އަހަރެންގެ އަނބިމީހާ މެހެރީން އަކީ ވަރަށް ވިސްނުންތޫނު މީހެކެވެ. އަހަރެން އޭނާއަށް ލޯބިން ކިޔަނީ މެހެރް އެވެ. ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްގައި އަހަރެން އަބަދުވެސް އަހަނީ މެހެރްގެ ނަސޭހަތެވެ. އޭނާ ދައްކާ މަގުން ހިނގައިގެން މިހާތަނަށް އަހަންނަށް ލިބުނީ ހުސް ކާމިޔާބެވެ.
އަނބިމީހާ ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އޭނާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކޮށް ވޭތޯ ބެލުމަކީ އަހަރެން އެންމެ ސަމާލުކަން ދޭ ކަންތަކެވެ. ދުވާލުގެ ވަގުތުގައި މިއީ ރޭގަނޑޭ މެހެރް ބުނެފި ނަމަ އަހަންނަށް މިއީ ރޭގަނޑެވެ. އަހަރެމެންގެ ގޭގެ ފާރުތަކުގައި ލައިފައި ހުންނަނީ ހުދު ކުލައެވެ. ނަމަވެސް އެ ފާރު ދައްކާފައި އެއީ ރަތް ކުލަ ކަމަށް މެހެރް ބުނެފި ނަމަ އެއީ ރަތް ކުލައެވެ. މީހަކު މިކަމާ ދެބަސްވަންޏާ، އެ ފާރުތަކުގައި އަހަރެންގެ ދެ އަތުން ރަތް ކުލަ ލައިގެން ނަމަވެސް، މެހެރް ހިތްހަމަޖައްސައިދޭނަމެވެ.
އަހަރެމެންގެ ކައިވެންޏަށް 4 އަހަރު ފުރުނުއިރު، މެހެރް އިނީ އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. މިއީ އަހަރެމެން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ. މީގެކުރިން ކުއްޖަކު ނުލިބިގެން އަހަރެމެން އުޅުނު އިރު ގިނަ ޑޮކްޓަރުންތަކަކަށް ދެއްކީމެވެ. މެހެރްގެ ސިއްޙީ މައްސަލައެއް ހުންނަކަން ޓެސްޓުތަކުން އޮތީ އެނގިފައެވެ. އެންމެފަހުން ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަކަށް ދައްކައިގެން ކުރި ފަރުވާތަކުންނާއި، އަހަރެމެން ދެމަފިރިން ކެނޑިނޭޅި ކުރަމުން ދިޔަ ދުޢާގެ ސަބަބުން އަހަރެމެންނަށް ކުއްޖަކު ލިބޭ ގޮތް މެދުވެރިވީއެވެ. މިފަހަރުގެ ނަތީޖާ ޕޮޒިޓިވް ވުމުން، މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި މި ދަރިފުޅަށް މާބަނޑުއިރު މެހެރްގެ ސިއްޙަތަށް އައިސްފާނެ އުނދަގޫތަކަށް ސަމާލުވެގެން ތިބުމަށް ޑޮކްޓަރު ލަފާދިނެވެ. މީގެ ފަހުން އިތުރު ކުއްޖަކު ލިބުމަކީ ނާދިރު ކަމެއް ކަމުގައި ޑޮކްޓަރު ބުނުމުން، އަހަރެމެން ތިބީ ވަރަށް ފަރުވާތެރިވެގެންނެވެ.
ޑޮކްޓަރުގެ އިންޒާރުތައް އަހަރެމެން ނެގީ ވަރަށް ސީރިއަސް ކޮށެވެ. ކުރިން ވަޒީފާއަށް ދާ މެހެރް، ބަލިވެ އިނުމާއެކު ވަޒީފާއިން ކެނޑުނެވެ. އަހަރެން ބެލީ އޭނާއަށް އެއްވެސް މަސައްކަތެއް ނުޖައްސައި ވޭތޯއެވެ. ގޭތެރޭގެ ކަންކަން ކޮށް، މެހެރް އަށް ގަޑިން ގަޑިއަށް ކައްކާފައި ކާން ދިނުމަށް ބޭރު މީހަކު ގެންނަން ވިސްނީ އެހެންވެގެންނެވެ. ނަމަވެސް ބޭރު މީހެއް ލައްވައި ކަންކަން ކުރުވަން މެހެރް ބޭނުން ނުވާތީ، އޭނާ ނިންމީ އޭނާގެ ރަށުގައި އުޅޭ ބޮޑުދައިތައަކު ގެންނާށެވެ. އަހަރެން ވަގުތުން އެކަމަށް އެއްބަސްވެ، ޖެހިގެން އައި ހަފްތާގައި ބޮޑުދައިތަ ހުރީ މާލޭގައެވެ.
ބޮޑުދައިތަގެ ނަމަކީ ހަލީމާއެވެ. އަހަރެމެން ކިޔަނީ ހަލީމާއްތައެވެ. އެއީ ދުވަހަކުވެސް މީހަކާ ނީނދެ އިން، އެކަނިވެރި މީހެކެވެ. ބަލަންޖެހޭ ފިރިއެއް ދަރިއެއް ނެތުމުން ރަށުގައި އޭނާގެ މާ ބޮޑު މަސްޢޫލިއްޔަތުތަކެއް ނޯވެއެވެ. ހަލީމާއްތައަކީ ވަރަށް ބަސްމަދު މީހެކެވެ. އަހަންނާ އެއްވެސް ވަރަކަށް އަނގައިން ނުބުނާއިރު، މެހެރް އާ ވެސް ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. އެކަމަކު ގޭތެރޭގެ މަސައްކަތްތަކަށް އެއީ އެއްވަނައެވެ. ހަލީމާއްތަ ކައްކާ އެއްޗެހި މީރުކަމުން، އަހަރެންވެސް އޮފީހުގައި އުޅެފައި ކާން ވީމާ އަންނަނީ ގެއަށެވެ. ހުރިހާ ގޮތަކުން ވެސް ހަލީމާއްތައަކީ ވަރަށް މުރާލި، އަތްމަތި އަވަސް މީހެކެވެ. އެހެންކަމުން މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މެހެރް ގޭގައި އެކަނި ނުވާނެކަން އެނގޭތީ އޮންނަ ހިތްހަމަޖެހުން އަހަންނަށް މާ ބޮޑެވެ.
އަހަރެން އޮފީހުގައި އުޅޭއިރު ދޭތެރެދޭތެރެއިން މެހެރް އަށް ގުޅައިގެން ވާނުވާ ބަލަމެވެ. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ދަނިކޮށް، މެހެރްގެ ބަނޑަށް ތިން މަސް ވީ ތަނާ އޭނާ ބަލިވާން ފެށިއެވެ. ޑޮކްޓަރަށް ދައްކާ ކޮންމެފަހަރަކު ބުނަނީ ހާސްވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. ކޮންމެ ބުރަކު ވެސް އައިވީއެއް ގުޅާފައި ދޫކޮށްލަނީއެވެ.
ނަމަވެސް މެހެރްގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ކިރިޔާ އެއްޗެއް ކާ އިރަށް ހޮޑުލެވި، އެނދުމަތިން ނުތެދުވެވޭން ފެށިއެވެ. އަހަރެން ބޭނުންވީ މެހެރް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާ ހޯދާށެވެ. އެކަމަކު މެހެރް ދިޔައީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އޭނާ ބޭނުންވަނީ ގޭގައި އޮންނަން ކަމަށާއި، ފަހުން ރަނގަޅުވާނެ ކަމަށް ބުނަމުން ދިޔައެވެ. އެންމެފަހުން އަހަރެން އޮފީހުން ޗުއްޓީ ނަގައިގެން މެހެރް ކައިރީގައި މަޑުކުރީމެވެ.
އެއްދުވަހަކު މެހެރް މާ ގަދަޔަށް ހޮޑުލާތީ އަހަންނަށް އެ މަންޒަރު ބަލަން ކެތް ނުކުރެވިގެން ބޭއިޚުތިޔާރުގައި ލޮލުން ކަރުނަ ހިލުނެވެ. މިތަން ހަލީމާއްތައަށް ފެނުނުކަން އަހަންނަށް އެނގުނީ މާ ފަހުންނެވެ. އަހަރެން ސޯފާގައި އިންދައި ހަލީމާއްތަ އައިސް އެކަމާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. އަދި މެހެރްގެ ހާލު ރަނގަޅު ވޭތޯ ދިވެހި ބޭހެއްގެ އަޖުމަ ބަލައިލުމަށް ބުންޏެވެ. މާ ބޮޑު ވިސްނުމަކަށް ނުގޮސް އަހަރެން އެކަމަށް އެއްބަސްވީމެވެ. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް މެހެރްގެ ހާލު ރަނގަޅު ވޭތޯ އަހަރެން ހުރީ ކެތްމަދުވެފައެވެ. ޖެހިގެން އައި ދުވަހު ރަށު ބޯޓުން ހަލީމާއްތަ އެ ބޭސް ގެނުވިއެވެ. އެއީ ހަލީމާއްތަގެ އަވައްޓެރިއަކު ހަދާ، މާބަނޑު މީހުންނަށް ހާއްސަ އެއްޗެއް ކަމަށް ބުންޏެވެ.
އެކި ޒާތްޒާތުގެ ފަތްޕިލާވެލިން ހަދާފައިވާ އެ ބޭހަކީ، ބޯންޖެހޭ ދިޔާ ބޭހެކެވެ. ހަލީމާއްތަގެ އިރުޝާދާ އެއްގޮތަށް، ކޮންމެ ރެއަކު ނިދުމުގެ ކުރިން މެހެރް އަށް އެ ބޭސް ދޭން ފެށީމެވެ. ހަފްތާއެއް ނުވަނީސް މެހެރްގެ ހާލު ރަނގަޅުވާތަން ފެންނަން ފެށިއެވެ. އަހަރެން ހުރީ ހަލީމާއްތައަށް ޝުކުރު އަދާކުރާނެ ގޮތް ވެސް ނޭނގިފައެވެ. އެ ބޭހަށް ފައިސާ ދިނުމުގެ އިތުރުން، ހަލީމާއްތައަށް ވަކިން އިނާމެއްގެ ގޮތުންވެސް ފައިސާ ދިނީމެވެ.
މެހެރް އެ ބޭސް ބޯން ފެށިތާ ބަރާބަރު 10 ދުވަސް ވީ ތަނާ، އެއްކޮށް ރަނގަޅު ވެއްޖެއެވެ. އަދި ކުރިއެކޭ އެއްފަދައިން ތެދުވެ އުޅެން ފެށިއެވެ. އަހަރެން ހުރީ މިކަމާ ވަރަށް އުފަލުންނެވެ. އަދި މެހެރް އެއްކޮށް ރަނގަޅުވީކަން ޔަގީންވުމުން އަހަރެން އަލުން އޮފީހަށް ނުކުންނަން ފެށީމެވެ.
އެކަމަކު ދެން ވާން ފެށީ މުޅިން އެހެން ކަމެކެވެ. މެހެރް އަށް ދޭތެރެ ދޭތެރެއިން ފާޑެއްގެ ހުވަފެންތަކެއް ފެންނަން ފެށީއެވެ. ގިނަ ފަހަރަށް ފެންނަނީ އަހަރެމެން ދަންނަ ކޮންމެވެސް މީހަކަށް ކޮންމެވެސް ދެރަ ކަމެއް ވެގެން އުޅޭ ތަނެވެ. އެގޮތަށް ހުވަފެނެއް ފެންނަ ދުވަހަކު މެހެރް އަހަންނަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއެވެ.
ދެން ވާން ފެށީ އެއަށްވުރެ އާދަޔާޚިލާފު ކަމަކެވެ. މެހެރްގެ ހުވަފެންތައް ހަގީގަތަށް ބަދަލުވާން ފެށީއެވެ. އެކަން އެންމެ ފުރަތަމަ އަހަންނަށް ފާހަގަވީ، އެއްދުވަހަކު ހެނދުނު ހޭލައިގެން މެހެރް ކިޔައިދިން ހުވަފެނެއް، އެދުވަހު އަހަރެން އޮފީހަށް ދިޔަތަނާ އަހަރެންގެ ލޯ ކުރިމަތީގައި އެކަން އެގޮތަށް ވުމުންނެވެ.
"އެޑަމްގެ އޮފީހުގަ އުޅެއެއްނު ލިސާން އެއް ދޯ؟" އެދުވަހު މެހެރް ފެށީ މިގޮތަށެވެ. އަދި އަހަރެން ބޯ ޖަހައިލުމުން ކުރިއަށް ގެންދިޔައެވެ. "އަހަންނަށް ފެނުނީ އޭނަ ސިޑިން ވެއްޓިގެން އުޅޭތަން. ވަރަށް ބޮޑުވަރު ވެފަ އޮތީ." އަހަރެން ލޯގަނޑު ކުރިމަތީގައި ޓައީ އަޅަން ހުއްޓައި އެނދުގައި އޮތް މެހެރް ކިޔައިދިނެވެ.
އަހަރެން ޖަހައިލީ ހިނިގަނޑެކެވެ. އަދި އެހެން ފެންނަ ހުވަފެންތަކާމެދު ނުވިސްނުމަށް ބުނީމެވެ. ފަހުން މެހެރް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކައެވެ. އެދުވަހު އަހަރެން އޮފީހުގައި އުޅެނިކޮށް ލިސާން އާ ދިމާވިއެވެ. ވާހަކަ ވެސް ދެއްކީމެވެ. މެހެރްގެ ހުވަފެން މަތިން އޭރު އަހަރެން ހަނދާނެއް ނެތެވެ.
އެހެން ނަމަވެސް އަހަންނަށް ޝޮކެއް ލިބުނީ، އަހަންނާއެކީ އޮފީހުން ނުކުތް ލިސާން ލިފްޓުގެ ވައިގޮޅިއަށް ވެއްޓުމުންނެވެ. އޭނާ އޭރު ހުރީ ފޯނެއްގައި ކަމުން، ރަނގަޅަށް ސަމާލުކަން ނުދެވި، އެތަނާ ކައިރިއަށް ޖެހެވެމުން ގޮސް ފައި އަރިއަޅައިލީއެވެ. އަހަރެމެންގެ އޮފީސް އެ އިމާރާތަށް ބަދަލުކުރި ފަހުން އަދި ހުންނަނީ ބޭނުންކުރެވޭ އެންމެ ލިފްޓެކެވެ. ދެވަނަ ލިފްޓު ހެދުމުގެ މަސައްކަތް ނުފަށާތީ، އެތާ ހުންނަނީ ވައިގޮޅިއެކެވެ. ލިސާން ވެއްޓުނީ އެތަނުންނެވެ. ނަމަވެސް އެތަނަށް ނުވަދެވޭނެ ހެން ޓޭޕު ވެސް އަޅާފައި އޮއްވައި ލިސާން ވެއްޓުނު ގޮތެއް އަހަންނަކަށް ވެސް ކިޔައިދޭކަށް ނޭނގެއެވެ. ގައިމުވެސް ލިސާން ހިފަހައްޓަން އަހަންނަށް އަތް ދިއްކޮށްލެވުނެވެ. އަދި ބާރަށް ހަޅޭއް ވެސް ލަވައިގަނެވުނެވެ.
މެހެރް ބުނިހެން ލިސާން އަށް ވަރަށް އަނިޔާވިއެވެ. ހޮސްޕިޓަލަށް ގެންދަން ޖެހުނީ އެމްބިއުލާންސެއްގައެވެ. އަހަންނަށް މުޅި ދުވަހު ވިސްނުނީ އެކަމާއެވެ. ހޮސްޕިޓަލުގައި އުޅެފައި އޮފީހަށް ނުގޮސް ސީދާ ގެއަށް ދިޔައީމެވެ. އަދި މެހެރް އަށް އެވާހަކަ ކިޔައިދިނުމުން އޭނާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކި ގޮތްގޮތަށް ވިސްނުމަށްފަހު އަހަރެމެން ދެމީހުން ވެސް ނިންމީ އެއީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށެވެ. ލިސާން ވެއްޓުނީ ސިޑިން ނޫން ކަމުން، މެހެރްގެ ހުވަފެން މުޅިން ސީދާ ނޫން ކަމަށްބުނެ ހިތްހަމަޖައްސައިލީމެވެ.
ނަމަވެސް އެއީ އަދި ފެށުމެވެ. އޭގެ ދެދުވަސް ފަހުން އަނެއްކާވެސް މެހެރް އަށް ހުވަފެނެއް ފެނިއްޖެއެވެ. މިފަހަރު މެހެރްގެ އެކުވެރި ނަދާގެ އަތް ފިހިގެން އުޅޭތަނެވެ. ހަމަ އެދުވަހު ނަދާ ބަދިގޭގައި އުޅެނިކޮށް، އަތަށް ހޫނުތެޔޮ އެޅިގެން އަތް ވަރަށް ބޮޑު ފިހުނު ވާހަކަ، މެހެރް މެންގެ ވައިބަ ގްރޫޕުގައި ޖެހިއެވެ. އަދި ފޮޓޯއެއް ވެސް ފޮނުވާފައި އޮތެވެ. އެހިސާބުން އަހަރެންގެ ހިތުގައި ބިރުވެރި ކަމެއް އުފެދޭން ފެށިއެވެ.
ތިންވަނަ ފަހަރު މެހެރް އަށް ހުވަފެނުން ފެނުނީ، އަހަރެމެންގެ ގެ ކައިރީގައި އުޅޭ ބުޅަލެއް، ލެއިން ތަތްތެޅި މަރުވެފައި އޮތް ތަނެވެ. އެދުވަހު މެހެރް އެވާހަކަ ކިޔައިދިނީ ބިރުން އިނދެއެވެ. އެކަމާ ނުވިސްނުމަށް އަހަރެން ބުނި ނަމަވެސް، އަހަންނަށް ވެސް ނުވިސްނާ ނުހުރެވުނެވެ. އޮފީހަށް ދިޔަ މަގުމަތީގައި އެ ބުޅާ ފެނޭތޯ ހޯދައިލެވުނެވެ. ނަމަވެސް ބުޅަލުގެ ހިލަމެއް ނެތެވެ.
ހިލަމެއް ވީ އަހަރެން އޮފީހުން ގެއަށް އައި މަގުމަތީގައެވެ. އަހަރެންގެ މެއަށް ހީވީ ހޫނުފެން އެއްޗެއް އޮއްސައިލި ހެންނެވެ. އެ ބުޅާ އޮތީ މަގު މެދުގައި، ލޭގެ ކޯރެއްގައެވެ. ހީވަނީ ކޮންމެވެސް ދުއްވާ އުޅަނދަކުން ޖެހި އެކްސިޑެންޓުވެފައި އޮތް ހެނެވެ.
މެހެރް ބިރުގަނެފާނެތީ އަހަރެން ހުރީ އޭނާއަށް އެކަން ސިއްރުކުރަން ނިންމައިގެނެވެ. ގެއަށް ވަން އިރުވެސް އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. އެ ފެނުނު މަންޒަރު އަހަރެންގެ މުޅި ސިކުނޑި ގުޑުވާލައިފިއެވެ. ގެއަށް ވަދެވުމާއެކު، މެހެރް ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އަދި އޭނާ ބެލްކަނީ އަށް ނުކުތް އިރު އެ ބުޅާ ފެނުނު ކަމަށް ބުންޏެވެ. އަހަރެން ނުބުނަން ހުއްޓަސް މެހެރް އަށް އެ މަންޒަރު މިއޮތީ ފެނިފައެވެ. އިތުރަށް ކުރާނެ ކަމެއް ނެތެވެ.
"މީގެ މާނައަކީ... އަހަންނަށް ފިއުޗާ ޕްރިޑިކްޓް ކުރެވެނީއޭ ތަ؟" ނިދަން އޮވެފައި މެހެރް މިހެން އަހައިލީ، ފާޑެއްގެ ޖޯޝެއް އެކުލެވިފައި ހުރި އަޑަކުންނެވެ. ނަމަވެސް އަހަރެން އެކަން އޮއްބައިލީމެވެ. ކުރިއަށް ވާން ހުރި ކަންކަން އެނގުމަކީ، އެއްވެސް އިންސާނަކަށް ލިބިފައިވާ ބާރެއް ނޫން ކަމުގައި ބުނީމެވެ. އެއީ ހައްތާ ވެސް އިއްތިފާގޭ ބުނިއިރު، ޚުދު އަހަންނަށް ވެސް އަހަރެންގެ ބަސްތައް ގަބޫލެއް ނުކުރެވުނެވެ. އަދި ފުރަތަމަ ފަހަރަށް ހަލީމާއްތައާ މެދު ހިތުގައި ސުވާލު އުފެދުނެވެ. ދިވެހި ބޭހުގެ ނަމުގައި ހަލީމާއްތަ މެހެރް އަށް ދިނީ ކޯއްޗެއް ހެއްޔެވެ؟
ޖެހިގެން އައި ދުވަހު ހަލީމާއްތައާ ސުވާލުކުރަން ނިންމައިގެން ހުއްޓައި މެހެރް ދެއްކީ އޭނާގެ ހުވަފެނުގެ ވާހަކައެވެ. "އަހަންނަށް ރޭގަ ފެނުނީ ހަލީމާއްތަ މިގެއިން ނުކުމެގެން ދަނިކޮށް،" ރަނގަޅަށް ނިދައި ނުހޭލެވެނީސް މެހެރް ބުންޏެވެ.
އަހަރެން ހަލީމާއްތަ ހޯދަން ދިޔައިރު އޭނާ އުޅުނީ ފޮށި ތަންމަތި ބަނުމުގައެވެ. އެއްޗެއް ބުނަން އަހަރެން އަނގަ ހުޅުވައިލިތަނާ ހަލީމާއްތަ ފެށިއެވެ. "ދައްތަގެ ވަރަށް ގާތް އެކުވެރިއަކު ނިޔާވެގެން އުޅެނީ. އެއްކަލަ ދިވެހިބޭސް ހަދާ މީހާ. އެހެންވެ މިދަނީ ރަށަށް ދާން. ދެން ހިއެއް ނުވޭ އާދެވޭނެ ހެނެއް. މާލޭގެ މި މާޙައުލު ދައްތައަކަށް ކަމަކު ނުދޭ. ބޭނުމީ ރަށުގަ އުޅެން"، ހަލީމާއްތަގެ ނިންމުން އޭނާ ހާމަކުރިއެވެ. އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ ހަލީމާއްތަ އެއްޗެހި ހިފައިގެން ގޮސްފިއެވެ.
ހަލީމާއްތަ ދިޔުމުން އަހަރެން އަނެއްކާވެސް ޗުއްޓީ ނަގައިގެން މެހެރް ކައިރީގައި މަޑުކުރީމެވެ. އޮފީސް މީހުން ވަރަށް އެއްޗެހި ކިޔެވެ. އެކަމަކު އަހަންނަށް މުހިންމު ވާނީ އަހަރެންގެ އަންހެނުން ނޫން ހެއްޔެވެ؟ ނަމަވެސް މިހާރު އަހަންނަށް މެހެރްގެ ކިބައިން ފެންނަނީ މުޅިން ތަފާތު ސިފައެކެވެ. ކުރިން އެ ފެންނަ ހުވަފެންތަކާ ހެދި ބިރުން އުޅުނު މެހެރް އަށް، މިހާރު އެކަން "މަޖާ" ކަމަކަށް ވެއްޖެއެވެ. އަދި ހުވަފެނެއް ފެނުމުން ކަމެއް ވާން އުޅޭކަން ބުނެލަނީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ހީވަނީ އޭނާއަށް ލިބިފައިވާ "ބާރާ" މެދު ފަޚުރުވެރިވެފައި ހުންނަހެނެވެ.
އެހެންނަމަވެސް މެހެރްގެ ބަނޑަށް 8 މަހަށް އަޅައިލިތަނާ އޭނާއަށް ފެންނަ އާދަޔާ ޚިލާފު ހުވަފެންތައް ފެންނަ ވަރު މަދުވަމުން ގޮސް، ވިހެއުމާއެކު އެއްކޮށް އެކަން ހުއްޓިއްޖެއެވެ. އޭނާ އަހަރެން ގާތު އެ ވާހަކަ ބުނީ ވަރަށް ދެރަވެ ހުރެއެވެ. އަނެއްކޮޅުން އަހަރެމެންނަށް ލިބުނު ދަރިފުޅު ދެކެ މެހެރް ވާނެ ކަމަށް ހީކުރި ލޯތްބެއް ވެސް ނުފެނުނެވެ. ކުޑަކުޑަ މާޔާ ލިބުމުން މެހެރް ވީ އުފަލަށްވުރެ، ހުވަފެންތައް ފެނުން ހުއްޓުމުން ވީ ދެރަ މާބޮޑު ކަހަލައެވެ. މިއީ މާޔާގެ ސަބަބުން ވީ ކަމެއް ކަމަށް ދެކި، އެކަމާ ހެދި މާޔާދެކެ މެހެރް "ފޫހިވާ" ހެން ވެސް އަހަންނަށް ބައެއް ފަހަރު ހީވެއެވެ.
އަހަރެން މެހެރް އަށް ވިސްނައިދެވޭތޯ ވަރަށް ބެލީމެވެ. ކެތްތެރިކަމާ އެކީގައެވެ. ނަމަވެސް މެހެރް އަބަދުވެސް އިންނަނީ ނެގިމަޑު ވެފައެވެ. ކަނީ ވެސް ވަރަށް މަދުންނެވެ. އަބަދާއި އަބަދު އެކަމާ ވިސްނާ ފިކުރު ކުރަނީކަން އަހަންނަށް އެނގެއެވެ. އަނެއްކާވެސް ދުވަސްކޮޅެއް ފަހުން މެހެރް ހުވަފެނުގެ ވާހަކަ ދައްކަން ފެށިއެވެ. މިވެނި ހުވަފެނެއް ފެނުނޭ ކިޔައިގެން ކުރިއެކޭ އެއްގޮތަށް ކިޔަން ފެށިއެވެ. ނަމަވެސް މިފަހަރު އޭނާގެ ހުވަފެންތައް ހަގީގަތަށް ނުވިއެވެ. މިކަމާ ހެދި މެހެރް އިތުރަށް މާޔޫސްވިއެވެ. ބައެއް ރޭރޭ ނުނިދައި، ރުޅިގަދަ ވެގެން އުޅޭތަން އަހަންނަށް ފެނެއެވެ.
ކޮންމެއަކަސް، މެހެރްގެ ހިތާމަ ބޮޑުވަމުން ދާ ތަން ފެނި އަހަރެން ވަރަށް ދެރަވިއެވެ. އެންމެ ދެރަވަނީ އަހަރެން ދައްކާ ވާހަކަ ގަބޫލުނުކޮށް، އަހަންނާ ވެސް ރުޅި ހަދާލައިގެން އުޅޭތީއެވެ. ރީތިކޮށް އަނގައިން ބުނަނީ މަދު ފަހަރަކުއެވެ. އެކަމާ ވިސްނާ ވިސްނާ އަހަރެން ވެސް މާޔޫސް ވާން ފެށިއެވެ. އަހަރެންގެ ލޯބި ލޯބި މެހެރް އާއި އަހަންނާ ދެމެދު ފާރެއް ލެވިގެން ދާ ތަން ބަލަން އަހަންނަށް ކެތް ވާނީ ކިހިނެއް ހެއްޔެވެ؟
"ރޭގަ އަހަންނަށް ފެނުނީ އެހެރަ ގޭ ލަޔާލީ މަރުވެގެން އުޅެނިކޮށް!" އެއްދުވަހަކު ނިދާ ތެދުވި ގޮތަށް ވަރަށް ރުޅިއައިސްފައި ހުރެ މެހެރް ބުންޏެވެ. ރައްދުގައި ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް އަނެއް ދުވަހު މުޅި ތަންގަނޑު ގުގުމައިލީ ލަޔަލީގެ މަރުގެ ޚަބަރުންނެވެ. ނަވާރަ އަހަރުގެ ލަޔާލީ ހުރީ އޭނާގެ ކޮޓަރީގައި ދަންޖެހިފައެވެ. އޭނާގެ މަރާ ގުޅޭގޮތުން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެން ފުލުހުން ތަޙުގީގު ކުރަން ފެށިއެވެ. ލަޔާލީއަކީ އަމިއްލަ ފުރާނަ ނަގާލާނެ ކުއްޖެއް ނޫން ކަމަށް އޭނާދެކެ އިންތިހާއަށް ލޯބިވާ މައިންބަފައިން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
އަހަރެމެންގެ އަވައްޓެރި އެ އާއިލާއަށް ބޮޑު ހިތާމައެއް ކުރިމަތިވެފައި އޮތަސް، މެހެރްގެ މޫނުމަތިން ހަގީގީ ހިނިތުންވުމެއް އަހަންނަށް މި ފެނުނީ ޒަމާންތަކަކަށް ފަހުގައެވެ. އަހަރެން އެކަމާ ބިރު ގަތް ނަމަވެސް، އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކަމެވެ. އެހެން ހުއްޓައި ޖެހިގެން އައި ހަފްތާގައި ވެސް މެހެރް އަށް ހުވަފެނެއް ފެނިއްޖެއެވެ. ފެނުނީ، އަހަރެމެން މާޔާ ހިތްހަމަޖައްސަން ގޭގައި ގެންގުޅޭ ދޫނި މަރުވެފައި އޮއްވައި ކަމަށް ބުންޏެވެ. ހަމަ އެދުވަހު ދޫނި ކޮށިން ދޫވެގެން ފަންކާގައި ޖެހި މަރުވެއްޖެއެވެ. އަނެއްކާވެސް މެހެރް ހިނިތުންވެލިއެވެ. އޭނާގެ "ބާރު" އަނބުރާ އައީ ކަމަށް ބުނެލީ ފަހުރުވެރިކަމާއެކުގައެވެ.
މެހެރް އަށް ދެން ފެނުނު ކަމަށް ބުނީ، އަހަރެންގެ ކޮއްކޮ ހަސަނަށް ބަޔަކު ވަޅިން ހަމަލާދީގެން އުޅޭ ތަނެވެ. ވަގުތުން އަހަރެންގެ މޭ ގުޑައިގަތެވެ. ހިންދިރުވައިލެވުނެވެ. ހަމަ އެރޭގެ ދަންވަރު، ހަސަން ލެއިން ތަތްތެޅިފައި ގޭ ސިޑީމަތީގައި އޮއްވައި ފެނިގެން ބައްޕަ ގުޅިއެވެ. ބައްޕަ ހުރީ ވަރަށް ހާސްވެފައެވެ. އަހަރެން ވަގުތުން ހޮސްޕިޓަލަށް ދިޔައީމެވެ. ހަސަންގެ ހާލު ދެރަކަމުން އޮތީ އައިސީޔޫގައެވެ. ބައްޕަގެ މޫނުމަތިން ފެނުނު ހިތާމަ ފެނި، އަހަންނަށް އިސްޖަހައިލެވުނީ ނުރޯން މަސައްކަތް ކުރަމުންނެވެ.
ދުވަސްކޮޅެއް ފަހުން ހަސަންގެ ހާލު ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހަމަލާ ދީފައި ހުރީ އޭނާގެ މެއާ ދިމާލުން އަތަށާއި، ކޮނޑަށެވެ. ނަމަވެސް އެއީ ފުރާނަ ދުއްވައިލަން ދީފައިވާ ހަމަލާއެއް ހެން ހީނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. ހަސަން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު އަހަރެން ހުރީ ގޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
"އެޑަމް ކޮންކަމަކާ މާ ފިކުރު ބޮޑު ކޮށްލައިގެން؟" މާޔާ އުރާލައިގެން ހުރެ މެހެރް އެހިއެވެ.
"ކަމެއް ނުވޭ." އަހަންނަށް ޖުމްލަ ފުރިހަމަ ކުރެވުނީ ކިރިޔާއެވެ. ގޭގެ ބެލް ޖެހި އަޑު އިވިގެން އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ކުރިމަތީގައި ތިބީ ފުލުހުންގެ ޓީމެކެވެ.
"ހަސަން ޒަރީރަށް ހަމަލާދިން މީހާ ޔަގީންވާވަރަށް ހެކި ލިބިގެން މި އައީ. ވަޑައިގަންނަވާ." ފުލުސް މީހާ ބުނި ޖުމްލައިން އަހަންނާއި މެހެރް އަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް ކުޑަކުޑަ މާޔާ، މެހެރްގެ ކޮނޑުގައި ނިދާލައިފައި އޮތެވެ. އަހަންނާ އެކުއެކީ މެހެރް ވެސް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެކަން ހުއްޓުވީ ފުލުސް މީހާއެވެ.
"ދެބޭފުޅުން އެއްކޮށެއް ނޫން. ވަޑައިގަންނަވަންވީ އާދަމް ޒަރީރު. މިއޮތީ ކޯޓު އަމުރު. ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރެވޭނީ ސްޓޭޝަނުގަ." ފުލުސް މީހާ ބިޑި ނަގައި އަހަރެންގެ ދެ އަތުގައި އެޅުވިއެވެ. މެހެރް ހުރީ ހަމަ ރަނގަޅަށް ވެސް ޝޮކެއް ލިބި، ހިރިލާން ނޭނގިފައެވެ.
ހަސަނަށް ދިން ހަމަލާއާއެކު، ލަޔާލީގެ މަރުގެ ތަހުގީގުގައި ވެސް އޮތީ އަހަރެންގެ ނަމެވެ. މާޔާގެ ދޫނީގެ ވާހަކަ އަހަރެން ދެން ކިޔައިނުދިނަސް އެންމެ ރަނގަޅު ނޫން ހެއްޔެވެ؟
އަހަރެން ބުނި ހަނދާން ވޭ ހެއްޔެވެ؟ ދުވާލުގެ ވަގުތުގައި މިއީ ރޭގަނޑޭ މެހެރް ބުނެފި ނަމަ އަހަންނަށް މިއީ ރޭގަނޑެވެ. އަހަރެމެންގެ ގޭގެ ފާރުތަކުގައި ލައިފައި ހުންނަނީ ހުދު ކުލައެވެ. ނަމަވެސް އެ ފާރު ދައްކާފައި އެއީ ރަތް ކުލަ ކަމަށް މެހެރް ބުނެފި ނަމަ އެއީ ރަތް ކުލައެވެ. މީހަކު މިކަމާ ދެބަސްވަންޏާ، އެ ފާރުތަކުގައި އަހަރެންގެ ދެ އަތުން ރަތް ކުލަ ލައިގެން ނަމަވެސް، މެހެރް ހިތްހަމަޖައްސައިދޭނަމެވެ. އެއީ ލެއިން ވިޔަސް ވެހެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.