ބިދޭސީންގެ އަމަލުތައް ގައުމު ހިފުމެކޭ އެއްފަދަ: ޝަމާލް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަމަލުތައް ހުރިގޮތުން ބޭރުގެ ބަޔަކު ރާއްޖެ އަރައި ހިފުމާ އެއްފަދަ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ޝަމާލް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 179،954 ބިދޭސީން އުޅޭއިރު ރަޖިސްޓްރީ ނުކުރާ 66،000 ބިދޭސީން އުޅޭ ކަމަށެވެ. އެހެންކަމުން ފަސް ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރާއްޖޭގައި 250،000 އެއްހާ ބިދޭސީން އުޅޭ ކަމަށް ޝަމާލް ވިދާޅުވި އެވެ. މިހާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭއިރު މި މީހުންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"މި ޒަމާނަކީ އެއް ގައުމުން އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ ހިފާ ޒަމާނެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން ކައިރީގައި އޮތް ގައުމަކުން މިއޮތީ އެތައް ބަޔަކު އަޅުގަނޑުމެންގެ ހުޅުވިފައިވާ ބޯޑަރުތަކެއް އޮތީމަ އެތައް ބަޔަކު މިއޮތީ މި ގައުމަށް އަރާފައި. ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރައި ހިފިޔަސް ފެންނަން މިހުންނަ ކަންތައްތައް ކަހަލަ ކަންކަން މިހާރު މިފެންނަނީ މި މީހުންގެ ފަރާތުން،" ޝަމާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކަށް މިއޮތީ މި މީހުން ފޫއަޅުވާލާފައި ވަދެފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހީންނާ ކައިވެނި ކުރުމާ މިހެންގޮސް ހުރިހާ ދިމާލަކަށް. ކުށްތަކުގައި ވެސް މި މީހުން ޝާމިލް ވެގެން ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ. އެހެން ގޮސް އެންމެ ފަހުން ތިފެންނަނީ ފުލުހުންނާ އިހަކަށް ދުވަހަކު ކުރިމަތިލި މީހުން. އެހެންކަމުން މިއީ ގައުމީ ސަލާމަތަށް އިޝޫއަކަށް މިކަން ދިމާވާ ސަބަބަކީ."

ކަންބޮޑުވުން ފާޅުކުރައްވަމުން ޝަމާލް ވިދާޅުވީ ގިނަ ބިދޭސީންގެ މައްޗަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ތަންފިޒު ނުކުރެވޭ ކަމަށެވެ. ރާއްޖޭގެ ޒުވާނުންގެ އާބާދީ އަށް ވުރެ ބިދޭސީންގެ އާބާދީ ބޮޑުވެފައި ވުމަކީ ބޮޑު ނުރައްކަލެއް ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލަ މީގެ ކުރިން ވެސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާ ކަމަށެވެ. އެހެން ކަމުން މުޅި ދައުލަތް ގުޅިގެން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ގައުމީ ސަލާމަތީ ކައުންސިލްގައި ވެސް މިކަމާ މަޝްވަރާ ކުރެވިފައި އޮތީ މިކަމާ. މިސާލަކަށް ކިހިނެއްތޯ މީގެ ތެރެއިން އިލީގަލް މީހުންނާ ދޭތެރޭ ފިޔަވަޅު އެޅޭނީ. އެ މީހުން ކިހިނެއްތޯ ފޮނުވާލެވޭނީ،" ޝަމާލް ވިދާޅުވި އެވެ.

"ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކުގައި ވެސް އެބަ ގެންގުޅޭ އިލީގަލް މީހުން. އެތައް ޒަމާންތަކެއް ވެގެން މިދިޔައީ. މިއީ ވެސް އިޝޫއެއް. ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ކުރިއަށް އޮތް ހަ އަހަރަށް ވާވަރަށް ލޭބާ މިއޮތީ އެތެރެވެފައި ކަންނޭންގެ. އެހެންވީމައި އަޅުގަނޑުމެން މަޝްވަރާ ކުރިން މި މީހުންގެ ތެރެއިން ރެގިއުލޭޓް ކުރަންވީންނޫންހޭ މަސައްކަތް ކުރެވޭނެ ތަނަކަށް ގެންގޮސް ބައިތިއްބައިގެން. އެ މީހުން ރަޖިސްޓްރީ ކޮށްގެން ކުންފުނިތަކަށް ދޭންވީ ނޫންހޭ."

މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލާއި އެހެން މުއައްސަސާތަކުގެ އިސްވެރިން.---ފޮޓޯ: މަޖިލިސް

މިއަދުގެ ކޮމެޓީގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވިދާޅުވީ ބިދޭސީން ރާއްޖޭގައި އެކިއެކި ހަމަނުޖެހުންތައް ހިންގަނީ މުސާރާގެ މައްސަލައިގައި ނޫން ކަމަށެވެ. އެކަމުގެ ފަހަތުގައި ބަޔަކު ވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ބޮޑުފިނޮޅުގައި 200 ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައި ވަނިކޮށް، ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އިމާރާތްކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލައި ގަލުން ހަމަލާ ދިނެވެ. އެ މައްސަލައިގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށް، ތަހުގީގު ފަށައިފަ އެވެ.