ރިޕޯޓް / މަރު

ރާއްޖޭގައި ފުރާނައެއްގެ އަގަކީ އެއް ލައްކަ ރުފިޔާ!

މީހަކު މަރާލި ސަރަހައްދެއް ބަންދުކޮށް ފުލުހުން ހަރަކާތްތެެރިވަނީ: މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ އަދަދު ރާއްޖޭގައި މުރާޖާއެއް ނުކުރޭ ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރާއްޖޭގައި ގެއްލިގެންދާ ފުރާނައިގެ އަގަކީ އެއް ލައްކަ ރުފިޔާ ކަމަށް ބުނެފި ނަމަ އެއީ ޖޯކެއްހެން ވެސް ހީވެދާނެ އެވެ. ޒަމާނަށް އައި ބަދަލާ އެކު، މިހާރު އެއް ލައްކަ ރުފިޔާގެ މާ ބޮޑު އަގެއް ނެތެވެ. މަސްތުވާތަކެތި 14 ގްރާމަށް ވުރެ ގިނައިން ގެންގުޅޭ މީހާއަށް މަދުވެގެން އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އާދެ އެވެ. ރަނގަޅު ފެންވަރުގެ ސައިކަލެއް ގެންނަން ވެސް އެވަރު ހޭދަވެ އެވެ. ގެއްލިގެންދާ ފުރާނައެއްގެ އަގަކީ ވެސް މިހާރު މިއީއޭ ބުނުމުން ހައިރާން ޖެހެނީ އެހެންވެގެންނެވެ.

މަރުތަކުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ރާއްޖޭގައި މަރުގެ ދިޔަ ނަގައި ދެވެ އެވެ. ގަސްދު މަރު ނުވަތަ އެކްސިޑެންޓް ފަދަ އިހުމާލަކުން މަރުވާ މައްސަލަތަކުގައި ވެސް، މަރުވި މީހާގެ ވާރިސުން ބޭނުންވާ ނަމަ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރުގެ ދިޔަ ނަގައި ދެވޭނެ ކަމަށް ގާނޫނުލް އުގޫބާތާއި އެހެން ބައެއް ގާނޫނުތަކުގައި ވެސް ލިޔެފައި އެބަ އޮތެވެ. އެކަމަކު ދިޔައިގެ މިންވަރެއް ކަނޑައެޅުމުގައި ދާން ޖެހެނީ 1993 ވަނަ އަހަރު އައި އުސޫލަކަށެވެ.

މަރުގެ މައްސަލަތަކުގައި މަރުގެ ދިޔައިގެ މިންވަރަކީ އެއް ލައްކަ ރުފިޔާ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ކަނޑައެޅީ 1993 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓްރީން ނެރުނު އިއުލާނަކުންނެވެ. ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހުރުމަތްތެރިވެގެންވާ އިންސާނެއްގެ ފުރާނައިގެ ބަދަލަށް އޭރު އެއް ލައްކަ ރުފިޔާ އާއި މިއަދު އެއް ލައްކަ ރުފިޔާގެ ހުރި ތަފާތު ދެނެގަންނަން އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެ އެވެ. ނަމަވެސް އަދިވެސް އަމަލު ކުރަން ޖެހެނީ އެ އުސޫލަށެވެ. އެއަށް އެއްވެސް ބަދަލެއް ގެންނަން މަސައްކަތެއް ކޮށްފައެއް ވެސް ނެތެވެ.

ބައެއް މައްސަލަތަކުގައި އެ ހާދިސާއެއް ހިނގާފައިވާތީ އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، މަރުގެ ދިޔައިގެ މިންވަރު މިހާރު ކޯޓުތަކުން މަތިި ކުރެ އެވެ. މިސާލަކަށް ގަސްދުގައި މީހަކު މެރުމުން ނުވަތަ މާތްވެގެންވާ މަހެއްގައި ހިނގި ހާދިސާއަކަށް ވުން ފަދަ ހާލަތްތަކުގަ އެވެ. އެގޮތަށް މަތި ކުރަނީ ދިޔައަކާއި ދިޔައެއްގެ ތިން ބައި ކުޅަ އެއް ބަޔަށް ވާ މިންވަރަށެވެ. އެއީ 133،333ރ. އެވެ.

މަރުގެ ދިޔަ އިތުރު ކުރެވޭނީ ނުވަތަ ދަށް ކުރެވޭނީ ކޮން އުސޫލަކުން ކަމެއް ގަވާއިދުގައި ނެތުމުން އެކި ކޯޓުތަކުން އެކި މައްސަލަތަކުގައި އަމަލު ކުރަނީ ވެސް އެކި ގޮތަށެވެ. ގަސްދުގައި މީހަކު މެރުމުން ދިޔައިގެ މިންވަރު އިތުރުކޮށް، 133،333ރ. ދޭން ހުކުމް ކުރާއިރު، ހަމަ އެ ކޯޓުން ނިިންމާ އެފަދަ އެހެން މައްސަލަތަކުގައި ނަގައިދެނީ އާންމު އެއް ލައްކަ ރުފިޔާ އެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ އަމަލުތަކުގައި ދިޔައިގެ މިންވަރު އެކި މީހުންގެ މެދުގައި ކަނޑައަޅާނެ ގޮތެއް އެ ގަވާއިދަކު ނެތެވެ.

ކްރިމިނަލް ކޯޓް: މަރުގެ ދިޔަ ނަގައިދިނުމުގައި ވެސް ތަފާތުތަކެއް ހުރޭ -- ފޮޓޯ/މިހާރު

ދާދި ފަހުން ހައި ކޯޓުން ނިންމި މަރުގެ ބޮޑު މައްސަލައެއްގައި ވެސް ފާހަގަކުރީ މަރުގެ ދިޔައިގެ މިންވަރު އަވަހަށް މުރާޖާ ކުރުމުގެ މުހިންމު ކަމެވެ. އެ ހުކުމް އޮތް ގޮތުން، އެއް ލައްކަ ރުފިޔާއަކީ ފުރާނައެއްގެ ބަދަލަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ގަބޫލު ކުރެވުނަސް، އެ ނޫން ގޮތެއް މިހާރަކު ނެތެވެ.

"ގަވާއިދެއްގައި މިންވަރު ކަނޑައެޅިފައިވާ ކަންކަމުގައި ކޯޓުން އަމިއްލައަށް އެ މިންވަރުތައް މަތިކޮށް ނުވަތަ ދަށް ކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުބެލެވެ އެވެ،" އެ ހުކުމުގައިވެ އެވެ.

އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔައިގެ މިންވަރު ކަނޑައަޅަނީ ކޮންމެ ފުރާނައަކަށް 100 ޖަމަލުގެ ނިސްބަތުންނެވެ. ޖަމަލަކީ މި ޒަމާނުގައި ކޮންމެ ގައުމެއްގައި ލިބެން ހުންނަ އެއްޗަކަށް ނުވާތީ ޖަމަލުގެ ބަދަލުގައި އޭގެ އަގަށް ވާ ފައިސާ ދިނުމުގެ ގޮތުން އިސްލާމީ ގިނަ ގައުމުތަކުގައި ވެސް މަރުގެ ދިޔަ ކަނޑައަޅަނީ ފައިސާއިންނެވެ. ބާޒާރުގެ އަގުތަކަށް ބަލައި، ދިޔައިގެ މިންވަރު އެކި ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މުރާޖާ ވެސް ކުރެ އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި މިހާރު ޖަމަލުގެ އަގު ހުރި ގޮތުން 100 ޖަމަލުގެ އަގު ދިވެހި ރުފިޔާއިން މިލިއަނަކަށް ވުރެ މައްޗަށް އަރާނެ އެވެ. ސައުދީ އަރަބިއާގައި މަރުގެ ދިޔައަކީ 400،000 ސައުދީ ރިއާލް އެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 1.6 މިލިއަން ރުފިޔާ އެވެ. ސައުދީގައި މަރުގެ އެކި ބާވަތްތަކުގައި މަރުގެ ދިޔައިގެ މިންވަރު ތަފާތެވެ. ފައިސާގެ އިތުރުން ރަނާއި ރިހިން ވެސް މަރުގެ ދިޔަ އަގު ކުރެވެ އެވެ.

ޕާކިސްތާނުގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދެވޭނެ އެންމެ ކުޑަ އަދަދަކީ 2.3 މިލިއަން ރުފީސްއަށް ކަމަށް މިދިޔަ އަހަރު ކަނޑައެޅި އެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 211،000ރ. އެވެ. ޕާކިސްތާނުގެ ގާނޫނު އޮންނަ ގޮތުން މަރުގެ ދިޔަ ކަނޑައެޅުމުގައި ކުށްވެރިވެފައިވާ މީހާ އާއި މަރުވި މީހާގެ ވާރިސުންގެ މާލީ ހާލަތަށް ރިއާޔަތް ކުރާނެ އެވެ. ނަމަވެސް ކޮންމެ އަހަރެއް ފެށުމުގެ ކުރިން ސަރުކާރުން އިއުލާންކުރާ އަދަދަށް ވުރެ ދިޔައިގެ މިންވަރު ކުޑައެއް ނުކުރެވޭނެ އެވެ.

މަރުގެ ދިޔައިގެ މިންވަރު ކަނޑައަޅާފައިވާ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ އަސްލު ބެލެނިވެރިިޔާއަކީ ކާކުކަން ވެސް މުޅިއަކުން ސާފެއް ނުވެ އެވެ. އެ ގަވާއިދު އެކުލަވާލައި، އެއަށް އިސްލާހު ގެންނަމުން ދިޔައީ ކުރިން ޖަސްޓިސް މިނިސްޓްރީންނެވެ. އެ މިނިސްޓްރީ 2008 ގައި އުވާލައި، ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ގާނޫނަކުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ އޮތީ މަތިިކޮށްފަ އެވެ. ނަމަވެސް ޑީޖޭއޭއިން އެ ގަވާއިދަކަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.

އާ ގާނޫނު އަސާސީ އައުމުން، މުހިންމު ބައެއް ގަވާއިދުތަކަށް ގާނޫނީ ބާރު ލިބިދިނުމަށްޓަކައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު ފާސްކޮށް، ގާނޫނީ ބާރު ދޭ ލިސްޓުގައި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު ހިމެނެ އެވެ. ކޮންމެ އަހަރަކު އެއް ފަހަރު ރައްޔިތުންގެ މަޖިލީހުން އެ ލިސްޓް މުރާޖާ ކުރަމުން ވެސް ދެ އެވެ. އެކަމަކު ގަވާއިދުގައި ހުރި ވަކިވަކި މާއްދާތަކަށް ބަދަލު ގެނައުމުގެ ބަދަލުގައި މަޖިލީހުން ހަމައެކަނި ބަލަނީ އަލަށް އައިސްފައި ހުރި ގާނޫނުތަކުގެ ސަބަބުން އެ ލިސްޓުން އުނިކުރަން ޖެހޭ ގަވާއިދުތަކަކީ ކޮބައިތޯ އެވެ. ގަވާއިދަށް އުނި އިތުރު ގެނައުމަކީ އެ ގަވާއިދެއްގެ ބެލެނިވެރި އިދާރާއެއްގެ ޒިންމާއެކެވެ.

ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު އޮއްވާ ގާނޫނު އަސާސީއަށް 12 އަހަރު ފުރުނީ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ފަދަ ގާނޫނުތަކެއް ވުޖޫދަށް ގެނެވުނަސް، މަރުގެ ދިޔައިގެ މިންވަރު އެއިން ގާނޫނެއްގައި ބަޔާނެއް ނުކުރެ އެވެ. އަދި ބައެއް ގާނޫނުތައް ނުހެދި ހުރުމުން ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު އެއްކޮށް އުވާލެވޭކަށް ވެސް މިވަގުތު ނެތެވެ.

ޑީޖޭއޭ އިން ބުނިގޮތުގައި މަރުގެ ދިޔައިގެ މިންވަރު މުރާޖާ ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރެ އެވެ. ކުރިން އެ މަސައްކަތް ނުކުރެވި އޮތް އެއް ސަބަބެއްގެ ގޮތުގައި ޑީޖޭއޭއިން ބުނީ މިހާރުގެ ގާނޫނުލް އުގޫބާތު ވުޖޫދަށް އައުމުން އެ އަދަދުތައް ކަނޑައަޅާނީ އެ ގާނޫނުންތޯ ނުވަތަ ގަވާއިދުންތޯ މުޅިން ސާފު ނުވުމެވެ.

"ކުރިއަކުން ނެތް އެކަމަށް މަސައްކަތެއް ކުރެވިފައެއް. އެކަމަކު މި ހުކުމް [ހައި ކޯޓުގެ] އެގޮތަށް އައިމަ އަޅުގަނޑުމެން މިހާރު އެކަން ރިވައިސް ކުރުމުގެ މަސައްކަތްތަކެއް އެބަ ކުރިއަށް ދޭ،" ޑީޖޭއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަރުގެ ދިޔައިގެ މިންވަރަށް ބަދަލު ގެންނާނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު އެވެ. އަދި ދިޔަ ނަގައި ދިނުމުގައި ހުރިހާ ބާވަތެއްގެ މައްސަލަތަކަށް މިހާރު އެއް އުސޫލެއް އޮތަސް، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ބަދަލު ގެނެވޭއިރު އެކަން ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަރީއާގައި ވެސް މަރުގެ ވައްތަރުތައް ތަފާތު. އުގޫބާތް ވެސް ތަފާތު. އެހެންވީމަ ތަފާތުތަކެއް އަންނަންވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ. އެކަން ރިވައިސް ކުރަމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާތައް އަޅުގަނޑުމެން ހޯދާނެ،" އޭނާ ވިދާޅުވި އެވެ.

ޒަމާނާ ގުޅޭ ގޮތަށް އެތައް ގާނޫނުތަކާއި ގަވާއިދުތަކެއް ވުޖޫދަށް އަޔަސް، ކުރީގެ އެތައް ގަވާއިދުތަކަކަށް ގާނޫނީ ބާރު ދޭން ޖެހުމުގެ ނަތީޖާއަކީ ޒަމާނާ ނުގުޅޭ އުސޫލުތަކަށް އަމަލު ކުރަން ޖެހި، އަދުލު އިންސާފް ޖޯކަކަށް ވަމުންދާ މަންޒަރެވެ. މަރުގެ ދިޔައަކީ އޭގެ އެއް މިސާލެވެ.

56 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 75%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޡަރީނާ

12 August 2020

އޭރު ދަތުރުކުރާ އެންމެ އަގުބޮޑު ސަވާރީއަކީ ޖަމަލު! މިހާރު އޭ380 ނުވަތަ ފެރާރީ އެހެންކަމުން މިޙަރު އަގުކުރަންޖެހޭނީ އޭއްޗެހީގެ އަގަށް ބަލާފައި! މިސާލަކަށް 100 ފެރާރީގެ އަގު

The name is already taken The name is available. Register?

އާދަނު ދޯ

12 August 2020

މިތަނުގަ ކޮމެންޓު ކުރާބައެއް ބޭފުޅުން އިސްލާމީ ޝަރީއަތުގަ ކަންކަން އޮޅުވާލަން އުޅޭހެން ހީވޭ !! އިންސާނާގެ ފުރާނައަކީ ކަރާމާތްތެރި އަދި އަގުކުރެވޭނެ އެއްޗެއްވެސްނޫން ..އެހެން ނަމަވެސް އިންސާނާ ނެތުމުގެ ތެރެއިން އުފެއްދެވި ޚާލިގުވަންތަ ފަރާތް، ބަޔަކު އިންސާނުންގެ ފުރާނަ ދުއްވާލާނެކަން ދެނެވޮޑިގެންވާހާލު އޭގެދިޔަ އެވަނީ ކަނޑައަޅުއްވާފަ.. ޖަމަލުގެ އަގުން އޭގެމާނައަކީޖަމަލެއްނޫން .. 100 ޖަމަލުގެ އަގަކީ 2 މިލިޔަން ރުފިޔާ ..

The name is already taken The name is available. Register?

ކޮމަންމޭން

12 August 2020

މިތަނުގައި ބަޔަކު އެބަ އުޅޭ މުޅި މަޢުލޫޢު އޮޅުވާލަން އިންސާނާގެފުރާނަޔަކީ އަގެއްކިޔޭނެ އެއްޗެއްނޫން. އެކަމަކުނުޙައްޤުން އިންސާނެއްގެ ފުރާނަ ދުއްވާލައިފިނަމަ ވާރިޘުންނަށް ލިބޭ ހިތާމައާއި ވޭންތަކާއި އުނދަގުލަށް ކޮންމެވެސް ވަރެއްގެ ލުޔެއްހޯދައި ދިނުމުގެ މަޤްޞަދުގައި ލައްވާފަވާ ކަމެއްކަމަށް މަށަށް ޤަބޫލުކުރެވެނީ. 100 ޖަމަލުގެ ބަދަލުގަ 100 އޭ380އޭ ވެސް ކަނޑައެޅިދާނެ. އެކަމަކު އެފައިސާ ދެވޭނީކާކަށްބާ؟ ނުދެވޭނެއަގަކުން ވާރިޘުންނަށް ވާނީ ކޮންފައިދާއެއް؟

The name is already taken The name is available. Register?

ައަލިފުތާ

12 August 2020

މަރުގެދިޔަ އަކީ ފުރާނައެއްގެ އަގެއް ނޫނެވެ. އޮޅުވާނުލައްވާށެވެ. ކޮންމެ އެއްޗަކީ އަގުމަގުކުރެވޭ ކޮމޯޑިޓީއެއް ހެއްޔެވެ؟ނޭވާޔާ، ނަފްސާ، ފުރާނަޔާ ރޫހާ އަގުމަގު ކުރެވޭނީ ކިިހިނަކުން ހެއްޔެވެ؟ފުރާނަ އަކީ އަގު ނުކުރެވޭނޭ ހުރުމަތްތެރި ރޫހާނީ އެއްޗެކެވެ. މާއްދިއްޔަތަށް އިންސާނިއްޔަތު ލެނބި ހުރިހާ ކަމެއް އެ ނާޅީން މިނަންޏާ މިކަހަލަ ހެޑިންގ ލިޔެވޭނެއެވެ. ތެދެކެވެ. ބުނަން ތިޔައުޅޭ ވާހަކަ ރަގަޅެވެ. މަރުގެ އަދަބު ތެރޭ ހިމެނޭ މަރުގެދިޔައިގެ އަދަދު ކުޑައެވެ.

The name is already taken The name is available. Register?

އާދަނު ދޯ

12 August 2020

މިސްރުގަ ޖަމަލެއްގެ އަގު އުޅެނީ 1100 ޑޮލަރާއި 1300 ޑޮލަރާދެމެދުގައި ? އެހެންކަމުން އިސްލާމީ ޝަރީއަތާ އެއްގޮތައް މަރުގެ ދިޔައިގެ ކަންތައް ދާނަމަ މަދުވެގެން 1 މިލިޔަނާ 2 މިލިޔަނާ ދެމެދުގެ އަދަދެއް އަދަދެއްގެ ދިވެހި ރުފިޔާ ދޭންޖެހޭ !!

The name is already taken The name is available. Register?

ޖޯކެއް؟

12 August 2020

އިންސާނާގެ އަގަކީ 100 ޖަމަލުތޯ؟ ކޮންކަހަލަ ޖޯކެއް މީ؟

The name is already taken The name is available. Register?

ވާނުވާ

12 August 2020

ފުރާނައިގެ އަގަކަށް ވާންޖެހެނީ ވަޅިއަކާ ގޭންގެއްތަ ދެން؟

The name is already taken The name is available. Register?

ޙުސައިން

12 August 2020

0/4 ތިޔަށްވުރެ އަދި މާ ނުބައިކޮށް އޮތް ގަވާއިދެއް "ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ގަވާއިދު" އަކީ. މިގަވާއިދަކީ 2006 ގައި ހަދާފަ އޮތް ގަވާއިދެއް. 2008 ގެ އައު ޤއ ތަސްދީޤުކުރުމާއެކު އާއްމު ގަވާއިދުތަކާބެހޭ ޤާނޫނުން ބާރުދީފަ އޮތީ...

The name is already taken The name is available. Register?

ބާބަ

12 August 2020

ދުނިޔެއަކީ އިންސާފު ލިބޭތަނެއް ނޫން. މަރުގެ ދިޔަ އަކީ ރަމްޒީ އެއްޗެއް. އެއީ މަރުގެ އަގެއްނޫން. މަރުގެ އަގަކީ ދެވޭނެ އެއްޗެއްނޫން. މަރުގެ ދިޔަ 1 ލައްކަ ރުފިޔާ އަށް އޮތަސް ދާދިފަހުން ހޮސްޕިޓަލެއްގެ އިހުމާލު، އިންސާނެއްގެ ގުނަވަނެއްގެ މަސައްކަތްހުއްޓުމަށް މެދުވެރިވެފައިވުމުން އެތައް މިލިޔަން ރުފިޔާގެ ބަދަލެއް ދޭން ޖެހުނު. ތަންދޮރު ނުދަންނަ މީހުން އިތުރަށް ވާވެއްދުން ހުއްޓާލާ.

The name is already taken The name is available. Register?

ޙުސައިން

12 August 2020

1/4 އޮތީ 2011ގެ އޮކްޓޫބަރާ ހިސާބަށް. އެހިސާބުން މަޖިލީހުން ފާސް ކުރީ ކޯޓުތަކާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާތީ، އެ ޤާނޫނުގެ ދަށުން އެ ގަވާއިދާ ށް ބާރުދެވޭނޭ ކިޔާފަ އާއްމު ގަވާއިދުތަކާބެހޭ ބެހޭ ޤާނޫނުގެ ޖަދުވަލުން އެ ގަވާއިދު އުނިކުރީ. އެގޮތަށް އުނިކުރުމުން އެ ގަވާއިދެއްގެ ބެލެނިވެރިން ފަރާތުގެ ކަމެއް އެއީ ކަމާ ގުޅުންހުރި ޤާނޫނެއްގަ ދަށުން އެ ގަވާއިދަކަށް ޤާނޫނީ ބާރު ދިނުމަކީ. އެހެންނަމަވެސް އެ ގަވާއިދަށް މިއަދާ ހަމައަށްވެސް ކޯޓުތަކުގައި

The name is already taken The name is available. Register?

ޙުސައިން

12 August 2020

2/4 އެހެންނަމަވެސް އެ ގަވާއިދަށް މިއަދާ ހަމައަށްވެސް ކޯޓުތަކުގައި އަމަލުކުރަމުންދަނީ އޮކްޓޯބަރ 2011ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އާއްމު ސިޓީއެއއގެ ދަށުން. ޤއ ގައި ބުނަނީ މަޖިލީހުން ފާސް ކުރާ ޤާނޫނަކުން ބާރު ލިބިގެން ނޫނީ އާއްމުން އެއަށް ޢަމަލުކުރަން ޖެހޭ ގަވާއިދެއް ނުހެދޭނެކަމަށް. ހައިކޯޓުން 2014 ގާ ނިންމާފަވަނީ އެގަވާއިދަށް އަމަލުކުރަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން އެއަށް ޢަމަލުކުރަން ސުޕްރީމް ކޯޓުގެ އާއްމު ސިޓީއަކުން އަންގާފައިވާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!