ޕްރިންސިޕަލުންނާ ބެހޭ އުސޫލު: ރަނގަޅުތަ؟ ނުވަތަ ގޯސްތަ؟

ތައުލީމީ ދާއިރާގެ ހުންގާނުގައި ހިފަހައްޓައިގެން ތިބި ޕްރިންސިޕަލުންގެ އޮނިގަނޑެއް ނެތި މަސައްކަތްކުރާތާ ފަސް އަހަރެވެ. އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން މި ސަރުކާރުގައި ވެސް އެދިއްޖެ އެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އޮއްވައި، ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމާ ބެހޭ އުސޫލެއް އާއްމުކުރުމާ އެކު ހިތްހަމަނުޖެހުންތައް މި ވަނި ބޮޑުވެފަ އެވެ.


އެއްބަޔަކު ދެކޭ ގޮތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ލަފާގެ މަތިން އެކުލަވާލާ ކޮމިޓީއަކުން، ޕްރިންސިޕަލުން މަސައްކަތްކުރާނެ ތަނެއް ކަނޑައަޅައި އެއް ސްކޫލުގައި ގިނަވެގެން އަށް އަހަރު އުޅެވޭ ގޮތަށް ހަމަޖެއްސުމަކީ، ތައުލީމީ ނިޒާމަށް އިތުރު ކުރިއެރުން ގެންނަން ފެން ބޮވައިފައި ތިބި މީހުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

އުސޫލާ މެދު ހިތްހަމަނުޖެހި ވާހަކަދެއްކި ބައެއް މީހުން ބުނާ ގޮތުގައި، ރާއްޖޭގެ ސްކޫލުތަކަށް ޕްރިންސިޕަލުން ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ތަކުލީފަކަށް ވާ ގޮތަށް ކަންކަން ބަދަލުކުރުމުން ދާއިރާ ދޫކޮށް އެތައް ބަޔަކު ހިނގައިދާނެ އެވެ. ތައުލީމީ ދާއިރާއަށް ޒަމާންތަކެއް ވަންދެން ހިދުމަތްކުރަމުން އަންނަ ޕްރިންސިޕަލުންގެ ދިރިއުޅުން، ފަސް މެމްބަރުންގެ ކޮމިޓީއަކުން ކަނޑައެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބައެއް ޕްރިންސިޕަލުން ބުނެ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ދެކޭ ގޮތުގައި ސްކޫލެއްގައި ގިނަ ވެގެން އަށް އަހަރު މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަކީ ތައުލީމީ ދާއިރާއަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭގެ ސަބަބުން ޕްރިންސިޕަލުންނަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ.

މިއީ ބޭނުންކަމެއް ނޫން، ލިބޭނީ ގެއްލުން

ސްކޫލުތައް ހިންގުމާއި ތައުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކު، ނަން ނުޖަން ޝަރުތުކުރައްވައި، ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމުން ޕްރިންސިޕަލުންގެ މަސައްކަތާ ގުޅޭ އުސޫލު ރަނގަޅު ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހުންގެ ހާލަތާއި ކަންކަން ހުރި ގޮތުން ހަތަރު އަހަރު އަދި ގިނަ ވެގެން އަށް އަހަރު މަސައްކަތް ކުރުމަކީ ވެސް އުނދަގޫ ކަމެކެވެ.

ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދަރިވަރުންގެ އާބާދީ މަދު ރަށެއްގައި ޕްރިންސިޕަލަކު މަސައްކަތްކުރަން ޖެހިއްޖެ ނަމަ އެ ޕްރިންސިޕަލް އައިސޮލޭޓްވެ ގޮތް ހުސްވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ޕްރިންސިޕަލުންނަށް ރަނގަޅަށް މަސައްކަތް ނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަންކަމުގެ އިތުރުން ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުން، މިނިސްޓަރުގެ ލަފާގެ މަތިން އެކުލަވާލާ ކޮމިޓީއަކަށް ދިނުމުން ހުރިހާ ކަމެއް ވަރަށް ފަސޭހައިން ސިޔާސީ ވުމުގެ ފުރުސަތު އޮތްކަން ވެސް، އޭނާ ވިދާޅުވި އެވެ.

"އަނެއްކާވެސް މިވާ ގޮތަކީ ހަމަ އެތެރޭގެ ޕްރެޝަރު އުފެދޭނީ. މައްސަލަ ބޮޑުވާނީ. މިކަހަލަ ބައިވަރު ކަންތައްތަކެއް ހިނގާނެ،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އޭނާ ދެން ނެންގެވީ ގާނޫނީ މައްސަލަތަކެކެވެ. އެގޮތުން މަޖުބޫރުން އެއްވެސް މީހަކު ލައްވާ މަސައްކަތްކުރުވައިގެން ނުވާނެ ކަމަށް، ގާނޫނުއަސާސީގައި އޮތް އޮތުން ފާހަގަކުރެއްވި އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް ނުރުހުމުގައި ގަދަކަމަކުން މަސައްކަތެއް ނުކުރެވޭނެ ކަމަށް، ބަޔާންކުރާ މާއްދާ އޭނާ ނެންގެވި އެވެ.

"މިކަހަލަ ކަންތައްތަކެއް ކަނޑައަޅާފައި އޮންނައިރު، ކުއްލިއަކަށް ކޮމިޓީއަކުން އެކަން ނިންމާއިރު އެއީ މައްސަލައަކަށް ވާނެ ގާނޫނީ ގޮތުން،" ވިދާޅުވި އެވެ.

ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެ މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ދިރާގު

ވަކި އުސޫލެއް ނެތަސް މިހާރު ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ޕްރިންސިޕަލުން ބަދަލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބެ އެވެ. އޭގެ ތެރެއިން، މި އަހަރުގެ ކުރީކޮޅު ވެސް، ޓީޗަރުންނާއި ބެލެނިވެރިންގެ ހިތްހަމަނުޖެހުންތައް ބޮޑުވުމުން މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކާއި ޑެޕިއުޓީ ދެ ޕްރިންސިޕަލުން އެހެން ތަންތަނަށް ބަދަލުކުރި އެވެ.

ވަރަށް މުހިއްމު ބަދަލެއް، އުސޫލަށް ތާއީދުކުރަން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ގަބޫލުކުރައްވާ ގޮތުގައި ސްކޫލެއްގައި ގިނަވެގެން އަށް އަހަރު މަސައްކަތް ކުރެވޭ ގޮތަށް ހެދުމަކީ ޕްރިންސިޕަލުންގެ ކުރިއެރުމަށް އަންނާނެ ބަދަލެކެވެ. އެގޮތަށް ގެންނަ ބަދަލުތައް ޕްރިންސިޕަލުން ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އުސޫލުގެ ސަބަބުން، ކުރިއެރުން އަންނާނެ ކަމަށް ގަބޫލުކުރެއްވެނީ، ޝިފާ ވިދާޅުވި ގޮތުގައި، އެއް ސްކޫލެއްގައި އެހާ ގިނަ ދުވަހު މަސައްކަތްކުރުމުން އެމީހަކަށް ނުފެންނަ ކަންތައްތައް ވެސް ހުންނާނެތީ އެވެ. އެފަދަ ކަންކަން ރަނގަޅުކުރަން އެހެން ޕްރިންސިޕަލުންނަށް ފުރުސަތު ލިބޭ ގޮތަށް ބަދަލެއް ގެންނަން އޭނާ ތާއީދުކުރައްވަ އެވެ.

ޝިފާ ވިދާޅުވީ "އަޅުގަނޑަކީ ޕްރިންސިޕަލެއް ނަމަ ވިސްނާނީ ތަފާތު ސްކޫލުތަކަށް ބަދަލުވާން" ކަމަށެވެ.

އެކަން ނަގަންވީ "ލިބޭނެ ބޮޑު ތަޖުރިބާއެއްގެ ގޮތުގައި،" ޝިފާ ވިދާޅުވި އެވެ.

ރަށު ސްކޫލެއްގައި އެރަށެއްގެ ޕްރިންސިޕަލަކު ހުރުމުން ބައެއް ފަހަރަށް ހާލަތު ގޯސްވިޔަސް އަނެއް ބައި ސްކޫލުތަކުގައި އެފަދަ ޕްރިންސިޕަލުންގެ މަސައްކަތް ވަރަށް ރަނގަޅެވެ. ޝިފާ ވިދާޅުވީ ޕްރިންސިޕަލުން، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރެވޭނެ ގޮތްތައް މިނިސްޓްރީގައި އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު "ދެ ތިން ބެލެނިވެރިޔަކު ނުކުމެ އެ ފާޅުކުރާ ކަންބޮޑުވުންތަކަށް އެކަނި ބެލުމަށް ފަހު ގޮތެއް ނިންމުން ބުއްދިވެރި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ދެން ގަބޫލުކުރައްވަނީ ޕްރިންސިޕަލުން ބަދަލުކުރުމާ ގުޅޭ ކްރައިޓީރިއާއެއް އުފެދި ޕްރިންސިޕަލުން ޖަޖްކުރުން ފަދަ ކަންކަމުގެ ސަބަބުން ބޮޑު ވާދަވެރިކަމެއް ވެސް އުފެދިގެންދާނެ ކަމަށެވެ.

"މިކަހަލަ ކަންތައްތައް އައިމަ ޕްރިންސިޕަލުން ވެސް އަމިއްލައަށް ޑިވެލޮޕްވުމަށް މަސައްކަތްކުރާނެ ނޫންތޯ،" ޝިފާ ވިދާޅުވި އެވެ.

ރަސްގެތީމް ސްކޫލުގެ ދަރިވަރުންތަކެއް، އެ ސްކޫލުގައި ބޭއްވި އެސެމްބްލީގައި.-- ފޮޓޯ: ރަސްގެތީމް ސްކޫލު

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އަހުމަދު ސައީދު (ގަހާ ސައީދު) ވެސް ވިދާޅުވީ ހަތަރު އަހަރަކީ ޕްރިންސިޕަލުންގެ މަސައްކަތުގެ ފެންވަރު ބެލޭނެ މުއްދަތެއް ކަމަށެވެ. މާ ގިނަ ދުވަސް ވުމުން، ބައެއް ފަހަރު ބައެއް ކަންތައްތައް ދޫކޮށްލެވި ދޯހަޅިކޮށް ދާ ގޮތް ވާތީ އެންމެ ބުއްދިވެރީ "އަލުން ތާޒާވުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަތަރު އަހަރުގެ ތެރޭގައި ކުރާ މަސައްކަތް، ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ވެސް ބަލައިގަންނާނެތީ، ސައީދު ގަބޫލުކުރައްވަނީ، އޭރުން ދެ ވަނަ ހަތަރު އަހަރަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު އޭރު ހުންނާނީ، ސައީދު ވިދާޅުވި ގޮތުގައި، އެ ތަނަކަށް ދިރުން އައިސްފައި ކަމަށެވެ. އެހެންކަމުން އާ ދިމާލަށް އެ ޕްރިންސިޕަލަކު ދިއުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ވެސް ބައެއް ސްކޫލްތައް ވަކި ޕްރިންސިޕަލެއްގެ ކިބައިން ސަލާމަތްނުވެވި އެބަ ހުއްޓެވެ. އެތަންތަނުގައި ވަކި ޕްރިންސަޕަލުން ގިނަ ދުވަހު މަސައްކަތްކޮށް، ނުފޫޒު ގަދަވުމުން އެމީހުންނަށް ފިޔަވަޅު އަޅަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި މިކަހަލަ ކޮންޓްރެކްޓެއް ނުވަތަ އުސޫލެއް ގާއިމްކުރެވިފައި އޮތީމަ އެ އުސޫލުގެ ދަށުން އެކަން ހިނގާނީ. އެހެންވެއްޖިއްޔާ އެމީހަކަށް ވެސް އެބަ އެނގޭ ހަމަ ހިތުހުރިހާ ގޮތަކަށް މިތަނުގައި ނޫޅެވޭނެކަން، ހަތަރު އަހަރު ވަންދެން އުޅެފައި ދާނީކަން،" ސައީދު ވިދާޅުވި އެވެ. "[އެ ސްކޫލުގައި] އުޅެން ބޭނުންވާ ކަމުގައިވަންޏާ ނޫނީ ކުރިއަށްގެންދަން ބޭނުންވާ ކަމުގައިވަންޏާ ރަނގަޅު ނަތީޖާއެއް ނެރެން އެމީހަކު މަސައްކަތްކުރާނެ. ކުރަން މަޖުބޫރުވާނެ."

މާލޭގައި އާއިލާއާ އެކު ދިރިއުޅެމުން ދަނިިކޮށް، ރަށްރަށުގެ ސްކޫލަކަށް ދާން ޖެހުމަކީ، ކުރިން ހެޑްމާސްޓަރުންނަށް ދިމާވި ގޮންޖެހުމެކެވެ. އެހެންކަމުން ސައީދު ވިދާޅުވީ ޕްރިންސިޕަލުން ހިތްހަމަޖެހޭ ވަރުގެ ޕެކޭޖެއް ސަރުކާރުން ވެސް ހުށަހަޅާ ކަމަށް ވަންޏާ ރަށްރަށުގެ ސްކޫލުތަކަށް ދާނެ ރަނގަޅު ޕްރިންސިޕަލުން ލިބޭނެ ކަމަށެވެ.

ކުރިން ސްކޫލްތަކުގެ އިސް މަގާމުތަކެއް އަދާކުރެއްވި އެކަމަކު މިވަގުތު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އާޓްސް ފެކަލްޓީގެ ޑީނަކަށް ހުންނެވި އާސިމް އަބްދުލް ސައްތާރު ވިދާޅުވި ގޮތުގައި، އެއް ސްކޫލެއްގައި ވަކި މުއްދަތެއް ވަންދެން ޕްރިންސިޕަލުން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަކީ އުއްމީދީ ބަދަލެކެވެ. އެއީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ގެންނަން ޖެހޭ ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމުގެ ބާރު ކޮމިޓީއަކަށް ދިނުމަކީ އޭނާގެ ކަންބޮޑުވުމެކެވެ. ވަޒީފާއަށް ކުރިމަތިލާއިރު، އެ މީހަކު މަސައްކަތްކުރާ ތަނެއް އެނގެން ޖެހޭއިރު، އެކަން ކޮމިޓީން ކަނޑައެޅުމަކީ، އާސިމް ވިދާޅުވި ގޮތުގައި، ވަޒީފާގެ ގާނޫނާ ތައާރަޒުވާ ކަމެކެވެ.

"މީތި އިމްޕްލިމެންޓް ކުރަން ފެށީމަ ބޮޑަށް އެނގޭނީ މީގެ ނަތީޖާތައް. ހާއްސަކޮށް އަތޮޅުތަކުގައި،" އާސިމް ވިދާޅުވި އެވެ.

"މިއީ ރަނގަޅު ބަދަލެއް. މި ބަދަލުގެ ސަބަބުން ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ ޓެނުއާގެ މުއްދަތުގެ ތެރޭގައި، މިހާރަށް ވުރެ ބޮޑަށް ސްކޫލުތައް ކުރިއަރުވަން މަސައްކަތްކުރާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."

ޑރ. އަންވަރުގެ ހިޔާލު: ބަލަން ޖެހޭ ކަންކަން ގިނަ

ތައުލީމީ ހިދުމަތުގައި މިވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ތައުލީމީ ދާއިރާގެ އެކި ތަންތަނުގައި ޓެނުއަޝިޕްގެ އުސޫލުން ކަންކަން ހިނގާ ކަމަށެވެ. ބޭރުގެ ބައެއް ޔުނިވާސިޓީތަކުގައި ފެކަލްޓީ ނުވަތަ ޑިޕާޓްމަންޓުގެ އިސް ވެރިން އައްޔަންކުރަނީ ވަކި މުއްދަތަކަށެވެ. ނަމަވެސް އޭނާ ޒިޔާރަތްކުރެއްވީ ބޭރު ގައުމުތަކުގެ ސްކޫލުތަކުގައި ޕްރިންސިޕަލުންނަށް އެގޮތަށް ވަކި މުއްދަތެއް ދީފައެއް ނޯވެ އެވެ.

އެހެންކަމުން ޑރ. އަންވަރު ވިދާޅުވީ ޕްރިންސިޕަލުންނަށް ސްކޫލެއްގައި އުޅެވޭނެ ވަކި މުއްދަތެއް ކަނޑައެޅުމަކީ ރާއްޖެއަށް ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ބްރިސްޓަލްގައި އުޅުނުއިރު، ބްރިސްޓަލްގެ ސްކޫލަށް ގޮސް އަޅުގަނޑު އެމީހުންގެ މައުލޫމާތުތައް ބަލަމުންދިޔައިރު އެތަނުގައި ނެތް ހަމަޖައްސާފައެއް [ޓެނުއަޝިޕް އުސޫލުން މަސައްކަތްކުރާކަށް]. އަޅުގަނޑު ދެން ދިޔައިން ފިންލެންޑުގެ ސްކޫލުތައް ވެސް ބަލާލަން. އެތާކު ވެސް ޕްރިންސިޕަލް ޓެނުއަޝިޕް ގޮތަކަށް ހަމަޖައްސާފައި އޮތް ކަމަށް އަޅުގަނޑަކަށް ނުފެނޭ،" ޑރ. އަންވަރު ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ގަބޫލުކުރައްވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި، އެ އުސޫލުން ޕްރިންސިޕަލުން ނުގެންގުޅޭ ސަބަބެއް ބަލާލުން ރަނގަޅު ކަމަށެވެ.