ރިޕޯޓް / ބިދޭސީން

ދިވެހި ޒުވާނުންނަށް ވުރެ ރާއްޖޭގައި ބިދޭސީން ގިނަ، ނުރައްކަލުގެ ރަނގަބީލެއް!

ހުޅުމާލެ: ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ހައްޔަރު ކުރި ބިދޭސީންތަކެއް ފުލުހުންގެ ވެހިކަލެއްގައި ގެންދަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ހައްލު ނުކުރެވިއްޖެ ނަމަ ދިމާވާނެ މައްސަލަތަކުގެ "އިންޒާރެއް" ދެއްވައިފަ އެވެ. ބިދޭސީންގެ އަމަލުތައް މިހާރު ހުރި ގޮތަށް ބަލާއިރު، ބޭރުގެ ބަޔަކު ރާއްޖެ އަރައި ހިފުމާ އެއްފަދަ ކަމަށް ސިފައިންގެ ޗީފް ވިދާޅުވުމަކީ އާދައިގެ ކަމެއް ނޫނެވެ. ކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ވަޒަން ކުރެވޭ ކަމެކެވެ.

މި އިންޒާރާ އެކު، އެހެން ކަމެއް ވެސް ޝަމާލް އެ ދުވަހު ފާހަގަކުރެއްވި އެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ޒުވާން އާބާދީ އަށް ވުރެ ބިދޭސީންގެ އަދަދު ގިނަވުމެވެ. ރާއްޖެ މިވަނީ އެ ހާލަތަށް ގޮސްފައި ކަމަށް ސިފައިންގެ ޗީފް ވިދާޅުވި އެވެ. އޭގެ ނަތީޖާ ގޯސްވުމަކީ ހަމަ ވަރަށް ކައިރީގައި އޮވެދާނެ ކަމެކެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން 179،954 ބިދޭސީން އުޅޭއިރު ރަޖިސްޓަރީ ނުކުރާ 66،000 ބިދޭސީން އުޅޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެހެންކަމުން ފަސް ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރާއްޖޭގައި 250،000 އެއްހާ ބިދޭސީން އެބަ އުޅެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ވެސް އިތުރެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ ގިނަ ބިދޭސީންގެ މައްޗަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވޭ ކަމަށެވެ. ރާއްޖޭގެ ޒުވާނުންގެ އާބާދީ އަށް ވުރެ ބިދޭސީންގެ އާބާދީ ބޮޑުވެފައި ވުމަކީ ބޮޑު ނުރައްކަލެއް ކަމަށް ޝަމާލް ވިދާޅުވި އެވެ.

"މި ޒަމާނަކީ އެއް ގައުމުން އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރައި ހިފާ ޒަމާނެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން ކައިރީގައި އޮތް ގައުމަކުން މި އޮތީ އެތައް ބަޔަކު އަޅުގަނޑުމެންގެ ހުޅުވިފައިވާ ބޯޑަރުތަކެއް އޮތީމާ މި ގައުމަށް އަރާފައި،" ބިދޭސީންގެ އަދަދު އިތުރުވުމުން ގައުމީ ސަލާމަތަށް ހުރި ނުރައްކަލާ ގުޅޭ ގޮތުން ޝަމާލް ވިދާޅުވި އެވެ.

"ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރައި ހިފިޔަސް ފެންނަން މި ހުންނަ ކަންތައްތައް ކަހަލަ ކަންކަން މިހާރު މި ފެންނަނީ މި މީހުންގެ [ބިދޭސީންގެ] ފަރާތުން."

Bidheyseen ge amaluthah gaumu hifumekey ehfadha: Shamaal

Bidheyseen ge amaluthah gaumu hifumekey ehfadha: Shamaal

The most trusted news source in the Maldives

Mihaaru

ބިދޭސީންގެ އަމަލުތައް ގައުމެއް ހިފުމެކޭ އެއްފަދަ ކަމަށް ޝަމާލް ވިދާޅުވުން

އޭނާ އެހެން އެ ވިދާޅުވީ، މުސާރަ ނުދޭ މައްސަލަތަކާ ގުޅުވައިގެން ބިދޭސީ މަސައްކަތްތެރިންގެ މުޒާހަރާތައް އާންމުވެ، ދިވެހިން ރަހީނުކޮށް، ފުލުހުންނާއި ފުލުހުންގެ މުދަލާއި އާންމުންގެ މުދަލަށް ބިދޭސީން މިދިޔަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިން ގެއްލުމާ ގުޅިގެންނެވެ. މި ކަންތައް ބިދޭސީންތަކެއް ހިންގާފައި ވަނީ މިއިން ދުވަހަކު ވެސް ނުހިންގާ ފެންވަރަށެވެ. ހުޅުމާލޭގައި ފުލުހުންނަށް ހަމަލަދިން ވީޑިއޯތަކަށް ބަލާއިރު، އެ އެ ބިދޭސީންގެ އަމަލު ވަރަށް ނުރައްކަލެވެ. ގައުމުގައި ތިބި ބިދޭސީ މަސައްކަތްތެރިންތަކެއް ނުކުމެ އެ ގައުމުގެ ފުލުހުންނާ ކުރިމަތިލައި، ދިވެހިންތަކެއް ރަހީނު ކުރުމަކީ ބަލަޖައްޓައިގެން ތިބުމަށް ވުރެ ނުރައްކާ ކަމެކެވެ.

އެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލަ ނޫން ކަމަށާއި އެއީ ސިޔާސީ ކަމެއް ކަމަށް ސަރުކާރުން ތުހުމަތު ކުރެ އެވެ. އެކަމަކު އޭގެ ފަހަތުގައި ތިބީ ރާއްޖޭގެ އިދިކޮޅު މީހުން ނޫން ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގެ މަސްލަހަތާ ގުޅިފައި ވަނީ އެހެން ސިޔާސީ ސަބަބެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

ވަޒީފާ އަށް ނުދާ ދިވެހި ޒުވާނުން ގިނަ

ގޭބިސީގެ އާމްދަނީ އާއި ހަރަދު ކުރި ގޮތް ދެނެގަތުމަށް، 2016 ގައި ހެދި ދިރާސާއިން ދައްކާ ގޮތުގައި ޒުވާނުންގެ ތެރޭގައި މަސައްކަތް ނުކުރާ އަދި ތައުލީމާއި ތަމްރީނުތަކުގައި ނޫޅޭ އާބާދީ (ނީޓް ރޭޓް) ވެސް މައްޗެވެ. ރާއްޖޭގެ ޒުވާނުންގެ ނިސްބަތް 36 ޕަސެންޓަށް އަރާއިރު، މީގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރާ އަދި ތައުލީމު ހާސިލް ނުކުރާ މީހުންގެ އަދަދު އުޅެނީ 29 ޕަސެންޓުގަ އެވެ. އެއީ 17 ޕަސެންޓް ފިރިހެނުންނާއި 39 ޕަސެންޓް އަންހެނުންނެވެ.

Vazeefa nethi, mainbafainge ehee gai ulhey zuvaanun!

Vazeefa nethi, mainbafainge ehee gai ulhey zuvaanun!

The most trusted news source in the Maldives

Mihaaru

ވަޒީފާނެތި މައިންބަފައިންގެ އެހީގައި އުޅޭ ޒުވާނުން

އިގްތިސޯދީ ގޮތުން ހަރަކާތްތެރި ނުވާ ނުވަތަ ވަޒީފާ އަދާނުކުރާ ދިވެހީންގެ އަދަދު 111،604 އަށް އަރަ އެވެ. މީގެ ތެރެއިން 87،000 އަށް ވުރެ ގިނަ މީހުންނަކީ ވަޒީފާއެއް ހޯދަން މަސައްކަތް ނުކުރާ ނުވަތަ ވަޒީފާ ނުލިބިގެން އުޅޭ މީހުންނެވެ.

"ބިދޭސީންނަށް ބަލާއިރު އޭގެ ތެރެއިން 99 ޕަސެންޓު މީހުންނަކީ ގައިގައި އާރާއި ބާރު ހުރި މީހުން. އެ މީހުންގެ އާބާދީ އުޅެނީ 250،000 ގައި. ރާއްޖޭގައި ހަތަރު ލައްކައިގެ އާބާދީއެއް މި އޮތީ ކުޑަކުދިންނާއި ދުވަސްވީ މީހުންނާ އެކު. އެހެންވީމާ ބިދޭސީން ހަމަނުޖެހުމެއް ހިންގަން ބެލިޔަސް އެ މީހުން ގަދަ ވާނެ. އެހެންވީމާ އެއީ ވިސްނަން ޖެހޭ ނުރައްކަލެއް،" ސަލާމަތީ ބާރެއްގެ އިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2017 ގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ ގައުމުތަކަށް ރާއްޖޭން 66.8 މިލިއަން ޑޮލަރު ވަނީ ފޮނުވައިފަ އެވެ. އަހަރުން އަހަރަށް އެ އަދަދު ދަނީ އިތުރުވަމުންނެވެ. މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބިދޭސީން ރާއްޖެ އިން ބޭރަށް ފޮނުވާ ފައިސާގެ 46 ޕަސެންޓު ހިއްސާ ކުރަނީ ބަންގްލަދޭޝް އެވެ. ރާއްޖޭގައި ގަވައިދާ އެއްގޮތަށް ވެސް ގަވައިދާ ހިލާފަށް ވެސް އެންމެ ގިނައިން އުޅެނީ އެ ގައުމުގެ މީހުންނެވެ. ބަންގްލަދޭޝް އަށް ފަހު އެންމެ ގިނަ ފައިސާ ފޮނުވަނީ އިންޑިއާއަށެވެ.

ބިދޭސީންނާ ނުލައި ވާކަށް ނެތް، މުހިންމީ ރެގިއުލޭޝަން

ރާއްޖޭގައި އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރި ވަނީ ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. ދެން އެންމެ ގިނަ ބިދޭސީން މަސައްކަތް ކުރަނީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ޓޫރިޒަމް ދާއިރާގަ އެވެ. އެ ދެ ދާއިރާގެ އިތުރުން ވެސް ބިދޭސީން ކޮންޓްރޯލް ނުކުރާ ދާއިރާއެއް ރާއްޖޭގައި ނެތެވެ.

ގައުމީ ޔުނިވާސިޓީގެ ރިސާޗް ޑިޕާޓްމެންޓްގެ އެސިސްޓަންޓް ޕްރޮފެސަރު އަދި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވިދާޅުވި ގޮތުގައި، ރާއްޖެ ކުރިއަރަމުން މިދާ ނިސްބަތަށް ބަލާއިރު، ހަމައެކަނި ދިވެހިން މަސައްކަތް ކޮށްގެން އެކަން ކުރެވެން ނެތެވެ. އެހެންކަމުން ކުރިމަގުގައި ވެސް ރާއްޖެ އަށް ބިދޭސީންގެ ބޭނުން ބޮޑު ކަމަށާއި ކުރަންވީ ކަމަކީ ރަނގަޅަށް މެނޭޖްކޮށް، ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށް ފަޒީލް ވިދާޅުވި އެވެ.

"ރާއްޖޭގައި އެކަށީގެން ނުވާ ވަރަށް ބިދޭސީން އެބަތިބި. ރަނގަޅު ދިރާސާއެއް ކޮށްގެން ރާއްޖެ އަށް ބޭނުންވަނީ ކިހާ އަދަދެއްގެ ބިދޭސީންކަން ކަނޑައެޅުން. އެ އަށް ވުރެ އިތުރަށް ބިދޭސީން ތިބިއްޔާ ފޮނުވައިލަންވީ. ބޭނުންވާ ވަރަށް ތިބިއްޔާ އެ މީހުން ގަވައިދުގެ ތެރެއަށް ވައްދަންވީ. އޭރުން ހަރަދު ވެސް ކުޑަވާނެ،" އިގުތިސާދީ ތަޖުރިބާކާރު ފަޒީލް ވިދާޅުވި އެވެ.

"މިހާތަނަށް ދިޔައީ އިދާރީ އިހުމާލާއި ތަންފީޒީ އިހުމާލުގެ ސަބަބުން. އަދި އަމިއްލަ މީހުން ވަގުތީ ފައިދާ އަށް ނިޒާމު އެބިއުސް ކުރުން ވެސް ހިމެނޭ. އެކަންކަމާ ހެދި މި ހާލަތަށް ރާއްޖެ މިދިޔައީ."

ހުޅުމާލެ: ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ.-- ފޮޓޯ:ނިޝާން އަލީ/މިހާރު

އިގުތިސާދީ ދާއިރާ ދިރާސާ ކުރައްވާ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ ކޯ އެޑިޓަރު އިބްރާހީމް އާތިފް ޝަކޫރު ވިދާޅުވި ގޮތުގައި، ގަތަރު ފަދަ އަރަބި ބައެއް ގައުމުތަކުގައި އެ ގައުމުގެ އާބާދީ އަށް ވުރެ އެތައް ގުނައެއް އިތުރުކޮށް، ބިދޭސީން މަސައްކަތްތެރީން އުޅެ އެވެ. އެ ގައުމުތަކުގައި އެހާ ބޮޑު މައްސަލައަކަށް އެ ކަންކަން ކުރިމަތި ނުވަނީ ރަނގަޅަށް މެނޭޖު ކުރާތީ ކަމަށާއި ރާއްޖޭން ވެސް ވިސްނަން ވީ ރަނގަޅަށް ކަންކަން ކުރުމަށް ކަމަށް އާތިފް ވިދާޅުވި އެވެ.

"ރާއްޖޭގައި ބިދޭސީން މިވަނީ އަޅުންނަށް ހަދާފައި. ލޭބާ ގެ ކޮސްޓެއް އޮންނަން ޖެހޭ. އެކަމަކު ރާއްޖޭގައި މަސައްކަތްތެރިންނަށް މަސައްކަތުގެ އަގެއް ނުދީ އެތަކެއް މަހެއް ވަންދެން ގެންގުޅޭކަން މިހާރު މި ވަނީ ޔަގީން ކުރެވިފައި،" އާތިފް ވިދާޅުވި އެވެ.

"އެތެރެ ކުރާ މީހުން ފައިދާ ނަގާފައި މީހުން އެތެރެ ކުރަނީ. އެއަށް ފަހު އެ މީހުން ދޫކޮށްލަނީ. އޭގެ ފަހުން އަތުޖެހޭ މީހުން ވީ އެންމެ ކުޑަ އަގެއް ދީފައި މަސައްކަތް ކުރުވަނީ. މިއީ ހާލަތު އޮތް ގޮތަކީ."

ބިދޭސީންގެ މައްސަލަ ހައްލު ކުރަން މިހާރު ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތްތައް ރަނގަޅު ކަމަށް އާތިފް ވިދާޅުވި އެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކޮށް، ގަވައިދުގެ ތެރެއަށް ވެއްދުމާއި ބައެއް ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވުމަކީ އެކަން ކުރަން ޖެހޭ ގޮތް ކަމަށް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވެފައިވާ އިތުރުވުމެއް މިއީ. ރާއްޖޭގެ ލޭބާ ރިލޭޝަން އޮތޯރިޓީ އެހާ ބާރުވެރިއެއް ނޫން. މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފަންޑް އެކްޓިވްކޮށް މަސައްކަތް ކުރާނެ ލޭބާ އިދާރާއެއް ހުންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ދިވެހި މަސައްކަތްތެރިންނަށް ވެސް މިވަގުތު މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައި. އެހެން ކަމުން މި ހުރިހާ ކަމަކަށް ވިސްނައި، ފިޔަވަޅު އެޅުމަށްޓަކައި މިއީ ލޭބާ މިނިސްޓްރީއެއް އަލުން އަނބުރާ އުފެއްދުމުގެ ވަގުތު ކަމުގައި ފެނޭ."

ކުރީގެ ގަވަރުނަރު ފަޒީލް ވިދާޅުވި ގޮތުގައި، ބިދޭސީން ކޮންމެ ގޮތަކަށް އުޅުނު ކަމުގައި ވިޔަސް ރާއްޖޭން އެ މީހުން ރެގިއުލޭޓް ކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާނެ ކަމުގެ ޔަގީންކަން އެ މީހުންނަށް އޮވެ އެވެ. އެކި ދާއިރާތަކުން ބިދޭސީން ރާއްޖެ އަށް އަތްގަދަ ކޮށްފައިވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"ބިދޭސީންނަށް އެބަ އެނގޭ އެ މީހުންގެ ކަންކަން ނުބަލާނެކަން. ގޭގޭ ކައިރި އަށް ގޮސް ދައްތާއޭ، ކޮއްކޯއޭ މަސައްކަތަކެއް ދޭށޭ ބުނީމާ މަސައްކަތް ދޭ. ނުބަލާނެ ލީގަލް މީހެއްތޯ. އެހެންވީމާ ބިދޭސީންނަށް އެނގޭ ރާއްޖޭގައި ކަންކަން ފަސޭހަކަން،" ފަޒީލް ވިދާޅުވި އެވެ.

މި ފަހުން ކުރެއްވި ދިރާސާއެއްގެ އަލީގައި އޭނާ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ވަރަށް ދިވެހިން ނުލިބުނު ނަމަވެސް ދިވެހިން އުޅޭފަ ދަ ވަޒީފާތަކުގައި ވެސް ބިދޭސީން ގިނަ ކަމަށެވެ. އޭގެ ތެރޭގައި ސުޕަވައިޒަރުކަން ފަދަ މުސާރަ ރަނގަޅު ވަޒީފާތައް ހިމެނޭ ކަމަށް ފަޒީލް ވިދާޅުވި އެވެ.

"އަޅުގަނޑު ވާހަކަ ދެއްކިން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާ. ވިދާޅުވަނީ ދިވެހިން ވަރަށް ފަރުވާ ކުޑަ ކަމަށް. އެފަދަ ބައިވަރު މައްސަލަ އެބަހުރި އަސްލު. މި ކަންކަން ހައްލު ކުރަން އެންމެ އިސްރޯލެއް އަދާ ކުރަން ޖެހޭނީ ދައުލަތުން،" ފަޒީލް ވިދާޅުވި އެވެ.

މި ފަހުން ރާއްޖެ އިން ފެނުނު ކަންކަމަށް ބަލާއިރު ބިދޭސީންގެ މައްސަލަތަކަށް އަޅާނުލައި ތިބެއްޖެ ނަމަ ކަންކަން އިތުރަށް ގޯސްވެ، ސަލާމަތް ނުވާ ހިސާބަށް ހިނގައިދާނެކަން ސާބިތުވެ އެވެ. މޭޖާ ޖެނެރަލް ޝަމާލް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވި ވާހަކަތަކާ މެދު ފުންކޮށް ނުވިސްނައިފި ނަމަ ރާއްޖޭގެ އަމާންކަމަށް ބުރޫއެރުމަކީ ކައިރި ކަމެކެވެ.

41 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 41%
icon angry icon angry 49%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނަވާ

24 July 2020

ޔޫއޭއީ(އެމިރެޓްސް) ގެ އާބާދީގެ 90% އަކީ ބިދޭސީންނެވެ. ޔޫއޭއީ މީހުންނެއް ނޫނެވެ. މައްސަލައަކަށް ނުވެއެވެ.

The name is already taken The name is available. Register?

ައަހުމަދު

24 July 2020

މިއެންމެން ބޭރުކޮށް ހުސްކުރަންވީ މިޤައުމު މިއޮތީ ހަލާކުވެ ނިމިފައި ، މީގެޒިންމާ ސަރުކާރުތަކުން ނަގަން ޖެހޭނެ އެއީ ސަރުކާރުން މިކަން ހުއްޓުވަން އުޅުނުނަމަ މިކަން މިހާހިސާބަށް ދަކަށް ނުޖެހޭނެ ، ދެންވެސް ތިބަންގާޅިން އެތެރެނުކޮށް މިޤައުމުގައި ތިބިޟިހުން ފޮނުވާ ހުސްކުރޭ، ދިވެހިންވެސް ވެއްޖެ ކަންނެއްކަންދޫކޮށް މިމީހުން ނުލާ މިޤައުމު ކުރިޔަށޤދެވޭތޯ މަސައްކަތްކުރަން އެނޫނީ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ.

The name is already taken The name is available. Register?

ޔަގީން ކުރަން ޖެހޭ

24 July 2020

ބިޑެސީންގެ އަަދަު ވަކިވަރަކަށް ވުރެ އިތުރު ނުވާނެ ކަން ކަށަވަރު ކުރަން ޖެހޭ ވޯކު ވިސާ ވިޔަސް ރެސިޑެންޓް ވިސާ ވިޔަސް ރެސިޑެންޓ ވިސާ ދޭކަށް ނުފެނޭ އެއްގޮތަކަށް ވެސް ، ލައްކައަކަށް ވުރެ އިތުރު ނުވާނެ ކަން ޔަގީން ކުރަން ޖެހޭ

The name is already taken The name is available. Register?

ލަކީ

23 July 2020

ދިވެހި މީހާ ހުންނަނީ ބިދޭސީ މީހާއަށް ދޫކޮށްލައިގެން ހުރިހާ ކަމެއް. އެއްކަމެއްވެސް އަތުންފައިން ކުރަން ބޭނުންނުވާ ދިވެހިން ގިނައީ. އަބަދު ކޮންމެވެސް ބިދޭސީއެއް ފުލުގަ ލައިގެން އުޅޭނީ. ފިހާރައިގަ ބިދޭސީ މީހާ ވިއްކި އަގަކަށް އޯކޭވެލައިގެން ހުރުން އޮންނަނީ. ހަދާނުހަދާއެއް ބަލާލަނީކީ ނޫން ގިނަ މީހުން. ހަމައެކަނި ސުޕަވައިޒްކުރަން ޖެހުނަސް ދިވެހި މީހާއަށް އެވަރުވެސް ނުވޭ.

The name is already taken The name is available. Register?

ވިސްނަވާ

23 July 2020

ގަޑިން 8 ޖަހާއިރު ހުންނާނީ ގޭ ދޮރުމަތީގައެވެ. މެންދުރު 1 ގަޑިއިރު ބްރޭކް ނަގާފައި 6 ޖެހުމުން ނޫނީ ނުދާނެއެވެ. 3 ދުވަސްތެރޭ ގޭގައި ކުލަލާ ނިންމާލީ ދުވާލަކަށް 700ރ މަގުން 2،100ރ އަށެވެ. މަސައްކަތް ފެންވަރު އެހާމެ ރަނގަޅެވެ. އަމިއްލައަށް ފެނިގެން އޭސީތަކާ އަލަމާރިތައްވެސް ފޮހެސީފުކުރިއެވެ. ދަމުންދަނީ ކުނިނަގާ ސާފުކޮށްފައެވެ. ދިވެހި ޒުވާނާއަށް މިކަންވާނެތޯއެވެ؟ ތަޖުރިބާ ބުނަނީ ނޫނެކޭއެވެ.

The name is already taken The name is available. Register?

Ali Gasim

23 July 2020

ކޮންއިންޒާރެއް ހުރިހައެންމެންބެރުކުރަންޖެހޭ ވަގަށް އެކަކަށްވެސް މިގައުމުގަ އުޅެވިގެނަ ނުވާނެ މީރާވައިގެން ދައުޅަތުގެ ވުޒާރާތަކުން ގުޅިގެން ކުރި ވައްކަމެއް

The name is already taken The name is available. Register?

ޔަގީން ކުރަން ޖެހޭ

24 July 2020

ގަވާއިދާ ޙިލާފަށް ރާއްޖޭގައި އުޅުމަކީ ހުއްދަ އެކަމަކު ކުށެއް ސަރުކާރުން އަދަބު ދެނީ ހިތަށް އެރި ބަޔަކަށް

The name is already taken The name is available. Register?

މިއަދު

23 July 2020

މިއަދު ހެނދުގެ ވަގުތެވެ. ގަޑިން 10 ޖަހަނީއެވެ. ހުޅުމާލޭގެ ބޮޑު މަގުގައްޔާއި ގޭގޭގެ ކައިރީގައި ހަދާފައި ހުސް ތަންތަން ފުރާލައިގެން ތިބީ ދިވެހި ޒުވާނުންނެވެ. އެއްވެސް ކަމެއް ނުކުރާ ޒުވާނުންނެވެ. ޒުވާނުން ވަޒީފާތަކަށް ނުނުކުންނަނީ މުސާރަ ކުޑަވެގެން ނޫނެވެ. ކަންނެތްކަން އިންތިހާއަށް މަތިވެފައި، ގެއިން ހިތްފަސޭހަ ކަމާއެކު ކައިބޮއި އުޅެވޭތީ ދޫނި ބައިގަނޑެއްހެން މަގުމަތީގައްޔާއި ކަންކަންމަތީގައި ލާހޫރެނީއެވެ.

The name is already taken The name is available. Register?

Ali Gasim

23 July 2020

ދިވެހިންނަށް ވަޒީފާނުދީ ވަގުބަންގާޅިން ގެނެސް މިގައުފުރެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް. ދެން ގެނެސް އަޅައިގެން ގެންގުޅެނީ ދިވެހިން ކަންނެތް ކަމަކުންނޫން މިސަރުކާރުން ކުރިވައްކަމެއް ގުރުބާން ކުރި ދިވެހި ޒުވާނުން

The name is already taken The name is available. Register?

ވިސްނު

23 July 2020

ކޮންމެ ބޭފުޅަކަސް އެއްވެސް ރިސާޗެއް ހެދުމެއްނެތި ދިވެހި މަސައްކަތްތެރިން ފަރުވާކުޑައޭ ބުނެގެން ނުވާނެ. ހަގީގަތުގައި ވާގޮތަކީ ދިވެހިންނަށް އެކަށީގެންވާ މުސާރައެއް ނުދެވޭ. ބިދޭސީއަށް ކުޑަ މުސާރައެއް ދިނަސް ނިދާނެތަނާއި ކެއިންބުއިމާއި ބޭސްފަރުވާއާއި ގައުމަށްދާން ޓިކެޓް ދެވޭ. އެކަމެއް ދިވެއްސަކަށް ނޯވޭ. ދެން އަމިއްލަ ވަޒަނުގައި އަނބިދަރިންނާއި އެކު އުޅޭއިރު ވަކި މަސައްކަތު ގަޑިއެއް ނެތި، ބަންދެއް ނެތި ދުވާލުދާ ހަތަރުދަމު ދިވެހިންނަކަށް ނޫޅެވޭނެ.

The name is already taken The name is available. Register?

ވިސްނަވާ

23 July 2020

މިދިޔަ ހަފްތާގައި އެނދެއްޖަހަން ހަވާލުކުރިން ރަނގަޅަށް މިންއަޅާފައި ދިނުމުން އެނދު އައިއުރު ހުރީ 2 އިންޗި ކުޑަކޮށް.

The name is already taken The name is available. Register?

ނެކްސްޓް

23 July 2020

ހެވެއްނު މީކީ ސަރުކާރުތަކުން ހުއްޓުވަން ބޭނުންވާ ކަމެއްނޫން ވިއްޔަ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

23 July 2020

ބިދޭސީން ގޯސްވަނީ އެކަމަކު ކޮންމެ ދިވެއްސަކަށް ބިދޭސީއެއް ގެންގުޅެން ޖެހޭ. އެމީހުން ކައްކައި ކާން ހަދަނީ، ގޭތެރެ ސާފުކޮ އަންނައުނު ދޮވެ އިސްތިރިކޮށްދެނީ، ބާޒާރު ކޮށްދެނީ، މުސްކުޅި މައިން ބަފައިން ބަލަނީ، ފިހާރަ ބަލަހައްޓައިދެނީ، ދަނޑުވެރިކަންކޮށްދެނީ، މަޖޫރީމަސައްކަތް ކޮށްދެނީ. އެކެނިވެރި މައިންގެ އެކަނިވެރިކަން ފިލުވައިދެނީ. ދިވެހިންގެ ގިނަމީހުން ތިބެނީ ނިދަން އަަނެއް ބަޔަކު ތިބެނީ ބިއްޖެހިފައި. މިރާއްޖެ ބޭރުމީހުންގެ އަތްދަށް ދޫކޮށްލީ ދިވެހިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454