތުރުވަމުން އައިސް ހުރިކަން ފާހަގަވެފައި ހުރީ،" ބަޝީރު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ އާކްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މުރުތަލާ މޫސާ ވިދާޅުވިގޮތުގައި ކޮވިޑާ ގުޅިގެން އައި އިގްތިސޯދީ ހީނަރުކަމަކީ މާލީގޮތުން ނުވަތަ އެއްޗެހި ދީގެން ކުދިންގެ ފައިދާ ނަގައި ގްރޫމްކުރަން ހުޅުވުނު ދޮރެކެވެ. އަދި މި ބަލިމަޑުކަމުގައި ކުދިންގެ ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަމުންދާ އިރު އޭގެ ފައިދާ އާއި ފުލުހުންނާއި ޖެންޑަ މިނިސްޓްރީގެ ސަމާލުކަން އެހެން ކަންކަމަށް އިސްކުރަން ޖެހުމާއި އާކްގެ ހޭލުންތެރިކަމުގެ ޕްރޮގްރާމް މެދުކެނޑުމުގެ ފައިދާ ވެސް ޝިކާރަވެރިން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކަންކަމާއި އަދި އެހެނިހެން ސަބަބުތަކަކާ ހުރެ، އަސްލު ކޮވިޑާ ގުޅިގެން މީތި މުޅިން އެހެން ލެވެލްއަކަށް ގޮންޖެހުންތައް އިތުރުވެގެން ގޮސްފި،" މަޖިލީހުގެ ކޮމިޓީގައި މުރުތަލާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ގިނަ ވަގުތު ގޭގައި ތިބެން ޖެހޭތީ އާއި ސްކޫލު ހުޅުވުނަސް އަދިވެސް އޮންލައިންކޮށް ކިޔަވާނެތީ މި ހާލަތުގައި ނުރައްކަލުގެ ދޮރު ވަކިން ބޮޑަށް ހުޅުވިފައިވާކަމުގެ އިންޒާރު މާހިރުން ދެއްވަ އެވެ.

ޔުނިސެފްގެ ކޮމިއުނިކޭޝަން ފޯ ޑިވެލޮޕްމެންޓް އޮފިސަރު މުހައްމަދު ޔާސިރު ވިދާޅުވީ ހާއްސަކޮށް 13 އަހަރުން ދަށުގެ ކުދިންނަށް، އެ ކުދިން ކުރިން ފަރިތަވެފައި ނެތް އޮންލައިން ޕްލެޓްފޯމްތަކެއް ކުއްލިއަކަށް ބޭނުންކުރަން ޖެހުނު އިރު ރައްކާތެރިވާން ނޭނގިދާނެ ކަމަށެވެ.

"އެހެންވީމާ އެ ކުދިންގެ އެކްސައިޓްމެންޓާ އެކީގައި ބައެއް ފަހަރު އެ ކުދިންނަށް ކުރެވިދާނެ ކުރަން ނުޖެހޭ ކަމެއް ވެސް. ފޮޓޯއެއް ޝެއާ ވެސް ކުރެވިދާނެ، މީހަކާ ވާހަކަ ވެސް ދެއްކިދާނެ. އަނެއްކާ އަޅުގަނޑުމެންގެ ބެލެނިވެރިން ގޭގައި މަސައްކަތްކުރަމުން ކުދިން އިންޓަނެޓްގައި މި ކުރާ ކަންކަން ބެލުން ވެސް މި ވަނީ ޗެލެންޖުވެފައި،" ކޮމިޓީގައި ޔާސިރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް އިންޓަނެޓުގެ ރައްކާތެރިކަން އޮތް މިންވަރާ ބެހޭގޮތުން އެކި ދާއިރާތަކުގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖލިސް

ބޮޑު އަމާޒު: އަންހެންކުދިން

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސިޔާނަތު ހާޝިމް ވިދާޅުވީ އެ އޮފީހަށް ހުށަހަޅާފައިވާ ވަރަށް ގިނަ މައްސަލަތަކަކީ އޮންލައިންކޮށް ޗެޓްކުރުމުގެ ތެރެއިން ފުރާވަރު ކުދިންގެ ފޮޓޯ ހޯދައިގެން ބްލެކްމެއިލްކުރުމާއި އަނިޔާގެ މައްސަލަތައް ކަމަށެވެ.

"ސީރީސް އޮފް އިންސިޑެންޓްތަކެއް ހިނގާފައި އެބަ ހުރޭ. އަދި އޭގެ ތެރެއިން ސެކްޝުއަލް އެސޯލްޓާ ހަމައަށް ވެސް ވަރަށް ގިނަ ކޭސްތަކުގައި ބަދަލުވެފައި އެބަ ހުރޭ. އެހެންވީމާ މިއީ ވަރަށް ކޮންސާނިން މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

މުރުތަލާ ވިދާޅުވީ އޮންލައިން އެކްސްޕްލޮއިޓޭޝަންގައި "އަންހެނުންކުދިންނަށް މި ކުރިމަތިވާ ޔުނީކް ގޮންޖެހުންތައް ބޮޑު" ކަމަށެވެ.

އަންހެންކުދިންނަށް އަމާޒުކޮށްގެން ބްލެކްމެއިލްކުރުމުގެ މައްސަލަތައް ވޭތުވެދިޔަ ތިން އަހަރު ވަރަށް ގިނަވެފައިވާކަން، ހިއުމަން ރައިޓްސް ކޮމިޝަނުން އަތޮޅުތަކަށް ކުރާ ޒިޔާރަތްތަކުގައި ފުލުހުން ދީފައިވާ މައުލޫމާތުތަކުން، އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"ހާއްސަކޮށް އެ ކުދިންނާ ވާހަކަދައްކައިގެން އެ ކުދިންނާ ކޮންމެވެސް ކަހަލަ ގުޅުމެއް ގާއިމްކޮށްގެން ފޮޓޯތައް ހޯދުމަށް ފަހު ފަހުން ބްލެކްމެއިލްކޮށް ފަހުން އެ ކުދިންނަށް އެސޯލްޓްކުރަމުންދާ ކަމަށް އަދި ކަމެއްގެ ބަދަލުހިފުމުގެ ގޮތުން ވެސް ފޮޓޯތައް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އެ ކުދިން ލައްވައި އެކިއެކި ކަންކަން ކުރަމުންދާ ކަމަށް [ފުލުހުން ވަނީ މައުލޫމާތު ދީފައި]،" އެޗްއާރުސީއެމްގެ ލީގަލް އޮފިސަރު ފާތިމަތު ނަފްއަތު އަބްދުލްވައްހާބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މި ބާވަތުގެ މައްސަލަތައް އަނބުރާ ގެންދަން ބައެއް ފަހަރު ކުދިންނާއި އެ ކުދިންގެ އާއިލާ އިން އެދޭ ކަން ވެސް ފާހަގަކުރެވެ އެވެ.

"މީގެ ސަބަބުތަކުގެ ތެރޭގައި މި އުޅެނީ އެ ކުދިން ލަދުގެންނެވުމާއި އެ ކުދިން ލޭބަލްކުރުމާއި ސްޓިގްމެޓައިޒޭޝަން މި ކަހަލަ އިޝޫސްތަކެއް ދިމާވާތީ،" ނަފްއަތު ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ބްލެކްމެއިލްގެ 13 މައްސަލައެއް އެ ތަނުން ވަނީ ބަލައިފަ އެވެ.

""ބެލެނިވެރިންގެ ވިސްނުމަކީ އަސްލު ހަގީގަތުގައި ގޭގައި ތިބޭ ކަމަށް ވަންޏާ ކުދިން ރައްކާތެރިއޭ. އޮންލައިންކޮށް ނުވަތަ އޮފްލައިންކޮށް ވިޔަސް ގޭގައި ތިބެންޏާ އެއޭ އަސްލު ސޭފްޓީއަކީ. އެކަމަކު އޮންލައިންކޮށް ހުށަހެޅިދާނެ ރިސްކުތަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނާ ނުލެވޭ."

އެކި ޕްލެޓްފޯމްތައް، ރިސްކު ނެގުން ބޮޑު

ސޯޝަލް މީޑިއާ ސައިޓުތަކާއި ޗެޓްކުރުމުގެ އިތުރުން ވީޑިއޯ ގޭމް ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ގްރޫމްކުރާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. މި ކަމަށް ބެލެނިވެރިން ސަމާލުވާން އެދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ، ކޮމިޓީގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބައިވެރިވިތާ ދެތިން ދުވަސް ފަހުން، ބަޔާނެއް ނެރެފަ އެވެ.

"ވަރަށް [ސާފުކޮށް] އެބަ އެނގޭ މިހާރު، ގްރޫމިން އަދި އެޑިކްޝަންސް، މިއާ އެބަހުރިކަން ގުޅުން،" މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ މުހައްމަދު ޝަރީފު ކޮމިޓީގައި ވިދާޅުވި އެވެ.

ޔުނިސެފުން ބުނިގޮތުގައި ބައެއް ޕްލެޓްފޯމްތަކުން ލިބޭ ފުރުސަތުތަކުގެ ސަބަބުން ގެއްލުންހުރި އާދަތަކަށް ކުދިން ދިޔުމުގެ ނުރައްކާ ބޮޑުވެގެންދެ އެވެ. މިސާލަކަށް ސްނެޕްޗެޓަށް ލާ އެއްޗެހި 24 ގަޑި އިރު ތެރޭ ގެއްލޭތީ، ކުދިން ރިސްކު ނަގާ މިންވަރު އިތުރުވެގެންދާ ކަން ޔާސިރު ފާހަގަކުރެއްވި އެވެ. އަދި ކުޑަކުދިންގެ މެދުގައި ފޭސްބުކަށް ވުރެ މަގުބޫލީ އިންސްޓަގްރާމް ކަމަށާއި އިންސްޓަގްރާމްގައި ޕަބްލިކް އެކައުންޓް ގެންގުޅުމަކީ ޝިކާރަވެރިންނަށް ކުދިން ޕޯސްޓުކުރާ ކޮންމެ އެއްޗެއް ބަލަން ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުވާލަކު އެއްފަހަރު އެއް ސެލްފީ ލާ ކަމަށް ވަންޏާ އެއްކަލަ ޕްރިޑެޓަރީ މީހާ އަށް ހިލޭ ބަލައިލެވޭނެ ދެއްތޯ؟ މީހަކު ފޮލޯ ވެސް ކުރާކަށް ނުޖެހޭނެ އޭނާގެ އެއްވެސް ކަހަލަ ޓްރޭސްއެއް ވެސް ފެންނާކަށް ނީންނާނެ. އެންމެ ބޮޑު އެއް ރިސްކަކީ އެއީ،" ޔާސިރު ވިދާޅުވި އެވެ.

ކުދިންގެ ހޭލުންތެރިކަން ކުޑަކަމުން ކަންބޮޑުވާން ޖެހޭ ފަދަ އާދަތައް ގެންގުޅޭކަން އާކް އިން ވެސް ފާހަގަކުރި އެވެ.

"ލައިކްސް ގިނަކުރުމަށާއި އަދި އެ ކުދިންގެ އޮންލައިން ޕްލެޓްފޯމް ރަނގަޅުކުރުމަށްޓަކައި ނުދަންނަ މީހުން އެޑްކުރޭ،" މުރުތަލާ ވިދާޅުވި އެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ އުމުރު ހަމަނުވާ ކުދިން ވެސް ސޯޝަލް މީޑިއާގައި ގިނައިން އުޅޭ ކަމަށެވެ.

"ފޭސްބުކް ފުރަތަމަ ރާއްޖެ އައިތާ ކައިރީގައި ވެސް އަޅުގަނޑުމެން ރާއްޖޭގެ ބޮޑު ސްކޫލެއްގެ ގްރޭޑް ހަޔަކުން މަތީގެ ހުރިހާ ކުދިންހެން އެއްކޮށްލައިގެން އަހާލި އިރު 80 ވަރަކަށް ޕަސެންޓް ކުދިން ތިބީ ފޭސްބުކްގެ ޕޮލިސީގައި އަންޑައޭޖުގައި، އެކަމަކު ފޭސްބުކްގައި،" ޝަރީފު ވިދާޅުވި އެވެ.

ބައްދަލުވުމުގެ ބައިވެރިންގެ ބައެއް ހުށަހެޅުންތައް:

- ވަކިވަކިން އަމާޒުކޮށްގެން ކުޑަކުދިންނާއި މައިންބަފައިންނާއި އާއްމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ވަގުތުން ފެށުން

- ރާއްޖޭގައި ކުޑަކުދިން އިންޓަނެޓު ބޭނުންކުރާ ގޮތުގެ ދިރާސާއެއް ހަދާފައި ނެތުމުން އެކަން ކުރުން

- ޕޭރެންޓަލް ކޮންޓްރޯލް ޓެކްނޮލޮޖީތައް ތައާރަފްކުރުން އަދި މިހާރު ވެސް ލިބެން ހުރި ހައްލުތަކަށް މައިންބަފައިން އަހުލުވެރިކުރުވުން

- އިންޓަނެޓު ކުންފުނިތަކުން ފިލްޓަތަކެއް ލުމަށާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ފީޗާސް ހިލޭ ފޯރުކޮށްދޭން މަޖުބޫރުވާނެ އުސޫލުތަކެއް ތައާރަފްކުރުން

- ގްރޫމިން މައްސަލަތައް ރިޕޯޓްކުރުމާއި މައްސަލަތައް ބަލައިގަތުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުން

- ޝިކާރައަކަށްވާ ކުދިންނަށާއި އުމުރާ ނުގުޅޭ ކަންކަން ކުރާ ކުދިންނަށް ކައުންސެލިން އާއި ރީހެބިލިޓޭޝަން ދޭން ފުޅާދާއިރާއެއްގައި އިންތިޒާމްތައް ހަމަޖެއްސުން

- މި ބާވަތުގެ މައްސަލަތަކުގައި ހެކި ހޯދަން ދަތިވާތީ މިފަދަ މައްސަލަތަކުގައި ހެކި ވަޒަންކުރާ ގޮތް އިސްލާހުކުރުން

- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ވެސް ގްރޫމްކުރުމުގެ ކުށް ހިމެނުން. އެއީ މައްސަލަތައް ސާބިތުކުރަން ފަސޭހަކުރަން.

- ގްރޫމްކުރުމުގެ ކުށުގެ ތެރޭގައި ސައިބަ ގްރޫމިން ކުށް ވަކިން ކަނޑައެޅުން

- ތައާރަފްކުރަން މީގެ އެތައް އަހަރެއް ކުރިންސުރެ މަސައްކަތްކުރަމުން އަންނަ ސައިބަކްރައިމް ގާނޫނު އަވަސްކުރުން އަދި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ނެޓްވޯކުތަކުގައި ރާއްޖެ އިން ބައިވެރިވުން

ހޭލުންތެރިކަމެއް ނެތް

އާކް އިން ބުނިގޮތުގައި އަތޮޅުތަކުގައި އެ ޖަމްއިއްޔާ އިން އޮންލައިން ސޭފްޓީ ކެމްޕެއިނެއް ހިންގި އިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ އިންޓަނެޓުގެ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން ކުޑަކަމެވެ. މައިންބަފައިން ބޮޑަށް ކަންބޮޑުވަނީ ކުދިން އޮންލައިންކޮށް ހޭދަކުރާ ވަގުތާ މެދުގައި ކަމަށާއި އިންޓަނެޓުގައި އެ މީހުން "ކުރަނީ ކީއްތޯ ވިސްނާލެވެނީ ވަރަށް މަދުން" ކަމަށް މުރުތަލާ ވިދާޅުވި އެވެ.

"ބެލެނިވެރިންގެ ވިސްނުމަކީ އަސްލު ހަގީގަތުގައި ގޭގައި ތިބޭ ކަމަށް ވަންޏާ ކުދިން ރައްކާތެރިއޭ. އޮންލައިންކޮށް ނުވަތަ އޮފްލައިންކޮށް ވިޔަސް ގޭގައި ތިބެންޏާ އެއޭ އަސްލު ސޭފްޓީއަކީ. އެކަމަކު އޮންލައިންކޮށް ހުށަހެޅިދާނެ ރިސްކުތަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނާ ނުލެވޭ، ބެލެނިވެރިންނަށް،" އޭނާ ވިދާޅުވި އެވެ.

މުރުތަލާ އިތުރަށް ވިދާޅުވީ ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔާ ރިޕޯޓްކުރަން ރަނގަޅު ހޭލުންތެރިކަމެއް އޮތަސް، އޮންލައިންކޮށް ދިމާވާ ކަންކަން ރިޕޯޓްކުރަން ފަސްޖެހޭ ކަމަށެވެ.

ހޭލުންތެރިކުރަން މިހާރު މަސައްކަތްކުރާ ގޮތް ކަމުނުދާކަން ބައްދަލުވުމުގެ ބައެއް ބައިވެރިން ފާހަގަކުރި އެވެ. ޔުނިސެފުން ބުނީ އެކަމުގައި އާއްމުކޮށް ބައިވެރިކުރަނީ ބޮޑެތި މީހުން ކަމަށާއި ކުޑަކުދިން ބައިވެރި ނުކުރާ ނަމަ އެ ކުދިންގެ ގޮންޖެހުންތަކާއި އެންމެ ރަނގަޅު ހައްލަކީ ކޮބައިކަން ވެސް ދެނެނުގަނެވޭނެ ކަމަށެވެ. އަދި ކުދިންނަށް މެސެޖު ދޭ ގޮތް ވެސް ބަދަލުކުރަން ޖެހޭކަން އެ ތަނުން ފާހަގަކުރި އެވެ.

"ނުކުރާށޭ ބުނުމަށް ވުރެ ބޮޑަށް އޭގެ ރިސްކުތައް ރަނގަޅަށް އެނގުނީމަ، ވިކްޓިމްސްގެ ވާހަކަ ދެކެވުނީމަ ދެއްތޯ އެނގޭނީ؟" ޔާސިރު ވިދާޅުވި އެވެ.

މައްސަލަތައް ބަލަން އުނދަގޫ: ޕޮލިސް

ބައްދަލުވުމުގައި ބައިވެރިވި އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ ފޭސްބުކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެކައުންޓްތައް ބްލޮކްކުރުމަކީ އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށް ވާތީ، ސަރުކާރުން މިފަދަ މައްސަލަތައް ހައްލުކުރަން އުޅޭ އިރު މަސައްކަތްކުރަން ޖެހޭނީ، އައިއެސްޕީ އަށް ވުރެ ބޮޑަށް، ޕްލެޓްފޯމްތަކާ ގުޅިގެން ކަމަށެވެ.

އެކަމަކު ފުލުހުން ބުނީ ފޭސްބުކް އަދި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކާއި އެހެން ގައުމުތަކުގެ އޭޖެންސީތަކާއި ރާއްޖޭގައި ހިދުމަތް ދޭ ކުންފުނިތަކުން ވެސް މައުލޫމާތު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ބަޝީރު ވިދާޅުވިގޮތުގައި ރަޖިސްޓްރީ ނުކޮށް ނުވަތަ ކާކުކަން ނޭނގޭ، ވަރަށް ގިނަ ސިމް ކާޑުތައް ރާއްޖޭގައި މުވާސަލާތީ ކުންފުނިތަކުން ދޫކުރަމުން އެބަ ގެންދެ އެވެ. އެއީ ވެސް ކުށްވެރިން އަތުލައިގަންނަން ނުވަތަ ހުއްޓުވަން ފުލުހުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ދެން އައިޕީ ސަބްސްކްރައިބާސް ޑީޓެއިލްސް ނުހުންނަ މައްސަލަތަކާއި މި ކަހަލަ މައްސަލަތަކެއް އެބަހުރި އަޅުގަނޑުމެންނަށް މި މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ. މިހާރު ވެސް ޓެލެކޮމްއާ އެކު މަސައްކަތްކުރަމުން މި ދަނީ މީގެ ހައްލުތަކެއް ހޯދުމަށް،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ސައިބަ ކްރައިމްގެ މައްސަލަތައް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގައި އިންޓަނެޓް ބޭނުންކުރުން އާއްމުކަމުން، ކުޑަކުދިންނަށް އޮތް ނުރައްކާ ވަކިން ބޮޑެވެ.

"އަދި އިންޓަނެޓް ބޭނުންކުރެވޭ ފޯނު ބޭނުންކުރާ މީހުން ވެސް އެހާމެ ގިނަ. އެހެންވީމާ ރާއްޖޭގެ މީހުން ވަރަށް ބޮޑަށް އިންޓަނެޓް ތެރޭ އުޅޭތީ މި ބިރުވެރިކަން އެބަ އޮތް ހަގީގަތުގައި ވެސް،" ބަޝީރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގެ ޒިންމާ އޮތް މީހުން ތިބެންވާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓުގެ ކަންކަމަށް އަހުލުވެރިވެ، "އަހެޑް އޮފް ދަ ކާވް"ގައި ކަމަށެވެ. އާ އެޕެއް ނުކުންނަ އިރަށް އޭގެ ފީޗާސް ބަލަބަލައި ތިބޭ މިންވަރަށް ހުޝިޔާރުވާން އޭނާ ލަފާދެއްވި އެވެ.

"ބޮޑަށް އަޅުގަނޑުމެންނަށް އެނގެން އެބަ ޖެހޭ މި ވާ ކަންތައްތައް، ޓެކްނޮލޮޖީ އަށް އަންނަ ބަދަލު، މީހުންގެ ބިހޭވިއާ އަށް އަންނަ ބަދަލު، މި ހުރިހާ އެއްޗެއް ރިއެކްޝަނަރީކޮށް އަޅުގަނޑުމެން ދަންނަ ކަމަށް ވަންޏާ އަޅުގަނޑުމެން ތިބޭނީ ކާވްގެ ފަހަތުގައި،" ޔާސިރު ވިދާޅުވި އެވެ.