ރިޕޯޓް / ޖިންސީ ގޯނާކުރުން

"މިއީ ރާއްޖޭގެ #މީޓޫ ހިނދުކޮޅު." ޖިންސީ ގޯނާގެ ވާހަކަތައް، ސީދާ ތަޖުރިބާކުރި މީހުން ކިޔައިދެނީ

އަޅުގަނޑުމެން އަޑު އުފުލަން ޖެހޭ. ސަވައިވާސްގެ އަޑު އުފުލަން އަޅުގަނޑުމެން ފުރުސަތު ވެސް ދޭން އެބަ ޖެހޭ: ޑރ. އާފިޔާ

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ވޮއިސް އޮފް ޗިލްޑްރެން އިން ޖޫން 29ގައި ބޭއްވި މުޒާހަރާއެއްގައި މީހަކު ޝުއޫރު ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޖިންސީ އަނިޔާ އާއި ފުރައްސާރަ ކުރުން ރާއްޖޭގައި ސަގާފަތަކަށް ވެފައި އޮތަސް އަންހެނުންނާއި އަންހެންކުދިންނަށް މަޖުބޫރުވެފައި ވަނީ، ޝަފީއާ ރިޒާ ސިފަކުރެއްވި ގޮތުގައި، އެ ކަންކަން ސިއްރުކޮށް "ފިއްތައިގެން" ތިބޭށެވެ. އެކަމަކު މިއީ ތަފާތު ދަނޑިވަޅެކެވެ. މަގުމައްޗަށް ނުކުމެގެންނާއި ސޯޝަލް މީޑިއާ އަށް ވަދެގެން އަދި މައްސަލަތައް ރިޕޯޓްކޮށްގެން އަންހެނުން ވަނީ ޒަމާންވީ ހިމޭންކަމެއް މުގުރަން ފަށައިފަ އެވެ. އެއް ނަތީޖާއަކީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ރާއްޖޭގެ ވަޒީރަކު ފުރަތަމަ ފަހަރަށް މަގާމުން ވަކިކުރުމެވެ. އަނިޔާގެ ތަޖުރިބާތައް ފާޅުގައި ކިޔައިދޭން ފަހަރަކު މީހަކު ހިތްވަރު ހޯދަމުން އަންނަ އިރު އަނިޔާއާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވާ ޝަފީއާ އަށް ބަދަލެއް ފެނިވަޑައިގަންނަވަ އެވެ.

"މިއީ ހަމަ ރާއްޖޭގެ މީޓޫ މޫވްމެންޓްގެ ފެށުން ކަމަށް އަޅުގަނޑަށް ފެންނަނީ. މި ވަގުތު އަޅުގަނޑުމެން މި ތިބީ އޭގެ އެންމެ ކުރީކޮޅުގައި،" ގެވެށި އަނިޔާ އާއި އާއިލީ މައްސަލަތަކުގައި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ފެމިލީ ލީގަލް ކްލިނިކްގެ ކޯ-ފައުންޑާ އަދި ވަކީލު ޝަފީއާ ވިދާޅުވި އެވެ.

ގޯނާ އާއި ފުރައްސާރަ ކުރަމުންދާ ނުފޫޒު ގަދަ މީހުންނަށް އަދަބު ނުލިބޭކަން އަންގަން ހޮލީވުޑްގެ އަންހެން ތަރިންތަކެއް 2017ގައި މަޝްހޫރުކުރި "#މީޓޫ" ހަރާކަތް އެތައް ގައުމަކަށް ފުޅާވެ ބާރުގަދަ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން މަޖުބޫރުވި އިރު ރާއްޖެ އިން އޭގެ އަސަރެއް ނުފެނުނެވެ. އެކަމަކު، މިދިޔަ މަހު ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އާއިލީ ދެ ފިރިހެނަކު ހައްޔަރުކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ދޫކޮށްލުމުން އާއްމުންގެ ރުޅިގަނޑު ފަޅައިގެން ދިޔުމާ އެކީގައި، އަނިޔާގެ އަމިއްލަ ތަޖުރިބާތައް އަންހެނުން ކިޔައިދޭން މި ފެށީ މީގެ ކުރިން ފެނިފައި ނުވާހާ ބޮޑަށެވެ.

"ވަރަށް ބޮޑު ކަމެއް އެ ކުރަނީ. އަނިޔާވި ކަމުގެ ވާހަކަ ބަޔަކަށް ކިޔައިދޭ ކޮންމެ ފަހަރެއް އެއީ އަލުން އެކަން ތަޖުރިބާކުރުން ކަހަލަ ކަމެއް. ދުނިޔޭގައި މީޓޫ ހަރަކާތް ފެށުނީ ވެސް ޓްރޯމާ ޓްރިގާވެގެން. [ރާއްޖޭގައި ވެސް] އެހެން ވާނެ. ހީލްވާނެ ފުރުސަތެއް ދުވަހަކު ވެސް މި ގައުމުގައި ލިބިފައެއް ނެތް."

މިދިޔަ ހަފްތާގައި ވޮއިސް އޮފް ޗިލްޑްރެން ޖަމިއްޔާ އިން މާލޭގައި ކުރި މުޒާހަރާއެއްގައި ޒުވާނުންތަކެއް، ކުޑައިރު އެ މީހުން ތަހައްމަލްކުރި އަނިޔާ އުނދަގުލުން، ގިސްލަމުން ހިއްސާކުރުމަކީ އެހާ ހާމަކަން ބޮޑުކޮށް ރާއްޖޭގައި އެފަދަ ވާހަކަތަކެއް ބަޔަކު އަމިއްލަ އަށް ކިޔައިދިން ފުރަތަމަ ފަހަރެވެ. އޭގެ ތިން ދުވަސް ފަހުން އައިޝަތު ޒަހުވާ ނަދީމް (ޒަހޫ) ވަނީ އުމުރުން 17 އަހަރުގައި އޭނާގެ ދެބެންގެދެދަރި ބޭބެ އަދި ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ޝިކާރައަކަށް ވި ކަމަށް ބުނެ ވާހަކަދައްކައިފަ އެވެ. މި ހަފްތާގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރީ އޭނާގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެ މުވައްޒަފުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކިޔައިދީގެންނެވެ.

ޝަފީއާ ވިދާޅުވި ގޮތުގައި ކުޑައިރު ނުރުހުމުގައި ކޮންމެވެސް މީހަކު ގައިގައި އަތްލައި އަނިޔާކޮށްފައި ނުވަތަ މަސައްކަތުގެ މާހައުލުގައި ގޯނާ އާއި ފުރައްސާރަ ކުރިމަތިވެފައި އިންސާފު ނުލިބި ތިބި ޒުވާން އެތައް އަންހެނުންނެއްގެ ތަޖުރިބާތައް މިހާރު މި ފެންމަތިވާ މައްސަލަތަކާ އެއްގޮތެވެ. "#މީޓޫ" ބޮޑުވެގެން ދިޔައީ ވެސް އަނިޔާވެރިން އަދަބުން ރެކިގަނެގެން ތިބޭތީ އެކަމާ ދެކޮޅަށެވެ.

"ދުވަހަކު ވެސް އަހަރެމެންނަށް އަހަރެމެންގެ ޓްރޯމާއަކަށް ޝިފާއެއް ނުލިބޭ. ސަބަބަކީ އެކަން ކުރި މީހާއާ ދޭތެރޭ ފިޔަވަޅެއް ނޭޅޭ، އެ މީހާ ޖަވާބުދާރީއެއް ނުކުރެވޭ،" ޝަފީއާ ވިދާޅުވި އެވެ.

"ސަފާރީ ކޭސްގައި އިޖުރާއަތުތައް އެއްފަރާތް ކުރެވިއްޖެކަން، މިސްޓޭކެއް ހެދިއްޖެކަން އެބަ އެނގޭ. ޒަހޫ އަށް ވެސް ކުރިމަތިވި ހުރަހަކީ އިމްޕިއުނިޓީ. މައްސަލަ ކުރިއަށް ނުގެންގޮސް ޕީޖީ އޮފީހުގައި ފައިލްކުރީ. އެހެންވެގެން އެ ވާހަކަ ކިޔައިދޭން ޒަހޫ އަށް ބާރު ލިބުނީހެން އަޅުގަނޑަށް ހީވަނީ. ޒަހޫގެ ކޭސް ފެންމަތިކުރީމަ ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި އެބަ ޝެއާކުރޭ، ބޮޑުބޭބެއެއް ނުވަތަ މިވެނި މީހެއް ބެހިފައި ހުރިކަން. ދެން މިހާރު މި އުޅެނީ ވެސް ރާއްޖޭގައި އިންތިހާ އަށް ފުޅާވެފައި އޮތް މައްސަލައެއް؛ މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރަކުރުން."

އެއް ކަމެއް ފަޅާއެރީމާ ރިޕޯޓުކުރުން އިތުރުވޭ، "ހުއްޓާނުލައި ކުރިއަށް ގެންދޭ"

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ޖެނުއަރީމަހު ފެންމަތިވުމާ ވިއްދައި ކުޑަކުދިންގެ އިތުރު އެތައް މައްސަލައެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމް މިދިޔަ ހަފްތާގައި ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޖިންސީ އަނިޔާގެ ހާދިސާއެއް ހިނގުމުން ރިޕޯޓުކުރުން އިތުރުވެގެންދާކަން ތަފާސްހިސާބުން އެނގެ އެވެ.

"އަނެއްކާ މިހާރު މި ހިނގައިގެން އުޅޭ ކަންތަކާ ގުޅިގެން ވަރަށް ބައިވަރު މައްސަލަ ރިޕޯޓުކުރެވެމުން ދާނެ. އަޅުގަނޑުމެން މި ތިބީ އެ ކަންކަމަށް ތައްޔާރުވެގެން،" އޭނާ ވިދާޅުވި އެވެ.

އެ ނިއުސް ކޮންފަރެންސްގައި އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވަނީ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށާއި އަނިޔާ ލިބޭ މީހުން އަމިއްލަ އަށް އެ މީހުންގެ ވާހަކަތައް ކިޔައިދޭން ބޭނުންވާ ޖާގަ ދޭން އެދިވަޑައިގެންފަ އެވެ.

"މި ކަންބޮޑުވުން، މިހާރު މި އޮތް މޮމެންޓަމް، އަޅުގަނޑުގެ އިލްތިމާސަކީ، ހަމަ ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އަޑު އުފުލަން ޖެހޭ. ސަވައިވާސްގެ އަޑު އުފުލަން އަޅުގަނޑުމެން ފުރުސަތު ވެސް ދޭން އެބަ ޖެހޭ."

ޑރ. އާފިޔާ ޖުލައި 1ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ރާއްޖޭގައި 2006 ގައި ހެދި ތާރީހީ ދިރާސާއަކުން އެނގިފައިވާ ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކު ވަނީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ތަހައްމަލްކޮށްފަ އެވެ. އަދި ޑރ. އާފިޔާ ވިދާޅުވީ ކޮންމެ ތިން މީހަކުން އެކަކު ޖިންސީ ގޯނާ ތަޖުރިބާކުރާކަން ދުނިޔޭގެ ދިރާސާތަކުން އެނގޭ ކަމަށާއި އެކަމަކު މިހާރުގެ މާހިރުން ދެކޭ ގޮތުގައި މިފަދަ އަނިޔާތައް ލިބޭ މީހުންގެ ހަގީގީ އަދަދު މިއަށް ވުރެ ވެސް މަތިވާނެ ކަމަށެވެ.

"އެއީ މި ދިރާސާތައް ހަމައެކަނި ބިނާވެފައި މި ހުންނަނީ ރިޕޯޓުކުރާ އަދަދުގެ މައްޗަށް. އެހެން ނަމަވެސް [ނަފްސާނީ ހިދުމަތްތައް ހޯދަން އަންނަ މީހުންގެ] ވާހަކަތަކުގެ ތެރެއިން އެ މީހުންނަށް ދިމާވާ މައްސަލަތައް އަޅުގަނޑުމެން އަޑުއަހައި އެ މީހުންގެ ހުރި ހިސްޓްރީ އަށް ބަލާ އިރު އޭގެ ތެރޭގައި ގިނަ މީހުން މި ކަހަލަ އަނިޔާތައް ތަހައްމަލްކޮށްފައި ވަނީ،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ޝަފީއާ ވިދާޅުވި ގޮތުގައި ރިޕޯޓްކުރުން ކުރިއަށް ވުރެ އިތުރު ވިޔަސް މިހާރު ވެސް އެތައް ކަމެއް ފަޅާނާރާ ހުންނަކަން މި ފަހުގެ ބައެއް މައްސަލަތަކުން ވެސް އެނގެ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަދިވެސް ރާއްޖޭގައި ރަނގަޅަށް ރިޕޯޓްކުރެވޭ ކަމަކަށް. މިސާލަކަށް އެންމެ ފަހުން މާބަނޑުވި ދެ ކުދިންގެ ކޭސް އަށް ބެލިޔަސް، މާބަނޑުވީމާ ޑޮކްޓަރަށް ދެއްކީމާ މި އެނގެނީ. އެކަން ވާ ހިސާބުން ރިޕޯޓްކުރާކަށް އަދިވެސް ނުކެރޭ،" އޭނާ ވިދާޅުވި އެވެ.

"އެއީ ފަސޭހަވެގެން، ކުރާ ހިތުން ކުރާ ކަމެއް ނޫން"

އަނިޔާ ލިބިފައި ތިބޭ މީހުން އަމިއްލަ ތަޖުރިބާ ކިޔައިދޭން ބޭނުންވާ ދެ ސަބަބެއް ޑރ. އާފިޔާ ދެއްކެވި އެވެ. އެއީ އެކަމުގެ ނަފްސާނީ އުނދަގޫތަކުން ސަލާމަތްވާން، "ހީލިން ޕްރޮސެސްއެއްގެ ގޮތަށް ބަލައިގެން" އެ ވާހަކަ ދެއްކުމާއި އެފަދަ އިތުރު އަނިޔާތައް ހުއްޓުވަން އަމިއްލަ ތަޖުރިބާގެ ބޭނުންހިފުމެވެ. އެކަމަކު، ޑޮކްޓަރު ވިދާޅުވި ގޮތުގައި، ވާހަކަ ތަކުރާރުކުރާ ކޮންމެ ފަހަރަކީ ނަފްސާނީ އުނދަގުލަކަށް ވުމުގެ ބިރު އޮވެ އެވެ.

"މީހަކު އެ ކަމަށް އެއްބަސްވެ، އެ ކަމަށް ކުރިމަތިލާން ވާހަކަތަކެއް ދައްކަން އެންމެންގެ ތެރޭގައި އެ އަންނަ އައުން އެއީ ވަރަށް ކަރޭޖަސް ކަމެއް. އެއީ ފަސޭހަވެގެން، ކުރާ ހިތުން ކުރާ ކަމެއް ނޫން،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ހިތްވަރު ހޯދައިގެން އަނިޔާގެ ވާހަކަ ހިފައިގެން ނުކުތީމާ ދެން ކުރިމަތިލާން ޖެހެނީ އެއީ އޭނާގެ މައްސަލައަކުން ވީ ކަމެކޭ ބުނާ މީހުންނާ އެވެ. ޑރ. އާފިޔާ ވިދާޅުވީ ވިކްޓިމް ކުށްވެރިކުރުމުން ނަފްސާނީ ގޮތުން ކުރާ އަސަރު ބޮޑުކަމުން ދިގު މުއްދަތަށް ދެމިގެންދާ ގެއްލުންތައް ކުރިމަތިވާ ކަމަށެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން އެ ސަވައިވާސް ދެން އިތުރަށް އެހީ ހޯދަން ވެސް ބޭނުން ނުވޭ އެ ގޮތަށް އަމަލުތައް ހިނގައިގެންދިޔައިމަ،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ވިކްޓިމް ކުށްވެރިކުރުމުގެ ވާހަކަތައް އަޑުއިވޭ މީހުން އެ ކަންކަމަށް ޖާގަ ނުދޭންވީ ކަމަށެވެ.

"ވީ ވަރަކުން މިފަދަ ކަންތައްތަކަށް މަގުފަހިކޮށް ނުދޭން، އޭޒް ބައިސްޓޭންޑާސް އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އަދި އެފަދަ މީހުންނަށް އެ ވިކްޓިމް ބްލޭމްކުރަން ނުވަތަ ބުލީކުރާ މީހުންނަށް އެ ފުރުސަތު ނުދިނުން ވަރަށް މުހިއްމު،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ޝަފީއާ ދި އެޑިޝަން އަށް އިންޓަވިއުއެއް ދެއްވަނީ. ފައިލް ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ/ ދި އެޑިޝަން

ޝަފީއާ ވިދާޅުވި ގޮތުގައި އަންހެނުންނާއި އަންހެންކުދިން އެ މީހުންގެ ތަޖުރިބާތައް ކިޔައިދިނުން މުހިއްމުވާ އިރު އެ ކަމަށް ހިތްވަރު ލިބޭނެ މާހައުލެއް ވެސް އޮންނަން ޖެހޭނެ އެވެ. އެ މާހައުލަކީ، އޭނާ ވިދާޅުވި ގޮތުގައި، ހަމްދަރުދީވުމާއި ރިޕޯޓްކުރެވޭނެ ގޮތާއި މައްސަލަ ބެލުމާއި ތުހުމަތުކުރެވޭ މީހުން އަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމުގެ އިތުރުން އޭނާ އަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

"މިސާލަކަށް ރިޕޯޓްކޮށްފިއްޔާ ކަމާ ބެހޭ މުއައްސަސާ އިން އޭނަ އަށް ސައިކޯސޯޝަލް ސަޕޯޓް ދޭން ވާނެ. އޭނަ އަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭތޯ ދައުލަތުން ނުވަތަ ޖަމްއިއްޔާތަކުން ބަލަން ޖެހޭނެ،" ޝަފީއާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ކަމެއް އެ ކުރަނީ. އަނިޔާވި ކަމުގެ ވާހަކަ ބަޔަކަށް ކިޔައިދޭ ކޮންމެ ފަހަރެއް އެއީ އަލުން އެކަން ތަޖުރިބާކުރުން ކަހަލަ ކަމެއް. ދުނިޔޭގައި މީޓޫ ހަރަކާތް ފެށުނީ ވެސް ޓްރޯމާ ޓްރިގާވެގެން. [ރާއްޖޭގައި ވެސް] އެހެން ވާނެ. ހީލްވާނެ ފުރުސަތެއް ދުވަހަކު ވެސް މި ގައުމުގައި ލިބިފައެއް ނެތް."

ޑރ. އާފިޔާ ވިދާޅުވި ގޮތުގައި ޖިންސީ އަނިޔާ ލިބިފައި ތިބޭ މީހުންނަށް އައިޖީއެމްއެޗުން ހާއްސަ ފަރުވާތަކެއް ދެ އެވެ. އަދި ކޮވިޑާ ގުޅިގެން އޮންލައިން ހިދުމަތް ތައާރަފްކުރުމުން ރަށްރަށުގައި ތިބި މީހުންނަށް ވެސް އެ ތަނުގެ ހިދުމަތް ހޯދޭނެ އެވެ. އެކަމަކު އޭނާ ވިދާޅުވީ މެންޓަލް ހެލްތު ސެންޓަރުން އެހާ ގިނަ މީހުންނަށް ހިދުމަތް ނުދެވޭތީ، އަމިއްލަ ތަންތަނުން ފަރުވާ ހޯދަން އެ ސެންޓަރު މެދުވެރިކުރުމުން އަގުގެ ކޮންމެވެސް ވަރެއް އާސަންދައިން ހަމަޖައްސައިދޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނާ ހަމައަށް ހެލްޕު ހޯދަން އަޅުގަނޑުމެން އެދެން ތި ބޭފުޅުން އައުން، އެއްވެސް ކަހަލަ ކަމެއްގައި ނަފްސާނީ ގޮތުން ދިމާވާ އެއްވެސް ކަހަލަ އުނދަގޫތަކެއް މި ކަމާ ގުޅިގެން ހުރި ކަމަށް ވަންޏާ ވެސް އަޅުގަނޑުމެން މި ތިބީ އެހީތެރިވާށޭ،" ޑރ. އާފިޔާ ވިދާޅުވި އެވެ.

ޝަފީއާ ވިދާޅުވި ގޮތުގައި ޖިންސީ ފުރައްސާރަ އާއި އަނިޔާގެ ވާހަކަދައްކަން މި ވަގުތު ލިބިފައި މި އޮތީ "ސަވައިވާސް އަށް އެ މީހުންގެ ހަޔާތުގައި ވެސް ލިބިފައި ނެތް ކަހަލަ" ޖާގައެކެވެ. އޭނާ ވިދާޅުވީ އަނިޔާ ލިބޭ މީހުން ނަފްސާނީ ގޮތުން އެކަމުން އަރައިގަތުމުގެ އިތުރުން އަނިޔާ ހުއްޓުވަން ވެސް އެ ވާހަކަތަކުގެ މުހިއްމުކަން ބޮޑު ކަމަށެވެ.

"އަބަދުވެސް ފިއްތަން ޖެހެނީ މި ކަހަލަ ވާހަކަތައް. އޮފީހުގެ އިސް މަގާމެއްގައި ހުންނަ މީހެއް، އާއިލާ މީހެއް، ރައްޓެހި މީހެއް، ޓީޗަރެއް މި ކަންކަން މި ކުރަނީ،" ޝަފީއާ ވިދާޅުވި އެވެ.

"މި މީހުންނަށް އެބަ އެނގެން ޖެހޭ ފިލައިގެން ސަލާމަތްވެގެން ނުތިބެވޭނެކަން، އެ މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަން. ދުނިޔޭގައި ވެސް އާއްމުކޮށް މި ވާހަކަތައް ދައްކަން ފެށީ ސިސްޓަމްތައް މަސައްކަތް ނުކުރާތީ. ރިޕޯޓްކުރިޔަސް މައްސަލަ ނުބަލަނީ. އެހެންވީމާ މި ވާހަކަތައް އާއްމުކޮށް ދެއްކީމަ ސިސްޓަމްތަކަށް މަޖުބޫރުވޭ މައްސަލަ ބަލައި ފިޔަވަޅުއަޅަން."

26 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 3%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލް

11 July 2020

މިހާރުވެސް މާ ލަސްވެއްޖެ. އާބާދީގެ 50% އަޅުވެތިކަމެއްގަ ނުބޭތިއްބޭނެ.

The name is already taken The name is available. Register?

ޙަބީބު

11 July 2020

ތިޔަ ބުނާ ބަނޑެއް ބޮޑުވަނީ އެއަންހެންކުއްޖާ ވެސް އުޅޭ ގޮތުން ބޯއީފުރެންޑާ އެކު ރެޑްބުލް ބޮއެ ސިނގިރޭޓު ބޮއެ މައިންބަފައިންގެ ބަސްގަބޫލު ނުކޮށް ބޭރަށް ގޮސް ގޮތަކަށް އުޅޭތީ

The name is already taken The name is available. Register?

ހާއިރު

10 July 2020

100% ނުބެލޭނެ. ސަފާރީ ކޭސް ނުބެލޭނެ. ޢަލީވަހީދު ހިނގާ ދެން ރަށަށްގޮސް ދަނޑު ހައްދަން. އެޑަމް ބުނީ ހުރިހާސާމާނެއް އަދި މުސާރަވެސް ދޭނަމޯ ރޯދަޢަށް ލިބޭވަރު ކުރަންވާނެޔޯ

The name is already taken The name is available. Register?

ކާނިވާ ސަރަހައްދުން

10 July 2020

ޖިންސީ އަނިޔާ އާ ފުރައްސާރަ މަދުކުރަން ވިސްނާއިރު އަންހެނުން ނިވާކަން ކުޑަހެދުންނުލު މާ، ބުރުގާ އަޅަންޖެހޭ، އިންޓަރނެޓް ކޮންޓްރޯލް ކުރަންޖެހޭ. ދެޖިންސް ގެ މީހުން މަސްހުނިވުން ހުއްޓާލަންޖެހޭ، އަންހެނުން ގޭގައި ތިބު މަކީވެސް ހައްލެއް.

The name is already taken The name is available. Register?

ފިސާރިކަނބަލެއް

10 July 2020

ރައްރަށައް އަދި މާލެއަށް ކިޔަވަން އައިސް ތިބޭ ކުދިންގެ ތެރެއިން %50 މީހުންނަކީ ރޭޕްގެ ޝިކާރައަކައްވެފަ ތިބި ކުދިން، ކިޔަވަން މާލެ އައިސް ތިބޭ 3 ގޭ ފިރިހެންނަކީވެސް، ރޭ.،،، އޮފީސްގަވެސް، އެކަމަކު... ކީއްކރާނީ، ކުރެވުނީ އެންމެ ކަމެއް، އެގޭގެ ދައްތަމެންގެ ކައިރީގަ ބުނުން ނޫން އެއްވެސް ކަމެއް ނުކުރެވުނު، ދެން އެހެން ގެއަކަށް ބަދަލުވަނީ، އެމީހުން މިއަދުވެސް ސަރުކާރުގެ މަތީ މަގާމް ތަކުގަ، ކިހިނެއް މިކަން ރަގަޅުވާނީ،

The name is already taken The name is available. Register?

ނަން

10 July 2020

އޮފީސް ތެރޭގައި ވެރިމީހާ ބުނާހާ ގޮތެއް ހަދަންޖެހޭތަ. ނުޙައްޤު ޕްރޮމޯޝަން ވަޒީފާގެ ކުރިއެރުން ހޯދުމަށާއި އޮފީހުގެ ޤަވާއިދުތަކާއި ޚިލާފަށް ބޭނުންހާ ގޮތަކަށް އުޅެންވެގެން ބޮސީވާންވެގެން އުޅޭ މީހުންނަށް ގިނަ ފަހަރަށް ކަންކަން ދިމާވަނީ. ވެރިމީހާ ގުދަ އޮންނާށޭ ބުންޏަސް ގުދަށް އޮންނަޖެހޭތަ. އޮފީހުގައިވެސް އޭގެ ބޭރުންވެސް ބަދު އަޚްލާޤީ އަމަލުތަކާއި ރޭޕް ހިނގަނީ ފުރުޞަތުދޭތީވެ. މައްސަލައަކަށްވަނީ ޑިމާންޑްކުރި ކަންކަން ނުވާ ހިސާބުން އޭގެކުރިން އޯކޭ.

The name is already taken The name is available. Register?

މަހޭ

10 July 2020

ވަރަށްބޮޑު ތެދެއް. އަހަރެން އަމިއްލަ އޮފީހެއްގަ އުޅޭތާ 9 އަހަރު އަދި ޕްރޮމޯޝަނެއް ނުލިބޭ. އެކަމަކު ވަންތާ ދެއަހަރު ތިންއަހަރު ނުވާ އަންހެންކުދިންނަށް އަހަރު ދެކޮޅު ޕްރޮމޯޝަން. ގިނަވަގުތ އެމީހުން ތިބެނީ "ބޮސްމެންގެ" ޕްރައިވެޓް ކޮޓަރީގަ. އަހަރުމެންނަށް ހުރިހާ މަސައްކަތެއް.

The name is already taken The name is available. Register?

ޝަމްޝަރޕްރިންސް

10 July 2020

ކޮބާ ކުރީގެ ފޮރިން މިނިސްޓަރާ ދެކޮޅަށް ފުލުހަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަ.

The name is already taken The name is available. Register?

ޕްލޭނިންގ މިނިސްޓަރު

10 July 2020

އަންހެނުންނަށް އަދި ފިރިހެނުންނަށްވެސް އަނިޔާ ކޮށްގެން ނުވާނެ. ފިރިންނަށް ޖިސްމާނީ މާލީ އަދި ނަފްސާނީ އަނިޔާ ކުރާ އަންހެނުން މަދެއް ނޫން. ރިޕޯޓް ނުކުރަނީ އަދި ކުރިއަސް ވާ ކަމެއް ނޯވޭ. ވަނީ މާ އަންހެންދުޅާ ފިރިހެނަކަށް.

The name is already taken The name is available. Register?

1828

11 July 2020

ފިރިހެނަކު އަންހެނެއްގެ 'ފޫކޮޅު' ގައި އަތްޖައްސާލީމައި އެއަންހެންމީހާ ނުރުހޭކަމަށްވާނީނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް. ހަޤީޤަތަކީވެސް އެއީ. އެކަމަކު ފިރިހެނުން ތިބޭނެ އަންހެނަކު ކުރިން މިބުނި އަލަމު ފިރިހެނަކާމެދު ހިންގައިފިއްޔަ ހެވިފައި. ހަމަ ރިޕޯޓް ކުރަންވީން ނޫތޯ އަންހެނަކު އެ އަމަލު ހިންގިޔަސް. އެހެންވަނީ ފިރިހެނުން 'ރަނޑު' ކަމުން.

The name is already taken The name is available. Register?

ކަސަބު

10 July 2020

ގޯނާއަކަށް ވަނީ ކޮންގޮތަކަށް ހިނގާ ކަންތައްތަކަށް. އަންހެނާގެ ނުރުހުމުގައި ކުރީމަތަ؟

The name is already taken The name is available. Register?

hussain208

10 July 2020

ރާއްޖޭގެ ޖަސްޓިސް ސިސްޓަމް އޮންނަ ގޮތުން މިފަދަ މަސްއަލަތައް ސާބިތުވެ ކުއްވެރިޔާއަށް އަދަބުލިބެނީ މަދުފަހަރެއްގައި. ރޭޕްކޭސްތަކުގައި ހޮސްޕިޓަލް ތަކުން ރޭޕްކިޓް ބޭނުން ހިފަންޖެހޭ. ވިކްޓިމް ރޭޕްކޮއްފިޔޭ ބުނާއިރަށް ޓެސްޓް ހެދި ޑީ އެން. އޭ ހެދެންޖެހޭ. އަދި ފުލުހުންގެ ތަހްގީގު މިހާރަށްވުރެ ފުރިހަމަވާންޖެހޭ. އެއީ ވިކްޓިމް އާއި އެބިއުސަރ ގެ ވެސް ހައްގުތައް ނުގެއްލޭފަދަ ގޮތަކަށް މައްސަލަބަލަންޖެހޭނެތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454