މަމްދޫން
ރޯކޮށްފައި އޮތް ކަރުދާސްކޮޅު ފައިގެ ފަލަމަސްގަނޑުގައި ޖައްސައި ފިތާލީމެވެ. އޭގެ ހޫނުން ހަންގަނޑު ފިހިގެން ދިއުމުން ވެގެން އެ ދިޔަ ތަދުން އަހަރެންނަށް އަރާމުކަމެއް އިހުސާސްކުރެވުނެވެ. ސިކުނޑިއަށް ހަމަޖެހުމެއް ލިބުނެވެ. އަހަރެންނަށް އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ހިޔާލުތަކުން ސަލާމަތްވެ، ފަލަމަސްގަނޑުގައި އަޅަމުންދިޔަ ތަދަށް ސަމާލުވެލީމެވެ. މިރޭ އަހަރެންނަށް ނިދިކޮޅެއް ލިބިދާނެއެވެ.
ލޯގަނޑުގެ ކުރިމަތީގައި ހުރެ އަހަރެންގެ ހަށިގަނޑަށް ބަލާލީމެވެ. ކަނާއަތްފާރާތާއި ވައަތްފަރާތުގެ ފަލަމަސްގަނޑުގައި އެކިދުވަސްމަތިން އަހަރެން އަލިފާން ޖެއްސި ތަންތަނުން ޖަރީވެފައި ހުއްޓެވެ. ބައެއްތަންތަނަކީ އަދި ހަފްތާއެއްނުވާ ތަންތަނެވެ. އަނެއްބައި ތަންތަނަކީ މަހެއް ނުވަތަ އަހަރެއްވެފައިހުރި ތަންތަނެވެ. އެއިން ކޮންމެތަނަކީ އަހަރެންގެ ހިތަށް އަދި ސިކުނޑިއަށް ފަރުވާއެއް ހޯދައިދީފައިވާ ތަދެކެވެ.
އެކަމަކު މިއީ ދިރިއުޅުމެއް ހެއްޔެވެ؟ އަހަރެން މިހެން އުޅޭނީ، ނޫން ނަމަ އަހަރެންނަށް މިހެން އުޅެވޭނީ ކިހާދުވަހެއް ވަންދެންބާއެވެ. އަހަރެން ލައި އުޅޭ ދޫ ޓީޝާޓްތަކާއި ކާގޯ ހަރުވާޅުތަކުން ގައިގެ އެތަންމިތަނުގައި ހުރި ލަކުނުތައް ފޮރުވައިގެން އުޅެވޭނީ ކިހާ ދުވަހަކު ބާއެވެ؟
"ދަރިފުޅާ މަމްދޫން، އަދިވެސް ނުނިމޭތަ؟ މިހާރު އެއޮއް ހަތަރެއް ޖަހަނީ، ދޮންތަމެން އެބަތިބި މަޑުކޮށްގެން، ފަހެއް ޖަހާއިރު ޕާޓީ ފެށޭނެ" ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން މަންމަ ގޮވާލިއެވެ.
"މި ނުކުންނަނީ" އަހަރެން އަވަސްއަވަހަށް ޖަވާބުދިނީމެވެ. އެންމެ ފަސޭހައިން މަންމަ ގޮވުން ހުއްޓާލާނީ އެއިރުންނެވެ.
ފުން ނޭވާއެއް ލުމަށްފަހު، ގެންގުޅުނު ކަރުދާސްތަކުން އެތިކޮޅެއް އަލުން ރޯކޮށްލައި އަނެއް ފައިގައި ޖައްސާ ފިއްސާލީމެވެ. ދެފައިގައި މިއަދު އަލަށް އަލިފާން ޖެއްސިތަނުގައި އެ ހުރި ތަދުން އަހަރެންގެ ސިކުނޑީގެ ހާޖާނުން ސަލާމަތްވެ ދެގަޑިއެއްހާއިރު އެހެންމީހުންނާއި ކުދިންގެ ތެރޭގައި އުޅުމަށް ފަސޭހަވާނެއެވެ.
މީހުންނާއި ކުދިންގެ ތެރެއަށް އަހަރެން ދާން ބޭނުން ނުވަނީ ކީއްވެކަން މަންމައަށް ބުނެދިނުމަށްވުރެ މިގޮތް ފަސޭހައެވެ. ނުދާން ބޮޑާހާކައި، މަންމައާ ޒުވާބުކޮށް މަންމަގެ މޫނުން ފެންނަ ނުރުހުމުގެ އަސަރުތައް ބަލާނެ ހިތްވަރެއް މިއަދު އަހަރެންގެ ނެތެވެ. އެހެންކަމުން އަހަރެންގެ "ސަވައިވަލް ކިޓް" ފޮރުވާފައި ފާހާނައިން ނުކުމެ އަތްދިގު ހުދު ޓީޝާޓަކާއި ކަޅުކުލައިގެ ފުޅާ ކާގޯ ހަރުވާޅެއް ލައިގެން ނުކުތީމެވެ. މި ޕާޓީއާ ކުރިމަތިލުމަށް ހަމައެކަނި އެހީތެރިވެދޭނީ އާދައިގެ މަތިން އަހަރެންގެ ފަލަމަސްގަނޑުގައި ފިހިފައި ހުރިތަންތަނުން އަޅާވޭނުންނެވެ.
އައިޝާ
ފުރާވަރަށް އަރަމުން އަންނަ ދަރިއަކު ބަލައި ބޮޑުކުރުމަކީ ހާދަ އުނދަގޫ ކަމެކެވެ. މަމްދޫން ކުޑައިރު މިއަށްވުރެ މާފަސޭހަހެން އަހަންނަށް ހީވެއެވެ.
މަމްދޫންގެ އުމުރުން ތޭރަ އަހަރު ވަންދެން އަހަރެންނަކީ މަމްދޫންގެ ބެސްޓް ފްރެންޑެވެ. ސްކޫލް އަދި ކިޔެވުމާ ގުޅުންހުރި ކަންކަމުގެ ވަގުތު ފިޔަވައި ހުރިހާވަގުތެއްހެން ހޭދަކުރަނީ އެކުއެކީގައެވެ. އެދަރިފުޅަކީ ކުދިންނާ ގުޅޭ ކުއްޖެކެވެ. އަހަރެންގެ ކޮއްކޮމެންގެ ކުދިންނާ އެކު ކުޅެ އެ ކުދިންގެ ގޭގެއަށް ގޮސް މަޖާ އަދި ލޯބިން ފުރިފައިވި މާހައުލެއްގައި އެ ދަރިފުޅު ބޮޑުވަމުން ގޮސް ކަންތައްތައް ބަދަލުވީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.
މިހާރު ސްކޫލް ވަގުތު ފިޔަވައި ހުރިހާ ވަގުތެއް މަމްދޫން ހޭދަކުރަނީ ކޮޓަރީގައެވެ. ނިދާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ކޮޓަރި ތަޅުނުލެވޭނެކަމަށް ބުނެފައި އޮންނާތީ ތަޅެއްނުލައެވެ. އަހަރެން ބަލާލާއިރު އޮންނާނީ ލަވައެއް އަޑުއަހައި އެފަދަ ކަމަކުއެވެ. ނޫނީ އުޅޭނީ ފާހަނާގައެވެ. އަހަރެންގެ ކޮއްކޮމެންނާއި އެވާހަކަ ދެއްކުމުން ބުނާނީ އެއީ ފުރާވަރަށް އަޅާފައިވާތީ ވާގޮތެއް ކަމަށެވެ.
މިހާރު މަމްދޫން ތަނަކަށް ގެންދިއުމަކީވެސް ހަނގުރާމައެކެވެ. އާއިލީ ހަފްލާތަކާއި ކޮއްކޮމެންގެ ކުދިންނާ އެކު އޮންނަ އެއްވުންތަކަށް ވެސް ގެންދިއުމަށް އާދޭސްކުރަން ޖެހެއެވެ. ނުދާންވެގެން ރުޅިގަދަކޮށް ރޮއެ ވެސް ހަދައެވެ. ބައެއްފަހަރު އަހަރެން ހަތިޔާރު ބަހައްޓަމެވެ. އަނެއްބައިފަހަރު އަހަރެން ރުޅިއައުމުން ދާނެއެވެ. އެކަމަކު މިހާރު އަހަރެން ވަރުބަލިވެއްޖެއެވެ. ދަރިފުޅުގެ މިވާހަކަތަކާއި ކަންތައްތައް ހިއްސާކޮށްލާ މަޝްވަރާކޮށްލަން ގާތުގައި މަމްދޫންގެ ބައްޕަހުރިނަމައޭ ހިތަށް އަރައެވެ.
"މަންމާ، ހިނގާ ދާން" އަހަރެންގެ ހިޔާލުގެ ދުނިޔެއިން ނެރުނީ ދަރިފުޅެވެ.
"މިއަދު ވެސް ތި ޓީޝާޓްތަ ތި ލީ؟ މަންމަ އިންނާނެ ހުދު ޓީޝާޓް ވެސް އިސްތިރިކޮށްފައި،" އަބަދު ކަޅުކުލައިގެ އަތްދިގު ޓީޝާޓްލަނީ ކީއްވެކަމެއް ވެސް ދުވަހަކު އަހަންނަކަށް ނޭނގުނެވެ.
"އޭގެ އަތްކުރެއްނު. މަމްދޫނަކަށް ނުލެވޭނެ ދެން އަތް ކުރިއްޔާއެއް،" ހިތްހަމަނުޖެހިފައި ބުންޏެވެ. މިއީ ވެސް ދުވާލަކު ހަތަރު ފަހަރު ދައްކާވާހަކައެކެވެ. އިތުރަށް އެވާހަކަ ނުދައްކާ ސައިކަލު ތަޅުދަނޑި ނަގައިގެން އަހަރެން ހިނގައިގަތީމެވެ.
"ދޮންތާ، ހާދަ ލަސްވީ؟ މިއަދުވެސް އަހަރެމެންގެ މަމްދޫންއަށް ތައްޔާރުނުވެވުނީ ދޯ" އަހަރެމެން އެ އެޕާޓުމެންޓަށް ވަނުމާއިއެކު ކޮއްކޮގެ ޝަކުވާފެށިއެވެ. އަހަރެން ހިނިގަނޑެއް ޖަހާލުމަށްފަހު ވާހަކަ ބަދަލުކޮށްލާ ދަރިފުޅާ އެކު އެތެރެއަށް ވަނީމެވެ. ކޮއްކޮގެ އެންމެ ހަގު ދަރިފުޅަށް ހަތްއަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މި ޕާޓީއަށް އައިސްތިބީ އާއިލާގެ މީހުންނެވެ. އަދި ކޮއްކޮގެ ރައްޓެހިންނާއި އެމީހުންގެ ކުދިންނެވެ. އެންމެންނަކީވެސް ދެކެފަރިތަ މީހުންނާއި ކުދިންކަމުން ދަރިފުޅުގެ ގާތުގައި އެކުދިންނާއިއެކު ކެއުމާއި ކުޅިވަރުގައި ބައިވެރިވުމަށް ބުނުމަށްފަހު ގިނަ ދުވަސްތަކެއް ފަހުން ބައްދަލުވާ މީހުންނާ ވާހަކަދެއްކުމުގައި އަހަރެން މަސްއޫލުވެލީމެވެ.
މަމްދޫން
އަހަރެންނަށް މިތަނުގައި އިހުސާސްވަނީ ލަސްކަމެވެ. ވަގުތުގެ ލަސްކަމެވެ. މިނެޓެއް ހީވަނީ ގަޑިއިރެއްހެނެވެ. މިނެޓަކުވެސް އަހަރެން މިތާއިންނާކަށް ބޭނުމެއްނޫނެވެ. އެކަމަކު ކީއްވެގެންކަން އަހަރެން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި ހިނގާ އަހަރެންގެ ބާރު ނުފޯރާ ހިޔާލުތައް ބުނެދޭނީ ކާކަށްހެއްޔެވެ؟ އެކަން ހުއްޓުވާނީ ކިހިނެއްބާއެވެ؟ އަހަރެންގެ ދިރިއުޅުން ނިމޭ ހިސާބުންބާއެވެ؟
"މަމްބޭ،" އަހަރެން ސިއްސައިގެން ދިޔައީ ތުއްތަގެ ކުޑަ ދަރިފުޅު ހަތް އަހަރުގެ މައިޝާގެ އަޑަށެވެ.
"ހިނގާބަލަ އަހަރެންނާއެކީ ކޮޓަރިއަށް، އަލަމާރި މަތީގައިހުރި އެއްޗެއް ނަގައިދޭން ވެގެން،“ އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.
ނަމަވެސް މައިޝާ އަހަރެންގެ އަތުގައި ހިފައިގެން ދާން ފެށިއެވެ. އަހަރެންގެ ސިކުނޑިތެރެއަށް އެބިރުވެރި ޚިޔާލުތައް ގިނަވާން ފެށިއެވެ. މައިޝާއާ އެކު ހިނގައްޖެ ނަމަ އަނިޔާއެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ގެއްލިއްޖެއެވެ. ވަށައިގެން ތިބީ ހައްތަހާވެސް ކުޑަކުދިންނެވެ. އެއީ އަހަރެންގެ ޓްރިގާރއެވެ.
އައިޝާ
އަހަރެންނާއި ކޮއްކޮ ދައްކަން ހުރި ވާހަކައަށް ހުއްޓުމެއް އައީ ކުއްލިއަކަށް އިވުނު އަޑަކުންނެވެ. މައިޝާގެ ހަޅޭކުގެ އަޑެވެ. ވޭނުން ފުރިފައިވި ހަޅޭކެއްގެ އަޑެވެ. އެއަޑު އައީ ކުދިންގެ ކޮޓަރިއާ ދިމާލުންނެވެ. އަހަރެމެން އެންމެން ދުވެފައި ގޮސް އެ ކޮޓަރިއަށް ވަތްއިރު މައިޝާ ހަޅޭލަވަމުން ނިކުންނަނީއެވެ. އޭނާއަށް ވާހަކައެއް ނުދެއްކެއެވެ. ފާހާނާއާ ދިމާއަށް އިނގިލި ދިއްކޮށްލުމުން އެދިމާއަށް ދުއްވައިގަތީމެވެ. ފާހާނާގެ ދޮރު މައްޗަށް އެރުމާ އެކު އަހަރެންގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. މަމްދޫން ފާހާނާގެ ތެރެއަށް ބިތްޖެހިފައި އިންއިރު ކަނާއަތު ކުޑަހުޅުގެ ތިރިން ލޭ ފައިބަމުން ދިޔައެވެ. ކައިރީގައި ތިލައެއް އޮތެވެ. އަހަރެން ރޮއެގަނެފައި ދަރިފުޅާ ދިމާލަށް ދުއްވައި ގަތީމެވެ. ކޮއްކޮމެން އެމްބިއުލާންސަށް ގުޅާ އަޑު އެހީމެވެ.
މަމްދޫން
ވަރުބަލިކަމާ އެކު އަހަރެން ލޯ ހުޅުވާލީމެވެ. މަތީގައި ހުރި ބޮކީގެ އަލިކަމުން ލޮލަށް އުދަގޫވިއެވެ. ކަނާއަތް ފަރާތަށް ބޯ އަނބުރާލިއިރު މަންމަ ފެނުނެވެ. މި އަތުގައި އަޅާފައި އޮތް ބެންޑޭޖް ފެނުނެވެ. ގައިމަތީގައި އޮތް ހުދު ފޮތިގަނޑު ފެނުނެވެ. މި އޮވެވުނީ ހޮސްޕިޓަލެއްގައިކަން އިރުކޮޅެއް ފަހުން އެނގުނެވެ. އަހަރެންނަށް މަޑު މަޑުން ރޮވުނެވެ. މިވަގުތު މިއައީއެވެ. މަންމައަށް އަހަރެންގެ ލަކުނުތަކާއި ޒަހަމްތައް ފެނުނުބާއެވެ. މަންމަގެ ސުވާލުތަކަށް އަހަރެން ޖަވާބުދޭނީ ކިހިނެއްބާއެވެ. ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ؟ މަންމަ ކިހާ ދެރަވާނެހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި ހިނގާ ޚިޔާލުތައް ހުއްޓޭނެނަމައެވެ.
އަހަރެންގެ ސަމާލުކަން ހުއްޓުނީ ޑޮކްޓަރުގެ އަޑަށެވެ. މަންމަގެ ގާތުގައި އަހަރެން އަދި ހޮސްޕިޓަލްގައި ހޭދަ ކުރަން ޖެހޭނެކަމަށް ބުންޏެވެ. ދެން ސުވާލުކުރީ އަހަރެންނާއެވެ.
"މަމްދޫންގެ އެސެސްމެންޓް މިއަދު ހަވީރުން ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރު ހަދާނެ. ބޭނުން ވަންޏާ މިއެސެސްމެންޓް ފުރަތަމަ އެކަނިވެސް ހެދިދާނެ ނޫނީ މަންމައާއި އެއްކޮށްވެސް ހެދިދާނެ. އެހާއިރަށް ވިސްނާލާ،“ އަހަރެން ބޯ ޖަހާލީމެވެ.
އައިޝާ
ދަރިފުޅުގެ ގާތުގައި އަހަރެން އިނީމެވެ. އެ މޫނާ ދިމާލަން ބަލާށެވެ. ސުވާލުތައް ގިނަކަމުން ފުރަތަމަ އަހާނެ ސުވާލެއް ނޭނގިފައެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ. ދަރިފުޅުގެ ގައިގެ އެތަން މިތަން ޒަހަމްކޮށް ނަފްސަށް އަނިޔާ އެ ދެނީ ކޮންކަމެއް އުނިވެގެން ހެއްޔެވެ؟ ތަރުބިއްޔަތުގައި އަހަންނަށް ކަތިކޮށް އެޅުނީކޮން ފިޔަވަޅެއް ބާއެވެ؟ ސިކުނޑީގެ ތެރެ ކިތަންމެ ހަލަ ބޮލިވިޔަސް މިވަގުތަށް ހަމަހިމޭންކަން އިސްކުރީމެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށްފަހު ދަރިފުޅާއިއެކު މަންމަ އެބަހުރީމޭ ބުނުމަށްފަހު ހަމަހިމޭން ކަމާއިއެކު ދަރިފުޅުގެ ގާތުގައި އިނީމެވެ. އަހަރެންގެ އިހުސާސްތަކަށްވުރެ މިވަގުތު މުހިންމީ ދަރިފުޅުގެ ސިއްހަތެވެ. އެހާލަތު ބަދަލުކުރުމެވެ.
މަމްދޫން
މަންމަ އަބަދުވެސް ބުނާ އަޑު އަހަމެވެ. ކޮންމެ ކަމަކީ ވެސް ވަގުތު ކަނޑައެޅިފައިވާ ކަމެކެވެ. އެއީ ތެދެއްކަންނޭނގެއެވެ. އަހަރެންގެ މިދިޔަ އަހަރުތަކުގައި ހަނގުރާމަ ކުރަމުންއައި "ޑީމަން" ވެސް އެހެންމީހުންނަށް އެނގެންވީ ވަގުތު ޖެހުނީއެވެ.
އަހަރެންނަށް އެކަން ރަނގަޅެވެ. ދެން ފަހަތަށް ބެލުމެއްނެތެވެ. އެހީތެރިކަން ހޯދަންވީއެވެ. އެހެންނޫން ނަމަ އަހަރެންގެ މަންމަ އެކަނި މިދުނިޔެއަށް ދޫކޮށް ދާންޖެހިދާނެއެވެ.
އެސެސްމެންޓްގެ ވަގުތު ޖެހިއްޖެއެވެ. އެދުވަހު މަންމަ އަދި ޑޮކްޓަރުގެ ކުރިމަތީ އަހަރެންގެ ފޮތް ހުޅުވާލީމެވެ. ތޭރަ އަހަރުން ފެށިގެން އަހަރެންގެ ސިކުނޑީއަށް ބާރު ނުފޯރުވޭ ހިޔާލުތައް ހިއްސާކުރީމެވެ. ކުޑަކުދިން ފެނުމުން އަހަރެންގެ ހިތަށް އަރަނީ އެކުދިންނަށް އަނިޔާވެރިވުމަށެވެ. ކިހިނެއްކަން އަހަރެން ނުބުނަމެވެ. އެހެން ބުނަން އަހަރެން ތައްޔާރެއްނޫނެވެ. އެކަމަކު އެކަމާ ބިރުގަންނަވާހަކަ އާއި އެ ހިޔާލުތައް ކޮންޓްރޯލް ނުވެގެން ގައިގެ އެތަންމިތަން ޒަހަމްކުރާ ވާހަކަ ކިޔައިދިނީމެވެ. އެއީ އެ ޒަހަމްތަކުން، އެވާތަދުން އަހަރެންގެ އެހިޔާލުތަކާ ދުރުވާހެން ހީވާތީއެވެ. މަހެއްގެ ތެރޭގައި އެތަކެއް ރެއަކު މި އުދަނގޫ ހިޔާލުތައް އާދެއެވެ. ޑޮކްޓަރު އަހަރެންނާ އެކި ސުވާލުކުރިއެވެ. ގަޑިއެއްގެއިރަށް ދެމިގެންދިޔަ އެ އެސެސްމެންޓް ނިމުނުއިރު އަހަރެންނަށް ގިސްލެވެއެވެ. މަންމަގެ ލޮލޮން ވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ. އަދި އެސެސްމެންޓަށް ފަހު ޑޮކްޓަރުގެ ނިންމުން އަޑު އެހުމަށްފަހު މަންމަ ގެއަށް ގޮސްލާފައި އަންނަނީ ކަމުގައި ބުނެފައި ދިޔައެވެ.
އައިޝާ
އެނދުމަތީގައި އޮށޯވެގެން އެނދާ ދިމާލުން މަތީގައި އެނބުރެމުންދިޔަ ފަންކާއާ ދިމާއަށް ކަޅިހުއްޓާލައިގެން އޮތްއިރު އެ ފަންކާގެ ފުލް ސްޕީޑުގައި އެނބުރެމުންދާ ފިޔަތަކަށްވުރެ ބާރަށް އަހަރެންގެ ސިކުނޑީގެ ތެރޭގައި ހިޔާލުތައް އެނބުރެމުންދާ މިންވަރު ބާރެވެ. ދުނިޔެއެވެ. ދިރިއުޅުމެވެ. ބަދަލެވެ. ހާލަތެވެ. ޖުމުލައެއް އަތުރާލެވޭ ވަރަށްވުރެ ބާރަށް ސިކުނޑީގައި ބަސްތައް ދައުރުވަމުން ދިޔައެވެ. ލޯމަރާލީމެވެ. ލޯމަރާލުމާ އެކު އެ މައުސޫމު މޫނު އަހަރެންނަށް ސިފަވާން ފެށިއެވެ. އެ ލޯބި ހިނިތުންވުމެވެ. އަހަރެންގެ ހިތަށް ތާއަބަދުމެ އުފާވެރިކަން ގެނެސްދޭ އެ ލޯބިވެތި އަޑެވެ. އަހަރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅެވެ.
މީގެ ސޯޅަ އަހަރުކުރިން އެދަރިފުޅަށް މާބަނޑުވިކަން އެނގުނު ދުވަހުން ފެށިގެން އެއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު މަގުސަދެވެ. އަހަރެންގެ ދިރިއުޅުމުގެ ހުރިހާކަމެއް އެ ދަރިފުޅު ދުނިޔެއަށް އައުމާ އެކު ބަދަލުކުރީ އެ ދަރިފުޅު ބެލޭނެ އެންމެ ރަނގަޅަކަށް ތަރުތީބުވާނެ ގޮތަށެވެ.
ދަރިފުޅުގެ އުމުރުން ތިން އަހަރުގައި އަހަރެންގެ ފިރިމީހާ މަގުމަތީގެ އެކްސިޑެންޓެއްގައި މިދުނިޔެއާ ވަކިވެގެން ދިއުމުން އަހަރެމެން ދެމައިންގެ ދުނިޔެ ބަދަލުވެގެން ދިޔައެވެ. އެދަރިފުޅު ބައްޕަގެ ހަނދާން ނެތް ނަމަވެސް ބައްޕައެއް ނެތުމުގެ އުނިކަން އެ ދަރިފުޅު އިހުސާސް ކުރާކަން އެނގެއެވެ. އެހެންނަމަވެސް ދަރިފުޅަށް އެހެން ބައްޕައަކު ހޯދައިދިނުމަކީ ފައިދާވާނެ ކަމެއްކަމަށް ނުދެކެވުނެވެ. މަންމައެއްގެ އަދި ބައްޕައެއްގެ ރޯލު ވެސް އަހަރެން އަދާކުރީމެވެ. ދަރިފުޅަށް 11 އަހަރު ވަންދެން ފިރިމީހާގެ މަންމަ އަހަރެމެންނާ އެކު އުޅުނެވެ. އެއިގެ ފަހުން އަހަރެމެން ދެމައިން އެކަނި ކަންތައްތައް ހަމަޖެއްސީމެވެ.
ދަރިފުޅުގެ އުޅުމަށް އައި ބަދަލަކީ ހަމަ ހަގީގަތުގައި ވެސް ޓީނޭޖްގެ ކަމެއްކަމަށް ގަބޫލުކުރީމެވެ. އެއީ އިއްޔެއާ ހަމައަށެވެ. ދަރިފުޅު ކޮއްކޮގެ ކޮޓަރީގެ ފާހާނާތެރޭގައި އެފެނުނު ވަގުތާއި ޖެހެންދެނެވެ. މިއަދުގެ އެ އެސެސްމެންޓާއި ހިސާބަށެވެ. ޑޮކްޓަރު ޑައިގްނޯސިސްއާ ހިސާބަށެވެ.
މަމްދޫން
އަހަރެންގެ ބައްޔަށް ޑައެގްނޯސްވީތާ ތިން މަސްވީއެވެ. އޯސީޑީއެވެ. އަހަރެން ކުރީގައި ހީކުރަނީ އެ ބަލި ޖެހުމުން މީހުން އާދަޔާ ހިލާފަށް ތަރުތީބުވެފައި ކަންކަން ތަކުރާރު ކުރަނީ ކަމުގައެވެ. އެކަމަކު އަހަރެންނަށް ޑޮކްޓަރު ބުނެދިނީ އަމިއްލަ ބާރު ނުފޯރުވޭ ނެގެޓިވް އަދި އާދަކާދައިން ބޭރުގެ ހިޔާލުތައް ސިކުނޑީގައި ތަކުރާރުވަމުން ދިއުމާއި އެކަމުގެ ސަބަބުން ހާސްވެ ދިރިއުޅުމުގެ ކަންތައްތަކަށް އަސަރުކުރުމާއި އެ ހާސްކަމުގެ ސަބަބުން އަމިއްލައަށް ހަށިގަނޑަށް ގެއްލުން ދިނުމާއި ނުވަތަ ކުށްތަކަށް އަރައިގަނެވުމަކީ އަވަހަށް ފަރުވާ ނުހޯދައިފިނަމަ ދިމާވެދާނެކަންކަމެވެ. މިބުނެވުނު ޚިޔާލުތަކުގެ ތެރޭގައި މީހުންނަށް ގެއްލުންދިނުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުތަކުގެ އިތުރުން އަމިއްލަ ހަށިގަނޑާއި މިސާލަކަށް ނޭފަތާއިމެދު ނެގެޓިވް އަދި ކޮންޓްރޯލު ނުކުރެވޭ ޚިޔާލުތައް އުފެދުންވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނިދާނެކަމަށް ބުނެދިނެވެ. އެހެންނަމަވެސް އަވަހަށް ފަރުވާކުރެވިއްޖެނަމަ އެ ޚިޔާލުތަކާއި ދުރުވެ އާންމު ދިރިއުޅުމެއް އުޅެވިދާނެކަމަށް ބުނެދިނެވެ. ވިސްނުން ރަނގަޅު ކުރުމަށް ދޭ ބޭހެއް އަހަރެން ބޭނުން ކުރަމެވެ. އަދި "ބިހޭވިއަރަލް ތެރަޕީ" އަށް އަހަރެން ހަފްތާއަކު އެއްފަހަރު ދަމެވެ. އެފަރުވާގެ ތެރެއިން އަހަރެންނަށް ގެއްލުން ނުވާނޭ ގޮތަށް އަހަރެންގެ ވިސްނުމާއި އަމަލުތައް ބަހައްޓަން ދަސްކޮށްދެއެވެ. މީގެ އިތުރުން ހާސްވެ ނުވަތަ ޓްރިގާވާ ކަންތައް ދެނެގަނެ އެފަދަ ހާލަތުގައި ކަންތައް ކުރާނެ ގޮތް ދަސްކޮށް ފަރިތަކުރެވެއެވެ.
މިކަމުގައި އަހަރެންގެ މަންމަ އަހަރެންނަށް އެހީވެއެވެ. މަންމަ އަހަރެންނަށް "ޖަޖެއް" ނުކުރެއެވެ. ގަޑިން ގަޑިއަށް ބޭސް ދެއެވެ. ތެރަޕީގައި ދަސްކުރާ ކަންތައްތައް ކުރުމަށް މަގުފަހި ކޮށްދެއެވެ. ފިރިހެން ކުއްޖަކަށް ފިރިހެން ރޯލް މޮޑެލެއްގެ މުހިންމުކަން މަންމައަށް ކަށަވަރުވެ އަހަންނަށް އާއިލާގެ ތެރެއިން ރޯލް މޮޑެލްއަކު ހޯދާދިނެވެ.
ގައިގައިހުރި ލަކުނުތައް މަޑުމަޑުން ފިލަމުންދާއިރު އަހަރެން ހާސްކަމާއި "އިންޓްރޫސިވް" ޚިޔާލުތައްވެސް މަދުވަމުންދެއެވެ. އުއްމީދަކީ ރިމިޝަންއަކަށް ދިއުމެވެ. އަދި ހިތަށްއަރައެވެ. މިވާހަކަތައް، ނަފްސާނީ ބަލިތަކުގެ ވާހަކަތައް އެހެނިހެން ޖިސްމާނީ ބަލިތަކާއި އެއްގޮތަށް ދެއްކޭނެނަމައެވެ.
އައިޝާ
އަހަރެންގެ ދިރިއުޅުން ދެން ހަމަޖެހޭނެބާއެވެ. މަންމައަކަށް ދަރިއެއްގެ އެފަދަ ބައްޔެއް ހުންނަކަން އެގުމުން ދެން ހަމަނޭވާއެއް ލެވޭނެހެއްޔެވެ؟ ދަރިފުޅު ފާހާނައިގައި ގިނައިރު ވިޔަސް އަހަރެން ހާސްވެއެވެ. ކުޑަކުއްޖަކަށް ބެލިޔަސް ހާސްވެއެވެ. ދެދުވަހަކު އަތްދިގު ޓީޝާޓެއް ލިޔަސް ވިސްނެއެވެ. މިކަން އެހެން ބަޔަކަށް އެނގި ދަރިފުޅު އެކަހެރިވެދާނެތީ ޖެހިލުންވެއެވެ. ދަރިފުޅުގެ އެހިޔާލުތައް އެނބުރި އައިސް ކުޑަކުއްޖަކަށް ގެއްލުމެއް ދެވިދާނެތީ ބިރުގަނެއެވެ. އެކަމަކު ފަރުވާއަށް އިތުބާރުކުރުން ނޫންގޮތެއް ނެތެވެ. ޑޮކްޓަރާއި ތެރަޕިސްޓަށް އިތުބާރު ކުރުމެވެ. ދަރިފުޅު ދެން އެފަދަ ޚިޔާލުތައް އަންނަ ނަމަ އަހަރެންގެ އެހީއަށް އެދޭނެކަމަށް އިތުބާރުކުރުމެވެ. މިކަމުން ދަރިފުޅު މިންޖުކުރައްވާނެ ކަމަށް ހެއްދެވި ފަރާތަށް އިތުބާރު ކުރުމެވެ. އަހަރެންނަށް ދަރިފުޅަށް އެހީވެވޭވަރުގެ ގާބިލުކަން ހުރިކަމަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމެވެ. އެބަލިން ދަރިފުޅު ސަލާމަތްވެ މުޖުތަމަޢުގައި އެހެނިހެން ކުދިންހެން ކުރިއަށް ދެވޭނެ ކަމުގެ އިތުބާރެވެ. އިތުބާރެވެ. ކޮންފަދަ ބާރުގަދަ ކުރު ބަހެއްހެއްޔެވެ؟ (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.